‏ދިވެހި މުޖްތަމަޢަށް ދީލަތި އެހީތެރިކަން ވެދެއްވަމުން ގެންދަވާ އެކުވެރި އަރަބި ‏‏އިމާރާތުގެ ރައްޔިތެއް ކަމުގައިވާ މަޙްމޫދު ފައްތާޙް ޢަލީ ޢަބްދުﷲ އަލް ޚާޖާއަށް "ނިޝާން މުލީގޭ ‏‏ޝަރަފުގެ ޢިއްޒަތް" ‏‎ ‎‏އަރުވައިފިއެވެ. މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ‏‏އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ‏‏ދިވެހި ދައުލަތުގެ ޢިއްޒަތް، ‏މަޙްމޫދު ފައްތާޙް ޢަލީ ޢަބްދުﷲ އަލް ޚާޖާއަށް‏‎ ‎‏އެރުވީ، ދިވެހިރާއްޖޭގެ ‏‏ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޑ) އިން އެކިފަރާތްތަކަށް، ޤާނޫނުގައިވާ ‏‏ގޮތުގެ މަތިން އިނާމާއި، ލަޤަބާއި، ޝަރަފާއި، މެޑެލް ދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ‏‏ލިބިދީފައިވީހިނދު، ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި، ވަކިން ޚާއްޞަކޮށް، ‏‏މުޖުތަމަޢުގައި ދަތިކަން އިޙްސާސްކުރަން ޖެހިފައިވާ މީހުންގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ‏‏ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމާއި އެއްބާރުލެއްވުމުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.‏

‏މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ‏‏ރައްޔިތުންނާމެދު ބަހައްޓަވާ ގާތްކަމަށާއި، ދިވެހި ރައްޔިތުންނަށްޓަކައި ކޮށްދެއްވަމުން ގެންދަވާ ‏‏މަސައްކަތްތަކަށްޓަކައި ‏މަޙްމޫދު ފައްތާޙް ޢަލީ ޢަބްދުﷲ އަލް ޚާޖާއަށާއި އެމަނިކުފާނުގެ އާއިލާއަށް ‏‏ޝުކުރު އަދާކުރެއްވިއެވެ.‏

‏މި ރަސްމިއްޔާތުގައި ‏މަޙްމޫދު ފައްތާޙް ޢަލީ ޢަބްދުﷲ އަލް ޚާޖާ ‏‎‏ދެއްކެވި ‏‏ވާހަކަފުޅުގައި، ދިވެހި ދައުލަތުގެ ޢިއްޒަތް އެމަނިކުފާނަށް އެރުވިކަމަށްޓަކައި ދިވެހި ސަރުކާރަށާއި، ‏‏ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މިއީ އެމަނިކުފާނަށާއި، އެމަނިކުފާނުގެ އާއިލާއަށް ‏‏ލިބުނު ވަރަށް ބޮޑު ޝަރަފަކާއި ފަޚުރެއް ކަމުގައި ވިދާޅުވިއެވެ. މީގެއިތުރަށް، ‏‏ކުރިއަށްއޮތްތަނުގައިވެސް ރާއްޖޭގެ އުޚްވަތްތެރި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ‏‏ގެންދަވާނެކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ. ‏