ސަރުކާރުގެ ފަރާތުން މީހުން ޙައްޖަށް ގެންދިއުމަށް އުފައްދަވާފައިވާ، ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ ޙިއްސާ އެކުލެވިގެންވާ ކުންފުނި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިރޭ ރަސްމީކޮށް އިފްތިތާޙުކޮށް ދެއްވައިފިއެވެ. މި ކުންފުނި އިފްތިތާޙްކޮށްދެއްވީ، މިކަމަށްޓަކައި މިރޭ ހޮޓެލް ޖެންގައި ބޭއްވެވި ހާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިޔާތުގައި، ޙައްޖު ކޯޕަރޭޝަންއަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކަށް، އެކަމުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން ދެއްވި ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. އަދި، ޙައްޖުދަތުރުގައި އެހީތެރިންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވި ފަރާތްތަކަށް ހަނދާނީ ފިލާ ރައްދުކޮށް ދެއްވީ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑޮކްޓަރ ޝަހީމު އަލީ ސަޢީދުއެވެ.

މީގެއިތުރަށް، މިރަސްމިޔާތުގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ޙާއްސަ ހަނދާނީ ހަދިޔާއެއް އެރުއްވުން އޮތެވެ. މި ހަދިޔާ ރައީސުލްޖުމްހޫރިއްޔާއާ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑޮކްޓަރ ޝަހީމު އަލީ ސަޢީދުއެވެ.