ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް، ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދު މިއަދު ހަމަޖައްސަވައިފިއެވެ. އޮނަރަބަލް އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދަކީ، ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރި ފަނޑިޔާރެވެ.

އޮނަރަބަލް އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ހަމަޖެއްސެވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ޙަވާލު ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މިރަސްމިއްޔާތުގައި ލިޔުން ޙަވާލު ކުރެއްވުމުގެ ކުރިން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދުގެ ކުރިފުޅުމަތީގައި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމުގެ ހުވައި، އޮނަރަބަލް އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދު ކުރެއްވިއެވެ.