މާތް ﷲ އިންސާނުންނަށް މިންވަރުކުރައްވާފައިވާ ބާރުތަކެއްވާ ކަމަށާއި، އެއްބައިވަންތަކަން ދަމަހައްޓައި ހިމާޔަތްކުރުމަށް ކުރާ މަސައްކަތުގައި އަމިއްލަ ނަފްސުގެ މައްޗަށް ކޮންޓްރޯލް އިސްކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޤައުމީ ދުވަހާއި، ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ‏‏ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

‏‏މިރޭ ދަރުބާރުގޭގައި ބޭއްވެވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޠަބީޢީގޮތުން އަޅުގަނޑުމެންގެ ކިބައިގައި ހުރި ނުރަނގަޅު ސިފަތައް އެއްފަރާތްކޮށް، ރަނގަޅު ސިފަތަކަށް ޖާގަދިނުމަށް ހުރިހާ ފަރާތްތަކަށް ގޮވައިލެއްވިއެވެ. އަދި މިއީ މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ވަރުގަދަ ބާރުތަކެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މި ބާރުތަކުގެ ބޭނުން ހެޔޮ ގޮތުގައި ކޮށްގެން ދިވެހިރާއްޖެ މިއަދު މިއޮތް ހިސާބުން އެހެން ހަރުފަތަކަށް ގެންދިއުމަށް މިސްރާބު ޖަހަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ދިވެހިރާއްޖެ ކުރިއަށް ދިއުމުގައި އަޅުގަނޑުމެންގެ ތަފާތުތަކެއް ހުރި ނަމަވެސް، ހުރިހާ ރައްޔިތުންނަށް އުފާ ފާގަތިކަމާއި ތަނަވަސްކަން ގެނެސްދޭ ކަންކަމުގައި އަޅުގަނޑުމެންނަށް ކުރިއަށް ދެވޭތޯ މި ބާރުތަކުގެ ބޭނުން ހެޔޮ ގޮތުގައި ކުރަންޖެހޭ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހައިވާނުންނާ ތަފާތުކޮށް މާތް ﷲ އަޅުގަނޑުމެންނަށް މިންވަރު ކުރެއްވި ވަރުގަދަ ބާރުތަކުން، ނަފްސުގެ މައްޗަށް ކޮށްޓްރޯލް ކުރެއްވިއްޖެނަމަ އެއްވެސް މުޖުތަމަޢެއްގައި އެއްބައިވަންތަކަން ނެތި ނުދާނެ ކަމުގައި ވިދާޅުވިއެވެ. އެއްބައިވަންތަކަމުގެ އަސާސަކީ މިއީ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ނަފްސުގެ ކޮންޓްރޯލްގެ ވާހަކަ ދައްކާއިރު ކުށްތަކުގެ މައްޗަށް އިސްކުރަންވީ ހަމަޖެހުން. މުޖުތަމަޢުގެ ޤާނޫނާއި ޤަވާއިދުގެ އުސޫލުތައް ދަމަހައްޓަން. ނުބައިގެ މައްޗަށް އިޚްތިޔާރުކުރަންވީ ރަނގަޅު. އަނިޔާވެރިކަމުގެ މައްޗަށް އިޚްތިޔާރު ކުރަންވީ ޢަދުލާއި އިންސާފާއި ލޯބި. މަސްލަހަތު. އަނެކަކަށްވެސް އުޅެން ޖާގަ ދިނުން. ރުޅިއާއި ހަސަދަވެރިކަމުގެ މައްޗަށް ޖާގައާއި ހަމްދަރުދީއާއި އަނެކާއަށް އަޅާލުން އިސްކުރެވޭ ކަމަށްވަންޏާ މިއީ މުޖުތަމަޢު އެއްބައިވަންތަ މުޖުތަމަޢަކަށް ހެދުމުގެ ސިފަތަކެއް."

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މުޖުތަމަޢުގައި މިފަދަ ކަންކަން އަށަގެންނެވުން ފެށެނީ ދަރިންގެ ތަރުބިއްޔަތާ ހަމައިންކަން ފާހަގަ ކުރައްވައި، މިއަދު އުފުލަންޖެހޭ ޒިންމާއަކީ ތުއްތު ކުދިންނާ ހިސާބުން އާ ޖީލެއް ބިނާކުރުމުގެ ޒިންމާ ކަމުގައި ވިދާޅުވިއެވެ. ދިވެހިންނަށް ކުރިއެރުމާއި، އުފާ ފާގަތިކަން ހޯދައިދިނުމުގައި އެންމެން އެއްގަލަކަށް އެރުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިލްތިމާސްކުރެއްވިއެވެ. އަދި، 21 ވަނަ ގަރުނުގައި، ބަވަނަވެފައިވާ މުޖުތަމަޢެއްގެ ތެރޭގައި ތިބެގެން މަސައްކަތްކުރާއިރު ބޭރުން ކުރިމަތިވާ ގޮންޖެހުންތަކުން ސަލާމަތްވުމުގެ ކުރިން އަޅުގަނޑުމެންގެ ތެރޭގައި ހުރި ގޮންޖެހުންތަކުން އަރައިގަންނަންޖެހޭކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

"ސިޔާސީ ގޮތުން އަޅުގަނޑުމެންގެ ޚިޔާލު ތަފާތުވިޔަސް މިކަހަލަ ދުވަސް ދުވަސް އަޅުގަނޑުމެންގެ ހަނދާނަށް ގެނެސް، އެއްބައިވަންތަކަން ދަމަހައްޓައި، ދިފާޢުކޮށް، ހިމާޔަތްކުރަން މަސައްކަތްކުރާއިރު، އަޅުގަނޑުމެން ހިތާހިތާ ކޮށްލަންޖެހޭ ސުވާލުތަކެއް އެބަހުރި. އޭގެ ތެރޭގައި، ދިވެހި ދައުލަތުގެ މިނިވަންކަމަށް ގެއްލުންވާ ކަހަލަ ކަންތައްތަކަށް ޖާގަދެނީ ކީއްވެގެންބާއޭ؟ މިއީ ޤައުމީ ނަޒަރަކުން ވިސްނާކަމަށްވަންޏާ ކޮށްގެންވާނެ ކަމެއްނޫން. މިއީ ކުށެއް. ދިވެހިރާއްޖޭގެ ސިޔާދަތަށް ބޭރު މީހުން ބެހުމަށް ފުރުޞަތު ދެވެނީ ކީއްވެބާއޭ؟ މިއީ ކުށެއް. މިއީ ކޮށްގެންވާނެ ކަމެއް ނޫން. އަޅުގަނޑުމެންގެ ހިތަށް ގެންނަންވީ ދިވެހިރާއްޖޭގެ މިނިވަންކަމާ ތޮޅުމަށް ބޭރު މިހުންނަށް ޖާގަ ދޭންވީ ކީއްވެގެންބާއޭ؟ މިއީ އަޅުގަނޑުމެންނަށް ކުރެވިގެންވާނެ ކަމެއްނޫން. މިއީ ޝައްކެއްވެސް ނެތް ގޮތެއްގައި ކުށެއް."