بســم اللّـه الرّحمـن الرّحيــم

      
ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّـدرســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލައްވާށި! އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރައްވާށި!
 
ކުޅިވަރަށް ލޯބިކުރާ، ކުޅިވަރު އާލާކޮށް، މި ޖަލްސާއަށް ވަޑައިގެންނެވި ކުޅިވަރަށް ޝައުޤުވެރިކަން ބަހައްޓަވާ އެންމެހާ ފަރާތްތައް، މި ޖަލްސާއަށް ވަޑައިގެންނެވި އެންމެހާ ޢިއްޒަތްތެރިން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
އާދެ! އާ އަހަރެއް ފެށިގެން މިރޭ އެންމެ ފުރަތަމަ ފާހަގަކުރާ އިވެންޓެއްގެ ގޮތުގައި، މި އިޙްތިފާލު ހިމެނިގެންދާކަމީ، ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލެއް. އަދި މި އުފަލުގައި، ކުޅިވަރު ކުޅޭ އެކި ފަރާތްތަކާ ބައްދަލުކޮށްލުމުގެ ފުރްޞަތު ލިބޭކަމީވެސް އަޅުގަނޑަށް ޚާއްޞަ ޝަރަފެއް ލިބޭ ކަމެއް. އާދެ، އާ އަހަރެއްގައި، އެންމެ ފުރަތަމަ މެސެޖް، ހެޔޮއެދިގެންވާ މެސެޖެއް އަޅުގަނޑުގެ ސަރުކާރުގެ ފަރާތުން މި ދެވެނީ، ކުޅިވަރުގެ ދާއިރާގައި ހިމެނޭ އެކި ޒުވާނުންނަށް ކަމުގައިވާތީ، އެއީ އަޅުގަނޑު ނުހަނު އުފަލާއެކީ ފާހަގަކުރާ ކަމެއް.
 
އާދެ، ކުޅިވަރު ކުޅުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެއްގޮތަކަށްވެސް ހުސް ވަގުތުތަކެއް ފުރާލުމެއް ނޫން. ކުޅިވަރު ކުޅުމަކީ، ޝައްކެއްވެސްނެތްގޮތުގައި، ޤައުމު ބިނާކުރުމުގައި ވަރަށް މުހިންމު ރުކުނެއް ކަމަށް އަޅުގަނޑު ގަބޫލުކުރަން. ކުޅިވަރަކީ، އިންސާނާއަށް ޤައުމު ބިނާކުރަން ބޭނުންވާ އަދި އޭނާ ކުޅިވަރުގެ ބޭރުން ދަތުރުކުރަން ބޭނުންވާ ރާސްތާއަކަށް ދަތުރުކުރުމަށް ދިޔުމަށް ވަރަށްގިނަ ފިލާވަޅުތަކެއް، ވަރަށްގިނަ ހިތްވަރުތަކެއް ލިއްބައިދޭކަމެއް. އޭގެތެރޭގައި، މުހިންމު ކަންތައްތަކުގެ ތެރޭގައި، ޤައުމަކަށް ވިސްނާކަމަށްވަންޏާ، ކުޅިވަރު ކުޅޭ މީހުންނަކީ، ޝައްކެއްވެސްނެތްގޮތުގައި، ޤައުމު ބިނާކުރުމުގައި ޓީމް ވަރކް، އެންމެ ލާމަސީލު ގޮތެއްގައި ދައްކައިދޭ ފަރާތްތައް.
 
އަދި ހަމައެހެންމެ، ޤައުމެއް ބިނާކުރުމުގައި، ހިތްޕުޅަށް ގެންނަވާ، ވިޔަފާރީގެ ދާއިރާއިން ޒުވާނަކު ކުރިއަށްދާން، ޔަންގް އޮންޓަރޕްރިނަރއަކު، ކުޅިވަރުގެ ދާއިރާގައި އުޅޭ ކުއްޖަކު. ޒުވާން ވިޔަފާރިވެރިޔަކަށްވާން ބޭނުންވަނީ. މިކަމުގެ އެންމެ މުހިންމު ކަމަކީ، އޭނަގެ ހުރި ކޮމްޕެޓެޓިވްނަސް. އާދެ، ވާދަކުރުމުގެ ރޫޙު. ދިވެހިރާއްޖޭގައި ވަރަށްގިނަ ފުރްޞަތުތައް ހުޅުވައިލެވެނީ، އެމީހަކު އެ ފުރްޞަތުގެ ބޭނުންކޮށްގެން، އެމީހެއްގެ ހުނަރާއި އަދި އެމީހަކު އެކަމަށް އެޕްލައިކުރާ މިންވަރުން، އޭނަ ދާން ބޭނުންވާ އެންމެ އުސްމިނަކަށް ދެވޭވަރަށް، އަޅުގަނޑުމެންގެ ޤާނޫނުތައް މިހާރު ކްރިއޭޓް ކުރެވޭތޯ، ނޫނިއްޔާ ހުޅުވާލަދެވޭތޯ އަޅުގަނޑުމެން މިކުރަނީ މަސައްކަތް. އެހެންވީމާ، ކުޅިވަރުގެ ދާއިރާއިން ނަގައިދެވޭ ފިލާވަޅުތަކުގެ ތެރޭގައި، ކޮމްޕެޓެޓިވްނަސްއަކީ، ނޫނީ އޭނަ، އޭނަގެ ހަށިގަނޑާއި، އޭނަގެ ވިސްނުމާއި، އޭނަގެ ތަރުބިއްޔަތު، އެކުރާ ކަމަކަށް އެޕްލައި ކުރުމަކީ، ކުޅިވަރުން ޤައުމު ބިނާކުރުމަށް ނަގައިދޭ ވަރަށް ވަރުގަދަ ފިލާވަޅެއް.
 
ދެން ހަމަ އެހެންމެ، އަޅުގަނޑުމެން ޒުވާނުންނަށް ދިވެހިރާއްޖެއަކީ، މި ދުނިޔެއާ އެކަހެރިކޮށް އޮންނަ ޤައުމަކަށްނުވޭ. އެހެންވީމާ، ދުނިޔޭގެ އެހެން ހުރިހާ ތަންތަނެއްގައިވެސް އުޅޭ ހުރިހާ ވަބާތައް ދިވެހިރާއްޖޭގައި އުޅޭނެ. އަދި އިޖްތިމާޢީ އެކިކަހަލަ ބަލިމަޑުކަން، ދިވެހިރާއްޖޭގައިވެސް ޢާންމުވަމުން މިދަނީ. ކުޅިވަރުގެ ތެރޭގައި، ކޮމްޕެޓެޓިވްކަމާއެކީ އަދި ކުޅިވަރުގެ ކުރިބޯށްޓާ ހަމަޔަށް ދިޔުމަށްޓަކައި، އެކުއްޖަކު ކުޅޭ ކުޅިވަރަކުން ޤައުމީ ޖަރޒީ، އެކުއްޖަކަށް ލެވޭ ހިސާބަށް ދަތުރުކުރަން ބޭނުންވާ ކުއްޖެއް ކަމަށްވަންޏާ، ޝައްކެއްވެސްނެތް، އެކުއްޖަކީ މިކަހަލަ، މިދެންނެވި ކަހަލަ އިޖްތިމާޢީ މައްސަލަތަކުން، އިޖްތިމާޢީ ބަލިމަޑުކަމުން ދުރުގައި ހުންނާނެ ކުއްޖެއްކަމާ ދޭތެރޭގައި އެއްވެސް ޒުވާނަކު އަދި އެއްވެސް ޕޮލިސީ މޭކަރަކު ޝައްކެއްނުކުރާނެ.
 
ޝައްކެއްވެސްނެތްގޮތުގައި، ކުޅިވަރުގައި ކުރިއަށްދާ މީހުންނަކީ އަދި ކުޅިވަރުގެ ވިސްނުންތަކާ ހަމަޔަށް ދަތުރުކުރާ މީހުންނަކީ، މިދެންނެވި ގޮތަށް މަސްތުވާތަކެތިން ހަމަ މުޅިން ސަލާމަތްވެގެން ތިބި ބަޔަކަށް ވެގެންދާނެ. އެހެންވީމާ، ކުޅިވަރުން އަޅުގަނޑުމެންނަށް ނަގައިދޭ ފިލާވަޅުތަކުގެ ތެރޭގައި، ޤައުމު ބިނާކުރުމަށް ބޭނުންވާ އެއްބައިވަންތަކަމުގެ ރޫޙު ކުރިއަށް ގެންދިޔުމުގެ ހުރި ހިތްވަރު، މިންވަރު އަދި އެމީހަކަށް ދަސްވެފައި ހުރި ތަމްރީނެއް، ތަރުބިއްޔަތެއް، ޢިލްމެއް، އެ އެޕްލައި ކުރުން ހިމެނޭ. އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި، ދިވެހިރާއްޖެ މިހާރު އާ ޖީލަކާއެކީ، އާ ހިސާބުތަކަކަށް، ތަފާތު ރާސްތާއަކުން ދާން މަސައްކަތް ކުރާއިރު، މިއީ ކުޅިވަރުން އަޅުގަނޑުމެންނަށް ނަގައިދޭ ފިލާވަޅުތައް. އަދި މި ފިލާވަޅުތަކަކީ ޒުވާނުން އެޕްލައި ކޮށްފި ކަމަށްވަންޏާ، ޒުވާނުން ބާރުވެރިކުރުވުމަށްޓަކައި ޒުވާނުންނަށް ލިބޭ އެންމެ ވަރުގަދަ ފުރްޞަތު.
 
ކުޅިވަރުގެ ދާއިރާއިން އެކަންޏެއް ނޫން، ޒުވާނުންނަށް ކަންތައްތައް ކޮށްދިނުން، ނޫނީ ޒުވާނުން ބާރުވެރިކުރުވުމަށް، މި ސަރުކާރުގެ މެނިފެސްޓޯގައި ތަފާތު ވާހަކަތައް ހިމަނާފައި އެބަހުރި. މިރޭ އަޅުގަނޑަށް ޚާއްޞަ އުފަލެއް ލިބޭ ކަމަކީ، ދެންމެ އަޅުގަނޑުމެންނަށް ވީޑިއޯ ޕްރެޒެންޓޭޝަނުން ފެނިގެންދިޔަ ފަދައިން ރިޔާސީ އިންތިޚާބުގައި، އަޅުގަނޑުމެންގެ ޕާޓީގެ އަދި އަޅުގަނޑުގެ ވަޢުދެއްގެ ގޮތުގައި ހިމަނާފައި އެއޮތީ، ކުޅިވަރު ޕްރޮފެޝަނަލައިޒް ކުރުމަށްޓަކައި ޤައުމީ ސްކޮޑެއް، ކޮންމެ ކުޅިވަރަކުންވެސް ނެގޭ ހިސާބުން، އެކުދިންނަކީ، އެ ސްކޮޑްގައި ހިމެނޭ ހުރިހާ ކުދިންނަކީ، ދާއިމީ މުސާރަ ލިބޭ ކުދިންގެ ގޮތުގައި ހަމަޖެހިގެން ދިޔުން. އެކަމަކު 65 އަހަރާ ހަމަޔަށް ދިޔައީމަ، އެކަމެއް ނުވާނެ. އެހެން ނަމަވެސް، ޤައުމީ ސްކޮޑްގައި ހިމެނޭހާ ހިނދަކު، އެކުދިންނަކީ މުސާރަވެރިންގެ ގޮތުގައި ހަމަޖެހިގެން ދިޔުން. ދެން މުސާރައިގެ ކަންތައް ހަމަޖެހިފައި އެވަނީ، ކުޅިވަރާބެހޭ ޤައުމީ މަޖިލީހާއި އަދި އެސޯސިއޭޝަންތަކާއި ޔޫތު މިނިސްޓްރީން މަސައްކަތް ކޮށްގެން އެކުލަވައިލައްވާފައި އޮތް ސްޓްރަކްޗަރެއްގެ ދަށުން.
 
މިކަމުން އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ، ދެންމެ ސްޓޭޓް މިނިސްޓަރ ޣައްސާންގެ ވާހަކަފުޅުގައި ވިދާޅުވިގޮތަށް، ދުރު ރަށްރަށުން މާލެއަށް އައިސް ވަޒަންވެރިވެ، ޢާއިލާ ގޮވައިގެން ތަކުލީފު އުފުލަމުންދާއިރު، ކޮންމެވެސް މިންވަރެއްގެ އެހީތެރިކަމެއް، މިކަހަލަ ޕްރޮފެޝަނަލް އެތުލީޓުންނަށް، ކުޅިވަރު ކުޅޭ މީހުންނަށް ހޯދައިދިނުމަށް، ސަރުކާރުން ޢަޒުމް ކަނޑައެޅި އެޅުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިރޭ އަޅުގަނޑަށް މި ލިބޭ ޚާއްޞަ އުފަލެއް ލިބިގެން މިދަނީ، އަނެއްކާވެސް ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ކޮންމެވެސް ކަހަލަ ކަންތައްތަކެއް މި ސަރުކާރުން ކޮށްދެވޭކަން އަޅުގަނޑަށް ގަބޫލުކުރެވޭތީ. އާދެ، މިއީ ފުރަތަމަ ފަހަރު، މިގޮތަށް ނޭޝަނަލް ސްކޮޑަކަށް ކުދިން ނެގޭ ހިސާބުން، އެކުލަވައިލާ ހިސާބުން ދިވެހިރާއްޖޭގެ ނޭޝަނަލް ސްކޮޑްގެ ކުދިންނަށް، މިދެންނެވި ކަހަލަ މެއިންޓެނަންސް ރިޓެއިނަރެއް ދެވޭ ފުރަތަމަފަހަރު މިއީ. މިއީ ވަކި ކުޅިވަރަކުން ނޫން. އަޅުގަނޑުމެން ވާދަކުރާ ކޮންމެ ކުޅިވަރެއްގައި، ޤައުމީ ސްކޮޑަކާ ހަމަޔަށްދާ ހިސާބުން މިއިން ކޮންމެ ކުއްޖަކަށް އުޖޫރައެއް ލިބޭނެގޮތަށް މިވަނީ ހަމަޖެހިފައި.
 
މިކަންކަން ކުރުމުގައި، ޝައްކެއްވެސްނެތްގޮތުގައި، ކުޅިވަރާބެހޭ ޤައުމީ މަޖިލީހާއި، ކުޅިވަރާބެހޭ ވަޒީރު މަލީޙު ޖަމާލް އަދި ކުޅިވަރުގެ މެނިފެސްޓޯގެ މޭސްތިރިއެއްގެ ނަން އަޅުގަނޑުމެންނަށް ނޭނގުނަސް، އަޅުގަނޑުގެ މެނިފެސްޓޯ އެކުލަވައިލަމުންދިޔައިރު، ކުޅިވަރުގެ މެނިފެސްޓޯގައި، ބޮޑެތި މަސައްކަތްތަކެއް އަޅުގަނޑަށް ކޮށްދެއްވީ، ކުރީގެ ޔޫތު މިނިސްޓަރ މުޙަންމަދު ޙުސައިން ޝަރީފް، މިނިސްޓަރ މުންދު. އެހެންވީމާ، މިނިސްޓަރ މުންދުގެ މަސައްކަތްޕުޅު މިކަމުގައި އަޅުގަނޑަށް ވަރަށް ބޮޑަށް ފާހަގަވެގެންދޭ. އެހެންނަމަވެސް ހަމަ ދަންނަވާލަން ބޭނުންވަނީ، މިރޭގެ ޖަލްސާއަށް ކޮންމެވެސްވަރަކަށް ހިޔަނިއެޅިގެން މިދަނީ، ހަމަ ކުޅިވަރުގެ ދާއިރާއަށް ވަރަށް ޚިދްމަތް ކުރައްވައި، މަސައްކަތްތަކެއް އަދި ނަތީޖާ ނެރުއްވަން މަސައްކަތް ކުރައްވާ މިނިސްޓަރ މަލީޙަށް މިވަގުތު އަޅުގަނޑުމެންގެ ޖަލްސާގައި ބައިވެރިވެވަޑައިނުގެންނެވޭކަން. އެމަނިކުފާނު ގިނަ މަސައްކަތްތަކެއް ކުރެއްވި މިޖަލްސާގައި ބައިވެރިވެވަޑައިގަންނަވަން. އެހެން ނަމަވެސް، ކަންދިމާކުރި ގޮތުން، އެކަން އެހެންވެގެން ނުދިޔައީ. މިހާރު މިކުރެވޭ މަސައްކަތްތަކުގައިވެސް މިނިސްޓަރ މުންދުގެ ކޮންޓްރިބިއުޝަން ނޫނީ ޙިއްޞާ އަޅުގަނޑަށް ފާހަގަކުރެވޭ. އަޅުގަނޑަށް ފަސޭހަވެގެންދޭ، އަޅުގަނޑު ގާތުގައި، އަޅުގަނޑު އޮފީހުގައި މިނިސްޓަރ މުންދު އަޅުގަނޑާއެކީ މަސައްކަތް ކުރައްވާތީ. ކުޅިވަރުގެ ދާއިރާއަށް ޚިދްމަތް ކުރުމަކީ، ކުޅިވަރު ކުޅޭ ކުޅުންތެރިންނާއި، ކޯޗުންނާއި، އެސޯސިއޭޝަންތަކުގެ އިސްބޭފުޅުންނާއި އަދި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކުގެ އިތުރަށް ސަރުކާރުގެ ހުރިހާ މަސްއޫލުވެރިންގެ ޒިންމާއެއް. ސަރުކާރުގެ ހުރިހާ މަސްއޫލުވެރިންގެ ތެރޭގައި އަޅުގަނޑު ހިމަނަން ބޭނުންވޭ، ކުންފުނިތަކުގެ މެނެޖިންގ ޑިރެކްޓަރުން، މިނިވަން މުއައްސަސާތަކުގައި ތިއްބަވާ އިސްބޭފުޅުން އަދި ސިވިލް ސަރވިސް ކޮމިޝަންގައި ތިއްބަވާ އިސްބޭފުޅުންވެސް. އެހެން މިދަންނަވާލީ ހަމަ ސަބަބެއްވެސް އޮވެގެން.
ދެންމެ އަޅުގަނޑު މުންދު އަރިހުގައި އަހާލިން، ކުދިން ކުޅިވަރަށް ވީއްލުމުގައި، ޤައުމީ ސްކޮޑަށް ނަގަން، ނޫނިއްޔާ ކުޅިވަރުގެ މުބާރާތެއްގައި ބައިވެރިވާ ހިސާބަށް އަޅުގަނޑުމެން ދަތުރުކުރާއިރު، ޓީމުތައް ދަތުރުކުރާއިރު، މިކުދިން ވީއްލުމުގެ ކަންތައްތައް އޮންނަނީ ކިހިނެއްތޯ. މިއީކީ އެހާ ފަސޭހަކޮށް ހަމަޖެހިފައި އޮތް ކަމެއް ނޫން. އެހެންވީމާ، އިރާދަކުރެއްވިއްޔާ، ކުޅިވަރާބެހޭ ޤާނޫނެއް އެކަށައެޅުމުގެ، ނޫނިއްޔާ ޑްރާފްޓް ކުރުމުގެ މަސައްކަތް މިހާރު ހިނގަމުން އެބަދޭ. މީގެތެރޭގައި އަޅުގަނޑުމެން ޙައްލުތަކެއް ހޯދާނަން. އަދި އިރާދަކުރެއްވިއްޔާ، މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރަށް، ސިވިލް ސަރވިސްއަށް އަންނަ އިޞްލާޙުތަކުގެ ތެރޭގައިވެސް އަޅުގަނޑުމެން މިކަން ހިމެނޭތޯ ބަލާނަން. އަދި މިކުދިން ވީއްލުމާއި އަދި ދިވެހިރާއްޖެ ތަމްސީލު ކުރަން، ރާއްޖެއިން ބޭރުގައި މިކުދިން ހޭދަކުރާ ވަގުތުތަކަކީ، އެކުދިންގެ ޗުއްޓީ ކަމަކަށްވެސް ހެދިގެނެއް ނުވާނެ. އަދި އެކުދިންގެ މުސާރައިންވެސް ކެނޑޭ ކަމެއް ކަމުގައި ބެލިގެނެއް ނުވާނެ. އެހެންވީމާ، މިކަންކަން އިރާދަކުރެއްވިއްޔާ މި އަންނަ ދައުރުގައި ހަމަޖެއްސޭތޯ ސަރުކާރުން މަސައްކަތް ކުރާނަން.
 
ހަމައެއާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކަތަކުގެ ތެރޭގައި، ހަމަ ދަންނަވަން ބޭނުންވަނީ، ޒުވާނުން އެމްޕަވަރ ކުރަން ކުރާ މަސައްކަތްތަކުގެ ތެރޭގައި، ކުޅިވަރަކީ އެއް ދާއިރާ. ކުޅިވަރަކީ ޝައްކެއްވެސްނެތްގޮތުގައި، ކޮންމެ ކުއްޖެއްގެވެސް ހަށިގަނޑުގެ ތަރުބިއްޔަތަށް މުހިންމުކަމެއް. އަދި ހަމައެހެންމެ، ޤައުމު ބިނާކުރުމާއި، ޤައުމުގެ އެއްބައިވަންތަކަން ދެމެހެއްޓުމާއި އަދި ނުބައި ކަންކަމުން އެހެންކުދިން ދުރަށްލުމަށް ރޯލް މޮޑެލްތަކެއް އުފެދިގެން، އެކުދިންނަކީ މިދެންނެވި ކަހަލަ ކަންތައްތަކުގައި، ލީޑަރޝިޕް ކޮލިޓީޒް ދެއްކޭވަރުގެ ކުދިންނަށް ވެގެން ދިޔުމަކީ، ޝައްކެއްވެސްނެތްގޮތުގައި، ކުޅިވަރުގެ ދާއިރާއިން ޤައުމަށް ޚިދްމަތް ކުރުމަށް ލިބޭ ފުރްޞަތުތަކުގެ ތެރޭގައި ހިމެނޭ ފުރްޞަތުތަކެއް. މީގެތެރޭގައި، ޝައްކެއްވެސްނެތްގޮތުގައި، މިތަނުގައި އަޅުގަނޑުމެންނަށް އެންމެ ފުރަތަމަ ސަފުގެ ތެރެއިންވެސް މިކަހަލަ ރޯލް މޮޑެލްތައް އަޅުގަނޑުމެންނަށް އެބަ ފެނޭ. ހަމަ ކޮންމެ އެތުލީޓަކީވެސް އެކުއްޖެއްގެ ޙަޔާތުގައި، ކޮންމެވެސްއިރެއްގައި، އެކުއްޖެއްގެ ބަސް ގަބޫލުކުރާ އަދި އެކުއްޖަކަށް ރެސްޕެކްޓް، ނޫނިއްޔާ އެކުއްޖަކަށް އިޙްތިރާމްކުރާ، އެކުއްޖެއްގެ އެތައް ބައިވަރު ފޮލޯވަރުންތަކެއް ތިބި، ކޮންމެ ކުއްޖަކީވެސް އޭގެ ކުއްޖެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އެހެންވީމާ، ވަރަށްގިނަ މަސައްކަތްތަކެއް ކުޅިވަރުގެ ދާއިރާގައި މަސައްކަތް ކުރައްވާ ނޫނީ ކުޅިވަރުގެ ތަރިންނަށް މިއީ އަދާކުރެވޭނެ ވަރަށް ބޮޑެތި ކަންތައްތަކެއް މިހިރީ.
 
އަޅުގަނޑުމެންގެ ރާއްޖެއަށް މިވަގުތު ބޭނުންވާ ކަންތައްތަކުގެ ތެރޭގައި، ޝައްކެއްވެސްނެތްގޮތުގައި، ޤާނޫނުގެ ތެރެއިން އަޅުގަނޑުމެން ހޯދަން ބޭނުންވާ ކަންކަން އަޅުގަނޑުމެންނަށް ހޯދޭނެ. އަދި އިދާރީ އިންތިޒާމުތަކުގެ ތެރެއިން އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް ކުރެވޭނެ. ސަރުކާރުގެ ހިންގުމާއި ވިސްނުމުގެ ތެރެއިން ކޮށްދޭން ބޭނުންވާ ކަންތައްތަކެއް ކުރެވޭނެ. އެހެން ނަމަވެސް، މުޅި މުޖްތަމަޢުގައި އުޅޭ މައްސަލަތައް ޙައްލުކުރުމަކީ، ވަކި ފަރުދެއްގެ، ވަކި ޖަމާޢަތެއްގެ އެކަނި ޒިންމާއަކަށް ވެގެނެއްނުވާނެ. މިކަމުގެ ތެރޭގައި، އަޅުގަނޑުމެންނަށް މިދޭތެރެއިން ފެނިގެން ދިޔައީ، ވޮލަންޓިއަރުން ކުރެއްވި މަސައްކަތް. ދަރުމަޔަށް މަސައްކަތްކުރާ މީހުން ކުރަމުންދިޔަ މަސައްކަތް. ހަމައެފަދައިން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މި ރާއްޖެއަކީ އަމާން، މި ރާއްޖެއަކީ ކޮންމެ ދިވެއްސަކު ދިރިއުޅެން ބޭނުންވާ ޤައުމަކަށް ހެދުމަށްޓަކައި ޤާނޫނީ ދާއިރާއިން ކުރައްވާ މަސައްކަތްތައް އަޅުގަނޑުމެންނަށް އެބަ ފާހަގަކުރެވޭ. މި ޤައުމަކީ އަމާން ތަނަކަށްވާން އެބަޖެހޭ. މި ޤައުމަކީ އަމާން ތަނަކަށްވާންޖެހެނީ ކުޅިވަރު ކުޅޭ ހުރިހާ ކުދިންނަށްވެސްމެ. ހުރިހާ އެތުލީޓުންނަށްވެސް، މި ޤައުމަކީ އަމާން ތަނަކަށްވާންޖެހޭ. އެހެންވީމާ، ކުޅިވަރު ކުޅޭ އެތުލީޓުންވެސް އަދި ކުޅިވަރުގެ ދާއިރާގައި މަސައްކަތް ކުރައްވާފައި ތިއްބެވި ބޭފުޅުންގެ ޤައުމީ ޒިންމާއެއް އެބައޮވޭ. އެބޭފުޅުން މި ޤައުމުން ހޯއްދެވި އެއްޗެއް އަނބުރާ އެބޭފުޅުން މި ޤައުމަށް ދެއްވަންޖެހޭ. އެ ކޮންޓްރިބިއުޝަންތަކުގެ ތެރޭގައި، އަޅުގަނޑު މިދަންނަވަނީ އެޕްލައި ކުރައްވާށޭ. އެޕްލައި ކުރެއްވުމުގައި ތިޔަބޭފުޅުންނަކީ ރޯލް މޮޑެލުން ކަމުގައިވާތީ، ތިޔަބޭފުޅުންނަކީ އެކިފެންވަރުގެ ކުދިންގެ ކޯޗުން. ތިޔަބޭފުޅުންނަކީ އެކި ސްކޫލްތަކުން އެކިކަހަލަ ގޮތްގޮތަށް ރިޓެއިން ކުރާ ބޭފުޅުން. އަދި ތިޔަބޭފުޅުންނަކީ ތިޔަބޭފުޅުން ހިމެނޭ މުޖްތަމަޢުގައި، ތިޔަބޭފުޅުންނަކީ އައިޑިއޮލުންގެ ގޮތުގައި ގަބޫލުކުރާ އެތައް ބަޔަކު، ތިޔަބޭފުޅުންގެ ފޮލޯވަރުންގެ ގޮތުގައި ތިބި ޝަޚުޞިއްޔަތުތަކެއް.
 
އެހެންވީމާ، ތިޔަބޭފުޅުންނަށް މިދެންނެވި ކަހަލަ ކަންތައްތައް، ސިޔާސީނުވެ އިންތިޒާމު ކުރެއްވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. ސިޔާސީނުވެ މިކަންކަން އިންތިޒާމު ކުރެއްވޭނެ. އަދި ހަމައެހެންމެ، ކުޅިވަރަށް ޚިދްމަތް ކުރެއްވުމުގައި، ތިޔަބޭފުޅުންގެ ދައުރާ ދޭތެރޭގައި، އެއްވެސް ދިވެއްސަކު ޝައްކެއް ނުއުފައްދާނެ. ތިޔަބޭފުޅުންނަކީ ކުޅިވަރަށް ޚިދްމަތް ކުރެއްވުމުގައި، ދިވެހިރާއްޖެ ކުޅިވަރުގައި އެކިއެކި ކުޅިވަރުގެ އެކި ފަންނުތަކުގެ އެކި މައިދާންތަކުގައި މިހާރަށްވުރެ ކުރިއަށްދާން އަޅުގަނޑުމެން ބޭނުންވޭ ހުރިހާ ދާއިރާއަކުން. އަޅުގަނޑުމެން އުފާކުރަން، އޭ.އެފް.ސީ ކަހަލަ ކުޅިވަރު މުބާރާތްތައް، ދިވެހިރާއްޖޭގައި ބޭއްވިގެންދާތީ. އަޅުގަނޑުމެން އުފާކުރަން، އަޅުގަނޑުމެންގެ ޤައުމީ ޖަރޒީ ލައިގެން، އަޅުގަނޑުމެން ތާއީދުކުރާ، އަޅުގަނޑުމެން އެ މެޗް ކާމިޔާބު ކުރަން ދިވެހި ފަޚްރުވެރި ޓީމު ނުކުންނާތީ. އެކަމަކު ހަމައެހެންމެ، އަޅުގަނޑުމެންގެ ހިތްތައް ރޮއްވާލާ، އެ ޓީމަކަށް އެ ރޭ ނަތީޖާ ނުލިބުނީމަ. އެހެންވީމާ، މި ދާއިރާއިންވެސް އަޅުގަނޑުމެން ބޭނުންވާނެ ކުރިބޯށްޓާ ހަމަޔަށްދާން. ސަރުކާރަށް ކޮށްދެވޭނެ ކަމަކީ، ސަރުކާރުން މިކަހަލަ ހުރިހާ ކަމަކަށް ބޭނުންވާ އެހީތެރިކަން ހޯދައިދެވޭނީ. އެކަމަކު ކޮމްޕެޓެޓިވްނަސްއާއި، ގްރޫޕިންގއާއި، ޓީމް ވަރކާއި، ކުދިން އެޕްލައި ކުރުމާ، މިއީ ކުދިންގެ އަތްމަތީގައި ހުރި ކަންކަން. ކޯޗުންގެ އަތްމަތީގައި ހުރި ކަންކަން. ޓީމް ލީޑަރޝިޕްގައި ހުރި ކަންކަން. މިކަންކަން ތިޔަބޭފުޅުން ދައްކަވައިފި ކަމަށްވަންޏާ، ތިޔަ އެތުލީޓުން ދައްކައިފި ކަމަށްވަންޏާ، ކުޅިވަރުގެ ދާއިރާގައި، ސަރަޙައްދުގައި އަދި ތަންކޮޅެއް ދުރު ސަރަޙައްދުގެ އޭޝިޔާގެ ޤައުމުތަކުގައި، ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑުމެންނަށް ކޮމްޕީޓް ކުރެވޭނެ.
 
އަޅުގަނޑަށް ލިބިފައި އޮތް މަޢުލޫމާތު ކުށްކަމުގައި ނުވާނަމަ، ވަރަށް އަވަހަށް ވަރަށް ބޮޑު ސްކޮޑެއް އެބަދޭ، ރީ-ޔުނިއަނަށް ކުޅިވަރުތަކުގައި ބައިވެރިވާން. މިއިންވެސް އަޅުގަނޑު އެދެނީ، ދިވެހި އެތުލީޓުންނަށް، ބައިވެރިވާ ހުރިހާ ދާއިރާއަކުން ކާމިޔާބު. އަޅުގަނޑުމެން ހަމަ އޮލިމްޕިކްސްގައިވެސް މި ކާމިޔާބު އެދެން. އަދި ކޮންމެވެސް ދުވަހަކުން އިރާދަކުރެއްވިއްޔާ ވަރލްޑްކަޕްގައިވެސް އަޅުގަނޑުމެން ބައިވެރިވާނަން، ފަޚްރުވެރި ވަނައެއް ހޯދޭތޯ، މި ޢަޒުމުގައި. މި ހިސާބަށް ދިޔުމަށްޓަކައި އެކިކަހަލަ ތަރުބިއްޔަތުތަކެއް އަޅުގަނޑުމެން އެބަ ބޭނުންވޭ. އެ ތަރުބިއްޔަތު ކުރުމުގެ ބިންގާ އެޅޭ ދުވަހަކަށް އިރާދަކުރެއްވިއްޔާ މިއަދު ވެގެންދާނެ. މި މުސާރަ ހަމަޖެހިގެން ދިޔައީމަ، ނޫނީ ކޮންމެވެސް ކަހަލަ ރިޓެއިނަރެއް ހަމަޖެހިގެން ދިޔައީމަ، ޝައްކެއްވެސްނެތްގޮތުގައި، ކުދިން ދެން މިކަންކަމާ ވިސްނާވަރު މިހާރަށްވުރެ ކުޑަވެގެންދާނެ. އަދި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ތެރޭގައި ހުރި ޕްރޮގްރާމްތައް، ﷲގެ ރަޙްމަތާއެކީ އެކަންކަން ކާމިޔާބުވެގެން ހިނގައްޖެ ކަމަށްވަންޏާ ވަރަށްގިނަ ފަސޭހަތައް އިތުރުވެގެންދާނެ.
 
މިހާރު މިވަނީ ހުޅުމާލޭގައި، އަޅުގަނޑުމެން ނިންމާފައި އޮތް އިންޑޯ ސްޓޭޑިއަމްގެ ކުރެހުންތައް ފައިނަލައިޒްކޮށް، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޓެންޑަރ ކުރެވިގެން، ހުޅުމާލޭގެ އިންޑޯ ކޮމްޕްލެކްސް ހުޅުވިގެންދާނެ. އަދި ހަމައެހެންމެ، އަޅުގަނޑުމެންގެ ޒޯން ބޯޑުގައި، މާލޭގައި ސަރަޙައްދެއް މިހާރު ކަނޑައެޅިފައި އެއޮތީ، މާލޭގެ ކުޅިވަރު ސިޓީއެއް ހެދުމުގެ ބޮޑު ބިޔަ މަޝްރޫޢެއް އެއޮތީ ހިމެނިގެން ގޮއްސަ. އެ މަޝްރޫޢުގައި، ކުޅިވަރުގެ އެކިއެކި ދާއިރާތަކަށް ބޭނުންވާ ކަންކަމުގެ އިތުރަށް، އަތޮޅުތެރެއިން ދުރު ރަށްރަށުން އައިސް މާލޭގައި ތިބެވޭނެ އިންތިޒާމު، މިހާރަށްވުރެ ފުރިހަމައަށް ހަމަޖެހިގެން އެބަދޭ. އަދި މިކަންކަމުގެ ބޭނުމަކަށްވަނީ އަދި މިރޭ މި އިފްތިތާޙު ކުރެވުނު މިދެންނެވި ކަހަލަ ރިޓެއިނަރެއް ލިބުމުގެ ބޭނުމަކަށްވެސްވަނީ ޙަޤީޤަތުގައި އެސޯސިއޭޝަންތަކަށްވެސް ފަސޭހަވެގެންދިޔުން. މާލީ ތަނަވަސްކަން އިތުރުވެގެންދިޔުން. އަދި އެސޯސިއޭޝަންތަކުން ޤައުމީ ކުޅިވަރުތަކަށް ތިޔަ ދެއްވާ ސަމާލުކަން އިތުރުކޮށްދެއްވުމަށް، ތިޔަބޭފުޅުންނަށް އިތުރު ފުރްޞަތެއް ސަރުކާރުން ފަހިކޮށްދިނުން. އިރާދަކުރެއްވިއްޔާ، މި ސަރުކާރުގެ މިއޮތް ދުވަސްތަކުގައި، މި ރިޓެއިނަރަކީ، ނޫނިއްޔާ މިރޭ މި ތަޢާރުފް ކުރެވިގެންމިދާ ކޮންމެވެސްވަރެއްގެ އުޖޫރައަކީ، އިރާދަކުރެއްވިއްޔާ ހަމަ ހުރިހާ އެތުލީޓުންނަށް، މިދެންނެވި ގޮތަށް ޤައުމީ ސްކޮޑްގައި ހިމެނޭ ހުރިހާ އެތުލީޓުންނަށް ލިބިގެންދާނެ އުޖޫރައަކަށް ވެގެންދާނެ.
 
އަދި ހަމައެހެންމެ، މިއަހަރުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ މެނިފެސްޓޯގައި އެ ހުށަހަޅާފައި ހުރި ކަންތައްތަކުގެ ތެރޭގައި، ރާއްޖޭގައި ފުރަތަމަ އަޅުގަނޑުމެން ޓާގެޓް ކުރީ، ދެހާހަށްވުރެ އާބާދީ ބޮޑެތި ރަށްރަށުގައި ސްޕޯޓްސް އެރީނާތަކެއް ޤާއިމުކުރަން. ސްޕޯޓްސް އެރީނާ ޤާއިމުކުރުމުގެ ފުރަތަމަ މަސައްކަތެއްގެ ގޮތުން ފުޓްސެލް ދަނޑުތަކެއް އެޅުމުގެ މަސައްކަތްތަކެއް މިހާރު ގެންދަވަނީ ޔޫތު މިނިސްޓްރީން ކުރައްވަމުން. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، މިހާރުވެސް 37 ދަނޑުގެ މަސައްކަތް ހިނގަމުން އެބަދޭ. އަދި ހަމައެހެންމެ، މިއަހަރު ދެން ބާކީ ސާޅީސް އެތައް ދަނޑެއްގެ މަސައްކަތް ކުރައްވާނެ ކަމަށް މިއަދު އަޅުގަނޑަށް ޔޫތު މިނިސްޓްރީން މަޢުލޫމާތު ދެއްވި. އަޅުގަނޑު ބޭނުންވަނީ، މިކަމުގެ ޝައުޤުވެރިކަން ހުންނަ ހުރިހާ ފަރާތްތައް، އެސޯސިއޭޝަންތަކުން އަދި މިވަގުތު ރައްޔިތުންގެ މަންދޫބުންނަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ، މި ދާއިރާތަކުގައި ތިޔަބޭފުޅުން ތަމްސީލު ކުރައްވާ ދާއިރާތަކުގެ ޒުވާނުންނަށް ސަރުކާރުން މިދެންނެވި ގޮތަށް، ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި، ޕްލެޖްތަކުގެ ތެރޭގައި ހިމަނާފައި ހުރި ކަންތައްތައް، ތިޔަބޭފުޅުންގެ ރައްޔިތުންނާ ހަމަޔަށް ދިޔުމަށް ތިޔަބޭފުޅުންނަށް ކޮށްދެއްވޭނެ މަސައްކަތްވެސް ކޮށްދެއްވާށޭ. ހަމަ އަޅުގަނޑުމެންގެ އޮފީސްތަކަށް ވަޑައިގަންނަވާ، އަޅުގަނޑުމެން ތިޔަބޭފުޅުންނަށް މަރްހަބާ ދަންނަވަމޭ. އަދި ވަޑައިގެން، މަޝްރޫޢުތައް އުޅެނީ ކިހާ ހިސާބެއްގައިތޯ ބައްލަވައިދެއްވައިފި ކަމަށްވަންޏާ، ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑުގެ މަސައްކަތް އެތައް ގުނައެއް ލުއިވެގެން އެބަދޭ. މިއީ ޕާޓްނަރޝިޕެއް. މި ޕާޓްނަރޝިޕްގައި ކުޅިވަރު އެތުލީޓުން، އެސޯސިއޭޝަންތަކުގެ އިސްމީހުން، ޓީމްތަކުގެ މަސްއޫލުވެރިން އަދި ސަރުކާރުގެ ޒިންމާދާރުވެރިން، ހުރިހާ އެންމެން ބައިވެރިވެގެން ނޫނިއްޔާ، ޤައުމީ ލެވެލްއަކަށް މިއިން އެއްވެސް ކުޅިވަރެއް އަޅުގަނޑުމެންނަކަށް ނުގެންދެވޭނެ.
 
އެހެންވީމާ، މިކަންކަން ކުރުމުގެ އާޚިރު ނަތީޖާއަކަށްވާނީ، ބައެއްކަހަލަ ކުޅިވަރުތަކަކީ، އަޅުގަނޑުމެން ކުޑައިރު ހަމަގައިމުވެސް ބައެއްކަހަލަ ކުޅިވަރުތަކަކީ، ޕްރިވިލެޖެއްގެ ގޮތުގައި ނޫނިއްޔާ އަޅުގަނޑުމެން ބައިވެރިވާކަށް ނުލިބޭ. ދަނޑުތައް މާލޭގައި އެހާ މަދު. އެހެންވީމާ، ދަނޑެއްގައި ޕްރެކްޓިސްކޮށްލަން ދިޔުމަކީ، އަޅުގަނޑުމެންނަށް ލިބޭ ޝަރަފެއް، ޕްރިވިލެޖެއް. މަދުން ނޫނީ ނުލިބޭ ފުރްޞަތެއް. އެކަމަކު މިހާރު މިކުރެވޭ މަސައްކަތްތަކުގެ ބޭނުމަކަށް މިވަނީ، ކުޅިވަރު ކުޅުމަކީ ކޮންމެ ކުއްޖަކުވެސް، އެ ކުއްޖާ ހުންނަ ރަށެއްގައި ހުރެގެން، ކުޅިވަރު ކުޅުމަކީ އެކުއްޖާއަށް ފަސޭހަކަމާއެކީ ކުޅިވަރުގައި ބައިވެރިވެވި އަދި އެކުއްޖާގެ ހުނަރު ކުރިއަށް ގެންދިޔުމަށް އެކުއްޖަކަށް ލިބޭ ރަނުގެ ފުރްޞަތެއް. މިކަހަލަ ފުރްޞަތު، އަޅުގަނޑު މި ތަޢާރުފް ކުރަނީ، އަޅުގަނޑުމެންގެ ސަރުކާރުން މި ތަޢާރުފް ކުރަނީ، ހަމައެކަނި ކުޅިވަރުގެ ދާއިރާއަކުންނެއް ނޫން. ޒުވާން އޮންޓަރޕްރިނަރުން، ނޫނިއްޔާ ޒުވާން ވިޔަފާރިވެރިން އުފައްދަން އަޅުގަނޑުމެން މަސައްކަތްތަކެއް ކުރަން. އަދި ގެޓްސެޓް ޕްރޮގްރާމްގެ ގިނަ މަސައްކަތްތަކެއް މިއަހަރުގެ ކުރީކޮޅުގައި ލޯންޗްވެގެން އެދަނީ. ހަމައެހެންމެ، ޒުވާން މަސްވެރިޔާ، ނޫނިއްޔާ ޒުވާން ދަނޑުވެރިޔާ، މިކަހަލަ މަސައްކަތްތަކެއް އަޅުގަނޑުމެން މިކުރަނީ. އިޚްލާޞްތެރިކަމާއެކީ މި ފުރްޞަތުތަކުގެ ބޭނުން ހިއްޕަވަން، މިރޭވެސް އަޅުގަނޑު ހަމަ ހުރިހާ ޒުވާނުންނަށް އިލްތިމާސް ކުރަން.
 
އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، އަޅުގަނޑުމެން ގަބޫލުކުރާ ގޮތުން، މިހާރު ދިވެހިރާއްޖޭގެ ތަފާސް ހިސާބު ހިމެނޭގޮތުން ދިވެހިރާއްޖެއަކީ ޒުވާނުންގެ ދިވެހިރާއްޖެއެއް. ދިވެހިރާއްޖޭގެ އާބާދީގެ އެންމެބޮޑު ބައެއް މި ތިބެނީ ޒުވާނުން. އެހެންވީމާ، ޒުވާނުންނަކީ އަޅުގަނޑު އަބަދުވެސް ގަބޫލުކުރާ ގޮތުގައި، އަޅުގަނޑުމެން ކުރިއަށް ދިޔުމުގެ މޮޓޯ ނޫނިއްޔާ މޯޓަރު. އެހެންވީމާ، އަޅުގަނޑުމެންނަށް ކުރިއަށް ދެވޭނީ، ޒުވާނުންގެ ހަކަތައިގެ ހުރި ބާރުމިނެއް ޒުވާނުން އަޅުގަނޑުމެންނަށް ދައްކައިގެން. ހަމަ ތަފާތަކީ ރިޔާ ދޯންޏެއްގައި ފުރުމާއި، ދޯންޏެއްގައި ވަރުގަދަ ހޯސްޕަވަރު އިންޖީނެއް އެޅުމާ. އެހެންވީމާ، މި ހަކަތަ، ޒުވާނުންގެ ކިބައިން މި ސަރުކާރަށް ފެންނަ ކަމަށްވަންޏާ، ޒުވާނުންނަށް މި ސަރުކާރުން ކޮށްދޭންހުރި ކަންތައްތަކަކީ، ހަމަ އިންފިނިޓް ނޫނިއްޔާ އެ އަގުނުކުރެވޭވަރުގެ، ނޫނީ ގުނާ ހުސްނުވާވަރުގެ ކަންތައްތައް. އެކަންތައްތައް އަޅުގަނޑުމެން ޒުވާނުންނަށް ކޮށްދޭން ބޭނުންވޭ. އަދި އެކަމަށް ﷲގެ ރަޙްމަތާއެކީ ބަޖެޓްގެ ތަނަވަސްކަންވެސް އަޅުގަނޑުމެންނަށް އެބަހުރި. މިދިޔަ އަހަރުވެސް، ހުސްވި އަހަރުވެސް ސަރުކާރުން ކަނޑައެޅުއްވި 300 މިލިއަން ރުފިޔާ އަދި މިވަނީ މުޅިން ބޭނުންނުކުރެވި. އެހެން ނަމަވެސް، ގިނަ މަސައްކަތްތަކެއް ވަނީ ޔޫތު މިނިސްޓްރީން ކުރައްވާފައި. މިއަހަރުވެސް އިރާދަކުރެއްވިއްޔާ، ހަމަ  އެ 300 މިލިއަން ރުފިޔާ އެ އޮތީ ޒުވާނުންގެ ކުޅިވަރާއި، ޒުވާނުންގެ މިދެންނެވި ޙަރަކާތްތަކަށް ޚާއްޞަ ކުރެވިފައި.
 
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ޒުވާނުންގެ ކުރިމަގު އުޖާލާވުމަކީ، އަޅުގަނޑުމެންގެ ޤައުމުގެ ކުރިމަގު އުޖާލާވުމޭ. ޒުވާނުން ހަމަޖެހިގެން އުޅުމަކީ، އަޅުގަނޑުމެންގެ މުސްތަޤްބަލް ހަމަޖެހިގެން ދިޔުމޭ. އަދި އަޅުގަނޑުމެން ދޮށީ މީހުން، މަންމައިން ބައްޕައިންގެ ހިތްހަމަޖެހުން އިތުރުވެގެންދާ ކަމެކޭ. އެއީ، ޒުވާނުންނަށް މި ސަރުކާރުން މިދޭ އަހަންމިއްޔަތަކީ. ޒުވާނުންނަކީ ކުޅިވަރު ކުޅޭނެ ބައެއް. ޒުވާނުންނަކީ މަޖާކުރާނެ ބައެއް. މިކަން އަޅުގަނޑުމެންގެ ހުރިހާ މުއައްސަސާތަކެއްގައި، ހުރހާ ފެންވަރެއްގައި ތިއްބެވި ބޭފުޅުން ގަބޫލުކުރައްވަންޖެހޭނެ. އެކަމަކު މިކަންކަން ކުރާއިރު، ދިވެހި ޘަޤާފަތަށާއި، ރިވެތި އަޚްލާޤުގެ މިންގަނޑުތަކެއްގެ ތެރޭގައި އަޅުގަނޑުމެން މިކަން ކުރެވޭތޯ އަބަދުވެސް ހިތްވަރުދޭންވާނެ.
 
އަދި ހަމައެހެންމެ، ޒުވާނުންގެ ތެރޭގައި މުދައްރިސުންވެސް ހަމަ ޒުވާން މުދައްރިސުންވެސް ހިމެނިވަޑައިގަންނަވާތީއާއެކީ އަދި މާ އަވަސް ފުރްޞަތެއްގެ ތެރޭގައި އަޅުގަނޑަށް މިކަން އިޢުލާނު ކުރާނެ ފުރްޞަތެއް ނުލިބޭތީއާއެކީ، ހަމަ ވަރަށްގިނަ ބައެއްގެ ޝައުޤުވެރިކަމެއް އޮތް ކަމެއްގެ ޙައްލުވެސް މިރޭ ތިޔަބޭފުޅުންނަށް ދަންނަވާލާފައި، އަޅުގަނޑު ވަކިވެލާނަން. އެއީ، އަޅުގަނޑުވެސް އަމިއްލަ ދަތުރެއް ކުރަން އުޅޭތީ. ދިރާސީ އަހަރު ފެށުމުގެ ކުރިން އަޅުގަނޑަށް މިކަން ނުކުރެވޭނެތީ، މިރޭގެ މި އިޙްތިފާލުގައި، އެ ފުރްޞަތުގެ ބޭނުން އަޅުގަނޑު އެބަ ހިފަން.
 
އާދެ، ޓީޗަރުންގެ މުސާރަ ބޮޑުކުރުމަކީ، ޝައްކެއްވެސްނެތްގޮތުގައި، މިދިޔަ އަހަރުގެ ތެރޭގައި ވަރަށްގިނަ މަސައްކަތްތަކެއް، އެޑިޔުކޭޝަން މިނިސްޓްރީންނާއި، ޓީޗަރުންގެ އެސޯސިއޭޝަނުން ކުރައްވަމުން ގެންދަވާފައިވަނީ. ވަރަށްގިނަ ދިރާސާތަކެއް ހެދިފައި އަދި ހަމައެހެންމެ، ވަރަށްގިނަ ކަންތައްތަކެއް ޙައްލުކުރަން އަޅުގަނޑުމެންނަށް ކުރިމަގު އޮތް ދާއިރާއެއް މި ދާއިރާއަކީ. މި މަސައްކަތްތައް ރައީސް އޮފީހުގައި އަޅުގަނޑު ހަމަ ވަރަށް ގާތުން ކުރީމު. ޓީޗަރުންގެ އޮނިގަނޑަށް އަންނަ ބަދަލުތަކާ، މިކަންކަން އިރާދަކުރެއްވިއްޔާ މާދަމާ ފައިނަލައިޒްވާނެ. އެހެންވީމާ، އަޅުގަނޑު ދޭން ބޭނުންވާ އުފާވެރިކަމުގެ މެސެޖަކީ، ޓީޗަރުންނަށް އިރާދަކުރެއްވިއްޔާ، މި ދިރާސީ އަހަރު ފެށޭއިރު، ޓީޗަރުންގެ މުސާރަ، މުސާރައިގެ ތިންބައިކުޅަ އެއްބަޔަށްވުރެ ކުޑަނުވާވަރުގެ މުސާރައިގެ ކުރިއެރުމެއް، އިރާދަކުރެއްވިއްޔާ މި ދިރާސީ އަހަރުން ފެށިގެން ޓީޗަރުންނަށް ލިބިވަޑައިގަންނަވާނެއޭ.
 
އަޅުގަނޑު ދިވެހި ޒުވާނުންނަށް އެދެނީ، އުޖާލާ މުސްތަޤްބަލެއް. އަދި ދިވެހި ޒުވާނުން ތިޔަ ކުރައްވާ މަސައްކަތުގައި، އަޅުގަނޑު ބޭނުންވަނީ، ދިވެހި ޖަރޒީއަކީ ފައިނަލް މެޗްތަކުގައި އަޅުގަނޑުމެން ތާއީދުކޮށް، ތަރުޙީބުދޭން ޖަރޒީ ލައިގެން ތިބި ކުދިންތަކަކަށް، ހަމަ ކޮންމެ ޤައުމީ މުބާރާތެއްގައި، އަޅުގަނޑުމެން ބައިވެރިވާ ކޮންމެ ބައިނަލްއަޤްވާމީ މުބާރާތެއްގައި، އަޅުގަނޑުމެން ބޭނުންވޭ، ފައިނަލް މެޗްގައި އެ ދަނޑަކުން ދިވެހި ޖަރޒީ ފެންނަން. އަދި ރާއްޖޭގައި ކުޅުނަސް، ރާއްޖެއިން ބޭރުގައި ކުޅުނަސް، ކްރިކެޓް ކަމަށްވީނަމަވެސް، ފުޓްބޯޅަ ކަމުގައިވީނަމަވެސް އަދި ކެރަމް ކަމުގައިވީނަމަވެސް. އަޅުގަނޑު އުންމީދު ކުރަނީ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، އިރާދަކުރެއްވިއްޔާ އެތުލީޓުންގެ އެޕްލިކޭޝަނާއެކީ އަޅުގަނޑުމެން މިދާ ހިސާބަށް ވާސިލުވެވޭނެ ކަމެއް. މިއީކީ މާ ލޮފްޓީ އޮބްޖެކްޓިވެއް ނޫން. މިއީކީ އަޅުގަނޑުމެންނަށް އެޗީވް ނުކުރެވޭވަރުގެ މާ ދުރުގައި، ނޫނިއްޔާ އަނދިރީގައި އަޅުގަނޑުމެންނަށް އަތްލެވޭ ހިސާބުގައި އޮތް ކަމެއް ނޫން. މިއީ، އަޅުގަނޑުމެން މަސައްކަތްކޮށްފި ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ޙާޞިލު ކުރެވޭނެ ކަންކަން. އަޅުގަނޑުމެން ދުށިން، މި ސަރަޙައްދުގައި ދިވެހި ފުޓްބޯޅަ ފިޔަޖެހިވަރު. މިއަދުވެސް އަޅުގަނޑުމެންނަށް ފެނޭ، މި ސަރަޙައްދުގެ ޤައުމުތަކުގެ ތެރޭގައި، ދިވެހި ފުޓްބޯޅައަކީ، ނޫނިއްޔާ ދިވެހި ޤައުމީ ޓީމަކީ ހަމަ ފާހަގަކޮށްލެވޭވަރުގެ ޤައުމީ ޓީމެއްކަން. އެހެންވީމާ، ކީއްވެގެންތޯ އެހެން ކުޅިވަރުތަކުގައި އަޅުގަނޑުމެންނަށް މިކަން ނުވާންވީ. އަޅުގަނޑުމެންނަށް ލިބޭނެ، އަޅުގަނޑުމެންގެ މި ސަރުކާރަށް، އާދެ އަޅުގަނޑުމެން ހިމެނޭ މި ސަރުކާރަށް ލިބޭނެ އެންމެބޮޑު އުފަލަކީ، މި ދެންނެވި ގޮތަށް ދިވެހިން އެކިއެކި މުބާރާތްތަކުގައި ބައިވެރިވާއިރު، ފައިނަލް މެޗްގައި ދިވެހި ޖަރޒީ ލައިގެން އުޅޭނެ އެތުލީޓުންތަކެއް ދަނޑުމަތީގައި އުޅޭތަން ފެނުން.
 
އަޅުގަނޑު އެދެނީ، ދިވެހި ހުރިހާ ކުޅިވަރަކަށް، އާދެ، ޤައުމީ ސްކޮޑްތަކާ ހަމަޔަށް މިދާ ހުރިހާ ކުޅިވަރުތަކަކަށް، އަޅުގަނޑު ބޭނުންވަނީ ހަމަ ކުރިބޯށްޓާ ހަމަޔަށް ވާސިލުވުމުގެ ހެޔޮ ތައުފީޤު، މާތްﷲ މިންވަރު ކުރެއްވުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުގެ ސަރުކާރުގެ ކޮމިޓްމަންޓް މިކަމުގައި އެއްވެސްވަރަކަށް ނުގުޑާނެ.
 
والســّلام عليــكم ورحـمــةاللّـه وبـركاتـه