ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، މިއަހަރުގެ ޕީޕަލްސް ކަޕްގެ ފައިނަލް މެޗު ބައްލަވައިލައްވައިފިއެވެ. މިރޭ ޤައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ބައްދަލުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މެލޭޝިޔާގެ ޕީ.ޑީ.އާރް.އެމްއެވެ.

މިރޭގެ ފައިނަލް މެޗަށްފަހު އޮތް އިނާމު ދިނުމުގެ ރަސްމިއްޔާތުގައި، ރާއްޖޭގައި އިޖްތިމާޢީ ގޮތުން ހަރަކާތްތެރިވާ ބައެއް ޖަމްޢިއްޔާތަކަށް އެފް.އޭ.އެމްގެ ފަރާތުން 50،000 ރުފިޔާ ހަދިޔާ ކުރިއެވެ. މިފައިސާ އެ ޖަމްޢިއްޔާތަކާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމެވެ.

އަދި، ފެލިދެއަތޮޅު ރަކީދޫގައި ހިނގާދިޔަ ހާދިސާގައި ނިޔާވި ތުއްތު ކުއްޖާގެ ހަނދާނުގައި ގެނެވުނު ޚާއްޞަ ސުކޫތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވިއެވެ.