بســم اللّـه الرّحمـن الرّحيــم
 
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
އާދެ، އިއްޔެއަކީވެސް ޢީދު ދުވަހެއް. އިއްޔެގެ ޢީދު ތަހުނިޔާ، ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން. އަދި މިއަދު މިއީ، އެއަށްވުރެ ބޮޑު ޢީދު ދުވަހެއް. މިއަދު މިއީ، އަޅުގަނޑުމެންގެ މުޖްތަމަޢުގައި ތިބި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް އައި ބޮޑު ޢީދު ދުވަހެއް. އެހެންވީމާ، ޢީދުގެ އުފާ މިއަދު ޙާޞިލުކުރާ ހުރިހާ ދަރިވަރުންނަށް، ޢާއިލާތަކަށް އަދި މިކަހަލަ ޤުދްރަތީ އިއްތިފާޤެއް ދިމާވެދާނެކަމަށް އަޅުގަނޑުމެން ހަމަ އަޅުގަނޑުމެންގެ މުޖްތަމަޢުގައި ހިމެނޭ ހުރިހާ އަފްރާދުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވަން.
 
އާދެ، އަޅުގަނޑުގެ ހިތަށް މި އަންނަނީ، އަޅުގަނޑުމެން މިކަހަލަ ޖަލްސާތަކުގެ ތެރެއިން މުޖްތަމަޢުގައި މިހެން ހުރި އިޙްސާސްތައް ނޫނިއްޔާ ރައްޔިތުންގެ ހިތްދަތި އިޙްސާސްތައް، ކޮންމެވެސް ގޮތަކަށް ރައްޔިތުންނާ ހަމަޔަށް ގެނެސްދެވިއްޖެ ކަމަށްވަންޏާ، މީގެ ވަރަށް ރަނގަޅު ނަތީޖާތައް ފެނިގެން އެބަދެއޭ. އަޅުގަނޑު، މީގެ ދުވަސްތަކެއް ކުރިން، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް، ނޫނިއްޔާ މިހާރު ހަމަ އެބަޔަކު، ކަނޑައެޅިގެން ތިމަންނަމެންނަކީ ނުކުޅެދުންތެރިކަން ހުންނަ ބައެއް ކަމަށް، ތިމަންނަމެންނަކީ ނުކުޅެދުންތެރި ބައެއް ކަމަށް ސިފަކޮށްދޭން ބޭނުންވެ، ބުނާ ކުދިންނަށް ގޮތްތަކެއް ހަމަޖައްސައިދިނުމަށް ސަރުކާރުން ގޮވާލައި، ސަރުކާރުން ކުރި މަސައްކަތުގައި، ވަރަށްގިނަ ކުދިންނަށް މީގެ ކަންތައްތަކެއް ހަމަޖެހިގެން ހިނގައްޖެ.
 
އެހެންވީމާ، އަޅުގަނޑަށް މި ފާހަގަކުރެވުނީ، މުޖްތަމަޢެއްގައި އޯގާތެރިކަމަށް އިސްކަންދޭ ކަމަށްވަންޏާ، ދިވެހިރާއްޖޭގައި ދިވެހި ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން އަދި އަމިއްލަ ފަރުދުންގެ ފަރާތްޕުޅުންވެސް މިކަންކަމަށް އިޖާބަ ދެއްވަނީ، އަޅުގަނޑުމެންގެ ތަރުޙީބު، އެބޭފުޅުންނަށް ދަންނަވައި އަދި ޝުކުރު ޙައްޤުވާ މިންވަރަކަށޭ. އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތަކީ، މިދެންނެވި ގޮތަށް މުޖްތަމަޢުގައި މިހެންހުރި ހިތްދަތިވާ ކަހަލަ މައްސަލަތައް، ކޮންމެވެސް ރަނގަޅު ގޮތަކަށް މާކެޓް ކުރުމުގެ މަސައްކަތް، ނޫނިއްޔާ މުޖްތަމަޢުގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަން މިޖެހެނީ.
 
ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެން މީގެކުރިން އިޙްތިފާލުކުރި މިކަހަލަ ޖަލްސާއެއްގައި، އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ، މިވަގުތު މަސައްކަތުގައި، ނޫނިއްޔާ ވަޒީފާއަށް ނުކުންނަން ބޭނުންވާ ކުދިންގެ ތެރެއިން ތަމްރީނު ލިބި، ތަމްރީނު ފުރިހަމަކޮށްފައި ތިބި ނުކުޅެދުންތެރިކަން ހުރި ހުރިހާ ކުދިންނަށް، ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން، ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުންނާއި، މެނެޖިންގ ޑިރެކްޓަރުންގެ ވާގިވެރިކަމާއެކީ، އެކުދިންނަށް ވަޒީފާ ހަމަޖެހިގެން ދިޔަތަން. މިއީ، މީގެކުރިން އަޅުގަނޑުމެންގެ ޚިޔާލު އެގޮތަށް ބެހެއްޓިފައި ނެތްކަމަކަށްވާތީ، ހަމަގައިމުވެސް ހަމަޖެހިގެންދިޔަ ފުރްޞަތެއް ނޫން. އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތާއެކީ އެކަން ހަމަޖެހިގެން މިވަނީ ގޮސްފައި. އަދި އެއީ، ކޮންޓިނިއުއިންގ ނޫނީ ދެމެހެއްޓެނިވި ގޮތެއްގައި، ކޮންމެ އަހަރަކުވެސް އަޅުގަނޑުމެން އެކަން ކުރާގޮތަށް ހަމަޖައްސާފައި އޮތް ކަމެއް.
 
ހަމައެހެންމެ، މިއަދު އަޅުގަނޑުމެން އުފަލާއެކީ މި ފާހަގަކުރަނީ، މީގެކުރީގައި އަޅުގަނޑުމެންނަށް ހިސާބުތަކުން ނޫނިއްޔާ ލިޔެކިޔުމުން ފެންނަ ގޮތުގައި ވެއްޖިއްޔާ، ކޮންމެ އަހަރަކު، ނަޞީބު ރަނގަޅު ދެ ކުދިންނަށް އަދި ސަރުކާރުގެ އެހީގައި އެ ދެކުދިންގެ ބޭސްފަރުވާއަށް، ނޫނީ ބޯންމެރޯ ޓްރާންސްޕްލާންޓަކަށް ބޭނުންވާ ކުދިންގެ އެހީއަށް މި ލިބެނީ، އެކުދިންނަށް ހޭދަވާ މިންވަރެއްގެ 50 ޕަސެންޓް. ދެބައިކުޅަ އެއްބައި ސަރުކާރުން ދެވެން މި އަންނަނީ. އެހެންނަމަވެސް، ﷲގެ ރަޙްމަތާއެކީ މިއަދު މިކުރެވޭ މަސައްކަތުން އިރާދަކުރެއްވިއްޔާ، މިހުރިހާ ކުދިން، މިވަގުތު ކްރޮސްމެޗް ކާމިޔާބުވެ، އަދި ޑޯނަރުން ލިބިފައި ތބި ހަމަ ހުރިހާ ކުދިންނަށް، މިވަގުތު މިތިބީ 34 ކުދިން ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބެނީ. މިއަދުގެ މި ޖަލްސާގައި، އެކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓްގެ ކަންތައްތައް، ﷲގެ ރަޙްމަތާއެކީ މި ހަމަޖެހިގެން ދިޔައީ.
 
އާދެ، މިކަމުގައި ޒަކާތު ފަންޑު ބަލަހައްޓަވާ، ޒަކާތު ފަންޑްގެ ޓްރަސްޓީ، ނޫނިއްޔާ ބޯޑަށް އަދި ޒަކާތު ފަންޑުގެ އެންމެ އިސް މަސްއޫލުވެރިއެއްގެ ގޮތުގައި މިވަގުތު ހަވާލުވެވަޑައިގެން ހުންނެވި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު މި ދަންނަވަނީ، ޒަކާތު ފަންޑުން، ދެންމެ އަޅުގަނޑުމެންނަށް ތިޔަ ވިދާޅުވެދެއްވި ގޮތަށް، މިހެން މުޖްތަމަޢުގައި ހަވާސާވެގެންދާ މީހުންނަށް އެހީތެރިވުމަކީ، ޝައްކެއްވެސްނެތްގޮތުގައި ﷲގެ ރުއްސެވުން، އެކަމުގައި ހިމެނޭ ކަމެއްގެ ގޮތުގައި ތިޔަ ވިދާޅުވެދެއްވީ.
 
އެހެންވީމާ، ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑުމެން އުންމީދު ކުރަނީ، ޒަކާތު ފަންޑުގެ އެހީތެރިކަމާއެކީ، މިހެން ހަވާސާވެގެންދާ ކުދިންނަށް، ނޫނިއްޔާ އަޅުގަނޑުމެންގެ މުޖްތަމަޢުގައި ތިބި ޢާއިލާގެ މެންބަރުންގެ ފަރާތުން މިކަހަލަ ކަންތައްތަކަށް ފޯރުންތެރިކަން ކުޑަ ބޭފުޅުންނަށް، ކުޑަ މީހުންނަށް އެހީތެރިވެވޭނެ ކޮންމެވެސް ގޮތްތަކެއް ހަމަޖެހިގެން ދިޔުން. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، މިއިން ކޮންމެ ކުއްޖެއްގެ ބޯންމެރޯ ޓްރާންސްޕްލާންޓަށް ޕެކެޖެއް ނެގީމަވެސް މިވާގޮތަކީ ގާތްގަނޑަކަށް ވިހިހާސް އެމެރިކާ ޑޮލަރާއި، ތިރީސްހާސް އެމެރިކާ ޑޮލަރުގެ ޢަދަދެއް، ކޮންމެ ކުއްޖަކަށް އެބަ ހޭދަކުރަންޖެހޭ.
 
ދެންމެ މިނިސްޓަރ ޝަހީމްގެ ވާހަކަފުޅުގައި އެ ވިދާޅުވި، ޒަކާތު ފަންޑުގެ ހުރިހާ މަސްއޫލު މެންބަރުން، އާދެ، އިސްލާމިކް މިނިސްޓްރީއާއެކީ 9 ފަރާތަކުން، އެބޭފުޅުން އެއްބަސްވެވަޑައިގެންފިކަމަށް، މިކުދިންނަށް ބޭނުންވާ ހުރިހާ ހޭދައެއް ކުރުމަށް. މިކުދިންނަށް ޓިކެޓް ދީފައި އަދި މިކުދިންގެ މި އޮޕަރޭޝަނަށް ބޭނުންވާ ޚަރަދަކީ މީގެ އެއްބައި. މިކަމުގައި ދެން ހިމެނޭ ބަޔަކީ، ގާތްގަނޑަކަށް ތިންމަސް ނޫނީ ހަތަރުމަސް ވަންދެން މިކުދިން އެބަޖެހޭ ބޭރުގައި ތިބެން. ޑޮކްޓަރަށް އަބަދު އަބަދުމެ ދައްކަންޖެހޭ. އަދި އެކުދިންނާއެކީ އެކުދިންގެ މައިންބަފައިން އެބަ ތިބެންޖެހޭ.
 
ދެންމެ އަޅުގަނޑުމެންގެ ލޯމަތިން ފެނިގެން މިދިޔައީ، މީގެތެރޭގައި ހިމެނެނީ ކިހާ ކުޑަކުދިން ކަމެއް. އަދި އެކުދިންގެ ދިރިއުޅުން ހަމަ ކިރިޔާ ފެށްޓީ. އަދި އެކުދިންގެ ދިރިއުޅުން އަދި ހަމަ ކިރިޔާ ފެއްޓީ. އެހެންވީމާ، މިކުދިންނަށް، މިކުދިންގެ ދިރިތިބުމަށް އަޅުގަނޑުމެންނަށް ކޮށްދެވޭ ކޮންމެ ޕޮޒިޓިވް ކަމަކީ، ޝައްކެއްވެސްނެތްގޮތުގައި ﷲގެ ދަރުމަ، އެކަމުގައި މިންވަރު ކުރައްވާނެ ކަމެއް.
 
އެހެންވީމާ، އަޅުގަނޑު އުފާވޭ، މިއަދު ދިވެހިރާއްޖޭގައި ވިޔަފާރިވެރިންނާއި، ޒަކާތު ފަންޑުން މި ހޭދަކުރައްވާ ކުރެއްވުމާއި، އަދިވެސް މިކަންކަމަށް އިސްނަންގަވައިގެން މިބޭބޭފުޅުން މި ޞަދަޤާތް ކޮށްދެއްވާތީ. މިވަގުތު ދައުލަތް ހިންގަން ހަވާލުވެހުރި މީހެއްގެ ޙައިޘިއްޔަތުން ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން، މަރްޙަބާ ދަންނަވަން.
 
އަދި ހަމައެއާއެކީ، އިއްތިފާޤެއް ކަންނޭނގެ، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، މިކަހަލަ ފިލޮންތްރޮޕިކް، ނޫނިއްޔާ ޚައިރާތުގެ ގޮތުން މިކުރެވޭ ކަންތައްތަކަށް، ބޭރު ދުނިޔޭގެ ފަރާތުން ޚާއްޞަ ގޮތެއްގައި ޢަރަބި އިސްލާމީ ދުނިޔޭގެ ފަރާތުން އަޅުގަނޑުމެންނަށް އެބަ ސަމާލުކަން ދެއްވާ. އަޅުގަނޑުމެންނަށް މި ފަހުން ފެނިގެން މިދަނީ، ހަމަ ވަރަށްގިނަ ފަރާތްތަކުން ޝައުޤުވެރިކަމާއެކީ މިކަންކަން ރާއްޖެއަށް ކޮށްދެއްވާތަން. ދާދި އިހަކަށްދުވަހަކު ކުޑަކުދިންގެ ހިޔާގެ ބިންގާ އެޅިގެން މި ދިޔައީ. ވަރަށް ތަނަވަސް، ޖާގައިގެ ގޮތުން ފުރިހަމަ، ވަސީލަތުގެ ގޮތުން ފުރިހަމަ ކުޑަކުދިންގެ ހިޔާއެއް އުފެއްދުމުގެ މަޝްރޫޢު ފެށިގެން އެދިޔައީ.
 
އަދި ހަމަ މި ވާހަކަ އަޅުގަނޑުމެން ދައްކާއިރު، މިއަދުވެސް ހަމަ މިދެންނެވި ގޮތަށް ޢަރަބި އެކުވެރި ދައުލަތެއްގެ ބޭފުޅުންކޮޅެއް އެބަ ތިއްބެވި އަޅުގަނޑުމެންނާއެކީ. ހަމަ މިކަހަލަ، މިދެންނެވި ކަހަލަ ޞަދަޤާތް ކުރައްވަން، އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި. ދެން ކޮށްދެވޭނީ ކޮންކަހަލަ ކަންތައްތަކެއްތޯ، އަޅުގަނޑުމެންގެ މުޖްތަމަޢު ރަނގަޅު ކުރުމަށްޓަކައި. ނޫނިއްޔާ މިހެން ތިބި ނުކުޅެދޭ، ނޫނީ ފުދުންތެރިކަން ކުޑަކުދިން، ހަވާސާވަމުންދާ ކުދިން އަނބުރާ އަޅުގަނޑުމެން، އެކުދިންނަށް ބޭނުންވާ ކަންތައްތައް ފުއްދައިދޭން ދެން ކޮށްދޭންވީ އިތުރަށް ކޮންކަމެއްތޯ ބަލަން މިވަގުތުވެސް އަޅުގަނޑުމެންނާއެކީ ޓީމެއް އެބަތިބި. ދާދި ކުޑައިރުކޮޅެއް ފަހުން އިރާދަކުރެއްވިއްޔާ އަޅުގަނޑުވެސް އެ ޓީމާ މިއަދު ބައްދަލުކުރާނަން.
 
އާދެ، ހަމަ ދަންނަވާލަން ބޭނުންވަނީ، މިކަހަލަ ކޮންމެ ކަމަކީ، ޝައްކެއްވެސްނެތްގޮތުގައި ދިވެހި ވިޔަފާރިވެރިންގެ އެހީތެރިކަން އަޅުގަނޑުމެންނަށް ލިބެމުންދާ ކަންކަމޭ. އަޅުގަނޑުމެންނަށް މިދޭތެރެއިން މި ދިމާވި ފެނުގެ ކާރިސާގައިވެސް، އަޅުގަނޑުމެން ހަމަ ޝުކުރުވެރިކަމާއެކީ ފާހަގަކުރިން، ދިވެހި ވިޔަފާރިން އަޅުގަނޑުމެންނަށް ކޮށްދެއްވި މިންނެތް މަސައްކަތް. ދިވެހި ވިޔަފާރިވެރިން ކޮށްދެއްވާ މަސައްކަތް، އަޅުގަނޑުގެ ޚިޔާލަށް ގެނެސް، މި ވާހަކަ މި ދަންނަވަނީ، އެއްގޮތަކަށްވެސް ބޭރުގެ ދައުލަތްތަކުން މިކަންކަން އަޅުގަނޑުމެންނަށް ކޮށްނުދެއްވާތީކީ ނޫން. ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންގެ ރަޙްމަތްތެރި ޤައުމުތަކުގެ ރަޙްމަތްތެރިކަން އޮތް މިންވަރު، މިފަހަރު ޓެސްޓް ކުރެވިގެން ހިނގައްޖެ. ވަރަށް ބޮޑެތި އެހީތައް، އެހާމެ އަވަސް ފުރްޞަތެއްގެ ތެރޭގައި، ދިވެހިންނަށް، މާލެއަށް އެހާ ނިކަމެތިކަމެއް އައި ދުވަހު، ފަސޭހަކަމާއެކީ، ކިތަންމެ ބޮޑު ހޭދައެއް ކޮށްގެން ނަމަވެސް، އަޅުގަނޑުމެންނަށް ވަނީ އެހީތައް ތަނަވަސްކޮށްދެއްވާފައި. އެހެންވީމާ، ﷲގެ ރަޙްމަތާއެކީ މިކަންކަން ހަމަޖެހިގެން މިދަނީ.
 
މިއަދުވެސް އަޅުގަނޑު ހަމަ އުފަލާއެކީ ދަންނަވާލަން ބޭނުންވޭ، ދެންމެ އަޅުގަނޑުމެންގެ ސްޓޭޖްމަތިން އެ ފެނިގެންދިޔަ ކުދިންނަކީ، ތުއްތުކުދިން. މިކަން އެނގޭކަމަށްވަންޏާ، ޝައްކެއްވެސްނެތްގޮތުގައި، މި ޞަދަޤާތް ކުރާނެ ކިތަންމެ ބަޔަކު ތިބޭނެ. އަޅުގަނޑު މިއަދުވެސް ހަމަ އިލްތިމާސްކޮށްލަން ބޭނުންވޭ، މިކަހަލަ ފަންޑްތަކަށް، މިގޮތަށް ހަވާސާވެގެންދާ ކުދިން، ނޫނީ އެކުދިންގެ ޙަޔާތެއް ނުފެށި، އެއްވެސްކަހަލަ އުންމީދެއް ނެތް، ނާއުންމީދުގެ ތެރޭގައި ތިބެންޖެހޭ މެޑިކަލް ކޮންޑިޝަންތަކަށް އެހީވެދިނުމަށްޓަކައި އަޅުގަނޑު މިއަދުވެސް ހަމަ ގޮވާލަން ބޭނުންވޭ، ހުރިހާ ދިވެހި ވިޔަފާރިވެރިންނަށް އަދި ޚާއްޞަ ގޮތެއްގައި، ދިވެހި ސަރުކާރުގެ ކުންފުނިތަކަށް، މިކަހަލަ ކުދިންނަށް އެހީތެރިވެވަޑައިގެން ދެއްވާށޭ. އަޅުގަނޑަށް ޔަޤީން، މިތަނުގެ ކުރީ ސަފުގައިވެސް މި ތިއްބެވީ، ކުންފުނިތަކުގެ އެމް.ޑީ.އިން. ކުރީ ދުވަހު އަޅުގަނޑު މިގޮތަށް ކުރި އިލްތިމާސާ ގުޅިގެން ހަމަ އެދުވަހުން ދުވަހަށް، ކުންފުނިތަކުގެ ބޯޑުތަކުން، ކުންފުނިތަކުގެ އެމް.ޑީ އިން މި މައްސަލަ ގެންނަވައިގެން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާގެ ފުރްޞަތު ހަމަޖައްސަވައިދެއްވި. އެހެންވީމާ، އޭރު އެ އޮތީ އެކަން ހަމަޖެހިގެން ގޮސްފައި. އަދިވެސް ހަމަ ނުކުޅެދުންތެރިކަން ހުރި ކުދިން ތަމްރީނުވެގެން، ސަރުކާރުގެ ވަޒީފާތަކުގައި އުޅެން ބޭނުންކަމަށްވަންޏާ، އެކުދިންގެ ނުކުޅެދުންތެރިކަން ހުރި މިންވަރަކުން އެކުދިންނާ ގުޅޭ ވަޒީފާ އަދާކުރުމުގެ ފުރްޞަތު މިހާރު މިވަނީ ތަނަވަސްކޮށްދެވިފައި. ދާއިމީ ގޮތަކަށް އެކުދިންނަށް އެހީތެރިވެދެވޭނީ، ޝައްކެއްވެސްނެތްގޮތުގައި މިކަހަލަ ގޮތަކަށް.
 
އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރުން މި މަސައްކަތް ކުރަނީ، އޯގާތެރިކަމާއެކީ، މުޖްތަމަޢުން ހަވާސާވެގެންދާ އަދި އަޅާލުންތެރިކަން، ފުދުންތެރިކަން ކުޑަކަމުންނަމަވެސް، އަޅާލުންތެރިކަން ނެތް މިކަހަލަ ކުދިންނަށް، އެކުދިންގެ ޙަޔާތް ބާއްޖަވެރި ކުރެވޭނެ ކޮންމެވެސްކަހަލަ ގޮތްތަކެއް ހަމަޖައްސައިދެވޭތޯ.
 
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާއިރުވެސް ހަމަ މި އެހީތެރިވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކަށް، އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި ތިޔަ އެހީތެރިވެވަޑައިގަތުން މަތީގައި ދެމިތިއްބެވުމަށް އަޅުގަނޑު އިލްތިމާސް ކުރަން. އަޅުގަނޑަށް ޔަޤީން، މިއަދު ސްޓޭޖްމަތިން އެކުއްޖެއްގެ ބޯންމެރޯގެ ކަންތައްތައް ހަމަޖެހިގެން، ކުއްޖެއްގެ ބައްޕަޔަކަށް އަޅުގަނޑުވީނަމަ، އަޅުގަނޑުގެ ލޮލުން ކަރުނައައިސް. ހަމަ ކޮންމެ ބައްޕަޔަކު، މަންމަޔަކު މި އިޙްސާސް ކުރައްވާނެ. އެހެންވީމާ، އަޅުގަނޑު ހިތަށްއަރަނީ، އަޅުގަނޑުމެން އިންތިޚާބުގެ ތެރޭގައި ދައްކަމުން އައި ވާހަކަ، ﷲގެ މަދަދުވެރިކަމާއެކީ ހާދަ ތެދޭ. ދިރުމެއް ވާކަމަށްވަންޏާ އުންމީދެއް އެބައޮވޭ. އުންމީދުގެ މަތީގައި ތިބޭކަމަށްވަންޏާ، ކަންތައްތަކެއް ޙާޞިލުވެގެން އެބަދޭ. “Where there is Life there is Hope” އެއީ، އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަމެއް. އެއްވެސް ކަހަލަ ދިރުމެއް، އަޅުގަނޑުމެންގެ މުޖްތަމަޢުގައި، ސަރުކާރުގައި، ސަރުކާރު ހިންގުމުގައި، ދައުލަތުގައި ވާކަމަށްވަންޏާ، މިހެން ހަވާސާވެގެންދާ ފަރާތްތަކަށްވެސް، އެމީހުން ކުރާ އުންމީދުތަކަށް ނިމުމެއް އަންނާނެ. އިންތިޒާރުތައް އިރާދަކުރެއްވިއްޔާ އީޖާބީ ގޮތެއްގައި ހަމަޖެހިގެންދާނެ ކަމުގެ ސިގްނަލް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. މިކަންކަމަކީ ﷲގެ މަދަދުވެރިކަމާއި، ބަރަކާތާއެކީ ނޫނިއްޔާ އަޅުގަނޑުމެންނަށް އިންތިޒާމު ކުރެވޭނެ ކަންކަމެއް ނޫން. ހުރިހާވެސް ޙަމްދެއް ހުރީ މާތްاللّـه سبحـانـه وتعـالى އަށް.
 
والســّلام عليــكم ورحـمــة اللّـه وبـركاتـه