بســم اللّـه الرّحمـن الرّحيــم

      
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
މިރޭގެ އަޅުގަނޑުމެންގެ މި އުފާވެރި ޙަފްލާއަށް ވަޑައިގެންނެވި އެންމެހާ ޢިއްޒަތްތެރިން، މި ޙަފްލާގައި ބައިވެރިވާ އެންމެހާ ޒުވާނުން، މި ޖަލްސާ، ޓީ.ވީ.ގެ ޛަރީޢާއިން ބައްލަވަމުން އަދި އަޑުގެ ޛަރީޢާއިން އަޑުއައްސަވަމުން ގެންދަވާ އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
އާދެ، ޝައްކެއްވެސްނެތް، މިރެޔަކީ އަޅުގަނޑުމެންނަށް ވަރަށް އުފާވެރި ރެއެއް. އަޅުގަނޑުމެންނަށް މިރޭ އުފާވެރި ރެޔަކަށްވެގެން މިދަނީ، މިރެޔަކީ ޒުވާނުންގެ އުންމީދުތަކެއް ފުއްދައިދިނުމަށް، މި ސަރުކާރުން ވެފައިވާ ވަޢުދު ޙަޤީޤަތަކަށް ހެދުމަށްޓަކައި އަޅުގަނޑުމެން ޗާޓުގައި އެކަން ހިމެނި، ޢަމަލީ މަސައްކަތް ފެށުނީތީ. އާދެ، ޒުވާނުންގެ ސިޓީއެއް، ނޫނިއްޔާ ޒުވާނުން އުންމީދުކުރާ ކަހަލަ، ޒުވާނުން އުޅޭހިތްވާ ކަހަލަ، ޒުވާނުންނަށް ބޭނުންވާ ހުރިހާ ޙަރަކާތްތަކެއް އަދި ހުރިހާ ވަސީލަތްތަކެއް އެކުލެވިގެންވާ ޝަހަރެއް ޤާއިމުކުރުމުގެ މަސައްކަތް ޢަމަލީގޮތުން ފެށުން ފާހަގަކުރާ ރަސްމީ ޖަލްސާ.
 
އާދެ، މި ޖަލްސާގައި ވާހަކަ ދައްކާއިރު، އަޅުގަނޑުގެ ޚިޔާލަށް އަންނަނީ، ދެންމެ އަޅުގަނޑުމެންނަށް ތަޢާރުފްގައި އިވިގެންދިޔަ ފަދައިން، އެޗް.ޑީ.ސީ.ގެ މެނެޖިންގ ޑިރެކްޓަރުގެ ވާހަކަފުޅުގައި ވިދާޅުވި ފަދައިން، މާލޭގެ ބިމުގެ ދަތިކަން އިންތިހާއަށް ބޮޑުވަމުންދިޔަ ވަގުތުގައި، އޭރު އަޅުގަނޑުމެންގެ ޒަޢާމަތުގައި ހުންނެވީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް. އެމަނިކުފާނުގެ ހިތްޕުޅަށް އޭރު އެ ދަތިކަން އިޙްސާސް ކުރެއްވިގެން އެކިފަހަރު މަތިން މާލެ ހިއްކުމުގެ މަޝްރޫޢުތަކެއްވަނީ ހިންގަވާފައި. އަދި އެޔާއެކީ އެމަނިކުފާނުގެ ޚިޔާލުފުޅަށް އައީ ހުޅުމާލެ ހިއްކުމުގެ ވިސްނުންފުޅު. އާދެ، އެ ވިސްނުންފުޅާއެކީ އެ މަސައްކަތް ފެށިގެން ދިޔައީ. ޝައްކެއްވެސްނެތްގޮތުގައި، މާލޭގެ ބިން ބޮޑުކުރަން އަޅުގަނޑުމެން ވިސްނާ ކޮންމެ ފަހަރެއްގައި އަދި ހުޅުމާލެއާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނައި، ހުޅުމާލެ ބޮޑުކުރަން ވާހަކަ ދައްކާ ކޮންމެ ފަހަރެއްގައި، އަޅުގަނޑުމެންގެ ޚިޔާލަށް އެންމެ ފުރަތަމަ އަންނަންވާނީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އެ ކޮށްދެއްވި މަތިވެރި ޚިދްމަތް. އާދެ، ދިވެހި ރައްޔިތުންނަށްޓަކައި އެކޮށްދެއްވި މަތިވެރި ޚިދްމަތް. އެހެންވީމާ، އެކަން އަޅުގަނޑުމެންގެ ހަނދާނަށް ގެނެއްސަ، ހުޅުމާލޭގެ މަޝްރޫޢަކީ، ރައީސް މައުމޫންގެ ޕެޓަންޓެޑް މަޝްރޫޢެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރާ ހާލު، އެމަނިކުފާނަށް ވަރަށް އަދަބުވެރިކަމާއެކީ، އިޙްތިރާމާއެކީ، އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
އާދެ، އަޅުގަނޑުގެ ވާހަކަ ކުރިއަށް ގެންދާއިރު، އަޅުގަނޑުގެ ޚިޔާލަށް އަންނަނީ، އަޅުގަނޑުމެން މިއަދު މި ހޭދަކުރަނީ، ދިވެހި ޅެންވެރިންގެ ދުވަސްވެސްމެ. ދިވެހި ޅެންވެރިންގެ ދުވަސް އަޅުގަނޑުމެން ފާހަގަކުރަމުން ގެންދާއިރު، ދިވެހި ޅެންވެރިންނަށް އަދި ޅެންވެރިކަމަށް ޝައުޤު ހުންނަ ހުރިހާ ބޭފުޅުންނަށް ދުވަހުގެ ތަހުނިޔާ، ވަރަށް އިޚްލާޞްތެރިކަމާއެކީ ދަންނަވަން.
 
އާދެ، ރައީސް މައުމޫންގެ މި މަޝްރޫޢާ ދޭތެރޭގައި، ނޫނީ އެމަނިކުފާނު ދާދި އާދައިގެ ގޮތަކަށް، ނޫނީ ދާދި އާދައިގެ ޚިޔާލުފުޅެއްގައި ފުރަތަމަ މިކަން ފެށިގެން އައީ. އެހެންނަމަވެސް، އެމަނިކުފާނުގެ ހިތްޕުޅުގައި އޮތީ، މި މަޝްރޫޢު ދާދި ކުޑަކުޑަގޮތަކަށް ފެށިގެންދިޔަ ނަމަވެސް، ވަރަށްގިނަ ބަޔަކަށް އުންމީދުތަކެއް ޙާޞިލުވެގެންދާނެ މަޝްރޫޢަކަށް ހެއްދެވުމަށް. އާދެ، މާލޭގައި ގެދޮރުނެތް އެތަކެއް ބަޔަކަށް ގެދޮރުވެރިކަން ހޯއްދަވައިދެއްވުމަށްޓަކައި ރައީސް މައުމޫން ފެށްޓެވި މަޝްރޫޢެއް. އެހެންވީމާ، އަޅުގަނޑުމެންގެ އަދަބީ މަޝްހޫރު ޝާޢިރަކު މިކަމާ ދޭތެރޭގައި ވިދާޅުވަނީ،
 
އުންމީދުގެ އަލިކަން އެ ގެނައި ކުޑަކުޑަ ސިއްރުން
                     އުންމީދު އުފައްދައިފިޔެ ދޭހަށެ ރަމްޒުން
 
އާދެ، މިކަހަލަ ކުޑަކުޑަ ޚިޔާލެއްގެ ސަބަބުން އަޅުގަނޑުމެންނަށް އުންމީދެއް ލިބިގެން މިދިޔައީ. އަދި އެ އުންމީދު ޢާންމުވެގެން މިއަދު މިދަނީ، ދިވެހިރާއްޖޭގެ އާބާދީގެ ސައްތައަކުން ތިރީސްފަހަކީ ދިވެހި ޒުވާނުން ކަމުގައިވާތީ، ދިވެހި ޒުވާނުންނަށް ބިނާކޮށްދެވޭ ޝަހަރެއް ބިނާކުރުމުގެ އުފާވެރި ޙަފްލާ އަޅުގަނޑުމެން އިފްތިތާޙު ކުރާތީ.
 
އާދެ، އަޅުގަނޑު އަބަދުވެސް ދަންނަވާ ވާހަކައެއް. އަޅުގަނޑުމެންގެ ދިރުމެއް ހުރެއްޖެ ކަމަށްވަންޏާ، އުންމީދެއްވާނެޔޭ. އަދި އުންމީދެއް އޮވެއްޖެ މީހެއް ގައިގައި ދިރުމެއް ހުންނާނޭ. އުންމީދެއް އޮވެއްޖެ މުޖްތަމަޢެއްގައި ދިރުމެއް ހުންނާނޭ. އެކަންކަން އަޅުގަނޑުމެންނަށް ހާމަވެގެން މިދަނީ. އަޅުގަނޑުމެން އުންމީދު ކުރީމު، ދިވެހި ޒުވާނުންނަށް ކަންތައްތަކެއް ކޮށްދޭން. އެކަންތައްތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ މެނިފެސްޓޯގެ އެންމެބޮޑު ވަޢުދަކަށް ވެގެންދިޔައީ، ދިވެހި ޒުވާނުންނަށް ހިތްފަސޭހަކަމާއި، ހިތްގައިމުކަމާއި އަދި އެމީހުންނަށް ފުދުންތެރިކަން ގެނެސްދިނުމާއެކީ، އެމީހުންނަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތަކާއި އަދި އެނޫންވެސް ސިޓީއެއްގައި ހުންނަންޖެހޭ މުނިސިޕަލް ހުރިހާ ފެސިލިޓީތަކެއް ޤާއިމުކުރެވިގެން، ދިވެހި ޒުވާނުންނަށް ޒުވާނުންގެ ސިޓީއެއް ޤާއިމުކުރުން. މިއީ، ޕީ.ޕީ.އެމް.ގެ މެނިފެސްޓޯ. އަދި އަޅުގަނޑާއި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ޖަމީލްގެ މެނިފެސްޓޯގައި ހިމެނޭ ވަރުގަދަ ޕްލެޖެއް، ވަރުގަދަ ވަޢުދެއް. އެ ވަޢުދު ފުއްދުމަށްޓަކައި މިރޭ މި ފިޔަވަހީގެ ބިންގާ އެޅިގެންދާއިރު، އަޅުގަނޑުމެންގެ ޚިޔާލަށް މި އަންނަނީ، ދެންމެ ސުހައިލްގެ ވާހަކަފުޅުގައި އެ ވިދާޅުވި ގޮތަށް، މިއީކީ މާގިނަ ދުވަހު އިންތިޒާރު ކުރަން ދިވެހި ޒުވާނުން ތިއްބަވަންޖެހޭ ވަގުތެއް ނޫނޭ. އަދި މިއީކީ މާގިނަ ދުވަހު މިތަނަށް އަންނަ އިންވެސްޓަރުން އިންތިޒާރު ކުރަންޖެހޭ ކަމެއްވެސް ނޫނޭ. މިއީކީ އިމާރާތްކުރާ ފަރާތްތަކުންވެސް އިމާރާތް ކުރުމަށް މާގިނަ ދުވަހު އިންތިޒާރު ކުރަންޖެހޭ ދުވަހެއް ނޫނޭ. އަޅުގަނޑުމެންނަށް އެނގިގެންދާ ގޮތުގައި ވެއްޖިއްޔާ، ދެމަހެއްހާ ދުވަހުގެ ތެރޭގައި، ބިން ހިއްކުމުގެ މަޝްރޫޢު ނިމިގެންދާނެ. އެޔާއެކީ އޮތް ބޮޑު މަޝްރޫޢަކީ، ކަނޑުތޮށިލުމާއެކީ ބިން ހިއްކާ ހިއްކުން ރައްކާތެރިކުރުމަށް ކުރެވެން އޮތް މަސައްކަތް. އާދެ. ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، މިއަހަރުގެ ބައެއް އޮއްވާ މުޅި މަސައްކަތް ނިމިގެންދާނެ.
 
އެހެންވީމާ، އިރާދަކުރެއްވިއްޔާ ޒުވާނުންގެ އުންމީދުތައް، ޒުވާނުންގެ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށް އަޅުގަނޑުމެންގެ ސަރުކާރުން މިކުރާ މަސައްކަތުގެ ޢަމަލީ މަޝްރޫޢު ފެށުނީމަ، އަދި އަޅުގަނޑުމެން ކުރާ މަސައްކަތާ ދޭތެރޭގައި ކްރިޓިކުން އާދެ، ފާޑުކިޔާ މީހުންގެ ފާޑުކިޔުންތަކާއެކީވެސް ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، މިއަދު މިއޮތީ ﷲގެ ރަޙްމަތާއެކީ މި މަސައްކަތް ފެށިފައޭ. އެހެންވީމާ، މި މަސައްކަތް ކުރިއަށްދާނެޔޭ. މި މަސައްކަތް ކުރިއަށް ދިޔުމާއެކީ އަޅުގަނޑުމެން ގަބޫލުކުރަންޖެހެނީ، ދެންމެ އަޅުގަނޑުމެންނަށް ތަޞްވީރުތަކެއް ފެނިގެންދިޔަ ގޮތުގައި، މި ސިޓީ ނިމިގެންދާއިރު، ވަރަށް ރީތި، ވަރަށް ހިތްގައިމު އަދި މާލެއަށްވުރެ މާ ހިތްގައިމު، މާލެއަށްވުރެ ވަސީލަތުގެ ގޮތުން ތަނަވަސް ޝަހަރެއް ޤާއިމުވެގެންދާނެ. އާދެ، އެކަމާ ދޭތެރޭގައިވެސް ކްރިޓިކުންގެ ވިސްނުން ހުންނާނެގޮތް އަޅުގަނޑަށް އެނގޭ. އޭގެ ޖަވާބުވެސް އަޅުގަނޑު އަރުވާނަން. އެބޭފުޅުންގެ ވިސްނުންފުޅު ހުންނާނީ، އާނއެކޭ ބިން ހިއްކިދާނެޔޭ، އެކަމަކު ދެން އެހިސާބުން އެތާ މަސައްކަތް ކުރާނީ ކޮންގޮތަކަށްހެއްޔޭ. އަޅުގަނޑު އޭގެ ޖަވާބު ހަމަ ދަންނަވާލަން ބޭނުންވަނީ، ރައީސް މައުމޫން އަރިހުގައި ވަޑައިގަންނަވާށޭ ހުޅުމާލެއަށް. 10 އަހަރު ކުރީގެ ތަޞައްވުރެކޭ. އަދު އެއޮތީ ޙަޤީޤަތަކަށްވެފައޭ. ސާޅީސްހާސް މީހުން، ނޫނީ ސާޅީސްހާހާ ގާތްކުރާ ބޮޑު އާބާދީއެއް ހުޅުމާލޭގައި އެބަދިރިއުޅެޔޭ. އަދި އެމީހުންނަށް ބޭނުންވާ މުނިސިޕަލް ހުރިހާ ޚިދްމަތްތަކެއް ހުޅުމާލޭގައި އެހެރީ ފަސޭހަކަމާއެކީ ޤާއިމުކުރެވިފައޭ.
 
އެހެންވީމާ، މިއަދު މި ފެށެނީ ދެވަނަ މަޝްރޫޢު ނޫނީ ދެވަނަ ފިޔަވަހި. މިހާރު އެއޮތް ހުޅުމާލެއަށްވުރެ ބޮޑު ހުޅުމާލެއެއް އުފެދިގެން ގޮއްސަ، ހުޅުމާލެ ނިމޭއިރު، މުޅި ހުޅުމާލޭގެ ޖުމްލަ ބިމުގެ އާބާދީގެ ހަތަރުސަތޭކަ ހެކްޓަރަށްވުރެ ބޮޑު ހުޅުމާލެއެއް އުފެދިގެންދާ ދުވަސް މިއަދު މިއީ. އަދި ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެން އިންތިޒާރު މިކުރަނީ، ފުރަތަމަ ފިޔަވަހީގައި މިހާރު އެ ދިރިއުޅެމުންދާ ސާޅީސްހާސް މީހުންނާއި އަދި އޭރު ޕްލޭންކޮށްފައި އޮތް އިތުރު ވިއްސަކަށްހާސް މީހުން، ފަސްދޮޅަހަކަށްހާސް މީހުންނާއެކީ ދެވަނަ ފިޔަވަހި ނިމިގެންދާއިރު ހުޅުމާލޭގައި އެކަނި ދެލައްކަ ވިހިހާހާ ގާތްކުރާ އާބާދީއެއް އުޅޭނެ. މިއީ، ބޮޑު އާބާދީއެއް. ދެން އަޅުގަނޑުމެންގެ ސުވާލަށް މި އަންނަނީ، ނޫނީ އަޅުގަނޑުމެންގެ ހިތަށް ކުރެވޭ ސުވާލަކީ، މިދޭތެރޭގައި ދަތުރުފަތުރުގެ ނިޒާމު އޮންނާނީ ކިހިނެއްތޯ؟ މިދޭތެރޭގައި ދަތުރުފަތުރުގެ ނިޒާމަކީ، ކުރީގެ ޕްލޭންތަކުގައި ވިސްނާފައި އޮތް ނިޒާމެއް ނޫން. ޒަމާނާ އެއްގޮތަށް އަޅުގަނޑުމެން މި ބަދަލުވަނީ. ޙާލަތު ބަދަލުވެއްޖެ. ޙާލަތު ބަދަލުވީމަ، ބަދަލުވާ ޙާލަތާއެކީ އަޅުގަނޑުމެން ކުރިއަށްދާންޖެހޭ.
 
އެހެންވީމާ، އަޅުގަނޑުމެންގެ މިދޭތެރޭގެ ދަތުރުފަތުރަކީ އެއްގޮތަކަށްވެސް ކަނޑުމަގުގެ ދަތުރުފަތުރަކަށް ނުވާނެ. އަޅުގަނޑުމެން މި އުންމީދު ކުރަނީ، އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ، ހުޅުމާލެއާއި މާލެއާ ދޭތެރޭގައި މި އެޅޭ ބުރިޖަކީ އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި މަސައްކަތް ފެށޭނެ މަޝްރޫޢަކަށް ވެގެންދާނެ ކަމަށް. އެހެންވީމާ، ހުޅުމާލެއާއި މާލެއާ ދޭތެރޭގެ ދަތުރުފަތުރަކީ އިރާދަކުރެއްވިއްޔާ، ޗައިނާ ސަރުކާރުގެ އެހީއާއި، ދިވެހި ސަރުކާރުގެ ބަޖެޓުގެ ފައިސާއާއެކީ، ޗައިނާ ސަރުކާރުން އަޅުގަނޑުމެންނަށް ރަޙްމަތްތެރިކަމާއެކީ ހަދިޔާކުރާ ހަދިޔާއެއްގެ ގޮތުގައި ހިމެނިގެންދާނެ މަޝްރޫޢެއް. އޭގެއިތުރުން، މިއަށް ކޮމްޕްލިމެންޓް ކުރުމަށްޓަކައި ނޫނީ މިއަށް އިތުރުކުރުމަށްޓަކައި، ސަޕްލިމެންޓް ކުރުމަށްޓަކައި މިހާރުވެސް އެމް.ޓީ.ސީ.ސީ.ގެ ފަރާތުން މިއަހަރުގެ ތެރޭގައި، ހުޅުމާލޭގެ ފެރީ އިތުރުކުރުމުގެ މަސައްކަތްތަކެއް ވަނީ ފަށާފައި. އެމް.ޓީ.ސީ.ސީ. އަށް އިރާދަކުރެއްވިއްޔާ އެ ފައިސާ އަޅުގަނޑުމެން ފޯރުކޮށްދީފިން. އެ ތަނަވަސްކަން ހޯދައިދީފިން. އެމް.ޓީ.ސީ.ސީ. އިން އެހެންވީމާ، މިހާރު މިދިޔަ އަހަރުގެ ތެރޭގައި އެވަނީ ހުޅުމާލެއާ ދޭތެރޭގައި ދަތުރުކުރާ ފެރީ ސިސްޓަމް ބަނުމަށް އޯޑަރުދީފައި އެވަނީ މިދިޔަ އަހަރުގެ ތެރޭގައި. އަޅުގަނޑުމެން އެ ފައިސާ މިއަހަރު ކަށަވަރު އެބަކޮށްދެން. އެމް.ޓީ.ސީ.ސީ. އަށް އެ ފައިސާ އަޅުގަނޑުމެން ޙަވާލުކުރާނަން. އިރާދަކުރެއްވިއްޔާ، ބަނދެވޭ ބޯޓުތައް، އެ ބަނދެވިގެން އަންނަނީ، މިދޭތެރޭގެ ދަތުރުފަތުރު ފަސޭހަކުރަން. އެއީ ބްރިޖް އަންނަންދެންވެސް. އެހެންވީމާ، އިރާދަކުރެއްވިއްޔާ ދަތުރުފަތުރަކީ، މިދޭތެރޭގައި ދަތިކަމަކަށްވެގެން ނުދާނެ. އަޅުގަނޑުމެން އިންތިޒާރު މި ކުރަނީ، މާލެއާއި ހުޅުމާލެއާ ދެރަށުގެ އާބާދީ އެއްކޮށްލީމަ، ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި، ގާތްގަނޑަކަށް ތިންލައްކައަށްވުރެ ބޮޑު އާބާދީއެއް، އާދެ، ހަތަރުލައްކައާ ކައިރި އާބާދީއެއް މާލެ ހުޅުމާލެ، އާދެ، މި ސިޓީގައި ދަތުރުކުރާނެ ކަމަށް، ދައުރު ކުރާނެ ކަމަށް. ދަތުރުފަތުރު ފަހިވެގެންދާނީ، މިދެންނެވި ގޮތަށް، އެއްގަމު މަގުން ދަތުރުކުރެވޭނެ ނިޒާމުތަކެއް ހަމަޖެހިގެން ދިޔައީމަ.
 
އާދެ، ހުޅުމާލެއާ ދޭތެރޭގައި އަޅުގަނޑުމެން ކުރާ އުންމީދުތަކުގެ ވާހަކަ އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑުމެންނަށް ފެނުނު ތަޞްވީރުތައް ކިތަންމެހާވެސް ފުރިހަމަ. އަޅުގަނޑުމެން ކުރަންޖެހޭ ސުވާލަކީ، މި ތަޞްވީރުތަކުގައި އެވާ އިމާރާތްތައް އަޅުގަނޑުމެންނަށް ކޮޅަށްޖެހޭނެތޯ؟ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއަދު ދިވެހިރާއްޖެއަށް އަންނަ އިންވެސްޓަރުންނާ ދޭތެރޭގައި، އިންވެސްޓަރުންނާ ގާތުން މުޢާމަލާތް ކުރައްވާ ބޭފުޅުންކުރެ ސާފު ކުރައްވާށޭ، ކޮންކަމެއްތޯ އެމީހުންނަށް ބޭނުންވަނީ؟ އަޅުގަނޑުމެންނަށް މިއަދު އެންމެ ދަތިކަމަކަށްވެގެން މިއުޅެނީ، މާލޭގެ ސަރަޙައްދުގައި ހުރިހާ ލޮޖިސްޓިކަލް އިންފްރާސްޓްރަކްޗަރެއް މިހިރީ. އިޤްތިޞާދީ އިންފްރާސްޓްރަކްޗަރ އަދި ވިޔަފާރިއަށް ބޭނުންވާ ހުރިހާ އިންފްރާސްޓްރަކްޗަރ މިހިރީ މާލޭ ސަރަޙައްދުގައި. އަޅުގަނޑުމެންނަށް ކޮށްނުދެވިގެން މިއުޅޭ ކަމަކީ، އެމީހުން ބޭނުންވާނެ މަސައްކަތް ކުރާނެ ބިން، ޖާގަ އަޅުގަނޑުމެންނަށް ހޯދައިނުދެވެނީ. މާލޭގައިވެސް އެކަން އޮތީ އެހެން. އަދި މާލެ ކައިރީގައިވެސް އެކަން އޮތީ އެހެން. އެހެންވީމާ، އިރާދަކުރެއްވިއްޔާ ހުޅުމާލޭގެ ބިން ހިކިގެން ދިޔައީމަ، މި ޖާގައިގެ ބޮޑު ބައެއް، ޖާގައިގެ ދަތިކަމުގެ ބޮޑު ބައި ޙައްލުވެގެންދިޔައީ.
 
އަޅުގަނޑުމެންނާއެކީ މި ޙާޒިރުގައި އެމް.ޓީ.ސީ.ސީ.ގެ އިސްބޭފުޅުންވެސް އެބަ ތިއްބެވި. އަދި އެމް.ޓީ.ސީ.ސީ މިވަގުތު ވަޒީރެއްގެ ޙައިޘިއްޔަތުން ބަލަހައްޓަވަމުން ގެންދަވާ އިކޮނޮމިކް މިނިސްޓަރުވެސް މި އިންނެވީ. މިހާރު ތިލަފުށީގައިވެސް ދިމާވެގެން އުޅޭ މައްސަލައަކީ، ސަރުކާރުގެ ކުންފުނިތަކުގެ ބޭނުންތަކަށް، ބޭރުން އަންނަ އިންވެސްޓަރުންގެ ބޭނުންތަކަށް އަދި ސަރުކާރުގެ މުހިންމު ބޭނުންތަކަށްވެސް ތިލަފުށިންވެސް ބިން ނުލިބިގެން މިއުޅެނީ. އެހެންވީމާ، ތިލަފުށީގެ ބިމަކީވެސް މިހާރު ރިއަލް އެސްޓޭޓް ޑިވެލޮޕް ކުރާއިރު، ބިމުގެ އަގު މަގުކުރާ އުޞޫލުން އަގު މަގުކުރަން ޖެހިފައި އޮތް ތަނެއް. ތިލަފުށީގެ ބިމަކީވެސް މިއަދަކު ފަންސާސް ލާރިއަށް އަކަފޫޓެއް ވިއްކައިގެން، ނޫނީ އެއްރުފިޔާއަށް އަކަފޫޓެއް ވިއްކައިގެން، ސަރުކާރަކަށް ދެކޮޅުޖެއްސެން އޮތް ކަމެއް ނޫން. ބިމުގެ އަގު މާލޭގެ ސަރަޙައްދުގައި މިހާ ބޮޑުވެގެން މިދިޔައީ. އަދި އިރާދަކުރެއްވިއްޔާ، ބިމުގެ އަގު ބޮޑުވެގެންދާނެ އެހެންކަމެއް އަޅުގަނޑު މިރޭ ވަގުތީގޮތުން އިޢުލާނުކޮށްލާނަން. އެހެންނަމަވެސް، މީގެ ރަސްމީ އިޢުލާނުތައް، ދާދި އަވަހަށް، މިމަހުގެ ތެރޭގައި ސަރުކާރުގެ ފަރާތުން ކަމާބެހޭ ވުޒާރާއިން އިޢުލާނު ކުރައްވާނެ. މާލޭގައިވެސް، ހުޅުމާލޭގައިވެސް އަޅުގަނޑުމެން ނިންމައިފީމު، އަޅުގަނޑުމެންގެ ސަރުކާރުން ނިންމައިފީމު، 20 ބުރިއަށް،     25 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަދޭން. އާދެ، އަޅުގަނޑުމެންނަށް މިހާތަނަށް ހެދިފައި ހުރި ދިރާސާތަކުން، ކުރެވިފައި ހުރި ތަޙުލީލުތަކުން އަޅުގަނޑުމެންނަށް އެބަ އެނގޭ، މާލޭގެ ސަރަޙައްދުތަކުގައިވެސް އެބަހުރި ބިމުގައި އެވަރުގެ ހަކަތަ. ބިމުގައި އެވަރު ބާރު އެބަހުރި. އެހެންވީމާ، އަޅުގަނޑުމެން ދެން މާލޭގެ ބޮޑެތި ބިންތައް ދޫކުރާނީ، ސަރުކާރުގެ ބޭނުންތަކަށްވެސް، ކުންފުނިތަކުގެ ބޭނުންތަކަށްވެސް އަދި އަމިއްލަ ފަރުދުންނަށްވެސް އަޅުގަނޑުމެން ހިތްވަރުދޭން ބޭނުންވަނީ، އުސްކޮށް އިމާރާތް ކުރެއްވުމަށް. އެހެންވީމާ، ހުޅުމާލޭގައިވެސް ދެން އަޅުގަނޑުމެންނަށް ފެނިގެންދާނީ އުސްކޮށް ހުންނަ އިމާރާތްތަކެއް.
 
ހުޅުމާލެއަކީ ޝައްކެއްވެސްނެތްގޮތުގައި ރޭވިފައި އޮތް މަޝްރޫޢެއް. ޕްލޭންތަކަކާ އެއްގޮތަށް ހިނގާނީ. އެހެންނަމަވެސް، މިރޭވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހުޅުމާލެ މީގެ 10 އަހަރު ކުރިން އަޅުގަނޑުމެން އެންވިޝަން ކުރިގޮތް، ނޫނިއްޔާ އަޅުގަނޑުމެން ތަޞައްވުރުކުރިގޮތާ މިއަދުގެ ޙަޤީޤަތާ ވަރަށް ބޮޑަށް ތަފާތުވެއްޖެއޭ. ހުޅުމާލެވެސް މިއަދުގެ ޙަޤީޤަތަށް އެބަ ރުޖޫޢަވާންޖެހޭ. ހުޅުމާލެ މިއަދުގެ ޙަޤީޤަތަށް ރުޖޫޢަވާއިރު، ހުޅުމާލޭގެ އެސްތެޓިކްސް ނުގެއްލޭ ގޮތަށް، އެހެންނަމަވެސް ގިނަ މީހުންނަށާއި، ގިނަ އިޤްތިޞާދީ މަސައްކަތް ކުރެވޭގޮތަށް ހުޅުމާލެވެސް އެބަޖެހޭ އުސްވާން. ހުޅުމާލެވެސް އުސްވެގެން ނޫނިއްޔާ، އަޅުގަނޑުމެން މިދަންނަވާ އާބާދީއަކަށް ކޭޓަރއެއް ނުކުރެވޭނެ. އެހެންވީމާ، ހުޅުމާލޭގައިވެސް އިރާދަކުރެއްވިއްޔާ، މާލޭގައި މިއޮތް ހަމަޔާ އެއްގޮތަށް، 20 ބުރިއަށް، 25 ބުރިއަށް ހެދޭނެކަމުގެ އުންމީދު އަޅުގަނޑަށް އެބައޮތް. އަދި އަޅުގަނޑުމެންގެ ހައުސިންގ މިނިސްޓްރީއާއި އަދި މިކަމާބެހޭ ފަންނީ ބޭފުޅުން އަޅުގަނޑުމެންނަށް މަޢުލޫމާތު ދެއްވާ ގޮތުން ވެއްޖިއްޔާ، މާލޭގައިވެސް މިކަން ކުރެވޭނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މި މަސް ހުސްވުމުގެ ކުރިން އަޅުގަނޑުމެންގެ ބިލްޑިންގ ކޯޑް އެކުލަވާލައި އިޢުލާނު ކުރާއިރު، މާލޭގައި މިކަން ކުރެވޭނެ ޖާގަ ހަމަޖެހިގެންދާނެ. މިއީ ޝައްކެއްވެސްނެތްގޮތުގައި، ރިއަލް ސްޓޭޓްގައި އިންވެސްޓް ކުރައްވަން ތިއްބެވި ފަރާތްތަކަށްވެސް ލިބިގެންދާނެ ހަމަ ވަރަށް އުފާވެރި ޚަބަރަކަށް ވެގެންދާނެ.
 
އެޔާއެކީ އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ހުޅުމާލެއަކީ އެއްގޮތަކަށްވެސް ހަމައެކަނި ޒުވާނުންގެ އުންމީދުތައް ޙާޞިލުކޮށްދޭ ތަނެއް ނޫނޭ. ޝައްކެއްވެސްނެތްގޮތުގައި، ހުޅުމާލޭގެ ދެވަނަ ފިޔަވަހި ޚާއްޞަވެގެން މިދަނީ މާލޭގައި އަދި އަތޮޅުތެރޭގައި ދިރިއުޅުއްވާ ޒުވާނުންނަށް. ޒުވާނުންނަށް ގެދޮރުގެ ދަތިކަން އޮތީމަޔާއެކީ، ޒުވާނުން ގެދޮރުވެރިކުރުވުމަށް ބިނާކުރާ ޝަހަރެއްގެ ގޮތުގައި. މާލޭގައިވެސް ގެދޮރުވެރިކަން ނެތް އެތަކެއް ބަޔަކު އެބަތިބި. ދަފްތަރުތަކުގައި ތިބި މީހުން މަދެއް ނޫން. މާލޭގައި ވޯޓްލާއިރު، ކޮންމެ ފަހަރަކު ރަޖިސްޓްރީ ބަލައިލާއިރު، އަޅުގަނޑުމެންނަށް މި އެނގެނީ، ސިޔާސީ މީހަކަށް ވޯޓާ ކުރިމަތިލާއިރު އަޅުގަނޑުމެންނަށް މި އެނގެނީ، ދަފްތަރުތަކުގައި އުޅޭ މީހުންގެ ޢަދަދުތައް. މި ޢަދަދުތަކަށް ބަލާއިރު، މި މީހުންނަށް ޙައްލުތަކެއް އެބަ އަންނަންޖެހޭ. މި މީހުންނަށް ގެދޮރުވެރިކަން އެބަ ފުދެންޖެހޭ. އަދި މާލޭގައި ދިރިއުޅޭ މީހުންނަށް، ތޮއްޖެހިފައި މިވާ މާލޭގައިވެސް އެ ދިރިއުޅޭ ތަންތަނުން ނުކުމެ ނޭވާލާނެ ބިންތަކެއްވެސް އެބަ ހުންނަންޖެހޭ. އެ ބިންތަކަކީ ހަމައެކަނިވެސް އަޅުގަނޑުމެން މިހާރު އެއްވެ މައިދާން ކަހަލަ ބޮޑެތި މައިދާނަށް ނުވެ ހިނގައިދާނެ. އެކަމަކު މިކަހަލަ މައިދާންތައްވެސް މާލެއިންވެސް ލިބުނު މިންވަރަކުން އަޅުގަނޑުމެން މިދަނީ ޖާގައިގެ ގޮތުން އުފެއްދޭތޯ. އެހެންނަމަވެސް، މިއީކީ މާލޭގައި ކުރަން މާ ފަސޭހަ ކަމެއް ނޫން.
 
ހަމައެޔާއެކީވެސް އުފަލާއެކީ އަޅުގަނޑު ހަމަ މިރޭ އިޢުލާނުކޮށްލަން ބޭނުންވޭ، މާލޭގައިވެސް އަޅުގަނޑުމެން ނިންމައިފީމު، ޖާގަ ހުސްކުރެވޭނެ ގޮތްތަކެއް ހޯދަން. އެއީ، މާލޭގައި ހަނި ގޯޅިތަކުގެ ދެފަރާތުގައި ހުރި އުސް އިމާރާތްތަކުގައި ދިރިއުޅޭ ކުޑަކުދިންނަށް، ދިރިއުޅޭ މީހުންނަށް ހިނގާލެވޭނެ، ކުޅިވަރު ކުޅެވޭނެ އަދި ނޭވާލުމަށްޓަކައި ނުކުމެވޭނެ ޖާގަ ހޯދައިދޭން ސަރުކާރުން ނިންމައިފީމު. އެކަން އަޅުގަނޑުމެން ކުރާނެގޮތް އިރާދަކުރެއްވިއްޔާ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އިޢުލާނު ކުރާނަން. އަޖުމަ ބެލުމުގެ ގޮތުން މާލޭގެ ދެ ސަރަޙައްދެއްގައި މިކަން ފެށިގެންދާނެ. ސްކޫލްތައް ކައިރި ސަރަޙައްދު ހިމެނޭނެ، އެއް ސަރަޙައްދެއްގެ ގޮތުގައި. އެއީ ސްކޫލަށްދާ ކުދިންނަށް ފަސޭހަ ކުރުމަށްޓަކައި. އެޔާއެކީގައި ޙަޤީޤަތުގައި މިދެންނެވި ބޭނުމުގެ އަހުލުވެރިންނަށް އަމާޒުކޮށްގެން، އަޅުގަނޑުމެން މިކަން އިޢުލާނު ކުރާނަން. އާދެ، ހަނިގޯޅިތައް ޓްރެފިކަށް މުޅިން މަނާ ގޯޅިތަކަކަށް ވެގެންދާނެ. ޟަރޫރީ ބޮޑު ބޭނުމެއް ޖެހިގެން ނޫނިއްޔަކާ، އެ ގޯޅިތަކަކަށް ދުއްވާ އެއްޗެއްސެއް ނުވަންނާނެ. އެ ގޯޅިތައް ޚާއްޞަވެގެންދާނީ، އެ ގޯޅިއެއްގެ ދެފަރާތުގައި އަދި އެ ސަރަޙައްދުގައި އުޅޭ ކުޑަކުދިން ކުޅިވަރު ކުޅޭނެ ގޯޅިތަކަކަށް ހަމަޖެހިގެންދާނީ. ނޭވާލާނެ، ޖާގަ ހޯދާނެ ގޯޅިތަކަކަށް ވެގެންދާނީ. އެހެންވީމާ، މާލޭގައިވެސް އަޅުގަނޑުމެން މިގެންދަނީ މިކަހަލަ ޙައްލުތަކެއް ހޯދަމުން. އަޅުގަނޑުމެން މިހާރު އެއްވެ މިތިބަ ހެންވޭރުގައި މީގެ ގޯޅިތައް މަދެއް ނޫން. ހެންވޭރުގައިވެސް މިކަހަލަ ގޯޅިތައް އުފެދިގެންދާނެ. މާލޭގައި މާފަންނު އަދި އެހެން އަވަށްތަކުގައިވެސް މިކަހަލަ ގޯޅިތަކެއް އުފެދިގެންދާނެ.
 
މިޔާއެކީ އަޅުގަނޑުމެން ބޭނުންވަނީ މި އުސް އިމާރާތްތަކުގައި ކުދިކުދި ކޮޓަރިތަކުގައި ނޭވާނުލާ އެތިބޭ ކުޑަކުދިންނަށް، ނޭވާލެވޭނެ ގޮތްތަކެއް ހަމަޖައްސައިދިނުން. އަދި ހަމަ އެޔާއެކީ އެކުދިން ކުޅިވަރު ކުޅުމަށްޓަކައި ދަނޑުގެ ފަސޭހަކަން ނުލިބޭ ކަމަށްވަންޏާ، ޕާކެއްގެ ފަސޭހަކަން ނުލިބޭ ކަމަށްވަންޏާ، ހަމަ އެކުދިން ނުކުމެ އެ ގޯޅިތަކުގައިވެސް އެކުދިންނަށް ކުޅެވޭނެ އިންތިޒާމު އަޅުގަނޑުމެން ހަމަޖައްސައިދޭނަން. އެހެންވީމާ، މިއީ އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، ދިވެހި ހުރިހާ ރައްޔިތުން، ޚާއްޞަކޮށް، މާލޭގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުން، ސަރުކާރުގެ މި އިނިޝިއޭޓިވަށް، ސަރުކާރުގެ މި ޚިޔާލަށް ތާއީދުކޮށްދެއްވުމަކީ އަޅުގަނޑުމެން އެދޭ ކަމެއް. ކުޑަކޮށް ދަތި ކަންތައްތައް ހުންނާނެ. އަޅުގަނޑުމެން ހޭނިފައި މިހިރީ އަޅުގަނޑުމެންގެ ގޭގެ ދޮރު ކުރިމަތީގައި ކާރުވެސް ބާއްވާލަން. ދޮރު ކުރިމަތީގައި ސައިކަލްވެސް ބަހައްޓާލަން. އަދި ދުއްވާ އެހެން އެއްޗެހިވެސް ބަހައްޓަން. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ކުޑަކުދިންގެ ޙައްޤުގައި އަޅުގަނޑުމެން އެބަޖެހޭ ކުޑަކޮށް ތަކުލީފެއް އުފުލަން. ކައިރި ހިސާބެއްގައި އަޅުގަނޑުމެން ޕާކް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދޭނަން.
 
ހުޅުމާލެއާ ދޭތެރޭގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހުޅުމާލެއަކީ ޝައްކެއްވެސްނެތްގޮތުގައި، ޒުވާނުންގެ އުންމީދުތައް ފުރިހަމަކޮށްދޭނެ ހުޅުމާލެއަކަށް، ރަށަކަށްވެގެންދާނެޔޭ. އެޔާއެކީ ދަންނަވާލަން ބޭނުންވަނީ، ހުޅުމާލެއަކީ ހަމައެކަނި ޒުވާނުންނަށް ބޭނުންވާ ކަންތައް އެކަނި ފުދިގެންދާނެ ތަނެއް ނޫނޭ. ދިވެހިރާއްޖޭގެ އާބާދީއަށް ބަލާކަމަށްވަންޏާ، ދޮށީ ރައްޔިތުން އުޅުއްވާކަން އަޅުގަނޑުމެން ގަބޫލުކުރަން. އަޅުގަނޑު، ޒުވާނުންގެ ވާހަކަ ދައްކާއިރު، އަޅުގަނޑުގެ ކްރިޓިކުން އަދި އަޅުގަނޑަށް ހެޔޮއެދޭ ފަރާތްތަކުންވެސް އަޅުގަނޑަށް އިލްތިމާސް ކުރައްވަމުން ގެންދަވާ، ދޮށީ މީހުންނަށް، ނޫނީ ދޮށީ ރައްޔިތުންނަށް ހުރި ކަންތައްތަކުގެ ވާހަކަވެސް ދައްކައިދޭށޭ. އަޅުގަނޑުމެން ކިހިނެއްތޯ ހުޅުމާލޭގެ ވާހަކަ އެކަނި ދައްކާއިރުވެސް ކިހިނެއްތޯ ދޮށީ ރައްޔިތުންގެ މަތިން ހަނދާންނެތޭނީ. ހުޅުމާލޭގެ ޢަމަލީ މަސައްކަތުގައި އެންމެ ޚިދްމަތްތެރި އެއް ބޭފުޅަކީ، ނިޝާން ޢިއްޒުއްދީނުގެ ލަޤަބުގެ ޢިއްޒަތްތެރިޔާ އަލްފާޟިލް ޢުމަރު ޒާހިރު، އަޅުގަނޑުމެންނާއެކީ މިރޭގެ މި ޖަލްސާގައި އެބަ އިންނެވި. އެހެންވީމާ، ކިހިނެއްތޯ ދޮށީ ރައްޔިތުން ކޮށްދެއްވާފައި ހުރި ޚިދްމަތުގެ މަތިން އަޅުގަނޑުމެން ހަނދާންނައްތާލާނީ. އަޅުގަނޑުމެންނަކަށް ހަނދާންނައްތައެއް ނުލެވޭނެ. ދޮށީ ރައްޔިތުންނަށް އަޅުގަނޑުމެންގެ ސަރުކާރުގެ މެނިފެސްޓޯގައި ހުރި ކަންތައްތައް ހަމަ ބަރާބަރަށް ހިނގަމުން އެބަދޭ. އެޔާއެކީވެސް ދަންނަވާލާނީ، ހުޅުމާލެއަކީ މިދެންނެވި ގޮތަށް އެކި ޢުމުރުފުރައިގެ މީހުން ދިރިއުޅޭ ޝަހަރަކަށް ވެގެންދާއިރު، ހަމަ ދޮށީ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް އެތާ މަދެއް ނުވާނެ. ދީނީގޮތުން އެތަނަށް ކޮށްދޭންޖެހޭ ކަންތައްތަކެއް މަދެއް ނުވާނެ. މިސްކިތްތަކާއި އަދި ދީނީ ޢިލްމު ފެތުރުމަށް ބޭނުންވާ ބިނާތައް ހުޅުމާލޭގައި ބިނާވެގެންދާނެ.
 
އަދި ހަމައެޔާއެކީ ޒުވާނުން އާބާދުވާ ރަށަކަށްވެގެންދާއިރު، ހުޅުމާލޭގައި އިރާދަކުރެއްވިއްޔާ މި މަޝްރޫޢު ނިމިގެންދާއިރު، މަޝްރޫޢުގެ ފިޔަވަހީގެ އެންމެ ކުރީކޮޅު ބިން ހިއްކުމަށްފަހު، އެންމެ ކުރީކޮޅު މާލެ ނަގާފައި ދެން ހެދޭ އެންމެ ބޮޑު ރީހެބިލިޓޭޝަން ސެންޓަރު، އާދެ، މަސްތުވާތަކެތިން ކުދިން ސަލާމަތްކުރުމަށްޓަކައި، ޑްރަގްގެ ވަބާއިން ކުދިން ސަލާމަތް ކުރުމަށްޓަކައި ހެދޭ އެންމެ ބޮޑު ޑްރަގް ރީހެބިލިޓޭޝަން ސެންޓަރު ހުޅުވިގެންދާނީ ހުޅުމާލޭގައި. އާދެ، ޒުވާނުންގެ ރަށަކަށް، ޒުވާނުންގެ ޝަހަރަކަށް ހުޅުމާލެ ވެގެންދާއިރު، އަޅުގަނޑުމެން ޒުވާނުންނަށް ހަމަ ގޮވާލަން ބޭނުންވަނީ، ޒުވާނުންގެ ތެރޭގައި ވަރަށްގިނަ ބަޔަކު ގެއްލިފައި މިތިބީ މަސްތުވާތަކެތީގައި ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެއޭ. އެކަމަކު އެހުރިހާ އެންމެން ކުށްވެރި ކުރުމުގެ ބަދަލުގައި، އަޅުގަނޑުމެން ސަރުކާރުން މިކަމަށް އެޕްރޯޗް މިކުރަނީ އީޖާބީ ނަޒަރަކާއެކީ. އެކުދިން ރަނގަޅުކޮށްގެން، މަސްތުވާތަކެތީގެ ފަރުވާ އެކުދިންނަށް ލިބިގެން، މަސްތުވާތަކެތިން ސަލާމަތްވުމުގެ ފަރުވާ އެކުދިންނަށް ލިބިގެން، މުޖްތަމަޢުގައި ޚިދްމަތްކުރާ، ހުޅުމާލޭގައި އުފެދިގެންދާ ވަޒީފާތަކަށް ކުރިމަތިލާނެ ޒުވާނުންތަކެއް އަޅުގަނޑުމެން އުފައްދަން ބޭނުންވޭ. އެ ސަބަބަށްޓަކައި ހުޅުމާލޭގައި ރީހެބިލިޓޭޝަން ސެންޓަރެއް ޤާއިމުވެގެންދާނެ.
 
މިދިޔަ އަހަރު އަޅުގަނޑުމެންގެ ސަރުކާރުގެ ފުރަތަމަ އަހަރު، އަޅުގަނޑުމެން ޚާއްޞަކުރީ، އިޤްތިޞާދީ ގޮތުން އަޅުގަނޑުމެން ފައިމައްޗަށް ތެދުވުމަށް ބޭނުންވާ ޕްލަގްތަކެއް ޖެހުމަށް. އާދެ، އޮހޮރޭ ފައިސާ، އޮހޮރޭ މަގުތައް ބަންދުކުރުމަށް. އާމްދަނީ އިތުރުކުރެވޭނެ ގޮތްތަކުގެ ބިންގާ، އަސާސްތައް އެޅުމަށް. އަދި ރާއްޖެއަށް ޢާންމުވެފައި އޮތް ނާމާންކަން ފިލުވާލައި، މީހުންގެ ހިތްތަކަށް ދިވެހިރާއްޖެއަކީ ޚާއްޞަކޮށް، މާލެއަކީ މީހުންނަށް ދިރިއުޅެވޭވަރުގެ ލިވެބަލް، އުޅެން ފަސޭހަ، އުޅެން ހިތްގައިމު ރަށަކަށް ހެދޭކަމުގެ ކަށަވަރުކަން ދިނުމަށްޓަކައި ކުރި މަސައްކަތްތައް އަޅުގަނޑުމެން ކުރަމުން ދިޔައީ. އާދެ، ބޮޑެތި ޖަރީމާތައް ކުރުމުން ދިވެހިން ދުރުކުރުމާއި، ބޮޑެތި ޖަރީމާތަކާ، މީހުންގެ ބޮޑެތި ޙައްޤުތައް އަރައިގަންނަ މީހުންނަށް އިންޞާފުގެ މަގުން އަދަބު ދިނުމާ، މިކަހަލަ މަސައްކަތްތަކަކަށް މިދިޔަ އެއްއަހަރު އަޅުގަނޑުމެން ޚާއްޞަކުރީ. މިއަހަރަކީ އަޅުގަނޑުމެން ޚާއްޞަ މިކުރަނީ ޒުވާނުންގެ އަހަރެއްގެ ގޮތުގައި. އެހެންވެގެން މިރޭގެ މި މަޝްރޫޢުގެ ބިންގާ އެޅިގެން މިދިޔައީ. މިއަހަރު އަޅުގަނޑުމެން ޒުވާނުންގެ އަހަރެއްގޮތަށް ޚާއްޞަކުރާއިރު، މިއަހަރު އަޅުގަނޑުމެން މި ޚާއްޞަ ކުރަނީ، ޒުވާނުންނަށް ޚާއްޞަ ފަރުވާ ދިނުމަށްޓަކައި. އާދެ، މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމަށްޓަކައި މިއަހަރު ދިވެހި ދައުލަތުގެ ރިސޯސަސް، ނޫނިއްޔާ އަޅުގަނޑުމެންގެ ސަރުކާރުގައި ބަޖެޓުގައި އިސްކަމެއްދޭނީ މިކަމަށް. މިކަމުން ޒުވާނުން މަގުން އެއްކިބާވެފައި ތިބި، މަގުން ކައްސާލައިގެން ގޮއްސަ ތިބި ޒުވާނުން ސަލާމަތް ކުރެވޭތޯ ކުރާ ޚާއްޞަ މަސައްކަތްތަކެއް ކުރެވޭ އަހަރަކަށް މިއަހަރު ވެގެންދާނީ.
 
މިވާހަކަ ދަންނަވާއިރުވެސް އަޅުގަނޑުގެ ހަނދާނަކުން ނުފިލާ، އަޅުގަނޑުމެން މިއަދު މިތިބީ މިނިވަންކަމުގެ 50 އަހަރު ފާހަގަކުރާ އަހަރުގެ ތެރޭގައިކަން. މިނިވަންކަމުގެ 50 އަހަރު ފާހަގަކުރާއިރު، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިނިވަންކަމަކީ ތާރީޚުން ނަގައިދޭ ފިލާވަޅެއް. މީގެ 50 އަހަރު ކުރިން މިނިވަންކަން އަޅުގަނޑުމެންނަށް ގެނެސްދިން، އަބްޠާލުންގެ މަތިން އަޅުގަނޑުމެން ހަނދާންނައްތައެއްނުލާނަން. އެކަމަކު މިނިވަންކަމަކީ އޭރު އެތިއްބެވި އަބްޠާލުން އެކުރެއްވި މަތިވެރި ޤުރްބާނީއެއްގެ ސަބަބުން އަޅުގަނޑުމެން ދައުލަތެއްގެ ގޮތުގައި، މުސްތަޤިއްލު ދައުލަތެއް އޮތުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހުނު ޤުރްބާނީއެއް އަޅުގަނޑުމެން ވެގެންދިޔައީ.    އެ ޤުރްބާނީގެ ނަތީޖާ ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެންނަށް ކާމިޔާބުވީ. އެ 50 އަހަރު ފުރުން އަޅުގަނޑުމެން ފާހަގަކުރާއިރު، މިނިވަންކަމުގެ ރާޙަތު އެންމެ ބޮޑަށް ލިބެންޖެހޭ ބަޔަކީ އަދި އޭގެ އެންމެބޮޑު ޝަރަފަކާއި، އޭގެ އެންމެބޮޑު ހިތްހަމަޖެހުމެއް ހޯދަންޖެހޭ ބަޔަކީ ދިވެހި ޒުވާނުން.
 
ޒުވާނުންގެ ތެރޭގައި މިނިވަންކަމަކީ ކިހާވަރެއްގެ އެއްޗެއްކަން، އެކުދިންނަށް އިޙްސާސްވާނީ ހަމައެކަނި މިނިވަންކަން ބީވެގެން ދިޔައީމައެއް ނޫން. މިއީ މީގައި އޮންނަ އެންމެ ހިތި ތަޖުރިބާ. އެންމެ ހިތި ފިލާވަޅު. އަޅުގަނޑުމެންނަށް ﷲގެ ރަޙްމަތުން ލިބޭ ރިޒުޤެއް، އަޅުގަނޑުމެންނަށް މަޙްރޫމްވެގެން ދިޔައީމަ، އެ ރިޒުޤަކީ ކިހާ މުހިންމު ރިޒުޤެއްކަން އެނގޭނެކަން އަޅުގަނޑުމެންނަށް ހަރުބަސްތަކުން އެނގިގެން މިދަނީ. އެހެން ނަމަވެސް، އެނޫން އެޕްރޯޗެއްވެސް އެބައޮތް. މިދެންނެވި ކަހަލަ ކަންކަމުގައި، ޒުވާނުންގެ ބައިވެރިވުން އިތުރުކުރެވޭ ކަމަށްވަންޏާ،     މި 50 އަހަރުގެ އިޙްތިފާލްތަކުގެ ތެރޭގައި، 50 އަހަރުގެ ތެރޭގައި އަޅުގަނޑުމެން ފާހަގަކުރާ ކަންތައްތަކުގެ ތެރޭގައި ޒުވާނުންގެ ބައިވެރިކުރުން އިތުރުކުރުމުގެ މަޝްރޫޢުތަކެއް، ނޫނިއްޔާ މަސައްކަތްތަކެއް އަޅުގަނޑުމެން މިކުރަނީ. މި 50 އަހަރު ފާހަގަކުރާ އަހަރަކީ، ޒުވާނުންގެ އަހަރަކަށްވާންޖެހޭނެ. މިއީ، ހަމައެކަނި ތާރީޚުން ފިލާވަޅު ނަގައިދެއްވާފައި އަދި އެ ފިލާވަޅުތައް އަޅުގަނޑުމެންނަށް މުޠާލިޢާކޮށް ވިދާޅުވެދެއްވަން އެނގިވަޑައިގަންނަވާ ބޭފުޅުންގެ އަހަރެއް ނޫން. ޝައްކެއްވެސްނެތްގޮތުގައި، އެއީ ދޮށީ ރައްޔިތުން. އަޅުގަނޑުމެން އެބޭފުޅުން އެކޮށްދެއްވި މަތިވެރި ޤުރްބާނީ ހަނދާންކުރަން. އަދި އެބޭފުޅުންނަށް ޙައްޤު ޝުކުރުވެސް އަދާކުރަން. އަދި އެބޭފުޅުންނަށް އިޙްތިފާލްތަކުގައި އެބޭފުޅުން އެކުރެއްވި މަސައްކަތްޕުޅުތަކުގެ އަގު، އަޅުގަނޑުމެންނަށް އަދާކުރެވޭ ކުޑަ މިންވަރަކުން ނަމަވެސް އަޅުގަނޑުމެން އަދާކުރުމުގެ ޚިޔާލު އެބައޮތް. އެހެން ނަމަވެސް، މިނިވަންކަން ދެމެހެއްޓުމާއި، މިނިވަންކަމަކީ ކިހާވަރެއްގެ ނިޢުމަތެއްކަން އަޅުގަނޑުމެންނަށް އެނގުމަށްޓަކައި ޒުވާނުންގެ ޙިއްޞާ މީގައި އެންމެ ބޮޑީ. އެހެންވީމާ، މި 50 އަހަރުގެ ހުރިހާ އެކްޓިވިޓީތަކަކީ، އަޅުގަނޑުމެން އިންތިޒާމުކުރާ ހުރިހާ ޙަރަކާތްތަކަކީ، ޒުވާނުން އިސްނަންގަވައިގެން ޒުވާނުންގެ ޙަރަކާތްތަކަކަށް ހެއްދެވުމަށް އަޅުގަނޑު މިރޭ އިލްތިމާސް މިކުރަނީ، މި ފެށިގެން މިދަނީ ޒުވާނުންގެ އަހަރަކަށްވާތީ.
 
އާދެ، ހުޅުމާލެއާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާއިރު، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންނަށް ފެނިގެންދިޔަ ތަޞައްވުރުގެ ތެރޭގައި، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ހުޅުމާލެއަކީ އިރާދަކުރެއްވިއްޔާ އިންފްރާސްޓްރަކްޗަރ ޤާއިމުކުރަން ދަތި ރަށަކަށްނުވާނެއޭ. އެކަން އަޅުގަނޑުމެންނަށް މިދިޔަ 10 އަހަރުގެ ތެރޭގައި ފެނިގެން މިދިޔައީ. އަދި އަޅުގަނޑަށް އެނގޭ، ދިވެހިރާއްޖޭގެ ބަޖެޓް މިކަންކަމަށް އެންމެ ތަން ނުދިން ކަމަށްވިޔަސް، އަޅުގަނޑުމެންގެ އުންމީދަކަށް އެއްވެސްކަހަލަ ބަދަލެއް ނާދޭ. އަޅުގަނޑުމެންގެ ޢަޒުމަކަށް މިކަމަކުން ބަދަލެއް ނާދޭ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި، ހުޅުމާލޭގެ ޑްރެޖިންގ މަސައްކަތް ފެށުމާއެކީ، ވިޔަފާރީގެ އުޞޫލުން ޢާންމު ފަރާތްތަކަށް ދޫކުރާ ބިން މިއަދުވެސް އަޅުގަނޑުމެންނަށް ދޫކުރަން ފެށޭނެ. އަޅުގަނޑުމެން އެކަން ކުރާނަންމެ. އެޔާއެކީ ދަންނަވާލަން ބޭނުންވަނީ، މިވަރުގެ ބިން ހިކިގެން ދިޔައީމަ، އިރާދަކުރެއްވިއްޔާ މި މަސައްކަތްތަކަށް ބޭނުންވާ އިޤްތިޞާދީ އިންފްރާސްޓްރަކްޗަރ ޤާއިމުކުރަން އަންނާނެ ފަރާތްތައް މަދެއްނުވާނެ. އަދި ހަމައެހެންމެ، ހުޅުމާލޭގެ އެކިއެކި މަޝްރޫޢުތައް ހިންގަން އަންނަ ފަރާތްތައް މަދެއްނުވާނެ.
 
މިއަދުވެސް އަޅުގަނޑުމެންނަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކަން ފެށުމާއެކީ، އަޅުގަނޑުމެންނަށް ހުޅުމާލޭގެ ޚިޔާލަށް އެ ގެނެވެނީ، ހުޅުމާލޭގައި އެއޮތް ރީތި ބޮޑު މެރީނާ. ކޮންބަޔަކުތޯ މި މެރީނާ ނަގަން ބޭނުންނުވާނީ. މިހާރުވެސް މި މެރީނާއަށް ޝައުޤުވެރިކަން ފާޅުކޮށްފައި ހުރި ބޭރުގެ އެތަކެއް ފަރާތްތައް އެބަހުރި. އަޅުގަނޑުމެންނަށް އިވިގެން އެދިޔައީ، މިވަގުތު ހުޅުމާލޭގައި ހުރި އެންމެބޮޑު ބިނާއެއް ގޮތުގައި ފެނިގެން އެދަނީ، ރެޑިސަން ހޮޓެލް އެންޑް މެނޭޖްމަންޓަށް ކޮންޓްރެކްޓް ދީގެން އެސް.ޓީ.އޯ. އިން އެ ހަދާ އިމާރާތް. މިއަދުވެސް އެ އިމާރާތް ނަގަން ބޭނުންވާ ފަރާތްތައް އެބަތިބި. އެހެންވީމާ، ހުޅުމާލޭގައި މި މެރީނާ ހެދުމާއި، އަދި ހުޅުމާލޭގައި ޝޯ ލައިންގައި އަޅުގަނޑުމެން މި ބޭނުންވާ ބުޓީކް ޝޮޕްތައް ހެދުމާއެކީ، ހުޅުމާލެއަށް އަންނަ އިޤްތިޞާދީ ތަރައްޤީއާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނަންޖެހެނީ، ކުރިއަށް އޮތް ތިން ހަތަރު އަހަރެއްގެ ތެރޭގައި، އަޅުގަނޑުމެންގެ ބައިނަލްއަޤްވާމީ އެއަރޕޯޓް މެދުވެރިކޮށް، ދިވެހިރާއްޖެއަށް 7 މިލިއަން ފަސިންޖަރުން ގެނައުމުގެ ޖާގަ އުފެދިގެންދާނެކަން. މިއީ، އިޤްތިޞާދީ ސިނަރޖީ ނޫނީ އިޤްތިޞާދީ ގޮތުން މި އަންނަ ފޯސްތައް އެއްތަނަކަށް ބިނާވުމުގެ ޖާގަ އުފެދިގެން މިދަނީ މިކަހަލަ އެތައް މަޝްރޫޢުތަކެއް ސަރުކާރުގެ ޕްލޭނިންގ ޕައިޕް ލައިންގެ ތެރޭގައި ހުރީމަ. ހުޅުމާލެއަކުން އެކަންޏެއް ނޫން ހުޅުމާލެއަށް ބޭނުންވާ ކަންތައްތައް މިކޮށްދެނީ. ހުޅުމާލެއާއެކީ މިއޮތީ އަރބަން ސެންޓަރެއް، މާލެއާއި ހުޅުލެއާ. ހުޅުލޭގައި މި ފެށިގެންދާ މަސައްކަތްތަކަކީ، ހުޅުލޭގެ އެއަރޕޯޓަކީ ވަރުގަދަ، މިދެންނެވި ގޮތަށް 7 މިލިއަނެއްހާ ފަސިންޖަރުން ހެންޑްލްކުރާވަރުގެ އެއަރޕޯޓަކަށް ހަދަން ބޭނުންވާ މަޝްރޫޢު. އެ މަސައްކަތްތަކުގެ އެކި މަސައްކަތްތައް، އެކި ފަރާތްތަކާ މިހާރުވަނީ ﷲގެ ރަޙްމަތާއެކީ ހަވާލުކުރެވިފައި.
 
މީގައިވެސް ހަމަ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއަދު ރާއްޖޭގައި ޓުއަރިޒަމް އިތުރަށް ފުޅާނުކުރެވި މިއުޅެނީ ކީއްވެގެންތޯ، އެ ސުވާލު ކުރައްވާށޭ. މިއީ، ހަމަ އަޅުގަނޑުގެ ކްރިޓިކުން ކުރައްވާނެ ސުވާލަށް އަޅުގަނޑު އަރުވާ ޖަވާބު. މިއަދު އަޅުގަނޑުމެންގެ އެއަރޕޯޓުން އަހަރެއްގެ މައްޗަށް މި ހެންޑްލް ކުރަނީ، ނޫނީ ދަތުރުފަތުރު މިކުރަނީ ގާތްގަނޑަކަށް 1.4 މިލިއަން މީހުން. އަޅުގަނޑުމެން މި ޢަދަދު އެބަ ބޭނުންވޭ، ހަތަރު ފަސް ގުނަކޮށްލަން. އަޅުގަނޑުމެން އެބަ ބޭނުންވޭ މި ޢަދަދު 6 މިލައަން ނޫނީ 7 މިލައަނަށް ޖައްސަން. އަޅުގަނޑުމެންނަށް އިތުރު ރިޒޯޓްތައް ދޭން އުނދަގޫވެގެންވެސް މިއުޅެނީ އެއަރޕޯޓް ފުރިބާރުވެފައި އޮތްލެއް ބޮޑުކަމުން. މިހާރު އެއަރޕޯޓްގެ ޖާގައިގެ ދަތިކަން އޮތްލެއް ބޮޑުކަމުން، އަޅުގަނޑުމެންނަށް އިތުރު ރިޒޯޓްތައް ހުޅުވަން އުނދަގޫވެގެންވެސް މިއުޅެނީ. މިއީ، ޓުއަރިޒަމް ދާއިރާގައި މަސައްކަތް ކުރައްވާ ސަރުކާރުގެ ޕޮލިސީ މޭކަރުންނާއި އަދި ޓުއަރިޒަމް ދާއިރާގެ ފުންނާބު އުސް ހުރިހާ ޓުއަރިޒަމް ދާއިރާގެ އިސް ޞިނާޢަތުގައި ތިއްބެވި އިސްބޭފުޅުން ގަބޫލުކުރައްވާ ޙަޤީޤަތެއް. އެހެންވީމާ، އެއަރޕޯޓްގެ މަސައްކަތާއި، ބްރިޖްގެ މަސައްކަތާއި، ހުޅުމާލެ ހިއްކުމުގެ މަސައްކަތާއި، އަދި ތިލަފުށްޓަށް މާލޭގެ ޕޯޓް ބަދަލުވުމުގެ މަސައްކަތާ، މިހިރީ އެކުއެކީ ކުރަންހުރި މަސައްކަތްތަކެއް. މިހާރު އަޅުގަނޑު މި ވާހަކަ ދައްކާއިރު، އަޅުގަނޑު މިދަނީ ތިލަފުށްޓަށް ހުށަހެޅިފައި އޮތް މާލޭގެ ސީ ޕޯޓް ބަދަލުކުރުމަށް އަޅުގަނޑުމެންނަށް ލިބިފައި ހުރި މަޝްރޫޢުތައް، ނޫނިއްޔާ ޕްރޮޕޯޒަލްތައް މުރާޖަޢާކޮށް، ނޫނިއްޔާ އެ ރިވިއު ކުރުމުގެ މަސައްކަތްތައް އަޅުގަނޑުމެން ކުރަމުން މިގެންދަނީ.
 
އެހެންވީމާ، އަޅުގަނޑު ދަންނަވަން ބޭނުންވަނީ، އަޅުގަނޑުމެންގެ ދިރުމެއް ހުރެއްޖެ ކަމަށްވަންޏާ، އުންމީދެއްވާކަމަށް ގަބޫލުކުރަމޭ. އުންމީދެއް އޮވެއްޖެ ކަމަށްވަންޏާ، ދިރުމެއް ހުރިކަން ދައްކުވައިދެޔޭ. އެހެންވީމާ، މި މަޝްރޫޢުތަކަކީ އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ، އަޅުގަނޑުމެން ޒުވާނުންނަށް ދަންނަވަން ބޭނުންވަނީ، ޒުވާނުންނަކީ ވަރުގަދަ ފޯސްއެކޭ. ޒުވާނުންނަކީ ކަންތައްތައް ބަދަލުކުރުމުގެ ހަކަތަ އޮތް ބައެކޭ. އެހެންވީމާ، ސަރުކާރުން މި ހިންގާ މަޝްރޫޢުތަކަކީ، ޒުވާނުންނަށް ފައިދާހުރި އަދި ކޮންމެ ޒުވާނެއްގެ ޖީބު ތަނަވަސްކޮށްދޭ މަޝްރޫޢެއް ކަމަށް ޒުވާނުންނަށް ގަބޫލުކުރެވޭ ކަމަށްވަންޏާ، އަދި ޒުވާނުންގެ ޢާއިލާތަކަށް މިކަމުން ހިތްހަމަޖެހުމެއް، އުފަލެއް ގެނެސްދެވޭ ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށްވަންޏާ، ސިޔާސީ ފިކުރު އެއްކިބައިގައި ބާއްވާށޭ. ޒުވާނުން މިއަދު ސަރުކާރާއެކީ އެއްގަލަށް އަރާށޭ. ޒުވާނުން އެއްގަލަށް އަރަން މި ޖެހެނީ، ދެންމެ ތަޢާރުފްގައި އިވިގެންދިޔަ ފަދައިން ހަމަގައިމުވެސް ހުރިހާ އެންމެން އެއްބަސްވާނެ އެއް ޙަޤީޤަތަކީ، ކާކުހޭ ދިރިއުޅުން ކުރިއަށް ގެންދަން ބޭނުންނުވާނީ. މި ޙަޤީޤަތަކީ އަޅުގަނޑުމެންގެ އަސާސް. މި ޙަޤީޤަތަށް ވިސްނާކަމަށްވަންޏާ، ހަމަ ހުރިހާ ޒުވާނުން، ކޮންމެ ސިޔާސީ ފިކުރެއްގައި ހުއްޓަސް އަދި އެކުއްޖެއްގެ ހަށިގަނޑުގައި ކޮންމެ ކުލައެއްގެ ލެއެއް ދައުރުކުރި ކަމުގައިވީނަމަވެސް، މި ޙަޤީޤަތް ގަބޫލުކުރާ ކަމަށްވަންޏާ، މިއަދު ސަރުކާރުން މިކުރާ މަސައްކަތަކީ، ޒުވާނުންނަށް ރަނގަޅުގޮތް ހޯދައިދޭން ކުރާ މަސައްކަތަށްވީމަ، ޒުވާނުން އެބަޖެހޭ ސަރުކާރަށް މިކަމުގައި ހިތްވަރުދޭން.
 
އަޅުގަނޑުމެންނަށް، މިރޭގެ މި ޖަލްސާގެ ޙާޒިރީންވެސް އެކަން އެބަ ގަބޫލުކުރެވޭ. އެކަން އިޙްސާސް އެބަ ކުރެވޭ. ޒުވާނުންގެ އުންމީދުތަކާ ގުޅިފައި އޮތް މިވަރުގެ މަޝްރޫޢެއް ބިންގާއެޅި، ޢަމަލީ މަސައްކަތް ފެށިގެންދާތީ، ޒުވާނުންގެ އެހާގިނަ ޢަދަދެއްގެ ބޭފުޅުން މިތާ ޙާޒިރުވެ ތިއްބެވީ. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ ހުޅުމާލެ މި ހަދަނީކީ، ވަކި ކުލައެއްގައި ތިބި ދިވެހި ރައްޔިތުންނަކަށް ނޫން. ހުޅުމާލެ މި ހަދަނީ ހުރިހާ ދިވެހި ރައްޔިތުންނަށް. އަޅުގަނޑު ހަމަ އުފާވެރި މެސެޖެއްވެސް ދަންނަވާލަން ބޭނުން. ހުޅުމާލެ އަޅުގަނޑުމެން މި ހަދަނީ ހަމައެކަނި މާލޭގައި ދިރިއުޅޭ ރައްޔިތުންނަކަށް ނޫން. މިވެސް އަޅުގަނޑުގެ ކްރިޓިކުން އަދި ނޫސްތަކުން ދޭތެރެ ދޭތެރެއިން އަޅުގަނޑާ ދިވެހި ރައްޔިތުންނާ ކޮންމެވެސްވަރަކަށް ހިތްހަމަނުޖެހުމެއް އުފެދުމަށް ދައްކާ ވާހަކަ. ހުރިހާ ކަމެއްވެސް މިވަނީ މާލެއަށޭ. މާލެއަކީ މާލޭގެ މީހުން އެކަނި ދިރިއުޅޭ ރަށެއް ނޫން. މިއަށްވުރެ ގަބޫލުކުރަން ފަސޭހަ ޙަޤީޤަތެއް ނޯންނާނެ. މާލެއަކީ، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ދިރިއުޅެން އޮތް ރަށް. މާލޭގެ ބިން އޮތްވަރަކުން، މާލޭގެ ޖާގަ އޮތްވަރަކުން، މާލޭގައި ދިރިއުޅެމުން އެބަގެންދޭ، އަޅުގަނޑުމެންގެ އަތޮޅުތެރޭގެ ހުރިހާ ރަށްރަށެއްގެ މީހުން. އެހެންވީމާ، މާލެއަކީ މާލޭގެ މީހުންގެ އެކަނި ތަނެއް ނޫން. އެހެންވީމާ، މާލެއަކީ ވެރިކަން ކުރާ ރަށަށްވީމަ، މާލެއަކީ ސިޔާސީގޮތުން ވެރިކަންކުރާ ރަށް. މާލެއަކީ އިޤްތިޞާދީ ގޮތުން އަދި ވިޔަފާރީގެ ރޮނގުން ވެރިކަންކުރާ ރަށްވީމަ، މާލެއަކީ ހުރިހާ ދިވެހި ރައްޔިތުން ހިޖުރަ ކުރަން އޮތް ހިސާބު.
 
ހުޅުމާލެ އުފެދިގެން މިދާއިރު، ދޭ އުފާވެރި މެސެޖަކީ، އަޅުގަނޑު މިރޭވެސް އިލްތިމާސް މިކުރަނީ، ހުރިހާ ޒުވާނުންނަށް، ކުދިކުދި ރަށްރަށުގައި ތިއްބެވި ހުރިހާ ޒުވާނުންނަށް، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދޭނަމޭ. ހުޅުމާލެއަށް ހިޖުރަ ކުރުމަށް ތައްޔާރުވާށޭ. އަޅުގަނޑު މިރޭ ދަންނަވާލަން އޮތް މެސެޖަކީ، މި މެސެޖް ހަމަ މި ހަފްތާގެ ތެރޭގައި، އިރާދަކުރެއްވިއްޔާ ފެށޭ ހަފްތާގެ ތެރޭގައި ނޫސް މަޖައްލާގެ ތެރެއިން ނޫނިއްޔާ އަޅުގަނޑުމެންގެ ޚަބަރުފަތުރާ ވަސީލަތްތަކުން ތިޔަބޭފުޅުންނަށް ކަށަވަރުވެގެންދާނެ. އަޅުގަނޑު މިކަހަލަ ޖަލްސާއެއްގައި ދެއްކި ވާހަކައަކާ ގުޅިގެން އާދެ، ނަސަންދުރައިގައި އޮތް ޖަލްސާއެއްގައި ދެއްކި ވާހަކަޔާ ގުޅިގެން، އަޅުގަނޑުމެންގެ ޕާލިމެންޓްރީ ގްރޫޕްގެ އެކިއެކި މެންބަރުން އަޅުގަނޑު މިދެންނެވި އިނީޝިއޭޓިވަށް މަސައްކަތްކޮށްދެއްވާކަން އަޅުގަނޑަށް އެނގެޔޭ. އޭގެތެރޭގައި އެންމެ އިސްކޮށް މަސައްކަތް ކޮށްދެއްވާ އެއްބޭފުޅަކީ، އަޅުގަނޑުމެންގެ ޕީ.ޖީ ލީޑަރ އަޙްމަދު ނިހާން. ނިހާން ކުރެއްވި މަސައްކަތުން މިއަދު އަޅުގަނޑުގެ މޭޒަށް މިހާރު އައިއްސަ އޮންނަންވާނެ، ވ.އަތޮޅު ފުލިދޫގެ ރައްޔިތުންގެ ޕެޓިޝަނެއް. ވ. އަތޮޅު ފުލިދޫގެ ރައްޔިތުންގެ ތެރެއިން 85 ޕަސެންޓަށްވުރެ މަތީ ޢަދަދުގެ މީހުން ސޮއިކޮށްފައި ޕެޓިޝަނެއް އެ އޮތީ އަޅުގަނޑުގެ މޭޒުމައްޗަށް ހުށަހަޅާފައި، ތިމަންނަމެން އެންމެން ބޭނުމޭ ހުޅުމާލެއަށް ހިޖުރަކުރަން. އާދެ، މިއީ އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ. ވ. އަތޮޅުގައި މިހިރީ ވަރަށް ކުދިކުދި ރަށްރަށް. ފ. އަތޮޅުގައި މިހިރީ ކުދިކުދި ރަށްރަށް. އަޅުގަނޑުމެންގެ މެދުރާއްޖެތެރޭގައި ވަރަށް ކުދިކުދި ރަށްރަށް އެބަހުރި. އެ ކުދިކުދި ރަށްރަށުގައި އަޅުގަނޑުމެންނަށް ބޭނުންވާ އަދި އިޖްތިމާޢީ ގޮތުން، އިޤްތިޞާދީ ގޮތުން ބޭނުންވާ ކަންތައްތައް ސަރުކާރުން މިދަނީ ކޮށްދިނުމަށް ދަތިވެގެން. ބަނދަރު ހެދުމާއި، ބިން ބޮޑުކުރުމާއި، ސްކޫލް އެޅުމާއި، ހަސްފަތާލުތައް ޤާއިމުކުރުމާއި، އަދި ދަތުރުފަތުރުގެ ނިޒާމުވެސް، މިހެންގޮސް ދަންނަވާނެ ކަމެއްނެތް. އިންސާނިއްޔަތަށް ބޭނުންވާ ހުރިހާ ކަންކަމެއް މިއިން ކޮންމެ ރަށަކަށް ފުއްދައިދޭންޖެހޭ. އެއްވެސް ސަރުކާރަކަށް ފަސޭހައެއް ނޫން މިކަންކަން ކުރާކަށް. އެހެންވީމާ، އަޅުގަނޑުމެން މި ދަޢުވަތު އަރުވަނީ، މި ޝަހަރު އުފެދިގެން ދިޔައީމަ، މި ރަށްރަށުން ޒުވާނުން ވަޑައިގަންނަވާށޭ. އަޅުގަނޑުމެން ފަސޭހަގޮތްތަކެއް ހަމަޖައްސައިދޭނަމޭ. ޒުވާނުން އަންނަނީކީ ހަމަ އެއްގޮތަކަށްވެސް އައިއްސަ މަސައްކަތް ހޯދާކަށް ނޫން. ޒުވާނުން މިކޮޅަށް ހިޖުރަކުރުމާއެކީ ޒުވާނުންނަށް އެކަށީގެންވާ ވަޒީފާތަކެއްވެސް ހުޅުމާލެއާއި މާލޭގެ ސަރަޙައްދުން އިރާދަކުރެއްވިއްޔާ އުފައްދައިދޭނަން. އެހެންވީމާ، ވަޒީފާޔާއެކީ، ވަޒީފާގެ ކަށަވަރުކަމާއެކީ ޒުވާނުންނަށް އަޅުގަނޑު މި އިލްތިމާސް ކުރަނީ، ކުދިކުދި ރަށްރަށުގައި މިހެންހުރި ކުދިކުދި ރަށްރަށުގައި ދެން ކުރިއަށް ދެވޭނެ އެއްވެސް އުންމީދެއް ނެތޭ. ކިތަންމެ އީޖާބީ ގޮތެއްގައި ވިސްނާ މީހަކަށް އަޅުގަނޑު ވީނަމަވެސް، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އޭގައި އިޤްތިޞާދީ ސްކޯޕެއް ނެތް ރަށްރަށުގައި ކުރިއެރުމެއް ނެތޭ. ފަހަރުގައި ހިތްގައިމު ރަށަކަށް ވެދާނެކަންނޭނގެ. އެހެންނަމަވެސް، ދުއިސައްތަ މީހުން، ތިންސަތޭކަ މީހުން، ހަތަރުސަތޭކަ މީހުންގެ އާބާދީގައި ކޮށްދެވޭނެ މާބޮޑެތި، ނޫނިއްޔާ ޙާޞިލު ކުރެވޭނެ މާބޮޑެތި ކަންތައްތަކެއް ނުހުންނާނެ ދޮއެއްތޯ. އެހެންވީމާ، އެއްވެސް ގޮތަކަށް މަޖުބޫރީ ކަމެއް ނޫން މިއީ. އެހެންނަމަވެސް، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އިނގިރޭސިބަހުން ދަންނަވާ ކަމަށްވަންޏާ، ފަރޓައިލް ޕާސްޗަރސް ހޯދަން ބޭނުން ކަމަށްވަންޏާ، ނޫނިއްޔާ އެއަށްވުރެ ހިތްފަސޭހަ ދިރިއުޅުމެއް ހޯދަން ބޭނުންކަމަށްވަންޏާ، ހިތްހަމަޖެހޭ، ފަސޭހަކަމާއެކީ އުޅެވޭނެ ދިރިއުޅުމެއް ހޯދަން ބޭނުންކަމަށްވަންޏާ، ހުޅުމާލެއަކީ ތިޔަބޭފުޅުންގެ ޝަހަރު ކަމަށް ގަބޫލުކުރައްވާށޭ.
 
އެހެންވީމާ، ތިޔަ ހުރިހާ ބޭފުޅުންގެ އުންމީދުތައް ޙާޞިލުކޮށްދިނުމަށްޓަކައި އަޅުގަނޑުމެންގެ ވަޢުދު ފުއްދުމަށް އަޅުގަނޑުމެން މިރޭ މި ފެށި މަސައްކަތުގެ ނަތީޖާއަކަށް ހުޅުމާލެ ވެގެންދާނެ.
 
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. ވާހަކަ ދިގުވެސްވެއްޖެކަން އެނގޭ. އެހެންނަމަވެސް ހަމަ ދަންނަވާލަން ބޭނުންވަނީ، މިގޮތަށް ޒުވާނުންނާ ބައްދަލުކޮށް އަދި ޒުވާނުންގެ އުންމީދުތަކަށް ކޮންމެވެސްވަރެއްގެ ހިތްހަމަޖެހުމެއް ގެނެސްދެވޭ މަޝްރޫޢެއްގެ ބިންގާ އެޅި ނޫނީ މަޝްރޫޢެއްގެ ނިމުން ފާހަގަކުރާ ޖަލްސާއެއްގައި، ޒުވާނުންނާ މުޚާޠަބުކޮށް ހަމަ ކޮންމެވެސްވަރެއްގެ ވާހަކައެއް ދައްކާލުމަކީ އަޅުގަނޑަށް ލިބޭ ހަމަ ވަރަށްބޮޑު އުފަލެއް. އެހެންވީމަ ހަމަ ޒުވާނުންނަށް، އަޅުގަނޑުމެންގެ ސަރުކާރުގެ ޕްލެޖް، ނޫނިއްޔާ އަޅުގަނޑުމެންގެ ސަރުކާރުގެ ވަޢުދު، ނޫނީ އަޅުގަނޑުމެން ޒުވާނުންނާ ބަހައްޓަން ބޭނުންވާ އިޚްލާޞްތެރި ގާތް ގުޅުމުގެ ވާހަކަ، ތަކުރާރުކޮށް މި ދަންނަވަނީ، ހަމަ ޒުވާނުންނަށް ކަށަވަރުކަން އަރުވަންވެގެންނޭ.
 
އެޔާއެކީވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު މީގެ ކުރީގެ ޖަލްސާއެއްގައިވެސް ދެންނެވި ގޮތަށް، ޒުވާނުންގެ އަތުގައި ހުރި ބާރު މަދެއް ނޫނޭ. ޒުވާނުންނަކީ، ޒުވާނުންގެ ވިސްނުން ބޭނުންކޮށްފިނަމަ، އަދި ޒުވާނުން އެކަންކަމަށް ބާރުވެރިވާން ބޭނުންވެއްޖެ ކަމަށްވަންޏާ، ﷲގެ ރަޙްމަތާއެކީ ޒުވާނުންނަކީ ޙާލަތު ބަދަލުކުރެވޭ ހިސާބެއްގައި ތިބި ބައެކޭ.  ކޮންމެ ޤައުމެއްގެ ޙާލަތުވެސް ރަނގަޅު ޙާލަތަކަށް ބަދަލުކުރާނީ، ނޫނިއްޔާ ނޭދެވޭ ގޮތަކަށް ބަދަލުވެގެންދާނީ، އެ ޤައުމެއްގެ ރައްޔިތުން ޢަމަލުކުރާ ގޮތަކުން. މިއީ، އަޅުގަނޑުމެންނަށް އެނގި ކަށަވަރުވެގެންވާ ކަމެއް. އެހެންވީމާ، ޒުވާނުންގެ ޙާލަތު ބަދަލުކުރަން ބޭނުންކަމަށްވަންޏާ، ރަނގަޅުގޮތް ހޯދަން ބޭނުންކަމަށްވަންޏާ، ޒުވާނުންނަށް، މިނިވަންކަމަށް 50 އަހަރު ފުރޭ މި އަހަރު، އަޅުގަނޑު ހަމަ ކޮށްލަން ބޭނުންވާ އިލްތިމާސަކީ، ޒުވާނުންނަށް ބޭނުންވާ އީޖާބީ، ނޫނިއްޔާ ޒުވާނުންނަށް ބޭނުންވާ ރަނގަޅު އެތައް ކަމެއް ފުދިގެން އެބަދެޔޭ. ޒުވާނުންނަށް ބޭނުންވާ ވަރަށްގިނަ މަޝްރޫޢުތައް، އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ކެބިނެޓްގެ ވަޒީރުން، އެ ވަޒީރުންގެ ވުޒާރާތަކުން ޢާންމު ކުރައްވަމުން، އިޢުލާނު ކުރައްވަމުންނޭ އެ ގެންދަވަނީ. އެއީ، ދަރުމައަށް ކުރާ މަސައްކަތަކަށްވިނަމަވެސް، އެއީ ދަސްވެނި ޕްރޮގްރާމަކަށްވިނަމަވެސް، އެއީ ވަޒީފާގެ ބާޒާރަށް ނުކުންނާނެ މީހުންގެ ލިސްޓް ހޯދުން ކަމުގައިވިނަމަވެސް، އެއީ ރިޒޯޓެއް ހުޅުވިގެން، ރިޒޯޓުން ޒުވާނުންނަށް އިތުރު މަސައްކަތް ކުރުމަށް ފުރްޞަތު ހޯދުން ކަމުގައިވިނަމަވެސް، އެއީ ޗައިނާގެ އާ ޑެސްޓިނޭޝަނަކަށް ދަތުރުކުރާނެ އާ މަންޒިލެއް އަޅުގަނޑުމެންނަށް ހުޅުވޭ މަންޒިލަކަށްވިނަމަވެސް، އަޅުގަނޑުމެންނަށް އުފެދިގެން މިދަނީ އެތައް ސަތޭކަ ވަޒީފާތަކެއް. އެ ވަޒީފާތައް ލޮގް ކުރުމުގެ މަސައްކަތްތައް، އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، ޔޫތު މިނިސްޓްރީން މިހާރު ފަށްޓަވައިފި. އެހެންވީމާ، ދޭތެރެ ދޭތެރެއިން އަޅުގަނޑުމެންނަށް ކުރެވޭނީ މިކަހަލަ އިޢުލާނު. އެވަޒީފާތައް އުފެދިގެންދާނެ މިންވަރު އަޅުގަނޑުމެން އިޢުލާނު ކުރާނަން. ޒުވާނުން ކުރައްވަންވީ ކަމަކީ މި ވަޒީފާތަކަށް ހަމަ އަތުކުރި އޮޅާލާފައި ނުކުމެވަޑައިގަންނަވަންވީ.
 
ރޭގައި މަދްރަސާއެއްގައި ވާހަކަ ދައްކަމުންވެސް އަޅުގަނޑު ހަމަ ޒުވާނުންނަށް ކުރި އިލްތިމާސަކީ މިއީ. މަސައްކަތް ކުރަން އަޅުގަނޑުމެން ކެރެން ވެއްޖެޔޭ. މަސައްކަތް ކުރަން ނުކުންނައިރު މި 50 އަހަރު ފުރޭ، އަޅުގަނޑުމެންގެ ރަން ޔޫބީލް އަހަރު، އަޅުގަނޑު ހަމަ ކޮށްލަން ބޭނުންވާ އިލްތިމާސަކީ، މަސްތުވާތަކެތިން ދުރަށްދާން ޒުވާނުން ވިސްނާވަޑައިގަންނަވާށޭ. ސަރުކާރުން މިތިބީ ޒުވާނުންނަށް ބޭނުންވާ ހުރިހާ ވާގިވެރިކަމެއް، މިކަމުގައި ވެދޭށޭ. އެހެންވީމާ، ރަނގަޅުގޮތް އިޚްތިޔާރު ކުރަން، އާ ޢަޒުމެއް މިއަހަރު އެބަޖެހޭ ޒުވާނުންގެ ހިތުގައި އެކަށައަޅަން.
 
އާދެ، ހަމައެޔާއެކީ ޒުވާނުންނަށް ދަންނަވާލަން ބޭނުންވަނީ، ކޮން ޒުވާނަކުތޯއޭ، އެ ޒުވާނެއްގެ ޙާލަތު ރަނގަޅު ކުރަން ބޭނުންނުވާނީ. ކޮން ޒުވާނަކުތޯއޭ އެކަށީގެންވާ ދިރިއުޅުމެއް ބޭނުންނުވާނީ. ކޮން ޒުވާނަކުތޯއޭ ތުއްތު ދަރިންކޮޅެއް ދުނިޔެއަށް ގެންނަން ބޭނުންނުވާނީ. އެ ދަރިންކޮޅަށް ރަނގަޅު ތަޢުލީމެއް ދީގެން، އަދި އެ ދަރިންކޮޅަކީ ޒުވާން ޙަޔާތެއް ހޭދަކޮށް، ބައްޕައިންނާއި މަންމައިންނަށް ހަދަން ބޭނުންނުވާނީ، ކޮން ޒުވާނުންނެއްތޯއޭ. އަޅުގަނޑުމެންގެ ތެރޭގައި މިއޮތް ޙަސަދަވެރިކަމާއި، އަޅުގަނޑުމެންގެ ތެރޭގައި އޮތް ނަފްރަތާއި، އަޅުގަނޑުމެންގެ ތެރޭގައި އޮތް ޢަދާވާތްތެރިކަމާއި، އަދި އަޅުގަނޑުމެންގެ ތެރޭގައި މި ހިނގާ ޖިނާއީ ކަންކަމުން އަޅުގަނޑުމެންނަށް އަރައިގަތުމަކީ، އަޅުގަނޑުމެންގެ ސިކުނޑި ބޭނުންކޮށްފި ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ﷲ ދެއްވި އެންމެބޮޑު ނިޢުމަތް. ވަރތްތޯ، ބޭނުންތެރިތޯ، އަޅުގަނޑުމެން އެކަކު އަނެކެއްގެ ޙައްޤުތަކަށް އަރައިގަންނަން. އަޅުގަނޑުމެން ބޭނުންތޯ، އަޅުގަނޑުމެންގެ ޢާއިލާގެ ބޮޑެތިވެފައި ތިބި ތިން ކުދިން ތިބިއްޔާ، އޭގެތެރެއިން ދެކުދިން މަސްތުވާތަކެއްޗަށް ގޮސް ގެއްލޭތަން ބަލަން ތިބެން އަޅުގަނޑުމެންނަށް ފަސޭހަތޯ. ވަރތްތޯ، އަދާކުރާނެ ވަޒީފާއެއް އަޅުގަނޑުމެންނަށް ނެތިގެން، ނޫނިއްޔާ ވަޒީފާއެއް އަދާކުރަން ދާން ބޭނުންނުވެގެން، ބަޔަކުދޭ ނަޞޭޙަތަކާ ގުޅިގެން ޖަލަށް އަރަން ބޭނުންތޯ؟ ޙަޔާތުގެ ބޮޑުބައެއް ގޮޅިތަކުގެ ފަހަތުގައި ނޫނީ ގޮޅިތަކުގެ ތެރޭގައި ހޭދަކުރަން ބޭނުންތޯ؟ އެއްވެސް ޒުވާނަކު ބޭނުމެއް ނުވާނެ.
 
ޒުވާނުންނަށް މި ސަރުކާރުން މި ހުޅުވާލަނީ ފުރްޞަތު. ޒުވާނުންގެ ޚިޔާލަށް ގެންނަންވީ އަޅުގަނޑު މިކުރާ އިލްތިމާސް. 50 އަހަރު ފާހަގަކުރާއިރު، 50 އަހަރުގެ އެންމެބޮޑު ޝަރަފުވެރިންނަކީ އަދުގެ ޒުވާނުން. ދިވެހި ޒުވާނުން. އެހެންވީމާ، ޒުވާނުންގެ ހިތުގައި އެކަށައަޅަންވީ އަޅުގަނޑު މިދެންނެވި ގޮތަށް، ޒުވާނުންގެ އަތުގައި ތިޔަ އޮތް ބާރު. ޙަސަދަވެރިކަމުން ދުރަށް ދެވޭތޯ މަސައްކަތް ކުރަން އެބަޖެހޭ. ނުރައްކާތެރި ނޫނިއްޔާ ބޮޑެތި ޖަރީމާތަކުން ދުރަށް ދެވޭތޯ އަޅުގަނޑުމެން ބަލަން އެބަޖެހޭ. އަވަށްޓެރިޔާގެ ޙައްޤުތަކަށް އަރައިނުގަތުމަށް އަޅުގަނޑުމެން ވިސްނަންޖެހޭ. ދޭދޭ ވިޔަފާރިކުރާ ފަރާތްތަކުން އެއްފަރާތެއްގެ ޙައްޤަށް އަނެއް ފަރާތުން އަރައިނުގަތުމަށް އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަން އެބަޖެހޭ. މިކަހަލަ ކަންތައްތަކެއް އަޅުގަނޑުމެންނަށް ކުރެވޭކަމަށްވަންޏާ، އަޅުގަނޑުމެންނަށް މި ލިބިފައި އޮތް މަތިވެރި ބާރުގެ، އަޅުގަނޑު މިދެންނެވި ގޮތަށް ދައުލަތަށް ބިނާކުރަން، ޤައުމެއް ބިނާކުރަން އީޖާބީ ގޮތެއްގައި ބޭނުންކުރެވޭ ކަމަށްވަންޏާ، ދިވެހިރާއްޖެއަކީ ހަމަ އަނެއްކާވެސް މިދުނިޔެމަތީގެ ސުވަރުގެ ކަމަށް ހެދުމާ ދޭތެރޭގައި އެއްވެސް މީހެއްގެ ހިތުގައި ދެބަސްވުމެއް ނޯންނާނެ.
 
އަޅުގަނޑުމެންނަށް އުނދަގޫވޭ، މުސްލިމުންނަށް އެކިކަހަލަ އަނިޔާވަމުންދާތީ. އަޅުގަނޑުމެންގެ ސަރުކާރުން މިއަދުވެސް ހަރުކަށިކަމާއެކީ އަޅުގަނޑުމެން ކުށްވެރި ކުރިން، ފަރަންސޭސިވިލާތުގައި ހިނގައި އެދިޔަ ކަންތައް. އަޅުގަނޑުމެން އޭގައި އަމާޒުކޮށް އަޅުގަނޑުމެން ދެންނެވިން، އަޅުގަނޑުމެން އިސްލާމުންނެއް ގަބޫލެއް ނުކުރަމޭ، ދިވެހި މުސްލިމުންނެއް ގަބޫލެއް ނުކުރަމޭ، އަޅުގަނޑުމެންގެ މި އުންމަތުގެ ނަބިއްޔާއަށް ކާޓޫނު ކުރަހައި، ހަޖޫޖަހައި ހަދާކަށް އަޅުގަނޑުމެންނެއް ގަބޫލެއް ނުކުރަމޭ. އެހެންވީމާ، އަޅުގަނޑުމެން އެންމެ ފުރަތަމަ މި ކުށްވެރިކުރަނީ އެކަން ކުރާ ފަރާތްތައް. އެއީކީ އަޅުގަނޑުމެން އިސްލާމުން ގަބޫލުކުރާނެ ކަމެއް ނޫން. އެހެންވީމާ، އެކަން އަޅުގަނޑުމެން ފަރަންސޭސި ސަރުކާރަށް މިއަދު ދަންނަވައިފިން. އެޔާއެކީވެސް އަޅުގަނޑު ދަންނަވާލިން، ހަމައެޔާއެކީވެސް ފުރާނަތަކެއް ގެއްލިގެން ދިޔުމަކީވެސް އަޅުގަނޑުމެން ދިވެހި ދައުލަތަކަށް ބަލަން ތިބޭކަށް ފަސޭހަ ކަމެއް ނޫން. އެއީވެސް ގޯހެކޭ. އެކަމަކު މިކަހަލަ ގޯސްތައް ހެދުމަށް ހިތްވަރު ނުދޭށޭ. މިކަހަލަ ގޯސްތައް ހެދުމަށް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި މިކަހަލަ ޙައްޤުތަކަށް އަރައިގަތުމަކީ، އަޅުގަނޑުމެން މުސްލިމުންނަށް ގަބޫލުކުރަން ފަސޭހަ ކަންކަމެއް ނޫން. އަޅުގަނޑުމެންނެއް އެހެން ދީންތަކުގެ ރަސޫލުންނަކަށް، ނޫނިއްޔާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم ގެ ކުރިން ވަޑައިގެންނެވި ނަބީބޭކަލުންނަކަށް، ރަސޫލުންނަކަށް އަޅުގަނޑުމެން އިސްލާމުންނެއް ފުރައްސާރައެއް ނުކުރަން. އަޅުގަނޑުމެންގެ ކެރިކޭޗަރިސްޓުންނެއް ކާޓޫނެއް ނުކުރަހާ. ދެން ކީއްވެގެންތޯ އަޅުގަނޑުމެންގެ ރަސޫލާއަށް މިގޮތަށް ފޮށެންޖެހެނީ. އަޅުގަނޑުމެންނެއް، އަޅުގަނޑުމެންގެ ސަރުކާރު އެކަން ގަބޫލެއް ނުކުރަން. އެހެންވީމާ، އަޅުގަނޑުމެން އެކަން ކުށްވެރިކުރަން.
 
އެހެންވީމާ، ދަންނަވަން މިއުޅެނީ، އުންމަތެއްގެ ގޮތުގައި، އިސްލާމީ އުންމަތެއްގެ ގޮތުގައި ދިވެހިރާއްޖެ އޮތުމަކީ އަޅުގަނޑުމެންނަށް ލިބޭ އެންމެބޮޑު އެންމެ މަތީ ޝަރަފު. އަދި އެންމެ މަތިވެރި ނިޢުމަތް. މި ނިޢުމަތް އަޅުގަނޑުމެން ހަނދާންކުރާއިރު، ހަމަ ދިވެހި ޒުވާނުންނަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މިކުރާ ކަންކަމުގައި ބޮޑެތި ޙައްޤުތަކަށް އަރައިނުގަންނާށޭ. މަސްތުވާތަކެތި ކަހަލަ ކަންކަމުން ސަލާމަތް ކުރުމަށް ދިވެހި ދައުލަތް މިއަދު އޮތީ އަދި ކުރިންވެސް އޮތީ ޒުވާނުންނާއެކީއޭ. އަޅުގަނޑުމެން ޚާއްޞަ މަސައްކަތްތަކެއް        މި ފަށްޓައިދެނީ ޒުވާނުންނާއެކީ، ޒުވާނުން މި މަސްތުގައި ޖެހިފައި ތިބި ޒުވާނުން ސަލާމަތްކުރުމަށްޓަކައި. ޒުވާނުންނަކީ އާދެ، އަޅުގަނޑުމެންނާއެކީ ޓަރފް ދަނޑުތަކުގައި ކުޅިވަރު ކުޅެ، އަދި އަޅުގަނޑުމެންގެ ވިޔަފާރިތަކުގެ ސޭޓުންނަށް ތިބެ، އަދި ވިޔަފާރިތަކުގެ އޯނަރުންނަށްވެ، އަދި މިދޭތެރޭގައި ދަތުރުކުރާ ހިތްގައިމު ކްރޫޒް ލައިނަރތަކުގެ ކައްޕިންނަށްވުމަކީ، އަޅުގަނޑުމެން ޒުވާނުންނާ ދޭތެރޭގައި ދެކޭ އުންމީދު. އެހެންވީމާ، މި އުންމީދު ފުރިހަމަކޮށްދިނުމަކީ، ޒުވާނުންގެ އަތްމަތީގައި އޮތް ކަމެއް. ސަރުކާރަށް ތަނަވަސްކޮށްދެވޭނީ ޖާގަ. ސަރުކާރަށް ތަނަވަސްކޮށްދެވޭނީ ވަސީލަތް. މި ފަސޭހަތައް އަޅުގަނޑުމެން ދިވެހި ޒުވާނުންނަށް އިރާދަކުރެއްވިއްޔާ ހަމަޖައްސައިދޭނަން.
 
އެހެންވީމާ، ދިވެހި ޒުވާނުންނަށް މިކުރާ އިލްތިމާސާއެކީ، އަޅުގަނޑު ވާހަކަކޮޅު ނިންމާލާއިރުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ގަބޫލުކުރައްވާށޭ އަޅުގަނޑުމެން ފަށައިގެން މިއުޅެނީ ވަރަށް މުހިންމު އާ އަހަރެކޭ. އަޅުގަނޑުމެންގެ ދިވެހި ތާރީޚުގައި، އަޅުގަނޑުމެންގެ މިނިވަންކަމުގެ ތާރީޚުގައި އަޅުގަނޑުމެން މި ހޭދަކުރަނީ 50 އަހަރު. 50 އަހަރެއްގެ މިނިވަންކަމުގެ ރަޙްމަތުގައި، ނިޢުމަތުގައި ދެމިތިބުމަކީ ފަސޭހަ ކަމެއްވެސް ނޫން. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެން މި 50 އަހަރު މި ފާހަގަކުރަނީ. މި 50 އަހަރުގެ ޙަޤީޤަތުގައި ބައިވެރިންނަކީ، އަދި ޙަޤީޤަތުގައި ހުރިހާ މަސައްކަތެއްގައި އެންމެ އިސްކޮށް އުޅެންޖެހޭ ބަޔަކީ، އަދި މީގެ މަންފާ ލިބެންވާ ބަޔަކީ ދިވެހި ޒުވާނުން. އެހެންވީމާ، މިއަދު އުފެދިގެންމިދާ ޒުވާނުންގެ ޝަހަރާއެކީ، އަޅުގަނޑު ހަމަ ދިވެހި ޒުވާނުންނަށް ކޮށްލާ އިލްތިމާސަކީ، ތިޔަ ޒުވާނުން މަސައްކަތަށް ޝައުޤުވެރިކުރުވުން. ތިޔަ ޒުވާނުން މިދެންނެވި ކަހަލަ ބޭކާރު އަދި އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަންނަފަދަ ކަންކަމުން ދުރުވާން އަދި ޒުވާނުންނަށް އެމީހުންގެ ހަށިގަނޑާއި، އެމީހުންގެ ސިކުނޑީގެ ތަރުބިއްޔަތަށް އަޅުގަނޑު ކުރާ އިލްތިމާސް.
 
އަޅުގަނޑުމެންގެ ރާއްޖޭގެ ޒުވާނުންނަކީ މިދެންނެވި ކަހަލަ ބަލިމަޑުކަމުގައި ތިބޭ ޒުވާނުން ކަމަށްވަންޏާ، ދިވެހި ދައުލަތް ކުރިއަށްދާނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެ. ދައުލަތް ކުރިއަށް ކޮއްޕުމުގެ ހަކަތަ މި އަންނަނީ ޒުވާނުންގެ ތެރެއިން. ޒުވާނުންގެ ހިތުގެ ތެރެއިން އެ އަންދާ ހަކަތައިން ނޫނިއްޔާ އެނބުރޭ މޯޓަރުތަކުން ދިވެހި އިޤްތިޞާދު ކުރިއަށް މިދަނީ. އިޖްތިމާޢީ ކަންކަންވެސް އަދި ވަޒީފާގެ ޖާގަތައް ދިވެހި ޒުވާނުންނަށް ފުރޭނީވެސް މިދެންނެވި ގޮތަށް ކުރިއަށް ދިޔުމުގެ ހަކަތަ ނޫނިއްޔާ ކުރިއަށް ދިޔުމުގެ ހިތްވަރު، ދިވެހި ޒުވާނުންގެ ހުރެގެން.
 
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން އަޅުގަނޑު ހަމަ މިރޭ މި ފެށުނު މަޝްރޫޢާއެކީ، މި މަޝްރޫޢުގައި އިސްކޮށް މަސައްކަތް ކޮށްދެއްވާ އެޗް.ޑީ.ސީ.ގެ ހުރިހާ ބޭފުޅުންނަށް، އެޗް.ޑީ.ސީ.ގެ މެނެޖިންގ ޑިރެކްޓަރ، ބޯޑުގެ ހުރިހާ މެންބަރުން އަދި ކުންފުނީގެ ހީވާގި ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި މި މަޝްރޫޢު ޙަޤީޤަތަކަށް ހެދުމަށްޓަކައި އަޅުގަނޑުމެންގެ ވަޒީރުން، ޚާއްޞަކޮށް، އިޤްތިޞާދީ ދާއިރާގައި ހިމެނޭ ވަޒީރުން، އާދެ، އިކޮނޮމިކް ކައުންސިލްގެ ވަޒީރުން މިކޮށްދެއްވާ މަސައްކަތްތަކަށް، އިކޮނޮމިކް ކައުންސިލްގެ ވަޒީރުންނަށްވެސް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި އެޔާއެކީ ދިވެހި ޒުވާނުންނަށް އަޅުގަނޑު ހަމަ އަބަދުވެސް އެދެނީ، ތިޔަބޭފުޅުންގެ މުސްތަޤްބަލް އުޖާލާވުން ކަމަށް ދަންނަވަމުން، އަޅުގަނޑު ވާހަކަކޮޅު ނިންމާލާނީ، އަދި އެޔާއެކީވެސް އަޅުގަނޑުމެންނަށް މިތަނުގައި ބޭރުގެ މެހްމާނުން، ޚާއްޞަކޮށް، ޗައިނާގެ މެހްމާނުންވެސް ތިއްބެވީމަޔާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ އުންމީދަކީ އިރާދަކުރެއްވިއްޔާ، ޗައިނާ ސަރުކާރުން މިކުރައްވާ މަސައްކަތަކީ، ދިވެހިރާއްޖޭގެ މިދެންނެވި ދަތުރުފަތުރަށް އެންމެބޮޑު އެހީތެރިކަމެއް ވެވޭނީ މި ބުރިޖް އެޅިގެން. އާދެ، ދިވެހި ޗައިނާގެ ރަޙްމަތްތެރިކަން ދައްކުވައިދޭ ބުރިޖެއް އެޅިގެން. އެހެންވީމާ، އެކަމަކީ އެބޭފުޅުން މިހާރު ބަލައިގެންފައި އޮތް ކަމަކަށްވާތީ، އެކަމަށް އެބޭފުޅުންނަށް ޝުކުރު ދަންނަވަމުން، އަދި އަޅުގަނޑުމެންގެ މެހްމާނުންގެ ގޮތުގައި ޢަރަބި އެކުވެރި ޢިމާރާތުގެ ބައެއް މެހްމާނުންވެސް އެބަ ތިއްބެވި. އޭގެތެރޭގައި، އެންމެ އިސްކޮށް މި އިންނެވި ބޭފުޅަކީ، މިއަދު ދިވެހި ދައުލަތުގެ ޝަރަފުގެ ނިޝާނެއް ނޫނީ ޝަރަފްގެ ލަޤަބް ހޯއްދެވި ބޭފުޅެއް. އާދެ، އިންސާނިއްޔަތަށް، ދަރުމަޔަށް، ހިލޭ ސާބަހަށް އެތަކެއް މަސައްކަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެއް. އަދި އެމަނިކުފާނަށް އާދެ، މަޙްމޫދު އަލްޚާޖާ، އެމަނިކުފާނަށް ދިވެހިރާއްޖެ ދަސްވި ހިސާބުން ދިވެހިރާއްޖެއާ ދޭތެރޭގައި ޚާއްޞަ ލޯތްބެއް އުފެދިފައިވަނީ. އެމަނިކުފާނު ވަޑައިގެން ދިވެހިރާއްޖޭގައި ވަރަށްގިނަ ކަންތައްތަކެއް މިހާރު އެ ކޮށްދެއްވަނީ. ޚުދު ހުޅުމާލޭގައިވެސް ބޮޑެތި މަސައްކަތްތަކެއް އެބަކޮށްދެއްވާ. އެހެންވީމާ، އެކަމަށްޓަކައި އެމަނިކުފާނު އެކޮށްދެއްވާ ދީލަތި، އިޙްސާންތެރި، އިންސާނިއްޔަތަށް ޚިދްމަތް ކުރުމުގެ ގޮތުން ދިވެހި ރައްޔިތުންނަށް އެކޮށްދެއްވާ މަސައްކަތްޕުޅުގެ އަގު ވަޒަންކޮށް އަދި އެކަމުގައި ކުރިއަށް ވަޑައިގަތުމަށް ހިތްވަރު ދިނުމުގެ ގޮތުން، އެމަނިކުފާނަށް ނިޝާން މުލީގޭ ޢިއްޒަތްވެސް މިއަދު ދިވެހި ސަރުކާރުން ދޭން އަޅުގަނޑު މި ނިންމީ.
 
އެބޭފުޅުންނަށްވެސް މަރްޙަބާ ދަންނަވަމުން، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ މިހެން ތިއްބެވި އިންސާނިއްޔަތަށް މަސައްކަތް ކުރައްވާ ދަރުމަވެރިންނަށްވެސް ދިވެހިރާއްޖެއަކީ، އެބޭފުޅުންވެސް ދިރިއުޅުއްވަން ފަސޭހަ ތަނެއް ކަމަށް ދައްކައިދިނުމަށް ކުރާ މަސައްކަތޭ. އަދި ހަމައެހެންމެ، ބޭރުގެ ބޮޑެތި އިންވެސްޓަރުންނަށްވެސް ދިވެހިރާއްޖެއަކީ އެމީހުންގެ އިންވެސްޓްމަންޓްތަކަށް ޖާގަ އޮތް ތަނެއްކަން ކަށަވަރުކޮށްދޭން ކުރާ މަސައްކަތޭ. އެހެންވީމާ، މިކަހަލަ މަސައްކަތެއް ކުރާ ވަގުތު، އެއްގޮތަކަށްވެސް ދިވެހިރާއްޖެއަކީ ދީނީގޮތުން ހައްދުފަހަނަޅާފައި އޮތް ތަނެއް ކަމުގައި ތަޞައްވުރު ނޫނީ ތަޞްވީރު ކުރަހަން، އެއްވެސް މީހަކު މަސައްކަތް ނުކުރާށޭ. އެއީ، ބޭކާރު މަސައްކަތެއް. އެއީކީ އެއްގޮތަކަށްވެސް ދިވެހިރާއްޖެއަށް ހެޔޮއެދިގެން ކުރެވޭ މަސައްކަތަކަށް ނުވާނެ. އެ މަސައްކަތް ދޫކޮށްލައްވާ. ދިވެހި ރައްޔިތުންނަކީ، ކޮންމެ ވެރިކަމެއް އޮތަސް، ދިވެހި ފަސްގަނޑުގައި ތިބޭނެ ބައެއް. ދިވެހިރާއްޖޭގެ އިސްތިޤުލާލު އޮންނާނެ. ދިވެހި ދައުލަތް، ދައުލަތެއްގެ ގޮތުގައި އޮންނަން ކޮންމެ ދިވެއްސަކު އެދޭނެ.
 
އެހެންވީމާ، ދިވެހިރާއްޖެއަށް ހެޔޮއެދޭ ކަމަށްވަންޏާ، ދިވެހިރާއްޖެއަކީ މިދެންނެވި ކަހަލަ ކަންކަން ކުރުމަށް ނާމާން ތަނެއް ގޮތަށް، ދިވެހިރާއްޖެއަކީ ބިރުވެރި ތަނެއް ގޮތަށް ސިފަކޮށްދެއްވާ ކުރެއްވުން ހުއްޓާލެއްވުމަށް އަޅުގަނޑު އިލްތިމާސް ކުރަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތްﷲގެ ބަރަކާތް މިންވަރު ކުރައްވާށި!
 
އަޅުގަނޑު އެދެނީ ދިވެހި ޒުވާނުންނަށް ފާގަތި މުސްތަޤްބަލެއް. އަދި ދިވެހިރާއްޖެއަށް އަބަދުވެސް އުޖާލާ މުސްތަޤްބަލެއް.
 
 
والســّلام عليــكم ورحـمــةاللّـه وبـركاتـه