‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް، ‏‏ފަރަންސޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ޖޯން ޕޯލް މަންޗޯ ‏‏މިއަދު ވަދާޢީ ‏‏ޒިޔާރަތް ކުރައްވައިފިއެވެ.‏

‏މިއަދު ހެނދުނު ‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ‏‏މިބައްދަލުކުރެއްވުމުގައި، ‏‏ފަރަންސޭސިވިލާތުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ ‏‏މަގާމުގައި ހުންނަވައިގެން، ‏‏ރާއްޖެއާއި ފަރަންސޭސިވިލާތާ ދެ ޤައުމުގެ ގުޅުން އިތުރަށް ‏‏ބަދަހިކުރައްވައި ފުޅާކުރެއްވުމަށް، މިސްޓަރ ‏‏ޖޯން ޕޯލް މަންޗޯ ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައި، ‏‏އޭނާއަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު ‏‏އަދާކުރެއްވިއެވެ. ‏

މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ފަރަންސޭސިވިލާތާ ދެޤައުމަކީ އެތައް ‏‏ގޮތަކުން ވަރަށް އެއްގޮތް ދެޤައުމުކަން ފާހަގަކުރައްވަމުން، މިވަގުތު ދެ ޤައުމަށް ދިމާވެފައިވާ ‏‏ގޮންޖެހުންތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާއާއި ފަރަންސޭސިވިލާތުގެ ސަފީރުގެ ވާހަކަފުޅުގައި ‏‏ބައްލަވާލެއްވިއެވެ. މިގޮތުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ތިމާވެއްޓަށް ކުރާ ނޭދެވޭ ‏‏އަސަރުތަކުން ރައްކާތެރިވުމަށާއި، އަދި ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކާ ނައްތާލުމަށް ‏‏ކުރެވެމުންދާ މަސައްކަތުގައި، ދެޤައުމުގެ އެއްބާރުލުން އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކުގެ ‏‏މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.‏

‏ފަރަންސޭސިވިލާތުގެ ސަފީރުގެ ވާހަކަފުޅުގައި، އެޤައުމުން ރާއްޖެއަށް ކަނޑައެޅުއްވި ‏‏‏ސަފީރުގެ މަގާމުގައި ހުންނަވައިގެން، ރާއްޖެއަށް ޚިދުމަތް ކުރެއްވުމަކީ، އެމަނިކުފާނަށް ވަރަށްބޮޑު ‏‏‏އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ފަރަންސޭސިވިލާތުގެ ސަރުކާރުން ‏‏އަބަދުވެސް ‏‏ރާއްޖެއަށް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.‏

‏މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ‏‏މިނިސްޓަރ އޮފް ފޮރިން އެފެއާޒުގެ ނާއިބު އަލްފާޟިލާ ފާޠިމަތު ޢިނާޔާ ބައިވެރިވެވަޑައިގެންނެވިއެވެ.‏