ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ، ތަފާތު ޘަޤާފަތްތަކާއި، ތަފާތު ދީންތަކުގެ މީހުންނާއެކު ޞުލްޙަވެރިކަމާއެކީ އުޅެން ދިވެހީންނަށް ދަސްކޮށްދިނީ ފަތުރުވެރިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކްލަބްމެޑް ފިނޮޅު ވިލާސް ހުޅުވުމަށް މިރޭ ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކްލަބްމެޑް ފިނޮޅު ވިލާސްއަކީ މުޅި ރަށަށް އިރުގެ ހަކަތައިން ކަރަންޓު ފޯރުކޮށްދޭ ގޮތަށް ރާއްޖޭގައި ހުޅުވުނު ފުރަތަމަ ރިޒޯޓެވެ.

މިރޭގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ފަތުރުވެރިކަން ފުޅާވެގެންދާއިރު، އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި މިއީ މިއަދު ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކެއްކަން ފާހަގަ ކުރައްވައި، މި ސަރުކާރުގެ އެންމެ މުހިންމު އެއްއަމާޒަކީ ރާއްޖޭގެ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް ގެންނެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އިޤްތިޞާދީ ތަރައްޤީގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ފަތުރުވެރިކަމުގެ ދާއިރާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި ލޭނާރު ކަމަށާއި، ހަމައެއާއެކު ރާއްޖޭގެ އިޤްތިޞާދަށް އެންމެ ބޮޑެތި ގޮންޖެހުންތައް ކުރިމަތިކުރުވާ ދާއިރާއަކީވެސް ފަތުރުވެރިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އިޤްތިޞާދީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދަވާއިރު، ރާއްޖެއަކީ އަމާން، ޞުލްޙަވެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށްވެސް ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތެއް ދެއްވާ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ދިވެހިންނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އުފަލާއެކު މެހެމާންދާރީއަދަކުރާނެ ބައެއްކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި، ރާއްޖޭގައި އޮތީ އިސްލާމްދީން ކަމަށާއި، އިސްލާމްދީނަކީ އެއްބަޔަކު އަނެއް ބަޔަކާ ގުޅިގެން އުޅުމަށް ހިތްވަރުދޭ، އަމަން އަމާންކަމަށް ލޯބިކުރާ ދީނެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖެއާ ބެހޭގޮތުން ބޭރު ދުނިޔޭގައި އިވެމުންދާ ނޭދެވޭ އަޑުތަކަށް އިޝާރާތްކުރައްވައި، ރާއްޖޭގައި އޮތް ހަމަޖެހުމާއި، ޞުލްޙަވެރިކަމުގެ ވާހަކަ، މުޅި ދުނިޔެއަށް ފޯރުކޮށްދިނުމަށް، ރާއްޖޭގައި އިންވެސްޓްކުރާ ފަރާތްތަކުގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. ޞުލްޙަވެރިކަމާއި އަމާންކަމާއެކު، އެއްބައިވަންތަކަންމަތީ ދިރިއުޅުމަކީ އިސްލާމްދީނުގެ އެއްއަސާސްކަން ފާހަގަ ކުރައްވައި، ދިވެހިންނަކީ ޞުލްޙަވެރި، ހިތްހެޔޮ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ މެހެމާނުންނަށް ހުރިހާ ދިވެހީން އުފަލާއެކު މަރުޙަބާ ކިޔާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.