ބްރޫނާއީ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެޒިޑެންޓް ސަފީރު ހާޖީ ސައިފުލްބަޙްރީ ބިން ހާޖީ މަންސޫރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ބްރޫނާއީގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނަށް މަރުޙަބާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ބްރޫނާއީއާ ދެޤައުމުގެ ދެމެދުގައި އޮތް ހަރުދަނާ ގުޅުން ފާހަގަކުރައްވައި، ބްރޫނާއީގެ އާ ސަފީރުގެ ދައުރުގައި، މި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖޭގެ އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީއަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ އެކިއެކި މަޝްރޫޢުތަކާއި، ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ، ބްރޫނާއީގެ ސަފީރަށް ދެއްވިއެވެ.

ތިމާވެށި ރައްކާތެރި ކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުން ލިބެމުންދާ ގެއްލުންތަކުން ސަލާމަތްވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ، ބްރޫނާއީގެ ސަފީރާ ހިއްސާ ކުރެއްވިއެވެ. އަދި، މިއީ ރާއްޖެއާއި ބްރޫނާއީ ފަދަ ކުދި ޤައުމުތަކުން، ބައިނަލްއަޤްވާމީ ދުނިޔޭގައި މިހާރަށްވުރެ ހަރަކާތްތެރިވާންވީ ވަގުތުކަމުގައި ވިދާޅުވެ، މިކަމުގައި އެއްޤައުމުން އަނެއް ޤައުމަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. އަދި، ބްރޫނާއީގެ އާ ސަފީރާއެކު މަސައްކަތްކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބްރުނާއީގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ބްރޫނާއީ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުގެ މަޤާމުގައި ހުންނަވައިގެން ޚިދުމަތް ކުރެއްވުމަކީ، ވަރަށް ބޮޑު އުފާފުޅެއް ލިބިވަޑައިގަންނަވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖެއާއި ބްރޫނާއީއަކީ ވަރަށް އެއްގޮތް ސިފަތަކެއް ލިބިފައިވާ ދެ ޤައުމުކަން ފާހަގަ ކުރައްވައި، ރާއްޖޭގެ ތަރައްޤީއަށް ބްރޫނާއީ ސަރުކާރުން އެހީތެރިވެދެވިދާނެ ދާއިރާތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފު ބައިވެރިވެވަޑައިގެންނެވިއެވެ.