މީލާދީ އާ އަހަރަކާ އަޅުގަނޑުމެން ބައްދަލުކުރާ މިއުފާވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި އުޚުތުންނަށާއި އަޚުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަމެވެ. ހަމައެއާއެކު، މިއަހަރަކީ، ރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރޭ ރަންޔޫބީލް އަހަރުކަމަށްވުމާއެކު، އެކަން ވަކިން ޚާއްޞަގޮތެއްގައި ފާހަގަކޮށް، މި ރަންޔޫބީލް މުނާސަބަތުގެ ތަހުނިޔާވެސް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވަމެވެ. 

 
ނިމިގެން މިދިޔަ 2014 ވަނަ އަހަރު ވެގެންދިޔައީ، މާތްﷲގެ ހެޔޮ ރަޙްމަތްފުޅާއި އެކަލާނގެ މިންވަރުފުޅުން، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފާގަތި އުފާވެރި އަހަރަކަށެވެ. ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމުގައި މުހިންމު ކާމިޔާބީތަކެއް ހާސިލު ކުރެވުނު އަހަރަކަށެވެ. ރައްޔިތުންނަށް ބުރައާއި ތަކުލީފު އިޙްސާސްކުރަން ޖެހިފައިވާ އެތައް ކަމަކަށް އެކަށީގެންވާ ޙައްލުތަކެއް ހޯދައިދެވުނު އަހަރަކަށެވެ. ހަމައެހެންމެ، އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް އެތައް ލުއިފަސޭހަތަކެއް ހޯދައިދެވުނު އަހަރަކަށެވެ.
 
2014 ވަނަ އަހަރުވެގެން ދިޔައީ، އިޤްތިޞާދީ ގޮތުންވެސް ހަރުދަނާ ފިޔަވަޅުތަކެއް އެޅުނު އަހަރަކަށްކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަމެވެ. އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވިއިރު، ރާއްޖޭގެ އިޤްތިޞާދު އޮތީ ވަރަށް ނާޒުކު ހާލަތެއްގައެވެ. އެހެންކަމުން، ސަރުކާރުން އެންމެ ބޮޑު އެއް އިސްކަމެއްދިނީ، އިޤްތިޞާދީގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށެވެ. އެގޮތުން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ، މާތްﷲގެ އިރާދަފުޅާއެކު ދަނީ ފެންނަމުންނެވެ.
 
ސަރުކާރުގެ މެނިފެސްޓޯގެ އެންމެ މުހިއްމު އެއް އަމާޒަކީ، ޒުވާނުން ކަމަށްވާއިރު، އެކިއެކި ވަޒީފާތަކަށް ޒުވާނުން ނެރުމަށްޓަކައި، ޒުވާނުންގެ ހުނަރާއި ޤާބިލުކަން އިތުރުކޮށް، މުޖުތަމަޢަށް ފައިދާކުރަނިވި ބަޔަކަށް ޒުވާނުން ހެދުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާކަންވެސް އަޅުގަނޑު ހަނދާންކުރަމެވެ. އަދި ޒުވާނުންނަށް، މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށާއި، ޒުވާނުންނާ ގާތުން ޚިދުމަތްދީ، ބާރުވެރިކުރުވުމަށާއި، އެކި ވަސީލަތްތައް ތަރައްޤީ ކުރުމަށް ބޮޑެތި ޚަރަދުތަކެއްވަނީ ކުރެވިފައެވެ.
 
މިއަދު މި ފެށުނު، މިނިވަންކަމުގެ ރަންޔޫބީލް އަހަރަކީވެސް، މާތްﷲގެ ވާގިފުޅާއެކު، އިރާދަކުރެއްވިއްޔާ ތަރައްޤީގެ އާ އުސްމިންތަކަކަށް ޤައުމު ގެންދެވޭނެ އަހަރަކަށް ވެގެންދާނެއެވެ. އެގޮތުން ބަލާއިރު، ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކޮށްދެއްވި ބަޖެޓަކީ، ރައްޔިތުންނަށް އެތައް ލުއިފަސޭހަތަކެއް ހަމަޖެހިގެންދާނެ، އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ އެތައް މަޝްރޫޢުތަކެއް ފެށި، އެ މަޝްރޫޢުތަކުގެ ސަބަބުން ރަށްރަށުގެ ތަރައްޤީއަށް އިތުރު ދިރުން ލިބިގެންދާނެ ބަޖެޓެއްވެސް މެއެވެ.
           
މިއަދު މިފެށުނު 2015 ވަނަ އަހަރަކީ، އިރާދަކުރެއްވިއްޔާ ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް އުފާވެރި އަދި ޤައުމީ ތަރައްޤީގެ މަގުގައި އިތުރު ހަރުފަތްތަކެއް ހާސިލު ކުރެވޭނެ އަހަރަކަށް ވެގެންދާނެއެވެ. މި މަގުން އަޅުގަނޑުމެން ކުރާ މަސައްކަތުގައި މާތްﷲ ބަރަކާތް ލައްވާށިއެވެ! ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ގޮތްތައް މިންވަރު ކުރައްވާށިއެވެ! އަދި، ރާއްޖެއަށް އަމަންއަމާންކަމާއި ޞުލްޙަ މަސަލަސްކަން ލިބިގެންދާނެ އަހަރެއް ކަމުގައި މިއަހަރު ލައްވާށިއެވެ!
 
10 ރަބީޢުލްއައްވަލް 1436
1   ޖަނަވަރީ    2015