بســم اللّـه الرّحمـن الرّحيــم

      
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
ހުޅުދޫމީދޫގެ އެންމެހާ ލޮބުވެތި ރައްޔިތުން، އައްޑޫސިޓީގެ އެންމެހާ ލޮބުވެތި ރައްޔިތުން، މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ އެންމެހާ ބޭފުޅުން، ދުރާއި ގާތުން މި ޖަލްސާ ބައްލަވަމުން، އައްސަވަމުން ގެންދަވާ އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
އާދެ! އަޅުގަނޑުގެ ވާހަކަ ފަށާނީ، ޝުކުރުގެ ވާޖިބުގެ ދެ އައިޓަމެއް ފުރިހަމަކުރުމަށްފަހު. އެންމެ ފުރަތަމަ އުފަލާއެކީ އަޅުގަނޑު އަދާކުރާ ވާޖިބަކީ، ހުޅުދޫމީދޫގެ ލޮބުވެތި ރައްޔިތުންގެ ހިތްޕުޅުގައި، އަޅުގަނޑާ ދޭތެރޭގައި އުފެދިފައި ތިޔައޮތް އިޚްލާޞްތެރިކަމާއި ގާތްކަން ރަމްޒުކޮށްދިނުމުގެ ގޮތުން، ހުޅުދޫމީދޫގެ ފަރާތުން ދެއްވާ އެންމެ މަތިވެރި ޝަރަފް، އަޅުގަނޑަށް ދެއްވި ކަމަށްޓަކައި، ތިޔަބޭފުޅުންގެ ތިޔަ އިޚްލާޞްތެރިކަމަށް ފަށްފަށުން ޝުކުރު ދަންނަވަމުން އަދި ތިޔަބޭފުޅުން އަބަދުވެސް އަޅުގަނޑާ ދޭތެރޭގައި ތިޔަ ބަހައްޓަވާ ގާތްކަމަކީ، އަޅުގަނޑުވެސް ވަރަށް އިޚްލާޞްތެރިކަމާއެކީ ބަލައިގަންނަ ވާހަކައެކޭ ދަންނަވަން.
 
ދެވަނަ ޝުކުރުގެ ވާޖިބެއްގެ ގޮތުގައި، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހުޅުދޫމީދުއަށް އައުމުން، އަޅުގަނޑާއި އަޅުގަނޑުގެ ވަފްދަށް ތިޔަ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި އަނެއްކާވެސް ހަމަ ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަމޭ. އަދި އެއާއެކީ، އައްޑޫސިޓީއަށް މިއަދު ހަވީރުގެ ވަގުތެއްގައި އަޅުގަނޑު އައުމާއެކީ، އައްޑޫސިޓީގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވީ ވަރަށް ހޫނު މަރްޙަބާއެއް. އެކަމަށްޓަކައި ތިޔަބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަނީ، ކޮންމެފަހަރަކުވެސް އައްޑޫސިޓީއަށް އަޅުގަނޑު އައުމުން، ހަމަ މިވަރުގެ ހޫނު މަރްޙަބާއެއް އަބަދުވެސް ދެއްވަމުން ގެންދަވާފައިވާތީ، އައްޑޫސިޓީއާއި އަޅުގަނޑާ ދޭތެރޭގައި އޮތް ގާތްކަން، އަޅުގަނޑުވެސް ހަމަ އުފަލާއެކީ އަޅުގަނޑުގެ ހިތަށް ގެންނަމުން އަދި އެކަން ތިޔަބޭފުޅުން ބަލައިގަންނަވާތީ، އިޚްލާޞްތެރިކަމާއެކީ ހަމަ ޝުކުރު ދަންނަވާ ހާލުގައި.
 
އާދެ، އައްޑޫސިޓީގެ ތަރައްޤީގެ މަސައްކަތްތައް ފެށިފައިވަނީ، ރައީސް މައުމޫންގެ ޒަޢާމަތުގެ ކުރީކޮޅުގައި. އިއްތިފާޤެއްގެ ގޮތުން، ﷲގެ ރަޙްމަތާއެކީ، އައްޑޫސިޓީގެ ދިރުމާ، ނޫނިއްޔާ އޭރު ކުރިއަށް ގެންދެވުނު މަޝްރޫޢުތަކާ އަޅުގަނޑާ ދޭތެރޭގައި ވަރަށް ގާތް ގުޅުމެއް އޮތް. އޭ.ޑީ.އޭ.ގައި މަސައްކަތްކޮށް، އައްޑޫސިޓީގެ ރައްޔިތުންނަށް އޭރު ބޭނުންވި ކަންތައްތަކެއް ކުރުމުގައި، ކޮންމެވެސްވަރެއްގެ ވަސީލަތެއްގެ ގޮތުގައި އަޅުގަނޑަށް ޙަރަކާތްތެރިވުމުގެ ރަނގަޅު ފުރްޞަތު، ނޫނިއްޔާ އުފާވެރި ފުރްޞަތު އަޅުގަނޑަށް ލިބިފައިވޭ. އެހެންވީމާ، އަޅުގަނޑަށް އައްޑޫސިޓީއަށް ޚިދްމަތް ކުރުމުގެ ދެވަނަ ފުރްޞަތެއް އިރާދަކުރެއްވިއްޔާ މި ލިބެނީ، ހުރިހާ ކަމެއް ނިންމުމުގެ ވަރުގަދަ މަސްއޫލިއްޔަތާއި ވާޖިބު، އަޅުގަނޑުގެ ކޮނޑުގައި ދިވެހި ރައްޔިތުން އެޅުއްވީމާ.
 
އެއާއެކީ ހަމަ ދަންނަވާލަން ބޭނުންވަނީ، އައްޑޫސިޓީއަކީ، އައްޑުއަތޮޅަކީ އަބަދުވެސް އަޅުގަނޑަށް ވަރަށް ޚާއްޞަ އަތޮޅެކޭ. އައްޑުއަތޮޅަކީ ވަރަށް އާބާދީ ބޮޑު، އިޤްތިޞާދީ ތަރައްޤީއާއި ވަސީލަތް އެހާމެ ފުޅާ އަދި ވިސްނުމުގެ ގޮތުންނާއި، ޙަރަކާތްތެރިކަމުގެ ގޮތުން މިތާ ވަރަށް އެކުވެރި އަދި އެހާ މުރާލި، ހީވާގި ރައްޔިތެއް އޮތް އަތޮޅަކަށްވާތީ. މިތަނަކީ އިޤްތިޞާދީ ފުރްޞަތު ތަނަވަސް، ޖާގައިގެ ގޮތުން އަޅުގަނޑުމެން ދާން ބޭނުން ކަމެއް ނިންމައިފި ކަމަށްވަންޏާ، ހަމަ އިޤްތިޞާދީ ތަރައްޤީ އެންމެ ފުރިހަމައަށް ގެނެވޭނެ އަތޮޅު ކަމަށް އަޅުގަނޑު ގަބޫލުކުރާތީ. އަނެއްކާވެސް އައްޑޫސިޓީއަށް ޚިދްމަތް ކުރުމުގެ ފުރްޞަތު ލިބުނީތީ، ހަމަ ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަމުން، އަޅުގަނޑުވެސް، އިސްވެ ވާހަކަފުޅު ދެއްކެވި ބޭފުޅުން ވިދާޅުވިގޮތަށް، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ރައްޔިތުންނަށް ތަރައްޤީ ގެނައުމަށްޓަކައި މިކުރާ އިލްތިމާސަކީ، އަޅުގަނޑުގެ އެދުމަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ރައްޔިތުންނަށް ކުރިއެރުން ގެނެސްދޭން ކުރާ މަސައްކަތަކަށްވާތީ، މިކަމުގައި ބައިވެރިވެވަޑައިގެން ދެއްވުމަކީ، ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކީ އަޅުގަނޑު ކުރާ އިލްތިމާސެކޭ.
 
އާދެ، މިރެޔަކީ ޝައްކެއްވެސްނެތްގޮތުގައި ވަރަށް އުފާވެރި އިޙްތިފާލުތަކެއް ބޭއްވެމުންދާ ރެއެއް. މިރޭ އައްޑޫސިޓީގެ ހުޅުދޫމީދޫގައި މި ފެށިގެން މިދަނީ ވަރަށް ވަރުގަދަ ދެ މަޝްރޫޢު. އެހާމެ މުހިންމު ދެ މަޝްރޫޢު. އައްޑޫ ރައްޔިތުން، ފެނާއި ނަރުދަމާގެ ނިޒާމަށް ކެތްމަދުވެފައި ތިއްބަވާތާ ދުވަސްތަކެއްވެއްޖެ. ހަމައެހެންމެ، އައްޑޫ ރައްޔިތުން، މިއަދު މި އިޙްތިފާލު ކުރެވެމުންދާ ދެވަނަ މަޝްރޫޢަކީ  މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސްއެއްގެ ބިންގާ މިތާ އެޅިގެންދާ މަޝްރޫޢު. މިދެކަމަކީވެސް އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި، އެއްގޮތަށްވުރެ ގިނަ ގޮތުން އައްޑޫސިޓީގެ ރައްޔިތުންނަށް މުހިންމު ދެ މަޝްރޫޢު. ފެނާއި ނަރުދަމާގެ ނިޒާމު ފުރިހަމަވެގެންދާތަން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ރާއްޖޭގެ އާބާދީގެ ދެވަނަ އަތޮޅުގައި. އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި އަދި ދެންމެ މިތާ ވާހަކަފުޅު ދެއްކެވި ބޭފުޅުން އެ ވިދާޅުވި ފަދައިން، އައްޑޫސިޓީގެ ފެނުގެ ނިޒާމު، ސާފު ބޯފެން ލިބުމުގެ ނިޒާމު، 2015 ވަނަ އަހަރު ނިމުމުގެ ކުރިން، އައްޑޫސިޓީގެ ހުރިހާ ރަށެއްގައި ޤާއިމުވެގެން، ހަމަ ގޭގެޔަށް ޕައިޕް ވޯޓަރ ލިބޭ އުޞޫލުން ބޯފެން ލިބިގެންދާނެކަން.
 
 އާދެ، މިއީ ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑު އުފާކުރަންޖެހޭ ކަމެއް. ޚާއްޞަ ގޮތެއްގައި، އަޅުގަނޑުމެން މާލެއިން މިއަންނަ މީހުންނަށް މިއީ ކިހާވަރެއްގެ ކަމެއްކަން، އަޅުގަނޑުމެންގެ ހިތަށް ގެނެވެނީ، މީގެ ދެތިން ހަފްތާ ކުރިން މާލެއަށް ދިމާވި ފެނުގެ ކާރިސާގައި، ރައްޔިތުން އުޅެން ޖެހުނު ދަތި ވޭން އިޙްސާސްކުރާ ވަގުތެއްގައި. އާދެ، އައްޑޫސިޓީގެ ހުރިހާ ރަށަކަށް ފެނުގެ ނިޒާމު، 2015 ވަނަ އަހަރު ނިމިގެންދިޔުމަކީ، އަޅުގަނޑު ހިތުން އައްޑޫގެ ރައްޔިތުން އިޚްލާޞްތެރިކަމާއެކީ ބަލައިގަންނަވާނެ ޚިދްމަތެއް.
 
އާދެ، ހަމައެއާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މުޅި އައްޑޫސިޓީގެ ހުރިހާ ރަށެއްގައި، ނަރުދަމާ ނިޒާމު ޑިޒައިން ކުރުމުގެ މަސައްކަތް މިހާރުވަނީ ހުޅުވައިލެވިފައި. އައްޑޫސިޓީގެ ނަރުދަމާ ނިޒާމުގެ ޑިޒައިން ނިމިގެން އިރާދަކުރެއްވިއްޔާ، އަޅުގަނޑަށް ކަށަވަރުވެފައި އޮތް ގޮތުން ވެއްޖިއްޔާ، ދިވެހިރާއްޖޭގެ ބަޖެޓުންނާއި، ބޭރުގެ އެހީގެ ފައިސާޔާއެކީ، 2016 ވަނަ އަހަރުގެ ނިޔަލަށް ދާންވާއިރަށް، އައްޑޫސިޓީގެ ހަމަ ހުރިހާ ރަށެއްގައި ނަރުދަމާ ނިޒާމު ހަމަޖެހިގެންދާނެ. ޝައްކެއްވެސްނެތްގޮތުގައި، އަތޮޅުތަކަށް ބަލާކަމަށްވަންޏާ، ފެނާއި ނަރުދަމާ ނިޒާމު ފުރިހަމަވެގެން، އާދެ، އެންމެބޮޑު ދެ މަޝްރޫޢު ފުރިހަމަވެގެން މިދަނީ އައްޑުއަތޮޅުގައި. އެހެންވީމާ، ހަމަ ދަންނަވާލަން ބޭނުންވަނީ، މިކަންކަމަކީ، ކުރިއަށް އޮތް އިޤްތިޞާދީ މަސައްކަތް ކުރުމަށްޓަކައި އައްޑޫސިޓީއަށް ކޮންމެހެންވެސް ބޭނުންވާ ކަންކަމޭ. ހަމައެހެންމެ، އިޖްތިމާޢީ ހަމަޖެހުމާއި، ރައްޔިތުންނަށް ލުއިފަސޭހަ ލިބުމަށްޓަކައިވެސް ފެނާއި ނަރުދަމާގެ ނިޒާމު ހަމަޖެހިގެން ދިޔުމަކީ މުހިންމު ކަމެކޭ.
 
ދެން އޮތީ ޒުވާނުންނަށް ވަޒީފާ ހޯދައިދޭން ކުރާ މަސައްކަތް. މި ސަރުކާރުން ޒުވާނުންނަށް ވަޒީފާ ހޯދައިދޭން ކުރާ މަސައްކަތުގައި، އަޅުގަނޑަށް ގަބޫލުކުރެވެނީ، މާލެ ނަގާފައި، ޒުވާނުންނަށް އެންމެ ބޮޑަށް ވަޒީފާ ބޭނުންވާ މިންވަރު އިޙްސާސް ކުރެވޭނެ އެއް އަތޮޅަކަށްވާނީ ނޫނީ ސިޓީއަށްވާނީ އައްޑޫސިޓީ. އެންމެ ގިނަ ޒުވާނުން މިވަގުތު ކުރައްވާނެ މާގިނަ އިޤްތިޞާދީ މަސައްކަތެއް ނެތީމަޔާއެކީ، ޒުވާނުންނަށް ވިސްނޭނެ ކިހާވަރެއްގެ ކަމެއްކަން، ޒުވާނުންނަށް ވަޒީފާ ލިބިގެންދިޔުމަކީ. މިރޭ މި އިޙްތިފާލު ކުރެވިގެންދާ ނޫނީ ފެށިގެން މިދާ މަސްވެރިކަމުގެ ކޮމްޕްލެކްސް އިން އެކަނިވެސް އަޅުގަނޑަށް އެނގޭގޮތުން ވެއްޖިއްޔާ، ސީދާ ވަޒީފާގެ ގޮތުން ދުއިސައްތަ އެތަކެއް ޒުވާނުންނަށް ވަޒީފާގެ ފުރްޞަތު ލިބިގެންދާނެ. އަދި، މިފަދަ ބޮޑު މަޝްރޫޢެއް މިތާ ހިނގާތީ، މިޔާއެކީ އުފެދޭނެ އެކިއެކި ލިންކޭޖް އިންޑަސްޓްރީތަކަށް ބަލާކަމަށްވަންޏާ، މިއީ ވަރަށްގިނަ ތަފާތު ވަޒީފާގެ ފުރްޞަތު ހުޅުވިގެން، ޒުވާނުންނަށް އެކަމުގެ ހިތްހަމަޖެހުމާއި އަދި ޖީބުތައް ތަނަވަސްވެގެން ދިޔުމުގެ އިތުރު ފުރްޞަތެއް ލިބިގެންދާ ކަމެއް.
 
އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި މި ދެ މަޝްރޫޢަކީ، މިއަތޮޅަށް، މި ސިޓީއަށް ބޭނުންވާ ވަރަށް މުހިންމު ދެ މަޝްރޫޢު. އެޔާއެކީ އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، މި ދެ މަޝްރޫޢު ކުރިއަށް ގެންގޮސްދެއްވާ ދައުލަތުގެ ވަޒީރުންނާއި، މި ދެ ކުންފުނީގެ މެނެޖިންގ ޑިރެކްޓަރުންނާއި، ބޯޑުގެ މެންބަރުންނާއި، ހީވާގި މުވައްޒަފުންނަށް، ސަރުކާރުގެ މި އެޖެންޑާ ކުރިއަށް ގެންދިޔުމުގައި، ތިޔަބޭފުޅުން ތިޔަ ބަހައްޓަވާ ގާތްކަމާއި އަދި ސާބިތުކަމަށްޓަކައި ތިޔަ ދެ ކުންފުނީގެ އިސްވެރިންނަށް އަދި ދެ ކުންފުނިން ނޫނިއްޔާ މި މަޝްރޫޢުތައް ހިންގަވާ ވަޒީރުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކީ، ހަމަ މިރޭގެ މުނާސަބަތުގައި ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ ދަންނަވަން.
 
އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންނަށް ރައްޔިތުންނަށް ޚިދްމަތް ކުރަން ލިބިފައި އޮތް 5 އަހަރުގެ ތެރެއިން ދެން ބާކީ މިއޮތީ 4 އަހަރު. ފުރަތަމަ އަހަރުގެ ތެރޭގައި، ވަރަށްގިނަ ބިނާކުރަނިވި މަސައްކަތްތަކެއް ކުރެވިގެންދިޔައީ. ވަރަށްގިނަ އަސާސްތަކެއްގެ ބިންގާ އެޅުމުގެ މަސައްކަތްތަކެއް ކުރަމުން ދިޔައީ. ވަރަށްގިނަ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަސައްކަތްތަކެއް ކުރަމުންދިޔައީ. ފައިސާ ހޯދާނެ ގޮތްތަކަކާއި އަދި ރާވާނެ މަޝްރޫޢުތައް ކުރިއަށް ގެންދާނެ ތަންތަން ކަނޑައެޅުމުގެ މަސައްކަތްތަކެއް ހިނގަމުންދިޔައީ. އާދެ، އުފެއްދުމުގެ ނޫނީ ފޯމެޓިންގ މަސައްކަތްތަކެއް ކުރެވެމުންދިޔައީ. އެއާއެކީ ޢަމަލީ މަސައްކަތްތަކުގެ ނަތީޖާ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މިހާރު ފެންނަމުން މިދަނީ. މި ބާކީ އޮތް 4 އަހަރަކީ، ހަމަ ދަންނަވާލަން ބޭނުންވަނީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތައް ފޯރުކޮށްދިނުމާއި އަދި އެއާއެކީ ރައްޔިތުންނަށް ބޭނުންވާ ވަޒީފާގެ ފުރްޞަތާއި، ރައްޔިތުންނަށް ބޭނުންވާ އެހެން ކަންކަން ފޯރުކޮށްދޭން އަޅުގަނޑުމެން ކުރާ މަސައްކަތް. އަޅުގަނޑަކަށް ހަމަ ތެދުތެދަށް ދަންނަވާ ކަމަށްވަންޏާ، މިވަގުތަކު ސިޔާސީ މަސައްކަތް ކުރުމެއް މުހިންމެއް ނޫން. އެހެން މުހިންމު ނޫނީ ﷲގެ ހެޔޮ ރަޙްމަތާއެކީ، ރައްޔިތުންގެ މަޖިލީހުގެވެސް ބޮޑު އަޣްލަބިއްޔަތެއް، އަޅުގަނޑު މި ނިސްބަތްވާ ޕާޓީއަށް މިވަގުތު ލިބިފައި އެބައޮތް. ހަމައެހެންމެ، ދިވެހި ރައްޔިތުންގެ ތެރޭގައި އިރާދަކުރެއްވިއްޔާ މާލޭގަޔާއި އަތޮޅުތެރޭގެ ރަށްރަށުގައި، އަމާންކަމާއި ޞުލްޙަވެރިކަން ޤާއިމުވެފައިވޭ. އަދި އެއާއެކީ އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ރައްޔިތުންގެ ހިތްހަމަޖެހުމާއި، ރައްޔިތުން ކުރިއަށްދާން ޢަޒުމް ކަނޑައަޅާފައި ހުރި މިންވަރު. އެހެންވީމާ، ހުރިހާ ގޮތަކުންވެސް އިރާދަކުރެއްވިއްޔާ، އަޅުގަނޑަށް މި 4 އަހަރު، އަޅުގަނޑުގެ ހުރިހާ މަސައްކަތެއް އަމާޒުކުރަން މި ޖެހެނީ، ރައްޔިތުންނަށް ބޭނުންވާ ޚިދްމަތްތައް ފޯރުކޮށްދިނުމަށް. އޭގެތެރޭގައި، އިޖްތިމާޢީ ގޮތުން ބޭނުންވާ ކަންތައްތައް ހިމެނޭ.
 
އައްޑޫސިޓީގައި، ރަށެއްގައި ހުރެގެން ވާހަކަ ދައްކާ ކަމަށްވަންޏާ، ހަމަ ދަންނަވާލަންޖެހޭ އެއްކަމަކީ، އަންނަ އަހަރުގެ ބަޖެޓްގައިވެސް، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، އައްޑޫސިޓީއަށް ބަޖެޓްގެ ބޮޑު ބުރަދަނެއް ހިފާފައި އެބަވޭ. އޭގެތެރޭގައި، މިދެންނެވި މަޝްރޫޢުތަކުގެ އިތުރުން، އައްޑޫސިޓީގައި މިވަގުތު ބައިބޯ ރަށްރަށުގައި އަދި ބިމުގެ މުއްސަނދިކަން މިވަގުތު ނެތް ރަށްރަށުގައި، ބިން ބޮޑުކުރުމުގެ މަޝްރޫޢުތައްވެސް އެ އޮތީ މިއަންނަ އަހަރުގެ ބަޖެޓްގައި ހިމެނިފައި. އެހެންވީމާ، މިވަގުތު ބިން ފުރިގެން އިތުރަށް ގެދޮރު ދޫކުރާނެ ބިން ނެތް ރަށްރަށުގެ ރެކްލަމޭޝަން، ލޭންޑް ފިލިންގގެ މަސައްކަތްތައްވެސް އިރާދަކުރެއްވިއްޔާ 2015 ވަނަ އަހަރުގެ ބަޖެޓުން ކުރިއަށްދާނެ. އެހެންވީމާ، ދަންނަވާލަން މިއުޅެނީ، މިއުފެދޭ އިތުރު ފުރްޞަތުތަކުގެ ހެޔޮ ބޭނުން، އައްޑޫސިޓީގެ ރައްޔިތުން ބޭނުންކުރައްވާށޭ. އަދި އޭގެ ރަނގަޅު ފައިދާ، އައްޑޫސިޓީގެ ރައްޔިތުން ހޯއްދެވޭތޯ މަސައްކަތް ކުރައްވާށޭ.
 
ހަމައެއާއެކީ ދަންނަވާލަން ބޭނުންވޭ، ދިވެހިރާއްޖޭގައި އަލަކަށް ނޫން، އެހެން ނަމަވެސް މިހާރު އަޅުގަނޑުމެން އިތުރު މަސައްކަތްތަކެއް މިކުރަނީ، އިޢާދަކުރަނިވި ހަކަތަ، ދިވެހިރާއްޖެއަށް އިތުރަށް ތަޢާރުފް ކުރަން، ނޫނިއްޔާ އިތުރަށް އަހުލުވެރިކުރެވޭތޯ. މި މަސައްކަތްތަކުގައިވެސް އެންމެބޮޑު އަމާޒެއް މިވަގުތު ހިފާފައި މިވަނީ އައްޑޫސިޓީއަށް. އަޅުގަނޑަށް ކަށަވަރު ކުރެވޭ ގޮތުން ވެއްޖިއްޔާ، މިއަންނަ އަހަރުގެ ނިޔަލާ ހަމައަށް ދާންވާއިރަށް، 2015 ވަނަ އަހަރުގެ ނިޔަލާ ހަމައަށް ދާންވާއިރަށް، އައްޑޫސިޓީގައި، ހިތަދޫގައި މިހާރު ބޭނުންކުރާ ހަކަތައިގެ 25 ޕަސެންޓް، ޕީކްލޯޑްގައި ބޭނުންކުރާ ހަކަތައިގެ 25 ޕަސެންޓަކީ އިޢާދަކުރަނިވި، ނޫނިއްޔާ އިރުގެ ދޯދިން އުފައްދާ ކަރަންޓަށް ބަދަލުވެގެން މިދަނީ. އަދި އެޔާއެކީ ޖެހިގެން އަންނަ އަހަރު މި އަންނަނީ، އައްޑޫސިޓީގެ ދެންހުރި ރަށްރަށް، ހަމަ މިދެންނެވި ގޮތަށް އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކަށް ބަދަލުކުރެވެމުންދާ ތަން. މީގެ ބޭނުމަކަށްވަނީ، ޝައްކެއްވެސްނެތްގޮތުގައި، މިވަގުތު ބާޒާރުގައި ތެލުގެ އަގު ވަރަށް ހެޔޮ. އެހެން ނަމަވެސް، މިއީކީ އެގޮތުގައި އޮންނާނެ ކަމެއް ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ. އެހެންވީމާ، މިދެންނެވި ގޮތަށް މަޝްރޫޢުތައް ރޭވިގެންދާއިރުވެސް ހަމަ މިފަހަރުވެސް މި ސޯލަރ އެނަރޖީގެ މަސައްކަތުގައިވެސް ހަމަ އެންމެ އިސް އެއް އަތޮޅެއްގެ ގޮތުގައި، ނޫނީ އެންމެ އިސް ދާއިރާއެއްގެ ގޮތުގައި ފާހަގަކުރެވިގެން، މަސައްކަތްތަކެއް ކުރެވެމުން މިދަނީ އައްޑޫސިޓީގެ ރަށްރަށުގައި. މިއަންނަ އަހަރު، ހިތަދޫން ފެށިގެން ނޫނިއްޔާ މިއަންނަ އަހަރުގެ ނިޔަލަށްދާއިރު، ހިތަދޫގެ 25 ޕަސެންޓަކީ މިދެންނެވި ގޮތަށް، ސޯލަރ އެނަރޖީއަށް މުޅިން ހަމަ ނިމިގެންދާނެ. އެޔާއެކީ ޖެހިގެން އަންނަ އަހަރު، އައްޑޫސިޓީގެ ހުޅުމީދޫ އަދި މަރަދޫފޭދޫ، ދެންހުރި ރަށްރަށުގެ އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައްވެސް ފެށިގެން މިދަނީ.
 
އާދެ، ދެންހުރި ކަންތައްތަކަށް ބަލާކަމަށްވަންޏާ، ހުޅުދޫމީދޫގައި ހުރެގެން ވާހަކަ ދައްކާއިރު، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ހުޅުދޫމީދޫގައި ހުރި ހުރިހާ މަޝްރޫޢުތަކުގެ ވާހަކަ، އަޅުގަނޑަށްވުރެ ފަރިތަވާނީ، ރައްޔިތުންގެ މަޖިލީހުގައި މި ބަޖެޓް އެކަށައަޅުއްވައި، އަދި ބަޖެޓް ފާސްކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް ވިދާޅުވާން ފަސޭހަފުޅުވެގެންދާނެ. އެއާއެކީވެސް ހަމަ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ މަސައްކަތްވެސް ފަސޭހަވެގެންދޭ، ރައްޔިތުން ތަމްސީލު ކުރައްވާ މެންބަރުން، އެ މަސައްކަތްތަކެއް ނޫނިއްޔާ އެ މަޝްރޫޢުތަކެއް ހޯއްދަވަން އިޚްލާޞްތެރިކަމާއެކީ ކުރައްވާ މަސައްކަތުން. އަޅުގަނޑު ހަމަ މިރޭ އެހެން އެއްވެސް މެންބަރަކަށް، އެއްވެސް ގޮތަކަށް ބޭއިޙްތިރާމުގެ ބަހެއް ދަންނަވާކަށެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، ތިޔަބޭފުޅުންގެ ހާޒިރުގައި. އައްޑޫސިޓީގެ، އާދެ، މި ހުޅުދޫމީދޫގެ ނޫނިއްޔާ ހުޅުދޫގެ ޢިއްޒަތްތެރި މެންބަރު ޝާޑު މިތާ އިންނެވީމަޔާ އަދި ހަމައެހެންމެ، ފޭދޫގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމްދީ އިންނެވީމަ. މިދެބޭފުޅުންނަކީ ހަމަ މިދެބޭފުޅުން ނިސްބަތްވާ ދާއިރާއަށް ވަރަށްގިނަ މަޝްރޫޢުތަކެއް ގެންނެވުމަށް މަސައްކަތް ކުރެއްވި ބޭފުޅުން. އިޚްލާޞްތެރިކަމާއެކީ މި ދާއިރާގެ ތަރައްޤީއަށް މަސައްކަތް ކުރެއްވި ދެބޭފުޅުން. އަދި އެއާއެކީ އައްޑޫސިޓީގެ އެހެން މެންބަރުންވެސް މަސައްކަތް ނުކުރައްވާ ވާހަކަ ދަންނަވަނީއަކީ ނޫން. މަސައްކަތް ކުރައްވާ. އަދި އެހެން އަތޮޅުތައް، ނޫނީ އެހެން ދާއިރާތައް ތަމްސީލު ކުރައްވާ ބޭފުޅުންވެސް މަސައްކަތް ކުރައްވާ. އެހެންވީމާ، އެބޭފުޅުންނަށްވެސް، މި ހަމަޖެހިގެންދާ މަޝްރޫޢުތައް ހަމަޖެހިގެންދާ ދިޔުމަކީ، އެބޭފުޅުންގެ މަސައްކަތްޕުޅު މީގެތެރޭގައި ހިމެނިގެންދާ ކަންކަމަށްވާތީ، މި ދާއިރާގެ ޢިއްޒަތްތެރި މެންބަރު، ހުޅުދޫގެ ޢިއްޒަތްތެރި މެންބަރު ޝާޑަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވަން. އަދި ހަމައެހެންމެ، ފޭދޫގެ ޢިއްޒަތްތެރި މެންބަރު އައި.ބީ އަށް، އިބްރާހީމްދީދީއަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވަން.
 
އާދެ، މިއަތޮޅަށް ބޭނުންވާ ކަންތައްތައް ނިމިގެންދާއިރު، އަޅުގަނޑު ދެންމެ ދަންނަވާލިހެން، އަޅުގަނޑު އެއްގޮތަކަށްވެސް 2015 ވަނަ އަހަރު ބަޖެޓްގައި ހުރި މަޝްރޫޢުތަކުގެ ލިސްޓެއް ހިފައިގެން އައިސް މިތަނުގައި އެވާހަކަ ދަންނަވަން އުޅެނީކީ ނޫން. އެހެން ނަމަވެސް، ހުޅުދޫމީދޫގައި މިކަހަލަ ޖަލްސާއެއް ކުރެވެމުންދާތީ، އަދި މިއަހަރު ނިންމާލާއިރު އައްޑުއަތޮޅަށް އަޅުގަނޑު ކުރާ ފަހު ދަތުރަށް ފަހަރުގައި މި ދަތުރު ވެދާނެތީއާއެކީ، އަޅުގަނޑުވެސް ހަމަ ބޭނުންވޭ، ބައެއް އިތުރު ވާހަކަވެސް ދަންނަވާލަން. އަޅުގަނޑު ދެންނެވިން، ފަސްހާހަށްވުރެ މަތީގެ އާބާދީ ހިމެނޭ ރަށްރަށް، ނޫނިއްޔާ މެޓްރޮޕޮލިޓަން ސިޓީއެއްގެ ގޮތުގައި، ޓައުނެއްގެ ގޮތުގައި ބެލެވޭ ރަށްރަށުގައި އިޤްތިޞާދީ މަސައްކަތް ކުރިއަށް ގެންދާށާއި އަދި ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު، އެ ސިޓީއަކަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ އެބަ ބޭނުންވޭ. އޭގެތެރޭގައި، މަގާއި، ފެނާއި، ނަރުދަމާއާއި އަދި ކަރަންޓާ، މިކަހަލަ ކަންކަން އެބަ ވެގެންދޭ.
 
މިރޭ އަޅުގަނޑުމެން ފެނަކައިގެ ފަރާތުން ނޫނިއްޔާ މިރޭގެ މި ޖަލްސާގައި އަޅުގަނޑުމެން އިޙްތިފާލް މި ކުރަމުންދަނީ، ސާފު ބޯފެން ސަރުކާރުގެ ބަޖެޓުން ފޯރުކޮށްދޭ މަޝްރޫޢެއް. އެ މަޝްރޫޢުގެ ކޮންޓްރެކްޓަރގެ ގޮތުގައި، ނޫނީ މަސައްކަތް ކުރައްވާ ފަރާތެއްގެ ގޮތުގައި ފެނަކަ ހަމަޖެހިގެން މިދިޔައީ. ފެނަކައިގެ ފަރާތުން އިޚްލާޞްތެރި މަސައްކަތްތަކެއް އެ ކުރައްވަނީ. މީގެ ކުޑަދުވަސްކޮޅެއް ކުރިން، ދެތިން މަހެއްގެ ކުރިން އަޅުގަނޑުމެންނަށް ހަމަ މިކަހަލަ އުފާވެރި އިޙްތިފާލެއް، ފެނަކައިގެ ފަރާތުން ކުރައްވަމުން ގެންދަވާ ޚިދްމަތެއްގައި، ހަމަ   އެ ޖަލްސާގައިވެސް އަޅުގަނޑު ބައިވެރިވިން. އެ ޖަލްސާގައި ފެނަކާއިން އެކުރެއްވި މަސައްކަތަކީވެސް ހަމަ ތަޢުރީފް ޙައްޤު އަދި މިއަށްވުރެވެސް ވަރުގަދަ މަސައްކަތެއް. ރާއްޖޭގެ ހުރިހާ ރަށެއްގައި، މީހުން އުޅޭ ހުރިހާ ރަށެއްގައި، ދިވެހި ތާރީޚުގައި ފުރަތަމަފަހަރު 24 ގަޑިއިރުގެ ކަރަންޓް ޔަޤީން ކުރުމަށްޓަކައި ބޭނުންވާ މަޝްރޫޢުތަކެއްގެ މަސައްކަތް، އޭރު ނިމިގެން އެދިޔައީ. ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ، ޕަވަރ ޖަނަރޭޝަނަށް ބޭނުންވާ އިންޖީނުތައް ގެނެސް، މިހާރު އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، 85 ޕަސެންޓަށްވުރެ ގިނަ ރަށްރަށަށް އިންޖީނުތައް އެހެރީ ފޯރާފައި. ދެން އިންޖީނު ބެހެއްޓުމާއި، ޑިސްޓްރިބިއުޝަންގެ މަސައްކަތް ހިނގަމުނ ދަނީ. އިރާދަކުރެއްވިއްޔާ، 24 ގަޑިއިރުގެ ކަރަންޓް، ހަމަ ހުރިހާ ރަށަކަށް، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ލިބިގެންދާނެ.
 
އާދެ، މިއީ ޝައްކެއްވެސްނެތްގޮތުގައި، ކުޑަ މަސައްކަތެއް ނޫން. މިއީ ވަރަށްބޮޑު މަސައްކަތެއް. އަދި ހަމައެހެންމެ އެހާ ހޭދަ ކުރަންޖެހޭ މަސައްކަތެއް. އެހެންވީމާ، މިރޭ މިފެނިގެން މިދަނީ، މިދާއިރާއާއި ފެނަކާގެ ފަރާތުން އަނެއްކާވެސް ސަރުކާރުގެ ބަޖެޓުން ހޭދަކުރައްވައިގެން ކުރެއްވި ނަމަވެސް، ފެނަކާގެ ވަރަށް ވަރުގަދަ މަސައްކަތްތަކެއް. ހަމަ ނިމާލަށް އަދި ކުންފުނީގެ ޗެއަރމަން ނަދީމަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު މިދަންނަވަނީ، ތިޔަ ކުންފުނީގެ ހީވާގި މުވައްޒަފުންވެސް އަޅުގަނޑުގެ މި ޝުކުރުގައި ޝާމިލު ކުރަމުން.
 
އާދެ، ޒުވާނުންގެ ވާހަކަ ދައްކާއިރު، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ހުރިހާ ރަށެއްގައިވެސް ޒުވާނުން އިންތިޒާރު ކުރައްވާ ކަންތައްތަކެއް ހުންނާނެޔޭ. އޭގެތެރޭގައި ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑަށް ފާހަގަކުރެވުނީ، އެންމެ ބޮޑަށް ޒުވާނުން ބޭނުންވާ ކަންތައްތަކުގެ ތެރޭގައި އުޅެނީ ވަޒީފާގެ ފުރްޞަތު. ވަޒީފާގެ ފުރްޞަތު އުފެއްދުމަކީ، އަޅުގަނޑުމެން ސަރުކާރަށް އައިއިރު، ނޫނިއްޔާ ސަރުކާރަށް އަންނަމުން އަޅުގަނޑުމެން ދެއްކި ވާހަކައިގެ ތެރެއިން އެންމެ ވަރުގަދަ ވާހަކަ. އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ، 5 އަހަރުގެ މުއްދަތެއް ނިމިގެން، އަޅުގަނޑުމެން ދެވަނަ ޓަރމަކަށް ކުރިމަތިލާ ކަމަށްވަންޏާ، ނޫނިއްޔާ ދެވަނަ ޓަރމަކާ ދިވެހި ދައުލަތުން ކުރިމަތިލާއިރު، ނުވަދިހަ ހަތަރުހާސް ވަޒީފާ އުފައްދައިދޭނެ ކަމަށް، އަޅުގަނޑުމެން އޮންނާނީ ދަންނަވާފައި. އިރާދަކުރެއްވިއްޔާ އެ މަސައްކަތް ހަމަ ކުރިއަށްދާނެ އެގޮތުގައި. އަޅުގަނޑުމެންގެ ޢަޒުމަކަށް މިކަމުގައި އެއްވެސް ބަދަލެއް ނާދޭ. އަދި އިރާދަކުރެއްވިއްޔާ، އެތައް ސަތޭކައަށްވުރެ ގިނަ ވަޒީފާ މިހާރުވެސް މިވަނީ އުފެދިފައި.
 
އާދެ، ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމަކީ އެންމެ މުހިންމު ކަމެއް ކަމުގައިވާއިރު، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މިރަށުގައި މިއޮތް ބަނދަރުގެ ބޭނުން، މަސްވެރިކަމުގެ މި މަޝްރޫޢަށް ހިފާއިރު، މަސްވެރިކަމާއެކީ ނޫނިއްޔާ ފިޝަރީޒް ކޮމްޕްލެކްސްއާއެކީ ތަފާތު އެކިއެކި ލިންކޭޖް ޞިނާޢަތްތައް ބިނާވެގެންދާނެކަމަކީ ހަމަ އަޅުގަނޑުގެ ހިތުން އެއްވެސްކަހަލަ ޝައްކެއް ވަހުމަކަށް ޖާގަ ލިބޭ ކަމެއް ނޫން. އެއާއެކީ ދަންނަވާލަން ބޭނުންވަނީ، އައްޑޫ ހިތަދޫގެ ނޫނިއްޔާ ހިތަދޫގެ ބަނދަރު، ޕޯޓް މިހާރު އެވަނީ މާލޭ އެމް.ޕީ.އެލް.އާ ހަވާލުކުރެވިފައި. އަދި ހަމައެހެންމެ، ކުޅުދުއްފުށީގެ ޕޯޓް އެވަނީ އެމް.ޕީ.އެލް.އާ ހަވާލުކުރެވިފައި. މީގެ ބޭނުމަކީވެސް ހަމަ ވަރަށް އާދައިގެ ގޮތެއްގައި ދަންނަވާ ކަމަށްވަންޏާ، މި ދެޕޯޓްގެވެސް ހިންގުމުގެ ޚަރަދަކީ، ރައީސް ވަޙީދުގެ ޒަޢާމަތުން ފެށިގެން އެމް.ޕީ.އެލް. އިން ޚަރަދުކޮށްފައި، ލޭންދޭނުގެ ގޮތަށް ޚަރަދުކޮށްފައި، ސަރުކާރުގެ ބަޖެޓުން ނޫނީ އެ ޕޯޓުން ލިބޭ އެއްޗަކުން، މި ވަގުތު މި ޕޯޓްތަކުން އެއްޗެއް ނުލިބޭ. އަނބުރާ އެމް.ޕީ.އެލް. އަށް ދެވޭތޯ ލޭންދޭނު ފޮތުގައި ޖަހާފައި އޮންނަ ހިސާބުތަކެއް. އެކަމަކު މިއަދު އެ ޚަރަދު އުފުލަންޖެހެނީ ސަރުކާރުގެ ބަޖެޓުން. އެހެންވީމާ، އަޅުގަނޑުމެން ސަރުކާރާ ހަވާލުވެފައި، އަޅުގަނޑުމެން ނިންމައިފީމު، ހިތަދޫ ޕޯޓްވެސް ހިންގާނީ އެމް.ޕީ.އެލް.ގެ ފަރާތުން ކަމަށް. އަދި ކުޅުދުއްފުށީގެ ޕޯޓްވެސް ހިންގާނީ އެމް.ޕީ.އެލް. އިން ކަމަށް.
 
މީގެ ބޭނުމަކީ މިދެންނެވި ގޮތަށް، އިޤްތިޞާދީ ގޮތުން މިކަން ހަމަޔަކަށް އެޅުވުމުގެ ބޭނުމުގެ އިތުރުން، ވަރަށްބޮޑު އިތުރު ބޭނުމެއް މީގައި އެބައޮތް. އެ ބޭނުމަކީ ހިތަދޫ ޕޯޓް، އެމް.ޕީ.އެލް. އާ ހަވާލުކުރުމާއެކީ މިއަންނަ އަހަރުގެ ތެރޭގައި، ހިތަދޫގައި މިހާރު އޮތް ޕޯޓަށް، ބޯޓްފަހަރު ޖެއްސުމުގައި އުނދަގޫ މޫސުމްތަކެއް އެބަހުރޭ. އެހެންވީމާ، މިއަންނަ އަހަރުގެ ތެރޭގައި، ހުރިހާ ވަރެއްގެ ބޯޓަށް، ހިތަދޫ ޕޯޓަށް ޖެއްސުމުގެ މަސައްކަތް، އެމް.ޕީ.އެލް.ގެ ފަރާތުން ކޮށް ނިންމާނެ. އެއީ އެއްކަމެއް. ހަމައެއާއެކީ، ދެވަނަ ކަމަކީ އަޅުގަނޑުމެންނަށް މިޒަމާނުގެ ތަރައްޤީ، އިޤްތިޞާދީ ތަރައްޤީ ދިވެހިރާއްޖޭގައި ފެނިގެން މިދަނީ ވަރުގަދަ ޞިނާޢަތެއް ދިވެހިރާއްޖޭގައި ތަޢާރުފް ވެގެންދާތީ. އެއީ ޓުއަރިޒަމްގެ ޞިނާޢަތް. އެހެންނަމަވެސް، މީގެކުރީގައި ޞިނާޢަތްތައް ތަރައްޤީވެގެން، މީހުންނަށް ވަޒީފާ ލިބި، އިޤްތިޞާދު ފުޅާވެގެން މިދަނީ، ބަނދަރާ ހަމައިން ފެށޭ ތަރައްޤީއާ ގުޅިގެން. އެހެންވީމާ، މިއަންނަ އަހަރުގެ ތެރޭގައި، މިދެންނެވި ގޮތަށް ހިތަދޫގެ ޕޯޓް ރަނގަޅު ކުރުމުގެ އިތުރުން، މިއަންނަ އަހަރު އެމް.ޕީ.އެލް.ގެ ފަރާތުން އެޅުމަށް މިހާރު ހަމަޖެހިފައިވަނީ އެތަނުގައި މީހުން ތިބޭނެ ކޮންމެވެސްވަރެއްގެ ފެސިލިޓީއެއް. އާދެ، ބޭރުން ޒިޔާރަތްކުރާ މެހްމާނުންނާއި އަދި ރާއްޖޭގައި ދަތުރުފަތުރުކުރާ މެހްމާނުން ތިބޭނެ ކޮންމެވެސްވަރެއްގެ ހޮޓެލް ފެސިލިޓީއެއް އަޅާނެ. އޭގެ ބޭނުމަކަށްވަނީ، އައްޑޫސިޓީގެ، ހިތަދޫގެ ޒުވާނުންނަށް އެތަނުން ވަޒީފާ ދިނުން. އެތަނުގެ ވަޒީފާތަކަކަށް ބިދޭސީން ގެންނާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން ބޭނުންވަނީ، މިހާރު އެއްވެސް މަސައްކަތެއްނެތި ތިބި ޒުވާނުންތަކަކަށް، ޚާއްޞަކޮށް، ހިތަދޫގެ ޒުވާނުންނަށް. އެހެން ދެންނެވި ނަމަވެސް، އެއީކީ އެހެން ރަށްރަށުގެ ޒުވާނުންނަށް، މިއަތޮޅުގެ އެހެން ރަށްރަށުގެ ޒުވާނުންނަށް މަޙްރޫމްވާ ފުރްޞަތެއް ނޫން. ހިތަދޫގެ ޒުވާނުންނަށް ވަޒީފާ ލިބޭތޯ އެމް.ޕީ.އެލް.ގެ ތެރެއިން އަޅުގަނޑުމެން ފަށަން ބޭނުންވާ މަސައްކަތް. އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރުގެ ތެރޭގައި އެމް.ޕީ.އެލް.ގެ ފަރާތުން މިދެންނެވި ދެ މަސައްކަތް، އާދެ، ބަނދަރު ރަނގަޅު ކުރުމާއެކީ މިދެންނެވި ކަހަލަ ޓްރާންސިޓް ފެސިލިޓީއެއް ހެދުމުގެ މަސައްކަތް ކުރާނެ.
އަދި ހަމައެއާއެކީ ޒުވާނުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ޒުވާނުންގެ ކުޅިވަރަށް އަޅުގަނޑުމެންގެ ސަރުކާރުންދޭ އަހަންމިއްޔަތު، ހުރިހާ ޒުވާނުންނަށް އެނގިވަޑައިގަންނަވާނެ. އޭގެ ތަފްޞީލުތަކަކަށް ދާކަށް ނެތިން. އެހެންނަމަވެސް، ހަމަ ދަންނަވާލިޔަދެއްވާ. ހުޅުދޫމީދޫގައި ހުރެގެން މި ޖަލްސާ ކުރާއިރު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހުޅުމީދޫގެ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ، މަސްވެރިންގެ މެރީނާއެއްގެ އިތުރަށް، ދެންމެ އިޢުލާނުވެގެން މިދިޔައީ، މިތަނުގައި މަސްވެރިންގެ މެރީނާއެއް އުފެދިގެންދާނެ ކަމަށް. މަސްވެރިކަމަށް އަޅުގަނޑުމެން އެބަ ބޭނުންވޭ ޒުވާނުން ނުކުންނަން. މަސްވެރިކަމަށް ޒުވާނުން ނުކުންނަ ކަމަށްވަންޏާ، ޒުވާނުންގެ މުނިފޫހިފިލުވުމާއި އަދި ޒުވާނުންނަށް ބޭނުންވާ އެހެން ޙަރަކާތްތަކާ، މިކަންކަން އިންތިޒާމުވެގެންދާނެ، މަސްވެރިންގެ މެރީނާގައި. އެއާއެކީ މިހާރުވެސް މި ދެރަށުގެ، ހުޅުދޫމީދޫގެ، ދެރަށުގެ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ، މިހާރުވެސް ސްޕޯޓްސް އެރީނާ ޤާއިމުކުރުމުގެ މަގުމަތީގައި، އަޅުގަނޑުމެން މަސައްކަތްތަކެއް ކުރާކަން. އެމަސައްކަތުގެ ތެރޭގައި، ދެރަށުގައިވެސް ފުޓްސެލް ދަނޑު މިހާރު އެއޮތީ ދާދި ނިމުމަކާ ކައިރިވެފައި. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، މި ދެރަށުގައިވެސް ފުޓްސެލް ދަނޑުގެ ގާތްގަނޑަކަށް 80 ޕަސެންޓް މަސައްކަތް މިހާރުވަނީ ނިމިފައި. މީގެ ބޭނުމަކަށްވަނީ ހަމަ       މި ދެރަށުގައިވެސް ޒުވާނުންނަށް ކުޅިވަރުގެ ޙަރަކާތްތަކުގައި އުޅެވޭނެ ޖާގަ ހޯދައިދޭން. މިއާއެކީ ދެން އަންނާނީ، އަންހެނުންނަށާއި ފިރިހެނުންނަށް ބޭނުންވާ މިދެންނެވި ދިވެހިރާއްޖޭގައި ޢާންމުކޮށް ކުޅޭ ކުޅިވަރުތައް، މި އެރީނާގެ ތެރޭގައި ހަމަޖެހިގެންދާނެ. މެރީނާއާއި އެރީނާއާ ދޮއެއްތޯ މިއުޅެނީ. މި އެރީނާގެ ތެރޭގައި މިކަންކަން ހަމަޖެހިގެންދާނެ.
 
އެހެންވީމާ، ދަންނަވާލަން މިއުޅެނީ އަޅުގަނޑުމެންގެ މި މަސައްކަތަކީ ހަމައެކަނި އިޖްތިމާޢީ މަސައްކަތަށް ކުރާ މަސައްކަތެއް ނޫނޭ. އަޅުގަނޑުމެންގެ މި މަސައްކަތަކީ އިޤްތިޞާދީ ތަރައްޤީއަށްވެސް ކުރާ މަސައްކަތް. ޒުވާނުންނަށް ވަޒީފާގެ ފުރްޞަތު ހޯދައިދިނުމަށްވެސް ކުރާ މަސައްކަތް. އަދި ހަމައެހެންމެ، ބޭކާރު ގަޑީގައި ޒުވާނުން ވަގުތު ނަގާލަން ފުރްޞަތު ލިބޭތީ، އެކަން ނުކޮށް، އެނޫން އެހެން ކަންތައްތަކުގައިވެސް ޒުވާނުންނަށް އުޅެވޭނެ ޖާގަވެސް ހޯދައިދޭށޭ.
 
ހަމަ މިއާއެކީ، އަޅުގަނޑުގެ ކްރިޓިކުންނަށް، އާދެ، އަޅުގަނޑަށް ފާޑު ވިދާޅުވާ ބޭފުޅުންނަށްވެސް ދަންނަވާލަން. މިއީ އެއްގޮތަކަށްވެސް ސިޔާސީ ވާހަކައެއް ނޫން. އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ އަދި މިވީ ހަމަ އެންމެ 12 މަސްދުވަހޭ. އަދި މިވީ އެންމެ 12 މަސްދުވަހޭ. ހަމަގައިމުވެސް ގިނަ ޚިދްމަތްތަކެއް ހޯދައިދިނުމުގައި އަޅުގަނޑާ އެކީ މަސައްކަތް ކުރައްވާ ކެބިނެޓްގެ ހީވާގި ޤާބިލު ޓީމުން ރެޔާއި ދުވާލު މަސައްކަތް ކުރައްވާ ތަން އަޅުގަނޑަށް އެބަ ފެނިގެންދޭ. އަދި އަޅުގަނޑުމެންނަށް އެބަ ފެނިގެންދޭ، ރާއްޖޭގެ ހުރިހާ ދިމާއެއްގައިވެސް އަޅުގަނޑުމެން މިކުރާ މަސައްކަތުގެ ނަތީޖާ. އެއީކީ ހަމައެކަނި ބޮޑެތި މަޝްރޫޢުތައް، އައިހޭވަންގެ ވާހަކަ ދައްކާލާފައި ހުއްޓާލަނީކީ ނޫން. އޭގެތެރޭގައި، މިދެންނެވި ގޮތަށް ޒުވާނުންނަށް ބޭނުންވާ ކުޅިވަރު އެރީނާތަކާއި އަދި މިނޫން ތަފާތު އެކި ކަންތައްތައް އެބަ ފެނޭ. ކުންފުނިތަކުން ޒުވާނުންނަށް ވަޒީފާ ދިނުމަށް އަމާޒުކޮށްގެން، މިފްކޯއިން މި އިންތިޒާމު ކުރާކަހަލަ ކަންތައްތައް، ހުރިހާ ކުންފުންޏަކުން ކުރާތަން އެބަފެނޭ.
 
އަދި އުފަލާއެކީ، ހިތްހަމަޖެހުމާއެކީ، އަޅުގަނޑުގެ ހިތަށް މި ގެންނަނީ، ދިވެހިރާއްޖޭގައި މީގެކުރިއަކުން ހަމަގައިމުވެސް މިހާރަކު އެކަންޏެއް ނޫން، ނުކުޅެދޭ ކުދިން އުޅެނީކީ. މިހާރު އެކަންޏެއް ނޫން، ތެލަސީމިއާގެ ފަރުވާ ކުދިން އުޅެނީކީ. ދިވެހިރާއްޖޭގައި ހުރިހާ އިރަކުވެސް މިކުދިން އުޅޭ. ހަވާސާވެފައި ތިބި ކުދިންތަކެއް މިކުދިންނަކީ. ނުކުޅެދޭ ކުދިންވެސް އަދި ތެލަސީމިއާގައި ފަރުވާގައި އުޅޭ ކުދިންނަކީވެސް، ނުކުޅެދޭ ކުދިންނާ ހަމަ އެއްފަދައިން، މުޖްތަމަޢުގައި މި ހުންނަ މެއިން ސްޓްރީމް މަސައްކަތްތަކުން އަދި ރައްޔިތުންގެ އޯގާތެރިކަމުން މަޙްރޫމްވެ ހަވާސާވެފައި ތިބި އަޅުގަނޑުމެންގެ، އެހެން ނަމަވެސް ހަމަ ދިވެހި ރައްޔިތުން. ވޯޓެއް ހޯދަން ބޭނުން ކަމަށްވަންޏާ، ސިޔާސީ މީހުން، އެމީހުންގެ ވޯޓުވެސް ބޭނުންވާނެ. މިހާތަނަށް ބޭނުންވެފައި ހުރީ. އެހެން ނަމަވެސް، އެކުދިންނަށް، އެކުދިންނަށް ހަށިގަނޑުގެ ތަރުބިއްޔަތާ ގުޅޭ ވަޒީފާ ހޯދައިދިނުމާއި އަދި އެކުދިންނަށް ބޭސްފަރުވާކޮށްދިނުމަށް ސަރުކާރުގެ ބަޖެޓްގެ ތެރެއިންނާއި އަދި ޒަކާތު ފަންޑާއި، އެނޫން ގޮތްގޮތުން، ވިސްނުމާއެކީ މިކަންކަން މެނޭޖްކޮށްގެން، މިކަން ކުރުމަށް އެންމެ ފުރަތަމަ ވިސްނުމެއް އައިސްގެން، ހަމަ ޔަޤީން، ދިވެހި ރައްޔިތުން ހެކިވާނެ، އަޅުގަނޑުމެންގެ ސަރުކާރުގައި އެކަންކަން މިކުރަނީ. އެއީ އަޅުގަނޑުމެންނަށް އުފާ ލިބޭ ކަމެއް. އަޅުގަނޑުމެންނަކީ ހަމައެކަނި ކުޅެދޭ، ނޫނިއްޔާ ދިވެހިރާއްޖޭގެ އާބާދީގެ 99 ޕަސެންޓް މީހުންނަށް މަސައްކަތް ކުރަން ތިބި ބައެއް ނޫން. މި އިޙްސާންތެރިކަން ބޭނުންވާ، ހަވާސާވެފައި ތިބި ކުދިންނަކީވެސް ހަމަ ދިވެހިރާއްޖޭގެ ރައްޔިތުން. އެއީކީ ދެވަނަ ދަރަޖައިގެ ރައްޔިތުންނެއް ނޫން.
 
އެހެންވީމާ، އުފަލާއެކީ ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މިދެންނެވި ގޮތަށް، ޤައުމީ ތަރައްޤީގެ ކުލަތައް، އަޅުގަނޑުމެން ރާއްޖޭގައި މި ޖައްސަން މިގެންގުޅެނީ ވަރަށް ފުޅާ ފިއްސެކޭ. މި ފުޅާ ފިހިން މިދަނީ ހަމައެކަނި ބޮޑެތި މީހުންނާއި ޤާބިލު މީހުންނެއް ނޫން. އޭބަލް މީހުންނެއް އެކަންޏެއް ނޫނޭ. ހަވާސާވެފައި ތިބި، ނޫނިއްޔާ މިދެންނެވި ގޮތަށް، ވީލްޗެއަރގައި ތިބި ކުދިންނަށްވެސް ވަޒީފާ ލިބޭނެ ފުރްޞަތު އެބަ ހޯދައިދެވެއޭ. އަޅުގަނޑު އެދުވަހު ކުރި އިލްތިމާސާ ގުޅިގެން، ސަރުކާރުގެ ހުރިހާ ކުންފުނިތަކުން މިވަގުތު މަސައްކަތަށް ނުކުންނަން ތިބި ހުރިހާ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ނޫނީ ނުކުޅެދޭ ކުދިންނަށް މިވަގުތު ޓްރެއިންވެފައި ތިބި ހުރިހާ ކުދިން، އެތިބީ އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތާއެކީ ވަޒީފާގައި.
 
އަދި ހަމައެހެންމެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މީގެކުރިންވެސް އަޑުއަހަމޭ، ރައްޔިތުންނާ ގާތުން ޚިދްމަތްދޭ ވާހަކަ. އަޅުގަނޑު ރިޔާސީ އިންތިޚާބުގައި މިރަށަށް އައިއިރު، މިރަށުގެ ރައްޔިތުން، ހުޅުދޫމީދޫގެ ރައްޔިތުން އަބަދުވެސް އަޅުގަނޑަށް ކުރައްވާ ޝަކުވާއަކީ، ތިމަންނަމެން ކޮންމެ ކަމަކަށް އައްޑޫސިޓީއަށް، ހިތަދުއަށް ހުއްދަތައް ނަގަން ދާންޖެހޭ ވާހަކަ. މޭޔަރ އިންނެވީމަޔާއެކީ މި ދަންނަވަނީ، އެއްގޮތަކަށްވެސް މިއީކީ ޝަކުވާގެ ގޮތުން އަޅުގަނޑު ދައްކާ ވާހަކައެއް ނޫން. އެހެންވީމާ، ރައްޔިތުން އަބަދުވެސް އެދޭ، ފާމަސީވެސް މިތާ ހުންނަން. އަދި ހުއްދަތައް ލިބޭނެ ގޮތްވެސް މިރަށްރަށުގައި ވާން. އަދި އެކަންކަން އިންތިޒާމްވެގެން ހިތަދޫސިޓީގައި ނޫނިއްޔާ ހިތަދޫގައި މައިގަނޑު މަސައްކަތް ހުރި ނަމަވެސް، މިހުރިހާ ރަށްރަށެއްގައި މިކަން ވާން ރައްޔިތުން އެދޭ. ކޮންމެ ގޮތެއްވިޔަސް، ކަނޑެއް ހުރަސްކޮށްފައި، ދިހަވަރަކަށް ފަނަރަވަރަކަށް މިނިޓްގެ ތެރޭގައި މި އާދެވެނީ. މިއީ ފަސޭހަ ކަމެއް ނޫން. އެންމެ ރަނގަޅު ހަސްފަތާލުވެސް މިހިރީ ހިތަދޫގައި.
 
އެހެންވީމާ، މީގައި މިހިރީ ހުރި މައްސަލަތަކެއް. މިއީކީ އެއްގޮތަކަށްވެސް އައްޑޫސިޓީގައި ނޫނީ ހިތަދޫގައި އުފައްދައިގެން އުޅޭ މައްސަލަތަކެއް ނޫން. މިއީ، އަޅުގަނޑުމެންގެ ވަސީލަތްތައް ހުރިގޮތުން އަދި ސަރުކާރުން އިންވެސްޓް ކުރެވިފައި ހުރިގޮތުން މިހާތަނަށް އައިއިރު، މިކަންކަމުގެ ނަތީޖާ. އެހެން ނަމަވެސް، ރައްޔިތުންގެ ކެތްތެރިކަން ކުޑަވާނެ. އެހެންވީމާ، އޭރުވެސް ކުރި ޝަކުވާ މިހާރުވެސް ހަމަ ކުރަމުން ގެންދަނީ. އެހެންވީމާ، އަޅުގަނޑުމެން ބޭނުންވީ ޢަދުލު އިންޞާފު ޤާއިމުކުރުމުގައިވެސް، އަޅުގަނޑު މިދޭތެރެއިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން، އަޅުގަނޑުމެން ފާސްކުރި ބިލަށް އަޅުގަނޑު ހަމަ ދަންނަވާލާ ވާހަކައެއް މި ދަންނަވަނީ.
 
އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދަށު ކޯޓުގައި މި ހިނގާ މައްސަލަތައް، މެޖިސްޓްރޭޓް ކޯޓުގައި ހިނގާ މައްސަލަތައް، ދުރު ރަށްރަށުގައި، އައްޑުއަތޮޅުގައި މިހިރަ ރަށްރަށުގައި ނިކަމެތިން މިއުޅެނީ. ކީއްކުރަންތޯ އިސްތިޢުނާފް ކުރަން ހައިކޯޓަށް މާލެއަށް ދާންޖެހެނީ. ހަމަ މިތަނުގައި އިސްތިޢުނާފް ކުރެވެންވާނެ ދޮއެއްތޯ. އެހެންވެގެން، ހައިކޯޓުގެ ގޮފިތައް، އުތުރުގަޔާއި ދެކުނުގައި އަޅުގަނޑުމެން ހަދަން ބޭނުންވަނީ. ތެދެއް، ދައުލަތަށް ޚަރަދު ބޮޑު ކަމެއް. އެހެން ނަމަވެސް، އަޅުގަނޑު ހިތަށްއަރަނީ، ހަމަ މިވާހަކަ މި ދަންނަވާލަނީ، މިކަންކަމަށް ވިސްނާވަޑައިގަންނަވާ ބޭފުޅުންނަށް. އެހެންނަމަވެސް، އަޅުގަނޑު ހިތަށްއަރަނީ، އާދައިގެ ނިކަމެތި ރައްޔިތުންގެ ތެރެއިން އިސްތިޢުނާފް ކުރަން މާލެއަށް ގޮސް އެތަކެއް ދުވަހު ތިބުމުގެ ފުރްޞަތު ނެތް މީހުންނަށް، ހަމަ ޝައްކެއްވެސްނެތް، މިއީ އުފާވެރިކަމުގެ ޚަބަރެއް. އައްޑޫސިޓީގައިވެސް ހައިކޯޓުގައި އިސްތިޢުނާފް ކުރުމުގެ މަރްޙަލާ މިހާރު މިއޮތީ ހަމަޖެހިފައި. ހަމައެހެންމެ އުތުރުގައިވެސް މި ހަމަޖެހެނީ.
 
އެހެންވީމާ، ގާތުން ރައްޔިތުންނަށް ޚިދްމަތް ދިނުމުގެ ވާހަކަ ދައްކާއިރު، އަޅުގަނޑުމެން އެކަންކަން ތަންފީޛު ކުރާ ވާހަކަ އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ. މިއީ، ދައުލަތުން ބަޖެޓުން ހޭދަކުރަން ޖެހުނު ކަމުގައިވީ ނަމަވެސް، އަޅުގަނޑު ގަބޫލުކުރާގޮތުން ވެއްޖިއްޔާ، ރާއްޖޭގެ ތަރައްޤީ ފެތުރެންވާނީ ހުރިހާ ދިމާއަކަށް. ރާއްޖޭގެ ތަރައްޤީ ހުރިހާ ދިމާއަކަށް ފެތުރޭއިރު، ޝައްކެއްވެސްނެތްގޮތުގައި، އައްޑުއަތޮޅަކީ ޗާޓުގައި އެންމެ ކުރީގައި އުޅޭ އަތޮޅު ކަމުގައި ހަމަ މިރޭވެސް ތިޔަބޭފުޅުންގެ ހާޒިރުގައި އަޅުގަނޑު ދަންނަވާލާނަން.
 
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ހަމަ ނިންމާލަމުންވެސް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑަށް ލިބޭ އުފަލެއް، އައްޑޫސިޓީއަށް އައިސް، އައްޑޫސިޓީގެ ކޮންމެވެސް ރަށެއްގައި، ރައްޔިތުން އެދޭ ކަންތައްތަކެއް ފުއްދައިދިނުމުގެ މަސައްކަތްތަކެއް އަޅުގަނޑުމެންނަށް ކުރެވޭތީ، އެވާހަކަ ދަންނަވާލުން އަދި އެ އުފަލުގައި ބައިވެރިވުން. މިއާއެކީވެސް މުޅި ރާއްޖެއަށް އަޅުގަނޑު ކޮށްލަން ބޭނުންވާ އިލްތިމާސެއް އެބައޮތް.
 
އަޅުގަނޑު ކޮށްލަން ބޭނުންވާ އިލްތިމާސަކީ، ސިޓީގެ މޭޔަރ އިންނެވުމާއެކީ. އެމަނިކުފާނު މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާތީ، ހަމަ ވަރަށް ހޫނު މަރްޙަބާއެއް އަޅުގަނޑުގެ ފަރާތުންވެސް އަދި އަޅުގަނޑުގެ ޓީމުގެ ފަރާތުންވެސް އައްޑޫސިޓީގެ މޭޔަރަށް ދަންނަވަން. ހަމައެއާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އިންސާނުން ވެއްޖިއްޔާ، ވިސްނުމުގެ ތަފާތު ހުންނާނެ. ޢާއިލާގެ ތެރޭގައިވެސް ވިސްނުމުގެ ތަފާތު އެބަހުރި. އަޅުގަނޑުމެންގެ މުޖްތަމަޢު ހިމެނިފައި މިވަނީ ކުދިކުދި ޔުނިޓްތަކަކާއި، އެއަށްވުރެ ބޮޑެތި ޔުނިޓްތަކަކާ، ރަށްރަށާއި އަތޮޅުތަކާ. އާދެ، ސިޔާސީ ފިކުރުވެސް މިގޮތަށް ތަފާތުވާނެ. އެހެން ނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ސިޔާސީ ފިކުރު ތަފާތުވިނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައި އެއްގަލަށް އެރޭނެ ކަންތައްތަކެއް ހުންނަންވާނެއޭ. ދައުލަތެއް، ޤައުމިއްޔަތެއް، މިނިވަންކަމެއް، އަދި ސިޔާދަތެއް ކޮންމެ ޤައުމެއްގައިވެސް އޮންނާނެ. އަޅުގަނޑުމެންގެ މިރަށަކީ، އަޅުގަނޑުމެންގެ މި ދިވެހިރާއްޖެއަކީ، އަޅުގަނޑުމެން އެންމެންގެ ދިވެހިރާއްޖެ. އެހެންވީމާ، މި ރާއްޖެ ކުރިއަށް ގެންދިޔުމަށް، އަޅުގަނޑުމެންގެ ސިޔާސީ ޚިޔާލާއި އެހެން ފިކުރު ތަފާތުވިނަމަވެސް، ކުރިއަށް ދެވޭ ހުރިހާ އީޖާބީ މަސައްކަތްތަކަށް، އަޅުގަނޑުމެންނަށް ހިތްވަރު ދިނުމަށް، ކުރިއަށް ގެންދިޔުމަށް ހިތްވަރު ދިނުމުގެ ކެރުންތެރިކަން އަޅުގަނޑުމެންގެ ހުންނަންވާނެ. އެއީ، އަޅުގަނޑުމެންގެ ރައްޔިތުންނަށް، އަޅުގަނޑުމެން އިންތިޚާބުކުރި ރައްޔިތުންނަށް އަޅުގަނޑުމެން އަދާކުރަންޖެހޭ އުޖޫރައެއް. އެކަން ގަބޫލު ކުރައްވާ. ކޮންމެ ވަޒީފާއެއްގެ ފަހަތުގައި ޒިންމާއެއްވާނެ. ކޮންމެ ވަޒީފާއެއްގެ ފަހަތުގައި ޒިންމާއެއްވާނެ. އެއީ، މުސާރަ ލިބޭ ވަޒީފާއަކަށްވިޔަސް އަދި އެއީ، ސަރުކާރުންދޭ ވަޒީފާއެއް ކަމަށްވިޔަސް، ސިވިލް ސަރވިސްގެ މުވައްޒަފަކަށްވިޔަސް، އަދި އިންތިޚާބީ ގޮނޑިއެއްގައި ރައްޔިތުންގެ މަޖިލިސް މެންބަރެއް ކަމަށްވީނަމަވެސް އަދި ރައީސުލްޖުމްހޫރިއްޔާ ކަމަށްވީނަމަވެސް، މަޤާމުގެ މަސްއޫލިއްޔަތާއި ޒިންމާތަކެއް އެބަވޭ. އެހެންވީމާ، މަޤާމުގެ ހައިބަތާއި، މަޤާމުން ލިބޭ އެއްޗެއް ލިބުމަކީ، ޝައްކެއްވެސްނެތްގޮތުގައި އަޅުގަނޑުމެންނަށް ލިބޭ ކަންތައްތަކެއް. އަޅުގަނޑުމެން އެދޭ ކަންކަމެއް. އެކަމަކު ޙަޤީޤަތުގައި މަޤާމުން ލިބޭ ޝަރަފަކީ، އެ މަޤާމުގެ މަސްއޫލިއްޔަތާ ގުޅޭ ޙައްޤުތައް، ރައްޔިތުންނަށް އަނބުރާ ދެވޭކަމުގެ ހިތްހަމަޖެހުން. ހަމަގައިމުވެސް އަޅުގަނޑު އެކަމާ ދޭތެރޭގައި ވިސްނަނީ އެގޮތަށް.
 
އެހެންވީމާ، ކޮންމެ މަޤާމެއްގައި ބޭފުޅަކު ހުންނެވި ކަމަށްވީނަމަވެސް، ރައްޔިތުންނަށް އެބޭފުޅަކަށް އަނބުރާ ދެއްކެވޭނެ އުޖޫރައަކީ، ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ކުރިއަށްދިޔުން. އެހެންވީމާ، ސިޔާސީ ޕާޓީތަކުގެ ފިކުރު ތަފާތުވިނަމަވެސް، އަޅުގަނޑު މިދެންނެވި ކަހަލަ ކަންކަން، އާދެ، އެއްބައިވަންތަކަމުގެ ދުވަސް، ދާދި އިހަށްދުވަހު އަޅުގަނޑުމެން ފާހަގަކުރީ. މިކަންކަމުގެ ތެރޭގައި، އަޅުގަނޑުމެންނަށް ދެބަސްނުވެވޭނެ. އެއްގަލަށް އަރަން މަޖުބޫރު. އެއީ. ދައުލަތެއް، ދައުލަތެއްގެ ގޮތުގައި އޮންނަން، ދިވެހި ޤައުމިއްޔަތު، ދިވެހި ޤައުމިއްޔަތެއް ގޮތުގައި އޮންނަން އަޅުގަނޑުމެން އެއްބަސްވާންޖެހޭ ކަންކަން. އޭގެތެރޭގައި، އެއްކަމަކީ އަޅުގަނޑުމެންގެ ޤައުމިއްޔަތަށް އަޅުގަނޑުމެން އިޙްތިރާމް ކުރަންޖެހޭނެ. އަޅުގަނޑުމެންގެ ސިޔާދަތަށާއި އިސްތިޤްލާލަށް، ބަސްކިޔަން ބޭރު މީހުންނަށް ޖާގަ ދެވިގެނެއް ނުވާނެ. އަޅުގަނޑުމެންނަކަށް ބުނެވިގެން ނުވާނެ، ދިވެހިރާއްޖޭގައި ޙާލަތު ގޯސްވެގެން، ބޭރު ކަރަކަރައިގެ ސިފައިންގެ ލަޝްކަރުތައް، އަޅުގަނޑުމެންގެ ޤައުމަށް އަންނާށޭ ގޮވާލެވިގެން ނުވާނެ. މިއީ އެންމެ ބޮޑެތި ޚާއިނުންގެ ގޮތުގައި ހިމެނޭނެ މީހުން.
 
އެހެން ނަމަވެސް، އަޅުގަނޑުމެން ހަމަ ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، މިކަންވެސް މިހިރީ އަޅުގަނޑުމެންގެ ތެރޭގައި ކޮށްފައި. ކީއްކުރަންތޯ އަޅުގަނޑުމެން، ކުރީގައި ދިވެހިރާއްޖޭގައި ތިއްބެވި އެކިއެކި ރާޖާއިން، ބޭރުގެ ފަރާތްތަކުން ގެނެސް ދިވެހިރާއްޖެއަށް ހަނގުރާމަ އިޢުލާނު ކުރީމަ، އަޅުގަނޑުމެންގެ ތާރީޚު ފޮތްތަކުގައި މި ހުންނަނީ ލިޔެފައި ޚާއިނުންގެ ގޮތުގައި. އެހެންވީމާ، މިއަދުވެސް، މިއަދުވެސް މިހާރު މިހާ ފަހު ތާރީޚެއްގައިވެސް، އަޅުގަނޑުމެންނަށް ދިމާވާ ސިޔާސީ އުނދަގުލެއްގެ ތެރޭގައި، ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖޭގެ އިސްތިޤްލާލާ ތޮޅުމަށް، ނޫނިއްޔާ ބޭރުން ދިވެހިރާއްޖޭގެ ސިޔާދަތަށް އަރައިގަތުމަށްޓަކައި ދަޢުވަތު ދެވޭ ދެވުން އެއީ، ހަމަގައިމުވެސް ކޮށްގެންވާނެ ކަމެއް ނޫން. އެހެންވީމާ، އަޅުގަނޑުމެންނަށް އެއްބަސްވެވޭ ކަންތަކުގެ ތެރޭގައި މިކަންކަން ހިމެނެންވާނެ. އަދި ހަމައެއާއެކީ އަޅުގަނޑުމެންނަށް އެއްބަސްވެވޭ ކަންތައްތަކުގެ ތެރޭގައި، ސިޔާސީގޮތުން ފިކުރު ތަފާތުވިނަމަވެސް، ރައްޔިތުންގެ ޙައްޤުގައި، ރައްޔިތުންގެ މަޞްލަޙަތުގައި، ރައްޔިތުން ކުރިއަށް ދިޔުމަށްޓަކައި، ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންތައްތަކުގައި، އަޅުގަނޑުމެންނަށް އެއްގަލަށް އެރެންވާނެ.
 
އެހެންވީމާ، އެ އެއްގަލަށް އެރުމަކީ، އަޅުގަނޑު ހަމަ ރައްޔިތުންގެ ފަރާތުން އަދި މިވަގުތު ރައްޔިތުންގެ މަސްއޫލިއްޔަތު ޙަވާލުކުރައްވާފައި ހުރި މީހެއްގެ ފަރާތުން އަޅުގަނޑު މިރޭވެސް ހަމަ ތިޔަބޭފުޅުންނަށް ހަމަ ދަންނަވާލާ އިލްތިމާސެއް. އަޅުގަނޑުމެން ކުރިއަށް ދިޔުމުގައި، މިރަށްރަށަށް ތަރައްޤީ ގެނައުމަށް މިކުރާ މަސައްކަތުގައި، އަޅުގަނޑުމެންނަށް އެހީތެރިވެވަޑައިގެން ދެއްވާށޭ. އަޅުގަނޑު ހަމަ ހިތާމަޔާއެކީ އަޑުއަހަމުންދިޔައީ، އެއްބައިވަންތަކަމުގެ ދުވަހުގައި، ހައުސިންގ މިނިސްޓަރު ދެއްކެވި ވާހަކަފުޅު. އޭގެތެރޭގައި ފާހަގަކުރެއްވި އެންމެ ހިތަށް އުނދަގޫވި، ނޫނީ ބަލައިގަންނަން އެންމެ ދަތިވި ވާހަކައަކީ، ސުނާމީގައި ގެދޮރު ނެތިގެން 10 އަހަރު ވެގެންދާއިރު، އަޅުގަނޑުމެންގެ ބޭނުމަކަށްވީ، މި ސަރުކާރުގެ އަމާޒަކަށްވީ، ހަމަ ހުރިހާ އެންމެންނަށް ހިޔާވަހިކަން ހަމަޖެހިގެންދިޔުން. އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތާއެކީ، މިއަހަރު ނިމޭނީ، ހިޔާވަހިކަން ހަމަ އެންމެންނަށް ލިބިގެން. އެޔަކު ނޯންނާނެ ޝައްކެއް. އެކަމަކު އެމަސައްކަތް ކުރުމަށްޓަކައި ކޮންޓްރެކްޓަރުން، އަޅުގަނޑުމެން މަސައްކަތަށް ގެންދިޔައީމަވެސް،  މި މަސައްކަތްތަކަށް ހުރަސްއެޅި ފަރާތްތަކެއް، އަތޮޅުތެރޭގައި، މިދެންނެވި ރަށްރަށުގައި ތިބި. މިއީ، ހިތާމަހުރި ކަންކަން ދޮއެއްތޯ. މިއީ، ހިތާމަހުރި ކަންކަން. މިކަހަލަ ކަންތައްތައް އަޅުގަނޑުމެން ކޮށްގެނެއް ނުވާނެ. މިޔަކަށް ޖާގަދީގެން ނުވާނެ.
 
ހަމައެއާއެކީ، އަޅުގަނޑު ދަންނަވާލަން މިއުޅެނީ، ހަމަ މި ނޯޓްގައި ވާހަކަ ނިންމާލާއިރުވެސް ދަންނަވާލަން ބޭނުންވަނީ، ދިވެހިރާއްޖެއަށް ދަތުރުކޮށްފައި، ދިވެހިރާއްޖެއަށް އަންނަ މެހްމާނުން، އަޅުގަނޑުމެންގެ ރާއްޖެއަށް ހޭދަކުރާ ކަމެއްގެ މައްޗަށް ބަރޯސާވެ އޮތް އިޤްތިޞާދެއް ދިވެހިރާއްޖެއަކީ. ދިވެހިރާއްޖޭގައި އޮތް އިޤްތިޞާދަކީ. ފަތުރުވެރިކަމުގެ ދާއިރާއަށް ބެލިނަމަވެސް، މިކަން އޮތީ މިހެން. އަޅުގަނޑުމެން މިއަދު މި ޖެއްސި އައްޑުއަތޮޅު އެއަރޕޯޓްގައި، ކިތައް ޕްރައިވެޓް ޖެޓްތޯ އެއޮތީ؟ ކޮބައިތޯ މިތަނުގެ ރައްޔިތުން އާމްދަނީ ހޯދަން ކުރާ މަސައްކަތް، ޚިޔާލަށް ގެންނަންވީ ނޫންތޯ. މިތާ އެހެރީ ދިވެހި ސަރުކާރުގެ ޖެޓްތަކެއް ނޫން ދޮއެއްތޯ. އެހެންވީމާ، ދިވެހިރާއްޖެއަށް މެހްމާނުން އެބަ އާދޭ. އެކިފެންވަރުގެ މެހްމާނުން އެބަ އާދޭ. އެކަން ގަބޫލުކުރަންޖެހެނީ. ދުނިޔޭގެ އެންމެ އިސްފަންތީގައި ތިބި ފަތުރުވެރިން ދިވެހިރާއްޖެއަށް އެބައަންނަމު. އެންމެ މުއްސަނދިން އެބަ އާދޭ.
 
އެހެންވީމާ، އަޅުގަނޑުމެންގެ ޚިޔާލު ތަފާތުވިނަމަވެސް، އަޅުގަނޑުމެން ދިވެހިރާއްޖެއަށް އެ މެހްމާނުންނަށް ކަމޭހިތަށް މިހާރު ދަސްކުރަން އެބަޖެހޭ. އަޅުގަނޑުމެން މެހްމާނުންގެ ހަށިގަނޑަށް ފުރާނަޔަށް ގެއްލުންވާކަހަލަ މެސެޖްތައް ހަދައިގެން ފެތުރުމަކީ، ދިވެހިރާއްޖެއަށް އޭގެ އެއްވެސް ފައިދާއެއް އޮންނާނެ ކަމެއް ނޫން. އެއިން ހަމަ ކަރުނައަޅަން ޖެހޭނީ ދިވެހި ރައްޔިތުން. އެ ފަހަރުގައި ވެދާނެ މިހާރު، ނޫނިއްޔާ ފަހަރުގައި ވެދާނެ، ދެން އަންނަ ސަރުކާރަކުން. އެކަމަކު ގަބޫލުކުރަން ކަށަވަރުވާ ކަމަކީ، މިކަންކަން އަޅުގަނޑުމެން ކުރަން ފަށައިފި ކަމަށްވަންޏާ އަދި ދިވެހިރާއްޖޭގެ އަމަން އަދި އަމަން ނުގެއްލުނު ކަމުގައިވިނަމަވެސް، އަމަން ގެއްލިދާނެ ކަމުގެ އުންމީދެއް، އިންތިޒާރެއް، ބޭރުގެ މިފަދަ ފަރާތްތަކަށް އޮތް ކަމަށްވަންޏާ، އަޅުގަނޑުމެން މިކުރާ މަސައްކަތް، ހަމަ ފޫނެތް ފަޔަކަށް ފެން ފުރުންފަދަ ކަމަކަށް ވެގެންދާނީ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، އެންމެ ބޮޑެތި މަހުޖަނުން ދިވެހިރާއްޖެއަށް ގެނެވޭތޯ. އަދި އަޅުގަނޑުމެން މާލޭގެ އެއަރޕޯޓްގައިވެސް މި މަސައްކަތް ކުރަނީ، ޕްރައިވެޓް ޖެޓް ޕާކިންގ އޭރިއާއެއް ހަދައި، އެންމެ ބޮޑެތި މަހުޖަނުން ދިވެހިރާއްޖެއަށް ގެނެވޭތޯ. އަދި އަޅުގަނޑުމެންގެ މިހާރުގެ އިޤްތިޞާދީ ބޮޑެތި މަޝްރޫޢުތައްވެސް ބިނާވެފައި އެހެރީ މިދެންނެވި ކަހަލަ ކަންކަމުގެ މައްޗަށް. ޢާންމުކޮށް މިހާރު ޓުއަރިޒަމްގައި ފެނިގެން މިދާ 200 މިލިއަން، 180 މިލިއަން ޑޮލަރުގެ ވިޔަފާރީގެ ވާހަކައެއް ނޫން މި ދައްކަނީ. މިދައްކަނީ ބައެއް އަތޮޅުތަކަށް މިގެންނަ މަޝްރޫޢުތަކުގައި. އިރާދަކުރެއްވިއްޔާ ﷲގެ ރަޙްމަތާއެކީ، މިކަންކަން ހިނގައިފި ކަމަށްވަންޏާ މިދައްކަނީ، ދެތިން ހަތަރު ބިލިއަން، ދެތިން ހަތަރު ބިލިއަން ޑޮލަރުގެ ވާހަކަ މި ދައްކަނީ. އެކަމަކު އެވަރު މަސައްކަތް ކުރަން އަންނަ މީހުންނާ ދޭތެރޭގައި، މިދެންނެވި ކަހަލަ އަމާންކަމެއް، ދިވެހިރާއްޖޭގައި ނެތްކަމުގެ ސިގްނަލްތައް، އަޅުގަނޑުމެންގެ ރައްޔިތުންގެ ފަރާތުން ދޭން ފަށައިފި ކަމަށްވަންޏާ، ދެން ދިވެހިރާއްޖެއާ ދޭތެރޭގައި، ހަމަ އަޅުގަނޑުމެން ވިސްނަން ތިބީ. ހަމަ ހިތާމަޔާއެކީ އަޅުގަނޑުމެން ވިސްނަން ތިބީ.
 
އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އިޚްލާޞްތެރިކަމާއެކީ ގަބޫލުކުރައްވާށޭ. އަބަދު އެއްބަޔަކު ނޫން، ދިވެހި ރައްޔިތުން ގޮވައިގެން ކުރިއަށް ދާން ތިބޭނީ. މިއަދު އަޅުގަނޑު. މާދަމާ އެހެން މީހަކު. ދެން އަންނަ ދުވަހަކު އެހެން މީހަކު. އެކަމަކު މި ދިވެހި ރައްޔިތުން މި ފަސްގަނޑުގައި ތިބޭނެ. މި ދިވެހި ދައުލަތް، ޝައްކެއްވެސްނެތްގޮތުގައި އޮންނާނެ. މި ދިވެހި ބިން، އަމާން ތަނަކަށްވާން އެބަޖެހޭ. ކޮންމެ ސިޔާސީ ފިކުރެއްގައި، ކޮންމެ ލީޑަރެއް ހުންނެވި ނަމަވެސް، މި ޙަޤީޤަތްތަކަކީ އަޅުގަނޑުމެންނާ ދުރަށް ދެވޭނެ ކަންކަމެއް ނޫން. ހުޅުދޫމީގައި ނަރުދަމާ ބޭނުންވާނެ. ފެން ބޭނުންވާނެ. ކަރަންޓް ބޭނުންވާނެ. ވަޒީފާގެ ފުރްޞަތު ބޭނުންވާނެ. ހަމައެހެންމެ، ރާއްޖޭގެ އެހެން ހުރިހާ ދިމާއެއްގައި މިކަންކަން ބޭނުންވާނެ. ދިވެހިރާއްޖޭގެ ނޫޓް ޗާޕްކޮށްގެން ނުކުންނައިރު، އޭގެ ބާރެއް ހުންނަންވާނެ. އަޅުގަނޑުމެންނަށް ޑޮލަރު ލިބެންވާނެ. އަޅުގަނޑުމެންނަށް ބޭރު ފައިސާ ލިބެންވާނެ.
 
އެހެންވީމާ، މިކަންކަން މަރާލުމަށްޓަކައި އަޅުގަނޑުމެން ކުރާ ކަންކަމަކީ، ހަމަ ހެޔޮނުވާނެ، މިއީކީ ކޮށްގެންވާނެ ކަންކަމެއް ނޫން. ފަސޭހަކަމާއެކީ މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަން، އަޅުގަނޑުމެންގެ ޚިޔާލަށް ނާންނަނީ. އަޅުގަނޑުމެން މިދޭތެރެއިން މިދިޔައީ، އަޅުގަނޑުމެން އެކަކު އަނެކަކު ކަތިލަމުން. އެ ކަތިލެވުނު ކުއްޖެއްގެ ޢާއިލާ، އެންމެބޮޑު ވޭންއަޅާ ބަޔަކަށް މިވަނީ. އަޅުގަނޑުމެންގެ ދަރިޔަކަށް އެފަދަ ދަތުރެއް ޖެހިއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް ގަބޫލުކުރެވޭނެ، މިވަނީ ކިހާވަރެއްގެ ކަމެއްކަން. ދުނިޔެމަތީގެ ސުވަރުގެއެއް ކަމަށް އިބުނި ބަޠޫޠާގެ ވާހަކައިގައި، އެންމެ ކުރީގެ ތާރީޚުގައި ލިޔުއްވާފައި ހުރި ވާހަކަތައް މިއީ. މިއީތޯ އަޅުގަނޑުމެން އުޅެންވީ ގޮތަކީ. މިއިން ކޮން ފައިދާއެއްތޯ އަޅުގަނޑުމެންނަށް ނުކުންނަނީ. އެހެންވީމާ، މިކަންކަމުން، މިއީ އަޅުގަނޑުމެން އަމިއްލައަށް ދަތުރުކުރާ އޮޑި. އަޅުގަނޑުމެންގެ ވަށައިގެން މިއޮތް މާސިންގާ އިންޑިއާ ކަނޑުތެރެއަށް ނުކުމެ، އަޅުގަނޑުމެން އަމިއްލައަށް އޮޑި ފައްތާލުން ކަހަލަ ކަމެއް. މިކަހަލަ ކަންތައް ކުރީމަ، އަޅުގަނޑުމެންނަކަށް ފައިދާއެއް ނުވާނެ.
 
އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ބޭނުންވަނީ މިހުރިހާ ދިމާއަކަށް ތަރައްޤީއޭ. އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންގެ ޖީބުތައް ތަނަވަސްކުރާށޭ. އަޅުގަނޑުމެން ބޭނުންވަނީ، ޒުވާނުންނަށް ފުރްޞަތު ލިބޭށޭ. އަޅުގަނޑުމެން ބޭނުންވަނީ، މިއަތޮޅުގެ ރައްޔިތުން، އެބޭފުޅުން ތިއްބަވާ ރަށްރަށުގައި ތިއްބަވައިގެން، ވަޒީފާގެ ފުރްޞަތާއި އަދި ތިޔަބޭފުޅުންގެ ދިރިއުޅުން ހަމަޖެހިގެން، ކުރިއަށް ވަޑައިގެންނެވޭނެ މަގުތައް ކޮށައިދޭށޭ. އެކަމަކު މިކަން ކުރުމުގައި އަޅުގަނޑަށް އެހީތެރިވެވަޑައިގެން ދެއްވާ. އަޅުގަނޑުގެ އެހެން އެއްވެސް ވިސްނުމެއް ނެތް. އަޅުގަނޑުގެ އަމާޒަކީ، އަޅުގަނޑު ދަންނަވާލި ފަދައިން، އަޅުގަނޑު ބޭނުންވަނީ ދިވެހިރާއްޖޭގައި މިވަގުތު ހުރި އެންމެބޮޑެތި ގޮންޖެހުންތަކާ ހަނގުރާމަ ކޮށްފައި، އެ ގޮންޖެހުންތައްތޯ ކުރިއަށްދާނީ، ނޫނިއްޔާ އަޅުގަނޑުމެންނާ އަޅުގަނޑުމެންގެ ޓީމުން ކުރާ މަސައްކަތްތޯ، މީގައި ކުރި ހޯދާނީ. މި ރޭހުގައި އަޅުގަނޑު މިއުޅެނީ. އަޅުގަނޑު މިއުޅެނީ ސިޔާސީ ވާދަވެރިކަމެއްގައެއް ނޫން. އަޅުގަނޑު ރޭސް މި ޖަހަނީ، މިދެންނެވި ކަހަލަ ބޮޑެތި ގޮންޖެހުންތަކާ.
 
އެހެންވީމާ، ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މިކަހަލަ ކަންތައްތަކުގައި، ރައްޔިތުންނަށް ފައިދާހުރި ކަންތައްތައް ކުރިޔަ ދެއްވާށޭ. މިކަންކަން ކުރުމުގައި، ސިޔާސީ ފިކުރު އަދި ތަފާތުވި ކަމުގައިވިނަމަވެސް، އެއީކީ މައްސަލައެއް ނޫން. ދެންމެ މިނިސްޓަރ ޝައިނީގެ ވާހަކަފުޅުގައި ވިދާޅުވިގޮތަށް، އަޅުގަނޑުމެންނަށް ކެރޭނެ، އަޅުގަނޑުމެން މިހާތަނަށްވެސް ކުރާ ކަމެއް، އެންމެ ސިޔާސީގޮތުން އަޅުގަނޑުމެންނާ ވާދަވެރި ފަރާތްތަކާ އެކީވެސް، ޤައުމުގެ ކުރިއެރުމަށްޓަކައި ކުރަންޖެހޭ މަސައްކަތެއްގައި، އަޅުގަނޑަށް ހަމަގައިމުވެސް އެބޭފުޅަކާ އެކީ އިށީނދެވޭނެ. ނޫނީ އެޕާޓީއަކާ އެކީ އިށީނދެ ވާހަކަ ދެއްކޭނެ. މީގެކުރިންވެސް އަޅުގަނޑުމެން މިއީ ހަމަ އެއްކޮށް، ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި، ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތް ކުރަން، ރައްޔިތުންގެ މަޖިލީހުގައިވެސް ޙަރަކާތްތެރިވެފައި ތިބި ބައެއް. މިއަދު ކީއްވެތޯ އެކަން ނުކުރެވެންވީ. މިއަދު އަދި މާ ފޯރައިގެން އެކަން ކުރެވޭނެ.
 
އެހެންވީމާ، ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑުމެން މިކުރާ ކަންތައްތަކާ ދޭތެރޭގައި އަޅުގަނޑުމެން އެބަ ވިސްނާލަންޖެހެއޭ. އެހެންވީމާ، މިކަހަލަ ކަންކަން ކުރެއްވުމުގެ ބަދަލުގައި، އަޅުގަނޑު ހިތަށްއަރަނީ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާއިރު ތަކުރާރުކޮށްލާ އިލްތިމާސެއް މިއީ. ސިޔާސީގޮތުން އަޅުގަނޑުމެންގެ ފިކުރު ތަފާތުވި ނަމަވެސް، އަދި މަސައްކަތް ކުރާއިރު، އަޅުގަނޑުމެންގެ ވައްޓަފާޅި ތަފާތުވި ނަމަވެސް، ރައްޔިތުންގެ ކުރިމަގަށް، ރައްޔިތުންގެ މަޞްލަޙަތާއި، ރައްޔިތުންގެ ކުރިމަގު ހިމެނޭ ކަންކަމުގައި އެއްބާރުލުން ދެއްވާށޭ. އަދި އެކަންކަން ކުރުމަށް ޖާގަ ހޯއްދަވައިދެއްވާށޭ.
 
އަޅުގަނޑު އެދެނީ އައްޑޫސިޓީއަށް މިއަދަށްވުރެވެސް ފަހި މާދަމައެއް. އަދި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، ކަނޑުރޯދީގެ ރިޒުޤު ﷲ ތަނަވަސް ކުރައްވާށި! އަދި އަޅުގަނޑުމެން މިކުރާ ހުރިހާ މަސައްކަތެއްގައި، މާތްﷲގެ ބަރަކާތާއި ތައުފީޤު މިންވަރު ކުރައްވާށި! وَمَا تَوْفِيقِي إلاَّ بِا الله عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ
 
والســّلام عليــكم ورحـمــة اللّـه وبـركاتـه