‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ކްރޮއޭޝިއާގެ ރައީސް ކަމަށް ‏‏‏އިންތިޚާބުވެވަޑައިގެންނެވި ‏ކޮލިންޑާ ގްރަބަރ-ކިޓަރޮވިޗް‏އަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ‏‎.‎

‏ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ‏ދިވެހި ސަރުކާރާއި ‏‏ރައްޔިތުންގެ ނަމުގައި އަދި ‏‏ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ‏ކޮލިންޑާ ގްރަބަރ-‏‏ކިޓަރޮވިޗް‏އަށް މަރްޙަބާ ވިދާޅުވެ، ‏‏ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. އަދި، ކްރޮއޭޝިއާގައި އަންހެން ‏‏ރައީސާއަކު އިންތިޚާބުވެގެން ދިޔަކަންއެއީ ކްރޮއޭޝިޔާގެ ޤާނޫނީ ޙަޔާތުގައި ލިބިގެންދިޔަ ވަރަށް ބޮޑު ‏‏ކާމިޔާބީއެއްކަމުގައި ވިދާޅުވެފައިވެއެވެ.‏

‏ ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އެކަމަނާގެ ޒަޢާމަތުގައި، ކްރޮއޭޝިއާއަށް ‏‏އިތުރު ފާގަތިކަމާއި ކުރިއެރުން ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ‏‎.‎‏ ‏‏އަދި ރާއްޖެއާއި ކްރޮއޭޝިއާއާ ދެޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން، ‏‏ކުރިއަށް އޮތް ‏‏ތާނގައި، އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ‏‏ރައީސުލްޖުމްހޫރިއްޔާ ‏‏ވިދާޅުވެފައިވެއެވެ.‏