ބަދަލުވަމުންދާ ދުނިޔޭގެ ބަދަލުވަމުންދާ މާހައުލަށް އަޅުގަނޑުމެން ހޭނޭއިރު ފޮތުގެ ތަޢުލީމާ އެއްވަރަށް އެކިއެކި ފަންނީ ތަމްރީނުތަކަށްވެސް މުހިންމުކަން ދެންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް އިފްތިތާޙު ކުރުމަށްޓަކައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޭ އެސްކޫލްގައި އޮތް މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިއަހަރު ތަޢާރަފް ކުރެއްވި އާ ތަޢުލީމީ މުޤައްރަރުގެ ތެރޭގައި ފަންނީ ތަޢުލީމު ހިމަނުއްވާފައިވާކަން ފާހަގަ ކުރެއްވިއެވެ. އަދި، ރާއްޖެ މިއަދު މި ދަތުރުކުރާ މިސްރާބަށާއި، ރާއްޖޭގެ މުސްތަޤްބަލް އަޅުގަނޑުމެން އަމާޒުކުރާ ގޮތަށް ބަލާއިރު ފަންނީ ދާއިރާތަކަކީ ރާއްޖެ ބިނާ ކުރުމަށް ވަރަށް މުހިންމު ދާއިރާތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ބަދަލުވަމުންދާ ދުނިޔޭގައި ފައިތިލަ ހަމަ ކުރެވޭނީ ހުރިހާ ދާއިރައަކަށް ޖާގަ ދީގެންކަން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސްކޫލް ކުދިންނަށް ފަންނީ މަސައްކަތް ދަސްކޮށްދިނުމަކީ މިއަދު ދިވެހިރާއްޖެއަށާއި، ދިވެހި ދައުލަތަށް ބޭނުންވާ ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވެ، ފަންނީ މީހުން ރާއްޖޭގައި މަދުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. އަދި، ރާއްޖޭގެ މުޖުތަމަޢުގައި ހިމެނެނީ ތަޢުލީމީ މަރުކަޒުތަކުން ނުކުންނަ ކުދިން އެކަނި ނޫންކަމަށާއި، ޒުވާންނަށް ޚާއްޞަކޮށް ވިޔަފާރީގެ ފުރުޞަތުތައް ސަރުކާރުން ހުޅުއްވައިލެއްވީ މިސަބަބާހުރެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ނަމާއި، މޮޓޯއާއި، ބެޖް ދައްކުވައިދޭ ޚާއްޞަ ބިނާ، ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވިއެވެ. އަދި، މައްޗަންގޮޅީ އަވަށު ވެރިއެއްގެ ގޮތުގައި ހުންނަވައިގެން، އަޙްމަދިއްޔާ ސްކޫލަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތައް ފާހަގަކޮށް، އެމަނިކުފާނަށް ޚާއްޞަ ފިލައެއް އެރުވިއެވެ.