ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަޤާމަށް ހެންވޭރު ރާޅާހާ މޭޖަރ ޖެނެރަލް (ރޓ) މޫސާ ޢަލީ ޖަލީލް މިއަދު ޢައްޔަނު ކުރައްވައި، އެ މަނިކުފާނަށް މަޤާމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ދެއްވައިފިއެވެ.

މޭޖަރ ޖެނެރަލް (ރޓ) މޫސާ ޢަލީ ޖަލީލަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މޭޖަރ ޖެނެރަލް (ރޓ) މޫސާ ޢަލީ ޖަލީލަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ކުރިން، އެމަނިކުފާނު ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމުގެ ހުވާ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދުގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ހުވާކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤްރާރުގައި އެމަނިކުފާނު ސޮއިކުރެއްވިއެވެ.