ސްރީލަންކާގެ އާ ސަރުކާރަށް މަރުޙަބާ ދެންނެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ވަޑައިގެންނެވި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙަންމަދު ޙުސައިން ޝަރީފު، ސްރީލަންކާގެ އާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެ، ބައިނަލްއަޤްވާމީ މައިދާނުގައި ސްރީލަންކާގެ އެއްބާރުލުމާއި ތާއީދު ރާއްޖެއަށް އަބަދުވެސް ލިބެމުންދާނެކަމުގެ ޔަޤީންކަން ސްރީލަންކާގެ ބޮޑުވަޒީރު ދެއްވިއެވެ. ސްރީލަންކާގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ދެޤައުމަށް ފަސޭހަފުޅު އެންމެ އަވަސް ފުރުޞަތެއްގައި ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

މިބައްދަލު ކުރެއްވުމުގައި، ރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ރައްޔިތުންގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމުގެ މުހިންމު ކަމުގެ މައްޗަށްވެސް މަޝްވަރާ ކުރެއްވިއެވެ. އަދި، ޞިއްޙީ ދާއިރާއާއި ތަޢުލީމުގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރެއްވުމަށް ސްރީލަންކާ ސަރުކާރުން ޚާއްޞަ އަހަންމިއްޔަތެއް ދެއްވާނެ ކަމުގައި އެޤައުމުގެ ބޮޑުވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ސްރީލަންކާގެ އާ ސަރުކާރުގެ ދައުރުގައި ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ރައީސެއްގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސްރީލަންކާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށްވެސް މި ބައްދަލުކުރެއްވުމުގައި ސްރީލަންކާގެ އާ ބޮޑުވަޒީރު ދައުވަތު އެރުވިއެވެ.