بســم اللّـه الرّحمـن الرّحيــم
      
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް، މިނިސްޓަރ އޮފް އެޑިޔުކޭޝަން، މި ޙަފްލާއަށް ވަޑައިގެންނެވި އެންމެހާ ޢިއްޒަތްތެރިން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
އާދެ، މިރެޔަކީ ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑަށް އަދި މައްޗަންގޮޅީގައި ދިރިއުޅުއްވަމުން ގެންދަވާ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ވަރަށް ޚާއްޞަ އުފަލެއް ލިބޭ ރެޔެއް.
 
އާދެ، އަޙްމަދިއްޔާ ސްކޫލް ފެށިފައިވަނީ ދާދި ކުޑަކުޑަ ގޮތެއްގައި. މީގެ 32 އަހަރު ކުރިން، ޑީ. އަޙްމަދުދީދީ ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވީ، އަވަށުގެ ކަންތައްތައް ރަނގަޅު ކުރެއްވުމަށް. އެމަނިކުފާނު އެކުރެއްވި މަސައްކަތްޕުޅުގައި، ސަރުކާރުގެ އިރުޝާދު ލިބިގެން، ރައީސް މައުމޫންގެ ޒަޢާމަތުގައި، ޑީ. އަޙްމަދުދީދީ ނިންމެވީ، މައްޗަންގޮޅީގައި ކުރިއަށް ތިއްބެވި ބޭފުޅުންނާ ވާހަކަފުޅު ދައްކަވާފައި، މައްޗަންގޮޅީގައި އަވަށު މަދްރަސާއެއް އުފެއްދުމަށް.
 
އާދެ، އެންމެ ދުއިސައްތަވަރަކަށް ކުދިން އޭރު އަޙްމަދިއްޔާ ސްކޫލުގައި ތިބީ. އެކަމަކު މިއަދު އަޅުގަނޑުމެން، ދެންމެ ނާޒިރުގެ ވާހަކަފުޅު އަހަމުންދިޔައިރު، މިއަދު އަޙްމަދިއްޔާއަށް މި ލިބިފައިވާ ކާމިޔާބީތަކުގެ އިތުރުން، އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަން މިޖެހެނީ، މިއަދު މި ސްކޫލަކީ ބޮޑު ސްކޫލެއްކަން. އާދެ، ޖާގައިގެ ދަތިކަން ހުރިގޮތާއެކުވެސް މި ސްކޫލްގައި ޙަރަކާތްތެރިވަމުން އެބަދޭ، ދެހާހަށްވުރެ ގިނަ ދަރިވަރުން. ޕްރީސްކޫލްގައި އެކަނި އެއްހާސް އެތައް ކުދިންނެއް. ސާނަވީ، މަތީ ސާނަވީގައި އަދި ހަމަ އެ ޢަދަދު އެބަ ހިމެނޭ. އެހެންވީމާ، އަޙްމަދިއްޔާ ސްކޫލް ވަރަށް ދަތިކަމާއެކީ މަސައްކަތް ކުރަމުން އައިސްފައި އޮތީ. އޭރު ކަންތައްތައް ހުންނަ ގޮތުން އަޙްމަދިއްޔާ ސްކޫލަށް ލިބެނީ ސްކޫލް ކުދިންގެ އަތުން ނަގާ ފީ. އަދި ފީއަކީ އެންމެ އާދައިގެ ކުދިންނަށްވެސް ދެއްކޭވަރުގެ ފީއަކަށް ހެދުމަކީ، ސަރުކާރުގެ ސިޔާސަތު ކަމަށްވެފައި އޮތީމަ، ފީ ނެގޭ ޢަދަދަކީވެސް އެޑިޔުކޭޝަން މިނިސްޓްރީން ކޮންޓްރޯލް ކުރައްވާ ޢަދަދެއް. ފީ ނަގައިގެން އަދި އެކިއެކި ރަޙްމަތްތެރި އަދި ސްކޫލާ ދޭތެރޭގައި އަޅާލާ ފަރާތްތަކުގެ އެހީގައި ސްކޫލް ހިންގަމުންދިޔައީ. މި ސްކޫލް ހިންގުމުގައި، ހުރިހާ ގޮތަކުންވެސް އެންމެ އިސް ދައުރެއް އަދާކުރައްވާފައިވަނީ އޭރު ސްކޫލް އުފެއްދެވުމުގެ ބާނީ ޑީ. އަޙްމަދުދީދީ. މިރޭވެސް މި ސްކޫލުގެ މިކަހަލަ އުފާވެރި ޙަފްލާއެއްގައި ޑީ. އަޙްމަދުދީދީގެ ނަންފުޅު، އަޅުގަނޑުމެން އެންމެންގެ ހަނދާނަށް ގެންނަންޖެހޭ. އަދި ހަމައެހެންމެ، އެ މަރްޙޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މާތްﷲ މިންވަރު ކުރައްވާށި!
 
އާދެ، އަޅުގަނޑަށް ޑީ. އަޙްމަދުދީދީއާއެކީ މަސައްކަތް ކުރަން ލިބުނީ ވަރަށްކުޑަ ދުވަސްކޮޅެއް. އަޅުގަނޑު މަސައްކަތް ކުރަން ލިބުނު ވަގުތުކޮޅަކީ، ރިޔާސީ އިންތިޚާބެއް ކައިރިވެފައި އޮތްއިރު، މައްޗަންގޮޅީގައި ކުރަންޖެހުނު މަސައްކަތުގައި، ޑީ. އަޙްމަދުދީދީއާއެކީ މަސައްކަތް ކުރުމަށް އަޅުގަނޑު އޭރު މައްޗަންގޮޅީގެ އަވަށު މަސައްކަތަށް ނުކުތީމު. އަދި އެޔާއެކީ އިއްތިފާޤުން ކަންދިމާވީ ދާދި އަވަހަށް މައްޗަންގޮޅީގެ އަވަށު ވެރިއެއްގެ މަޤާމު އަޅުގަނޑާ ޙަވާލުވެގެން ދިޔައީ.
 
އާދެ، ވަރަށް އާދައިގެ ގޮތަކަށް ފެށިގެން މި އައި ސްކޫލްގައި އޭރު އަޅުގަނޑުމެންގެ ޚިޔާލަށް އަންނަނީ، ސަރުކާރުން ސަރުކާރުގެ ބަޖެޓުން ހިންގާ ސްކޫލްތަކާއި އަވަށު މަދްރަސާތަކާ ހުރިހާ ގޮތަކުންވެސް ހުރި ބޮޑެތި ތަފާތުތައް. އަޅުގަނޑު މިދަންނަވާލާ ތަފާސް ހިސާބު މިދަންނަވަނީ، އެއްގޮތަކަށްވެސް އެއްވެސް ތަފާތު ބޭނުމެއް އޮވެގެނެއް ނޫން. ހަމައެކަނި އަވަށު މަދްރަސާތައް ހިންގުމުގެ ދަތިކަން އަޅުގަނޑުމެންނަށ އިޙްސްސް ކުރެވުމަށްޓަކައި. އަޅުގަނޑުމެންގެ ހިތްތަކަށް ގެނައުމަށްޓަކައި. އަޅުގަނޑު ހަނދާންވާ ގޮތުން އޭރު އަޙްމަދިއްޔާ ސްކޫލަކަށްވުމަށް މިކުރެވުނު ފޯމެޓިވް ނޫނީ އުފެދުމުގެ މަސައްކަތުގެ ތެރޭގައި، ކުއްޖެއްގެ ބޮލަކަށް ހޭދަކުރެވޭ މިންވަރަށް ބަލާއިރު، ނަގާ ފީއިންނާއި އަދި ޑީ. އަޙްމަދުދީދީ ފަދަ މި މަސައްކަތަށް ޝައުޤުވެރިކަން ހުންނަ އެކިއެކި ދީލަތި އެހީތެރިންގެ ފަރާތުން ލިބޭ ފައިސާޔާއެކީ، ކުއްޖެއްގެ ބޮލަކަށްޖެހޭ މިންވަރަކީ، އޭރު ސަރުކާރުގެ މަދްރަސާތައް، މަޖީދިއްޔާ، އަމީނިއްޔާ ކަހަލަ ސްކޫލްތަކަށް، ސަރުކާރު ބަޖެޓުން ހޭދަކުރައްވާވަރުގެ ހަބައިކުޅަ އެއްބައިގެ ޢަދަދެއް. ހަބައިކުޅަ އެއްބައިގެ ޢަދަދަކާއެކީ އަވަށު މަދްރަސާތައް ހިނގަމުން އައީ. އެހެންނަމަވެސް، މި އަވަށަކީ، އަވަށުގެ ތެރޭގައި ވަރަށްބޮޑު އެކުވެރިކަމަކާއި އުޚުއްވަތްތެރިކަމެއް އޮތް އަވަށަކަށްވާތީ، ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިފައި މިވަނީ، ދަރުމައަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި. ސްކޫލް ހިންގުމުގެ ކަންތައްތަކުގައިވެސް ހަމަ މިގޮތަށް ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުން ދިޔައީ. އެހެންނަމަވެސް، މިދެންނެވި ކަހަލަ އާދައިގެ ގޮތެއްގައި ކަންތައްތައް ހުންނައިރު، ސްކޫލެއް ކުރިއަށް ގެންދަން ކިތަންމެވަރަކަށް ބޭނުންވި ނަމަވެސް، މާ ބޮޑެތި ކުރިއެރުންތަކެއް ނާންނާނެ. ޚާއްޞަ މަސައްކަތްތަކެއް ކުރަންޖެހޭނެ.
 
އަވަށު ވެރިޔާކަމާ ޙަވާލުވުމާއެކީ، އަވަށުގެ މަސައްކަތްތައް ކުރަމުން، އަޅުގަނޑުގެ ޚިޔާލަށް އެންމެ ފުރަތަމަ އަވަށުގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ މަޝްވަރާޔާއެކީ އަޅުގަނޑުމެންގެ ޚިޔާލަށް އައީ، އަވަށަށް ލިބޭ އެންމެ މަތިވެރި ޝަރަފެއް ލިބޭނީ، އަވަށު މަދްރަސާއެއްގެ ގޮތުގައި މި އޮންނަ އަޙްމަދިއްޔާ ސްކޫލަކީ ތަޢުލީމީ ދާއިރާގައި ފާހަގަކޮށްލެވޭ ސްކޫލަކަށް ހެދިގެންނޭ. އޭރު އަވަށު ވާދައިގެ ތެރޭގައި ވަރަށްގިނަ ކަންތައްތައް މާލޭގައި ކުރެވެމުންދިޔައީ. އަވަށު ވާދައިގެ ތެރޭގައި، ރާއްޖޭގައި ވަރަށްގިނަ ކަންތައްތައް ކުރެވެމުންދިޔައީ. އަވަށު ވާދައިގެ ތެރޭގައި މަޢުރަޒުތައް ބޭއްވެމުން ދިޔައީ. މައްޗަންގޮޅިއަކީ މަޢުރަޒުތަކުގައި ހަމަ ދެވަނައެއް ނެތްވަރުގެ ހަމަ ވަނަ ކޮންމެ އަހަރަކު ހޯދާފައިވާ އަވަށެއް. އަޅުގަނޑަށް އެނގޭ، މި ޖަލްސާ މާލަމުގައިވެސް އޭރު އަޅުގަނޑުމެންނާއެކީ މަސައްކަތް ކޮށްދެއްވި ބޭފުޅުން އެބަ ތިއްބެވި. އަޙްމަދިއްޔާއަކީ އޭރު އަވަށު މަދްރަސާއަށްވާތީ، އަޅުގަނޑުމެން ބޭނުންވީ ހަމަ އަޙްމަދިއްޔާއަށް، މައްޗަންގޮޅި އަވަށަށް މި ލިބޭ ރީތި ނަން ހޯދޭނެ ގޮތްތަކަކާ ދޭތެރޭގައި މަސައްކަތްކުރަން. އޭރު ކަންތައްތައް ހުރިގޮތުން، ޑީ. އަޙްމަދުދީދީ އަވަށު ވެރިޔާއަކަށް ހުންނެވިއިރު، އަޙްމަދިއްޔާގެ ކަންތައްތައް ބައްލަވަމުން ގެންދެވި. އަދި އެނޫން އަވަށު ވެރިންވެސް އަވަށުގެ ކަންތައްތައް ބައްލަވަމުން ގެންދެވި. އެހެން ނަމަވެސް، ވަރަށް ބޮޑަށް ކިޔެވުމުގެ ދާއިރާގެ ހުރިހާ މަސައްކަތެއްވެސް ދޫކޮށްލައްވާފައި އޮންނަނީ ޕްރިންސިޕަލަށް. އަދި ޕްރިންސިޕަލްގެ ބެއްލެވުމުގެ ދަށުން ސްކޫލްގެ ފެކަލްޓީއާއި އަދި ސްކޫލްގެ މެނެޖްމަންޓްގެ ބޭފުޅުން ސްކޫލް ހިންގަވާނީ. އެއީ ކަންނޭނގެ އެކަން އޮންނަންވާނެ ގޮތަކީވެސް.
 
އެހެން ނަމަވެސް، އަޙްމަދިއްޔާ އޭރު އޮތް މަރްޙަލާއިން އުފުލައިލުމަށްޓަކައި އަޅުގަނޑުމެން ޢަޒުމް ކަނޑައެޅީމު. މައްޗަންގޮޅިން ކުރަމުންދިޔަ މަސައްކަތުގެ ތެރޭގައި، އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ، މައްޗަންގޮޅިއަކީ އެދެވޭ މަސައްކަތްތަކެއް، މާލޭގެ އެއްބައިވަންތަކަމާއި އަދި އަޅުގަނޑުމެން ހިންގާ ޙަރަކާތްތަކުގެ ތެރެއިން އެހެން އަވަށްތަކާ ގުޅިގެން ކުރާ މަސައްކަތްތަކާއި، ދައުލަތަށް ބޭނުންވާ ކަންތައްތައް ކުރުމުގެ ތެރޭގައި، މައްޗަންގޮޅިން ވަރަށްގިނަ މަސައްކަތްތައް ކުރި. އެނގިވަޑައިގަންނަވާނެ، އޭރު ބޭރުގެ މެހްމާނުން ރާއްޖެއަށް ޒިޔާރަތް ކުރައްވާއިރު، އަވަށު ފޯރީގެ ތެރޭގައި، އަވަށު ވާދައިގެ ތެރޭގައި ގިޑިގެ ހެދުމާ، މިކަހަލަ ކަންތައްތައް ހިނގަމުންދިޔައީ. އޭރަކީ ތަފާތު ދުވަސްވަރެއް. އެ މަސައްކަތުގެ ތެރޭގައި، އަޅުގަނޑުމެންގެ ޚިޔާލަށް އައީ، މައްޗަންގޮޅީގައި ދިރިއުޅުއްވާ ރައްޔިތުންނަށް އެންމެ ބޮޑު އުފާވެރިކަމެއް އަދި އެންމެބޮޑު ޝަރަފެއް ލިބޭނީ، އަޙްމަދިއްޔާއަކީ ފާހަގަކުރެވޭ ތަޢުލީމީ މަރްކަޒަކަށް ހެދިގެންކަން. އެ މަސައްކަތް އޭރު އަޅުގަނޑު ކުރަން ފެށީ. ދެންމެ ތަޢާރުފްގައި، ނޫނިއްޔާ އަޅުގަނޑަށް ދެއްވި ފިލާ ދެއްވުމުގެ ކުރިން، އެ އިވިގެންދިޔަ ތަޢާރުފްގައި އެ ވިދާޅުވި ފަދައިން، އޭރު އެކަޑަމިކް ކޮމިޓީއެއް އެކުލަވައިލިން. އަދި ސްކޫލްގެ ކަންތައްތައް، ދިރާސީ ކަންތައްތައް ހުރިގޮތުގެ ރިޕޯޓްތަކެއް ނޫނީ ދިރާސާތަކެއް އަޅުގަނޑުމެން ކުރީމު. އަދި ދުވަސްތަކެއް، ވަގުތުތަކެއް ހޭދަކުރަން ޖެހުނު. ކޮމިޓީގެ ރިޔާސަތުގައި އިނދެގެން، ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރީމު. ސްކޫލް ހިންގުމުގެ ބޮޑެތި މަސައްކަތްތަކުގައި އަޅުގަނޑު ޢަމަލީގޮތުން ބައިވެރިވިން.
 
އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި، މިރެޔަކީ އަޅުގަނޑަށް ވަރަށް ޚާއްޞަ އުފަލެއް ލިބިގެންދާ ރެއެއް. އަދި އަޅުގަނޑަށް ސްކޫލްގެ ޙަޔާތުގައި ކޮންމެވެސްވަރެއްގެ ދައުރެއް ދެވުނު ކަމަށްޓަކައި ސްކޫލްގެ ފަރާތުން ސްކޫލްގެ މެނޭޖްމަންޓާއި، ސްކޫލްގެ ޓީޗަރުންގެ ފަރާތުން ތިޔަ ބެހެއްޓެވި ގާތް ކަމަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަމުން، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އޭރު ކުރެވުނު މަސައްކަތަކީ ކުދިންގެ ޙައްޤުގައި، މި އަވަށުގައި ދިރިއުޅޭ ރައްޔިތުންގެ ޙައްޤުގައި، މި ސްކޫލަކީ ނިޒާމީ ތަޢުލީމުގެ ތެރޭގައި ފާހަގަކުރެވޭ ސްކޫލަކަށް ހެދުމަށްޓަކައި ކުރެވުނު މަސައްކަތެއް. ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެން އެއް ވާނެއްގައި، އެއް އަހަރަށްފަހު ދެވަނަ އަހަރު އަދި އޭގެފަހުން ޖެހިޖެހިގެން އަހަރުތަކެއް އަޅުގަނޑުމެން ހިފަހައްޓާލީމު. އޭގެ ނަތީޖާއަކަށް ވެގެންދިޔައީ، އޭރު ސަރުކާރުން ފާހަގަކުރައްވާ އޭ.ޕީ.އެސް. ސްކޯއިން، އެކަޑަމިކް ޕަރފޯމިންގ ސްކޯއިން އަޙްމަދިއްޔާއަކީ އެއްވަނަ ސްކޫލްގެ ގޮތުގައި ފާހަގަކުރެވެމުން އަންނަން ފެށި. ވިދިވިދިގެން އެތަކެއް އަހަރު، އެ ސްކޯ އަޙްމަދިއްޔާއިން ކަށަވަރުކުރި. އަދި ހަމަ އެޔާއެކީ އޭގެފަހުންވެސް އަޙްމަދިއްޔާ މިދަނީ އެކްސަލަންސްގެ އެކިއެކި އެވޯޑްތައް، އައުޓް ސްޓޭންޑިންގ އެޗީވްމަންޓް، ނޫނިއްޔާ އެކްސަލަންސް އެވޯޑްތައް ޙާޞިލު ކުރަމުން މިދަނީ.
 
އެހެންވީމާ، މިއަދު އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ރިސޯސް މަދުން ލިބުނު ކަމުގައިވީނަމަވެސް، މަސައްކަތްތަކެއް ކުރަން ހިތުގައި ޢަޒުމް ކަނޑައަޅައިގެން، އެދެވޭ ގޮތެއްގައި މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށްވަންޏާ، އެކުވެރި ފެކަލްޓީއަކާއި އަދި ބަސްއަހާ ދަރިވަރުންތަކަކާއެކީ މަސައްކަތް ކުރެވޭ ކަމަށްވަންޏާ، ސްކޫލުން ނެރެން ބޭނުންވާ ނަތީޖާ އަޅުގަނޑުމެންނަށް ނެރެވިދާނެ. އަޅުގަނޑު އަހާފައި އޮތް ގޮތުން ވެއްޖިއްޔާ، އަޅުގަނޑާ މިވާހަކަ އެންމެ ފުރަތަމަ ޙިއްޞާ ކުރެއްވީ، އޭރު ހަމަ އަޅުގަނޑުގެ އަޚު އެޑިޔުކޭޝަން މިނިސްޓަރ، މިއަވަށުގެ ބޭފުޅެއް، ޑޮކްޓަރ މުޙަންމަދު ލަޠީފް. ޑޮކްޓަރ މުޙަންމަދު ލަޠީފް އޭރު އަޅުގަނޑު ކައިރީގައި ވިދާޅުވި، ޖީ.ސީ.އީ އޯ ލެވެލްއަކީ ލަންޑަންގައިވެސް ކްރީމް، އެޑިޔުކޭޝަން ދާއިރާގައި، ނޫނިއްޔާ މަދްރަސާ ކުދިންގެ ތެރެއިން އެންމެމޮޅު ވަނަތައް ހޮވާލުމަށްޓަކައި، އެންމެމޮޅު ކުދިން ހޮވާލުމަށްޓަކައި އޮންނަ އިމްތިޙާނެއް ކަމަށް. ޝައްކެއްވެސްނެތް، އޭރު އިމްތިޙާނު އެކަށައެޅިގެން އައީ އެގޮތަށް ކަންނޭނގެ. އެހެން ނަމަވެސް، އެ އިމްތިޙާނުގައި ލަންޑަންގެ ކުދިންގެ އިތުރުން، ދުނިޔޭގެ އެތަން މިތަނުން އެބަ ކުދިން ބައިވެރިވޭ. މިއަދު އަޅުގަނޑުމެން އުފަލާއެކީ ފާހަގަކުރަންޖެހެނީ، ދިވެހިރާއްޖެއިން އެޑެކްސެލްގަޔާއި އަދި އެކިއެކި އިމްތިޙާނުތަކުގައި މި އިށީންނަ ކުދިން، ރަން ވަނަތައް މި ގެންނަނީ ދުނިޔޭގެ އެހެން ދަރިވަރުންނާ ވާދަކޮށްގެން. އަދި އޭގެތެރޭގައި، އިނގިރޭސިވިލާތުގެ ދަރިވަރުންނާވެސް ވާދަކޮށްގެން. މަދު މާއްދާއެއް ނޫން، ތަފާތު ގިނަ މާއްދާތަކުން ދިވެހިރާއްޖެއަށް ރަން ވަނަތައް އެބަ ގެނެސްދޭ. އެ ރަން ވަނަތައް ގެނެސްދޭ ކުދިންގެ ތެރޭގައި، އަޙްމަދިއްޔާ ސްކޫލްގެ ކުދިން ހިމެނޭ. އަދި ހަމައެހެންމެ، ރާއްޖޭގައި މިހިނގާ އެހެން ސްކޫލްތަކުގެ ކުދިން އެބަ ހިމެނޭ. ދިވެހި ކުދިންނަކީ، އެކުދިންނަށް މަސައްކަތް ކޮށްދެވިއްޖެ ކަމަށްވަންޏާ، ރަނގަޅު ނަތީޖާ ހޯދައިދޭ ކުދިންކަން އަޅުގަނޑުމެންނަށް މިވަނީ ކަށަވަރުކޮށްދީފައި.
 
އެހެންވީމާ، އޭރު ވަރަށް އާދައިގެ ގޮތަކަށް ތަޢުލީމުގެ ކަންތައްތައް އޮތްއިރު އެކަށީގެންވާ ގޮތެއްގައި އަޅުގަނޑުމެންނަށް ހިފަހައްޓާލެވުނީތީ، އަޙްމަދިއްޔާއަކީ ފަޚްރުވެރި ސްކޫލަކަށް މިއަދު މިވަނީ ވެފައި. މިއަދު މި ފެށެނީ ދެންމެ ޕްރިންސިޕަލްގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް، ޒަމާނާއެކީ އަންނަން ބޭނުންވާ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް. އެކަމަކު އެމަނިކުފާނުގެ ރިޕޯޓްގައި އެ ވިދާޅުވި ގޮތުންވެސް އަދިވެސް އަޙްމަދިއްޔާގެ އެންމެބޮޑު މައްސަލައަކީ ޖާގައިގެ ދަތިކަމުގެ މައްސަލަ. އެހެންވެގެން ކުދިންގެ ޢަދަދު އިތުރުވެގެން ނުދަނީ. އެހެންވީމާ، ޒަމާނާއެކީ ތަޢުލީމީ ދާއިރާއަށް އަންނަންޖެހޭ ބަދަލުތައް، ޝައްކެއްވެސްނެތްގޮތުގައި އަންނަންޖެހޭނެ. އެ ބަދަލުތަކާ ނުލައި، ތަޢުލީމުދޭ އެއްވެސް މަރްކަޒަކީ، އޭގެ ޒާތުގައި ރިލަވަންޓް މަރްކަޒަކަށް ނުވާނެ. ރާއްޖޭގައި މިހާރު އެބަހުރި، ތަޢުލީމުދޭ އެކިއެކި މަރްކަޒުތައް. އަދި ސަރުކާރުން މުޤައްރަރެއް ކަނޑައަޅައިގެން މިދެނީވެސް ރާއްޖެއަށް ބޭނުންވާ ތަޢުލީމް. އަދި މަތީ ތަޢުލީމް ޙާޞިލު ކުރުމަށް ދުނިޔޭގެ އެކި ހިސާބަށް ދާން ބޭނުންވާ ކުދިންނަށް ބޭނުންވާ އަސާސީ ނޫނިއްޔާ ފައުންޑޭޝަން ލޭ ކުރުމުގެ މަސައްކަތް. އެހެންވީމާ، ޢާންމު ތަޢުލީމުގެ އެކި މާއްދާތަކާއެކީ އެކުދިން އެހިސާބަށް އާދެވުނީމަ، ދެން އެކުދިން އިޚްތިޔާރު ކުރާނެ ރޮނގުތަކަކާއި އަދި ސަރުކާރުން ސްކޮލަރޝިޕް ދޭއިރު، އެވަގުތަކު ރާއްޖެއަށް އެންމެ މުހިންމު ކަމަށް ފާހަގަކުރެވޭ ދާއިރާތަކުން ކުދިންނަށް ހިތްވަރު ދިނުމުގެ ގޮތުން ސްކޮލަރޝިޕް ދިނުމާއި އަދި އެކި ގޮތްގޮތަށް އެކުދިންގެ ކިޔެވުމުގައި ސަރުކާރުގެ ފަރާތުން ޙިއްޞާވުމަކީ، އެއިރެއްގެ ސަރުކާރަކުން، އެވަގުތު ސަރުކާރަށް ނޫނިއްޔާ ދައުލަތަކަށް ބޭނުންވާ ކަންކަމުގެ މައްޗަށް ބަލާފައި ނިންމާ ކަންތައްތައް.
 
އަޙްމަދިއްޔާގެ އެންމެމަތީ ކްލާސްތަކުގައި އުޅޭ ދަރިވަރުންނަށް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑުމެންގެ ރާއްޖެ މިއަދު މި ދަތުރުކުރަނީ އިޤްތިޞާދީ ހަލުވި ދުވެއްޔެއްގައި. އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑުމެންނަކީ ފުދުންތެރި އަދި އަޅުގަނޑުމެންނަކީ އަޅުގަނޑުމެން ބޭނުންވާ ކަންކަން ފަސޭހަކަމާއެކީ ކުރެވޭ ފެންވަރުގެ ޤާބިލު ބަޔަކަށް ދިވެހި ދައުލަތް ހެދުމަށް. ދިވެހިރާއްޖޭގައި ހުރި ފުރްޞަތުތައް މަދެއް ނޫން. ދިވެހިރާއްޖޭގައި މަސައްކަތް ކުރަން ތިބި ދަރިންގެ ފެންވަރު ދަށެއް ނޫން. އަދި ދިވެހިރާއްޖެއިން ހޯދޭނެ ޤާބިލުކަމާއި، ދިވެހިރާއްޖޭގައި ޤާބިލުކަމާއެކީ މި ހުނަރުވެރިކަން އަޅުގަނޑުމެން ބޭނުންވާ އަމާޒަކަށް ބޭނުންކުރެވިއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެން ދާން ބޭނުންވާ މަންޒިލަށް އަޅުގަނޑުމެންނަށް ވާސިލުވެވޭނެ. އެކަހަލަ އުންމީދެއްގައި އަޅުގަނޑުމެން މި މަސައްކަތް ކުރީ ދިވެހިރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރަން. ތަޢުލީމީ ދާއިރާގައި، ސްކޫލެއްގައި މިކަހަލަ ޖަލްސާއެއްގައި މިކަހަލަ ވާހަކަ ދައްކާއިރު، އެންމެ ފުރަތަމަ އަޅުގަނޑުމެންގެ ޚިޔާލަށް އަންނަނީ، ކީއްވެގެންތޯ އިޤްތިޞާދީ ވާހަކަ ދައްކަން މިޖެހެނީ. އޭގެ ޙަޤީޤަތް ވަރަށް އާދައިގެ. އޭގެ ޙަޤީޤަތަކީ މިއިން ކޮންމެ ކަމެއްގެ އަސާސަކީ ފައިސާ، ފަންޑިންގ. މި ސްކޫލަށް ބޭނުންވެފައި ހުރި ދަތިތައް ފިލުވުމަށްޓަކައިވެސް، ދެންމެ ޕްރިންސިޕަލްގެ އިލްތިމާސްގައިވެސް އެ ވިދާޅުވީ، ދީލަތި އެކި ފަރާތްތަކުން ސްކޫލަށް އެހީތެރިވާން.
 
އަޅުގަނޑުވެސް ހަމަ އިލްތިމާސް ތަކުރާރުކޮށްލާފައި ދަންނަވާލަން، މިރޭ ބޭނުންވަނީ އަޙްމަދިއްޔާ ހޯދި ވަނަތަކާއި، ކުރީގައި އަޙްމަދިއްޔާ، މީގެ 32 އަހަރު ކުރިން އޮތް ހިސާބާއި، މިއަދު މި 32 އަހަރުގެ ރާސްތާގައި އަޙްމަދިއްޔާ އޮތް ހިސާބަށް ބަލާއިރު، މި ސްކޫލަކީ އެހެން ހުރިހާ ސްކޫލަކަށްވުރެ ބޮޑަށް ދިވެހި ރައްޔިތުންގެ ލޯތްބާއި އެހީތެރިކަން ބޭނުންވާ ސްކޫލް. މި ސްކޫލުން ދައްކައިދީފި، މި ސްކޫލަކީ ސްކޫލްގެ ދަރިވަރުންގެ ތަޢުލީމީ ޙަޔާތް ބާއްޖަވެރިކޮށްދޭ ސްކޫލެއްކަން. އެހެންވީމާ، މި ސްކޫލަށް އެހީތެރިވުމަށް އަޅުގަނޑުވެސް ދިވެހިރާއްޖޭގެ ހުރިހާ ތަނަވަސް ބޭފުޅުންނަށް، ދަރުމައަށް އެހީތެރިވެވަޑައިގެން ދެއްވުމަށް އަޅުގަނޑުވެސް އިލްތިމާސްކޮށްލަން. އެހެންވީމާ، ދަންނަވާލަން މިއުޅޭ ވާހަކައަކީ، ސްކޫލްގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށްވެސް ސަރުކާރަށްވެސް އިލްތިމާސް ކުރެއްވިކަން އަޅުގަނޑަށް ކޮންމެވެސް މިންވަރަކަށް އިޙްސާސްވި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެ މަސައްކަތް ކުރާނަންވެސްމެ.
 
އެޔާއެކީވެސް ދަންނަވާލަން ބޭނުންވަނީ، އިޤްތިޞާދީ ގޮތުން މިކުރާ މަސައްކަތްތަކަކީ، އަދި ޒުވާނުންގެ ފުރްޞަތުތައް ތަނަވަސްކޮށްދޭން މިކުރާ މަސައްކަތަކީ، ހަމަ ޙަޤީޤަތުގައިވެސް މި ކިޔަވާ ކިޔެވެލީގެ ބޭނުން އެކުދިންނަށް ހޯދައިދިނުމަށްޓަކައި. ކޮންމެ މަންމަޔަކުވެސް، ކޮންމެ ބައްޕަޔަކުވެސް އެދޭނީ އެގޮތް. މުޅި ދައުލަތަށް ބޭނުންވަނީ ކޮންމެ ކުއްޖަކީ ފުދުންތެރި ކުއްޖަކަށް ވެއްޖެ ކަމަށްވަންޏާ، ހިންގަން ތިބޭ ދައުލަތުގެ މަސްއޫލުވެރިންނަށް ވިސްނަންޖެހޭ ކަމެއް ނޯންނާނެ. ކޮންމެ ކުއްޖަކީ އުފާވެރި ޙަޔާތެއްގެ މަތީގައި ނޫނީ އުފާވެރި ޙަޔާތެއްގައި ދިރިއުޅޭ ކުއްޖަކަށްވަންޏާ، އަދި އެކުއްޖެއްގެ ފަރާތުން މަންމަޔަށާއި ބައްޕަޔަށް އެހީތެރިކަމާއި އަދި ޢާއިލާގައި ދެން ތިބި ކުދިންނަށް އެހީތެރިކަން ލިބޭ ކަމަށްވަންޏާ، ދެނެއް އެ ޢާއިލާގެ ފަރާތުން ވިސްނަންޖެހޭ ކަމެއް ނޯންނާނެ.
 
އެހެންވީމާ، މިހުރިހާ ކަމެއްގެ އަސާސަކީ، އިޤްތިޞާދާއި ފައިސާއާއި، ފައިސާ ލިބުމާއި، ފައިސާ ހޯދަން ދެނެގަތުން ކަމަށްވާތީ، އަޅުގަނޑުމެން ސަރުކާރުން އެހާބޮޑު އަމާޒެއް ދީގެން މިގެންދަނީ. ޓީޗަރުންގެ މުސާރަ އިރާދަކުރެއްވިއްޔާ، މި ދިރާސީ އަހަރު ފެށުނުއިރު އެވަނީ ބޮޑުކުރެވިފައި. އެކަށީގެންވާ ޢަދަދެއް އެވަނީ ބޮޑުކުރެވިފައި. މީގައިވެސް ވިސްނުންތަކެއް ވިސްނުނު. ދިރާސާތަކެއް ކުރެވުނު. އެކަމަކު މި މައްސަލަވެސް މިހާތަނަށްވެސް ނުނިމި ލަސްވެގެން މިދިޔައީ، ހަމަ ޙަޤީޤަތުގައިވެސް ފައިސާގެ ދަތިކަން ސަރުކާރުގެ ބަޖެޓްގައި ދަތިކަން ހުރިގޮތުން. އެހެންވީމާ، ކޮންމެ ކަމެއް ގޮސް މި ގުޅެނީ މިކަންކަމާ ދޭތެރޭގައި. އަދި ސްކޫލަށް ބޭނުންވާ ކަންކަމަށް ބަލާއިރުވެސް އަޅުގަނޑު ހިތަށްއަރަނީ، ކޮންމެ އަހަރަކު މި އެކްސަލަންސް އެވޯޑް ސްކޫލަކުން ހޯދާ ކަމަށްވަންޏާ، ހަމަ އެއީވެސް ކުޑަ ކަމެއް ނޫން. އެއީ، ސްކޫލްގެ ޕްރިންސިޕަލުންނާއި، ފެކަލްޓީގެ ފަރާތުން ކުރައްވާ ބުރަ މަސައްކަތް. އަދި ކުދިންގެ ފަރާތުން އެކުދިން އިޖާބަދީ ކުރާ ބުރަ މަސައްކަތުގެ ނަތީޖާ. އެހެންވީމާ، އެއީވެސް އޭގެ ޒާތުގައި ކޮންމެވެސް ކަހަލަ އިނާމެއް ޙައްޤުކަމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން. އެހެންވީމާ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، އެޑިޔުކޭޝަން މިނިސްޓަރާއި، އެޑިޔުކޭޝަން މިނިސްޓަރުގެ ޓީމާއެކީ ވާހަކަ ދައްކާފައި، އަޅުގަނޑުމެންނަށް ކޮށްދެވޭނީ ކޮން ކަންތައްތަކެއްތޯ ބަލާނަމު. އަދި މިވާހަކަ ދަންނަވާއިރުވެސް އަޅުގަނޑަށް އެނގޭ، އަވަށު މަދްރަސާތަކަކީވެސް ސަރުކާރުގެ ބަޖެޓުންވެސް އެހީތެރިކަމާއެކީ ހިންގާ ތަންތަން. އެޔާއެކީވެސް އަދިވެސް މި ސްކޫލަށް ބޭނުންވެފައި ހުރި ކަންތައްތަކަށް ބަލާއިރު، ޒަމާނާ އެއްގޮތަށް، ޒަމާނަށް ފައިތިލަ ހަމަވާގޮތަކަށް، ސްކޫލްގެ ކިޔަވައިދިނުމާއި، ސްކޫލްގައި ކިޔަވައިދޭ އެއްޗެއް އެޕްލައި ކުރުމާ، މިކަންކަމަށް ބަލާކަމަށްވަންޏާ، ލައްކަ ގިނަ ފައިސާގެ ވާހަކަ އަޅުގަނޑުމެންނަށް މި ދެއްކެނީ. އެހެން ނަމަވެސް، މިކަންކަމަކީ އަޙްމަދިއްޔާއަށް ފުދެންޖެހޭ ކަންކަން ކަން އަޅުގަނޑުމެން ގަބޫލުކުރަން.
 
އެހެންވީމާ، ދަންނަވާލަން މިއުޅޭ ވާހަކައަކީ، އިޤްތިޞާދީ ގޮތުން ކުރިއަށް ދެވޭނެ މަގުތަކެއް ހޯދުމަށް މިކުރެވޭ މަސައްކަތަކީ އެއްގޮތަކަށްވެސް އެހެން ކަންތައްތައް ދޫކޮށްލަން ދައްކާ ވާހަކައެއް ނޫން. އެހެން ނަމަވެސް، އެއީ މިއަދުގެ ޙަޤީޤަތަށް ބަލާކަމަށްވަންޏާ، ދިވެހި ދައުލަތުގެ ފައިސާގެ މިންވަރަށް ބަލާކަމަށްވަންޏާ، އެ ޙަޤީޤަތާ ދޭތެރޭގައި ކޮންމެ ޒިންމާދާރު މީހަކު، ކޮންމެ މަސްއޫލުވެރިޔަކު، ކޮންމެ ސްކޫލެއްގެ ޕްރިންސިޕަލަކު، ކޮންމެ ޓީޗަރަކު ވިސްނަންޖެހޭ ކަމެއް. އަޙްމަދިއްޔާއަކީ އެކައުންޓްސްއަށް މޮޅު ދަރިވަރުންތަކެއް އުފައްދާ ތަނެއް. އަޙްމަދިއްޔާއަށްވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއަދު އަޅުގަނޑުމެން މިދާ ރާސްތާ، ދިވެހި ދައުލަތުން މިދާ ރާސްތާއާ ދޭތެރޭގައި ވިސްނާވަޑައިގެންފައި، ތަންކޮޅެއް ބޮޑަށް އެޕްލައި ކުރުމުގެ މަގު ހުޅުއްވާލަދެއްވާށޭ. ޝައްކެއްވެސްނެތްގޮތުގައި، އެ ދާއިރާތަކުން އެކުދިންނަށް، މަތީ ތަޢުލީމް ޙާޞިލު ކުރެވޭނެ ގޮތް ވެއްޖެ ކަމަށްވަންޏާ، އެކުދިންނަކީ މިހާރު ދުނިޔޭގައި ކޮންމެ ދިމާލަކުންވެސް ވަޒީފާ ލިބޭނެ ކުދިން. އޭގެ މާނައަކީ އެއްވެސް ގޮތަކަށް ސައިންސްގެ މާއްދާތައް ދޫކޮށްލާ ވާހަކައެއް ނޫން. އަޅުގަނޑު ހަމަ، އަޅުގަނޑު ހިތާހިތާ ކޮށްލާ ސުވާލެއް މިއީ. އޭގެ ޖަވާބުވެސް އަޅުގަނޑު ބޭނުންވަނީކީވެސް ނޫން. މީގައި ކްރިޓިކުން ނޫނިއްޔާ އަޅުގަނޑު ވިސްނާގޮތް ނޫންގޮތަށް ވިސްނާނެ ބޭފުޅުންވެސް ބައިވަރު.
 
އެހެންނަމަވެސް ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ކަންތައްތައް ހުރިގޮތުން، އަދި އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ މުސްތަޤްބަލާ ދޭތެރޭގައި ކައިރި މުސްތަޤްބަލާ ދޭތެރޭގައި ވިސްނާއިރު، ހަމަ ޙަޤީޤަތުގައިވެސް އަޅުގަނޑުމެން ބަރޯސާވާން މިޖެހެނީ ޙަޤީޤަތުގައިވެސް އިޖްތިމާޢީ ދާއިރާތަކާއި، ވިޔަފާރިއާއި އިޤްތިޞާދާއި، އެކައުންޓިންގއާ، މިކަހަލަ ދާއިރާތަކަށް. މީގެތެރޭގައި ގުޅުންހުރި ދާއިރާތަކުގެ ތެރޭގައި މި ހިމެނެނީ، ނަފްސާނީ ޢިލްމާ، މިސާލަކަށް ފިޝަރީޒް ސައިންސާ، މިހެންހުރި ދާއިރާތައް. އެހެން ނަމަވެސް، ތަޢުލީމީ ދާއިރާއިން ކުރިއަށްދާ ކަމަށްވަންޏާ، އެސްޓްރޯނަޓުންނަކީވެސް އުފައްދާ ބައެއް. ފިޒިސިސްޓުންނަކީވެސް އުފައްދާ ބައެއް. އަދި މިނޫން އެހެން ދާއިރާ، ރޮކެޓް ސައިންސަކީވެސް ކިޔަވައިދޭނެ ދާއިރާއެއް. އެކަމަކު މިހިސާބަށް ދިވެހިރާއްޖެ ދަތުރުކުރާނެތޯ އަޅުގަނޑުމެން ސުވާލު އުފައްދަންޖެހޭ. މިހިސާބަށް ދަތުރުނުކުރާ ކަމަށްވަންޏާ، މިއީ ޕޮލިސީ ޕްލޭނަރުން، މިއީ ކަންކަމާ ދޭތެރޭގައި ވިސްނާ ގޮތްތައް ނިންމަވަން ތިއްބަވާ މަސްއޫލުވެރިން، އެކަންކަމާ ދޭތެރޭގައި ވިސްނާވަޑައިގެން ގޮތްތަކެއް ނިންމަވަންޖެހޭ ކަމެއް. އެކަންކަން ނިންމަވައި ދެއްވައިފި ކަމަށްވަންޏާ، ދައުލަތުން ހޭދަކުރާ މިންވަރު ކޮންސެންޓްރޭޓް ވެގެން މިދަނީ ޙަޤީޤަތުގައިވެސް ދައުލަތަށް ބޭނުންވަނީ ކޮން ދާއިރާތަކެއްތޯ ވިސްނައި، އެ ދާއިރާތަކަށް އަމާޒު ކުރެވިގެން.
 
އެހެންވީމާ، އަޅުގަނޑު ހަމަ އިލްތިމާސްކޮށްލަން ބޭނުންވަނީ، އަޅުގަނޑުމެން މިދާ ދާއިރާތަކާ ދޭތެރޭގައި ވިސްނާވަޑައިގެންދެއްވާށޭ. މިދާ ދާއިރާތަކާ ދޭތެރޭގައި ވިސްނާވަޑައިގެން ދެއްވާފައި، މަތީ ތަޢުލީމްގެ ނިޒާމް މިގޮތަށް ބައްޓަންވެގެންދާ ކަމަށްވަންޏާ، ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑު މިދެންނެވި ދާއިރާތަކާ ދޭތެރޭގައި މިޞްރާބު ޖެހޭނެ. އެއްގޮތަކަށްވެސް މި ދާއިރާތަކުގެ ތެރޭގައި، ޢަރަބި އިސްލާމީ ތަޢުލީމް ދޫކޮށްލާ ވާހަކައެއް ނުދަންނަވަން. ޢަރަބި އިސްލާމީ ތަޢުލީމަކީ ޝައްކެއްވެސްނެތްގޮތުގައި، ދިވެހިރާއްޖެއަށް ހަމަ ލާޒިމު ކަމެއް. އެހެންވީމާ، އޭގެއިތުރުން މި ދަންނަވަނީ، ދުނިޔޭގެ އެހެން ސައިންސްތަކާއި، އެހެން ޑިސިޕްލިންތަކަށް ވިސްނާކަމަށްވަންޏާ، އަޅުގަނޑު މިދެންނެވި ވާހަކަ އަޅުގަނޑު މި ދަންނަވާލީ ހަމަ މި ކޮންޓެކްސްޓްގެ ތެރޭގައި.
 
އެހެންވީމާ، ދިވެހިރާއްޖޭގައި ޒުވާނުންގެ ކުރިއެރުމަށް މިކުރެވޭ މަސައްކަތަކީ، ޙަޤީޤަތުގައި މިކަހަލަ ސްކޫލްތަކުން، މިސާލަކަށް، އެކައުންޓިންގ ނޫނީ އިކޮނޮމިކްސް ހަދައިގެން ނުކުންނަ ކުދިންނަށް، އެކުދިންނަށް އާމްދަނީ ލިބޭނެ ފުރްޞަތުތަކެއް ހޯދައިދިނުމަށް ސަރުކާރުގެ މިފަހަރުގެ މެނިފެސްޓޯގައި، އަޅުގަނޑުމެންގެ މެނިފެސްޓޯގައި އެހާގިނަ ކަންތައްތަކެއް ހިމަނާފައި އެހެރީ. އޭގެތެރޭގައި، އާދައިގެ ގޮތެއްގައި ވިޔަފާރި ފަށަން ބޭނުންވާ ޒުވާން ކުދިންނަށް ވިޔަފާރި ފެށޭނެ ގޮތްތަކެއް އެހެރީ ހޯދައިދީފައި. އެކަމަކު އަޅުގަނޑުމެން ހަނދާނަކުން ކައްސައެއްނުލާ އެއްގޮތަކަށްވެސް، ތަޢުލީމީ މަރްކަޒުތަކުން ނުކުންނަ ކުދިން އެކަންޏެއް ނޫން، ދިވެހިރާއްޖޭގެ މުޖްތަމަޢުގައި ހިމެނޭނީކީ. އެހެންވެގެން ޒުވާން ދަނޑުވެރިޔާގެ ޓައިޓްލް އަޅުގަނޑުމެން އުފައްދާފައި އެއޮތީ. އެހެންވެގެން ޒުވާން މަސްވެރިޔާއަށް އަޅުގަނޑުމެން ހިތްވަރު ދިނުމަށްޓަކައި އޮންޓްރޮޕްރޮނޯޝިޕް ނޫނިއްޔާ ވިޔަފާރީގެ ފުރްޞަތުތަކެއް އަޅުގަނޑުމެން ހުޅުވާލާފައި އެހެރީ. މިއީކީ ހަމައެކަނި ވަކި ފަންނެއް ކިޔަވައިގެން ނުކުންނަ ކުދިންނަކަށް ހުޅުވާފައި ހުރި ފުރްޞަތެއް ނޫން. އެހެން ނަމަވެސް، މީގައި ހުރިހާ ކުދިންވެސް ގަބޫލުކުރަންޖެހޭނެ، އަޅުގަނޑުމެން މި ފުރްޞަތުތައް ހުޅުވާލާފައި މިއޮތީ ޒުވާން ކުދިންނަށް. އޭގެ މާނައަކީ، 35 އަހަރުން ދަށުގެ ޒުވާނުންނަށް. މީގެ ބޭނުމަކީ ޙަޤީޤަތުގައިވެސް އެކުދިންނަކީ، އިޤްތިޞާދު ހިންގުމުގެ އަދި ދައުލަތް ހިންގުމުގެ ހަކަތަ ކަމުގައިވާތީ، އެކުދިންނަށް، އެކުދިން ކުރާ މަސައްކަތުގައި ކުރިއަށް ދެވޭނެ ދުވަސްތަކެއް އޮތީމަ.
 
އެހެންވީމާ، މިކަހަލަ ޕްރޮގްރާމްތަކެއް އަޅުގަނޑުމެން ހިންގާއިރު، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މިހާރު އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ޢަމަލީ މަސައްކަތް ދަސްކޮށްދޭ މަޝްރޫޢުތަކެއް މިވަނީ ފަށްޓަވާފައި. ޝައްކެއްވެސްނެތްގޮތުގައި، މިއީ ވަރަށް ބޭނުންތެރިކަމެއް. ދާދި އިހަކަށްދުވަހަކު މިކަހަލަ ޢަމަލީ މަސައްކަތް ދަސްކޮށްދޭ އިންޓަރންޝިޕް ޕްރޮގްރާމްތަކެއް ނިމިގެން، އެ ޕްރޮގްރާމްތަކުގެ ކުދިންނަށް އަޅުގަނޑުމެން ސެޓްފިކެޓް ދިނިން. އަދި އެކުދިންނަކީ މިއަދު ސްކޫލުން ވަކިވާއިރުވެސް މާދަމާ އެކުދިންނަށް ވަޒީފާއެއް ކަށަވަރުވެފައި އޮތް ކުދިންކަން އެކުދިންނަށް ޔަޤީންކުރެވޭ. އެކަމަކު އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ،   އޯ ލެވެލް ނިންމައިގެން ނުކުންނަ ކުއްޖަކަށް، އެކަމާ ދޭތެރޭގައި ކިހާވަރެއްގެ އުންމީދެއް ކުރެވޭތޯ. އޯ ލެވެލް ނިންމައިގެން ނުކުންނަ ކުދިންނަށް އެހާ ފަސޭހައެއް ނޫން މިހާރު. އަދި އެއަށްވުރެ މަތީ ތަޢުލީމް ޙާޞިލްކޮށްގެން ނޫނިއްޔާ މިހާރު ދިވެހިރާއްޖޭގައި ވަޒީފާއެއް ހޯދުމަކީ ފަސޭހަ ކަމަކަށްނުވޭ. އެހެންވީމާ، ޒުވާން ކުދިންނަށް މިރޭވެސް އަޅުގަނޑު ކޮށްލަން ބޭނުންވާ އިލްތިމާސަކީ، ވަޒީފާއެއް ލިބެނީ އެހާ ބުރަ މަސައްކަތުންކަން ތިޔަކުދިންނަށް އެނގޭނެ. ތިޔަކުދިންގެ މައިންބަފައިންވެސް އަދި ތިޔަކުދިންވެސް އެކަން ގަބޫލުކުރައްވާނެ. އެހެންވީމާ، ވަޒީފާއެއް ލިބުނީމަ، ވަޒީފާއަށް އަހުލުވެރިވުމާއެކީ ވަޒީފާގައި ދެމިހުރެވޭތޯ މަސައްކަތް ކުރަންޖެހޭނެ.
 
ކުރީ ދުވަހެއްގެ ޖަލްސާގައި އަޅުގަނޑު ވާހަކަ ދައްކާލިއިރު، ތިޔަ ކުދިން މަސައްކަތް ކުރާއިރު އެންމެ ފަސޭހައިން ދެވޭ ޢުޒުރަކީ ބޮލުގައި ރިއްސުން. އަޅުގަނޑުގެ ވާހަކައަކީ ހަމަ ފަސްޓްއެއިޑް ކިޓެއްގައި ތަކެތި ގެންގުޅުއްވާ ގޮތަށް ޖީބުގައި ޕެނަޑޯލް ގުޅައެއް ގެންގުޅުއްވާށޭ. ވަޒީފާއަށް ސަލާން ބުނުމަކީ ބޮލުގައި ރިއްސާތީ ޢުޒުރެއް ނޫން މިއަދަކު. އެކަމެއް ގަބޫލެއް ނުކުރާނެ. އެހެންވީމާ، އެހާ ދަތިކޮށް އޮތް ކަމެއްގެ ވާހަކަ މިދައްކަނީ. އެހެންވެގެން ޒުވާން ވިޔަފާރިވެރިން، ޒުވާން އޮންޓްރޮޕްރޮނަރުން އަހުލުވެރިކުރަން މިކުރާ މަސައްކަތުގައި، އަޅުގަނޑު ހަމަ ސްކޫލްތަކަށްވެސް ދަންނަވާލަން ބޭނުންވަނީ، މި އެޕްރެންޓިސް ޕްރޮގްރާމަށް ހިތްވަރު ދެއްވާށޭ. މި އެޕްރެންޓިސިވް ޕްރޮގްރާމަކީ، ދިވެހިރާއްޖެއަށް ބޭނުންވާ އެކިއެކި ފަންނީ ދާއިރާތަކަށް ޓެކްނޮލޮޖިސްޓުން، ނޫނިއްޔާ ޓެކްނިކަލް މީހުން، ޓެކްނީޝަނުން ތަމްރީނުކުރާ ދާއިރާތައް. ފޮތުގެ ތަޢުލީމުން ކުރިއަށް ދެވޭނީ މަދު ބަޔަކަށް. ފޮތުގެ ތަޢުލީމުން ކުރިއަށް ގޮސްފައި، އެ ދާއިރާއިން މަތީ ފާސްތައް ހޯދައިގެން އަންނާނެ ކުދިން ތިބޭނެ. އެކަމަކު އެޔާއެކީ އަޅުގަނޑުމެން ގަބޫލުކުރަންވާނެ، ފޮތުގެ ތައުލީމުން ދެވޭ ތަޢުލީމާއެކީ ވަރަށް މުހިންމު އެއްޗެއް، މިދެންނެވި ގޮތަށް، މަސައްކަތްތެރިކަމުގެ ރޮނގުން ކުރިއަށް ގެންދިޔުމުގެ ފުރްޞަތު ހޯދުމަކީ. މިއީ މި ސްކޫލްތައް ބަދަލުވަމުންދާ މާޙައުލާއެކީ، ސްކޫލްތަކުގެ މުޤައްރަރާއި، ސްކޫލްތަކުގައި ކިޔަވައިދޭ ވައްޓަފާޅި ބަދަލުކުރައްވާ ކަމަށްވަންޏާ، މިކަހަލަ ކަންތައްތަކަށް އެބަ އެޑްރެސް ކުރައްވަންޖެހޭ. މިހާރު އެޑިޔުކޭޝަނުން އެވަނީ އެ މަސައްކަތް ފަށްޓަވައިދެއްވާފައި.
އެހެންވީމާ، މިހުރިހާ ސްކޫލްތަކުންވެސް މިކަންކަމަށް އިސްކަން ދެއްވައިފި ކަމަށްވަންޏާ، އަޅުގަނޑުމެން ބިނާކުރާ ޖީލަކީ، ނޫނިއްޔާ މި ސްކޫލްތައް ނިންމާފައި ނުކުންނަ ޖީލަކީ އޭ.ޕީ.އެސް ސްކޯއިން ވަނަ ހޯދާ ފަދައިން، މިދެންނެވި ކަހަލަ ފަންނީ ތަޢުލީމާއި، ވޮކޭޝަނަލް ނޫނިއްޔާ ޓެކްނިކަލް ތަމްރީނު ލިބިފައިތިބި ކުދިންނަށް ވެގެންދާނެ. އެއީކީ އެއްގޮތަކަށްވެސް ކުރަން ދެރަ މަސައްކަތްތަކެއް ނޫން. އެއީ، ކޮންމެ ދައުލަތެއް ކުރިއަށްދާއިރުވެސް، ހަމަ މަތީ މުސާރަ ލިބޭ އަދި އެމީހުންގެ ޚިދްމަތް ފާހަގަކުރެވޭ ބޮޑެތި މަސައްކަތްތައް. އަޅުގަނޑު އެއްގޮތަކަށްވެސް އެކިއެކި ބޭފުޅުންނަށް އެއްޗެއް ދަންނަވާކަށް ދަންނަވާ ވާހަކައެއްނޫން. ގަބޫލުކުރަންވާނެ، އަޅުގަނޑުމެން ބޭރުގެ އެއްވަނަ ދުނިޔޭގެ ޤައުމުތަކުގެ ބައެއް ރައީސުންގެ ބައޯޑޭޓާ ބަލައިފި ކަމަށްވަންޏާ، ސީ.ވީ ބަލައިފި ކަމަށްވަންޏާ، މަތީ ފާސް ހޯއްދެވި ބޭފުޅުންނެއް ނޫން، ހުރިހާ ދައުލަތެއްގައި ވެރިކަން ކުރައްވާފައި ހުރީކީއެއް. އެހެންވީމާ، ކުދިންގެ ހިތްތަކަށް މިކަހަލަ ކަންތައްތައް ވައްދައިދެއްވާ. އެއީ، އެޕްލައި ކުރެއްވުމަށް އަދި ބަދަލުވަމުންދާ މާޙައުލާއެކީ ތިޔަބޭފުޅުންގެ މުޤައްރަރާއި އަދި މިނޫން ކަންތައްތައް ބަދަލުކުރެއްވުމަށް ކުރެއްވޭ މަސައްކަތްތައް. ފަންނީ މަސައްކަތްތައް ދަސްކޮށްދިނުމަކީ، މިއަދު ދިވެހިރާއްޖޭގެ ދިވެހި ދައުލަތަށް ބޭނުންވާ ކަންތައްތައް. ފަންނީ މަސައްކަތްކުރާ މީހުން ދިވެހިރާއްޖޭގައި މަދު. އަޅުގަނޑުމެން މީގެކުރީގައި މިނިސްޓްރީ އޮފް ސައިންސް އެންޑް ޓެކްނޯލޮޖީއެއް ހަދައިގެން މަސައްކަތް ކުރީ މިދެންނެވި ގޮތަށް އެޕްލައިޑް ސައިންސް ބޭނުންކުރެވޭތޯ. އެކަމަކު އެއީކީ ހަމައެކަނި ވުޒާރާއެއް އުފައްދައިގެން ކުރެވޭ ކަމަކަށްވުރެން މާ ބުރަ ކަމެއް. އޭރު އަޅުގަނޑުމެން އެ ތަޖުރިބާ ކުރީމު. އެހެން ނަމަވެސް، މަދްރަސާތަކުގައި މިހާރު ފެށިފައި މިހިރަ ޓިވެޓާއި އަދި މިދެންނެވި ކަހަލަ ދަސްވާރު ޕްރޮގްރާމްތައް، އިންޓަރންޝިޕް ޕްރޮގްރާމްތައް ހިންގޭ ކަމަށްވަންޏާ، ފަންނީ ތަޢުލީމަށް އަހުލުވެރިވާ އަދި އެކަމަށް ލޯބިކުރާ ކުދިން ތިޔަބޭފުޅުންނަށް ފާހަގަކުރެއްވޭނެ.
 
ހަމަ މިރޭވެސް ދަންނަވާލަން ބޭނުންވަނީ، ހުރިހާ ކުދިންނަކީ ފޮތުން ކިޔަވައި، މަތީ ތަޢުލީމް ހާޞިލުކުރާނެ ނޫނީ މަތީ ފާސްތައް ނަގާނެ ކުދިންނެއް ނޫނޭ. އެކުދިންގެ ވިސްނުމަށް އަޅުގަނޑުމެން ޖާގަ ދޭންވާނެ. އެކުދިންގެ ސްޓައިލަށް، ނޫނީ އެކުދިން ކުރިއަށްދާން ބޭނުންވާ ދާއިރާތަކަށް އަޅުގަނޑުމެން އިސްކަންދޭންވާނެ. އެޔާއެކީވެސް މައިންބަފައިންނަށް ވިސްނޭގޮތުގައި އަދި މުދައްރިސުންނަށް ވިސްނޭގޮތުގައި، ދައުލަތަށް، ރާއްޖެއަށް ބޭނުންވާ ދާއިރާތަކަށް އެކުދިން ލެންބުމަށްޓަކައި އެކުދިންނަށް ކައުންސެލިންގ ދޭންވާނެ. އެކަޑަމިކް ކައުންސެލިންގ ދޭންވާނެ. އެކަމަކު އެޔާއެކީވެސް ވާގިވެރިވާއިރުވެސް އަޅުގަނޑުމެން ބޭނުންވާ ކޮންމެ ދާއިރާއަކުން ކުދިން ނެރެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަންވާނެ. ރާއްޖެއިން މަތީ ތަޢުލީމް ޙާޞިލުކޮށްގެން ނުކުންނަ ހުރިހާ ކުދިންނަކީ، އަޅުގަނޑުމެން ކިތަންމެ ބޭނުންވިޔަސް އެމް.ބީ.ބީ.އެސް ޑޮކްޓަރުންނަކަށް ނުހެދޭނެ. އެހެންވީމާ، އަޅުގަނޑުމެން މި ދާއިރާތަކަށް ޖާގަދޭންވާނެ. އެކަމަކު ރާއްޖެ މިއަދު މި ދަތުރުކުރާ މިޞްރާބަށް ބަލާކަމަށްވަންޏާ އަދި ރާއްޖޭގެ މުސްތަޤްބަލް، އަޅުގަނޑުމެންނަށް ޗާޓްކުރެވޭ ގޮތަށް ބަލާއިރު، މި ހުރިހާ ދާއިރާއަކީ ރާއްޖެ ބިނާކުރުމަށް ވަރަށް މުހިންމު ދާއިރާތައް.
 
އެހެންވީމާ، އަޙްމަދިއްޔާގައި، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގައި، އަޅުގަނޑު ހަމަ ސްކޫލާއި އަދި މި ސްކޫލްގެ މި ޖަލްސާ މެދުވެރިކޮށް، ހުރިހާ މަދްރަސާތަކުގެ މުދައްރިސުންނަށް، ހިންގުންތެރިންނަށް އަދި ސްކޫލް ކުދިންނަށް އަޅުގަނޑު ކުރާ އިލްތިމާސަކީ، މިހުރިހާ ދާއިރާއަކަށް ޖާގަ ދެއްވާށޭ. މިހުރިހާ ދާއިރާއަކަށް ޖާގަ ދެއްވައިގެން ކުރިއަށް ވަޑައިގަންނަވައިފި ކަމަށްވަންޏާ، ބަދަލުވަމުންދާ ދުނިޔެއާ އެއްވަރަށް ތިޔަބޭފުޅުންގެ ފައިތިލަ ހަމަކުރެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެހެންވީމާ، މި އުފާވެރި ޙަފްލާގައި ބައިވެރިވުމަކީ، އަޅުގަނޑަށް ލިބުނު ފަޚްރެއް. އަޅުގަނޑަށް ލިބުނު ޝަރަފެއް.
 
އެޔާއެކީވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޙްމަދިއްޔާ މި ހާޞިލް ކުރަމުންދާ ރަންވަނަތައް އަޙްމަދިއްޔާ ޙާޞިލު ކުރާތީ، ޙަޤީޤަތުގައި ޙައްޤު ޝުކުރުވެރިންނަކީ އަޙްމަދިއްޔާގެ ޕްރިންސިޕަލުންނާއި، އަޙްމަދިއްޔާގެ ފެކަލްޓީގެ މެންބަރުންނާއި އަދި އެބޭފުޅުންނާއެކީ ނޫނިއްޔާ އެބޭފުޅުން ދައްކަވާ މަގުން ދަސްވެނިވެނިމޭ ކުދިންނޭ. އަޙްމަދިއްޔާގެ ކުދިންނަކީ، ކްލާސްރޫމްގެ ތެރޭގައި ބަސްއަހާ ކުދިންނަށްވާތީ، އެކުދިން އެހާ ރަނގަޅު ނަތީޖާތަކެއް މި ހޯދަނީވެސް. އެކަމަކު އެޔާއެކީވެސް ހަމަ ދަންނަވާލަން ބޭނުންވޭ، އަޙްމަދިއްޔާއަށް ހުރި ގޮންޖެހުންތަކަށް ބަލާކަމަށްވަންޏާ، ސަރުކާރުގެ އެހެން ބިޔަ ބޮޑެތި މަދްރަސާތަކުގައި ހުރި ގޮންޖެހުންތަކަށްވުރެން ގޮންޖެހުންތައް މަދުވެސްކަންނޭނގެ. އެހެން ނަމަވެސް، އެހުރިހާ ކަމަކާއެކީވެސް، ސްކޫލްގެ ދަރިވަރުންގެ ޢަދަދު ކިތަންމެ ގިނަވި ނަމަވެސް އަދި ދަރިވަރުންގެ ޢަދަދު މަދުވި ނަމަވެސް، ކޮންމެ ސްކޫލަކުންވެސް އާޚިރުގައި މަސައްކަތް ކުރާނީ، އެކުދިންނަށް ކޮލިޓީ އެޑިޔުކޭޝަން ދެވޭތޯ. މަތީ ތަޢުލީމް ޙާޞިލުކުރަން ބައެއް ތަންތަނަށް ދާއިރު، އަޅުގަނޑުމެންނަށް ފެންނާނެ، ކްލާސްރޫމެއްގައި ތިން ކުދިން ތިބެގެން ކިޔަވައިދޭ ކްލާސްރޫމްވެސް ހުރޭ. ގްރެޖުއޭޓް ސްޓަޑީޒް ހަދާއިރު ނޫނިއްޔާ މަތީ ތަޢުލީމުގެ އެކިއެކި ޑިސިޕްލިންތައް ހަދާއިރު، ތިން ކުދިން ތިބެގެން ކްލާހެއް ހިންގުމަކީ އާދައިގެ ކަމެއް.
 
އެހެންވީމާ، އަޙްމަދިއްޔާވެސް ސްޓޫޑަންޓް ޕޮޕިއުލޭޝަނަށް ބަލާކަމަށްވަންޏާ، ސަރުކާރުގެ އެހެން ބައެއް ބޮޑެތި މަދްރަސާތަކަށްވުރެ ކުޑަ ސްޓޫޑަންޓް ޕޮޕިއުލޭޝަނަކަށް ވެދާނެ. އަދި އޭގެތެރެއިން ލިބޭ ފައިދާތަކެއްވެސް ހުންނާނެ. އެ ފައިދާތަކާއެކީވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޙްމަދިއްޔާއިން މިކުރެއްވި މަސައްކަތަކީ ޙަޤީޤަތުގައިވެސް ހަމަ ޝުކުރު ޙައްޤު މަސައްކަތްތަކެކޭ. ގިނަ މަސައްކަތްތަކެއް މިދެންނެވި ގޮތަށް ކޮމިޓްމަންޓާއެކީ ކުރެވުނީމަ، އަޙްމަދިއްޔާ އިރާދަކުރެއްވިއްޔާ މިއަދު އެ ފައިތިލަ ހަމަކުރާ ހިސާބުގައި އަޙްމަދިއްޔާ ފައިތިލަ ހަމަކުރެވެނީ.
 
އަޅުގަނޑު އެދެނީ އަޙްމަދިއްޔާ އަށް ހުރިހާވެސް ކާމިޔާބީއެއް. އަޅުގަނޑު އެދެނީ، ތަޢުލީމް ޙާޞިލު ކުރަމުންދާ ދިވެހިރާއްޖޭގެ ހުރިހާ ސްކޫލް ކުދިންނަށް ހުރިހާވެސް ކާމިޔާބީއެއް. އެޔާއެކީވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ބަދަލުވަމުންދާ މާޙައުލުގައި، އަޅުގަނޑުމެންވެސް އެޑަޕްޓް ކުރަން އަޅުގަނޑުމެން މަސައްކަތްތަކެއް ކުރަންޖެހެޔޭ. ފޮތުގެ ތަޢުލީމާއެކީ ހަމަ ވަރަށް ޝައުޤުވެރިކަމާއެކީ އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ، އެކިއެކި ފަންނީ ތަމްރީނުތައް ދެވޭނެ ގޮތްތަކަށް. އަޅުގަނޑު ވަރަށް އުފާކުރަން، އެޑިޔުކޭޝަންގައި މިފަހަރު މުޤައްރަރުގެ ތެރޭގައި، މިބައި ގެންދެވޭނެ ގޮތެއް އިންތިޒާމް ކޮށްދެއްވީތީ. ޝައްކެއްވެސްނެތްގޮތުގައި، ވަރަށް ގިނަ ޤައުމުތައް، މިއަދުގެ ޞިނާޢަތްތެރި ޤައުމުތަކުގެ ތެރޭގައި ފާހަގަކުރެވޭ ޤައުމުތަކަކީ، މީގެ ތިރީސް، ސާޅީސް އަހަރު ކުރިން މިދެންނެވި ގޮތަށް މަސައްކަތްތެރިކަމަށް އިސްކަންދީގެން، އެމީހުންގެ ރަސްމީ މުޤައްރަރުތަކުގެ ތެރޭގައި، މަސައްކަތްތެރިކަމަށް އިސްކަންދީގެން، މިކަންކަން ކުރެވިގެން ދިޔަ ކަންތައްތަކުގެ ނަތީޖާ. ދިވެހިރާއްޖޭގައި މީގެކުރިންވެސް މިކަން ކުރަމުން މިއަންނަނީ. އެހެން ނަމަވެސް، މިހާރު މިދެންނެވި ގޮތަށް، ތަންކޮޅެއް ފުޅާ ދާއިރާއެއްގައި އަދި ތަންކޮޅެއް ސާބިތުކަމާއެކީ މިކަން ކުރެވޭތީ، ހަމަ މިނިސްޓަރަށް ޝުކުރު ދަންނަވަމުން، އަޅުގަނޑު ވާހަކަކޮޅު ނިންމާލާނީވެސް އަޙްމަދިއްޔާ މި ހޯދި ރަން ވަނަތަކަކީ، އަޙްމަދިއްޔާގެ ހިންގުންތެރިންނާއި، ފެކަލްޓީގައި ތިއްބެވި ޓީޗަރުންނާއި، ކުދިންނާއި، ކުދިންގެ ބެލެނިވެރިންގެ ފަރާތުން ކިޔެވުމަށް ދެއްވި ސަމާލުކަން ކަން ހަމަ ޝައްކެއްވެސްނެތް. އަދި އެޔާއެކީވެސް ހަމަ ދަންނަވާލަން ބޭނުންވަނީ، ކާމިޔާބު، ކާމިޔާބާއެކީ ދަތިތަކެއްވެސް ހުންނާނެ. ކާމިޔާބުގައި ދިމާވާ އެންމެބޮޑު މައްސަލައަކީ، އެ ކާމިޔާބު، ކާމިޔާބީއެއްގެ ގޮތުގައި ދެމެހެއްޓުން.
 
އެހެންވީމާ، އަޙްމަދިއްޔާ މިއަދު ހޯދާފައިވާ ވަނަތަކުގެ ޙަޤީޤަތުގައި ވިކްޓިމަކަށް އަޙްމަދިއްޔާ އެބަވޭވެސްމެ. މި ވަނަތައް މިއަންނަ އަހަރު، މިއަހަރު އަޙްމަދިއްޔާއަށް ނުހިފެހެއްޓޭ ކަމަށްވަންޏާ، އަޙްމަދިއްޔާއާ ދޭތެރޭގައި އަނެއްކާވެސް ސުވާލު އުފެދޭނެ. އެހެންވީމާ، އެއީ އަޙްމަދިއްޔާ އަށް އޮތް އެންމެބޮޑު ޗެލެންޖަކީ. މި ވަނަތައް، މި ވަނަތަކުގެ ގޮތުގައި އަޙްމަދިއްޔާ އެބަޖެހޭ، އަޙްމަދިއްޔާގެ ކުދިންނަށްޓަކައި ހިފަހައްޓައިދޭން. އެ ނުހިފެހެއްޓޭ ކަމަށްވަންޏާ، އަނެއްކާވެސް އަޙްމަދިއްޔާއާ ދޭތެރޭގައި، ތަފާތު ގޮތްތަކަށް ވިސްނާނެ. އަޅުގަނޑު ޝައްކެއްނުކުރަން، އަޙްމަދިއްޔާގައި މިހާރު އޮތް ޓީމާއެކީ މިކުރެވޭ މަސައްކަތުގެ ނަތީޖާގައި އިރާދަކުރެއްވިއްޔާ، އަޙްމަދިއްޔާ، އަޙްމަދިއްޔާގެ މި ރަން ވަނަތަކުގައި އަޙްމަދިއްޔާއަށް ހިފަހައްޓާލެވޭނެ. އެއީ އަޙްމަދިއްޔާގެ ޢަޒުމަކަށްވާނީ. އަދި އަޙްމަދިއްޔާގެ މޮޓޯ، މިރޭ ޝާއިޢު ކުރެވިގެންދިޔަ މޮޓޯއަކީ، ވަރަށް ވަރުގަދަ މޮޓޯއެއް. މި މޮޓޯގައި ހިފަހައްޓައިގެން، ބަދަލުވަމުންދާ މާޙައުލާ އެއްގޮތަށް، ފައިތިލަ ހަމަކުރަން ކުރައްވާ މަސައްކަތް ކާމިޔާބުކަމާއެކީ ކުރެއްވޭނަމަ، އަޙްމަދިއްޔާއަކީ އަނެއްކާވެސް ހަމަ އެއްވަނަ ސްކޫލްގެ ގޮތުގައި، ކުރިއަށް އޮތް ތާނގައިވެސް ފާހަގަކުރެވިގެންދާނެ.
 
އަޅުގަނޑު އެދެނީ، އަޙްމަދިއްޔާއަށް ހުރިހާވެސް ކާމިޔާބީއެއް. އަދި އަޅުގަނޑުވެސް ހަމަ އިލްތިމާސްކޮށްލަން ބޭނުންވޭ، އަޙްމަދިއްޔާއަށް، އަޙްމަދިއްޔާ ކުދިންގެ ބެލެނިވެރިން، މި އަވަށުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނާއި، އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ހިމެނޭ ބެލެނިވެރިން އަޙްމަދިއްޔާއަށް ތިޔަ ބަހައްޓަވާ ގާތްކަމާ ދޭތެރޭގައި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. ކިޔެވުމުގެ ވަރަށް މުހިންމު ބަޔަކީ ޙަޤީޤަތުގައި، ކުދިން ޑިސިޕްލިންވެގެން ނުކުތުން. މަރްކަޒެއްގެ، ތަމްރީނުދޭ މަރްކަޒެއްގެ އެންމެބޮޑު ބޭނުމަކަށްވާނީ، ފޮތުން ދޭ ތަޢުލީމާއި، އުނގަންނައިދޭ އެއްޗެއްގެ އިތުރުން، އެކުއްޖާއަކީ ހޯލްސަމް، ނޫނީ އެކުއްޖާއަކީ ހުރިހާ ކަމަކަށްވެސް ފިޓް ކުއްޖެއްގެ ގޮތުގައި ހެދުން. އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި، އެކުއްޖާއަކީ ޑިސިޕްލިން ހުރި ކުއްޖަކަށްވާންޖެހޭނެ. ޑިސިޕްލިން ނެތް ކުއްޖެއް ކަމަށްވަންޏާ، އަޅުގަނޑުމެން ކިތަންމެ ވަރަކަށް ކިޔަވައިދިން ކަމުގައިވީނަމަވެސް، ދާން ބޭނުންވާ އަމާޒުތަކާ ހަމަޔަށް ވާސިލެއް ނުވާނެ.
 
އަޙްމަދިއްޔާއަކީ ޑިސިޕްލިން ސްޓޫޑަންޓް ބޮޑީއެއް އޮންނަ ސްކޫލެއް. ޒަމާނުއްސުރެ އެކަން އޮތްގޮތް އެއީ. އަޅުގަނޑު ދަންނަވާލާނަން، މިކަން ފަސޭހަވެގެންދަނީ ފަހަރުގައި ވެދާނެކަންނޭނގެ، އަޙްމަދިއްޔާގެ ސްޓޫޑަންޓް ބޮޑީ، ނޫނިއްޔާ ކިޔަވާ ކުދިންގެ ޢަދަދު މަދުވީމަ ކަމަށްވެސް. މިހުރިހާ ކަމަކާއެކީވެސް ހަމަ ދަންނަވާލަންޖެހެނީ، އަޙްމަދިއްޔާއަކީ ވަރަށް ޑިސިޕްލިންޑް ކުދިންތަކެއް އަބަދުވެސް ކިޔަވަމުންދާ ސްކޫލެކޭ. މީގެ ނަތީޖާ ކަންނޭނގެ، އަޅުގަނޑުމެން މި ފާހަގަކުރާ ރަން ވަނަތައް އަޙްމަދިއްޔާއިން ފާހަގަކުރެވެމުން މިދަނީ. މިއާއެކީވެސް ދަންނަވާލަން ބޭނުންވަނީ، ކޮންމެ ސްކޫލެއް ހިންގާ ޓީމަކުންވެސް، އެ ޓީމަކުން ސްކޫލް ހަރުދަނާ ކުރަން ބޭނުންކަމަށްވަންޏާ، ނަތީޖާތަކެއް ހޯދަން ބޭނުންކަމަށްވަންޏާ، މި ނަތީޖާތައް ހޯދޭނެ.
 
އަޅުގަނޑު ހަމަ ދަންނަވާލަން، އަޅުގަނޑުގެ އަޚުން، ޑޮކްޓަރ ލަޠީފް އަދި ކުރީގެ އެޑިޔުކޭޝަން މިނިސްޓަރ ޢަބްދުއްސައްތާރު މޫސާދީދީ، މިބޭބޭފުޅުން، އަޙްމަދިއްޔާ ފުރަތަމަފަހަރު މި ވަނަ ހޯދީމަ، އަޅުގަނޑަށް ފޯނުކުރެއްވި. ފޯނު ކުރައްވާފައި، އަޅުގަނޑުމެން ހަމަ ވަރަށް ގާތްކޮށް މި ވާހަކަ ދެއްކީމު. ދެން އަޅުގަނޑުމެން ބަލަން ތިބީ ދެވަނަ އަހަރު ހަމަ މި ވަނަ ހޯދޭނެތޯ. އަޅުގަނޑު ފޯނުކުރުމުގެ ކުރިން އިސްވެ އެބޭފުޅުން ފޯނު ކުރައްވާފައި އަޅުގަނޑަށް މަރްޙަބާ ވިދާޅުވި. އެހެންވީމާ، އެކަހަލަ އުފާވެރިކަމެއް ލިބޭ ކަމެއް، މިކަހަލަ މުއައްސަސާއެއްގައި ބައިވެރިވެގެން ކޮންމެވެސްވަރެއްގެ ޒިންމާތަކެއް އަދާކުރެވޭނެ ޖާގައެއް ލިބިގެން، އޭގެ ނަތީޖާ ޙާޞިލުވަމުންދާ ކަމަށްވަންޏާ، ޝައްކެއްވެސްނެތްގޮތުގައި އެއީ އުފާވެރިކަމެއް ލިބޭ ކަމެއް. މިއީކީ އަޅުގަނޑުމެން ހަމަގައިމުވެސް އޭރު ސަރުކާރުގައި އުޅުނުއިރު، ޑޮކްޓަރ ލަޠީފް ނޫނީ އަޅުގަނޑު، އަޅުގަނޑުމެން އުޖޫރައަށް ކުރާ ކަންކަމެއް ނޫން މިއީކީ. މިއީ އަޅުގަނޑުމެންނާ ޙަވާލުވެފައި އޮތް މަސްއޫލިއްޔަތު އަދާކޮށް އަދި އަވަށަށް ރީތި ނަމެއް ހޯދައިދިނުމަށްޓަކައި އަޅުގަނޑުމެން ކުރި މަސައްކަތް. އެހެންވީމާ، މި މަސައްކަތް އަޙްމަދިއްޔާގެ ފަރާތުން ބަލައިގެން، އަދި އެކަމުގެ އަގު ވަޒަން ކުރެއްވީތީ، އަޅުގަނޑު ވަރަށް އުފާކުރަން.
 
އަޅުގަނޑު އެދެނީ އަޅުގަނޑު ވާހަކަކޮޅު ނިންމާލަމުންވެސް އަޙްމަދިއްޔާއަށް ކުރިއަށް އޮތް މުސްތަޤްބަލަކީ ވަރަށް އުފާވެރި ފާގަތި މުސްތަޤްބަލަކަށް ވެގެންދިޔުން. ދިވެހި ތަޢުލީމަށް އަޅުގަނޑު އެދެނީ، އުފާވެރި ޙަޔާތެއް.
 
والســّلام عليــكم ورحـمــةاللّـه وبـركاتـه