އިރާދަ ކުރެއްވިއްޔާ 2015 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށޭއިރު ޓީޗަރުންނަށް ލިބޭ މުސާރައިގެ ތިންބައިކުޅަ އެއްބަޔަށްވުރެ ކުޑަ ނުވާވަރުގެ މުސާރައިގެ ކުރިއެރުމެއް ޓިޗަރުންނަށް ލިބޭނެކަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިޢުލާނު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން އިޢުލާނު ކުރެއްވީ، ސަރުކާރުގެ ކުޅިވަރު މެނިފެސްޓޯގެ ދަށުން ކުޅިވަރުތަކުގެ ސީނިއަރ އަންހެން އަދި ފިރިހެން ޤައުމީ ސްކޮޑުތަކުގެ ކުޅުންތެރިންނަކީ މުސާރަ ލިބޭ ޕްރޮފެޝަނަލުންގެ ގޮތުގައި ހަމަޖެއްސުމުގެ ވަޢުދު ރަސްމީކޮށް އިފްތިތާޙު ކުރުމަށްޓަކައި ރޭ ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭ ދަރުބާރުގޭގައި އޮތް މިޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންނާއި، ޓީޗަރުންގެ އެސޯސިއޭޝަނުން މިދިޔަ އަހަރުތަކުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަ ކުރައްވައި، މި މަސައްކަތްތައް އެމަނިކުފާނު ވަރަށް ގާތުން ބައްލަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.