بســم اللّـه الرّحمـن الرّحيــم

ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މިއުންމަތުގެ ނަބިއްޔާ مُحَمَّـدرســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.

 
މި މުހިންމު ޙަފްލާއަށް، އިޙްތިފާލަށް ވަޑައިގެންނެވި އެންމެހާ ޢިއްޒަތްތެރި ޖަލީސުން، ދުރާއި ގާތުން އަޅުގަނޑުމެންގެ މި ޙަފްލާ ބައްލަވަމުން ގެންދަވާ އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
އާދެ! މިރޭ އަޅުގަނޑަށް ލިބޭ އެންމެބޮޑު އުފަލަކީ، އަޅުގަނޑުމެން މިނިވަންކަމަށް 50 އަހަރު ފާހަގަކުރާ އަހަރުގެ ތެރޭގައި، މިނިވަންކަން ގެނެސްދިނުމުގައި އަދި މިނިވަންކަން ދެމެހެއްޓުމުގައި، އިޤްތިޞާދީ ދާއިރާއިން، ވިޔަފާރީގެ ދާއިރާއިން ދިވެހިންނަށް މިނިވަންކަމުގައި ކުރިއަށް ދެވޭނޭ މަގު ހުޅުވައިދީފައި އޮތް ކުންފުނި، އެސް.ޓީ.އޯ، އާދެ، ވަރަށް އާދައިގެ ގޮތެއްގައި އޭރު ފެށިގެން އައީ، އޭ.ޓީ.އޭ.ގެ ޓްރޭޑިންގ އެކައުންޓެއްގެ ތެރެއިން. ވިޔަފާރިކުރާ އެންމެ މަރްކަޒަކުން. އަދި އޭގެފަހުން އެސް.ޓީ.އޯ ފުޅާވެގެންދިޔަގޮތް، އަޅުގަނޑުމެންނަށް މިރޭގެ މި ޙަފްލާއިން ފެނިގެން އެދިޔައީ.
 
އާދެ، އެސް.ޓީ.އޯ.އަކީ ދިވެހިރާއްޖޭގެ ވިޔަފާރީގެ މިނިވަންކަން، ނޫނިއްޔާ ދިވެހިންނަށް، ދިވެހި ވިޔަފާރި އޮތުން ކަށަވަރުކޮށްދިން އެންމެ ވަރުގަދަ ކުންފުނި. އެހެންވީމާ، މިނިވަން 50 އަހަރުގެ އިޙްތިފާލް އަޅުގަނޑުމެން ފާހަގަކުރާ އަހަރު، އެސް.ޓީ.އޯ.ގެ ވިޔަފާރިއަށް، ނޫނީ ދިވެހިންގެ ވިޔަފާރި ދިވެހިންގެ އަތްމައްޗަށް އައުން ފާހަގަކުރާ 50 އަހަރާ އިއްތިފާޤުވެގެން ދިޔުމަކީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށް ޚާއްޞަ އުފަލެއް.
 
އާދެ، އެސް.ޓީ.އޯ.ގެ ޙަޔާތުގައި، މިދިޔަ ދިގު މުއްދަތުގެ ތެރޭގައި، ކޮންމެވެސް މިންވަރެއްގެ ދައުރެއް އަދާކުރުމުގެ ފުރްޞަތު، ﷲގެ ރަޙްމަތުން އަޅުގަނޑަށް މިންވަރު ކުރައްވާފައިވާތީ، ﷲގެ ޙަޟުރަތަށް ޙަމްދުކޮށް ދުޢާކުރަން. އާދެ، އެ ލިބުނު ފުރްޞަތުގައި، ވަރަށް އިޚްލާޞްތެރިކަމާއެކީ ސަރުކާރަށާއި ރައްޔިތުންނަށް އަދި އެސް.ޓީ.އޯ.ގެ ވިޔަފާރިއަށް ޚިދްމަތްތަކެއް ކޮށްދެވޭތޯ އަޅުގަނޑު މަސައްކަތްކުރިން. އެހެންކަމުން، މިރޭގެ މި އިޙްތިފާލަށް އަޅުގަނޑަށް ދަޢުވަތު ދެއްވި ކަމަށްޓަކައި އެސް.ޓީ.އޯ.ގެ ޗެއަރމަނަށާއި، މެނެޖިންގ ޑިރެކްޓަރަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
އާދެ، އަޅުގަނޑުގެ ވާހަކަ ކުރިއަށް ގެންދާއިރު، އަޅުގަނޑުމެންނަށް އެސް.ޓީ.އޯ އިވޯލްވެގެންދިޔަގޮތް، މި ފެނިގެން މިދިޔައީ. އަޅުގަނޑުމެންނަށް ފެނިގެންދިޔަ ގޮތުން ވެއްޖިއްޔާ، އޭ.ޓީ.އޭ.ގެ ޓްރޭޑިންގ އެކައުންޓެއްގެ ތެރެއިން ވަރަށް އާދައިގެ ގޮތެއްގައި ސަރުކާރުގެ ވިޔަފާރި ފެށިގެން މިދިޔައީ. ވަރަށް އާދައިގެ ވިޔަފާރިއެއްގެ ގޮތުގައި، އެ ވިޔަފާރި ފެށިގެން މި ދިޔައީ. އަދި އެ ވިޔަފާރީގެ އެންމެ ކުރީކޮޅުގައި ޙަރަކާތްތެރިވެވަޑައިގެންނެވި ޢިއްޒަތްތެރިން، އަޅުގަނޑުމެންގެ ކުރީ ސަފުގައި އެބަ ތިއްބެވި. އަދި އެކިގޮތްގޮތުން އެސް.ޓީ.އޯ. އަށް އޭރު ޚިދްމަތް ކުރެއްވި ބޭފުޅުން، އާދެ، އެސް.ޓީ.އޯ. އަށް ވުމުގެ ކުރިންނާއި، އެސް.ޓީ.އޯ. އަށް ކުންފުނީގެ ނަން ބަދަލުވުމާ ދޭތެރޭގައި އަދި އޭގެފަހުން ޚިދްމަތް ކުރެއްވި ބޭފުޅުން މިހާރުވެސް، ދޮށީ ބޭފުޅުންގެ ގޮތުގައި، އަޅުގަނޑުމެންގެ ޚިދްމަތްތެރިންގެ ގޮތުގައި އެބަ ތިއްބެވި.
 
އަޅުގަނޑުގެ ހަމަ ޚިޔާލަށް އަންނަނީ، ޢަބްދުއްސައްތާރު މޫސާދީދީ، މިތާ އިންނެވީމަ، އެއީ އެމަނިކުފާނަކީ އޭ.ޓީ.އޭ.ގައި އެސް.ޓީ.އޯ.ގެ ވިޔަފާރި ހިނގަމުންދިޔައިރު، އެންމެ ކުރީގައި އެސް.ޓީ.އޯ.ގެ ވިޔަފާރި ނޫނީ އޭ.ޓީ.އޭ.ގެ ވިޔަފާރި، ސަރުކާރުގެ ވިޔަފާރިއާ ގުޅިވަޑައިގެންފައި ހުންނެވި ބޭފުޅެއް. އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި ޝުކުރު ދަންނަވަން. އަދި ހަމައެހެންމެ، ހަމަ އެދުވަސްވަރުގެ ބޭފުޅެއް، އަޅުގަނޑުމެންނާއެކީ މިއަދު މި ޖަލްސާގައި ވަޑައިގެނެއް ނެތް. އެހެންނަމަވެސް، އޭރު ސަރުކާރަށް ދިމާވާ ހުރިހާ ބޮޑެތި ކަންކަމުގައި، ސަރުކާރުގެ ކުންފުނިތަކަށް ދިމާވާ ހުރިހާ ބޮޑެތި ކަންކަމުގައި، ކުންފުނިތަކުން ޙައްލު ހޯދަން ބޭނުންވާ ބޮޑެތި މައްސަލަތަކުގައި، ކުންފުނިތަކަށް ބޮޑެތި މުދާ ނޫނީ އަގުބޮޑު މުދާ ގެނައުމުގައި ކެނޑިނޭޅި ސަރުކާރަށް، ކުންފުނިތަކަށް އިޚްލާޞްތެރިކަމާއެކީ ޚިދްމަތް ކޮށްދެއްވަމުން ގެންދެވި ބޭފުޅެއް، އޮނަރަބްލް ޢަލީ ޢުމަރު މަނިކު، އާދެ، ކޮލި ޢަލިމަނިކު އެއީ. އެމަނިކުފާނު އާދައިގެ ޙާލުކޮޅެއްގައި މިހާރުވެސް ސިންގަޕޫރުގައި އެބަ އުޅުއްވާ. އެހެންވީމާ، އެސް.ޓީ.އޯ.ގެ މި ޙަފްލާ ފާހަގަކުރަމުންދާއިރު، އެމަނިކުފާނުގެ ނަންފުޅުވެސް އަޅުގަނޑުގެ ޚިޔާލަށް ގެނެސް، ހަނދާނަށް ގެނެސް، އެމަނިކުފާނަށްވެސް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
އާދެ، އަޅުގަނޑުމެންނަށް ފެނިގެން މިދިޔަ ގޮތުގައި، އެސް.ޓީ.އޯ.ގެ ވިޔަފާރި އަމާޒުވެފައި އޮތީ، އޭރު ރާއްޖެއަށް ބޭނުންވާ ކާޑު، އެންމެ މުހިންމު ކަމަކަށް ބެލިގެން. އަޅުގަނޑު އަހާގޮތުން ވެއްޖިއްޔާ، އެންމެ ފުރަތަމަ އަޅުގަނޑުމެންގެ ރައީސަކަށް އިބްރާހީމް ނާޞިރު ހުންނެވިއިރުވެސް، އެމަނިކުފާނު އިސްކަމެއް ދެއްވި އެއްކަމަކީ، ރާއްޖެއިން ކާޑު ހުސްވިޔަނުދީ، ރާއްޖޭގައި ކާޑު ހުރީ ކިހާމިންވަރަކަށްތޯ ބެއްލެވުން. އަޅުގަނޑަށް މިކަން ވަރަށް ގާތުން ފެނިގެންދިޔަ. އެސް.ޓީ.އޯ ބޯޑުގައި މަސައްކަތް ކުރަމުންދިޔައިރު، އޭރު އަޅުގަނޑުމެންގެ އެސް.ޓީ.އޯ.ގެ ބޯޑުގެ ޗެއަރމަން އަދި މެނެޖިންގ ޑިރެކްޓަރެއްގެ ގޮތުގައި އޮނަރަބްލް އިލްޔާސް އިބްރާހީމް ހުންނެވީ. އަދި އެމަނިކުފާނު އަރިހުގައި ޓްރޭޑް މިނިސްޓްރީގައި އަޅުގަނޑު މަސައްކަތް ކުރަމުން ގެންދިޔައިން. އޭރުގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްވެސް އެންމެބޮޑު އިސްކަމެއް ދެއްވަމުން ގެންދެވީ، ރާއްޖެއިން ކާޑު ހުސްވިޔަނުދީ، ކާޑުގެ ސްޓޭޓަސް އޮތްގޮތް ބެއްލެވުމަށް. އޭގެފަހުން އެސް.ޓީ.އޯ.ގެ ޗެއަރމަންކަމާ އަޅުގަނޑުމެން ޙަވާލުވެ، މި ފަހާޖެހެންދެން އައިއިރުވެސް ކޮންމެ ހަފްތާއަކު އެއްފަހަރު ކާޑުގެ ރިޕޯޓް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވަންޖެހޭ.
 
އެހެންވީމާ، އެސް.ޓީ.އޯ. އަކީ އަސާސީ މިކަހަލަ ޚިދްމަތްތަކަކުން ފެށިގެން ރާއްޖެއަށް ބޭނުންވި ހުރިހާ އިރެއްގައި، ހުރިހާ ބޮޑެތި ކަންތައްތަކަކާ ކުރިމަތިލި ކުންފުންޏެއް. ފައްލަވަކޮށްފައި ހުންނަ މަސް ގަތުމުން ފެށިގެން ޒަމާނީ މަސްވެރިކަމާ ހަމައަށް ގޮސް، މަސް ބަންދުކުރުމުގެ ކާރުޚާނާ، އާދެ، އައި.ސީ.ޕީ މިތަނުން ދިޔައީމަ، ކާރުޚާނާއާ ހަމައިން އަދި އަޅުގަނޑުމެންނަށް ދަތިވެފައި ހުރި ހުރިހާ ކަމެއްގައި އެސް.ޓީ.އޯ. ވަނީ އޭރުވެސް ޙަރަކާތްތެރިވެފައި. އެސް.ޓީ.އޯ ޒަމާނީ ވިޔަފާރި ކުންފުންޏަކަށް، ޝައްކެއްވެސްނެތްގޮތުގައި ބަދަލުވަމުން ގޮއްސަ މިވަނީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި. އަދި އޭރު އެސް.ޓީ.އޯ.ގެ މޭސްތިރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވީ، އޭރުގެ އެސް.ޓީ.އޯ.ގެ މެނެޖިންގ ޑިރެކްޓަރ އަދި ކުންފުނީގެ ބޯޑުގެ ޗެއަރމަން އޮނަރަބްލް އިލްޔާސް އިބްރާހީމް. މިކަމަށްޓަކައި އޭރު އެސް.ޓީ.އޯ. އަށް އަންނަމުން އެދިޔަ ޒަމާނީ ވިޔަފާރިއަކަށް އެސް.ޓީ.އޯ. ބަދަލުކުރައްވަމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ދެއްވި މަޝްވަރާއާއި އިރުޝާދާއި އަދި އޭރު އެކުންފުނިން މިދެންނެވި ގޮތަށް ޒަމާނީ ވިޔަފާރި ކުންފުންޏަކަށް ބައްޓަން ކުރެއްވުމަށް އަދި އަޅުގަނޑުމެންގެ ވިޔަފާރީގެ ތެރެއަށް ދިވެހި ވިޔަފާރިވެރިން ތަޞައްރުފް ފުދެމުން އަންނަ ވަގުތެއްގައި، އެސް.ޓީ.އޯ އަކީވެސް ކޮމްޕީޓް ކުރާ ވިޔަފާރިއެއް ކުރަންޖެހޭ ކުންފުންޏަކަށް އޭރު އޮތީ ބަދަލުވާން ފަށާފައި. އެ ވިޔަފާރީގެ މާޙައުލުގައި އެސް.ޓީ.އޯ. އަށް ކުރިއެރުން ހޯއްދަވައި ދެއްވުމަށާއި، އެސް.ޓީ.އޯ ޒަމާނީ ވިޔަފާރި ކުންފުންޏަކަށް ބަދަލުކުރެއްވުމަށް އޮނަރަބްލް އިލްޔާސް އިބްރާހީމް ކޮށްދެއްވި އަގުހުރި މަސައްކަތްޕުޅަށް، އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ހަމައެހެންމެ، ހުރިހާ ބޭބޭފުޅުންގެ ނަންފުޅު ވަކިން ދަންނަވާނުލި ކަމުގައިވިޔަސް، މިރޭގެ މި އުފާވެރި އިޙްތިފާލުގައި އެސް.ޓީ.އޯ. އަށް، ބޯޑުގެ ޑިރެކްޓަރުންގެ ޙައިޘިއްޔަތުން، ބޯޑުގެ ޗެއަރމަނުންގެ ޙައިޘިއްޔަތުން އަދި އެސް.ޓީ.އޯ.ގެ މެނެޖިންގ ޑިރެކްޓަރުންގެ ޙައިޘިއްޔަތުން އަދި އެސް.ޓީ.އޯ.ގެ މުވައްޒަފުން އެސް.ޓީ.އޯ. އަށް ކޮށްދެއްވާފައި ހުރި އަގުހުރި ޚިދްމަތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި ޝުކުރު ދަންނަވަން.
 
އާދެ، އަޅުގަނޑު ހަމަ ކުރުގޮތަކަށް ބަލައިލާނަން، އެސް.ޓީ.އޯ.އާ ދޭތެރޭގައި، އެސް.ޓީ.އޯ އިވޯލްވަމުން އައިގޮތާ ދޭތެރޭގައި އަޅުގަނޑަށް ތަޖުރިބާ ކުރެވުނު ކަންތައްތައް. އަދި މިއަދުގެ ދުނިޔޭގެ ވިޔަފާރީގައި އަދި މިއަދު ރާއްޖޭގައި މި ވާދަވެރި ވިޔަފާރީގައި އެސް.ޓީ.އޯ މިޞްރާބު ހިފަންވިގޮތާ ދޭތެރޭގައި އަޅުގަނޑުގެ ވިސްނުންވެސް އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑުގެ ވިސްނުން އެގޮތަށް ދަންނަވާލަން މިޖެހެނީ، ޙަޤީޤަތުގައި އަޅުގަނޑު ބޭނުންވޭ އެސް.ޓީ.އޯ އަކީ، ދެންމެ އެސް.ޓީ.އޯ.ގެ ޗެއަރމަންގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް، ވަރަށް އެފިޝަންޓް އަދި ސަރަޙައްދުގައި ފާހަގަކުރެވޭ ވިޔަފާރި ކުންފުންޏަކަށް ވުމުގެ އިތުރަށް، އެސް.ޓީ.އޯ. އަކީ ދިވެހިރާއްޖޭގައި އޮތް އެންމެ ވަރުގަދަ ވިޔަފާރި ކުންފުންޏަށްވާން. މިކަމަށް އަޅުގަނޑުމެން ސްވޮޓެއް ހަދާއިރު، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތްތަކެއް އެބަހުރި. އެސް.ޓީ.އޯ. ގައި އެބަހުރި، އޭގެ ޒާތުގައި އެސް.ޓީ.އޯ ގައި ހުރި ވަރުގަދަ ސިފަތަކެއް، ކެރެކްޓަރިސްޓިކްސް ތަކެއް. އެހެން ނަމަވެސް، ހަމަ އެހެންމެ، އެސް.ޓީ.އޯ. ގައި އެބަހުރި އޭގެ ޒާތުގައި އެސް.ޓީ.އޯ ވާދަވެރި ވިޔަފާރީގައި ކޮމްޕީޓް ކުރަންޖެހޭތީ ހުރި ބޮޑެތި ގޮންޖެހުންތަކާއި ދަތިތައްވެސް އެބަހުރި. އެސް.ޓީ.އޯ. ގައި ބައެއްކަހަލަ ވިޔަފާރިއަކީ މޮނޮޕޮލީއެއް. އަނެއް ބައި ވިޔަފާރިއަކީ ވަރަށް ވާދަވެރި ވިޔަފާރީގެ މާޙައުލެއްގައި އުފައްދައި ވިއްކާ ޚިދްމަތާއި މުދާ.
 
އެހެންވީމާ، އެސް.ޓީ.އޯ. އަކީ ކުރާ ވިޔަފާރީގެ ބާވަތަށް ބަލާކަމަށްވަންޏާ، މަސްހުނި ވިޔަފާރިއެއް ކުރާ ކުންފުންޏެއް. ސަރުކާރުގެ މިއަދުގެ ވިސްނުމަކީ، ސަރުކާރުން ކުންފުނިތައް އެންމެ ކުރީ ޒަމާނުއްސުރެ އުފައްދާފައި އޮތް ވިސްނުމާ ދާދި ގާތް ވިސްނުމެއް. ސަރުކާރުގެ މިއަދުގެ ވިސްނުމަކީވެސް ސަރުކާރުގެ ކުންފުނިތަކުން ނެރޭ ފައިދާއަކީ، ފަހަރެއްގައިވެސް ޙިއްޞާދާރުންނަށް ނުވަތަ އެސް.ޓީ.އޯ ކަމަށްވަންޏާ، މައިގަނޑު ގޮތެއްގައި ސަރުކާރަށް، ސްޓެލްކޯ ކަހަލަ ކުންފުންޏެއް، އެއަރޕޯޓްސް އޮތޯރިޓީ ކަހަލަ ކުންފުންޏެއް ވެއްޖިއްޔާ، ސަތޭކައިންސަތޭކަ ސަރުކާރު ޙިއްޞާދާރަކީ. އެއްގޮތަކަށްވެސް ކުންފުނީގެ ފައިދާ މެކްސިމައިޒް ކުރުމެއް ނޫން. ކުންފުނީގެ ސާފު ފައިދާ އެއީ އެންމެ ބޮޑު ފައިދާއަކަށް ހެދުމަކީ ފަހަރުގައިވެސް ސަރުކާރުގެ މަޤްޞަދެއް ނޫން. ސަރުކާރުގެ މަޤްޞަދަކަށް އެކަން ނުވާންޖެހޭ ސަބަބުވެސް އަޅުގަނޑު ދަންނަވާލާނަން.
 
ފެން ކުންފުންޏަކީ ބޮޑު ޙިއްޞާއެއް ސަރުކާރުގައި އޮންނަ ކުންފުންޏެއް. ފެން ކުންފުނީގެ ޙިއްޞާ، ނޫނީ ފެން ކުންފުނީގެ ވިޔަފާރީގެ ފައިދާ މެކްސިމައިޒް ކުރުމަކީ، ސަރުކާރުން ބޭނުންވާ ގޮތެއް ނޫން. މިކަހަލަ ކުންފުނިތަކުން ސަރުކާރުން ބޭނުންވާނީ ކުންފުނިތައް އުފެދިފައި ހުރި ސަބަބަށް ރުޖޫޢަވެފައި، މެނެޖިންގ ޑިރެކްޓަރުންނާއި، ބޯޑުގެ ޗެއަރމަނާއި އަދި ބޯޑުގެ ޑިރެކްޓަރުން މިކަންކަމާ ދޭތެރޭގައި ވިސްނާވަޑައިގަންނަވަން.
 
އަޅުގަނޑު މިވާހަކަ މި ދަންނަވާލަންޖެހޭ ސަބަބަކީ، މިވޭތުވެދިޔަ ކުޑަދުވަސްކޮޅުގެ ތެރޭގައި، ޚާއްޞަކޮށް، މިދިޔަ ހަތަރު ފަސް އަހަރެއްގެ ތެރޭގައި، ކުންފުނިތައް އުފައްދާފައި ހުރި މަޤްޞަދު އަދި ކުންފުނިތަކުން ޙިއްޞާދާރު ނޫނީ ސަރުކާރު ނޫނީ ރައްޔިތުން އެދެނީ ކޮންކަމެއްކަން، ގިނަފަހަރު ބޯޑުރޫމްތަކުގައި ހަނދާންނެތިފައި ހުންނާތީ. މިހާރު މި ފަހަކަށްއައިސް ސަރުކާރުގެ ކުންފުނިތަކުން ލިބޭ ފައިދާއަކުންނެއް ސަރުކާރަކަށް ޑިވިޑަންޑެއް ނުދައްކާ. ސަރުކާރަކަށް ނަފައެއް ނުލިބޭ. އެހެންވީމާ، ހިތާހިތާ ކުންފުނީގެ ބޯޑުތަކުގައި ތިއްބެވި ބޯޑު މެންބަރުން ވިސްނާވަޑައިގަންނަވަންވީ، ދެން ކުންފުނި އުފައްދައިގެން ސަރުކާރުން މިކުރަނީ ކޮން ބޭނުމެއްތޯ. ހަމައެކަނި ކުންފުންޏަށް ލިބޭ ފައިދާ މެކްސިމައިޒް ކުރުން ނޫނީ އެންމެބޮޑު ފައިދާއެއް ހޯދާ ކަމަށްވަންޏާ، އޭގެ އެކަށީގެންވާ ރަނގަޅު ނިސްބަތެއް ޑިވިޑަންޑްގެ ގޮތުގައި ސަރުކާރުގެ މާލިއްޔާއަށް ވަންނަންވާނެ. އެހެން ދަންނަވާ ސަބަބަކީ އެސް.ޓީ.އޯ ކަމަށްވަންޏާ، ވަރަށް ރަނގަޅަށް މިކަން އިޙްސާސް ކުރެއްވޭނެތީ.
 
އެސް.ޓީ.އޯ. އަކީ ސަރުކާރުގެ އެންމެ ދޮށީ ވިޔަފާރި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ފުރަތަމަ ކުންފުނި ކަމަށްވާތީއާއެކީ، އެސް.ޓީ.އޯ. އަށް ދައުލަތުގެ ފަރާތުން އެކި ސަރުކާރުތަކުގައި، އެކި ޒަޢާމަތްތަކުގައި، ސަރުކާރުގެ ތެރެއިން ވަރަށް ދީލަތިކަމާއެކީ ރިސޯސް ހުންނާނީ އެސް.ޓީ.އޯ. އަށް ތަނަވަސްކޮށްދީފައި. މާލޭގައި ހުރި ބޮޑެތި ބިންތަކަށް ބަލާކަމަށްވަންޏާ، ބިންތައް ހުންނާނީ އެސް.ޓީ.އޯ އަށް. އެސް.ޓީ.އޯ އަށް ބޭނުންވެގެން ވިޔަފާރީގެ ކްރެޑިޓް ނޫނިއްޔާ އެސް.ޓީ.އޯ. އަށް ބޭނުންވެގެން ލޯނު ބޭނުންވެއްޖެ ކަމަށްވަންޏާ، އެކިފަހަރު މަތިން ހުންނާނީ ދައުލަތުގެ ސޮވެރިންގ ގެރެންޓީ، އެސް.ޓީ.އޯ. އަށް ދީފައި. އެސް.ޓީ.އޯ އަށް ލިކުއިޑިޓީސްގެ ޑިފިކަލްޓީއެއް އުޅޭ ކަމަށްވަންޏާ، އެކިފަހަރު މަތިން ހުންނާނީ މިނިސްޓްރީ އޮފް ފިނޭންސް މެދުވެރިކޮށް، އެކަންކަން ޙައްލުކޮށްދީފައި. އެކަމަކު އެޔާއެކީ، އޭގެ މުޤާބިލުގައި އެސް.ޓީ.އޯ އިން ސަރުކާރަށާއި ރައްޔިތުންނަށް ކޮށްދީފައި ހުރި ކަންތައްތައް ގިނަގުނަ. ވަރަށް ފަސޭހައިން ކްރިޓިކުން ކުރާ ސުވާލަކީ، އެސް.ޓީ.އޯ އިން ވިއްކާ މުދާ އެސް.ޓީ.އޯ އިން އަގުހެޔޮކޮށް ނުވިއްކަނީ ކީއްވެގެންހޭ؟ އެސް.ޓީ.އޯ.ގެ ހުރިހާ ބިންތައް އެހެރީ ހިލެޔޭ އެސް.ޓީ.އޯ. އަށް ލިބިފައި. އޭގެ ޖަވާބުގައިވެސް ހަމަ ދަންނަވަން އޮތީ، ތެދުފުޅެއްމެޔޭ އެސް.ޓީ.އޯ އިން ވިއްކާ މުދާ އެސް.ޓީ.އޯ އިން އަގުހެޔޮކޮށް ވިއްކޭނެ ގޮތްވެސް އޮވެއޭ. އެކަމަކުވެސް އެ ގެންނަން މުދާ ނުއަގުގައި ވިއްކަންޖެހޭ ފަހަރު އެސް.ޓީ.އޯ އިން ހުންނާނީ ވިއްކާފައި މަދެއްކޮށެއް ނޫން. އެސް.ޓީ.އޯ އިން ކާޑު ވިއްކަނީކީ ކާޑުގެ ހަމަ އަގަކު ނޫން. މިއީކީ ދުވަހަކުވެސް އެސް.ޓީ.އޯ.ގެ ތާރީޚުގައި، އެސް.ޓީ.އޯ.ގެ މެނެޖްމަންޓްތަކުން ކޮށްފައި އޮތް ކަމެއް ނޫން. އެއްވެސް ރައީސުލްޖުމްހޫރިއްޔާއަކު ހުއްދަ ދެއްވާފައި އޮތް ކަމެއް ނޫން މިއީކީ. އިލްޔާސް އިބްރާހީމްގެ ޒަމާނުން ފެށިގެން ދެން މި ފަހުން ވަޑައިގެންނެވި މެނެޖިންގ ޑިރެކްޓަރުންނާއި ޗެއަރމަނުންނަށް މިކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. ނުއަގުގައި އެސް.ޓީ.އޯ އިން ކާޑު ވިއްކާނީ. ކާޑު ވިއްކާނީ ސަބްސިޑީއަކާ އެކީ. ކާޑު ވިއްކުމަށްފަހު، އެހެންޏާ ކުންފުނީގެ ހިސާބުގެ ތެރޭގައި ކްރޮސް ސަބްސިޑީގައި މިކަން ހަމަޖައްސާނީ. ނޫނިއްޔާ ސީދާ ސަބްސިޑީ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސަށް ލިޔެގެން އެކަން ހަމަޖައްސާނީ. އެކަމަކު މިއަދު އެކަމުންވެސް އަޅުގަނޑުމެންނަށް އަރައިގަންނަން އެބަޖެހޭ.
 
ކުންފުނިތައް އުފައްދާފައި މިހިރީ އެވަގުތަކު ސަރުކާރަށް ބޭނުންވާ، ރައްޔިތުންނަށް ބޭނުންވާ މުހިންމު ކަމަކަށް، އެވަގުތުގެ ވިޔަފާރީގެ ޙާލަތު، އަމިއްލަ ވިޔަފާރިވެރިންގެ ޙާލަތު، އެއަށް ޖާގަ ނުދޭތީ، ނޫނީ އެވަރުގެ ތަނަވަސްކަމެއް ނެތީމަ، ނޫނީ އެވަރުގެ ވަސީލަތްތަކެއް ނެތީމަ، އެއަށް ޖަވާބު ދިނުމުގެ ގޮތުން. ކާޑުގެ ވިޔަފާރިއަކީ މީގެ މިސާލެއް، ތިޔަބޭފުޅުންގެ ހިތްޕުޅަށް ގެންނަވައިފި ކަމަށްވަންޏާ. އެސް.ޓީ.އޯ.ގެ ވިޔަފާރި ފެށިއިރު ނޫނީ އޭ.ޓީ.އޭ. އިން އެސް.ޓީ.އޯ.ގެ ސަރުކާރުގެ ވިޔަފާރި ފެށިއިރު، އޭރަކު ކާޑުގެ ވިޔަފާރި ކުރާކަށް އަމިއްލަ ފަރާތްތަކަކަށް ރައުސްމާލެއް ނެތް. މިހާރުވެސް ތިޔަބޭފުޅުންނަށް ތިޔަ ފެނިވަޑައިގަންނަވާ ބޮޑެތި ގުދަންތައް ހެދުމުގެ ފުރްޞަތެއް ނޫނިއްޔާ ވަސީލަތެއް، އަމިއްލަ ފަރާތްތަކަކަށް ނެތް. އަދި މިދެންނެވި ގޮތަށް ހަމަ އަގުގައި ނޫނީ ހަމަ އަގަށްވުރެ ކުޑަ އަގެއްގައި ރާއްޖޭގެ އެކި ހިސާބުތަކަށް، އެކި ކަންކޮޅުތަކަށް ކާޑު ފޮނުވުމަކީ އަމިއްލަ ފަރާތްތަކަކަށް ފަސޭހަ ކަމެއް ނޫން. މިހެން ދަންނަވާއިރުވެސް އަޅުގަނޑު ދަންނަވާނަން. ކާޑުގެ ވިޔަފާރިކުރާ އަމިއްލަ ފަރާތްތަކުން، އެމީހުން ގެންނަ ކާޑުކޮޅު ކޮންމެވެސް ދިމާއަކަށް ނުވިއްކާ ވާހަކައެއް ނޫން. އެކަމަކު މުޅި ދައުލަތެއްގެ، މުޅި ރާއްޖޭގެ ރައްޔިތުންގެ ކާޑާ ޙަވާލުވާ ކަމަށްވަންޏާ، އެއީ ކުޑަ ޒިންމާއެއް ނޫން، ކުޑަ މަސްއޫލިއްޔަތެއް ނޫން. އެހެންވީމާ، އެސް.ޓީ.އޯ އާ ޙަވާލުވެވަޑައިގެންނެވި ކޮންމެ މެނެޖިންގ ޑިރެކްޓަރެއްގެ އެންމެ އިސް މަސްއޫލިއްޔަތެއްގެ ގޮތުގައި އަބަދުވެސް މި އޮންނަނީ، ކާޑުގެ އަގުތައް، ކާޑުގެ ބާވަތްތައް ރާއްޖެއިން ހުސްނުވެ ބަހައްޓަވައި ދެއްވުން. އެއީ، އޭރުގެ ރައީސުންނަށް ތިއްބެވި ބޭފުޅުން އެހާބޮޑު ސަމާލުކަމެއް، ކާޑުގެ ގުދަނަށް ނޫނިއްޔާ ކާޑަށް ދެއްވި ސަބަބު.
 
އެހެންވީމާ، އެއީކީ ފަސޭހަ ކަންކަމެއް ނޫން. އޭރުގައި ތިބި ކުދިކުދި އަމިއްލަ ވިޔަފާރިވެރިންނަށް ކުރާކަށް. އެހެން ނަމަވެސް، ހަމައެޔާއެކީވެސް އޭގެ އަނެއްކޮޅުވެސް އެބައޮތް. ޢާންމު ރީޓެއިލް ވިޔަފާރިގެ ތެރެއަށް އެސް.ޓީ.އޯ ފެށިގެން އައިއިރު، އެސް.ޓީ.އޯ އިން ކުރަނީ ހަމައެކަނި ކާޑުގެ ވިޔަފާރިއެއް ނޫން. ކާޑުގެ ވިޔަފާރި ކުރަމުން، އެހެން ވިޔަފާރިތަކަށް އެސް.ޓީ.އޯ ޑައިވައިސިފައި ކުރި. އެއީ، ހަމަ އެންމެ ރަނގަޅު ކަމެއް. އެހެން ނަމަވެސް، އަމިއްލަ ވިޔަފާރިވެރިން އެސް.ޓީ.އޯ.އާ މިދެންނެވި ކަހަލަ ކުދިކުދި ވިޔަފާރީގައި ފައިތިލަ ހަމަކުރި ހިސާބުން މީގެ ވިޔަފާރިތަކުން އެސް.ޓީ.އޯ މަޑުމަޑުން ދުރަށްދާން ފެށީ. އެ މަސައްކަތް ފެށިފައި މިއޮތީ އަޅުގަނޑު އެސް.ޓީ.އޯ.އާ ޙަވާލުވި ހިސާބުން. މިދެންނެވި ކަހަލަ އެކިއެކި މަސައްކަތްތަކުން މަޑުމަޑުން ދުރަށް ދިޔައީ. އަދި ދުރަށް ދިޔުމާއެކީ އޭގެކުރިންވެސް މި ކުރެވިފައި ހުރި މަސައްކަތަކީ، ބޮޑެތި އާ ވިޔަފާރިތަކުގެ ތެރެއަށ އެސް.ޓީ.އޯ ވަނުން. މިސާލަކަށް، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވާނެ، ރާއްޖޭގެ އިންޝުއަރެންސްގެ ޚިދްމަތް ދެނީ، އޭރު އަވަށްޓެރި ދެ ޤައުމެއްގެ އިންޝުއަރެންސް ކުންފުންޏަކުން. އެހިސާބުން އޭރު އަޅުގަނޑުމެން އެސް.ޓީ.އޯ. ގައި އޮތް ބޯޑަށް ހަމަ އަލަށް އައިތާ ކައިރީގައި، އަޅުގަނޑުމެންވެސް ހަމަ ކިޔަވައިގެން ރާއްޖެ އައިތާ ކައިރީގައި، އޭރު އޮނަރަބްލް އިލްޔާސް އިބްރާހީމަކީ އެސް.ޓީ.އޯ.ގެ މެނެޖިންގ ޑިރެކްޓަރުވެސްމެ، ބޯޑުގެ ޗެއަރމަންވެސްމެ. އެމަނިކުފާނުގެ ވިސްނުންފުޅާއެކީ އެސް.ޓީ.އޯ އިންޝުއަރެންސްގެ ބިޒްނަސްގެ ތެރެއަށް ވަންނަމުންދިޔައީ. މިއަދު އުފެދިފައި މިއޮތް އެލައިޑް އިންޝުއަރެންސަކީ، ޝައްކެއްވެސްނެތްގޮތުގައި، އިންޝުއަރެންސްގެ ދާއިރާގައި، އަޅުގަނޑުމެންގެ ވިޔަފާރިތަކަށް، އަމިއްލަ ވިޔަފާރިތަކާއި ސަރުކާރުގެ ވިޔަފާރިތަކަށް ވަރަށްބޮޑު ޚިދްމަތެއް ފޯރުކޮށްދޭ ކުންފުންޏެއް.
 
މިކަހަލަ އާ ވިޔަފާރިތަކަށް އެސް.ޓީ.އޯ ވަންނަމުން ދިޔައީ. އެހެންވީމާ، އެސް.ޓީ.އޯ އިން އަބަދުވެސް އޭރު މަސައްކަތް ކޮށްފައި ހުރީ އޭރުގެ ދައުލަތުގެ ކެޕޭސިޓީ ހުރި މިންވަރުން އަމިއްލަ ވިޔަފާރިވެރިންނަށް ނުއުފުލޭ ޒިންމާތައް އުފުލުމުގެ މަސްއޫލިއްޔަތު. އަދި ހަމައެޔާއެކީ ސީ.އެސް.އާރުގެ ދަށުން ނަމަވެސް، ސަރުކާރުން އެވަގުތަކު ދަތިވެގެން އެސް.ޓީ.އޯ.އާ ޙަވާލުކުރާ ކަންތައްތައް، ނޫނީ އެވަގުތު އެކަހަލަ މަސައްކަތް ކުރާނެ، ނޫނީ އެވަރުގެ ބުރައެއް އުފުލޭނެ އެހެން ވިޔަފާރި ކުންފުންޏެއް ނެތީމަޔާއެކީ، ޙަވާލުކުރާ ކޮންމެ މަސައްކަތެއް ޙަވާލުވެ، އެސް.ޓީ.އޯ އިންވަނީ އެކަން ކޮށްދީފައި. އެއީ، އެއަރޕޯޓް ހެދުމުގެ ޚިދްމަތް ދިނުން ކަމުގައިވިނަމަވެސް، މިދެންނެވި ގޮތަށް މަސްވެރިކަމުގެ ދިގު ތާރީޚުގެ ތެރެއަށް އައިއްސަ ހުރި ބަދަލުތަކަށް ބެލި ކަމުގައިވީނަމަވެސް، އެސް.ޓީ.އޯ.ގެ ދައުރު ކުޑައެއްނުވާނެ. އެޔާއެކީ އައީ ވިސްނުމަށް އައި ބަދަލުތައް. ވިސްނުމަށް އައި ބަދަލުތަކުގެ ތެރޭގައި، އަޅުގަނޑުމެންނަށް އޭރު ވިސްނުމުގެ ތެރޭގައި މި އަންނަނީ، މިއިން ކޮންމެ މަސައްކަތެއްކުރަން ވަކި ކުންފުންޏެއް ހަދައިފި ކަމަށްވަންޏާ، އެކައުންޓެބިލިޓީ އާއި ގަވަރނަންސް ވަރުގަދަވާނެއޭ. އެކަމަކު އެ ސަބަބަށްޓަކައި އެސް.ޓީ.އޯ. އިން އޭރު ކުރަމުން އައި އެފް.ޕީ.އައި.ޑީ، ނޫނިއްޔާ މަހުގެ ވިޔަފާރި ކުރުމަށް އުފެއްދި ޑިޕާޓްމަންޓް މުޅިން ޑިވޯލްކޮށްފައި، ވަކި ކުންފުންޏަކަށް ހަދައިގެން މިފްކޯގެ ނަމުގައި ވިޔަފާރި ކުންފުންޏެއް ހަދައިގެން މިކަން ކުރީ. ޝައްކެއްވެސްނެތްގޮތުގައި، އޭރުގެ ވިސްނުމަށް ބަލާ ކަމަށްވަންޏާ، މީގެ ރަނގަޅު ފައިދާތަކެއްވެސް އެބަހުރޭ.
 
އެހެން ނަމަވެސް، އެއާއެކީ މިއަދުގެ ޙަޤީޤަތަކީ، ދުނިޔޭގެ ވިޔަފާރީގައި ގިނަ ކުންފުނިތައް މަސައްކަތް ކުރަނީ ސިނަރޖީ ހޯދަން. ކޮންމެ މަސައްކަތަކީ އޭގެ ޒާތުގައި ވަކިކޮށްލާފައި، ވަކި ކުންފުންޏަކުން ކުރާ މަސައްކަތެއް ނޫން. މަސައްކަތްތަކަކީ ކުންފުނީގެ އެއް އަމްބްރެލާއެއްގެ ދަށުގައި ކުރާ މަސައްކަތްތައް. އެކަމަކު ކުންފުންޏެއް ހަދައިގެން ވަކިކުރާ ހިސާބުން އެ ކުންފުންޏަކީ ސަބްސިޑަރީ ކުންފުންޏެއް ގޮތުގައި އޮޕަރޭޓް ކުރަން ދޫކޮށްލާ. މިސާލެއް، އަޅުގަނޑުމެންގެ އެސް.ޓީ.އޯ.ގެ އަމްބްރެލާގެ ތެރޭގައި މިހިރަ ކުންފުނިތަކަށް ބަލާ ކަމަށްވަންޏާ، ރާއްޖޭގެ ދުރު ހިސާބުތަކަށް ތެޔޮ ސަޕްލައި ކުރުމަށް ފިއުލް ސަޕްލައި ކިޔާ ކުންފުންޏެއް އުފެއްދި. އޭރު އެ ވިޔަފާރީގައި ތިބި އަމިއްލަ ވިޔަފާރިވެރިންނާއެކީ ގުޅުން ބަދަހިކޮށް، އެސް.ޓީ.އޯ. އިން އެކަނި މިކަން ނުކޮށް، އެސް.ޓީ.އޯ. އާއެކީ ގުޅިގެން އެ ވިޔަފާރިއަށް މަރްޙަބާ ކިޔާފައި އައި ހުރިހާ ފަރާތްތަކަށް ފުރްޞަތު ދިނިން. އަދި އެކަމަށް ތަނަވަސްކަމާއި ޤާބިލުކަން ހުރި އޭރުގެ ހުރިހާ ކުންފުންޏަކަށް އެ ޖާގަދިން. އެއީ އެސް.ޓީ.އޯ އިން އޭރު ބޭނުންނަމަ ޑޮމިނޭޓްކޮށް މޮނޮޕޮލައިޒް ކުރެވިދާނެ ބިޒްނަސް އެއް. އެހެން ނަމަވެސް، އެސް.ޓީ.އޯ އެކަމެއް ނުކުރޭ.
 
އެސް.ޓީ.އޯ ސުޕަރމާކެޓެއް ހުޅުވައިގެން މަސައްކަތް ކުރަމުން އައި ވަރަށް ކުރިއްސުރެ. ސުޕަރމާކެޓަށް ބޭނުންވާ ގިނަ މުދާ ނަގާފައި ހުންނަނީ ރާއްޖޭގެ ބާޒާރުން ރާއްޖޭގެ ވިޔަފާރިވެރިންނަށް. އެސް.ޓީ.އޯ ބޭނުންނަމަ، އެސް.ޓީ.އޯ އަށް އޭގެ ވަރަށް ގިނަ މުދަލަކީ ސީދާ ބޭރުން އިމްޕޯޓް ކޮށްގެން ގެނެވިދާނެ މުދާ. އެހެން ނަމަވެސް، އޭރުގައިވެސް އެސް.ޓީ.އޯ. ގައި ތިއްބެވި ވެރިން މަސައްކަތް ކުރައްވާފައި ހުރީ ބާޒާރުގައި އެ ތަނަވަސްކަމާއި އެ ޤާބިލުކަން ހުރި މިންވަރަކުން ދިވެހި ވިޔަފާރިވެރިންނަށް އެ ފުރްޞަތު ދީގެން، އެސް.ޓީ.އޯ އަކީ ވިޔަފާރިވެރިންގެ ރަޙްމަތްތެރިއެއް. އެކަމަކު ހަމައެޔާއެކީ އެސް.ޓީ.އޯ އަކީ ދިވެހި ވިޔަފާރިވެރިންނަށް ބައެއް ދާއިރާތަކުން ވާދަކުރާ ވިޔަފާރި ކުންފުންޏެއް ގޮތުގައި އޮތުން.
 
ވަރަށް އުނދަގޫ ދުވަސްތަކެއް އެސް.ޓީ.އޯ ކަޑައްތު ކުރީ. ވަރަށް އުނދަގޫ ދުވަސްތަކެއް އެސް.ޓީ.އޯ ހޭދަކުރީ. އޭގެތެރޭގައި ސިޔާސީ މިނިވަންކަމާއި އަދި ޤާނޫނުއަސާސީ އިޞްލާޙު ކުރުމާ، މިއައި ހުރިހާ މިނިވަންކަމުގެ އޮއިވަރުގެ ތެރޭގައި، ވިޔަފާރީގެ މިނިވަންކަމުގެ ވާހަކަތައްވެސް އަޅުގަނޑުމެންނަށް އަޑުއިވިގެންދިޔަ. އޭރު އެ ޙާލަތަށް އަންނަމުންދިޔަ ބަދަލުތައް އެސް.ޓީ.އޯ އިން ޖެހުނީ މަޖުބޫރުކަމާއެކީ ތަޙައްމަލްކޮށްލައި، އެކަން ކުރަން ޖެހުނީ. އެޔާއެކީ އެސް.ޓީ.އޯ ވިސްނަން ފެށީ އެސް.ޓީ.އޯ.ގެ ސްކޯޕް އޮފް ވިޔަފާރި މި އޮންނަނީ، ނޫނިއްޔާ އެސް.ޓީ.އޯ.ގެ ވިޔަފާރިއަކީ ހަމައެކަނި ރާއްޖޭގެ ފާރުގެ ތެރޭގައި ހިމެނޭ އެއްޗަކަށްވެގެން ނުވާނެއޭ. އެހާ ހިސާބުން ސަރުކާރުން އޭރު ވިސްނީ އެސް.ޓީ.އޯ.ގެ ވިޔަފާރި ރާއްޖެއިން ބޭރަށް ގެންދިޔުމަށް.
 
ދެން މި ސަރަޙައްދުގެ ވިޔަފާރީގެ ކެޕިޓަލަކީ އަދި ވިޔަފާރީގެ ނޮލެޖް ކެޕިޓަލަކީ ސިންގަޕޫރު ކަމުގައިވާތީ، އަޅުގަނޑުމެން އޭރު ޚިޔާލުކުރީ ސިންގަޕޫރަށް އެސް.ޓީ.އޯ.ގެ ވިޔަފާރި ގެންދަން. މިއަދުގެ ޙާލަތަށް އަޅުގަނޑުމެން ބަލާ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ޙާލަތު ހަމަ އެހާކަންހާ ހިސާބުގައި މިއޮތީ. މިއަދުވެސް އަޅުގަނޑުމެން ފުޅާކުރަންޖެހޭ ދާއިރާތަކަށް ބަލާކަމަށްވަންޏާ، ބައިނަލްއަޤްވާމީ ވިޔަފާރި ނޫނީ ތިންވަނަ ޤައުމުން މުދާ ގަނެގެން އެހެން ޤައުމުތަކަށް ބޭނުންވާ މުދާ، އާދެ، މި ވިޔަފާރީގައި ޓަރމިނޮލޮޖީން ކަމަށްވަންޏާ، ނެޓްވަރކިންގ. މިއީ އެސް.ޓީ.އޯ އިން އިސްކަން ދޭންޖެހޭ ކަމެއް. އަދި މިކަމަށް އެސް.ޓީ.އޯ އިން އިސްކަންދީގެން މިކަން ކުރާއިރު، މިއީ އެކަށީގެންވާ ގޮތެއްގައި ހިތްވަރުދީގެން ފުޅާ ދާއިރާއެއްގައި ކުރެވޭ ވިޔަފާރިއަކަށް އެބަ ހަދަންޖެހޭ. ކުންފުނިތައް، ސަރުކާރުން އުފައްދާފައި މިހިރީ އެވަގުތުގެ ޙާލަތަށް ނޫނީ އެވަގުތެއްގެ ޟަރޫރަތަށް އެޑްރެސް ކުރުމަށްޓަކައި. އެހެންވީމާ، ކުންފުނިތަކުގެ ބޯޑުގައި ތިއްބަވާ ބޭފުޅުން މިއަދުވެސް ޚިޔާލުފުޅަށް ގެންނަވަންވީ، ކުންފުނިތަކުގެ މައިގަނޑު ޙިއްޞާދާރަކީ ސަރުކާރު. ސަރުކާރުން ކުންފުނިތައް އުފައްދާއިރު، ބައެއް މުހިންމު މަޤްޞަދުތައް އަޅުގަނޑު ދަންނަވާލާނަން. މިއީ ހަމަ ގިނަ ކުންފުނިތަކަށް އެޕްލިކެބަލް މަޤްޞަދުތައް.
 
އެންމެ މުހިންމު މަޤްޞަދަކީ، އެ ދޭ ޚިދްމަތެއް، އެ ވިއްކާ މުދަލެއް ރާއްޖެއިން ހުސްވިޔަނުދީ، ރައްޔިތުންނަށް އެކަށީގެންވާ އަގެއްގައި ފޯރުކޮށްދިނުން. މިއަކު ސަރުކާރަކުން ނުބުނާނެ، އެ މުދާ ވިއްކެން އޮންނަ އެންމެ ބޮޑު އަގުގައި މުދާ ވިއްކާކަށެއް. އެ މުދާ ވިއްކެއް އޮންނަ އެންމެ ބޮޑު އަގުގައި މުދާ ވިއްކާ ކަމަށްވަންޏާ، އެސް.ޓީ.އޯ.ގެ ވިޔަފާރީގެ ތެރޭގައި ނެޗްރަލް މޮނޮޕޮލީ އެބައޮތް. އެހެންނަމަވެސް، އެ މޮނޮޕޮލީ، މިސާލަކަށް، ތެޔޮ ގެނެސްގެން ވިއްކާ ކަމަށްވަންޏާ، އެހެން ކުންފުނިތަކަށް، ތެޔޮ ގެނެސްގެން ވިއްކުމުގެ ޖާގަ އެބައޮތް. އެހެން ނަމަވެސް، އޭގައި އިންވޯލްވާ ކެޕިޓަލާއި ރިސޯސް އަށް ބަލާކަމަށްވަންޏާ، މިއީ ކުދިކުދި ނޫނީ މެދުފަންތީގެ ވިޔަފާރިވެރިންނަށް ކުރެވޭވަރު ވިޔަފާރިއެއް ނޫން. އެހެންވީމާ، މި ވިޔަފާރީގެ ތެރޭގައި އެހާ ޒަމާނުއްސުރެ އެސް.ޓީ.އޯ އުޅުމާއެކީ، މި ވިޔަފާރީގައި އެންމެ ޑޮމިނޭޓިންގ ޕްލޭޔަރަކީ މިއަދުވެސް އެސް.ޓީ.އޯ. އެހެންވީމާ، މި ޑޮމިނޭޓިންގ ޕޮޒިޝަންގައި އެސް.ޓީ.އޯ އޮންނައިރު، ސަރުކާރަށް މަޖުބޫރުވޭ، މިއިން ލިބޭ ޕްރޮފިޓް މެކްސިމައިޒް ނުކުރަން. ވިއްކާނެ އަގެއްގައި ވިއްކާކަށް ދޫކޮށްލާކަށް ސަރުކާރަށަށް ފަސޭހައެއް ނޫން. އެ ސޯޝަލް ރެސްޕޮންސިބިލިޓީ ނޫނިއްޔާ މިދެންނެވި އިޖްތިމާޢީ މަސްއޫލިއްޔަތު އެސް.ޓީ.އޯ.ގެ ހުރިހާ ބޯޑު މެންބަރުންގެ ޚިޔާލުފުޅަށް ގެންނެވުމަށް އަޅުގަނޑު މިރޭ އިލްތިމާސް ކުރަން.
 
ކުންފުންޏެއްގެ ސަކްސަސްއަކީ، ކުންފުންޏެއްގެ ކާމިޔާބީ، ސަކްސަސްއަކީ ކުންފުނި ޚިދްމަތްކުރާ މުޖްތަމަޢެއްގެ ރުހުން ލިބުން. ކުންފުނި ޚިދްމަތްކުރާ މުޖްތަމަޢެއްގެ ތަރުޙީބު، އެ ކުންފުންޏަކަށް ލިބިގެން ދިޔުން. މި ވިސްނުމަށް ވިސްނާފައި، އަޅުގަނޑުމެންގެ މެނޭޖްމަންޓްގައި ޕީޕަލްސް ޗޮއިސްގެ ބްރޭންޑްތައް ތަޢާރުފް ކުރީ. އެއީ، ރައްޔިތުންގެ ނިންމުން ކަމަށް ބަލާފައި. ނޫނީ އެއީ، ރައްޔިތުންގެ އިޚްތިޔާރު ކަމަށް ބަލާފައި. ރައްޔިތުން އިޚްތިޔާރު ކުރާ މުދާ ގަންނަން އެސް.ޓީ.އޯ އަށް އައުމަށްޓަކައި ޕީޕަލްސް ޗޮއިސްގެ ބްރޭންޑް، އަޅުގަނޑުމެން ތަޢާރުފް ކުރީ. އެ މިހާރު މިވަނީ ރާއްޖޭގެ ހައުސްހޯލްޑް ނަމަކަށް ބަދަލުވެފައި. އެއީ އެސް.ޓީ.އޯ.ގެ ވިސްނުން ހުންނަންވާނެ ގޮތަކީ. އެހެންވީމާ، އެސް.ޓީ.އޯ އިން ތެލުގެ ވިޔަފާރި ކުރާއިރު، ނެޗްރަލް މޮނޮޕޮލީއަކަށްވާއިރު، ސަރުކާރަކަށް މިއަދަކު ފަސޭހައެއް ނޫން، ރެގިއުލޭޓް ނުކޮށް، އެ ވިޔަފާރި އެގޮތަށް ދޫކޮށްލާކަށް.
 
 އެހެން ދަންނަވަންޖެހޭ ސަބަބަކީ، ރާއްޖޭގެ އިޤްތިޞާދުގެ ހަކަތައަކީ އިމްޕޯޓްކުރާ ތެޔޮ. ތެލުގެ އަގުތައް، އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ، ފީފާއެއް ގާތްގަނޑަކަށް 120 ޑޮލަރާ ހަމައިގައި ހުރިއިރު. އަދު، ފަހަރެއްގައި ފަންސާހާ ނޫނިއްޔާ ފަސްދޮޅަހާ ދޭތެރޭގައި ފީފާއެއްގެ އަގު ހުރެދާނެ. ވަރަށްބޮޑު އަގު ވެއްޓުމެއް، މިދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މިއޮތީ އައިއްސަ. އެހެން ނަމަވެސް، ތަލުގެ އަގު އެހާ ބޮޑުވީމަ، ސަރުކާރަކަށް ގަބޫލެއް ނުކުރެވޭ، އެހާ ބޮޑު އަގުގައި، ނޫނީ އެހާ ބޮޑު މާޖިނެއް ތެލަށް ލިބިގެންވާނެ ކަމަކަށެއް. އެ ސަބަބަކީ މުޅި ރާއްޖޭގައި މުޅި އިޤްތިޞާދު ބިނާވެފައި މިއޮންނަނީ އެޔަށް. ފަންކާއެއް އަނބުރާލި ކަމަށްވިނަމަވެސް، އެބަ ބޭބުންވޭ އިންޖީނުގެ ހަކަތަ. އިންޖީނަށް އެބަ ބޭނުންވޭ ތެޔޮ. މަސްދޯންޏެއް މަހަށް ފުރި ކަމުގައިވީނަމަވެސް، ހަމަ މި ތެޔޮ އެބަ ބޭނުންވޭ. ރާއްޖެތެރޭގައި އެންމެ ދުރުގައި ހުރި، އެންމެ ނިކަމެތި މީހާ ކޮޓަރީގެ ބޮތްކެއް ދިއްލި ކަމުގައިވީނަމަވެސް، ހަމަ މި ހަކަތަ އެބަ ބޭނުންވޭ. އެހެންވީމާ، މި ހަކަތައިގެ އަގު ކޮންޓްރޯލް ކުރުމުގެ ބާރު މިއޮތީ ސަރުކާރުގެ އަތްމަތީގައި.
 
އެހެންވީމާ، މި ދެންނެވި ކަހަލަ އިޖްތިމާޢީ މަސްއޫލިއްޔަތެއް ސަރުކާރުން އުފުލާ ކަމަށްވަންޏާ، ސަރުކާރަކަށް ފަސޭހައެއް ނޫން، މިދެންނެވި ގޮތަށް ނެޗްރަލް މޮނޮޕޮލީއެއްގެ ޕްރިޑޭޓްރީ ޕްރައިސިންގ އަށް ނޫނިއްޔާ ބޭނުން އަގެއް ނަގާކަށް ދޫކޮށްލާކަށް ފަސޭހައެއް ނޫން. އަދި އަޅުގަނޑު ގަބޫލުކުރާ ގޮތުން ވެއްޖިއްޗާ، އެސް.ޓީ.އޯ.ގެ މިއަދުގެ ޗެއަރމަނާއި އެމް.ޑީ.އާއި އަދި ބޯޑުގައި ތިއްބެވި ބޭފުޅުންވެސް މިކަން މިގޮތަށް ކުރައްވާކަށް ބޭނުންފުޅެއް ނޫން. އެކަށީގެންވާ އަގެއްގައި މިކަން މި ކުރަން ޖެހެނީ. ޚިޔާލަށް ގެންނަވާ، ގަލްފު ހަނގުރާމައިގެ ދުވަސްވަރު. ގަލްފު ހަނގުރާމައިގެ ދުވަސްވަރު އަޅުގަނޑުމެންނަށް އެންމެބޮޑު މަސައްކަތެއް ކުރަންޖެހުނީ ރާއްޖެއަށް ތެޔޮ ނުލިބިދާނެތީ. ރާއްޖޭގައި އޭރު އެކި ސަރަޙައްދުގައި ހުރި ތާނގީތައް، ސޭންޑް ބްލާސްޓްކޮށް، ތާނގީގައި ތެޔޮ ރައްކާކުރެވޭނެ ގޮތަށް ބޮޑެތި ޚަރަދުތަކެއް ސަރުކާރުން ކުރި. އަދި އެޔާއެކީ ގިނަ ޢަދަދެއްގެ ތެޔޮ ރައްކާ ކުރުމުގެ މަސައްކަތްތަކެއް، އުނދަގުލުން ސަރުކާރުން ކުރި. އެދުވަސްވަރު މިދެންނެވި ގޮތަށް ޕްރިޑޭޓްރީ ޕްރައިސިންގއާއެކީ ތެލުގެ ނެޗްރަލް މޮނޮޕޮލީ އެސް.ޓީ.އޯ އިން އެކްސަރސައިޒް ކުރިނަމަ، ރާއްޖޭގެ އިޤްތިޞާދު ހަމަ ހަނާވީސް. އެހެންވީމާ، ރާއްޖޭގެ އިޤްތިޞާދަށް ބޭނުންވާ ބޮޑެތި މުދާ ގެންނަ މަދު ކުންފުނީގެ ތެރޭގައި، މިދެންނެވި ކަހަލަ މޮނޮޕޮލިސްޓިކް، އޮލިގޮޕޮލިސްޓިކް ހިސާބުގައި އުޅޭ ކުންފުންޏަކަށް، ސަރުކާރުގެ ކުންފުންޏެއް ކަމަށްވަންޏާ، މިދެންނެވި އިޖުތިމާޢީ މަސްއޫލިއްޔަތާއި ޒިންމާ އުފުއްލަން އެބަޖެހޭ. އެހެންވީމާ، ސަރުކާރުން މީގެ އަގުތައް މިދެންނެވި ގޮތަށް ރެގިއުލޭޓް ކުރޭ.
 
ދެން އޮތީ މި ރެގިއުލޭޓް ކުރީމަ، އެސް.ޓީ.އޯ އަށް ނޫނީ އިމްޕޯޓް ކުރާ ކުންފުންޏަށް ވަނީ ކޮން ފައިދާއެއްތޯ؟ ކުންފުންޏަށްވާ ފައިދާ، މީގެތެރޭގައި ވަރަށްބޮޑު. ކުންފުންޏަށްވާ ފައިދާއަކީ، ކުންފުންޏަކީ ކޮމްޕެޓެޓިވް ވިޔަފާރީގައި، އެ ވިޔަފާރިއަށް އެހެން އިތުރު ކޮމްޕެޓިޓަރުން ނައިސް، އެ ވިޔަފާރި ކުރެވޭނެ ކަމުގެ ގެރެންޓީ އެސް.ޓީ.އޯ އަށް އޮތުން. އެކަމަކު އެސް.ޓީ.އޯ.ގެ މާޖިންތައް ބޮޑުވެއްޖެ ކަމަށްވަންޏާ، މި ޕްރައިޒް އަރބިޓްރާޖް އެހާ ބޮޑުވާން ޖާގަދީފި ކަމަށްވަންޏާ، ތަފާތު އެކި ކޮމްޕެޓިޓަރުންނަށް އެ ބިޒްނަސްއަށް ވަދެވޭނެ، އެ ވިޔަފާރިއަށް ވަދެވޭނެ. އެހެންވެއްޖެ ކަމަށްވަންޏާ، ދިގު މުއްދަތުގައި، މެދު ރާސްތާގައި އެސް.ޓީ.އޯ އަކަށް ވާނެ ފައިދާއެއް ނެތް. އެސް.ޓީ.އޯ ވަރަށް ފަސޭހައިން ބިޒްނަސްއިން ބޭރަށްދާނެ. އެ ދާންޖެހޭ ސަބަބަކީ ތެލުގެ ވިޔަފާރީގެ ރިސޯސް ހުރެގެން، ތެލުގެ ވިޔަފާރި ކުރާ ކުންފުންޏެއް ކަމަށްވަންޏާ، ހިތްޕުޅަށް ގެންނަވާ، ފަނަރަވަރަކަށް މުވައްޒަފުން ގޮވައިގެން ތެލުގެ ވިޔަފާރިއެއް ފެށިދާނެ. އެސް.ޓީ.އޯ އަކީ ތެލުގެ ވިޔަފާރީގެ އިތުރަށް، ކާޑާއި އެތަކެއް ސާމާނު ވިއްކާ ކުންފުންޏަކަށްވާތީ އަދި ރާއްޖޭގެ އެކި ހިސާބުގައި ސަރުކާރުގެ ވިޔަފާރި ކުންފުނީގެ ޚިދްމަތް ލިބެންޖެހޭ ކަމަށް ސަރުކާރުން ގަބޫލުކުރާތީ، އެސް.ޓީ.އޯ އިން ގަބޫލުކުރާތީ، އެސް.ޓީ.އޯ.ގެ މިއަދުގެ މުވައްޒަފުންގެ ޢަދަދަކީ ގާތްގަނޑަކަށް އެއްހާސް ދުއިސައްތަ މުވައްޒަފުން. އެހެންވީމާ، މުވައްޒަފުންނަށް ކުރާ ހޭދައަށް އެކަނި ބަލައިލި ކަމުގައިވީނަމަވެސް، ފަނަރަ މުވައްޒަފުން، ވިހި މުވައްޒަފުން ގޮވައިގެން ހަމައެކަނި އެންމެ އައިޓަމެއް ޑީލްކުރާ ކުންފުންޏެއް، ތެޔޮ ޑީލްކުރާ ކުންފުންޏެއް އެސް.ޓީ.އޯ.އާ ވާދަކުރަން މިޖެހެނީ، ބާރަސަތޭކަ މުވައްޒަފުން ގޮވައިގެން އެސް.ޓީ.އޯ އިން ކުރާ މަސައްކަތުގައި. ކޮން ގޮތަކުންތޯ އެސް.ޓީ.އޯ އިން އަގު ދެކޮޅުޖައްސާނީ.
 
އެހެންވީމާ، މިކަހަލަ ވިސްނުންތަކަކީ ކޯޕަރޭޓް ބޯޑްރޫމްގެ ތެރޭގައި، އެސް.ޓީ.އޯ.ގެ ކުންފުނީގެ ޑިރެކްޓަރުން، ބޯޑުގެ ޑިރެކްޓަރުން، މެނެޖިންގ ޑިރެކްޓަރު ވިސްނަވަންޖެހޭ ކަންކަން. އެހެންވީމާ، ސަރުކާރުން އެވަގުތަކު އެ ބޭނުންވާ ކަންކަމަކަށް އިޖާބަ ދިނުމުގެ ގޮތުން އެކިކަހަލަ މަސައްކަތް މިހިރީ ފެށިފައި. ޑައިވައިސިފައި ކުރެވިފައި، ފުޅާކުރެވިފައި މިހިރީ. އެހެންވީމާ، އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވުނު، އެސް.ޓީ.އޯ.އަކީ އަބަދުވެސް ރީޓެއިލް މުދާ ވިއްކާލަ ވިއްކާލަ ތިބެންވާނެ ބައެއް ކަމަކަށް. އެސް.ޓީ.އޯ އިން ހޯލްސޭލް ކުރި ޒަމާނެއްދިޔަ. އަދި އެސް.ޓީ.އޯ އިން، އެސް.ޓީ.އޯ އިން ވިއްކާ މިދެންނެވި ކަހަލަ ރީޓެއިލް މުދާ، ގާތްގަނޑަކަށް ޕްރޮޑަކްޓް ލައިން ނޫނިއްޔާ ގަންނަ މުދާ ދެބައިކުޅަ އެއްބަޔަށް ކުޑަކޮށް، އިތުރު ޑައިވަރސިފިކޭޝަނަށް އެސް.ޓީ.އޯ ކުރިމަތިލި. އޭގެތެރޭގައި، ޞިނާޢީ އެކިއެކި މަސައްކަތްތަކަށް އެސް.ޓީ.އޯ ނުކުތް ދުވަސްވަރެއްގެ ފޮޓޯތަކެއް އަޅުގަނޑުމެންނަށް ދެންމެ ފެނިގެން އެދިޔައީ. އޭގެ ބޭނުމަކަށްވަނީ، އެސް.ޓީ.އޯ އިން ކުރައްވާ މަސައްކަތުގައި، އެސް.ޓީ.އޯ އަށް ހަމަ ރަނގަޅަށް އެނގިވަޑަގަންނަވާނެ، ބޭރު ފައިސާ ބޭނުންވާ މިންވަރު. އެސް.ޓީ.އޯ ނުހަމަގޮތެއްގައި ބޭރު ފައިސާ ގަންނަން ބާޒާރަށް، ޕެރަލަލް މާކެޓަށް ނުކުމެއްޖެ ކަމަށްވަންޏާ، އެމް.އެމް.އޭ. އަކަށް ބޭރުގެ ފައިސާގެ އަގެއް ކޮންޓްރޯލެއް ނުކުރެވޭނެ. މިއީ، އަޅުގަނޑުމެންނަށް މިދިޔަ ކުރު ތާރީޚުގެ ތެރޭގައި ދައްކައިދީފައި އޮތް ކަމެއް. ރާއްޖޭގެ އެންމެބޮޑު ޕެރަލަލް މާކެޓެއް އުފެދިގެން މިދިޔައީ، މިދެންނެވި ކަހަލަ ބޮޑެތި ކުންފުނިތައް ނުކުމެ ޕެރަލަލް މާކެޓުން ޑޮލަރު ގަންނަން ފެށީމަ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ސަރުކާރު އައުމާއެކީ، މިއަށް މަސައްކަތްތަކެއް ކުރީ، ޕެރަލަލް މާކެޓް ވީހާވެސް ކުޑަކުރަން ނޫނީ ނައްތާލަން. އެހެންވީމާ، އެމަސައްކަތަށް އެކަނި ބެލިކަމުގައިވީނަމަވެސް، އެސް.ޓީ.އޯ އަށް އެނގޭނެ، އެސް.ޓީ.އޯ އަށް ހުރި ގޮންޖެހުންތައް.
 
އެހެންވީމާ، އެސް.ޓީ.އޯ.ގެ ވިސްނުމުގައި މިދެންނެވި ކަހަލަ މުދާ އިމްޕޯޓްވާއިރު، މުދާ ސަބްޓިޓިއުޓް ކުރަން، ނޫނިއްޔާ އެ މުދަލުން ވިއްކައިގެން ބޭރު ފައިސާ ލިބޭނެ ގޮތްތަކެއް ހޯދޭ ކަހަލަ އިންވެސްޓްމަންޓްތަކަށް އެސް.ޓީ.އޯ ދާންޖެހޭ. އެ ސަބަބަށްޓަކައި އެސް.ޓީ.އޯ އިން މިސާލަކަށް، ރިޒޯޓް ނަގާފައި، ރިޒޯޓް ތަރައްޤީ ކުރެވޭތޯ ބަލާފައި ހުރީ. ނޫނިއްޔާ ސިޓީ ހޮޓަލެއް އަޅަން މަސައްކަތް ކޮށްފައި ހުރީ މި ސަބަބުތަކަށްޓަކައި. ހަމަ މި ސަބަބުތަކަށްޓަކައި، މި ދެންނެވި ކަހަލަ ސަބަބުތަކަށްޓަކައި، އެސް.ޓީ.އޯ އިން މިދެންނެވި ކަހަލަ ޞިނާޢީ މަސައްކަތްތަކުގެ ތެރެއަށް ވަދެފައި ހުރީ. އެސް.ޓީ.އޯ އަކީ ހަމައެކަނި މުދާ ގަނެ، މުދާ ވިއްކާ ކުންފުންޏަކަށް އޮވެވެން ނެތީމަ. މުދާ ގަނެ، މުދާ ވިއްކާ ކުންފުންޏަކަށްވާ ކަމަށްވަންޏާ، ބާރަސަތޭކަ މުވައްޒަފުން ގޮވައިގެން މަސައްކަތް ކުރާ ކުންފުންޏަކަށް، ވިއްސަކަށް މުވައްޒަފުން ގޮވައިގެން މަސައްކަތްކުރާ ކުންފުންޏަކާ ހަމަ އެއްގޮތަކަށްވެސް ކޮމްޕީޓެއް ނުކުރެވޭނެ. އެހެންވީމާ، އެސް.ޓީ.އޯ.ގެ ސްކޯޕް އޮފް ވަރކް، ނޫނިއްޔާ ކުރަންޖެހޭ މަސައްކަތް ފުޅާވެގެން ދިޔައީ މިދެންނެވި ކަހަލަ ސަބަބުތައް ހުރެގެން. އަދި ހަމައެހެންމެ، އެ ސަބަބުތަކާއެކީ ސަރުކާރުން އޭރު އެޑްރެސް ކުރީ، އަގު ނުހިފެހެއްޓިގެންދާ މުދާތަކެއްގެ އަގު ހިފަހައްޓަން. އެ ސަބަބަށްޓަކައި އެސް.ޓީ.އޯ މިޒަމާނުގެ ވިޔަފާރި ކުންފުންޏަކަށް ބަދަލުވެގެންދިޔައިރު، ހިލަ ހިލަވެއްޔާއި ސިމެންތިއާ، ކާޑުގެ އިތުރަށް މިދެންނެވީ، ހިލަ ހިލަވެލި ސިމެންތިއާއި އަދި ތެލުގެ ބާވަތްތައް އިމްޕޯޓް ކުރަމުން ގެންދިޔައީ. ޝައްކެއްވެސްނެތްގޮތުގައި، މީގެ ފައިދާވެސް އެބަހުރި. އެހެން ނަމަވެސް، އެސް.ޓީ.އޯ އިން ކުރާ ދެވަނަ ބޭނުމަކީ ނޫނީ ސަރުކާރުން އެސް.ޓީ.އޯ ކަހަލަ ކުންފުނިން އެދޭ ދެވަނަ ބޭނުމަކީ މިދަންނަވާލަނީ.
 
މިދެންނެވި ކަހަލަ ބޮޑެތި އަގުތައް، ނޫނިއްޔާ ރާއްޖޭގައި، މިސާލަކަށް ސީ.ޕީ.އައި ހަދާ ކަމަށްވަންޏާ، އޭގެ ބަލްކް ނަގާ ވިޔަފާރި މުދާ، މީގެ އަގު ސްޓެބިލައިޒް ކުރުން. މިދެންނެވި ކަހަލަ މުދަލުގެ، ބާޒާރުގައި ހުންނަ އަގުތައް ސްޓެބިލައިޒް ކުރުމަކީ، އެސް.ޓީ.އޯ.ގެ ދެވަނަ މުހިންމު މަސްއޫލިއްޔަތު. އެހެންވީމާ، ދިވެހި ރުފިޔާގެ އަގު، ސަރުކާރުން ޑިވެލިއު ކޮށްގެން، ނޫނިއްޔާ އޭގެ ޒާތުގައި ޑިޕްރިޝިއޭޓް ވެގެންދާ ވަގުތެއްގައި، މިދެންނެވި ކަހަލަ މުދަލުގެ އަގަށް އަޅުގަނޑުމެންނަކަށް ބޮޑެތި މާޖިންތަކެއް ނުލެވޭނެ. އެސް.ޓީ.އޯ، ޕްރައިޒް ސްޓެބިލައިޒް ކުރަންޖެހޭތީ އޮތް ދެވަނަ ގޮންޖެހުމަކީ، ސޯކް ކުރުމުގައި އެސް.ޓީ.އޯ އެބަޖެހޭ ތަފާތު ގޮތްތަކަކަށް ވިސްނަން. އެހެން ނޫނިއްޔަކާ އެސް.ޓީ.އޯ އަކަށް ކޮމްޕީޓެއް ނުކުރެވޭނެ. އަދި އެހެން ނުހެދިއްޖެ ކަމަށްވަންޏާ، މިދެންނެވި ޕްރައިޒް ސްޓެބިލިޓީއެއް އެސް.ޓީ.އޯ އަކަށް ނުގެނެވޭނެ. އެހެންވީމާ، އެސް.ޓީ.އޯ ކުރިއަށްދާން ވިސްނާ ވިސްނުމުގެ ތެރޭގައި، އަޅުގަނޑު މިދަންނަވާލީ މީގެ ދެވަނަ ބޭނުން.
 
ތިންވަނަ ބޭނުންވެސް ދަންނަވާލާނަން. އެސް.ޓީ.އޯ ކަހަލަ ކުންފުނިތައް އުފެއްދުމުގެ ތިންވަނަ ބޭނުމަކީ، ސަރުކާރަށް އޭރު އާމްދަނީ ލިބޭނެ މާގިނަ ވަސީލަތްތަކެއް ނޯވޭ. މިހާރު އަލަށް މި ތަޢާރުފް ކުރެވެމުން މިދަނީ ޖީ.އެސް.ޓީ. އޭގެކުރީގައި ސަރުކާރުން ނަގާ ޓެކްސްތައް މިހިރީ. ކަސްޓަމް ޑިއުޓީއާއި، ޓުއަރިޒަމްގެ ދާއިރާއިން ނަގާ ޓެކްސްތަކަށް ހަމައެކަނި މަދުވެފައި މިހިރީ. ނޫނިއްޔާ ހަމައެކަނި ނަގާ ޓެކްސްތަކަކީ އެއީ. އެހެން ނަމަވެސް، މި ފަހަކަށްއައިސް ޖީ.އެސް.ޓީ ތަޢާރުފް ކުރެވިގެން މިދަނީ. އަދި އެހެން ކަހަލަ ޓެކްސްތައް ތަޢާރުފް ކުރެވިގެން މިދަނީ. މިދާއިރު އިމްޕޯޓް ޑިއުޓީ މަދުކުރޭ. އެހެންނަމަވެސް، އޭގެ ބަދަލުގައި ޖީ.އެސް.ޓީ ނެގެމުން އެބަދޭ. އެހެންވީމާ، ސަރުކާރުން ވިސްނީ، ސަރުކާރަށް އާމްދަނީ ލިބޭނެ ދާއިރާތައް ހަނިކަމާއެކީ، މި ވިޔަފާރި ކުންފުނިތަކުން ލިބޭ ފައިދާއިން ބޮޑު ޢަދަދެއް، ނޫނިއްޔާ އެކަށީގެންވާ ޢަދަދެއް ޑިވިޑަންޑްގެ ގޮތުގައި ސަރުކާރަށް ދައްކަންވާނެ ކަމަށް. މި ކުރީ ބަރީގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުން މިހާރުވެސް ހަނދުމަފުޅު ހުންނާނެ، އަދިވެސް ބާޠިލުނުކުރާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމެއް އޮންނާނެ. އެ ދެންނެވުމުގައި، ހުރިހާ ކުންފުނިތަކަށް އަންގާފައި އޮންނާނީ، މިއަދުވެސް އެ ރެލެވަންޓް. އެހެންނަމަވެސް އެއަށް ޢަމަލު ނުކުރެވެނީ. އެ ދެންނެވުމުން އަންގާފައި އޮންނާނީ، ކޮންމެ ކުންފުންޏެއްގެ އަހަރުގެ ސާފު ފައިދާގެ ހަތްދިހަ ފަސް ޕަސެންޓަކީ ސަރުކާރުގެ ޚަޒާނާއަށް، ސަރުކާރުގެ މާލިއްޔަތަށް ދައްކަންޖެހޭނެ ފައިސާ ކަމަށް. އެ ދެންނެވުމެއް އުވައެއްނުލާ. އެހެންނަމަވެސް، މިދެންނެވި ހަތަރު ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި، މިހެންހުރި ދެންނެވުމާއި، މިހެންހުރި އުޞޫލުތަކާއި އަދި ހިންގުމުގެ ވައްޓަފާޅިއާ، މިދެންނެވި ހުރިހާ އެއްޗެއް އެހެރީ ބާޠިލުވެގެން ގޮއްސަ. ބާޠިލުވެގެން ދިޔައީ އެ އެއްޗެހި އުވާލައިގެނެއް ނޫން. އެއަށް ޢަމަލުނުކުރުމުގެ ސަބަބުން.
 
މިހާރު އެސް.ޓީ.އޯ ބައްޓަންވެގެން އަންނައިރު، ސަރުކާރުގެ ހުރިހާ ކުންފުނިތަކެއް، ޕަރފޯމަންސް އޮޑިޓެއް މިހާރު މިދަނީ ހެދެމުން. ސަރުކާރުގެ ހުރިހާ ކުންފުނިތަކެއްގެ ޕަރފޯމަންސް އޮޑިޓެއް މިވަގުތު އެބަދޭ ހެދެމުން. އެ މަސައްކަތް ކުރަނީ ފިނޭންސް މިނިސްޓްރީއާއި ރައީސް އޮފީހުގެ ތެރޭގައި. މައިގަނޑު ގޮތެއްގައި ރައީސް އޮފީހުގެ ތެރޭގައި. އެ މަސައްކަތް ކުރުމުގެ ބޭނުމަކީ، މިދެންނެވި ގޮތަށް، މި ކުންފުނިތަކަކީ ކުންފުނިތައް އުފައްދާފައި އޮތް ބޭނުންތައް ޙާޞިލުވާ ކުންފުނިތޯ ބެލުން، ދެނެގަތުން. އެއާއެކީ ކުންފުނިތަކުގައި ތިއްބަވާ މުވައްޒަފުންނަށް އެކަށީގެންވާ ރެމިއުނަރޭޝަނެއް، ނޫނީ އާމްދަނީއެއް ލިބޭނެގޮތް ކަށަވަރު ކުރުން. އަދި ހަމައެޔާއެކީ، ކުންފުނިތައް ގިންތި ކުރުމާއެކީ، ކުންފުނިތަކުގެ މުސާރަތައް ކޮންމެވެސް ކަހަލަ ހަމަޖެހޭ ނޫނީ ގަބޫލުކުރެވޭ އުޞޫލުތަކަކަށް ފެއްތުން. ހަތަރުވަނަ ކަމަކީ ކޮންމެ ކުންފުންޏަކުންވެސް އުފުއްލަންޖެހޭ ޒިންމާއެއް އޮތްކަން ގަބޫލުކުރަން އެބަޖެހޭ. އެ ޒިންމާއަކީ ކުންފުންޏަށް އެހާ ބޮޑެތި ފައިދާ ލިބޭ ކަމަށްވަންޏާ، ސާފު ފައިދާގެ ކޮންމެވެސް ރީޒަނަބްލް ޢަދަދެއް، ސަރުކާރުގެ މާލިއްޔާއަށް ދައްކަންޖެހޭނެ.
 
އެހެންވީމާ، އިހުގައި ހުރި މިކަހަލަ ރަނގަޅު އާދަތަކަކީ، ޝައްކެއްވެސްނެތްގޮތުގައި ވެއްޖިއްޔާ، ސެންޓްރަލް ފައިނޭންޝަލް ޕޮލިސީއަށް ބަލާކަމަށްވަންޏާ، ސަރުކާރަށް ބޭނުންވާ ކަންތައްތައް. ސަރުކާރުން ޚިދްމަތް ދޭންޖެހެނީ ރާއްޖޭގެ އެކި ހިސާބުގައި، ދުރަސް ކައިރިޔަސް، ކުޑަޔަސް ބޮޑަސް. ސްކޫލާއި، ހޮސްޕިޓަލާއި، މަގުތަކާ، މިކަންކަން ކުރަންޖެހޭ. އެހެންވީމާ، ސަރުކާރަށް ޓެކްސް ނަގައިގެން މިކުރެވޭ މަސައްކަތުގެ އިތުރަށް، ސަރުކާރު އަބަދުވެސް ބަރޯސާވޭ، ކުންފުނިތަކުން ލިބޭ ފައިދާއަށް. އެހެންވީމާ، ކުންފުނިތަކުގެ ބޯޑްރޫމްގައި، މިކަންކަމާ ދޭތެރޭގައި އަލުން ވިސްނާވަޑައިގަންނަވަން އެބަޖެހޭ. ކުންފުނިތަކުގެ ބޯޑްރޫމްގެ ޑިޒީޝަނަކަށް ދެނެއް ނުވާނެ، ޑިވިޑަންޑް ދައްކާނެތޯ ނުދައްކާނެތޯ. ކުންފުނިތަކުގެ މޭޖަރ ޝެއަރ ހޯލްޑަރަކީ ސަރުކާރު. އެހެންވީމާ، އެކަންކަން ނިންމާނީ ސަރުކާރުން. ސަރުކާރުން އެ ކަނޑައަޅާ ވިއުގައެއްގެ ތެރޭގައި، ގައިޑްލައިނެއްގެ ތެރޭގައި، ކުންފުނިތަކުގެ ބޯޑްރޫމުން ލެވަރޭޖް އޮންނާނެ މެނޫއަރ ކުރައްވަން. އެހެންވީމާ، ކުންފުނިތަކަށްވެސް މިކަމުން އަންނާނީ ރަނގަޅު ބަދަލު. ކުންފުނިތަކަށްވެސް މިކަމުން އަންނާނީ ރަނގަޅު ބަދަލު. އަޅުގަނޑުމެންގެ ތެރޭގައި ހުރި ކުންފުނިތަކަށް ބަލާކަމަށްވަންޏާ، ނެޗްރަލް މޮނޮޕޮލީޒް އެބަހުރި. މިސާލަކަށް، އެމް.އޭ.ސީ.އެލް. އެއަރޕޯޓް ކުންފުންޏަކީ ނެޗްރަލް މޮނޮޕޮލީއެއް. އެއަރޕޯޓް ކުންފުނިން ވިއްކާ ތެލުގެ އަގުތައްވެސް އަޅުގަނޑުމެން ޖެހޭ ރެގިއުލޭޓް ކުރަން. ހަމައެހެންމެ، އެސް.ޓީ.އޯ އަކީވެސް މިސް ބިޒްނަސްއެއްގެ ގޮތުގައި އޮޕަރޭޓް ކުރާ ކުންފުންޏެއް. އެކަމަކު އެސް.ޓީ.އޯ.ގެ ތެލުގެ ވިޔަފާރިއަކީ ނިޔަރ މޮނޮޕޮލީއެއް. ނޫނިއްޔާ ޑުއޮޕޮލީއެއް އޮތް ހިސާބު އޮތީ. އެހެންވީމާ، އެ ވިޔަފާރި ސަރުކާރުން ޖެހޭ ރެގިއުލޭޓް ކުރަން. އެ ވިޔަފާރި ރެގިއުލޭޓް ކުރަންޖެހެނީ، މުޅި އިޤްތިޞާދު، ހަކަތައިގެ މައްޗަށް ބަރޯސާވެފައި އޮންނާތީ.
 
ހަމައެހެންމެ، ފެން ކުންފުނި މިއީ ނެޗްރަލް މޮނޮޕޮލީއެއް. މިއިން ކޮންމެ ކުންފުންޏަކުން، އެ ކުންފުންޏެއްގެ ވިޔަފާރިއާ ގުޅޭ ދާއިރާއެއްގައި ވިޔަފާރިތައް ޑައިވައިސިފައި ކުރައްވަންވީ، ފުޅާކުރައްވަންވީ. އެ ފުޅާކުރައްވާ ކުރެއްވުމަކަށް ސަރުކާރުގެ އެއްވެސް ހިފެހެއްޓުމެއް، ހުރަހެއް ނޯންނާނެ. އެހެންވީމާ، މިދެންނެވި ސަބަބުތަކަށްޓަކައި ކުންފުނިތަކުން ވިސްނާވަޑައިގަންނަވަންޖެހޭ ތިންވަނަ ކަމަކީ، ކޮންމެ ކުންފުންޏަކީ ސޯޝަލް ރެސްޕޮންސިބިލިޓީ އޮތް ކުންފުންޏެއްކަން ގަބޫލުކުރައްވާށޭ.
 
އަޅުގަނޑު ހަމަ މިއަދު އުފަލާއެކީ ފާހަގަކުރަން، އެސް.ޓީ.އޯ މިކަމުގައި އެހާ ސާބިތު ގޮތެއްގައި، އެހާ ޝާމިލު ގޮތެއްގައި މަސައްކަތް ކުރައްވާތީ. ސޯޝަލް ރެސްޕޮންސިބިލިޓީ އޮތްކަން އެސް.ޓީ.އޯ މިވަނީ މިދިޔަ ދުވަސްތަކުގެ ތެރޭގައި ދައްކައިދީފައި. ޒުވާނުންގެ ވިޔަފާރިއާއި މުނިފޫހިފިލުވުމުގެ ޙަރަކާތްތަކަށް، އެސް.ޓީ.އޯ އިން ވަނީ އެކި މިންވަރަށް ޚަރަދުކޮށްދީފައި، ހޭދަކޮށްދީފައި، ޕްރޮމޯޝަނަލް ބަޖެޓަކުން. މިއީ ޝައްކެއްވެސްނެތްގޮތުގައި، އެސް.ޓީ.އޯ އަށް ޝުކުރު ޙައްޤުކަމެއް. އަދި ހަމަޖެހޭ އުޞޫލަކުން ބޯޑުން ފާސްކޮށްގެން، ކުންފުނީގެ އަހަރީ ބަޖެޓްގެ ތެރޭގައި ހިމަނައިގެން، މިދެންނެވި ގޮތްތަކަށް، ސަރުކާރުން މިކުރާ މަސައްކަތަށް، ސަރުކާރުގެ ބަޖެޓުން އެކަނި މިކަން ނުކުރެވޭތީ، މިދެންނެވި ގޮތަށް މުނިފޫހިފިލުވުމާއި، ޒުވާނުންގެ ޙަރަކާތްތަކަށް އެހީތެރިވެވަޑައިގެން ދެއްވުމަކީ، އެސް.ޓީ.އޯ އިން މިހާތަނަށް ވަރަށް ރަނގަޅަށް ކުރައްވަމުން އަންނަ ކަމެއް. އެކަމަށްޓަކައި އެސް.ޓީ.އޯ.ގެ މިހާރުގެ މެނެޖްމަންޓަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
އަދި ހަމައެޔާއެކީ އަޅުގަނޑު ދަންނަވާލާނަން، ދާދި އިހަށްދުވަހަކު، އަޅުގަނޑު ކުރި އިލްތިމާސެއް، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން، ނޫނީ ނުކުޅެދުންތެރި ކުދިން، ސަރުކާރުގެ ކުންފުނިތަކަށް ނަގައިދެއްވާށޭ. އަދި އެކުދިންގެ ސިކުނޑިއަށާއި އަދި އެކުދިންގެ ކުޅެދުންތެރިކަމާ ގުޅޭ މިންވަރަކަށް އެކުދިންނަށް މަސައްކަތް ޖައްސުވާށޭ. ދެންމެ އަޅުގަނޑު މެނެޖިންގ ޑިރެކްޓަރ އަރިހުން ސާފުކޮށްލިން. އަޅުގަނޑުމެންނަށް މިރޭ ސްޓޭޖްމަތީގައި ޙަރަކާތުން ފެނިގެންދިޔަ ޙަރަކާތުގައިވެސް އެސް.ޓީ.އޯ އަށް މިގޮތަށް ނެގި ޚާއްޞަ އެހީއަށް ބޭނުންވާ ނޫނީ ނުކުޅެދޭ ކުދިންގެ ތެރެއިން ދެކުދިން އެބަ ހިމެނޭ. މިއީ ދޮއެއްތޯ، އެކުދިންނަށް ލިބެންވީ އުފަލަކީ. މިއީ މިދެންނެވި ސޯޝަލް ރެސްޕޮންސިބިލިޓީ އުފުލުމަކީ. މިއީ މައިކްރޯ ލެވެލެއްގައި ސޯޝަލް ރެސްޕޮންސިބިލިޓީ އުފުލަނީ. މިއަށްވުރެ ބޮޑެތި ކަންތައް އެސް.ޓީ.އޯ ކުރައްވަން އެބަޖެހޭ. ބޮޑެތި ކަންތައް، މުޅި މުޖްތަމަޢަށް ފައިދާހުރި ކަންތައްތަކުގެ ތެރޭގައި، އެސް.ޓީ.އޯ އަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް އަދި އެސް.ޓީ.އޯ އެކަމުން ބްލީޑްވަމުންދިޔަ ނަމަވެސް، އެއޮތީ ފުވައްމުލަކުގައި އެއަރޕޯޓެއްވެސް ހަދާފައި. އަދި އެހެރީ ހުޅުދޫގައި ދުވަހަކުވެސް ރިކަވަރ ނުވާވަރުގެ ބޮޑު އޮފީސް އިމާރާތެއްވެސް ހައްދަވާފައި. އެހެންވީމާ، އެ ހުންނަނީ ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން އެވަގުތަކު ތިއްބަވާ ބޭފުޅުންނަށް ފެނިވަޑައިގެން ކުރައްވާ ކަންތައްތައް. އެކަމަކު ހަމަ މުޅިން އިޤްތިޞާދީ ނަޒަރިއްޔާއަކުން، ވިޔަފާރީގެ ނަޒަރިއްޔާއަކުން ދަންނަވާ ކަމަށްވަންޏާ، މިއީ ކުރެވިގެންވާނެ ކަންތައްތަކެއްވެސް ނޫން. ކުރިއަށް އޮތް ތަނުގައި، ބޯޑްރޫމް ތަކުގައި މިކަހަލަ ކަންކަމާ ދޭތެރޭގައި ވިސްނާވަޑައިގަންނަވަންވާނެ.
 
އެސް.ޓީ.އޯ އަކީ ޝޯޓް ޓަރމް ޓްރޭޑިންގގައި އުޅޭ ކުންފުންޏެއް. އެސް.ޓީ.އޯ އިން ބައެއްކަހަލަ އިންވެސްޓްމަންޓްތަކަށްދާނެ. އެކަމަކު އެ އިންވެސްޓްމަންޓަކީ، އޭގެ ޒާތުގައި އިކޮނޮމިކް ރިޓަރން ހުންނަ ކަންތައްތައް. މިސާލަކަށް، ރޫފިންގ މެޓީރިއަލް، ޓިނު ހެދުން، ނޫނިއްޔާ ކުކިންގ ގޭސް ބަންދުކުރުން، ނޫނިއްޔާ ސިމެންތި ބަންދުކުރުން. މިހުންނަނީ އޭގެ ޒާތުގައި، މިރަށުގެ ނޫނިއްޔާ ދިވެހިރާއްޖޭގެ މާކެޓް ސެގްމަންޓްގައި ބޮޑު ޢަދަދެއް، އެސް.ޓީ.އޯ އިން މިހާރު އެ ބުރަ ނަގައި، ވިޔަފާރި ޑްރޮޑަކްޓްތައް. މިއިން ފައިދާ ލިބޭ އެސް.ޓީ.އޯ އަށް. ފުރަތަމަ ފަށާއިރު ހިނގައިދާނެކަންނޭނގެ، ތިން ހަތަރު އަހަރު މިއިން ފައިދާއެއް ނުލިބި. އެކަމަކު އޭގެފަހުން މިއީ ފައިދާވާ ކަންކަން. އެހެންނަމަވެސް، މިދެންނެވި ކަހަލަ ބައެއް އިންވެސްޓްމަންޓްތައް، މީގެކުރީގައި ހެދިފައި ހުރި ބައެއް އިންވެސްޓްމަންޓްތައް. އަޅުގަނޑަކަށް ނުވިސްނޭ، އެސް.ޓީ.އޯ އަކުން ދުވަހަކުވެސް އެސް.ޓީ.އޯ އިން ފުވައްމުލަކުގައި އަޅުއްވާފައި އޮތް އެއަރޕޯޓުން ފައިދާ ހޯއްދެވޭނެ ތަނެއް. މިހާރު އަޅުގަނޑުގެ މޭޒުމައްޗަށް އައިސްފައި އެއޮތީ، އެ އެއަރޕޯޓާ ސަރުކާރުން ޙަވާލުވެފައި، އެސް.ޓީ.އޯ އަށް ކޮންމެވެސް ކަހަލަ ބަދަލެއް ދޭން. އަޅުގަނޑު ބޭނުންވަނީ އެސް.ޓީ.އޯ އަށް މިކަމުގައި އެހީތެރިވާން. ސަރުކާރުން އެ އެއަރޕޯޓާ ޙަވާލުވާނެ. ޙަވާލުވެފައި އެސް.ޓީ.އޯ އަށް ބަދަލުދޭނެ. އެއީ، އެސް.ޓީ.އޯ އިން އޭރު ހަދާފައި އެއޮތް އިންވެސްޓްމަންޓަކީ، ސަރުކާރުން އޭރު އަންގައިގެން ހަދާފައި އޮތް އިންވެސްޓްމަންޓަކަސް އެސް.ޓީ.އޯ އަކަށް ފައިދާހުރި އިންވެސްޓްމަންޓެއް ނޫން. އަދި ކީއްތޯ، އެސް.ޓީ.އޯ އިން ވިޔަފާރީގެ ބޭނުމަށް ހޭދަކުރަން ހުރި ފައިސާކޮޅު، އެކަންކަމަށް ގޮސް ހުސްވީ. އެކަންކަމަށް ގޮސް ހުސްވެފައި، ދެން އެސް.ޓީ.އޯ އިން ބޮރޯކުރަން މިޖެހެނީ، ކޮމަރޝަލް ލެންޑިންގގައި، ބޮޑު އަގެއް ދައްކާފައި.
 
އެހެންވީމާ، މިކަހަލަ ކަންތަކުން އެސް.ޓީ.އޯ އެބަޖެހޭ ދުރަށްދާން. އެހެންވީމާ، މިކަހަލަ ކުންފުނިތައް އުފެއްދިފައި ހުރި ބޭނުމާ ހަމަޔަށްދާ ކަމަށްވަންޏާ، އަޅުގަނޑުމެން، 50 އަހަރު ވެގެންދާ މި ޙަފްލާގައިވެސް، މި ޔޫބީލް ޙަފްލާގައިވެސް ފާހަގަކުރަންޖެހެނީ، އަޞްލަށް އަޅުގަނޑުމެން އަނެއްކާވެސް ރުޖޫޢަވާން އެބަޖެހޭ. މި ކުންފުނިތައް ސަރުކާރުން އުފައްދާފައި ހުރި ބޭނުންތައް ފުދެނީ ކިހާ މިންވަރަކަށްތޯ، ކުންފުނިތަކުގެ ބޯޑްރޫމްތަކުގައި އެބަޖެހޭ މުރާޖަޢާކޮށްލަން. ކޮށްލާއިރު ފުރަތަމަ އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަނީ، ކުންފުނިތައް އުފައްދާފައި މިއޮތީ އެއްވެސް ހާލެއްގައި ޙިއްޞާދާރަށް ލިބެންވާ ފައިދާ މެކްސިމައިޒް ކުރާކަށެއް ނޫން. ގުޑް ގަވަރނަންސް ނޫނީ ވިޔަފާރީގެ އުޞޫލާ ޚިލާފު އުޞޫލެއް ސަރުކާރު ކުންފުނިތަކުގައި ގެންގުޅެންޖެހެނީ. ސަރުކާރު ކުންފުނިތަކުން މިދެންނެވި ކަހަލަ ކުންފުނިތަކުގެ އެއްވެސް ރޯލެއް ނޯންނާނެ، ޕްރޮފިޓް މެކްސިމައިޒް ކުރާކަށް. އެކަމަކު ރީޒަނަބްލް ރަނގަޅު ޕްރޮފިޓެއް ހޯދުމަކީ ކުރަންޖެހޭ ކަމެއް. ސަރުކާރުން އެންމެބޮޑަށް ބޭނުންވާނީ އެ ވިއްކާ މުދަލެއް، އެ ދޭ ޚިދްމަތެއް ހުސްނުވެ، ރައްޔިތުންނަށް ހެޔޮ އަގެއްގައި، ނޫނިއްޔާ ކުޅެދޭ، ނޫނިއްޔާ ކުޅަދާނަ އަގެއްގައި ދެއްކޭވަރު މިންވަރެއްގައި ބެހެއްޓުން.
 
އެޔާއެކީ ދެވަނަ ކަމެއްގެ ގޮތުގައި ދަންނަވާލަން ބޭނުންވަނީ، އެސް.ޓީ.އޯ ކަހަލަ ބޮޑެތި ވިޔަފާރި ކުންފުނިތައް، ސަރުކާރަށް އެންމެ ދަތިވެގެންދާ އިޤްތިޞާދީ ޙާލަތުގައި، ބާޒާރުގެ އަގުތައް ކޮންޓްރޯލް ކޮށްދޭ ތަނަކަށްވާން އެބަޖެހޭ. އަޅުގަނޑުމެންނަށް އެންމެ ދަތިވެގެންދިޔަ ޤަލްފް ހަނގުރާމައިގެ ދުވަސްކޮޅު، ނޫނީ 1993، 1994 ގައި ދިވެހި ރުފިޔާގެ އަގު ޑިވެލިއު ކުރަން ނިންމި އެ ދަތި ދުވަސްވަރުގެ ތެރޭގައިވެސް އިޤްތިޞާދު ރަނގަޅު ކުރަން ކުރި މަސައްކަތުގެ ތެރޭގައި، އެސް.ޓީ.އޯ އިން ކާޑާއި، ތެލާއި، ހިލަ ހިލަވެލި، ސިމެންތީގެ އަގުތައް، އެ އަގުގައި ހިފަހައްޓައިދެއްވީމަ، ބާޒާރަށް އެވަރުގެ ލޮޅުމެއް ނައިސް، އަޅުގަނޑުމެން އިންފްލޭޝަނަށް ޖާގަނުދީ، އަޅުގަނޑުމެންނަށް އެކަން ދެކޮޅު ޖެއްސުނީ. މީގެ ބޮޑު ޒިންމާއެއް އެސް.ޓީ.އޯ ގައި އެބައޮތް. މިހާރުވެސް އެ ޒިންމާ އެބައޮތް. މިހާރުވެސް ރާއްޖެއަށް ގެންނަ ތެޔޮ މި ގެންނަނީ އެސް.ޓީ.އޯ އިން. މިހާރުވެސް ހުރިހާ ކުދިން ދުއްވާ ސައިކަލްތަކަށް އަޅާ ޕެޓްރޯލް މި އަޅަނީ އެސް.ޓީ.އޯ އިން. އަދި ހަމަ މިހާރުވެސް ކާޑު ގެންނަ މޮނޮޕޮލިސްޓިކް ސިޗުއޭޝަންގައި ހަމަ ހުރީ އެސް.ޓީ.އޯ. މީގެ ޒިންމާތަކެއް އެބައުޅޭ. އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ކުރިއަށް އޮތް ތަނަށް ވިސްނާއިރު، ހަމަ މިކަހަލަ އިތުރު އިންވެސްޓްމަންޓްތަކަށް އެސް.ޓީ.އޯ ވަޑައިގަންނަވަން އަޅުގަނޑު މިރޭ ހަމަ ހިތްވަރު ދޭނަމޭ.
 
އަޅުގަނޑަށް އެސް.ޓީ.އޯ އިން އެދިވަޑައިގެންފައި އޮތް، އަޅުގަނޑުގެ މިރޭގެ ވާހަކައިގައި، ކޮންމެވެސްވަރަކަށް ޙިއްޞާކޮށްލަން، ކޮބައިތޯ އެސް.ޓީ.އޯ ދާން މިޞްރާބު ޖަހަންވީ ދިމާލަކީ. އެސް.ޓީ.އޯ ދާން މިޞްރާބު ޖަހަންވީ ބައެއް ދިމާތައް އަޅުގަނޑު މި ދަންނަވާލީ. ރާއްޖޭގައި ވިޔަފާރީގައި ފުރްޞަތު އޮތް. ނޫނިއްޔާ ރާއްޖޭގެ ވިޔަފާރިއަށް މިވަގުތު ބޭނުންވާ ކަންތައްތަކުގެ ތެރޭގައި، އިޤްތިޞާދީ ޞިނާޢީ މަސައްކަތްތަކުގެ ތެރެއަށް، އޭގެ ޒާތުގައި ދެއަހަރު، ތިންއަހަރު ފަހުން އިކޮނޮމިކް ރިޓަރނެއް ލިބޭ ކަންތައްތަކުގެ ތެރެއަށް އެސް.ޓީ.އޯ އެބަޖެހޭ ޝާމިލް ގޮތެއްގައި ވަންނަން. އެސް.ޓީ.އޯ އަކީ އަބަދު މުދާ ގަނެ، މުދާ ވިއްކަން ތިބެވޭ ބަޔަކަށް ނުވާނެ. އެކަން ކުރެއްވުމާއެކީ، މިދެންނެވި ކަހަލަ ދާއިރާތަކަށް ޕްރޮޑަކްޓް ލައިން ޑައިވަރސިފައި އެބަ ކުރައްވަންޖެހޭ.
 
ހަމައެޔާއެކީ އެސް.ޓީ.އޯ މިހާރަށްވުރެން ފުޅާ ގޮތެއްގައި ނެޓްވަރކިންގ އަށް އެބަ ވަންނަންޖެހޭ. ބައިނަލްއަޤްވާމީ ވިޔަފާރީގެ ތެރެއަށް އެބަ ވަންނަންޖެހޭ. ބައިނަލްއަޤްވާމީ ވިޔަފާރީގެ ތެރެއަށް ވަނުމަކީ ދަތިކަމެއް ނޫން. ދަތިކަމަކަށް ނުވާ ސަބަބަކީ، އަޅުގަނޑު ދަންނަވާލީ ކުރީގެ މިސާލު. ހިޓާޗީ އާއި، ނޫނީ ސުމިޓޯމޯ އާއި ދިވެހިރާއްޖެއާ، ތެޔޮ ބަރުމާއަށް ވިއްކާ ކަމަށްވަންޏާ، ތިޔަބޭފުޅުންގެ ޚިޔާލުފުޅަށް ގެންނަވާ. ސުމިޓޯމޯ ކޯޕަރޭޝަނަކީ ވަރަށްބޮޑު ކުންފުންޏެއް. އެއީ ވަކި ކަހަލަ ޕޭރޯލްއަކާއި، ވަކިކަހަލަ މުސާރަ ސްޓްރަކްޗަރަކާއި، ވަކިކަހަލަ ޚަރަދުތަކަށް ހޭނިފައި ހުރި ބޮޑެތި ކުންފުނި. އެކަމަކު އެސް.ޓީ.އޯ އަކީ އެކަހަލަ ބޮޑެތި ހޭދަތަކެއް، ނޫނީ އެކަހަލަ ބޮޑެތި އޯވަރ ހެޑް ކެޕިޓަލް، ނޫނިއްޔާ އޯވަރ ހެޑް ޚަރަދުތަކެއް ހިމެނޭ ކުންފުންޏެއް ނޫން. އެހެންވީމާ، މިދެންނެވި ޕްރައިޒް އަރބިޓްރާޖްގައި، ޖާގަ މި ލިބެނީ މިދެންނެވި ކަހަލަ ފްލެކްސިބްލް ކުންފުނިތަކަށް. އެހެންވީމާ، ކީއްވެގެންތޯ، އަޅުގަނޑުމެންނަށް ބައިނަލްއަޤްވާމީ ޓެންޑަރެއްގައި، ތެޔޮ ގަންނަން މިހިރީ ހަމަ ދާދި އެއް ޤައުމުތަކެއް. ޖަޕާނަކީވެސް ތެޔޮ އުފައްދާ ޤައުމެއް ނޫން. ޖަޕާނަކީ ނެޓް ތެޔޮ އެތެރެކުރާ ޤައުމެއް. އެހެންވީމާ، އެމީހުންގެ ކުންފުނިތަކަށް މިކަހަލަ ޓްރޭޑްގައި ބައިވެރިވެވޭ ކަމަށްވަންޏާ، އެސް.ޓީ.އޯ އިން ވިޔަފާރީގައި ބައިވެރިނުވެވޭންވީ ހަމަ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑުމެން ހުންނާނީ މިދިޔަ ކައިރި މާޒީގައި މިކަންކަން ކޮށްފައި ހުންނާނީ އެސް.ޓީ.އޯ.ގެ ތެރެއިން. މިހާރުވެސް އެކަން ކުރެވޭނެ.
 
އަދި ހަމައެހެންމެ، އެސް.ޓީ.އޯ.ގެ އެންމެ މައިގަނޑު ވިޔަފާރިއަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދުގައި އެސް.ޓީ.އޯ އިން ކޮށްދޭ ކަންތަކުގެ ތެރެއިން އެންމެބޮޑު ބުރައެއް އުފުލާ އެއްކަމަކީ ތެޔޮ ކަމަށްވާތީ، ތެލުގެ އަގުތައް ހެޔޮކުރެވޭނެ ގޮތަކާއި، މިހާރަށްވުރެ އަގުހެޔޮ ގޮތެއްގައި ތެޔޮ ހޯދޭނެ، ރާއްޖޭގެ ރައްޔިތުންނަށް ތެޔޮ ފޯރުކޮށްދެވޭނެ ގޮތްތަކަކާ ދޭތެރޭގައިވެސް އެބަ ވިސްނަންޖެހޭ. އޭގެތެރޭގައި އޮތީ ހަމައެކަނި، ހަމައެކަނި އޭގެތެރޭގައި އޮތީ ސާފުކުރި ތެޔޮ އިމްޕޯޓް ކުރުން އެކަންޏެއް ނޫން. އެއަށްވުރެ ފުޅާ ދާއިރާއެއްގައި، ތެލާ ދޭތެރޭގައި އެސް.ޓީ.އޯ އިން މިހާރުވެސް ވިސްނާވަޑައިގަންނަވާ. އަދި މިދަންނަވަނީކީ ރާއްޖޭގެ ސަރަޙައްދުން ތެޔޮ ފެނޭތޯ ބަލާށެކޭވެސް ނޫން. އެނޫން އެހެން ކަންތައްތައް އެބަހުރި. އޭގެ ތަފްޞީލަކަށް އަޅުގަނޑު ދާކަށް ނެތިން.
 
ހަމައެހެންމެ، އެސް.ޓީ.އޯ އިން އެބަ ވިސްނާވަޑައިގަންނަވަންޖެހޭ، ޒަމާނުއްސުރެ ދިވެހިރާއްޖޭގައި، މި ފަހުގެ ތާރީޚުގައި އަބަދުވެސް ދިވެހިރާއްޖޭގައި ޤައުމީ ޝިޕިންގ ލައިނެއް އެބައޮވޭ. ޤައުމީ ޝިޕިންގ ލައިނެއް ނެތުމަކީ، ދަތިވާ ދުވަސްވަރެއްގައި ވަރަށް ބޮޑެތި ތަކުލީފުތައް އަޅުގަނޑުމެން އުފުލަންޖެހޭނެ ކަމެއް. އަޅުގަނޑުމެންގެ ރާއްޖޭގެ ހުރިހާ މުދަލެއްގެ އަގު ދެން ޑިޕެންޑް ވާނީ ރާއްޖެއިން ބޭރުން މުދާ ގެންނަ ބޯޓުފަހަރުގެ ފްރެއިޓަށް. އެ ޑިކްޓޭޓް ކުރުމުގެ އެއްވެސް ބާރެއް ސަރުކާރަކަށެއް ނެތް. މިއަދު ރާއްޖޭގައި އެގޮތަށް އޮޕަރޭޓް ކުރާ ހަމަ މިއޮތީ އެންމެ ކުންފުންޏެއް. އެހެންވީމާ، ޤައުމީ ޝިޕިންގ ލައިނެއް އެބަ އޮންނަންޖެހޭ. އަޅުގަނޑެއް ގަބޫލެއް ނުކުރަން، ޤައުމީ ޝިޕިންގ ލައިނެއް، ޤައުމީ ޝިޕިންގ ލައިނެއްގެ ނަމުގައި އެކަނި ހަދައިގެން ހިންގިދާނެ ކަމަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. އެ އެކްސަރސައިޒް ވަނީ ފެއިލްވެފައި. މިދެންނެވި ކަހަލަ އިކޮނޮމިކް ސިނަރޖީއެއް ނުނުކުމޭ އެއަކުންނެއް. އެހެނެއް ނޫން، އެސް.ޓީ.އޯ ކަހަލަ ބޮޑު ޢަދަދެއްގެ މުދާ އިމްޕޯޓް ކުރާ ބަޔަކަށް، އެސް.ޓީ.އޯ.ގެ ކާގޯ ޑިޕާޓްމަންޓެއްގެ ގޮތުގައި ޝިޕިންގ ލައިން އުފައްދައިގެން ހިންގިދާނެ. އަދި އޭގައި އެސް.ޓީ.އޯ އަށް ފައިދާތަކެއްވެސް ލިބޭނެ. އަދި އޭގައި މިދެންނެވި ގޮތަށް، އަމިއްލަ ވިޔަފާރިވެރިންނަށްވެސް ފްރެއިޓް އަގުހެޔޮކޮށް، ނާލު އަގުހެޔޮކޮށް، އަގުހެޔޮކޮށް މުދާ ގެނެސްދެވޭނެ.
 
އެހެންވީމާ، އަޅުގަނޑު މިރޭވެސް ހަމަ އިލްތިމާސް ކުރަން، މިދެންނެވި ބައެއް ކަހަލަ ދާއިރާތަކާ ދޭތެރޭގައި ވިސްނާވަޑައިގަންނަވާށޭ. މިއީ އަނެއްކާވެސް ސަރުކާރަށް ނުކުރެވޭވަރުގެ އަދި އަމިއްލަ ވިޔަފާރިތަކަށް ގިނަ ބަޔަކު ނުކުމެ ނުކުރެވޭވަރުގެ ކަންތައްތަކުގެ ވާހަކަ މިދަންނަވަނީ. މިހާރުވެސް ރާއްޖޭގެ ޝިޕިންގ ލައިން، އެއް ކުންފުނި އެބައޮތް. އެހެން ނަމަވެސް، އެވަރަކުން ނުފުދޭ. ރާއްޖޭގެ ވިޔަފާރިތައް މިދަނީ ފުޅާވަމުން. ރާއްޖޭގެ އިޤްތިޞާދު މިދަނީ ފުޅާވަމުން. ރާއްޖެއަށް އަންނަ ތަނަވަސްކަން އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތާއެކީ މިދަނީ ފުޅާވަމުން. އެހެންވީމާ، މިޔާއެކީ އެންމެ މުހިންމު ކަމެއް ކޮށްދޭން އޮތް ކަމަކީ، މިދެންނެވި ގޮތަށް ކާޑު. އެސް.ޓީ.އޯ އަށް ހަމަ ރަނގަޅަށް އެނގިވަޑައިގަންނަވާނެ، އެސް.ޓީ.އޯ އިން ގެންނަ މުދާ، ނޫނީ އެސް.ޓީ.އޯ.ގެ ވިޔަފާރީގެ އެންމެބޮޑު ބައެއް، އެންމެބޮޑު ބުރައެއް، ގާތްގަނޑަކަށް ހަތްދިހަ ފަސް ޕަސެންޓް، ނޫނީ އަށްޑިހަ ޕަސެންޓް    މި ނަގަނީ ތެޔޮ. ތެޔޮ، ބޭރު ބޯޓުފަހަރުގައި ނޫނީ އެއަށް ފްރެއިޓް ދައްކައިގެން ގެންނަން ޖެހުނީމަ، އެސް.ޓީ.އޯ ކޮމްޕެޓެޓިވް ނޫންކަން އެސް.ޓީ.އޯ އަށް އެނގިވަޑައިގަންނަވާނެ. އެ ދާއިރާއަކީ އެސް.ޓީ.އޯ ވިސްނަންޖެހޭ ދާއިރާއެއް. އެހެންވީމާ، އެސް.ޓީ.އޯ އަށް މިދެންނެވި ކަހަލަ ޓޭންކަރުތައް ހޯދުމަކީ، އެސް.ޓީ.އޯ ވިސްނަންޖެހޭ ކަންތައްތައް. އެކަމަކު މިއީކީ ކުދި ކަންތައްތަކެއް ނޫން. އެކަމަކު ދިވެހިރާއްޖޭގެ އިޤްތިޞާދު މިއަދު އައިއްސަ އޮތް ހިސާބުން މިއީ ކުރެވިދާނެ ކަންތައް. މިއީ ކުރަންޖެހޭވަރުގެ ކަންތައް. އޭގައި ސަރުކާރުން އެސް.ޓީ.އޯ އަށް ކޮންމެވެސް އުޞޫލެއްގެ ދަށުން އެހީތެރިވާނަން. އެއީ މުޅި ޤައުމުގެ އިޤްތިޞާދަށް އޭގެ މަންފާ ލިބެންހުރި ކަންތައްތައް. އެހެންވީމާ، މިއާ، ބައިނަލްއަޤްވާމީ ވިޔަފާރީގެ ތެރެއިން އެސް.ޓީ.އޯ ވެދެވަޑައިގަތުމަކީ އަޅުގަނޑު އިލްތިމާސް ކުރާ ކަންކަން.
 
ހަމައެޔާއެކީ އަޅުގަނޑު ވާހަކަކޮޅު ނިންމާލަމުންވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ކުންފުނިތައް އޮޑިޓް ކުރުމުގެ މަސައްކަތްތަކެއް ފެށިގެން މިދަނީ، ކުންފުނިތައް ކޮމްޕެޓެޓިވް ކުރާށޭ. ކުންފުނިތަކާ ދޭތެރޭގައި އަޅުގަނޑުގެ ވިސްނުން އޮންނަ ގޮތް ހަމަ ދަންނަވާލާނަން. މިއީކީ ކުންފުނިތަކަކަށް އެންމެ އެކަށީގެންވާ ޖާގަން ކަމަށްވެސް ނުވެދާނެ. އެކަމަކު ކުންފުނިތަކަކީ، ލީން، މީން ފައިޓިންގ ކުންފުނިތަކަކަށް ވާންޖެހޭ. އޭގެ މާނައަކީ ޚަރަދު ކުޑަވުމާއި، އެފިޝަންސީއާއެކީ ފައިދާ ނެރޭ ކުންފުނިތަކަކަށް ކުންފުނި ވާންޖެހޭނެ. އެހެންވީމާ، އެސް.ޓީ.އޯ އަކީވެސް އޭގެ ޒާތުގައި އެފިޝަންޓް ކުންފުންޏަކަށް ވާން އެބަޖެހޭ. ކުންފުނި، އެފިޝަންޓް ވެވޭނީ ކުންފުނީގެ އޯވަރހެޑް ޚަރަދުތައްވެސް ކުޑަކޮށްގެން. އޯވަރހެޑް ޚަރަދު ބޮޑުވިވަރަކަށް ކުންފުނި އަންކޮމްޕެޓެޓިވް ވާނެ. ނޫނީ އިންކޮމްޕެޓެޓިވް ވާނެ، ވިއްކާ މުދަލުގައި، ދޭ ޚިދްމަތުގައި. އެހެންވީމާ، އެސް.ޓީ.އޯވެސް އެބަޖެހޭ، ކުރިއަށް ވިސްނާއިރު، އެސް.ޓީ.އޯ.ގެ ޕޭރޯލާ ދޭތެރޭގައި ވިސްނާލަންޖެހޭ. އެސް.ޓީ.އޯ. އިން ކުރާ ޚަރަދުތަކާ ދޭތެރޭގައި އެބަ ވިސްނާލަންޖެހޭ. ވިސްނާލާފައި އެސް.ޓީ.އޯ.ގެ މުޅި ވިޔަފާރީގެ ފިލޯސަފީ ބަދަލުވާން އެބަޖެހޭ. އެސް.ޓީ.އޯ. އަކީ މިދެންނެވި ވާދަވެރި އަދި ރާއްޖޭގެ އެކި ދާއިރާތަކަށް އަމިއްލަ ވިޔަފާރިތައް ނުކުންނަމުންދާ ވަގުތެއްގައި، މިދެންނެވި ކަހަލަ ވާދަވެރި މާޙައުލެއްގައި ނޫނީ ވާދަވެރި ވެށްޓެއްގައި، ސާބިތުކަމާއެކީ ތެޔޮ، ކާޑު، ހިލަ ހިލަވެލި އަދި ރައްޔިތުންނަށް ބޭނުންވާ ކަހަލަ މުހިންމު އަސާސީ ޚިދްމަތްތައް ދެވޭވަރު ކުންފުންޏަކަށްވާން އެބަޖެހޭ.
 
އަދި އެޔާއެކީ، ސީ.އެސް.އާރު.ގެ ދަށުން ނަމަވެސް އެސް.ޓީ.އޯ މިހާރު އުފުއްލަވާފައިވާ ޒިންމާއަކީ، މުޅި ރާއްޖެއަށް ބޭނުންތެރި ކަންތައްތައް. ރާއްޖޭގެ ހުރިހާ ހިސާބެއްގައި، ސަރުކާރުގެ އެއް ބޭސްފިހާރަ ހުންނަން މިހާރު އަޅުގަނޑު އެ އޮތީ ނިންމާފައި. އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރުގެ ނިޔަލަށް، ރާއްޖޭގެ ކޮންމެ ދިމާއެއްގައި ނަމަވެސް، މީހުން އުޅޭ ރަށެއްގައި ވެއްޖިއްޔާ، އެސް.ޓީ.އޯ.ގެ ބޭސްފިހާރައެއް ހުންނާނެ. ބޭސްފިހާރައަކީ އޭގެ ޒާތުގައި އެއިން ބޮޑެތި ފައިދާތަކެއް ލިބޭނެ ތަންތަނެއް ނޫން. އެހެންވީމާ، މި ލިބޭ ގެއްލުންތައް، އެސް.ޓީ.އޯ.ގެ ޕްރޮޑަކްޓް ލައިންގެ ތެރޭގައި، އެއް ޑިޕާޓްމަންޓުން އަނެއް ޑިޕާޓްމަންޓަށް އެބަޖެހޭ ކްރޮސް ސަބްސިޑައިޒް ކުރަން. އެހެންވީމާ، އެސް.ޓީ.އޯ އެބަޖެހޭ، އާ ވިޔަފާރިތަކާ ދޭތެރޭގައި ވިސްނަން. އެހެންވީމާ، އެސް.ޓީ.އޯ އަށް ދަންނަވާލަން ބޭނުންވަނީ، އެސް.ޓީ.އޯ ކުރިއަށް ވަޑައިގަންނަވާއިރު، އަޅުގަނޑު މިދެންނެވި ކަންތައްތައް، އެސް.ޓީ.އޯގެ ޚިޔާލުގައި ގެންގުޅުއްވާށޭ.
 
ކުންފުނިތައް އޮޑިޓް ކުރެވެމުންދާއިރު، ހަމަ އަޅުގަނޑު ދަންނަވާލާނަން، އަޅުގަނޑު ބޭނުންވޭ، ކުންފުނިން ޕަރފޯމަންސް ދައްކަން. ކުންފުނިތަކުން ޕަރފޯމަންސް ނުދެއްކޭ ކަމަށްވަންޏާ، ކުންފުނިތަކުން އަޅުގަނޑުމެން ސަރުކާރުން މި ބުނާ އަންރީޒަނަބްލް ކަންތައްތަކެއް ނޫން ސަރުކާރުން ހުށަހަޅާނީ. އެކަމަކު ސަރުކާރުގެ އުންމީދުތަކެއް އޮވެގެން، އިޤްތިޞާދީ ތަޞައްވުރެއް އޮވެގެން، އެ ދާއިރާއަށް ދަތުރުކުރައްވަން ކުންފުނިތަކަށް ދަންނަވައިގެން، އެކަންކަން ނުކުރެވޭ ކަމަށްވަންޏާ، ކުންފުނިތަކުގެ މެނެޖިންގ ޑިރެކްޓަރުންވެސް ބަދަލުވާނެ. އެހެންވީމާ، އެކަމާ ދޭތެރޭގައި ހަމަ ހުރިހާ ކުންފުނިތަކުންވެސް ވިސްނާވަޑައިގަންނަވާ. ކުންފުނިތައް އުފައްދާފައި މި ހުންނަނީ، ސަރުކާރުން މިދެންނެވި ކަހަލަ، ދައުލަތަށް ބޭނުންވާ، ރާއްޖެއަށް ބޭނުންވާ މުހިންމު ޚިދްމަތްތަކެއް ދޭން. އެހެންވީމާ، ކުންފުނިތައް އެ ޚިދްމަތްތައް ދިނުމުގައި، ނޫނީ މި ވިޔަފާރީގެ ތެރޭގައި އުޅުމުގައި، ކުންފުނީގެ އަމިއްލަ ސްޕީޑް އިޚްތިޔާރު ކުރާކަށް ޖާގައެއް ނޯންނާނެ. އެއަށްވުރެ މާ ހަލުއިކޮށް ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއަށް ދާން ބޭނުންވާ ހަތަރު ފަސް އަހަރެއް، އަޅުގަނޑުމެން ކުރިމަތިލައިގެން މިތިބީ. އެހެންވީމާ، ސަރުކާރުގެ ޓެމްޕޯ އާއި، ރާއްޖޭގެ އިޤްތިޞާދުގެ ޓެމްޕޯއާ ފައިހަމަކުރެވޭ ކުންފުނިތަކަކަށް، މިހުރިހާ ކުންފުނިތައް ވާން އެބަޖެހޭ. އެހެންވީމާ، މިދެންނެވި ސްލެކެއް ނެގުމަކީ، އެއްވެސް ވިޔަފާރި ކުންފުންޏަކަށް ފަސޭހަ ކަމެއް ނޫން. އަދި އެއީ އެ ވިޔަފާރި ކުންފުންޏަށް ކޮމްފަރޓް ޒޯންގެ ތެރޭގައި، ކުރިއަށް އޮތް މުސްތަޤްބަލުގައި އުޅެވޭނެ ގޮތެއްވެސް ނޫން.
 
އެހެންވީމާ، ދަންނަވާލަން ބޭނުންވަނީ، އެސް.ޓީ.އޯ އިންވެސް މިކަމާ ދޭތެރޭގައި ވިސްނާވަޑައިގަންނަވާށޭ. އަދި އެހެން ނެޗްރަލް މޮނޮޕޮލީތައްވެސް ވިސްނާވަޑައިގަންނަވާށޭ. އަޅުގަނޑުމެންނަކަށް މިހާރު ފެން ކުންފުނި ހިންގާނެ ގޮތަކަށް ހިންގަން ދޫކޮށްލާފައި ބޭއްވޭކަށްވެސް ނެތް. އެއީ، ހަމައެކަނި އިހަށްދުވަހު ދިމާވި ނުރައްކާތެރި ކަންތަކާ ގުޅިގެނެއްވެސް ނޫން. އެކަމަކު އެކަންކަމާ ގުޅިގެންވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ކުންފުނިތަކުގެ މެނެޖިންގ ޑިރެކްޓަރުން، ކުންފުނިތައް ހިންގަވަން ތިއްބަވާ ބޭފުޅުން، މިކަހަލަ ކުންފުނިތަކުން މިދޭ ޚިދްމަތްތަކާ ދޭތެރޭގައިވެސް ވިސްނާވަޑައިގަންނަވާށޭ. ބައެއް ކުންފުނިތަކުން ދޭ ޚިދްމަތްތައް، ނޫނީ ބައެއް ކުންފުނިތަކުން ވިއްކާ މުދާ، ރާއްޖެއިން އަމުދުން ނުލިބޭވަރަށް، މިދެންނެވި ކަހަލަ ނުރައްކާތެރި ޙާލަތަކަށް ގޮއްސި ކަމަށްވަންޏާ، ހަމަ ޤައުމީ ސަލާމަތަށް ނުރައްކާތެރިކަން ފޯރުކުރާ މައްސަލަތަކަށް، މި މައްސަލަތައް ބަދަލުވެގެން މިދަނީ. ފެން ކުންފުންޏަކީ ޖޮއިންޓް ވެންޗަރެއް. ސަރުކާރާއި ބޭރުގެ ފަރާތަކާ، ހިޓާޗީ ކުންފުންޏާއެކީ އޮންނަ ޖޮއިންޓް ވެންޗަރެއް. އެކަމަކު އެ ކުންފުނި ފެއިލްވީމަ، އޭގެ ޒިންމާ އުފުލަން މިޖެހެނީ މުޅި ސަރުކާރުން. ރައްޔިތުންނަށް ދަތިވަނީ. ރައްޔިތުންނަށް ދަތިވެގެން، ރައްޔިތުން އެކަމަށް އާދޭސް ކުރަންޖެހެނީ، ނޫނިއްޔާ އިލްތިމާސް ކުރަންޖެހެނީ ސަރުކާރުގައި، ރައީސުލްޖުމްހޫރިއްޔާއަށް. އެކަމަކު ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނެތް، މި ކުންފުނި ކުންފުނި ހިންގާކަށް. އަދި އެތަނުގައި ހުންނަ، އަދި އެތަނުގައި ޚިދްމަތްދޭ، ޚިދްމަތް ދިނުމަށް ބޭނުންކުރާ ސާމާނަކީ، ޑިޕްރޭޝިއޭޓްވާއިރު ރިޕްލޭސްކޮށްފައި ހުންނަ އެއްޗެހިތޯ، ނޫނިއްޔާ އެތަންތަނުގެ ވަރކިންގ އެންވަޔަރަންމަންޓަކީ ރައްކާތެރިކަމާއި ސަލާމަތްތެރިކަމާއެކީ ހުރި ތަންތަންތޯ، ނޫނިއްޔާ އެތަނުގައި ކޭބަލް ވަޅުލާފައި މި ހުންނަ ޖަންކްޝަންތަކަކީ ސަލާމަތާއި ރައްކާތެރިކަމާއެކީ، މިއީކީ ރައީސުލްޖުމްހޫރިއްޔާ ބަލާ ކަންކަމެއް ނޫން. އެކަމަކު އެކަންކަމުން ދިމާވާ އެކްސިޑެންޓާ ހެދި، އެތަންތަނުންދޭ ޚިދްމަތް، ނޫނީ ވިއްކާ މުދާ މުޅިން މެދުކެނޑިގެން ދިޔައީމަ، އަޅުގަނޑުމެންނަށް ކުރިމަތިލާންޖެހުނު ކާރިސާ، އިހަކަށްދުވަހަކު އަޅުގަނޑުމެން މި ތަޙައްމަލްކުރީ. އޭގައި މުޅި ސަރުކާރު ނުކުންނަން ޖެހުނު ރައްޔިތުންގެ ޙިމާޔަތުގައި މިކަން ރެސްޓޯކުރަން.
 
އެހެންވީމާ، ގަބޫލު ކުރައްވަންޖެހޭ، އެސް.ޓީ.އޯ ވިސްނާވަޑައިގަންނަވަންޖެހޭ، މޯލްޑިވްސް އެއަރޕޯޓްސް ކުންފުނި ވިސްނާވަޑައިގަންނަވަންޖެހޭ، އައިލެންޑް އޭވިއޭޝަން ވިސްނާވަޑައިގަންނަވަންޖެހޭ، އެމް.ޑަބްލިޔޫ.އެސް.އީ ފަދަ ކުންފުނިތައް ވިސްނަންޖެހޭ. އެ ކުންފުނިތަކުން ދޭ ޚިދްމަތެއް އިންޓްރަޕްޓްވެގެން، ޚިދްމަތް ނުދެވި ހިނގައްޖެ ކަމަށްވަންޏާ، އެއީ އޭގެ ޒާތުގައި ޤައުމީ ސަލާމަތަށް ނުރައްކާ ހުރި ކަންތައްތައް. އެހެންވީމާ، ސަރުކާރުން މި ކުންފުނިތަކުގެ ޙާލަތު ރަނގަޅު ކުރުމަށް އަދި މި ކުންފުނިންދޭ ޚިދްމަތް ރަނގަޅުތޯ ބެލުމަށް، ސަރުކާރުން މިހާރު ވަނީ ބެހެން ނިންމާފައި. އެއީ މުޅި ރައްޔިތުންގެ ސަލާމަތަށްޓަކައި. ކުންފުނީގެ ސަލާމަތަށްޓަކައި. އެހެންވީމާ، ކުންފުނިތައް އުފައްދައިގެން ހިންގާއިރު، ކުންފުނިތައް އޭގެ ޒާތުގައި އުފެދިފައި ހުރި ހިސާބަށް ރުޖޫޢަވެވަޑައިގަންނަވާށޭ. ރައީސް މައުމޫންގެ ޒަޢާމަތުގައިވެސް ކުންފުނިތައް އުފައްދަވާފައި އެހެރީ މިދެންނެވި ކަހަލަ މުހިންމު އަސާސްތަކެއް، އެވަގުތު ރާއްޖެއިން އަމިއްލަ ވިޔަފާރިވެރިންނަށް ފޯރުކޮށްދެވެން ނެތީމަ. އެ އޮންނަ ވެކިއުމްގެ ތެރޭގައި، އެ އޮންނަ ވޮއިޑް ފިލުވައިދިނުމަށްޓަކައި ސަރުކާރުން ކުންފުނި ހަދާފައި މިހިރީ. ފައްލަވަ ކުރި މަސް ގަންނަ ހިސާބަށް، އެސް.ޓީ.އޯ.ގެ ވިޔަފާރިއާ ހަމަޔަށް ޖެހިލިޔަސް، އެކަން އޮތީ ހަމަ އެގޮތަށް. މަސްގަނެ، މަސް ވިއްކުން އޮތީ އެހެން. މިދެންނެވީ ބެންކޮކް ކުންފުންޏަކުން މިތަނުން މަހުގެ ވިޔަފާރި ގޮއްސަ، އެހިސާބުން އަޅުގަނޑުމެން، އަޅުގަނޑުމެންގެ އަމިއްލަ ވިޔަފާރިއަކަށް ހަދަންވީމަ، ހަމަ އެކަމަށްވެސް އިޖާބަދީގެން ނުކުތީ އެސް.ޓީ.އޯ.
 
އެހެންވީމާ، އެސް.ޓީ.އޯ އިން މި އަދާކުރި ދައުރަކީ، ދިވެހި ވިޔަފާރިތައް ދިވެހިންގެ އަތްމައްޗަށް ގެނައި ދައުރު. މިއީ ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންގެ މިނިވަންކަމަށް ވަރަށްބޮޑު ކުރިއެރުމެއް ގެނެސްދިންކަމެއް. އެހެން ނޫނިއްޔާ، އަޅުގަނޑުމެން ދެންމެ ސްޓޭޖްގެ ޑްރާމާއިން ފެނިގެންދިޔަ ގޮތުންވެސް، އަޅުގަނޑުމެން ތިބީ ވޯރާ ވިޔަފާރިވެރިންގެ ޙިމާޔަތުގައި. އެހެންވީމާ، ދައުލަތަކަށް އެގޮތަކަށް އޮޕަރޭޓެއް ނުކުރެވޭނެ. އެހެންވީމާ، އެސް.ޓީ.އޯ، އެސް.ޓީ.އޯ.ގެ ވިޔަފާރީގައި ސާބިތުކަމާއެކީ މަސައްކަތް ކުރެއްވެންޏާ ނޫނީ، އަޅުގަނޑުމެން އަނެއްކާވެސް ދަންނަވަން ޖެހެނީ، ސަރުކާރުގެ ކުންފުނިތަކުގެ ދައުރު ކޮމްޕީޓް ނުކުރެވި ހިނގައްޖެ ކަމަށްވަންޏާ، އަޅުގަނޑުމެން މިދެންނެވި ގޮތަކަށް ރެޒިލިއަންޓް އިޤްތިޞާދެއް ގޮތަކަށް އަޅުގަނޑުމެންނަކަށް ނުބޭއްވޭނެ.
 
އެހެންވީމާ، އެސް.ޓީ.އޯ އަކީވެސް، ފެން ކުންފުންޏަކީވެސް އަދި އެހެނިހެން ކުންފުންޏަކީވެސް މިހާރު އެ ކުންފުނިތަކުން ދޭ ޚިދްމަތް، މިއަށްވުރެ މާ ފުޅާ ދާއިރާއެއްގައި ރައްޔިތުންނަށް ދޭންޖެހޭ ކުންފުނިތައް. މާލޭގެ ސްޓެލްކޯއަށް ބައްލަވައިލައްވާ. މާލޭގެ ސްޓެލްކޯ، މިހާރު މާލޭގައި ޕަވަރ ޕްރޮޑަކްޝަނަށް ބަލާކަމަށްވަންޏާ، ހަމަ އެދަނީ އޮބިނޯވެގެން. އެމް.ޑަބްލިޔޫ.އެސް.ސީ ހަލާކުވެގެންދިޔުމާ ގުޅިގެން، އެ ސްލެކްވެސް މި ނަގަނީ ސްޓެލްކޯގެ ފަރާތުން. އެހެންވީމާ، ހަމަ އަވަސްކަމާއެކީ ސްޓެލްކޯއަށްވެސް ބޮޑެތި އިންވެސްޓްމަންޓްތަކެއް އެބަ ހަދަންޖެހޭ.
 
އެހެންވީމާ، މި ސަބަބުތައް ހުރީމަ، ސަރުކާރުން ނޫނިއްޔާ ރައީސް އޮފީހުން ނޫނީ ފިނޭންސް މިނިސްޓްރީއާއި ސަރުކާރާ ގުޅިގެން މީގެތެރެއަށް، މި ކުންފުނިތައް ހިންގުމުގެ ތެރެއަށް ސަރުކާރު ވަންނަންޖެހެނީ. އެކަމަކު ހިންގުމުގެ ތެރެއަށް ވަނުމަކީ، ކޮންމެ ދުވަހަކު ބޯޑުގައި ހުންނަ ހުރިހާ މައްސަލަތަކަށް ފާޑުކިޔުމެއް ނޫން. އެކަމަކު މައިގަނޑ ވިއުގައެއް ދީފައި، އެ ކުންފުނިތައް އޮޕަރޭޓް ކުރަންޖެހޭނެ ގޮތާއި، ސަރުކާރުން އެ ކުންފުނިތަކުން ދޭންވާ ރިޓަރނެއް ނޫނިއްޔާ ޚިދްމަތުގެ ދާއިރާ ކަނޑައަޅައިދިނުމަކީ، މި ސަރުކާރުން ކުރާނެ ކަމެއް.
 
އަޅުގަނޑު ވާހަކަކޮޅު ނިންމާލާނަން. އަޅުގަނޑު ވާހަކަކޮޅު ނިންމާލަމުން ހަމަ ދަންނަވަން ބޭނުންވަނީ، މި 50 އަހަރުގެ ދިގު އަދި 50 އަހަރުގެ ފަޚްރުވެރި، ޚިދްމަތްތެރި، ޚިދްމަތުގެ 50 އަހަރަށް، އެސް.ޓީ.އޯ ގައި މަސައްކަތް ކުރެއްވި ހުރިހާ މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ އަޅުގަނޑު ތަހުނިޔާ ދަންނަވައި، މަރްޙަބާ ދަންނަވަމޭ.
 
ކުންފުނިތަކުގެ މެނެޖްމަންޓްގައި ތިއްބަވާ އިސް ބޭފުޅުންނަކީ، ޝައްކެއްވެސްނެތްގޮތުގައި، ކުންފުނިތަކުގެ ލީޑަރުން. ޓްރެންޑް ސެޓް ކުރައްވާ ބޭފުޅުން. ޕޮލިސީ ސެޓް ކުރައްވާ ބޭފުޅުން. އެކަމަކު ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ހީވާގިކަމާއި އެއްބާރުލުމާއި ކޮމިޓްމަންޓް ނުލިބިއެއް ކުންފުނިތައް މިހާރު އައިއްސަ މިހިރަ ހިސާބަކަށް ނާންނާނެ. އެހެންވީމާ، ކުންފުނިތަކުގެ މުވައްޒަފުންނަކީ، ކުންފުނިތަކުގެ އެންމެ މުހިންމު ރައުސްމާލު. އެހެންވީމާ، މުވައްޒަފުންގެ ޚިދްމަތް، ޝައްކެއްވެސްނެތްގޮތުގައި ކުންފުނިތައް، މި ކާމިޔާބީއާ ހަމަޔަށް ގެނައުމަށް، މުވައްޒަފުންގެ ޚިދްމަތް ފާހަގަކުރަންޖެހޭނެ. ހަމައެޔާއެކީ ކުންފުނިތައް މިހާތަނަށް ހިންގަވައިދެއްވި، އެސް.ޓީ.އޯ މިހާތަނަށް ހިންގަވައި ދެއްވި ހުރިހާ މެނެޖިންގ ޑިރެކްޓަރުންނަށް، ހުރިހާ ޗެއަރމަނުންނަށް އަދި އެކި ދައުރުގައި ޚިދްމަތް ކުރެއްވި ބޯޑު މެންބަރުންނަށްވެސް މި ތަހުނިޔާ އަޅުގަނޑު ތިޔަބޭފުޅުންނަށް އަރިސް ކުރަން.
 
އަޅުގަނޑު ވާހަކަކޮޅު ނިންމާލާނީވެސް އެސް.ޓީ.އޯ އަކީ މިވަގުތު ދިވެހިރާއްޖޭގެ އިޤްތިޞާދުގައި އޮތް އެންމެބޮޑު ދެތިން ކުންފުނީގެ ތެރެއިން އެއް ކުންފުނި ކަމަށްވެފައި އަދި ދޭ ޚިދްމަތްތަކަށް ބަލާކަމަށްވަންޏާ، އިޤްތިޞާދަށް އެންމެ މުހިންމު ޚިދްމަތްތައްދޭ މަދު ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެއް ކުންފުނި ކަމަށްވާތީ، އަޅުގަނޑު ދަންނަވާލަން ބޭނުމީ، އަޅުގަނޑު މިދެންނެވި ކަހަލަ ވިއުގައެއްގެ ތެރޭގައި އެސް.ޓީ.އޯ.ގެ ވިސްނުން ބަހައްޓަވައިގެން ކުރިއަށް ގެންދަވައިފި ކަމަށްވަންޏާ، އެސް.ޓީ.އޯ. އަށްވެސް އެކަމުންވާނީ ފައިދާ. އަދި ރައްޔިތުންގެ ބަލައިގަތުމާއި، ރައްޔިތުންގެ އިތުބާރާއި، ރައްޔިތުންގެ ތާއީދު އެސް.ޓީ.އޯ އަށް އިތުރުވެގެންދާނެ. ހަމައެޔާއެކީ ޝައްކެއްވެސްނެތްގޮތުގައި، ދިވެހިރާއްޖޭގެ މި އިޤްތިޞާދަށް އެސް.ޓީ.އޯ.ގެ ޙިއްޞާ، މިހާރަށްވުރެ އިތުރުވެގެންދާނެ. އެސް.ޓީ.އޯ އަކީ ރާއްޖޭގެ އިޤްތިޞާދަށް، ރާއްޖޭގެ ސަރުކާރަށް ބޭނުންވި ކޮންމެ ކަމެއް، އެވަގުތަކު ސަރުކާރުން އެދުނު ގޮތަކަށް މިހާތަނަށް ކޮށްދެއްވާފައި އޮތް، ޓްރެކް ރެކޯޑެއް އޮތް ފަޚްރުވެރި ކުންފުންޏެއް.
 
އެހެންވީމާ، އަޅުގަނޑު އެދެނީ، އެގޮތުގައި އެސް.ޓީ.އޯ ކުރިއަށް ވަޑައިގަންނަވަން. އަދި ހަމައެޔާއެކީ މިދެންނެވި ކަހަލަ ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ޒުވާނުންނަށް ހިތްވަރު ދިނުމަށް ސަރުކާރުން މިކުރާ މަސައްކަތްތަކުގެ ތެރޭގައި، އެސް.ޓީ.އޯ. އިން ތިޔަ ދައްކަވާ ސާބިތު ކަމަށްޓަކައި، އެސް.ޓީ.އޯ. އަށް ހަމަ ދަންނަވާލަން ބޭނުންވަނީ، ހަމަ ކުރިއަށް ތިޔަގޮތަށް ވަޑައިގަންނަވާށޭ. ވަޑައިގަންނަވާއިރު ގަވަރނަންސްގެ ޕްރެކްޓިސަސްގެ ތެރޭގައި، އެކަން ކޮށްދެއްވައިފި ކަމަށްވަންޏާ، ޖަވާބުދާރީވެވަޑައިގަންނަވާކަށް ޖެހިވަޑައެއްނުގަންނަވާނެ.
 
އަޅުގަނޑު އެދެނީ، އެސް.ޓީ.އޯ. އަށް ހުރިހާވެސް ކާމިޔާބީއެއް. އަދި އެސް.ޓީ.އޯ. އިން ދިވެހިރާއްޖޭގެ އިޤްތިޞާދުގައި ތިޔަ ކުޅުއްވަމުން ގެންދަވާ ދައުރަށް އަޅުގަނޑު އެދެނީ، ހަމަ ކާމިޔާބު ދައުރެއް. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، މުޅި ދިވެހިރާއްޖޭގެ އިޤްތިޞާދު ވަރުގަދަ ކުރުމަށާއި އަދި ދިވެހި ރައްޔިތުންނަށް ބޭނުންވާ ޚިދްމަތްތައް އަގުހެޔޮކޮށް އަދި އެއްވެސް ކަހަލަ އިންޓްރަޕްޝަނެއް ނެތި ލިބޭ ޚިދްމަތެއްގެ ގޮތުގައި ހެދުމަށް ކުރެވޭ މަސައްކަތް. އިރާދަކުރެއްވިއްޔާ، މި މަސައްކަތްތަކުގައި އެސް.ޓީ.އޯ. އިން މިހާތަނަށް ދައްކަވާފައި ހުރި ސާބިތުކަން ދައްކަވާނެ. އަދި ކުރިއަށް އޮތް އެތަކެއް ދުވަސްތަކެއްގައި، އަޅުގަނޑު އެދެނީ އެސް.ޓީ.އޯ އަށް ފާގަތިކަމާއި، ދިވެހި އިޤްތިޞާދަށް ތަނަވަސްކަމާއި އަދި ފާގަތި ދުވަސްތަކެއް.
 
އަޅުގަނޑުގެ ވާހަކަކޮޅު އަޑުއައްސަވައިލެއްވީތީ ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ޝުކުރު ދަންނަވަން. ހަމަ ހުރިހާ ޚިދްމަތްތެރީންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި އަޅުގަނޑަށް މި ޙަފްލާގައި ތިޔަ ދެއްވި ވަރުގަދަ ޝަރަފަށް، ވަރަށް ހަމްބަލްކަމާއެކީ ދަންނަވާލަން ބޭނުންވަނީ، ތިޔަބޭފުޅުންގެ މި ކުންފުނީގެ ކޮންމެވެސްވަރެއްގެ ޙިއްޞާއެއް އަދާކުރުމުގެ ފުރްޞަތު އަޅުގަނޑަށް ލިބުނީތީ އަދި އަޅުގަނޑާއެކީ މަސައްކަތް ކޮށްދެއްވި މެނެޖްމަންޓް ޓީމަށާއި، މަސައްކަތް ކޮށްދެއްވި ހުރިހާ މުވައްޒަފުންނަށް، އެ ކޮށްދެއްވި މަސައްކަތްތަކަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަމޭ. އަޅުގަނޑަށް ތިޔަ ދެއްވި ޝަރަފަށް، ޝަރަފުގެ އަގު އަޅުގަނޑު ވަރަށް ވަޒަންކުރަން. ހަމަ އެކަމަށްޓަކައި އެސް.ޓީ.އޯ.ގެ މިއަދުގެ މެނެޖްމަންޓަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، މާތްﷲގެ ބަރަކާތް މިންވަރު ކުރައްވާށި!
 
والســّلام عليــكم ورحـمــة اللّـه وبـركاتـه.