ދިވެހިރާއްޖޭގައި ވަޒީފާތައް މި އުފައްދަނީ ބިދޭސީން އައިސް މަސައްކަތް ކުރަން ނޫން ކަމަށާއި، މި ވަޒީފާތައް އުފައްދަނީ، ޒުވާން ދިވެހި ކުދިންނަށް ވަޒީފާ ހޯދައިދޭން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެހެންނަމަވެސް، މަސައްކަތުގެ މައިދާނަށް ނުކުންނަ އިރު އެކުއްޖެއްގެ މުރާލިކަމާއި، ފަންނުވެރިކަން ދައްކާ މިންވަރަކުން ނޫނީ، އެކުއްޖަކަށް ވަޒީފާގައި ދެމިތިބުމުގެ ފުރްޞަތު ނޯންނާނެކަން ޤަބޫލު ކުރަންޖެހޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސްކޫލް ނިންމާ ކުދިންނަށް ފަންނީ މަސައްކަތް ދަސްކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހިންގެވި "ދަސްވާރު ޕްރޮގްރާމް 2014"ގެ ބައިވެރިން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްލާމީ މަރްކަޒުގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ދިވެހިންނަށް ވަޒީފާތައް އުފައްދައިދިނުމާއި، ދަސްވާރު ޕްރޮގްރާމް ފަދަ ވޮކޭޝަނަލް ޓްރެއިނިންގ ޕްރޮގްރާމްތަކުގެ ބޭނުމަކީ، ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ހިއްސާކުރާ ޒުވާނުންނަކީ، އަމިއްލަ ނަފްސުގެ މައްޗަށް އިތުބާރު އޮތް، މަސައްކަތް ކުރަން ކެރޭ، މަސައްކަތަށް ޤާބިލު ބަޔަކަށް ހެދުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމަމިއާއެކު، ދަސްވާރު ޕްރޮގްރާމްގެ ތެރެއިން ދަސްކޮށްނުދެވޭ ކަންތައްތަކެއްވެސް ހުންނާނެ ކަމުގައި ވިދާޅުވެ، ކިތަންމެ މޮޅަށް މަސައްކަތް ކުރަން ދަސްވެފައި ހުރި ކުއްޖެއްވިޔަސް، އަދި ކިތަންމެ ހުނަރުވެރި ކުއްޖެއްވިޔަސް، މަސައްކަތުގެ އަޚްލާޤަކީ ކުއްޖާ އަމިއްލައަށް އަށަގަންނުވަންޖެހޭނެ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޤައުމެއް ނުވަތަ އިޤްތިޞާދެއް ބިނާކުރެވޭނީ، ތަޢުލީމުގެ އިތުރަށް ފަންނީ މަސައްކަތްކުރަން ދަސްވެގެން ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ވޮކޭޝަނަލް ޓްރެއިނިންގ ފުރިހަމަކުރާ ކުދިންނަކީ މަތީ ތަޢުލީމު ފުރިހަމަ ކުރާ ކުދިންނާ އެއްވަރަށް، ދިވެހިރާއްޖޭގެ އިޤްތިޞާދުގައި ހިއްސާކުރާ ކުދިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ދަސްވާރު 2014ގެ ދަށުން މިއަދު ދަސްވެނިވި ކުދިންނަކީ، މި ސަރުކާރުގެ ފަޚުރު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، ދަސްވާރު 2014ގެ ދަސްވެނީންނަށް ސެޓްފިކެޓް ހަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރއްޔާއެވެ. އަދި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ނެރުއްވި "ތަހުޒީބު މުޖުތަމަޢަކަށް ތަރުބަވީ ތަޢުލީމު" ފޮތުގެ ފުރަތަމަ ކޮޕީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމަށް ވެދުމަށް އެރުވިއެވެ.