ސިޔާސީގޮތުން ފިކުރު ތަފާތުވީ ނަމަވެސް ރައްޔިތުންގެ ޙައްޤުގައި، ރައްޔިތުން ކުރިއަށްދިއުމަށްޓަކައި، ރައްޔިތުންނަށް ކޮށްދެއްވަން ބޭނުންފުޅުވާ ކަންތައްތަކުގައި، ހުރިހާ ފަރާތްތަކުންވެސް ސަރުކާރާ އެއްގަލަށް އެރުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ، އައްޑޫ ސިޓީގެ ފެނުގެ ނިޒާމާއި، މިފްކޯ ފިޝަރީޒް ކޮމްޕްލެކްސްގެ ޢަމަލީ މަސައްކަތް އިފްތިތާޙް ކޮށްދެއްވުމަށް މިރޭ، އައްޑޫ ސިޓީ ހުޅުދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަދި، ރަށްރަށަށް ތަރައްޤީ ގެންނެވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި ސަރުކާރަށް އެހީތެރިވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންސާނުންގެ ވިސްނުމުގައި ތަފާތު ހުންނާނެ ކަމަށާއި، ސިޔާސީ ފިކުރުވެސް މިގޮތަށް ތަފާތުވާނެ ކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް އެއްގަލަށް އެރޭނެ ކަންތައްތަކެއް ހުންނަންވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ދިވެހިރާއްޖެއަކީ އަޅުގަނޑުމެން އެންމެންގެ ދިވެހިރާއްޖެއެއް ކަމުގައި ސިފަ ކުރައްވަމުން، ކުރިއަށް ދެވޭނެ ތަފާތު އީޖާދުތަކާއި މަސައްކަތްތަކަށް ސަރުކާރަށް ހިތްވަރު ދިނުމުގެ ކެރުންތެރިކަން އަޅުގަނޑުމެން އެންމެންގެ ހުންނަންވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮންމެ މަޤާމަކާއެކު ޒިންމާތަކެއްވާ ކަމުގައި ބަޔާންކުރައްވަމުން، ރައްޔިތުން އިންތިޚާބުކުރި ފަރާތްތަކުން، އެ ރައްޔިތުންނަށް އަދާކުރަންޖެހޭ އުޖޫރައެއް އޮންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، މަޤާމުގައި ލިބޭ ޙަޤީޤީ ޝަރަފަކީ އެ މަޤާމުގެ މަސްޢޫލިއްޔަތާ ގުޅޭ ޙައްޤުތައް ރައްޔިތުންނަށް އަނބުރާ ދެވޭކަމުގެ ހިތްހަމަޖެހުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ކޮންމެ މަޤާމެއްގައި އެބޭފުޅަކު ހުންނެވި ކަމުގައިވިޔަސް، އެބޭފުޅެއްގެ ފަރާތްޕުޅުން ރައްޔިތުންނަށް އަނބުރާ ދެއްކެވޭނެ އުޖޫރައަކީ، ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ކުރިއަށްދިއުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ މެދުގައި ފިކުރު ތަފާތުވީ ނަމަވެސް، ދައުލަތެއް ދައުލަތެއްގެ ގޮތުގައި އޮތުމަށްޓަކައި، އެޤައުމެއްގެ މިނިވަންކަމާއި، ޤައުމިއްޔަތާއި، ސިޔާދަތަކީ، އެކަންކަމާ ދޭތެރޭ ދެބަސްނުވެވޭނެ، އެންމެން އެއްގަލަށް އަރަން މަޖުބޫރު ކަންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ހުރިހާ ފަރާތްތަކުންވެސް ޤައުމިއްޔަތަށް އިޙްތިރާމް ކުރަންޖެހޭނެ ކަމަށާއި، ޤައުމުގެ ސިޔާދަތަށާއި އިސްތިޤްލާލަށް ބޭރު މީހުންނަށް ބަސްކިޔަން ޖާގަ ދެވިގެން ނުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ، ދިވެހިރާއްޖެއަށް ދަތުރުކޮށްފައި އަންނަ މެހެމާނުން ދިވެހިރާއްޖެއަށް ހޭދަކުރާ ކަމެއްގެ މައްޗަށް ބަރޯސާވެފައި އޮތް އިޤްތިޞާދެއް ކަމުގައި ބަޔާން ކުރައްވަމުން، އަޅުގަނޑުމެންގެ ތެރޭގައި ޚިޔާލު ތަފާތުވީނަމަވެސް އަޅުގަނޑުމެންގެ މެހެމާނުންނަށް ކަމޭހިތަން ދަސްކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އެމަނިކުފާނުގެ އަމާޒުފުޅަކީ ދިވެހިރާއްޖާގައި މިވަގުތު އޮތް އެންމެ ބޮޑެތި ގޮންޖެހުންތަކާ ހަނގުރާމަކުރައްވައި ކުރި ހޯއްދެވުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.