بســم اللّـه الرّحمـن الرّحيــم
 
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
ހިއުމަން ރައިޓްސް ކޮމިޝަންގެ ޢިއްޒަތްތެރި ރައީސާ، އައްޑޫސިޓީ ކައުންސިލްގެ ރައީސް، ޑެޕިއުޓީ މޭޔަރ، އައްޑޫސިޓީ ކައުންސިލްގެ އިތުރުން، ދެކުނުގެ އަތޮޅުތަކަށް ނިސްބަތްވާ އެންމެހާ ކައުންސިލްގެ ބޭފުޅުންނާއި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ލޯގެ ޢިއްޒަތްތެރި ބޭފުޅުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޢިއްޒަތްތެރި މިނިސްޓަރ، މިއަދުގެ މި އުފާވެރި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه
 
އާދެ، 2008ގެ ޤާނޫނުއަސާސީ ވުޖޫދަށް އައުމަށްފަހުގައި، ރާއްޖޭގެ އިންސާނީ ޙައްޤުތައް ފުޅާވެގެންދިޔަ މިންވަރަކީ، މިއަދު ރާއްޖޭގެ ރައްޔިތުން އުފާކުރާ ކަމެއް. އެއާއެކީގައި، ރާއްޖޭގެ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ގިނަގުނަ ޖަމާޢަތްތަކާއި، ގިނަގުނަ ފަރާތްތަކެއް ހިމެނި، އެފަރާތްތަކުގެ މަސައްކަތް ފުޅާވެ، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މަސައްކަތް ފެތުރިގެން ދިޔުމަކީ، ރާއްޖޭގެ ރައްޔިތުންނަށް އެއްވެސް ޝައްކެއްނެތްގޮތުގައި، އެކަމުން އުފާވެރިކަން ލިބިގެންދާނެ ކަމެއް.
 
މިއަދު މިއަތޮޅުގައި ހުޅުވިގެންމިދާ އޮފީހަކީ، ހިއުމަން ރައިޓްސް ކޮމިޝަންގެ މުހިންމު މަސައްކަތްތަކެއް، ދެކުނުގެ އަތޮޅުތަކުގައި، ޚާއްޞަ ގޮތެއްގައި އަމާޒުކުރެވިގެން ކުރިއަށްދާނެ އޮފީހެއް ކަމަށް ވެގެންދާނެ. މި އޮފީސް މި ސަރަޙައްދުގައި، ޚާއްޞަ ގޮތެއްގައި އައްޑޫސިޓީގައި ހުޅުވިގެން މިދަނީ، އެއްވެސް ޝައްކެއްނެތްގޮތުގައި އައްޑޫސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިގެންކަން އަޅުގަނޑު ފާހަގަކުރަން. އަދި ހަމައެއާއެކީގައި، ރާއްޖޭގެ އިންސާނީ ޙައްޤުތައް ފުޅާކޮށް، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކަށް، ވަސީލަތްތަކާއި، އެ މަސައްކަތް ކުރެވޭނެ ޖާގަ، ސަރުކާރުގެ ތެރެއިން ފޯރުކޮށްދެއްވާކަމީ، އެއީ އެކަމަށްޓަކައި އަޅުގަނޑުމެން އުފާފާޅުކުރާކަމެއް. އަދި އެކަމަށްޓަކައި މިއަދުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި، މި އުފާވެރި ޙަފްލާގައި ޝުކުރު ދަންނަވަން.
 
އަދި ހަމައެއާއެކީގައި، ކޮމިޝަންގެ ފަރާތުން މިދިޔަ ދުވަސްތަކުގެ ތެރޭގައި، އިންސާނީ ޙައްޤުތައް ފުޅާކުރުމަށްޓަކައި މާލޭގެ އިތުރުން މި ހިސާބަށް މި މަސައްކަތް ގެނައުމުގެ ވިސްނުން ގެންގުޅުއްވައި އަދި މިއަދު މި މުހިންމު ބިނާ މިތާނގައި ހުޅުވިގެން ދިޔުމުގެ މަސައްކަތް މި ހިސާބަށް ގެނެސްދެއްވި ކަމަށްޓަކައި ކޮމިޝަންގެ އެންމެހާ މެންބަރުންނަށް، ޚާއްޞަ ގޮތެއްގައި، ކޮމިޝަންގެ ރައީސާއަށް އަޅުގަނޑު އުފަލާއެކީގައި ޝުކުރު ދަންނަވަން.
 
ރާއްޖޭގެ މުހިންމު އާބާދީއެއްގައި، ޚާއްޞަ ގޮތެއްގައި، މުހިންމު ސަރަޙައްދެއްގައި ތަރައްޤީގެ ވަރަށްގިނަ މަޝްރޫޢުތަކެއް ކުރިއަށްދާ، އަދި ހަމައެއާއެކީގައި، މިފަދަ މަސައްކަތްތަކެއް ވަރަށް ހީވާގިކަމާއެކީ ކުރަމުންދާ ސަރަޙައްދެއްގެ ތެރެއިން، ޚާއްޞަ ގޮތެއްގައި، އައްޑޫސިޓީ ކައުންސިލްގައި މި އޮފީސް ހުޅުވިގެން މިދިޔައީ، އައްޑޫސިޓީ ކައުންސިލްގެ ފަރާތުން އެކަމަށް ދެއްވި އެއްބާރުލުމުންކަން އަޅުގަނޑު ފާހަގަކުރަން. އެހެންކަމުން، އައްޑޫސިޓީ ކައުންސިލްގެ ޢިއްޒަތްތެރި މޭޔަރަށާއި، ޑެޕިއުޓީ މޭޔަރަށާއި، ޢިއްޒަތްތެރި އެންމެހާ ކައުންސިލަރުންނަށް އަޅުގަނޑު މިއުފާވެރި ޙަފްލާގައި، ތިޔަބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން.
 
އަޅުގަނޑުގެ ދުޢާއަކީ، އިރާދަކުރެއްވިއްޔާ މިއަދު ހުޅުވިގެންމިދާ އޮފީހަކީ، މި ސަރަޙައްދަށް، މި ރަށަށް، މި އަތޮޅަށް އަދި ޚާއްޞަ ގޮތެއްގައި ދެކުނުގެ އެންމެހާ އަތޮޅުތަކަށް ކުރެވިގެންދާ މި މުހިންމު މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ އޮފީހަކަށް ވެގެންދިޔުން. އަދި ހަމައެއާއެކީގައި، ހިއުމަން ރައިޓްސް ކޮމިޝަނަކީ، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، ރާއްޖެއާއި އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށްވެސް އަޅުގަނޑުމެންނަށް ދިމާވެފައިވާ މައްސަލަތަކާއި، ކުރިއަށް އޮތް ދުވަސްތަކުގައި ދިމާވާނެ މައްސަލަތަކާއި އަދި ހަމައެޔާއެކީގައި ރާއްޖޭގެ ރައްޔިތުން ޙައްލުކުރަން ބޭނުންވާ މައްސަލަތަކަށް، އިރާދަކުރެއްވިއްޔާ އުފާވެރި ޙައްލުތަކަކަށް މަސައްކަތް ކުރާނެ އޮފީހަކަށް ވެގެންދިޔުން. ކޮމިޝަނަކީ އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ޤާނޫނުއަސާސީއާއި، ޤާނޫނުތަކުގައިވާ ގޮތުގެ މަތިން ރާއްޖޭގެ އެންމެހާ ރައްޔިތުންގެ ޙައްޤުތައް ކުރިއަރުވަން މަސައްކަތްކުރާ ކޮމިޝަނަކަށް اللّـه سبحـانـه وتعـالىމިންވަރު ކުރެއްވުން. އަދި އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތުގައި، އެކަލާނގެ ހެޔޮ ބަރަކާތާއި ތައުފީޤު މިންވަރު ކުރެއްވުން. އާމީން.                 
 
والســّلام عليــكم ورحـمــة اللّـه وبـركاتـه