‏ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ފްލޮރެންޓީނޯ ބަޓިސްޓާ ‏‏ގޮންޒާލޭޒް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ‏‏ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.‏

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ‏‏ފަތްކޮޅު އެރުއްވުމަށްފަހު، ކިއުބާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ‏‏‏ތަހުނިޔާ ވިދާޅުވިއެވެ. ‏

މިބައްދަލުވުމުގައި، ދިވެހިރާއްޖެއާއި ކިއުބާއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމާއި، ‏‏މިގުޅުން އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎ ‎‏ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް ‏‏ޞިއްޙީ އަދި ތަޢުލީމީ ދާއިރާއިން ދެޤައުމުގެ ދޭތެރޭ އިތުރަށް ގުޅުން ވަރުގަދަ ‏‏ކުރެވިދާނެ ގޮތްތަކާ ‏‏ބެހޭގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.‏
‏މީގެއިތުރަށް، ކުދި ޤައުމުތަކުގެ ޙައިސިއްޔަތުންް ދިވެހިރާއްޖެއާއި ކިއުބާއަކީ، ތިމާވެށީގެ ‏‏ގޮތުންނާއި، ބައިނަލްއަޤްވާމީ ސިޔާސީ މަސްރަޙުގައި ވަރަށް އެއްގޮތް ގޮންޖެހުންތަކެއް ދިމާވެފައިވާ ‏‏ދެޤައުމުކަން ދެބޭފުޅުންގެ ވާހަކަފުޅުގައި ފާހަަގަކުރެއްވިއެވެ. މިގޮތުން، އިންސާނީ ޙަައްޤުތައް ‏‏ހިމާޔަތްކުރުމަށާއި، ޖައްވު ހޫނުވުމުގެ ސަބަބުން ދިމާވެފައިވާ ތިމާވެށީގެ މައްސަލަތައް ދުނިޔޭގެ ‏‏ސަމާލުކަމަށް ގެނައުމަށްޓަކައި ދިވެހިރާއްޖެއިން އަދާކުރައްވާ މުހިންމު ރޯލު ފާހަގަކުރައްވައި، ‏‏އެކަމަށްޓަކައި ކިއުބާގެ ސަފީރު ދިވެހި ސަރުކާރަށް ތަޢުރީފުކުރެއްވިއެވެ.‏

‏މި‏‎ ‎‏ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫން ‏‏‏ބައިވެރިވެވަޑައިގެންނެވިއެވެ.‏