ސަރުކާރާއި ސަރުކާރު ބައިވެރިވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމާއި، ކުންފުނިތަކުން ދައުލަތަށް ލިބޭ ފައިދާ އިތުރުކުރާނެ ގޮތްތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ. ވަޒީރުންގެ މަޖިލީހުގައި މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުށަހެޅުއްވި ކަރުދާހަކާ ގުޅިގެންނެވެ.

މިއަދުގެ މަޝްވަރާތަކުގައި، ކުންފުނިތަކުން ލިބޭ ފައިދާއާއި، ކުންފުނިތަކުން ސަރުކާރަށް ދައްކާ ޑިވިޑެންޑަށް ބެއްލެވުމަށްފަހު ކުންފުނިތައް ގްރޭޑްކުރާނެ ގޮތްތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން މަޝްވަރާ ކުރެއްވިއެވެ.