އަޅުގަނޑުމެންގެ މި ލޮބުވެތި ދިވެހި އުންމަތަށް އިސްލާމްދީނުގެ މަތިވެރި ހިދާޔަތް ދެއްވިކަމަށްޓަކައި، މާތްاللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ. ހަމައެއާއެކު، ރާއްޖެ އިސްލާމްވި ދުވަހުގެ އުފާވެރި ތާރީޚީ މުނާސަބަތުގައި، ދިވެހި ލޮބުވެތި އެންމެހައި އަފުރާދުންނަށް ދުވަހުގެ މުނާސަބަތުގައި މަރްޙަބާއާއި ތަހުނިޔާ އަރިސްކުރަމެވެ.
 
އިސްލާމްދީނުގެ މަތިވެރި ނޫރު ރާއްޖެއަށް ގެނެސްދެއްވުމުގައި މާތްﷲ މެދުވެރިކުރެއްވި މައުލާނާ އަލްޙާފިޡު އަބުލްބަރަކާތު ޔޫސުފުލްބަރުބަރީގެ ޒިކުރާ އާކުރަމުން، އެކަލޭގެފާނުގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. އަދި ރާއްޖޭގެ ދީނަކީ، މާތްވެގެންވާ އިސްލާމްދީން ކަމުގައި ޚިޔާރުކުރެއްވި އައްސުލްޠާން މުޙަންމަދު ބުނި ޢަބްދިﷲ ސިރީބަވަނާދީއްތަ މަހާރަދުންގެ ޒިކުރާވެސް އާކުރަމުން، އެ ރަސްގެފާނުގެ ފުރާނަފުޅަށްވެސް ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި އެކަލާނގެ ޙަޟުރަތުގައި ދުޢާ ދަންނަވަމެވެ.
 
މާތްﷲ ރާއްޖެއަށް މިންވަރު ކުރައްވާފައިވާ އެންމެ މަތިވެރި އަދި އެންމެބޮޑު ނިޢުމަތަކީ، ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ރާއްޖެ ލެހެއްޓެވުމެވެ. ހަމައެހެންމެ، އެ ދީނުގެ މަތިވެރި ޢަޤީދާގައި އަދި އެ ދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމަކީ، އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ މައްޗަށްވެސް އޮތް ދީނީ އަދި ޤައުމީ ވާޖިބެކެވެ. އެހެންކަމާއެކު، މި ވާޖިބު ފުރިހަމައަށް އަދާކުރުމަށް ޢަޒުމު ކަނޑައެޅުއްވުމަށް ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު ގޮވާލަމެވެ.
 
ރާއްޖެ އިސްލާމްވި ދުވަހުގެ ޒިކުރާ އާކުރަމުންދާއިރު، އަޅުގަނޑުމެންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ ފަރުޟުތަކަށް ރައްކާތެރިވުމުގެ މުހިންމުކަން ހަނދާނަށް ގެންނަން ޖެހެއެވެ. ޚާއްޞަކޮށް، ބޮޑެތިވަމުން އަންނަ އަޅުގަނޑުމެންގެ ޅަދަރިންގެ ހިތްތަކުގަޔާއި ޒުވާނުންގެ ހިތްތަކުގައި މާތްވެގެންވާ އިސްލާމްދީނަށް އޮންނަންވާ ލޯތްބާއި އިޙްތިރާމާއި ޤަދަރު އިތުރުކުރުމަށް މަސައްކަތް ކުރުމަކީ، އަޅުގަނޑުމެން އެންމެންނާއި އަދި ކަމާބެހޭ ހުރިހާ މުއައްސަސާތަކެއްގެ މުހިންމު ޒިންމާއެއް ކަމަށް ދެކި، މިރޮނގުން ޚާއްޞަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަން ގަބޫލުކުރަން އެބަޖެހެއެވެ. އެހެންކަމުން، ކަމާބެހޭ އެންމެހައި މުއައްސަސާތަކުން އެކި ޢުމުރުފުރާއަށް އަމާޒުކުރައްވައި، މިފަދަ ޚާއްޞަ ދީނީ ޕްރޮގްރާމްތަކެއް ހިންގަވައިދެއްވުމަށް، މި މުނާސަބަތުގައި އަޅުގަނޑު އިލްތިމާސް ކުރަމެވެ. ހަމައެޔާއެކު، ބޭރުން ރާއްޖެއަށް އަންނަ ނޭދެވޭ، ދީނާ ޚިލާފު އެކިއެކި ނުފޫޒުތަކާ ދޭތެރޭގައި ވިސްނަވައި، އަޅުގަނޑުމެންގެ ދީނީ ޢަޤީދާ ބަލިކަށިކޮށްލުމަށާއި، އިސްލާމްދީން ފިޔަވައި އެހެން ދީންތައް ރާއްޖޭގައި ފެތުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް އެއްވެސް ފުރުޞަތެއް ނުދެއްވުމަށްވެސް ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު ގޮވާލަމެވެ.
 
މާތްﷲ، އިސްލާމްދީނުގެ ސާފު ސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމުގެ ހެޔޮ ތައުފީޤު، އަޅުގަނޑުމެން އެންމެހާ ދިވެހިންނަށް ދެއްވާށިއެވެ! ރާއްޖެއަކީ އަބަދުވެސް ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ލަހައްޓަވާށިއެވެ!
 
2 ރަބީޢުލްއާޚިރު 1436
23  ޖަނަވަރީ   2015