މި ޤައުމަކީ އަމާން ތަނަކަށް ހެދުމަށްޓަކައި މުޖުތަމަޢުގައި ހުރި މައްސަލަތައް ޙައްލު ކުރަމަކީ ވަކި ފަރުދެއް، ނުވަތަ ވަކި ޖަމާޢަތެއްގެ ޒިންމާއެއްނޫން ކަމަށާއި، މިކަމުގައި ކުޅުންތެރިންނާއި ކުޅިވަރުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ޤައުމީ ޒިންމާއެއްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސަރުކާރުގެ ކުޅިވަރު މެނިފެސްޓޯގެ ދަށުން ކުޅިވަރުތަކުގެ ސީނިއަރ އަންހެން އަދި ފިރިހެން ޤައުމީ ސްކޮޑުތަކުގެ ކުޅުންތެރިންނަކީ މުސާރަ ލިބޭ ޕްރޮފެޝަނަލުންގެ ގޮތުގައި ހަމަޖެއްސުމުގެ ވަޢުދު ރަސްމީކޮށް އިފްތިތާޙު ކުރުމަށްޓަކައި މިރޭ ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޭ ދަރުބާރުގޭގައި އޮތް މިޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައިވެސް އިޖްތިމާޢީ އެކިކަހަލަ ބަލިމަޑުކަން އާންމުވެފައިވާކަން ފާހަގަ ކުރައްވަމުން، ކުޅިވަރުގައި ވާދަވެރިކަމާއެކީ، ކުޅިވަރުގެ ކުރިބޯއްޓާ ހަމައަށް ދިއުމަށް ބޭނުންވާ ކުއްޖަކީ، މިފަދަ އިޖްތިމާޢީ ބަލިމަޑުކަމުން ދުރުގައި ހުންނާނެ ކުއްޖެއް ކަމާ ދޭތެރޭގައި ޝައްކެއްނެތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ޤައުމު ބިނާ ކުރުމާއި، ޤައުމުގެ އެއްބައިވަންތަކަން ދެމެހެއްޓުމާއި، ނުބައި ކަންކަމުން އެހެން ކުދިން ދުރަށްލުމަށް އިސްނަގައިގެން މަސައްކަތް ކުރުމަކީ، ކުޅިވަރުގެ ދާއިރާއިން ޤައުމަށް ޚިދުމަތް ކުރުމަށް ލިބޭ ފުރުޞަތުތަކުގެ ތެރެއިން ހިމެނޭ ފުރުޞަތުތަކެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކަކީ ވަރަށް ގިނަ ބައެއްގެ މަޤްބޫލު ޝަޙްސިއްޔަތުން ކަމަށްވާއިރު، ޤައުމުގެ އިޖްތިމާޢީ މަސައްކަތްތަކުގައި ސިޔާސީނުވެ އެކަންކަން ކުރެވޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.

ކުޅިވަރު ކުޅުމަކީ ހުސް ވަގުތުތަކެއް ފުރާލުންނޫން ކަމަށާއި، ކުޅިވަރު ކުޅުމަކީ ޤައުމު ބިނާ ކުރުމުގައި ވަރަށް މުހިންމު ރުކުނެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ކުޅިވަރަކީ އިންސާނާއަށް ޤައުމު ބިނާކުރަން ބޭނުންވާ، އަދި ކުޅިވަރުގެ ބޭރުން ދަތުރުކުރަން ބެނުންވާ ރާސްތާއަކަށް ދަތުރުކުރުމަށް ވަރަށް ގިނަ ފިލާވަޅުތަކެއް ލިއްބައިދޭ ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ޤައުމު ބިނާ ކުރަން ބޭނުންވާ އެއްބައިވަންތަކަމުގެ ރޫޙާއި، ވާދަވެރިކަމުގެ ރޫޙާއި، ކުރިއަށް ދިއުމުގައި ހުރި ހިތްވަރާއި، އެ މީހަކަށް ދަސްވެފައިހުރި ތަމްރީނެއްގެ ބޭނުން ޢަމަލީގޮތުން ހިފުމަކީ، ކުޅިވަރުން ނަގައިދޭ ވަރުގަދަ ފިލާވަޅުތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއީ ޒުވާނުންގެ ދިވެހިރާއްޖެއެއް ކަމުގައި ވިދާޅުވެ، ޒުވާނުންނަކީ އަޅުގަނޑުމެން ކުރިއަށް ދިއުމުގެ މޯޓަރު ކަމުގައި ސިފަ ކުރެއްވިއެވެ. ޤައުމު ކުރިއަށް ގެންދެވޭނީ ޒުވަނުންގެ ހަކަތައިގައި ހުރި ބާރުމިނެއް ޒުވާނުން ދައްކައިގެން ކަމަށާއި، މި ހަކަތަ ޒުވާނުންގެ ކިބައިން މި ސަރުކާރަށް ފެނިވަޑައިގަންނަވާނަމަ، ޒުވާނުންނަށް މި ސަރުކާރުން ކޮށްދެއްވަން ހުރި ކަންތައްތަކަކީ އަގު ނުކުރެވޭނެ، ހުސްނުވާވަރުގެ ކަންތައްތައް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި ސަރުކާރުން ޒުވާނުންނަށް ދެއްވާ އަހަންމިއްޔަތު ފާހަގަ ކުރައްވަމުން، ޒުވާނުންގެ ކުރިމަގު އުޖާލާ ވުމަކީ ޤައުމުގެ ކުރިމަގު އުޖާލާވުން ކަމަށާއި، ޒުވާނުން ހަމަޖެހިގެން އުޅުމަކީ އަޅުގަނޑުމެންގެ މުސްތަޤްބަލު ހަމަޖެހިގެން ދިއުންކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިރޭގެ ޙަފްލާގައި، ޤައުމީ ޓީމުގެ ކުޅުންތެރިން ބޭނުންކުރާނެ ރަމްޒީ ނިޝާން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިފްތިތާޙު ކޮށްދެއްވިއެވެ. އަދި މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.