ޓެރަރިސްޓް ގްރޫޕަކުން ފަރަންސޭސިވިލާތުގެ ޝާލީ އެބްޑޫ ނޫހަށް ހަމާލާދީ، އެޤައުމުގައި އަނިޔާވެރި ޓެރަރިސްޓް ހަރަކާތްތަކެއް ހިންގުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ފަރަންސޭސިވިލާތުގެ ރައީސް، ފްރަންސުއާ އުލާންދަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި، ދިވެހި ސަރުކާރާއި، ދިވެހި ރައްޔިތުން، ޓެރަރިޒަމްގެ މިފަދަ ޢަމަލުތައް، އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ޓެރަރިޒަމްގެ ޢަމަލުތަކަށް އިސްލާމްދީން ޖާގަނުދޭ ކަމުގައި ބަޔާންކުރައްވައި، ޓެރަރިޒަމްގެ އެއްވެސް ބާވަތެއްގެ ޢަމަލެއް ދިވެހިރައްޔިތުން ބަލައިނުގަންނާނެކަމުގައި ވިދާޅުވެފައިވެއެވެ.
މީގެއިތުރަށް، ވެރިރަށް ޕެރިހުގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ ހިނގާލުން "ފްރީޑަމް މާޗު" ކުރިއަށްދާއިރު، ދިވެހިރައްޔިތުން ފްރާންސުގެ ސަރުކާރާއި ރައްޔިތުންނާއެކު ސާބިތުވެ ތިބޭނެކަމުގައި ވިދާޅުވިއެވެ. އަދި މިޙާދިޘާގައި މަރުވި އެންމެންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.