ރާއްޖޭގައި އިންވެސްޓްކުރުމަށް މިހާރަށްވުރެ ރަނގަޅު ވަގުތެއްނެތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކާ ބެހޭގޮތުން ސަޢޫދީ ޢަރަބިއާގެ ވިޔަފާރިވެރިންނަށް އަމާޒުކޮށް ބާއްވާ ސެމިނާ އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖޭގައި މިހާރު ސިޔާސީގޮތުން ހަމަޖެހުން ޤާއިމްކުރެވިއްޖެ ކަމަށާއި، އިޤްތިޞާދީގޮތުން ކުރިއަށް ދިއުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމުގައި ވިދާޅުވިއެވެ.

މިއަދު ޓްރޭޑަރޒް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދު އިތުރަށް ހަރުދަނާ ކުރުމަށް މި ސަރުކާރުން ދެއްވާ އަހަންމިއްޔަތު ފާހަގަ ކުރައްވައި، ރާއްޖޭގެ އިޤްތިޞާދީ ދާއިރާގައި ހުރި އެކިއެކި ފުރުޞަތުތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، ފަތުރުވެރިކަމާއި، ދަތުރުފަތުރާއި، ހަކަތައާއި، އިއާދަކުރަނިވި ހަކަތަ ފަދަ ދާއިރާތަކުން އިންވެސްޓްކުރުމަށް ރައީސުލްޖުމްހޫރިއްޔާ، ސަޢުދީ ޢަރަބިޔާގެ އިންވެސްޓަރުންނަށް މަރުހަބާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ރާއްޖެއަކީ އިންވެސްޓްކުރަން އެންމެ ރަނގަޅު، އިޤްތިޞާދީ ގޮތުން އެންމެ ފައިދާ ބޮޑު އެއްޤައުމުކަމަށް، ރާއްޖޭގައި ދިގު މުއްދަތަކަށް އިންވެސްޓްކޮށްފައިވާ ފަރާތްތަކުން އެއްބަސްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި، މުސްލިމް ޤައުމުތަކުގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުޞަތު އަބަދުވެސް އޮންނާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް މި ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތަކުގެ މައްޗަށް ބައްލަވައިލައްވަމުން، ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ރާއްޖެއަކީ އިންވެސްޓަރުންގެ އިތުބާރާއި، ޝައުޤުވެރިކަން ކަށަވަރުކޮށްފައިވާ ޤައުމަކަށް ހެދިއްޖެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، އިންވެސްޓްކުރުމާގުޅޭ ޤާނޫނުތަކަށް ގެންނަންޖެހޭ ޒަމާނީ އިސްލާޙުތައް ގެނައުމަށް ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައިގެން އެކަންކަން ކުރިއަށް ގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުތަކުގެ ޤާނޫނަށް މިހާރު ޢަމަލު ކުރެވެން ފެށުމާއެކު، ސަރުކާރުގެ ފަރާތުންވެސް އިންވެސްޓަރުންނާ ބައްދަލުކުރައްވައި، ރާއްޖޭގައި ހުރި މުހިންމު މަޝްރޫޢުތައް ހުށަހެޅުއްވުމުގެ ފުރުޞަތު ތަނަވަސްވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.