ރާއްޖޭގެ ކުޅިވަރުގެ މައިދާނުގައި ހަރަކާތްތެރިވާ ރެޑް ލައިން ކްލަބްގެ ކުޅުންތެރިންގެ ތެރެއިން 2013 ވަނަ އަހަރާއި 2014 ވަނަ އަހަރު އެންމެ ފާހަގަކޮށްލެވުނު ކުޅުންތެރިންނަށް އެވޯޑު ދިނުމަށް ބޭއްވި "ރެޑް ނައިޓް 2014" ގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންފިއެވެ.

މިރޭ ނަސަންދުރަ ޕެލެސް ހޮޓެލްގައި ބޭއްވި މި ޙަފްލާގައި، ކުޅުންތެރިންނަށް އެވޯޑުތައް ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

މިރޭގެ ޙަފްލާގައި، ކުޅިވަރާއި ޒުވާނުންގެ ކުރިއެރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކޮށް، "ޒުވާނުންގެ ރައީސް"ގެ ނަމުގައި ހަނދާނީ ފިލައެއް ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. މީގެ އިތުރުން، ރެޑް ލައިން ކްލަބްގެ ބާސްކެޓްބޯޅަ ޓީމަށް އެކި ގޮތްގޮތުން އެހީތެރިވެވަޑައިގަންނަވާ ފަރާތްތަކަށް އެކަމުގެ އަގުވަޒަންކޮށް، ހަނދާނީ ފިލާ އެރުވިއެވެ.