بســم اللّـه الرّحمـن الرّحيــم
 
ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالى އަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ ނަބިއްޔާ مُحَمَّـدرســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލައްވާށި! އަދި މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލު ކުރައްވާށި!
 
މިތަނަށް ވަޑައިގެންނެވި އެންމެހާ ޢިއްޒަތްތެރިން، ދަސްވާރު ޕްރޮގްރާމްގެ ޝަރަފްވެރި ދަސްވެނިން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
އާދެ، އުފާވެރި އަހަރެއް ނިމިގެންދާއިރު، އެއަށްވުރެ އުފާވެރި މެސެޖްތަކެއް، ޒުވާން ކުދިންތަކަކަށް ލިބިގެންދާ ފުރްޞަތުގައި، މި ފުރްޞަތުގައި ބައިވެރިވުމުގެ ފުރްޞަތު، އަޅުގަނޑަށް ދެއްވި ކަމަށްޓަކައި ދަސްވާރު ޕްރޮގްރާމް އިންތިޒާމު ކުރައްވައިގެން ހިންގެވި މިނިސްޓަރ އޮފް އެޑިޔުކޭޝަނަށާއި އަދި އެކަމަނާގެ ޓީމަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
އާދެ، އަޅުގަނޑަށް ލިބޭ ޚާއްޞަ އުފަލަކީ، މިއަދު މި އިންޓަރންޝިޕް ނޫނީ ދަސްވާރު ޕްރޮގްރާމްގައި ޢަމަލީގޮތުން ބައިވެރިވި ކުދިން، މަދްރަސާގެ ދައުރު މިވަގުތަށް ނިންމާލާއިރު، އެކުދިންނަށް ވަރަށް ޚާއްޞަ އުފަލެއް ލިބޭތީ، އެ އުފަލުގައި އަޅުގަނޑުމެންގެ ސަރުކާރު ފަރާތުންވެސް ބައިވެރިވުމަށް މި ލިބޭ ފުރްޞަތަކީ، އަޅުގަނޑަށް ހަމަ ވަރަށް ހިތްގައިމު ފުރްޞަތަކަށް ވެގެންދޭ. އާދެ، އެހެން މި ދަންނަވާލި ސަބަބަކީ، ގްރޭޑް 10 ނިންމާއިރު ތަޢުލީމީ ދާއިރާގައި އުޅޭ ކުދިންނަށް، ވަރަށްގިނަ ކުދިންނަށް އެނގޭނެ، މިއަދަކު ނޫން، އަޅުގަނޑުމެން މަދްރަސާގައި ކިޔަވަމުންދިޔައިރުވެސް، އެކަން އަޅުގަނޑުމެން އިޙްސާސް ކުރިން. ހުރިހާ ކުދިންނަކީ ފޮތުން އުނގެނޭ ތަޢުލީމް އެންމެ މޮޅަށް އެނގޭނެ ކުދިންނެއް ނޫން. އަދި އެކުދިންގެ މުސްތަޤްބަލާ ދޭތެރޭގައި، އެކުދިން އެކަންޏެއް ނޫން، އުންމީދުތަކެއް ކުރާނީކީވެސް. އަދި އެކުދިން އެކަންޏެއް ނޫން ކަންބޮޑުވާނީކީވެސް. އެކުދިންގެ މައިންބަފައިންނާއި، ސަރުކާރުގެ އެޑިޔުކޭޝަން ސިސްޓަމްގެ މަސްއޫލުވެރިންނާއި އަދި ސަރުކާރު ހިންގަން ތިބި ބަޔަކުވެސް އެކަމާ ދޭތެރޭގައި ކަންބޮޑުވާނެ. އަދި އުފާކުރަންޖެހޭ ޙާލަތްތަކުގައި، އުފާވެސް ކުރާނެ.
 
މިއަދު މި ދަސްވާރު ޕްރޮގްރާމްގައި ބައިވެރިވެގެން، ދަސްވާރު ޕްރޮގްރާމްގައި ޢަމަލީގޮތުން މި ސެޓްފިކެޓް ހޯދާފައި ދިޔަ ކުދިންނަށް ކަށަވަރުވާ ކަމަކީ، އޯ ލެވެލް ނިންމާއިރު، މިހާރު ތިޔަކުދިންނަށް އޯ ލެވެލްއާ އެއްވަރުގެ ސެޓްފިކެޓެއް، މަސައްކަތްތެރިކަމުގެ ދާއިރާއިން ތިޔަ ލިބިގެންދިޔައީ. އޯ ލެވެލް ނިންމާއިރު، ކުދިންނަށް އެނގޭ އެއްޗަކީ، މަދްރަސާ ނިމިގެންދާއިރު އިންތިޒާރުތަކެއް ކުރާކަން، ކޮންކަހަލަ ވަޒީފާއެއްތޯ ލިބޭނީ. އެޕްލިކޭޝަނެއް ލީމަ، ޖޮބް އިންޓަރވިޔުއަށް ދާއިރު، ތިޔަ ކުދިންނަށް ކާމިޔާބުވާނެތޯ، ނޫނިއްޔާ ކިހާ އަވަހަކަށްތޯ ފުރްޞަތު ލިބިގެންދާނީ މި އިންތިޒާރުގައި ޝައުޤުވެރިކަމާއެކީ ނޫނިއްޔާ ހާސްކަންމަތީގައި ތިބެން ނުޖެހޭނެކަން، ތިޔަ ހުރިހާ ކުދިންނަށް އެނގޭނެ. މިއީ ޝައްކެއްވެސްނެތްގޮތުގައި، އޯ ލެވެލް ނިންމާ ކޮންމެ ކުއްޖަކަށް، މީގެކުރީގައި ދިވެހިރާއްޖޭގައި ލިބިފައި އޮތް ފުރްޞަތެއް ނޫން. ދިވެހިރާއްޖޭގައި މިހާތަނަށް އޯ ލެވެލް ނިންމާ ކުދިން އޯ ލެވެލް ނިންމާއިރު، އުފާވެރިކަމާއެކީ ތިބޭ، އިންތިޒާރުގައި ތިބޭ ކުދިންތަކެއް ތިބޭނެ. އެއީ ކޮންމެވެސްއިރަކުން އޭ ލެވެލްއަށް ވަދެވޭނެ. ނޫނިއްޔާ މަތީ ތަޢުލީމަށް ކޮންމެވެސް ގޮތަކަށް ދެވޭނެ ކަމުގެ އިންތިޒާރު. އެކަމަކު އެއީ ވަރަށްމަދު ކުދިންކޮޅެއް.
 
ހަމައެއާއެކީ އިންތިޒާރުތަކެއްގެ ތެރޭގައި، ޝައުޤުވެރިކަމެއްގެ ތެރޭގައި، ނޫނިއްޔާ ވިސްނުމުގެ ތެރޭގައި ތިބެންޖެހޭ ކުދިންނަކީ ވަޒީފާގެ ފުރްޞަތު ލިބޭނެތޯ ތިބޭ ކުދިން. ވަޒީފާގެ ފުރްޞަތު ލިބޭކުދިންނަކީވެސް އުފާވެރި ބައެއް. އެހެން ނަމަވެސް، ވަޒީފާގެ ފުރްޞަތު ލިބޭ ކުދިންނަކީ، އެހާ ނަޞީބުވެރި ކުދިންނަކަށް ގިނަ ކުދިން ނުވޭ. މިހާރު ދިވެހިރާއްޖޭގައި ކަންތައްތައް ހުރިގޮތުން، ވަޒީފާއަކަށް އެޕްލިކޭޝަނެއް ހުޅުވާލައިފި ކަމަށްވަންޏާ، އެއްވަޒީފާއަށް 300 ކުދިން، 80 ކުދިން، މިކަހަލަ ޢަދަދުތަކަކަށް ކުދިން ބައިވެރިވަމުން އެބަދޭ. ރިޔާސީ އިންތިޚާބުގެ ތެރޭގައި މަސައްކަތް ކުރިއިރު އަޅުގަނޑާ ބައްދަލުކުރި، ފަސްޓް ޑިގްރީ ހަދައިގެން އައި ކުދިންތަކެއް. އެކުދިން ބުނި، ޖޮބް އިންޓަރވިޔުއަކަށް އެޕްލައިކޮށްގެން، 4 މަސް ދުވަސް ވަންދެން ބައެއް ކުދިން ތިބި ކަމަށްވަނީ، ޖޮބް އިންޓަރވިޔުއަށް އެކުދިންނަށް ގޮވާލަންދެން.
 
އެހެންވީމާ، ހާސްކަމެއްގެ މަތީގައި، ނޫނިއްޔާ ނަރވަސް ކަމެއްގެ މަތީގައި އެކުދިން ތިބެންޖެހޭ ދުވަސްތަކެއް، އެ ދުވަސްތަކަކީ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ސަރުކާރުން މިހާރު މިކުރާ މަސައްކަތަކީ، މިކަހަލަ ކަންކަމަށް ކޮންމެވެސް ކަހަލަ ހެޔޮ ބަދަލުތަކެއް ގެނެވޭތޯ ކުރެވޭ މަސައްކަތް. އެހެންވެގެން 2014 ވަނަ އަހަރު ނިމިގެން، 2015 ވަނަ އަހަރާ އަޅުގަނޑުމެން ކުރިމަތިލާއިރު، އުފާވެރި ކަމުގެ ދުވަހަކަށް މިއަދު ޚާއްޞަވެގެން މިދަނީ. މިއަދު މި ދަސްވާރު ޕްރޮގްރާމް ނިންމި ކުދިން، އިންޓަރންޝިޕް ޕްރޮގްރާމް ނިންމި ކުދިންގެ ތެރެއިން، ބައެއް ކުދިންގެ އިންޓަރވިޔު، ދެންމެ އަޅުގަނޑުމެންނަށް ފެނިގެން އެ ދިޔައީ. މިކޮށްދޭ ކަންތައްތަކަކީ، ޝައްކެއްވެސްނެތްގޮތުގައި، ވަރަށް އިންޓްރޮވަރޓް، ނޫނިއްޔާ ކަންކަމާ ލަދުގަންނަ، ނޫނިއްޔާ ލަދުވެތިވާ ކުދިންނަށްވެސް، އެކުދިންނަށް ނަފްސުގެ މައްޗަށް އިތުބާރު ކުރުމުގެ ފުރްޞަތު އެބަ ހޯދައިދޭ. އިންޓަރންޝިޕް ޕްރޮގްރާމެއް ނިންމައިފި ކަމަށްވަންޏާ، އެކުދިންނަށް ލިބޭ ކޮންފިޑެންސަކީ، އެކުދިން އެ އިންޓަރންޝިޕް ކޮމްޕްލީޓް ކުރި ދާއިރާގައި، ފުރިހަމަކުރި ދާއިރާގައި އެކުދިންނަކީ އެޕްރެންޓިސްގެ ގޮތުގައި، ނޫނިއްޔާ މަސައްކަތްތެރިންގެ ގޮތުގައި، އެ ވަޒީފާއާ ދެން ކުރިމަތިލާ އެހެން ކުއްޖަކަށްވުރެ ރަނގަޅަށް އެ ވަޒީފާ އަދާކުރާނެ ނޫނީ އެ މަޤާމު އަދާކުރާނެ ކުއްޖެއް ކަމުގެ ގެރެންޓީ ނޫނިއްޔާ އިތުބާރު އެބަ ލިބޭ. ހަމަ އިންޓަރވިޔުގައި އަޅުގަނޑުމެންނަށް ފާހަގަވެގެންދިޔައީ، ޢާންމު އުޞޫލުން މުޢާމަލާތު ކުރުމަކީ މާ ފަސޭހަ ކަމަކަށް ނުވާ ކުދިންނަށްވެސް، މި އިންޓަރންޝިޕް ޕްރޮގްރާމްގެ ތެރެއިން އެކުދިންނަށް އެބަ ކޮންފިޑެންސް ބިލްޑްކޮށްދޭ. ނޫނީ ނަފްސުގެ މައްޗަށް، އެކުދިންގެ އަމިއްލަ ކޭޕަބިލިޓީގެ މައްޗަށް، އެކުދިންނަށް އިތުބާރު އެބަ ލިބިދޭ.
 
ޝައްކެއްވެސްނެތްގޮތުގައި، ކޮންމެ ކުއްޖަކުވެސް ދުނިޔޭގައި އުޅޭއިރު، މި ކޮންފިޑެންސަކީ، އެކުއްޖަކަށް ބޭނުންވާނެ ކަމެއް. ކޮންފިޑެންސް ބޭނުންވަނީ ހަމައެކަނި ސްކޫލްގެ ޙަޔާތުގައި ސްކޫލްގައި ކިޔަވާއިރަކު ނޫން. ކޮންފިޑެންސް ބޭނުންވާނެ، ޢާއިލާއެއްގެ ޒިންމާ އުފުލާއިރު. ކޮންފިޑެންސް ބޭނުންވާނެ، ކުއްޖަކު ކުރިމަތިލާ ކޮންމެ ކަމެއްގައިވެސް. ވަޒީފާއެއްގައި އުޅޭއިރުވެސް އެ ކުއްޖަކަށް ކޮންފިޑެންސް ބޭނުންވާނެ. އަލަށް މަސައްކަތެއް ފަށްޓާ ޒުވާން ވިޔަފާރިވެރިޔަކު، ކޮންފިޑެންސް ބޭނުންވާނެ. މަސްދޯންޏަކަށް ނޫނީ އާ މަސައްކަތަކަށް ކުރިމަތިލާ ހަމަ ކޮންމެ މީހަކު، ކޮންމެ ކުއްޖަކު މި ކޮންފިޑެންސް ބޭނުންވާނެ.
 
އެހެންވީމާ، މި ދަސްވެނި ޕްރޮގްރާމުން ލިއްބައިދިން އެންމެ ވަރުގަދަ އެއް ފިލާވަޅަކީ، ތިޔަ ކުދިންނަށް ތިޔަކުދިންގެ އަމިއްލަ ނަފްސުގެ މައްޗަށް، ނޫނިއްޔާ ތިޔަކުދިންގެ އެޕްޓިޓިޓިއުޑްގެ މައްޗަށް، ނޫނިއްޔާ ތިޔަކުދިންގެ ހުނަރުވެރިކަމުގެ މައްޗަށް ތިޔަކުދިންނަށް ގެނެސްދިން، ނޫނިއްޔާ ހޯދައިދިން އިތުބާރު. މި އިތުބާރަކީ ޝައްކެއްވެސްނެތްގޮތުގައި، ކްލާސްރޫމެއްގެ ހަތަރު ފާރުގެ ތެރެއިން ތިޔަކުދިންނަށް ލިބޭނެ އިތުބާރެއް ނޫން. މިއީ ޓެކްސްޓް ފޮތެއްގައި ދުއިސައްތަ ޞަފްޙާ، އެއް ޞަފްޙާ، ބެކް ޓު ބެކް ކިޔައިގެން، ތިޔަކުދިންނަށް ލިބޭނެ ކޮންފިޑެންސެއް ނޫން. މި ކޮންފިޑެންސް ލިބޭނީ މިކަހަލަ ޢަމަލީ މަސައްކަތުގައި އުޅެ، ޢަމަލީ މަސައްކަތްކުރަން އެނގޭކަން، އިންސްޓްރަކްޓަރެއްގެ ދަށުން މަސައްކަތް ކުރަން އެނގޭކަން، އެކުއްޖަކަށް އެނގުނީމަ، އެކުއްޖަކަށް ލިބޭ ކޮންފިޑެންސް މިއީ.
 
ދިވެހި ސަރުކާރުން މިހާރުގެ ވިސްނުމަކީ، އަހަރުމެންގެ އިޤްތިޞާދު ވަރުގަދަ ކުރަން މިކުރާ މަސައްކަތުގައި، އިޤްތިޞާދުގެ ހުރިހާ ކަމަކީވެސް [ދިވެހިންގެ ވަޒީފާތައް، ދިވެހިންނަށް] މި ޝިޢާރުގެ ދަށުން އަހަރުމެން ކުރާ މަސައްކަތް. އިޤްތިޞާދަކީ ވަޒީފާ އުފެއްދުން. އިޤްތިޞާދަކީ ވަޒީފާއަށް ދިވެހި ކުދިން ނެރުން. މީގެ ނަތީޖާއަކަށްވާނީ، އިޤްތިޞާދު ރަނގަޅުވެގެންދާނެ. އިޤްތިޞާދުގައި ގިނަ ވަޒީފާތަކެއް ހުޅުވައިދެވޭނެ، ފުރްޞަތުތައް ހޯދައިދެވޭނެ، ތަފާތު މަސައްކަތްތަކެއް ކުރެވޭނެ. އެހެން ނަމަވެސް، މި މަސައްކަތްތަކަށް ކުރިމަތިލާނެ ޤާބިލު ކުދިންތަކެއް، ނޫނީ އެޕްޓިޓިޓިއުޑް، ނޫނިއްޔާ އެކަން ކުރަން ކެރޭ ކުދިންތަކެއް ތިބެއްޖެ ކަމަށްވަންޏާ، ނޫނިއްޔާ އަހަރުމެންނަށް ހެޔޮގޮތުގައި އިޤްތިޞާދު ފުޅާކުރަން މިކުރާ މަސައްކަތުގައި، ފުރިހަމަ ބެނިފިޓް ނޫނިއްޔާ ފުރިހަމަ މަންފާ ދިވެހިރާއްޖެއަކަށް ލިބިގެނެއް ނުދާނެ.
 
އެއްވެސް ގޮތަކަށް މިއީ އަވަށްޓެރި ޤައުމަކަށް ނޫނިއްޔާ ބޭރުގެ ޤައުމަކަށް ބުނާ ބޭއިޙްތިރާމުގެ ބަހެއް ނޫން. އެކަމަކު ދިވެހިރާއްޖޭގައި ވަޒީފާތައް މި އުފައްދަނީ. ޓުއަރިޒަމްގެ ދާއިރާއިންވިޔަސް، ހޮޓެލް އިންޑަސްޓްރީގެ ތަފާތު މަސައްކަތްތަކުގެ ތެރެއިންވިޔަސް، ނޫނިއްޔާ ރެފްރިޖަރޭޝަން މެކޭނިކަލް މަސައްކަތްތަކުންވިޔަސް، މި ވަޒީފާ އުފައްދަނީކީ ބިދޭސީން އައިސް މަސައްކަތް ކުރާކަށެއް ނޫން. މި ވަޒީފާ އުފައްދަނީ، ތިޔަކުދިން ކަހަލަ ޒުވާން ދިވެހި ކުދިންނަށް ވަޒީފާ ހޯދައިދޭން. ކޮންމެ ކުއްޖަކީ ޑޮކްޓަރޭޓް ހަދާނެ ކުއްޖެއް ނޫން. ކޮންމެ ކުއްޖަކީ އެމް.ބީ.ބީ.އެސް ފާސް ނަގައިގެން، ކަށިގަނޑު އަޅުވައިގެން، ހޮސްޕިޓަލަށް ދެ ދަންފަޅިއަށް ޕެރޭޑް ކުރާނެ ކުއްޖެއްވެސް ނޫން. އެހެންވީމާ، ކޮންމެ ކުއްޖަކުވެސް ވިސްނަންވާނެ، އަންހެން ކޮންމެ ކުއްޖަކީ ނަރުހެއްވެސް ނޫން، ޓީޗަރެއްވެސް ނޫން. އަނެއްކާ ކިޔެވުމަކީވެސް، އުނގެނުމަކީވެސް، އުނގެނިފައި ހުރި އެއްޗެތި އިތުރަށް ދަސްކުރުމާއި، އުނގެނިފައި ހުރި އެއްޗެހި ބައެއްފަހަރު އަންލަރން ކުރުމުގެވެސް ފުރްޞަތު. ދަސްވެފައި ހުރި ގޮތް ނޫން އެހެން ގޮތަކަށް އެ ދަސްކުރަންޖެހޭ ޙާލަތު އައީމަ. އެއީ، ފަސޭހައިން ނަތީޖާއާ ހަމަޔަށް ދެވޭނީ، ދަސްކޮށްފައި ހުރި ގޮތް ނޫން އެހެން ގޮތަކަށް އެކަން ކުރާ ކަމަށްވަންޏާ. އެކަން ކުރުމަކީވެސް ހަމަ އެޑިޔުކޭޝަން ޕްރޮސެސްގެ ބައެއް. އެހެންވީމާ، މި ވަޒީފާތައް އުފައްދައިދިނުމުގެ ބޭނުމަކީ، ނޫނިއްޔާ ދަސްވާރު ޕްރޮގްރާމް ކަހަލަ ޕްރޮގްރާމްތައް އުފައްދައިދިނުމުގެ ބޭނުމަކީ، ދެންމެ އަޅުގަނޑުމެންނަށް ވީޑިއޯ ޕްރެޒެންޓޭޝަނުން ފެނިގެންދިޔަ ގޮތަށް، މިހާރު މިކުރެވޭ މަސައްކަތުގެ ތެރޭގައި، ރާއްޖޭގެ އާބާދީއަކީ، ބޮޑު ބައެއް، ޒުވާނުން ޙިއްޞާކުރާ އާބާދީއަކަށްވާތީ، އެ އާބާދީއަށް ކޮންފިޑެންސް ހުރި، މަސައްކަތް ކުރަން ކެރޭ، މަސައްކަތަށް ޤާބިލު ކުދިންތަކެއް ނެރުމަށް ކުރާ މަސައްކަތް.
 
ޝައްކެއްވެސްނެތް، ދަސްވާރު ޕްރޮގްރާމްގެ ތެރެއިން ދަސްނުކޮށްދެވޭ ކަންތައް ހުންނާނެ. ދަސްވާރު ޕްރޮގްރާމްގެ ތެރެއިން ދަސްނުކޮށްދެވޭ ކަންކަމުގެ ތެރޭގައި ހަމަ އިހަށްރޭ ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ފާހަގަކުރެއްވި ފަދައިން އަޅުގަނޑުވެސް ފާހަގަކޮށްލާނަން. ކޮންމެ ދުވަހަކު ހެނދުނު 6 ޖަހާއިރު ތެދުވެގެން މަސައްކަތަށް ދާންޖެހިއްޖެ ކަމަށްވަންޏާ، ދަސްވާރު ޕްރޮގްރާމްގެ ތެރެއިން މި ޑިސިޕްލިނެއް ނާންނާނެ. އެކަމަކު ކިތަންމެ މޮޅަށް މަސައްކަތްކުރަން ދަސްވެފައި ހުރި ކުއްޖެއްވިޔަސް، ކިތަންމެ ހުނަރުވެރި ކުއްޖެއްވިޔަސް، މަސައްކަތުގެ އަޚްލާޤެއް، ކުއްޖާ އަމިއްލައަށް ޑިވެލޮޕް ކުރަންވާނެ. އޭގެ މާނައަކީ، މަސައްކަތަށް ނުކުންނަން ކެރެންވާނެ. ސަލާން ބުނެގެނެއް ނުވާނެ. ބަލިވެއްޖިއްޔާ ޕެނެޑޯލާއި، ޕެރަސެޓަމޯލާ، އެހެން އެއްޗެހިވެސް ހުންނާނެކަން ހަނދާންކުރަންވާނެ. ޖީބުގައި، ކިޓްގައި ގެންގުޅެންޖެހޭ އެއްޗެހި މިއީ.
 
އެހެންވީމާ، މިވާގޮތަކީ މަސައްކަތަށް، ވަޒީފާދޭ ފަރާތްތަކުގައި އެވަރު ޕޭޝަންސެއް ނުހުންނާނެ. ކުދިން ގިނަވީމަ، އެއް ފުރްޞަތަށް ކުރިމަތިލާ ކުދިން ގިނަވީމަ، އެއް ކުއްޖަކަށް ފަރުވާކުޑަކަމުން، ނޫނިއްޔާ މި ޑިސިޕްލިން އެކުއްޖާގެ ވީކްކަމުން، ނާދެވޭ ކަމަށްވަންޏާ، އެމްޕްލޯޔަރަކު ހުންނަ މީހަކުވެސް އެވަރުގެ ޓޮލަރަންސެއް ނުހުންނާނެ، އެހެން ކުއްޖަކު ނަގަން މަސައްކަތް ކުރާނީ. ތިޔަކުދިންނަށް ތިހިރީ ހުނަރުތަކެއް ކޮންމެވެސް ފެންވަރެއްގައި، އަސާސީ ފެންވަރެއްގައި ދަސްކޮށްދެވިފައި. ތިޔަ ހުނަރުތައް އިތުރަށް ކުރިއަށް ގެންދަން ބޭނުންވާކަން، ތިޔަކުދިންގެ އިންޓަރވިޔުތަކުން ދެންމެ އަހަރުމެންނަށް އެނގިގެންދިޔައީ. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މިގެންދަވާ ޕްރޮގްރާމްތަކުގެ ތެރޭގައި އަދި އަޅުގަނޑުމެންގެ ޕްރައިވެޓް ސެކްޓަރާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުން މި ގެންގޮސްދޭ މަސައްކަތުގެ ތެރޭގައި، ތިޔަކުދިންނަށް ޖާގަ އެބައޮތް، ތިޔަކުދިން ތިޔަކުރާ މަސައްކަތް އިތުރަށް ތަރައްޤީކޮށް، އިތުރަށް ދެނެގަތުމަށް، ނޫނިއްޔާ އިތުރަށް ދަސްކުރުމަށް އޮންނަ ފުރްޞަތު އެބައޮތް.
 
ތިޔަކުދިންގެ ޚިޔާލަށް ގެނޭ، މިއަދު އެއަރކޮންޑިޝަނިންގ މަސައްކަތް ދަސްވެފައި ތިބި ކުދިން އެބަތިބި. އެކުދިން އެ މަސައްކަތް ދަސްކުރީ ކިޔަވަމުން. މިކަހަލަ އެޕްރެންޓިސް، ނޫނިއްޔާ މިކަހަލަ ވޮކޭޝަނަލް އެޑިޔުކޭޝަން ޕްރޮގްރާމެއްގެ ފެސިލިޓީ ލިބުނީމަ، ދަސްވާރު ޕްރޮގްރާމެއްގެ ތެރެއިން. އެކަމަކު އަހަރުމެންނަށް ފަސޭހަވެގެން އެބަދޭ، ކޮންމެ ކުއްޖަކަށްވެސް ފަސޭހަވެގެން އެބަދޭ، ގޭގައި ކަރަންޓް ވަޔަރު ގޯސްވެއްޖެ ކަމަށްވަންޏާ، ވަޔަރު ބަދަލުކޮށްލުމުގެ ފުރްޞަތު ލިބިއްޖެ ކަމަށްވަންޏާ، ޝައްކެއްވެސްނެތްގޮތުގައި، މަންމައަށާއި ބައްޕައަށް އެތައް ފައިސާއެއް ސަލާމަތްވެގެން އެދިޔައީ. އަދި އަމުދުން އެއަރކޮންޑިޝަނަށް ދިމާވާ މައްސަލައެއް ރަނގަޅުކޮށްލަން އެނގޭ ކަމަށްވަންޏާ، ނޫނިއްޔާ ފްރިޖަށް ދިމާވާ މައްސަލައެއް ރަނގަޅުކޮށްލަން އެނގޭ ކަމަށްވަންޏާ، ގޭތެރެއިން މީގެ ޙައްލު ނެރެވޭ ކަމަށްވަންޏާ، މަންމައަށާއި ބައްޕައަށް އެތައް ފައިސާއެއް ސަލާމަތްވެގެން އެ ދިޔައީ. އަދި މިއަށްވުރެ ބޭސިކް ކަންތައްތަކާ ދޭތެރޭގައި ވިސްނާ ކަމަށްވަންޏާ، ފިރިހެން ކުދިންނަށްވެސް ފަޓްލޫނުގެ ފައިކުރި މަޅާލަން އެނގޭ ކަމަށްވަންޏާ، ވަރަށްގިނަ ކަމެއް ދަސްވެގެން އެ ދިޔައީ. ހަމަ ލިވިންގ އެގްޒާމްޕަލެއްގެ ގޮތުގައި، އަހަރެން ހަމަ ތިޔަ ކުދިންނަށް މިސާލެއް ދޭނަން.
 
އަހަރުމެން އެންމެ ފުރަތަމަ މަދްރަސާގައި، ރާއްޖޭގައި ކިޔަވާ ކިޔެވުން ނިންމާފައި އަހަރުމެން ބޭރަށް ކިޔަވަން ދިޔައިރު، މިކަހަލަ ސްކިލްފުލް މަސައްކަތްތަކަކީ، ނޫނިއްޔާ ފެކްޓްރީގައި ހިންގާ މަސައްކަތް ނޫން ގޮތަކަށް ހަމަ އެ މަސައްކަތްވެސް، މި ދެ ސްކިލްފުލް މަސައްކަތްތަކަކީ ވަރަށް އަގުބޮޑު މަސައްކަތްތަކެއް. މިސާލަކަށް، މިހާރު މިގެންނަ ގަމީހާއި ފަޓްލޫނާ، މިހުންނަނީ ފެކްޓަރީގައި ފަހައިގެން ގެނެއްސަ. ކޮންމެ ގަމީހެއް ފެހުމުގެ އަގު، ވަރަށްބޮޑުތަން ކުޑަވެގެންދޭ. އެހެން ނަމަވެސް، އަހަރުމެންގެ ތެރޭގައި މިއުޅެނީ އޮޑް ސައިޒްގެ މީހުން. އަހަރުމެންގެ ތެރޭގައި މިއުޅޭ މީހުން، އުނަގަނޑަށް ހެޔޮވަރުވާ ފަޓްލޫނެއް ގަނެގެން އަންނައިރު، ޝައްކެއްވެސްނެތްގޮތުގައި، ފައިކުރި ތަންކޮޅެއް ދިގުވާނެ. އެހެންކަމަށްވަންޏާ މި ޖެހެނީ ފައިކުރި މަޅާލަން. ފައިކުރި މަޅާލާކަށް ފަޓްލޫނު ފެހި ފެކްޓްރީއަކަށް ނުދެވޭނެ. އެހެންވީމާ، ކޮންމެވެސް ޕްރެސްޓީޖަސް މަގެއްގައި ހުންނަ ޓެއިލަރ ބުޓިކަކަށް މި ދާންޖެހެނީ. ޓެއިލަރުން، ފަހާމީހުންނަކީ އެހާ ގިނަ ބައެއް ނޫން. މިބުނާ ގޮތަށް ފަހާ މީހުންނަކީ. ފެކްޓްރީގައި މެޝިން ކައިރީގައި ފަހާ މީހުންނަކީ ވަރަށްގިނަ ބަޔަކަށްވެދާނެ. އެހެންވީމާ، ފައިކުރިއެއް މަޅާލަން، ގާތްގަނޑަކަށް 10 ޑޮލަރު ދިޔައީމަ، ކުއްޖާގެ ޕަރޑިއަމަކަށް، ނޫނިއްޔާ ކުއްޖާގެ މެއިންޓެނަންސް އެލަވަންސަކަށް ލިބެނީ 150 ޑޮލަރު ކަމަށްވަންޏާ، އެއީ ބޮޑުވަރެއް. މިއީ އަހަރުމެން ގޯ ތްރޫކުރި އެކްސްޕީރިއަންސް. މީގެ ފަންސަވީސް، ތިރީސް، އައި ޑޯންޓް ނޯ ވަޓް. ވަރަށް ކުރިން ކުރި އެކްސްޕީރިއަންސެއް. އެހެން ނަމަވެސް، މަދްރަސާތަކުގައި، މަދްރަސާތަކުގައި އަލަށް މިހާރު މި ތަޢާރުފް ކުރެވުނީ، އާ ސްޓްރީމް، ސައިންސް ސްޓްރީމްގެ އިތުރަށް، މަދްރަސާތަކުގައި މި ތަޢާރުފް ކުރެވުނީ، ވޮކޭޝަނަލް ޓެކްނިކަލް އެޑިޔުކޭޝަންގެ ސްޓްރީމް.
 
ޝައްކެއްވެސްނެތްގޮތުގައި މިއީ، ވަރަށް މުހިއްމު ކުރިއެރުމެއް. ކިޔެވުމަކީ، އިޤްތިޞާދީ މަސައްކަތެއްގައި ދެމިތިބުމަކީ، އެއްގޮތަކަށްވެސް ފޮތުން ލިބޭ ތަޢުލީމް، ޕީ.އެޗް.ޑީ.އާ ހަމައިން ގޮސް، ރިސަރޗް ލެބަކުން ނިންމާ މަސައްކަތެއް ނޫން. ޝައްކެއްވެސްނެތްގޮތުގައި އެއީ ވަރަށް މުހިންމު މަސައްކަތެއް. އަދި އަހަރުމެންނަށް މީގެކުރިން ދަސްވެފައި ހުރީވެސް އެ މަސައްކަތް. އެކަމަކު އެއާއެކީވެސް ގަބޫލުކުރަންޖެހެނީ، ޤައުމެއް ބިނާކުރެވޭނީ، އިޤްތިޞާދެއް ބިނާކުރެވޭނީ، އެ މަސައްކަތާއެކުވެސް ފަންނީ ނޫނިއްޔާ ވޮކޭޝަނަލް ބައިވަރު މަސައްކަތްކުރަން ދަސްވެގެން. ޕީ.އެޗް.ޑީ ހަދާފައި ހުންނަ މީހަކު، ރެފްރިޖަރޭޝަން ރިޕެއަރ ކުރާކަށެއް، ނޫނިއްޔާ ރެފްރިޖަރޭޝަން މަރާމާތު ކުރާކަށް ނީށީންނާނެ. ވަޔަރު ބަދަލުކުރާކަށް ނީށީންނާނެ. ދެން މިކަން ކުރަން ޖެހޭނީ ހަމަ މިކަންކަން ދަންނަ ކުދިން. އެހެންވީމާ، މިކަހަލަ މަސައްކަތްތައް ދަސްކޮށްދިނުމަކީ، މިހާރު ދިވެހިރާއްޖޭގައި މިގޮތަށް ރަސްމީ ތަޢުލީމުގެ ތެރެއިން ކުރެވެމުންދާ ކަމަކަށްވާތީ، އެޑިޔުކޭޝަން މިނިސްޓަރަށް އަދި އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ޓީމަށް ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި ޝުކުރު ދަންނަވަން.
 
އެކަމަކު މި މަސައްކަތަކީ މީގެކުރިންވެސް ވަރަށް ޝެބީކޮށް، ވަރަށް އާދައިގެ ގޮތެއްގައި އެކިފަހަރު އެކިވަރަށް ކުރެވިފައި ހުރި މަސައްކަތް. އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރަކަށް އުޅޭ މީހަކަށް، ނޫނީ ޓްރޭޑް މިނިސްޓްރީ ބަލަހައްޓަން އުޅޭ މީހަކަށް އެނގޭނީ، ކިހާވަރަކަށްތޯ މިކަހަލަ މަސައްކަތް، މަސައްކަތްތެރިންގެ ތެރޭގައި އުފެދިގެން ދިޔުމަކީ ކިހާ މުހިންމު ކަމެއްތޯ. އެންމެ ފަސޭހައިން އެނގިވަޑައިގަންނަވާނީ އެބޭފުޅުންނަށް. ޢާއިޝަތު ޝިހާމަށް އެއްގޮތަކަށްވެސް ދަންނަވާ ވާހަކައެއް ނޫން. އެޑިޔުކޭޝަން މިނިސްޓަރުންނަށް ދަންނަވާ ވާހަކައެއް ނޫން. އެޑިޔުކޭޝަން މިނިސްޓަރުންގެ ބޭނުމަކަށްވާނީ، ހަމަ ސްކޮލަސްޓިކް މޮޅު ކުދިންތަކެއް ނެރުން. ފަސްޓް ޑިގްރީ ހަދާނެ، ދެވަނަ ޑިގްރީ ހަދާނެ، ޕީ.އެޗް.ޑީ ހަދާނެ، އަދި އޭގެފަހުން އެއަށްވުރެ ހައި ސްކޮލަސްޓިކް އެބިލިޓީ ހުރި ކަމަށްވަންޏާ، އެ ދާއިރާތަކަށްވެސް ދާނެ. އެކަމަކު އިޤްތިޞާދީ މަސައްކަތް، ދައުލަތަކަށް، ޤައުމަކަށް މުހިންމު ކަމަށް ގަބޫލުކުރާ، އިކޮނޮމިކްސް ދާއިރާގައި އުޅޭ ވަޒީރުންނަށް އެނގޭނީ، މިވަރަކުން އަދި ނުފުދޭކަން. އަދި މީގެއިތުރަށް އެބަޖެހޭ ވަރަށްގިނަ ތަފާތު ފަންނުތައް ހޯދަން. އަނެއްކާ އެމީހުން އެންމެ ފުރަތަމަ ގަބޫލުކުރާނީ، ހުރިހާ ކުދިންނަކީ އެންމެ މޮޅަށް މަތީ ތަޢުލީމް، ފޮތުން ޙާޞިލު ކުރުމުގެ އެޕްޓިޓިއުޑްވެސް ހުރި ކުދިން ނޫންކަން. މިކަން މިވަނީ ހަމަ މަސައްކަތުގެ ފިލޯސަފީގެ ގޮތުގައި، ބޭރުގެ ދުނިޔޭގައި ޤައުމުތަކުގައި ޤާއިމުކުރެވިފައި. ދުރު އިރުމަތީގެ، އޭޝިޔާގެ ޤައުމުތަކަށް ބަލާކަމަށްވަންޏާ، މިކަން އެންމެ ބޮޑަށް ފާހަގަވެގެންދަނީ، ހަނގުރާމައަކަށްފަހު އެ ޤައުމެއް މުޅިން ހަމަ ޑިސްޓްރޯއި ކޮށްލީމަ، އުފެދެން މިޖެހެނީ މަސައްކަތްތެރިންތަކެއް. މީގެ މިސާލު ނުކުމެފައި މިއޮތީ ހަނގުރާމައަށްފަހު ޑިސްޓްރޯއިވެގެން ދިޔައީމަ، ޕަރލް ހަރބަރގެ އިންސިޑެންޓަށްފަހު ޑިސްޓްރޯއި ވެގެން ދިޔައީމަ، ޖަޕާނުގައި ހަމަ އެޑިޔުކޭޝަން ފިލޯސަފީގެ ތެރެއިން މިއައީ ހަމަ ވަރުގަދައަށް ފަންނީ މީހުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތަކެއް.
 
މިއަދު އަޅުގަނޑުމެން ތަޢާރުފްކޮށްގެން، ރަސްމީ ކަރިކިއުލަމްގެ ތެރޭގައި މިގެންގުޅޭ ޓިވެޓް ޕްރޮގްރާމްތަކެއް، ނޫނީ ޓެކްނިކަލް ވޮކޭޝަނަލް އެޑިޔުކޭޝަން ޕްރޮގްރާމްތަކެއް. ޔޫރަޕްގައިވެސް ހަމަ މިކަން މިދިޔައީ މިގޮތަށް. ހަނގުރާމައިގެ ތެރޭގައި އެހާ ބޮޑަށް ހަލާކުވެގެން ދިޔައީމަ، ޖަރމަނީގެ ސަރުކާރު ގަބޫލުކުރީ، ޖަރމަނީގެ އިޤްތިޞާދު ނަގައި ކޮޅަށް ޖެހުމަށާއި، އިންފްރާސްޓްރަކްޗަރ އާރާސްތު ކުރުމަށްޓަކައި އެންމެ މުހިންމުވާނީ މިކަހަލަ ފަންނީ މީހުންތަކެއް ބިނާކުރުމޭ. ދުނިޔޭގެ ދެކޮޅުގައި އޮތް ދެޤައުމަށް ބަލާކަމަށްވަންޏާ، މިހާތަނަށް އަންނަންދެން، ޗައިނާ، ނިދާ ހޭލައިގެން ތެދުވަންދެން، ދުނިޔޭގައި އޮތް އެންމެ ބާރުގަދަ، ދެ އިޤްތިޞާދު ކަމުގައި ވެފައި މިއޮތީ ޖަޕާނާއި ޖަރުމަނާ. އެހެންވީމާ، މިއީ ވޮކޭޝަނަލް އެޑިޔުކޭޝަންގެ ބާރަކީ، އިންޓެންސިޓީއަކީ.
 
އެހެންވީމާ، ދިވެހިރާއްޖޭގައިވެސް މަސައްކަތްތެރިކަމާއެކީ ކުރިއަށްދާ ކަމަށްވަންޏާ، ޝައްކެއްވެސްނެތްގޮތުގައި މަތީ ތަޢުލީމް ޙާޞިލުކުރުމާއެކީވެސް، އެ ފުރްޞަތު ބޭނުންހިފަން ނުލިބޭ، އެއީ، އެކުދިންގެ ކިޔެވުމުގެ ޝައުޤުވެރިކަން އެހިސާބަށް ނުގެންދެވޭ ކުދިން، ނޫނިއްޔާ އެކުދިންގެ ކިޔެވުމުގެ ޤާބިލުކަން، ފޮރ ވަޓް އެވަރ ރީޒަން، ކޮންމެ ސަބަބަކާހުރެ ނަމަވެސް، ނެތް ކުދިންނަށް އޮތް ފުރްޞަތަކީ، މިދެންނެވި ކަހަލަ ފުރްޞަތު. ހުރިހާ އެންމެންނަކީ ހުދު ގަމީހުގައި ޓައީ އަޅައިގެން، އޮފީސް މޭޒު ކައިރީގައި މަސައްކަތް ކުރަން ތިބޭނެ ބައެއް ނޫން. މީގެތެރެއިން އިޤްތިޞާދަށް ހަމަ ވަރަށް މުހިންމު ބަޔަކީ، މިދެންނެވި ކަހަލަ އަތުކުރި އޮޅާލައިގެން މަސައްކަތަށް ނުކުމެ މަސައްކަތް ކުރާނެ މީހުން. އެހެންވީމާ، ތިޔަކުދިންނަކީ ތިޔަކުދިންގެ ދާއިރާއިން، ތިޔަ ދަސްވެނިވެގެން ތިޔަ ނުކުތް ކުދިންނަކީ، ޝައްކެއްވެސްނެތްގޮތުގައި، މިއަދު މި ސަރުކާރުގެ ޕްރައިޑް ކަމުގައި އަޅުގަނޑު ގަބޫލުކުރަން. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ވެއްޖިއްޔާ، އަންހެން ކުދިންނަށްވެސް، ފިރިހެން ކުދިންނަށްވެސް ފެކްޓަރީ ސައިޓްތަކުގައި، ޢިމާރާތްކުރާ ސައިޓްތަކުގައި، ލޯންޗްގެ އިންޖީނު މަރާމާތު ކުރުމުގައި، ނޫނިއްޔާ ރެފްރިޖަރޭޝަން މަސައްކަތުގައި، މިއިން ކޮންމެ މަސައްކަތެއްގައި ތިޔަކުދިންނަށް އުޅެވެންވާނެ. މިއިން ކޮންމެ މަސައްކަތެއްގައި ތިޔަކުދިންނަށް އުޅެވެންވާނެ. މިއީ ޝައްކެއްވެސްނެތްގޮތުގައި، ހަމަ މާސްޓަރޒް ހަދައިގެން އަންނަ ކުދިން، ފަސްޓް ޑިގްރީ ހަދައިގެން އަންނަހާ ކުދިންނާ އެއްވަރަށް، ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކޮންޓްރިބިއުޓް ކުރާ ކުދިން ގޮތުގައި، މި ސަރުކާރުން ދެކޭ.
 
އެހެންވެގެން މިއަދު މިއީ ވަރަށް ޚާއްޞަ އުފަލެއް ލިބޭ ދުވަހެކޭ މިބުނީ. ފުރަތަމަ ފަހަރަށް ނިޒާމީ ތަޢުލީމުގެ ތެރެއަށް، މި ބައި ތަޢާރުފްވެގެން އަދި ފުރަތަމަފަހަރަށް މިކަހަލަ އިންޓަރންޝިޕް ޕްރޮގްރާމެއް ހިންގި، އިންޓަރންޝިޕް ޕްރޮގްރާމެއްގެ ކާމިޔާބު ފާހަގަކުރާ ދުވަހަށް ވެގެން މިދަނީ އަހަރުގެ ފަހު ދުވަސް. އާ އަހަރަށް ކުރިމަތިލަނީ، ތިޔަ ޒުވާން ކުދިންނަށް އުންމީދުން ފުރިގެންވާ، ވަޒީފާގެ ފުރްޞަތުތަކެއް ލިބޭނެ ކަމަށް ގަބޫލުކުރެވޭތީ. ތިޔަކުދިން ތިޔަކުރާ މަސައްކަތުގައި، ތިޔަކުދިންގެ ބައިވެރިންގެ ގޮތުގައި މިތިބީ ޝައްކެއްވެސްނެތްގޮތުގައި، އިންސްޓްރަކްޓަރުންނާއި އަދި ތިޔަކުދިންނަށް މި ތަމްރީނުގެ ފުރްޞަތު މި ދެއްވާ ކުންފުނިތައް. އެއީ، ސަރުކާރުގެ ވިޔަފާރި ކުންފުނިތަކާއި އަދި ދެންމެ ފެނިގެން މިދިޔަގޮތަށް ޕްރައިވެޓް ސެކްޓަރުގެ އެތައް ބައިވަރު ކުންފުނިތަކެއް.
 
ޝައްކެއްވެސްނެތްގޮތުގައި، މިއަދު އަޅުގަނޑުމެންނަށް މި ފެނިގެންދަނީ، ކުރީގައިވެސް ނުފެނެއެކޭ ނޫން. އެކަމަކު މިއަދު ފެނިގެން މިދަނީ ކޮންސަރޓަޑް މަސައްކަތެއް ގޮތަށް ނޫނީ އެންމެން ބާރުލައި، އެއްބާރުލައިގެން ކުރާ މަސައްކަތެއްގެ ގޮތުގައި ފެނިގެން މިދަނީ. ދިވެހި ޒުވާނުންނަށް މިކަހަލަ ހުނަރު ހޯދައިދިނުމާއި، ދިވެހި ޒުވާނުންނަށް ބޭނުންވާ ކަންތައްތައް ފޯރުކޮށްދިނުމާއި އަދި މީގެކުރީގެ ޖަލްސާތަކުގައި، އަޅުގަނޑުމެންނަށް ފެނިގެންދިޔަގޮތަށް، ހަވާސާވެގެންވާ ކުދިންނަށް ވަޒީފާ ހޯދައިދިނުމާ، މިކަހަލަ މުޖްތަމަޢަށް ބޭނުންވާ، އެކަހެރިވަމުންދާ ކުދިންނަށް، އެމީހުން މެއިންސްޓްރީމް ކުރުމަށް، ނޫނީ މުޖްތަމަޢުގެ ފުރިހަމަ ބައިވެރިންގެ ގޮތުގައި ހެދުމަށްޓަކައި މިކުރެވޭ ކޮންމެ މަސައްކަތެއްގައި، އަޅުގަނޑުމެންނަށް މިއަދު ފެނިގެން މިދަނީ، ދިވެހި ވިޔަފާރިވެރިން ހަމަ ވަރަށް ވަރުގަދައަށް ސަރުކާރަށް ތާއީދު ކުރައްވައޭ، ތިޔަކުދިންނަށް ތާއީދު ކުރައްވައޭ. އެހެންވެގެން ދިވެހިރާއްޖޭގައި އުފެދޭ ކޮންމެ ވަޒީފާއަކީ، ދިވެއްސެއްގެ ވަޒީފާ ކަމަށް މިއަދުވެސް ތިޔަކުދިންގެ ހިތުގައި އެބަ ކަށަވަރުވާންޖެހޭ. ދިވެހިންގެ ވަޒީފާތަކަކީ ދިވެހިންނަށް ހުރި ވަޒީފާތައް. އެކަމަކު އެއާއެކީވެސް ތިޔަކުދިން ގަބޫލުކުރަންވާނެ، ތިޔަކުދިންގެ މުރާލިކަމާއި، ތިޔަކުދިންގެ ފަންނާއި، ފަންނުވެރިކަން ދައްކާ މިންވަރަކުން ނޫނިއްޔާ، ތިޔަކުދިންނަށް ވަޒީފާގައި ދެމިތިބުމުގެ ފުރްޞަތެއްވެސް ތިޔަކުދިންނަކަށް ހަމަ ނުވެސް އޮންނާނެ.
 
އެމްޕްލޯޔަރަކީ އޭނަ މުސާރަދީގެން އަދި އެކޮމޮޑޭޝަންވެސް ދޭންޖެހޭ ފަހަރު ދީގެން، މިމަސައްކަތް ކުރާ ކަމަށްވަންޏާ، ތިޔަކުދިންގެ ފަރާތުން އައުޓްޕުޓް، ތިޔަކުދިންގެ މަސައްކަތުގެ ނަތީޖާތަކެއް ބޭނުންވާނެ މީހުން. އެކުއްޖަކަށް އާދެވޭ ދުވަހަކު އައިސްލާފައި، ސަލާން ބުނެލަންވީމަ ސަލާން ބުނެލާފައި، ޕިކްނިކެއް ދާންވީމަ ޕިކްނިކް ދާކަމަށްވަންޏާ، މިއީކީ އެއްވެސް އެމްޕްލޯޔަރަކު، ދުނިޔޭގެ އެއްވެސް ތަނެއްގައި ޓޮލަރޭޓް ކުރާނެ، ގަބޫލުކުރާނެ ކަންކަމެއް ނޫން. އެހެންވީމާ، ތިޔަކުދިން ގަބޫލުކުރާތި، ތިޔަކުދިންނަށް ތިޔަ ލިބުނު ފުރްޞަތަކީ، ޝައްކެއްވެސްނެތްގޮތުގައި، ދިވެހިރާއްޖޭގައި މިގޮތަށް އިންތިޒާމެއްގެ ދަށުން ހިންގުނު ޕްރޮގްރާމެއްގެ ދަށުން ހަމަ ތިޔަކުދިންނަކީ ވަރަށް އޮނަރަބްލް ފުރަތަމަ ބެޗްގެ ގްރެޖުއޭޓުން. ހަމަ ފަށްފަށުން ތިޔަކުދިންނަށް ޝުކުރު ދަންނަވަން. އަދި މަރްޙަބާ ކިޔަން. އަދިވެސް ހަމަ ބުނަން ބޭނުންވާނީ، ތިޔަ ދާއިރާގައި ކުރިއަށް ދާން ބޭނުންވާ ކުދިންނަށް، ކުރިއަށް ދިޔުމުގެ ހިތްވަރު ދޭންވެސް ބޭނުމޭ. އެކަމަކު އެއާއެކީވެސް ބުނަން ބޭނުންވަނީ، ހަމަ މާދަމާވެސް މަދްރަސާ ނިންމާފައި، މަސައްކަތަށް ނުކުންނަވަރަށް، ތިޔަކުދިންނަށް ތިހިރީ ކޮންމެވެސްވަރެއްގެ މާކެޓަބަލް ސްކިލްތަކެއް، ނޫނިއްޔާ ވަޒީފާގައި އުޅެވޭނެވަރުގެ ހުނަރުވެރިކަމެއް، ޤާބިލުކަމެއް ތިހިރީ ތިޔަކުދިންނަށް، ސަރުކާރުގެ ޕްރޮގްރާމްތަކުގެ ތެރެއިން އަދި ޕްރައިވެޓް ސެކްޓަރގެ ކުންފުނިތަކުގައި ތިޔަ ކުދިންނަށް އިންޓަރންޝިޕް، ފުރްޞަތު ލިބުނު މިންވަރަކުން ތިޔަކުދިންނަށް އިންޓަރންޝިޕް އަދާކުރުމުގެ ފުރްޞަތު ލިބުނީމަޔާއެކީ، ތިޔަކުދިންނަށް އެ ކޮންފިޑެންސާއި، އެ ސްކިލްތައް ތިޔަކުދިންނަށް މިއަދު ތިހިރީ ލިބިފައި.
 
އެހެންވީމާ، އިރާދަކުރެއްވިއްޔާ ތިޔައިން އެއްވެސް ކުއްޖަކީ މަސައްކަތުން ބާކީވާނެ ކުއްޖެއް ނޫން. އެހެންވެގެން އަޅުގަނޑުމެންގެ ޝިޢާރެއްގެ ގޮތުގައި، ތަޢުލީމީ ދާއިރާއަށް ކަނޑައަޅާފައި މިއޮތީ، [އެއްވެސް ކުއްޖަކީ ކިޔެވުމުގެ ނިޒާމުން ނޫނިއްޔާ ކިޔެވެލީގެ ދަސްވެނިވުމުގެ ނިޒާމުން ބާކީވާނެ ކުއްޖެއް ނޫނޭ] އޯ ލެވެލް ރަނގަޅަށް ނިންމާ ކުދިން، އޭ ލެވެލް ރަނގަޅަށް ނިންމާ ކުދިން، އަދި މަތީ ތަޢުލީމަށްދާ ކުދިންނަކީ އެއް ސްޓްރީމް. އަނެއް ސްޓްރީމަކީ، އެ ހިސާބަށް ދިޔުމުގެ ޤާބިލުކަން، ނޫނީ އެހިސާބަށް ދިޔުމުގެ ޝައުޤުވެރިކަން ނެތް ކުދިންނަށް ވެއްޖިއްޔާ، މިދެންނެވި ކަހަލަ ފަންނީ ތަޢުލީމް، ޓެކްނިކަލް އެޑިޔުކޭޝަން ހޯދައިދީގެން، ތިޔަކުދިންނަކީ ބާކީނުވެ، އިޤްތިޞާދުގައި މުހިންމު ބަޔަކަށް ހެދުމުގެ މަސައްކަތް، ސަރުކާރުން ކޮށްދޭނަމޭ. އިރާދަކުރެއްވިއްޔާ މިއަދު މި ފެނިގެން ދިޔައީ އެ މަސައްކަތް. އަޅުގަނޑުމެން މި މަސައްކަތުގައި ކުރިއަށްދާން ބޭނުންވޭ. ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް، ތަފާތު އެކި ދާއިރާތަކުގެ ތަމްރީނުގެ މަޝްރޫޢުތައް އެހެރީ މިއަންނަ އަހަރަށް ރޭވިފައި. މިހާރުވެސް އެދަނީ ފާމަސިސްޓުން، ހަސަތޭކަ ކޮންމެވެސް ފާމަސިސްޓުންނެއް ތަމްރީނު ކުރުމުގެ ޕްރޮގްރާމް. އަދި އެ ޕްރޮގްރާމްތައް ހިނގަމުން އެދަނީ، އެކުދިން، އެކުދިން ދިރިއުޅޭ ރަށުގައި ތިބެގެން. އަދި އެއާއެކީ މިއަންނަ އަހަރަކީ، މިއީ ދިވެހި ޒުވާނުންނަށް، އާ ދިވެހި ޒުވާން ވިޔަފާރިވެރިން އުފެއްދުމަށާއި، ކުދި ލޯނާއި، މެދު ފަންތީގެ ލޯނު ދިނުމުގެ މަސައްކަތްތަކެއް ރޭވެމުންދާ އަހަރު ކަމަށްވާތީ، މި އަންނަ އަހަރު، ހަމަ މި ޕްރޮގްރާމްގެ ދަށުން މިއޮތީ ފަށްޓަވައިދެއްވާފައި. އެއްހާސް އެތައް ކުދިންނަކަށް ސްމޯލް އެންޑް މީޑިއަމް ސްކޭލް ބިޒްނަސަސް ފަށްޓާއިރު، އެކުދިންނަށް ބޭނުންވާނެ މުހިންމު މަޢުލޫމާތުތަކެއް އުނގަންނައިދިނުމުގެ ޕްރޮގްރާމްތައް ފެށިގެން މިދަނީ. ސަރުކާރަށް ކޮށްދެވޭނީ މަސައްކަތް. ހިތްވަރު ނުކުންނަންވާނީ ތިޔަކުދިންނާ ހަމައިން. ހިތްވަރާއެކީގައި މަސައްކަތް ކޮށްފި ކަމަށްވަންޏާ، ތިޔަ ކުދިންނަށް ﷲ ކާމިޔާބު މިންވަރު ކުރައްވާނެ.
 
އެހެންވީމާ، މިއަދަކީ އުފާވެރި ދުވަހެއް. މާދަމައަކީ ތިޔަ ކުދިން އުފާވެރިކަމާއެކީ ހަމަ މަސައްކަތަށް ނުކުތް ކަމުގައިވީނަމަވެސް، ތީގެ ތެރެއިން އަޅުގަނޑުމެންނަށް ދެންމެ އިވިގެންދިޔަ ގޮތުން ވެއްޖިއްޔާ، ތީގެތެރެއިން ގިނަ ކުދިންނަކީ މިހާރުވެސް ވަޒީފާ ކަށަވަރުވެފައިވާ ކުދިން. އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން، މައިންބަފައިންނަށް ވަރަށް މުހިންމުވެގެން އެބަދޭ، ކުދިންގެ ތެރޭގައި، ކިޔަވަން އުޅޭއިރުވެސް، ގޭގައި ފްރިޖް ހަލާކުވެއްޖެ ކަމަށްވަންޏާ، އެއަށް އެޓެންޑް ކޮށްލެވޭވަރުގެ ކުދިން އުފައްދަން ބޭނުންވޭ. ވަޔަރިންގ ގޯސްވެއްޖެ ކަމަށްވަންޏާ، ނޫނީ ބޮތްކެއް ބަދަލުކޮށްލަން ބޭނުން ވެއްޖިއްޔާ، އެވަރު ކޮށްލަން ބޭނުންވާ ކުދިން ބޭނުންވޭ. އެހެން ނޫނިއްޔާ ހަމަ އަނެއްކާވެސް ޔެލޯ ޕޭޖަސް ބަލާފައި، އިންތިޒާރުތަކެއްގައި ތިބެންވީ. މީހަކު އައިސް މިކަން ކޮށްދޭނީ ކިހާ ދުވަހަކުންތޯ. އެހެންވީމާ، މިކަހަލަ ބޭސިކް ސްކިލްސް އަހަރުމެންނަށް އެނގެންވާނެ.
 
އެކަމަކު އެއާއެކީވެސް ނިންމާލަމުން ހަމަ ބުނެލާނަން، ފިރިހެން ކުދިން މިކަހަލަ މަސައްކަތް ކުރާއިރު، ކަށިން ވިޔުމުގެ މަސައްކަތް، "ކުރޮޝޭ" މަސައްކަތްކުރާއިރު ހަމަ ވަރަށް އަންޓައިޑީކޮށް މަސައްކަތް ކުރާނީ. އެކަމެއް ފިރިހެން ކުދިންނަކަށް ނުކުރެވޭނެ. އެހެންނަމަވެސް، ރެފްރިޖަރޭޝަން، މެކެނިކަލް މަސައްކަތް، ރިޕެޔަރ މަސައްކަތް، މިކަހަލަ ކަންކަމުގައި ފިރިހެން ކުދިންނަށް ހަމަ ޝައުޤުވެރިކަމާއެކީ ކުރިއަށް ދެވޭނެ. އަންހެން ކުދިންގެ ސްކިލް ހުރި ދާއިރާތައް ބައިވަރު. ނަރސިންގ، ފަރމަސީ އަދި މިނޫން ޓީޗިންގ، ބައިވަރު ދާއިރާތައް އެބަހުރި.
 
އެހެންވީމާ، ހުރިހާ ކުދިންނަށްވެސް އަދި ދެން މަދްރަސާގައި މިހާރު ކިޔަވަމުންދާ ކުދިންނަށްވެސް އަޅުގަނޑު ދޭން ބޭނުންވާ މެސެޖަކީ، ތިޔަކުދިންނަށް ކެރޭ ކަމަށްވަންޏާ، ތަޢުލީމީ ދާއިރާއިން، ފޯމަލް އެޑިޔުކޭޝަންގެ ދާއިރާއިން ހަމަ ދާން ބޭނުންވާ އެންމެ ދުރަށް ދިޔުމުގެ ފުރްޞަތު އެބައޮތޭ. ސްކޮލަރޝިޕާއި، ޕާރޝަލް ސްކޮލަރޝިޕްގެ އެތައް ބައިވަރު ފުރްޞަތުތަކެއް، ސަރުކާރާއި ޕްރައިވެޓް ސެކްޓަރާ ގުޅިގެން މަސައްކަތްތަކެއް އެބަ ކުރެވެމުންދޭ. ހަމައެއާއެކީ ތަޢުލީމީ ނިޒާމުން އެއްވެސް ކުއްޖަކު ބާކީވިޔަ ނުދިނުމަށްޓަކައި މިކުރެވޭ މަސައްކަތުގެ ތެރޭގައި، މިދެންނެވި ކަހަލަ ޓިވެޓް ޓެކްނިކަލް އެޑިޔުކޭޝަން ޕްރޮގްރާމްތަކާއި، ދަސްވާރު ޕްރޮގްރާމްތަކުގެ ކޯސްތައް މި ހިނގަނީ. މީގެ ބޭނުމަކަށްވާނީ، ނުވަދިހަ ހަތަރުހާސް ވަޒީފާ އުފައްދަން ބޭނުންވާއިރު، މިއީ ވަޒީފާތަކަށް ނުކުންނާނެ، ކޮންމެވެސްވަރެއްގެ ތަމްރީނު ލިބިފައި ތިބި ކުދިންތަކަކަށް ވާންޖެހޭނެ.
 
އެހެންވީމާ، ނުވަދިހަ ހަތަރުހާސް ވަޒީފާ ހޯދުމަށް މިކުރާ މަސައްކަތުގެ ތެރޭގައި، އެޅޭ ފުރަތަމަ ފިޔަވަޅުތަކުގެ ތެރޭގައި، މިދަނީ މިދެންނެވި ކަހަލަ ޓެކްނިކަލް އެޑިޔުކޭޝަން، ނޫނީ މަސައްކަތް ދަސްކުރުމުގެ ޕްރޮގްރާމް. އެއްވެސް ގޮތަކަށް ގަބޫލުނުކުރާތި، މިއީ ދަށް ވަޒީފާއެކޭ. އެއްވެސް ގޮތަކަށް ގަބޫލުނުކުރާތި، މިއީ ދަށް ކިޔެވެއްޔެކޭ. ހަމަ އީކްއަލީ އިމްޕޯރޓަންޓް. މި ކިޔެވުމާ ނުލައި، ހަމައެކަނި ޕްރޮފެސަރުންތަކެއް، ޤައުމަށް ބިނާކުރަން ނުކުތަކަސް، އެކަމެއް ނުވާނެ. ޕްރޮފެސަރުންނަކަށް ނޭނގޭނެ، އަތްދިގު ގަމީހެއްގެ އަތް އޮޅާލާކަށްވެސް. ވަރަށް ބޮޑަށް ޝުކުރިއްޔާ.
 
 والســّلام عليــكم ورحـمــةاللّـه وبـركاتـه