بســم اللّـه الرّحمـن الرّحيــم
 
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
އެންމެހާ ޢިއްޒަތްތެރިން، ދިވެހި ލޮބުވެތި ރައްޔިތުން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
އާދެ، މީގެ ދެދުވަސް ކުރިން އަޅުގަނޑުމެން ފާހަގަކުރީ އެއްބައިވަންތަކަމުގެ ދުވަހެއް. ޤައުމުގެ އެއްބައިވަންތަކަން، އަޅުގަނޑުމެން ޝަރަފުވެރިކަމާއެކީ ދެމިތިބެން ޖެހުމުގެ ފޮނި އުންމީދުތައް އަޅުގަނޑުމެން ފާހަގަކުރި ދުވަހެއް. އާދެ، ދިވެހިރާއްޖޭގެ 71 ވަނަ ޤައުމީ ދުވަސް. އެދުވަހު އަޅުގަނޑުމެންނަށް ފާހަގަކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި، ދިވެހިރާއްޖެ، ޤައުމެއްގެ ގޮތުގައި މިނިވަންކަންމަތީ އޮތުމަށްޓަކައި ކުރެވުނު ވަރުގަދަ ޖިހާދު ހިމެނިގެންދޭ.
 
އާދެ، ޕޯޗްގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންކޮށްދެއްވި ދުވަސް، އާދެ، ޝައްކެއްވެސްނެތްގޮތުގައި އެއްބައިވަންތަކަމުގެ ލާމަސީލު ދުވަހެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެނިގެންދިޔައީ. އަދި ހަމައެއާއެކީ، އެދުވަހު އަޅުގަނޑުމެންނަށް ކުރެވުނު ކަމަކީ، ދިވެހި ދައުލަތް، ދިވެހި ޤައުމު، މިނިވަން ޤައުމެއްގެ ގޮތުގައި ބޭއްވުމަށް ކުރެވުނު މަސައްކަތް. ހަމަ އެދުވަހު އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ދިވެހި ދައުލަތުގެ ދީން، އިސްލާމްދީން ދިވެހިރާއްޖޭގައި ބޭއްވުމުގެ މައްޗަށް ކުރެވުނު ވަރުގަދަ ޖިހާދެއް. އާދެ، ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންގެ ދައުލަތުގެ އެއްބައިވަންތަކަން މި ދައްކައިދެނީ އިސްލާމްދީނުގެ ހިދާޔަތުގެ މަތީގައި އަޅުގަނޑުމެންގެ ދިވެހި ރައްޔިތުން ތިބި ތިބުން.
 
 އާދެ، އެތަކެއް ސަތޭކަ އަހަރުފަހުން އަޅުގަނޑުމެން މި ފާހަގަކުރާ ޤައުމީ ދުވަހު، އަޅުގަނޑުމެން، އަޅުގަނޑުމެންގެ އަބްޠާލުން ކުރެއްވި ވަރުގަދަ ޖިހާދުތައް، އެ ޖިހާދުތަކުގެ ޛިކުރާ އާކުރަމުން، އެ ޖިހާދުތައް އަޅުގަނޑުމެން ހަނދާނަށް ގެންނަމުން، އަޅުގަނޑުމެންގެ ޤައުމީ ވާޖިބެއްގެ ގޮތުގައި، ފަރުދީ ވާޖިބެއްގެ ގޮތުގައި މިއޮތީ އޭރު އެ ޖިހާދު ކުރެއްވި މަތިވެރި އަބްޠާލުންނަށް އަޅުގަނޑުމެން ޝުކުރު އަދާކުރުމާއި އަދި އެބޭފުޅުން ކުރެއްވި ޖިހާދުގެ މަތީގައި ތިބުމުގެ ހިތްވަރު ހޯދުމަށް އަޅުގަނޑުމެންގެ ޢަޒުމް އާކުރުމުގެ މަސައްކަތް. އާދެ، މަތިވެރި ޖިހާދު ކުރެއްވި އެންމެހާ އަބްޠާލުންނަށް، ޚާއްޞަކޮށް، އައްސުލްތާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މާތްﷲ ތަނަވަސް ކުރައްވާށި!
 
އާދެ، މިއަދު އަޅުގަނޑުމެން ފާހަގަކުރަމުން މިގެންދަނީ، އަނެއްކާވެސް އެއްބައިވަންތަކަމުގެ ދުވަހެއް. އާދެ، މީގެ 10 އަހަރު ކުރިން އަޅުގަނޑުމެންގެ ޤައުމު ކުރިމަތިލީ، ވަރަށް ހިތާމަވެރި ޤުދްރަތީ ކާރިސާއަކާ. އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، އަޅުގަނޑުމެންގެ ގެތައް ނެތިގެންދިޔަތަން. އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، އަޅުގަނޑުމެންނާ ދުނިޔެއިން ވަކިވެގެންދިޔަ 106 މީހުން. އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ރަށްރަށް މުޅިން ފަޅުވެގެންދިޔަ މަންޒަރު. ހިތްދަތިކަމާއި ވޭނުން އަޅުގަނޑުމެން ދިވެހި ރައްޔިތުން ތަޙައްމަލްކުރި ދުވަހެއް. އެ ކާރިސާގައި ދިވެހި ރައްޔިތުން ދައްކައިދިނީ އޯގާތެރިކަން، އަޅާލުން، މަޞްލަޙަތަށް ލޯބިކުރުން. އަނެއްކާވެސް އިސްލާމްދީނުގެ މަތިވެރި ޝިޢާރުތަކެއްގެ މަތީގައި ދިވެހިން މަސައްކަތްކުރިތަން. އާދެ، އެކުވެރިކަމާއި، އަޅާލުމާއި، އޯގާތެރިކަން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ. އެދުވަހުވެސް އަޅުގަނޑުމެންނަށް މިކަންކަން ޙައްލުކުރެވިގެން ދިޔައީ، އަޅުގަނޑުމެން، އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގެ މަތީގައި ތިބީމަ. އެއްބައިވަންތަކަމުގެ ދުވަހެއް، އެއްބައިވަންތަކަން، ދިވެހި ދައުލަތުން، ދިވެހި މުޖްތަމަޢުން ފާހަގަކުރެވޭއިރު، އަޅުގަނޑުމެންނަށް ކޮމަން އެއްކަމެއްގެ ގޮތުގައި، ޢާންމު އެއްކަމެއްގެ ގޮތުގައި ފެނިގެން މިދަނީ، އަޅުގަނޑުމެން އިސްލާމްދީނުގެ ހިދާޔަތުގައި ތިބި ތިބުން. އާދެ، ޤައުމީ ދުވަހުގެ ސިއްރަކީވެސް މިއީ. އަދި އަޅުގަނޑުމެން މިހާރު މި ފާހަގަކުރާ އެއްބައިވަންތަ ދުވަހުގެ ސިއްރަކީވެސް މިއީ.
 
އާދެ، ސުނާމީގައި، އަޅުގަނޑުމެންނަށް ލިބުނު ގެއްލުމުގެ ތަފްޞީލު، ދެންމެ ހައުސިންގ މިނިސްޓަރުގެ ވާހަކަފުޅުގައި އެ ވިދާޅުވީ. ކުރީގެ ސަރުކާރުތަކުން ކޮށްފައިވަނީ، އަޅުގަނޑުމެންގެ ތެރެއިން ގެދޮރުނެތިދިޔަ މީހުންނަށް ގެދޮރު އަޅައިދިނުމުގެ މަސައްކަތް. ފަޅުވި ރަށްތައް، އަނބުރާ އާބާދު ކުރުމުގެ މަސައްކަތް. ޝައްކެއްވެސްނެތްގޮތުގައި، ވަރަށް ކާމިޔާބުކަމާއެކީ، އޭރު މި މަސައްކަތްތައް ކުރެއްވީ، އޭރުގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް. މިއަދު އަޅުގަނޑުމެން 10 އަހަރު ފުރުން ފާހަގަކުރާއިރު، އެ މަނިކުފާނު އެ ކޮށްދެއްވި ވަރުގަދަ މަސައްކަތާއި އަދި އޭރު ދައުލަތުގެ އިސް މަސްއޫލުވެރިން އެ ކޮށްދެއްވި ވަރުގަދަ މަސައްކަތް، އަޅުގަނޑުމެން ހަނދާންކޮށް، އެ ހުރިހާ ފަރާތްތަކަށް ޙައްޤު ޝުކުރު އަދާކުރަން.
 
އާދެ، 10 އަހަރު ފުރިގެންދާއިރު، ދެންމެ ހައުސިންގ މިނިސްޓަރުގެ ވާހަކަފުޅުގައި، އަޅުގަނޑުމެންނަށް އެނގިގެންދިޔަ ގޮތުގައި، ސުނާމީ އައީކީ ދިވެހިރާއްޖެއަކަށް އެކަންޏެއް ނޫން. ދުނިޔޭގެ އެތަން މިތަނަށް ސުނާމީ އައި. އޭޝިޔާގެ މި ސުނާމީގައި، އެކިވަރަށް ގެއްލުން ލިބުނު ޤައުމުތައްވޭ. އޭގެތެރޭގައި، އެންމެ ބޮޑެތި ގެއްލުންވި ޤައުމުތަކުގެ ތެރޭގައި އިންޑޮނީޝިޔާ ހިމެނޭ. އެހެން ނަމަވެސް، މި ހިތާމަވެރި ޙާދިޘާއިން، ހިތާމަވެރި ކާރިސާއިންވެސް، 10 އަހަރު ފަހުން އަޅުގަނޑުމެންނަށް އުފާތަކެއް ލިބިގެން އެބަދޭ. 10 އަހަރު ފަހުން މިއަދު އަޅުގަނޑުމެން މި ފާހަގަކުރާ، ނޫނީ އަޅުގަނޑުމެން އުފާކުރާ ކަމަކީ، ﷲގެ ރަޙްމަތާއެކީ ދިވެހިރާއްޖޭގައި މިއަދަކު ވަގުތީ ހިޔަލުގައި، ހިތްދަތިކަމާއެކީގައި އުޅޭ އެއްވެސް ދިވެހި ރައްޔިތަކު ނޫޅޭކަން. އާދެ، ވަރަށް ވަރުގަދަ މަސައްކަތްތަކެއް އިރާދަކުރެއްވިއްޔާ، މި ސަރުކާރުން މިވަނީ ފަށާފައި. އަދި އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، ނުނިމި ހުރި 417 ގޭގެ ތެރެއިން މާދަމާގެ ނިޔަލަށް ފަންސާހަކަށް ގެ ފިޔަވައި ހުރިހާ ގެއެއް ނިމި، އެ ގެތަކުގެ ވެރިންނާ ހަވާލުކުރެވޭނެ. އަދި ބާކީހުރި ގެތައް، މިއަހަރު ހުސްވުމުގެ ކުރިން، 31 ޑިސެންބަރު، އަޅުގަނޑުމެންނާ އަލްވަދާޢު ކިޔާއިރު، އެހުރިހާ ގެތަކުގެ މަސައްކަތްވެސް ﷲގެ ރަޙްމަތާއެކީ ނިމިގެންދާނެ.
 
އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި، 10 އަހަރުގެ ކުރީގެ ހިތާމަ، އަޅުގަނޑުމެން ހަނދާނަށް ގެންނައިރު، މިއަދު އެ ހިތާމައިގެ ތެރެއިންވެސް އަޅުގަނޑުމެންނަށް އުފާވެރިކަން ގެނެސްދޭ. ކުރީގެ އަޅުވެތިކަމުގެ ދުވަސްތަކުގެ ޛިކުރާ، އަޅުގަނޑުމެން ހަނދާނަށް ގެންނައިރުވެސް، އަޅުގަނޑުމެން މިނިވަންކަމާއެކީ، ޤައުމިއްޔަތެއްގެ ގޮތުގައި އަދި ޤައުމިއްޔަތެއް ދަމަހައްޓާ މިނިވަން ޤައުމެއްގެ ގޮތުގައި އޮތީތީ، އެ އުފާވެސް އަޅުގަނޑުމެން އެބަ ޙާޞިލު ކުރަން. މިއަހަރު މި ދިމާވީ، މި ދެ ޢީދު އެއްވެގެން އަންނަ ޢީދެއްގެ ގޮތުގައި.
 
އާދެ، ސުނާމީގައި، މިކަންކަމުގައި މަސައްކަތް ކޮށްދެއްވި ވަރަށްގިނަ ފަރާތްތަކެއް އެބަވޭ. ހަމަ ހަނދާނުން ކައްސާލުމަކީ އެކަށީގެންވާ ކަމެއް ކަމަށްވާތީ، މި މަސައްކަތް ކޮށްދެއްވި ހުރިހާ ވަޒީރުންނަށް އަދި އެ ވަޒީރުންނާއެކީ މަސައްކަތް ކޮށްދެއްވި ހުރިހާ ވެރިންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަނީ، މި މަސައްކަތުގައި ސަރުކާރުން ގޮވާލި ގޮވާލުމަށް އިޖާބަ ދެއްވި އަމިއްލަ ކުންފުނިތަކާއި، އަމިއްލަ ފަރާތްތައްވެސް ޝާމިލުކުރާ ގޮތެއްގައި.
 
އެއްބައިވަންތަކަން ދަމަހައްޓަން، އެއްބައިވަންތަކަން ފާހަގަކުރަން އަޅުގަނޑުމެން މިކުރާ މަސައްކަތުގެ ޙަޤީޤަތާ ދޭތެރޭގައި، އަޅުގަނޑު ހިތުން ތަންކޮޅެއް ތަފާތު ނަޒަރިއްޔާއަކުން އަޅުގަނޑު ތިޔަބޭފުޅުންނަށް އެއްޗެއް ދަންނަވާލެވޭތޯ ބަލާނަން.
 
ދުނިޔޭގެ ބައެއް ޤައުމުތަކުގައި، އެއްބައިވަންތަކަމުގެ ދުވަހެއް ފާހަގަކުރާއިރު، ނޫނިއްޔާ އެމެރިކާގައި ސްޓޭޓް އޮފް ދަ ޔޫނިއަން އެޑްރެސް ދެއްވާއިރު، މިހާރުގެ ރައީސް ބަރަކް އޮބާމާގެ ސްޓޭޓް އޮފް ދަ ޔޫނިއަން އެޑްރެސްގައި މިވަނީ، ﷲ ނަހީކުރައްވާފައި ހުރި ޙައްޤުތަކަށް އަރައިގަންނަ މީހުން، އިންސާނީ ފަރުދީ ޙައްޤުތަކުގެ ނަމުގައި، އެ އަރައިގަންނަ މީހުންވެސް، އެ އަރައިގަންނަ މީހުންނަށް ލިބެންވާ ޙައްޤު މަޤާމު، އެ މުޖްތަމަޢުތަކުން ހޯދުމަށް. އަދި އެމީހުންނަކީވެސް އެހެން އިންސާނުންނެކޭ އެއްފަދަ ޙައްޤުތަކެއް، އެމީހުންގެ ޤާނޫނާއި ޝަރީޢަތުގެ ކުރިމަތީގައި ލިބިފައިވާ ބަޔަކަށް ހެދުމަށްޓަކައި. އޮބާމާގެ ސްޕީޗްގައި މިވަނީ މި މީހުންނާ ދޭތެރޭގައި އެއްވެސް ކަހަލަ ތަފާތުކުރުމެއް، އެއްވެސް ކަހަލަ ފަރަޤުކުރުމެއް ނުގެންގުޅުމަށް. އެ ޤައުމުތަކުގައި، އެއްބައިވަންތަކަމަށް ގޮވާލާ ގޮވާލުމުގެ ތެރޭގައި މި ހުންނަނީ، އަޅުގަނޑުމެން ކަހަލަ މުސްލިމް، އިސްލާމް މުޖުތަމަޢަކަށް ގަބޫލުކުރަން ދަތި ކަންތައް.
 
އަޅުގަނޑުމެންގެ ތެރޭގައި މިއަދު ގޮވާލަންޖެހޭ ކަންތައްތަކުގެ ތެރޭގައި، އަޅުގަނޑު ހިތަށްއަރަނީ، މި ޖަލްސާ މާލަމުގެ ތެރެއިންވެސް އަޅުގަނޑަށް ހަމަ އެބަ ފެނެޔޭ، ވަރަށް ވަރުގަދަ ބާރުތަކެއް ހިމެނޭ ތަން. ދައުލަތުގެ ހުރިހާ އިސްވެރިން މިތާ އެބަ ތިއްބެވި. ދައުލަތުގެ މުއައްސަސާތަކުގެ ހުރިހާ ބޮޑުން މިތާ އެބަ ތިއްބެވި. އެކި ފަންތީގެ، އެކި ގިންތީގެ ރައްޔިތުން ތަމްސީލު ކުރައްވާ ބޭފުޅުން މިތާ އެބަ ތިއްބެވި. ވައިބްރޭޓްވަމުން މި އަންނަނީ، ބާރުތަކެއް. اللّـه تعـالى އަޅުގަނޑުމެންނަށް މިންވަރު ކުރައްވާފައި ހުރި ވަރުގަދަ ބާރުތަކެއް އެބަވޭ. އެއްބައިވަންތަކަން ދަމަހައްޓަން ކުރާ މަސައްކަތުގައި، އެއްބައިވަންތަކަން ޙިމާޔަތް ކުރުމަށް ކުރާ މަސައްކަތުގައި، އިސްކުރަންޖެހެނީ، އަޅުގަނޑުމެންގެ ނަފްސުގެ މައްޗަށް އޮންނަ އަޅުގަނޑުމެންގެ ކޮންޓްރޯލް. އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަނީ ރުޅިވެރިކަމާއި ޙަސަދަވެރިކަން. އަޅުގަނޑުމެން ހިތަށް ގެންނަންވީ، ކުލުނާއި އޯގާތެރިކަމާއި، ރަޙުމާއި ހަމްދަރުދީ. އަޅުގަނޑުމެންގެ ޚިޔާލަށް މި އަންނަނީ، ނުރައްކާތެރި ކަންތައްތަކާއި އަދި ނުރައްކާތެރި ޖަރީމާތައް ހިންގުން. އަޅުގަނޑުމެން މިކަމުގެ މައްޗަށް ކުރި ހޯދަންވީ އަނެއްކާވެސް މަޞްލަޙަތު އިސްކުރުމަށް. މިއީ، އަޅުގަނޑުމެންނަށް ލިބިފައި އޮތް ބާރެއް. އަޅުގަނޑުމެންގެ ޚިޔާލަށް މި އަންނަނީ، ތަންތަން ބައިބައިކުރުމާއި، ސިޔާސީ ތަފާތުތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ މުޖްތަމަޢު ހަލާކުވެގެންދާތަން. އަޅުގަނޑުމެންގެ ނަފްސުގެ މައްޗަށް ކޮންޓްރޯލް ގެންނަން މިޖެހެނީ، ނޫނީ اللّـه تعـالى އަޅުގަނޑުމެންނަށް މިންވަރު ކުރައްވާފައި މިއޮތީ، މިކަންކަމާއެކުވެސް އެކަކު އަނެކާގެ ޙައްޤުތަކަށް އަރައިނުގަނެ، ގަބޫލުކުރެވޭ ކަންތައްތަކެއްގައި އަޅުގަނޑުމެން ޤައުމާއިގެން ކުރިއަށް ދިޔުމުގެ ހެޔޮ ވިސްނުން. އަޅުގަނޑުމެންގެ ޚިޔާލަށް އަންނަނީ، ޒުވާނުންނާއި، ކުޑަކުދިންނާއި އަދި އަންހެނުންނާ ދޭތެރޭގައި ބޭއިންޞާފުކޮށް ކަންތައްތައް ކުރެވޭ ތަން. މިކަންކަމުން އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންވީ، މުޖްތަމަޢުގެ އެއްވެސް ބައެއްގެ ޙައްޤުތައް ނަގައިލުމަކީ، ނޫނީ ޙައްޤުތަކަށް އަރައިގަތުމަކީ އަޅުގަނޑުމެން ކޮށްގެންވާނެ ކަމެއް ނޫންކަން. އަޅުގަނޑުމެންގެ ޚިޔާލަށް މި އަންނަނީ، ނުބައި ކަންތައްތަކުގެ މައްޗަށް ރަނގަޅު ކަންތައްތައް އިސްކުރަން. މިއީ،اللّـه تعـالى އަޅުގަނޑުމެންނަށް ދެއްވާފައި ހުރި ވަރުގަދަ ބަހާތަކެއް، ވަރުގަދަ ކަންތައްތަކެއް، ވަރުގަދަ ބާރުތަކެއް.
 
އެހެންވީމާ، މި ޖަލްސާގެ މާލަމުގެ ތެރެއިން މި ބާރުވެރިކަން ވައިބްރޭޓްވާކަމަށް އަޅުގަނޑަށް އެބަ ފީލްވޭ، އަޅުގަނޑަށް އެބަ އިޙްސާސް ކުރެވޭ. އަޅުގަނޑުމެން މިދެންނެވި ބާރުތައް އިސްކުރަންވީ ޙަޤީޤަތުގައި ދިވެހިރާއްޖެ މިއަދު މިއޮތް ހިސާބުން އަޅުގަނޑުމެން މިޞްރާބު ޖަހަންވީ، މި ބާރުތަކުގެ ބޭނުން ހެޔޮގޮތުގައި ބޭނުންކޮށްގެން، ދިވެހިރާއްޖެއާ ދޭތެރޭގައި އާ ވިސްނުންތަކަކަށް. އާދެ، ދިވެހިރާއްޖެ ކުރިއަށް ދިޔުމުގައި، އަޅުގަނޑުމެންގެ ތަފާތުތަކެއް ހުރިނަމަވެސް، ގަބޫލުކުރެވޭ ނޫނިއްޔާ މުޅި ރައްޔިތުންނަށް އުފާފާގަތިކަމާއި ތަނަވަސްކަން ގެނެސްދޭ ކަންކަމުގައި، އަޅުގަނޑުމެންނަށް ކުރިއަށް ދެވޭތޯ މި ބާރުތަކުގެ ބޭނުންކުރަންވީ. މި ބާރުތައް ހެޔޮގޮތުގައި ބޭނުންކުރަންވީ. އަޅުގަނޑުމެންގެ ތެރެއިން އަނިޔާވެރިކަން ދުއްވާލުމަށްޓަކައި އަޅުގަނޑުމެން އާ ޢަޒުމެއް ކަނޑައަޅަން މިޖެހެނީ. އެއްބައިވަންތަކަމުގެ ދުވަހެއްގައި، އެއްބައިވަންތަކަން، ސޮސައިޓީގައި މުޖްތަމަޢުގައި ދެމެހެއްޓުމަށް އަޅުގަނޑުގެ ވިސްނުންހުރީ މިދެންނެވި ކަހަލަ ކަންތައްތަކާ ދޭތެރޭގައި.
 
އަޅުގަނޑު ދަންނަވާލިހެން، ދުނިޔޭގެ އެކި ހިސާބުގައި، ދުނިޔޭގެ ވެރިންގެ ފެންވަރުގައި ވިސްނުންތައް ހުރީ މިއަށްވުރެ މާ ދުރަށް. އަޅުގަނޑުމެން ކަހަލަ ކުޑަކުޑަ އިސްލާމީ މުޖްތަމަޢަކަށް ގަބޫލުކުރަން އަމުދުން ބޭނުންނުވާ، ގަބޫލުކުރަން ދަތިވާކަހަލަ ކަންތައްތަކާ ދޭތެރޭގައި. އެހެންވީމާ، އަނެއްކާވެސް އަޅުގަނޑު ހިތަށްއަރަނީ، އަޅުގަނޑުމެން މި ދުނިޔެމަތީގެ ކުޑަކުޑަ ސުވަރުގޭގައި ތިބޭއިރު، އަޅުގަނޑުމެންގެ ނަޞީބު ހާދަ ރަނގަޅޭ. އަޅުގަނޑުމެންނަށް ﷲ ނަހީކުރައްވާފައި ހުރި ކަންތައްތަކަށް، އަޅުގަނޑުމެންގެ ރައްޔިތުން އަރައިގަންނާތީ، އެމީހުންނަށް އެހެން ރައްޔިތުންނަށް ލިބޭވަރުގެ އެއްވަރު ޙައްޤުތަކެއް ހޯދައިދޭކަށް، އަޅުގަނޑުމެންގެ ޤާނޫނުއަސާސީ ޖާގައެއް ނުދޭ. އަޅުގަނޑުމެންގެ ތެރޭގައި އެ ވިސްނުމެއް ނެތް. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، ކޮންމެ އިންސާނަކަށްވެސް ލިބެންވާ ޙައްޤުތަކެއް ހޯދައިދިނުމުގައި، ޙައްޤުތައް މަޙްރޫމްވެގެންދާއިރު، ޙައްޤުތައް މަޙްރޫމްވާ މީހުންނަށް އަޅުގަނޑުމެން މި އިލްތިމާސް ކުރަނީ، އިޙްސާންތެރިވާށޭ، މުޖްތަމަޢު އެކަތިގަނޑަކަށް ހެދޭތޯ މަސައްކަތް ކުރާށޭ. ކީއްވެގެންތޯއޭ، އަންހެން ބޭފުޅުންނަށް ލިބޭ ޙައްޤުތަކުން އަންހެން ބޭފުޅުން މަޙްރޫމްވާންވީ. ކީއްވެގެންތޯއޭ ޒުވާނުންނާއި ކުޑަކުދިންނަށް ލިބޭ ޙައްޤުތަކުން، ޒުވާނުން މަޙްރޫމްވާންވީ. އެކަތިގަނޑަކަށް ވަންޏާ، އެއްބައިވަންތަވާން ބޭނުން ކަމަށްވަންޏާ އަދި އެއްބައިވަންތަކަން ދަމަހައްޓަން ބޭނުން ކަމަށްވަންޏާ، މި ހުންނަނީ ވަރަށް އާދައިގެ ކަންކަން. އަޅުގަނޑު ހިތަށްއަރާ، އަޅުގަނޑަށް މި ދަންނަވާލެވުނީ، އަޅުގަނޑުމެންގެ މުޖްތަމަޢުގެ ފަރާތުން ފަރުދުންގެ އަރިހުން ނޫނިއްޔާ މުޖްތަމަޢުގައި ހިމެނޭ އެކިއެކި ބައިބައިގެ ފަރާތުން މި އަހާލެވުނީ މާބޮޑު ކަމަކަށްބާވައޭ. އަޅުގަނޑު ހިތުން ހަމަ ކޮންމެ ދިވެހި ރައްޔިތަކު މިކަންކަމާ ދޭތެރޭގައި ވިސްނާވަޑައިގެންފި ކަމަށްވަންޏާ، ޢާއިލާއެއްގެ ދިރިއުޅުމާ ދޭތެރޭގައި، ކަންތައްތައް ހިނގާގޮތަށް ވިސްނާވަޑައިގެންފައި، އަނެކާ ނޫނިއްޔާ އަވަށްޓެރިޔާއާ ދޭތެރޭގައި، މިކަންކަން އިސްކުރެވިއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ތެރޭގައި އެއްބައިވަންތަކަން ނޫން ކަމެއް ނޯންނާނެ.
 
މި ޖަލްސާގައި ތިއްބެވި ބޭފުޅުންނާއި އަދި ދުރާއި ގާތުން މި ޖަލްސާ ބައްލަވަމުން، އައްސަވަމުން ގެންދަވާ ބޭފުޅުން:
 
އާދެ، ބޮޑެތި މީހުންނަށް އަޅުގަނޑު ދަންނަވާލަން އޮތީ، ހަމަޖެހޭ ސިކުނޑިއެއް ހުރި ހުރިހާ ބޮޑެތި މީހުން، ވަކި ދިވެހިރާއްޖެއަކު ނޫން، ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް. އަބަދުވެސް ލިބޭވަރެއް މަދުވެގެން، އަބަދުވެސް ލިބިފައި ހުރި ޙައްޤުތައް މަދުވެގެން، ވަކާލާތު މި ކުރެވެނީ، ޙައްޤުތައް ހުރަސްކޮށް، އެހެން މީހެއްގެ ޙައްޤުތަކުގެ ތަރަޙައިގެ ތެރެއިން އަރައިގަތުމަށްޓަކައި. އާދެ، ހަމަޖެހޭ މީހުން، ހަމަޖެހޭ ސިކުނޑީގެ މީހުން މިތިބީ ހަނގުރާމަކޮށްގެން. އާދެ، އަމިއްލަ ނަފްސުގެ ތެރޭގައި، ޙައްލުނުކުރެވޭ ކަންތައްތަކާ ދޭތެރޭގައި، އަމިއްލަ ނަފްސާ ތޮޅެތޮޅެ. އާދެ، އެކަކު އަނެކަކަށް ޙައްޤުތަކަށް އަރައިގަންނަ ހިސާބުގައި އަޅުގަނޑުމެން ބޮޑެތި މީހުން ތިބީ. އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ބޮޑެތި މީހުން، އަޅުގަނޑުމެން މިކުރާ ކަމަކީ އަޅުގަނޑުމެން ތޮޅެނީޔޭ. ޙައްޤުތަކާވެސް ތޮޅެނީ. އަޅުގަނޑުމެންނަށް ކޮންޓްރޯލް ނުކުރެވޭ، އަޅުގަނޑުމެންގެ ޕެޝަން، ނޫނީ އިޙްސާސްތަކާވެސް އަޅުގަނޑުމެން ތޮޅެނީ. އެކަމަކު ﷲ އަޅުގަނޑުމެންނަށް މިންވަރު ކުރެއްވީ، ޙައިވާނުންނާ ތަފާތުކޮށް އަޅުގަނޑުމެންނަށް މިންވަރު ކުރެއްވި ވަރުގަދަ ބާރުތަކެއް، އެ ބާރުތައް އަޅުގަނޑުމެންގެ ނަފްސަށް ކޮންޓްރޯލް ކުރެވިއްޖެ ކަމަށްވަންޏާ، އެއްވެސް މުޖްތަމަޢެއްގައި އެއްބައިވަންތަކަން ނޯންނާނެ ކަމަކަށް ވިސްނާކަށް ޖާގައެއް ނޯންނާނެ. އެއްބައިވަންތަކަމުގެ އަސާސަކީ މިއީ.
 
މިދެންނެވި ކަހަލަ ތިން ހަތަރު އިޙްސާސަކަށް، އަޅުގަނޑުމެން ކޮންމެ މީހަކަށް، ކޮންމެ ގިންތިއެއްގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކަށް، ކޮންމެ ޢުމުރުފުރައެއްގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކަށް ޖާގަ ދެއްވޭ ކަމަށްވަންޏާ، ނަފްސުގެ މައްޗަށް ކޮންޓްރޯލް ކުރެއްވޭ ކަމަށްވަންޏާ، އަޅުގަނޑުމެން ނުޖެހޭ މުޙައްމަދު ތަކުރުފާނުގެ ޖިހާދުގެ ވާހަކަ ދައްކާކަށް. އަޅުގަނޑުމެން ނުޖެހޭ ކާރިސާތަކުގައި، އަޅުގަނޑުމެން ދިވެހިން ކަށިން ނެރުނު ހިތްވަރުގެ ވާހަކަ ދައްކާކަށް. އެއަށްވުރެ މާ އާދައިގެ ގޮތެއްގައި، އަޅުގަނޑުމެންނަށް އެއްބައިވަންތަކަން ގެނެވެން މިއޮތީ.
 
މީގެ ދާދި ކުޑަދުވަސްކޮޅެއްގެ ކުރިން، އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ، މާލޭގައި ފެނުގެ ކާރިސާ. މި ކާރިސާގައިވެސް އަޅުގަނޑުމެންނަށް ދިވެހިން ދައްކައިދިނީ އެއްބައިވަންތަކަން. އަޅުގަނޑުމެންނަކީ މިކަހަލަ ކާރިސާއެއް މެދުވެރިވެއްޖެ ކަމަށްވަންޏާ، ﷲގެ ރަޙްމަތުން މަދަދު އެދެމުން، އަޅުގަނޑުމެންނަކީ އެކުގައި މަސައްކަތްކުރާ، އޯގާތެރި، އަޅާލާ ބައެއް ކަމަށްވާކަން. އެކަމަކު ޢާންމު ޙާލަތަށް އަޅުގަނޑުމެން ރުޖޫޢަވާއިރު، އަޅުގަނޑު ދެންނެވިހެން އަމިއްލަ ނަފްސާވެސް ތޮޅެނީ. ދޭދޭ ފަރުދުންނާވެސް ތޮޅެނީ. އަވަށްޓެރިންނާވެސް ތޮޅެނީ. ސިޔާސީ ފިކުރު ތަފާތުވާއިރުވެސް އަޅުގަނޑުމެން ތޮޅެނީ. އެހެންވީމާ، ބޮޑެތި މީހުންނަކީ ތޮޅޭ މީހުން.
 
އެހެންވީމާ، މިދެންނެވި ކަހަލަ ނަފްސުގެ ކޮންޓްރޯލްގެ ވާހަކަ ދައްކާއިރު، އާދެ، ކުށްތަކުގެ މައްޗަށް އިސްކުރަންވީ ހަމަޖެހުން. މުޖްތަމަޢުގެ ޤާނޫނާއި ގަވާއިދުގެ އުޞޫލުތައް ދަމަހައްޓަން. ނުބައިގެ މައްޗަށް އިޚްތިޔާރު ކުރަންވީ ރަނގަޅު. އަނިޔާވެރިކަމުގެ މައްޗަށް އަޅުގަނޑުމެން އިޚްތިޔާރު ކުރަންވީ ޢަދުލާއި، އިންޞާފާއި، ލޯބި، މަޞްލަޙަތު، އަނެކަކަށްވެސް އުޅެން ޖާގަ ދިނުން. އަދި އަޅުގަނޑުމެން އިސްކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި، މިދެންނެވި ގޮތަށް ރުޅިއާއި ޙަސަދަވެރިކަމުގެ މައްޗަށް، ޖާގައާއި ހަމްދަރުދީއާއި، އަނެކާއަށް އަޅާލުން އިސްކުރެވޭ ކަމަށްވަންޏާ، މިކަންކަމަށް އަޅުގަނޑުމެން ވާހަކަދައްކާ ކަމަށްވަންޏާ، މިއީ މުޖްތަމަޢު، މިދެންނެވި ގޮތަށް އެއްބައިވަންތަ މުޖްތަމަޢަކަށް ހެދޭނެ ސިފަތަކެއް، މާގިނަ ކަންތައްތަކެއް ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ.
 
އެކަމަކު މިކަންކަން މިދެންނެވި ގޮތަށް، އަޅުގަނޑުމެންގެ ޖީލާ ދޭތެރޭގައި ވިސްނާ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ޖީލަކީ، އެއްބަޔަކު އަނެއް ބަޔަކަށް ތޮޅޭ ޖީލެއް. އަޅުގަނޑުގެ އުންމީދު ނެތް ވާހަކަ ދަންނަވަނީކީ ނޫން. އެހެން ނަމަވެސް، މިދެންނެވި ކަހަލަ އަސާސްތަކެއް، އަޅުގަނޑުމެންގެ މުޖްތަމަޢުގައި އަށަގަންނަން ބޭނުންވެއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެން އަނެއްކާވެސް މި ދާންޖެހެނީ ތަރުބިއްޔަތާ ހަމަޔަށް. މަންމަގެ އުނގާ ހަމަޔަށް. މުދައްރިސުންނާ ހަމަޔަށް. ތުއްތުކުދިންނާ ހަމަޔަށް. ތުއްތުކުދިންނަށް އަޅުގަނޑުމެން މި ކިޔަވައިދޭންޖެހެނީ. މަދްރަސާގެ ކްލާސްރޫމްތަކަށް އަޅުގަނޑުމެން  މި ވައްދައިދޭންޖެހެނީ ކޮބައިތޯ ފިތުނަޔަކީ. ކޮބައިތޯ ޙަސަދަވެރިކަމަކީ. ކޮބައިތޯ އޯގާތެރިވުމަކީ. މި ކާރިސާތަކުން ދިވެހިން ކޮށްފައި ހުރި މަސައްކަތުގެ ފިލާވަޅުތަކެއް ނަގައިދޭން މިޖެހެނީ. އެއީ، ތުއްތުކުދިންވެސް، ޔުނިވަރސިޓީ ކުދިންވެސް އަދި ދަރުމަޔަށް މަސައްކަތްކުރާ ޒުވާނުން ކަމުގައިވީނަމަވެސް ނަގައިދޭންޖެހޭ ފިލާވަޅުތަކަކީ މިއީ. މި ފިލާވަޅުތައް، އެމީހުންނަށް އޭގެ ޒާތުގައި ތަޙުލީލު ކުރެވިގެން، ވިސްނިގެނެއް ނޫންކަންނޭނގެ، އެމީހުން އެކުރާ މަސައްކަތް، އެ އީޖާބީ ގޮތެއްގައި އެ ކުރަނީ. އެހެން ނަމަވެސް، ތުއްތުކުދިންނާ ހަމަޔަށް ގޮއްސަ، އަޅުގަނޑުމެން މިހާރު ދަސްކޮށްދޭންޖެހެނީ، މިހާރުގެ ޖީލުގެ ޒިންމާއެއްގެ ގޮތުގައި މިއޮތީ، މި ދައުލަތް އެއްބައިވަންތަ، އެކުވެރި ދައުލަތެއްގެ ގޮތުގައި ބާއްވަން ބޭނުންކަމަށްވަންޏާ، ދަސްކޮށްދޭންޖެހޭ ކަންތައްތަކެއްގެ ވާހަކަ އަޅުގަނޑު މިދަންނަވާލީ. ރުޅިއާއި، ޙަސަދަވެރިކަމާ، މިކަންކަމުގެ މައްޗަށް އޯގާތެރިކަން އިސްކުރުން. ރަޙުމާއި ހަމްދަރުދީ އިސްކުރަން ދަސްކޮށްދެވިދާނެ. އަނިޔާވެރިކަމުގެ މައްޗަށް، އިޙްސާންތެރިކަން އިސްކުރަން، އަޅުގަނޑުމެންނަށް ދަސްކޮށްދެވިދާނެ. އެއްކުއްޖަކަށް ހަނދާންނެތިގެން ފޮތެއް ނުގެނެވިއްޖެ ކަމަށްވަންޏާ، އެހެން ކުއްޖެއްގެ ފޮތް ޝެއަރ ކުރަން އަޅުގަނޑުމެންނަށް ދަސްކޮށްދެވިދާނެ. މި ދަސްކޮށްދެވެނީ އަޅާލުން.
 
އެހެންވީމާ، ކެތްތެރިކަމާއި، އަޅުގަނޑުމެންގެ މުޖްތަމަޢަކީ އޯގާތެރި، ހަމަޖެހޭ މުޖްތަމަޢަކަށް ހެދުމަށްޓަކައި ހުރިހާ ޒިންމާއެއް މިއޮތީ، ތުއްތުކުދިންނަށް ދަސްކޮށްދިނުމުގައި، މަންމައާއި ބައްޕައާ ހަމައިގައި. މުދައްރިސުންނާ ހަމައިގައި. މިއީކީ ރޮކެޓް ސައިންސެއް ނޫން. އަޅުގަނޑުމެން ގަބޫލުކުރަން، 15 ވަނަ ޤަރުނުގެ، ނޫނީ 16 ވަނަ ޤަރުނުގެ ފަލްސަފާ ޢިލްމުވެރިން، ތުއްތުކުދިންނާ ބެހޭގޮތުން ވިދާޅުވެފައި މިއޮންނަނީ، އެކުދިންނަކީ ދުނިޔެއަށް އަންނައިރު، ނޫނިއްޔާ އެކުދިންގެ ވިސްނުމަކީ، ދުނިޔެއަށް އަންނައިރު، އެއްވެސްކަހަލަ ގޯހެއް ނެތް މަޢުޞޫމް ކުދިބަޔެކޭ ‘Tabula Rasa’ އާދެ، އެކުދިންނަކީ ފުށްގަނޑެއް ގޮތަށް، މައިންބަފައިން، ޓީޗަރުން، މުޖްތަމަޢު މޮޑޭނެ ގޮތަކަށް މޮޑެވިދާނެ ކުދިންތަކެކޭ. އޭގެ މާނަޔަކީ، ޓީޗަރުންނާއި މައިންބަފައިންނާއި އަދި މުޖްތަމަޢުގެ ފަރާތުން އެކުދިންނަށް އުނގަންނައިދޭ އެއްޗަކީ އެކުދިންގެ ކެރެކްޓަރ ޑިސައިޑް ކުރާނެ، ނޫނިއްޔާ އެކުދިންގެ ކެރެކްޓަރ ބައްޓަންކުރާނެ އެއްޗަކީ، މިދެންނެވި ކަހަލަ ފިލާވަޅުތައް. އެހެންވީމާ، މިއަދު އަޅުގަނޑުމެން އުފުލަން މިޖެހޭ ޒިންމާއަކީ، މިދެންނެވި ގޮތަށް ތުއްތުކުދިންނާ ހަމައިން އަޅުގަނޑުމެން އާ ޖީލެއް ބިނާކުރުމުގެ މަސައްކަތް.
 
 އަޅުގަނޑުގެ ޚިޔާލަށް އަންނަނީ، ސިޔާސީގޮތުން އަޅުގަނޑުމެންގެ ޚިޔާލު ތަފާތުވިޔަސް، މިކަހަލަ ދުވަސް ދުވަސް، އަޅުގަނޑުމެންގެ ހަނދާނަށް ގެނެސް، އެއްބައިވަންތަކަން ދަމަހައްޓައި، ދިފާޢުކޮށް ޙިމާޔަތް ކުރަން މަސައްކަތް ކުރާއިރު، އަޅުގަނޑުމެންގެ ހިތާހިތާ ކޮށްލަންހުރި ސުވާލުތައް އެބަހުއްޓޭ. އޭގެތެރޭގައި، ދިވެހި ދައުލަތުގެ މިނިވަންކަމަށް ގެއްލުންވާކަހަލަ ކަންތައްތަކަށް ޖާގަދެނީ ކީއްވެގެންބާވައޭ. މިއީ، ޤައުމީ ނަޒަރަކުން ވިސްނާ ކަމަށްވަންޏާ ކޮށްގެން ވާނެ ކަމެއް ނޫން. މިއީ ކުށެއް. ދިވެހިރާއްޖޭގެ ސިޔާދަތާ ބޭރު މީހުން ބެހުމަށް ފުރްޞަތު ދޭންވީ ކީއްވެގެންބާވައޭ. މިއީ ކުށެއް. ކޮށްގެންވާނެ ކަމެއް ނޫން. އަޅުގަނޑުމެންގެ ހިތަށް ގެންނަންވީ، ދިވެހިރާއްޖޭގެ މިނިވަންކަމާ ތޮޅުމަށް ބޭރުމީހުންނަށް ޖާގަދޭންވީ ކީއްވެގެންބާވައޭ. މިއީކީ އަޅުގަނޑުމެންނަށް ކުރެވިގެންވާނެ ކަމެއް ނޫން. މިއީ ޝައްކެއްވެސްނެތްގޮތުގައި ކުށެއް.
 
ހަމައެހެންމެ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ފަހު ވާހަކައެއްގެ ގޮތުންވެސް. އަޅުގަނޑުމެންނަށް ޚިޔާލު އެއްގޮތްކުރެވޭ ކަންކަމުގައި، އަޅުގަނޑުމެންނަށް ކުރިއަށް ނުދެވޭންވީ ކީއްވެގެންބާވައޭ. މުޅި ދިވެހިރާއްޖޭގެ މަޞްލަޙަތަށްޓަކައި، މުޅި ދިވެހިންގެ އުފާފާގަތިކަމަށްޓަކައި، އަޅުގަނޑުގެ އިލްތިމާސަކީ، އަޅުގަނޑުމެން ކުރިއަށް ދިޔުމުގައި، ކީއްވެގެންތޯއޭ ދިވެހިންނަށް ތަނަވަސްކަން ހޯދައިދިނުމަށްޓަކައި މިކުރެވޭ މަސައްކަތުގައި ހުރިހާ އެންމެންނަށް އެއްގަލަށް ނޭރެންވީ. އަޅުގަނޑުގެ އިލްތިމާސަކީ، ކީއްވެގެންބާވައޭ އަޅުގަނޑުމެންނަށް މިދިމާވާ ކާރިސާތަކުގައި، އަޅުގަނޑުމެންނަށް އެކުގައި މަސައްކަތް ނުކުރެވެންވީ. އަޅުގަނޑުގެ އިލްތިމާސަކީ، އަޅުގަނޑުމެންނަށް ދިމާވާ ނުރައްކާތެރި ކަންކަމުގައި، ކީއްވެގެންބާވައޭ، ސިޔާސީގޮތުން ޚިޔާލު ތަފާތުވިޔަސް، އަޅުގަނޑުމެންނަށް އެކުގައި މަސައްކަތް ނުކުރެވެންވީ. މިއީ ކޮމަން ގްރައުންޑް، ނޫނިއްޔާ އަޅުގަނޑުމެން ޢާންމުކޮށް އެންމެންނަށް އެއްބަސްވެވޭ ކަންތައް. މުޖްތަމަޢެއް ސަލާމަތްކުރުމަށްޓަކައި، މުޖްތަމަޢަށް އުފާފާގަތިކަމާއި ކުރިއެރުން ހޯދައިދިނުމަށްޓަކައި އަޅުގަނޑުމެންނަށް އެއްގަލަށް ނޭރެންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ.
 
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް އަޅުގަނޑު ހަމަ އިލްތިމާސް ކުރާހިތްވަނީ، މިދެންނެވި ކަހަލަ ކަންކަމުގައި، އަޅުގަނޑުމެންގެ ޚިޔާލު ތަފާތުވުން އެއްގޮތްކޮށްލާށޭ. އެއްގޮތްކޮށްފައި، ކީއްވެގެންތޯއޭ ޤައުމު ކުރިއަށް ދިޔުމުގައި، ހުރިހާ ފަރާތެއްގެ ޙިއްޞާ ނުލިބެންވީ. އަދު އަޅުގަނޑުމެން 21 ވަނަ ޤަރުނުގައި ތިބެގެން އަދި ބަވަނަވެފައި އޮތް މުޖްތަމަޢެއްގެ ތެރޭގައި، ބަވަނަވެފައި އޮތް ދުނިޔެއެއްގެ ތެރޭގައި، އަޅުގަނޑުމެން އިޤްތިޞާދީ ގޮތުން ކުރިއަށްދާން ބޭނުންވާއިރު، އަޅުގަނޑުމެންގެ ގޮންޖެހުންތަކެއް އެބަހުރި. މި ގޮންޖެހުންތައް އަންނަނީ ބޭރުން ކަމަށްވާއިރު، އަޅުގަނޑުމެންގެ ތެރޭގައި ހުރި ގޮންޖެހުންތަކުން ފުރަތަމަ އޭގެކުރިން އެބަ އަރައިގަންނަންޖެހޭ. އަދި އަޅުގަނޑުމެންގެ ރާއްޖެއަށް އެންމެ އުފެއްދުންތެރި ޞިނާޢަތެއްގެ ގޮތުގައި މިހާރު އޮތީ ޓުއަރިޒަމްގެ ދާއިރާ ކަމަށްވަންޏާ، ކީއްވެގެންބާވައޭ މި ޞިނާޢަތަށް ގެއްލުންވާކަހަލަ ވާހަކަ، އަޅުގަނޑުމެންގެ ތެރެއިން މަސްއޫލުވެރިން، މި ދައްކަވަނީ.
 
އެހެންވީމާ، މިކަހަލަ ކަންކަމާ ދޭތެރޭގައި، އަދުގެ ޒުވާނުން ވާހަކަ ދައްކަވާށޭ. ވިސްނާވަޑައިގަންނަވާށޭ. ދޮންބަންޑާރައިންގެ ޖިހާދާއި، ބޮޑުތަކުރުފާނުގެ ޖިހާދުގެ މަތިން އަޅުގަނޑުމެން ހަނދާންނައްތާލައިގެން ނުވާނެ. އެކަމަކު މިއަދުގެ ޙަޤީޤަތަކީ، މިއަށްވުރެ މާ ކައިރިން އަޅުގަނޑުމެން އިޙްސާސް ކުރަންޖެހޭ ކަމަކީ، އަޅުގަނޑުމެންގެ ރާއްޖޭގެ ގިނަ ބަޔަކު ނުކައި ނުބޮއި އުޅޭއިރު، ކީއްވެގެންހެއްޔޭ އެހިސާބަށް ދާންޖެހިގެން މިއުޅެނީ. އަޅުގަނޑުމެން ޚިޔާލުކޮށްލަންވީ، މިދެންނެވި ކަހަލަ ވަރުގަދަ އިލާހީ ބާރުތަކެއް، އަޅުގަނޑުމެންނަށް ﷲ ވަނީ މިންވަރު ކުރައްވާފައޭ. އެ ބާރުތައް އަޅުގަނޑުމެންގެ ބޭނުމަށް، އީޖާބީ ގޮތެއްގައި ބަދަލުކުރުމުގެ ހުރިހާ ބާރެއް އަޅުގަނޑުމެންގެ އަތްމަތީގައި އެބައޮތޭ. އެހެންވީމާ، އެ ބާރުތައް އަޅުގަނޑުމެން ބޭނުންގޮތަކަށް ކޮންޓްރޯލް ކުރެވޭ ކަމަށްވަންޏާ އަދި އެ ބާރުތަކުގެ ރަނގަޅު ސިފަތައް އަޅުގަނޑުމެންނަށް އިސްކުރެވޭ ކަމަށްވަންޏާ، ދިވެހިރާއްޖޭގައިވެސް އަދި އެހެން މުޖްތަމަޢެއްގައިވެސް ހަމަޖެހުން ނޫންކަމެއް ނޯންނާނެ. އެއްބައިވަންތަ މުޖްތަމަޢެއް ނޫން މުޖްތަމަޢެއް ނޯންނާނެ. އެހެންވީމާ، މިކަން ކުރުމުގެ ހުރިހާ ބާރެއް އޮތީ އަޅުގަނޑުމެންގެ އަތުގައި. ފަރުދީގޮތުން ޖުމްލަ ގޮތެއްގައި ހުރިހާ އެންމެންގެ އަތުގައި.
 
އަޅުގަނޑު އެދެނީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މާތްﷲގެ ބަރަކާތާއި ތައުފީޤު މިންވަރު ކުރެއްވުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ޤައުމާއިގެން ކުރިއަށް ދިޔުމަށްޓަކައި މިކުރާ މަސައްކަތުގައި، މާތްﷲ ތައުފީޤު މިންވަރު ކުރައްވާށި!
 
والســّلام عليــكم ورحـمــةاللّـه وبـركاتـه