ތެލެސީމިއާ ކުދިންފަދަ، މުޖުތަމަޢުން ހަވާސާވެގެންދާ ކުދިންނަށް އެހީވެދިނުމަށް، ދިވެހި ވިޔަފާރިވެރިންނަށާއި، ސަރުކާރުގެ ކުންފުނިތަކަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ، ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޑޯނަރެއް ހަމަޖެހިފައިވާ ފަރާތްތަކަށް ޒަކާތު ފަންޑުގެ ފަރާތުން ދެއްވާ އެހީ ހަވާލުކުރުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދުގެ ރަސްމިއްޔާތުގައި 34 ފަރާތަކަށް އެހީ ހަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

އިސްލާމީ މަރްކަޒުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިފަދަ ފަންޑުތަކަށް އެހީވެދެއްވައި، އަމިއްލަ ޙަޔާތް ނުފެށި، ނާއުއްމީދުގެ ތެރޭގައި ތިބެންޖެހޭ ފަދަ ޞިއްޙީ ހާލަތެއް މެދުވެރިވެފައިވާ ކުދިންނަށް އެހީވެދިނުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވައިލެއްވިއެވެ. އަދި، މި ސަރުކާރުން މަސައްކަތްކުރައްވަނީ، މުޖުތަމަޢުން ހަވާސާ ވެގެންދާ، ޚާއްޞަ އަޅާލުން ބޭނުންވާ މިފަދަ ކުދިންނަށް އެކުދިންގެ ޙަޔާތް ބާއްޖަވެރިކުރެވޭނެ ގޮތްތަކެއް ތަނަވަސްކޮށްދެވޭތޯ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިޖްތިމާޢީ މިފަދަ ކަންކަން ޢާންމުންގެ ސަމާލުކަމަށް ގެނައުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ސަރުކާރުގެ މިފަދަ މަސައްކަތްޕުޅުތަކަށް ވަރަށް ބޮޑެތި ތަރުހީބު ލިބެމުންދާކަމުގައި ވިދާޅުވިއެވެ. މިގޮތުން، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ތެރެއިން ވަޒީފާގެ މައިދާނަށް ނުކުންނަން ތައްޔާރަށް ތިބި ކުދިންނަށް ސަރުކާރުގެ ކުންފުނިތަކުން ވަޒީފާގެ ފުރުޞަތު ތަނަވަސްކޮށްދެއްވާފައިވާކަން އެމަނިކުފާނު ޚާއްޞަ ގޮތެއްގައި ފާހަގަ ކުރެއްވިއެވެ. އަދި، ރާއްޖޭގެ އިޖްތިމާޢީ މިފަދަ ކަންކަމަށް ބޭރުގެ ފަރާތްތަކުން، ޚާއްޞަކޮށް ޢަރަބި ދުނިޔޭގައި ލިބެމުންދާ ސަމާލުކަމާއި އެއްބާރުލުން އުފަލާއެކު ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޒަކާތު ފަންޑަށް އެހީތެރިވެވަޑައިގެންދެއްވި ހުރިހާ ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރުއަދާ ކުރައްވައި، މިކަމުގެ މަތީގައި ދެމިތިއްބެވުމަށް އެފަރާތްތަކުގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޑޯނަރެއް ހަމަޖެހިފައިވާ ފަރާތްތަކަށް ޒަކާތު ފަންޑުގެ ފަރާތުން ދެއްވާ އެހީ ހަވާލުކުރުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.