‏އ.ދ.އިން ރާއްޖެއަށް ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ‏‏ކޯޑިނޭޓަރ މިސް ޝޯކޯ ‏‏ނޯޑާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދުގެ އަރިހަށް އިޙްތިރާމުގެ ‏‏ޒިޔާރަތެއް ކުރައްވައިފިއެވެ. ‏

‏ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ‏‏ތަރައްޤީގެ ރޮނގުން ރާއްޖެއިން ކުރަމުންދާ ހުރިހާ މަސައްކަތެއްގައިވެސް އ.ދ.ގެ ފަރާތުން ‏‏‏ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރައްވައި، އެކަމަށްޓަކައި ‏‏ޝުކުރުއަދާކުރެއްވިއެވެ.‏

‏މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މި ‏‏ސަރުކާރުގެ ވަޢުދުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ‏‏ދެއްވާ ދާއިރާތަކާބެހޭ މަޢުލޫމާތު، އ.ދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރާ ޙިއްސާކުރެއްވިއެވެ. މިގޮތުން، ‏‏އިޖްތިމާޢީ އަދި ޝަރުޢީ ދާއިރާތަކުގެ އޮނިގަނޑު އިސްލާޙުކޮށް، އިތުރަށް ހަރުދަނާކުރެއްވުމަށްޓަކައި ‏‏ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި އ.ދ. ގެ އެހީތެރިކަން ހޯއްދެވުމާބެހޭގޮތުން ‏‏މަޝްވަރާކުރެއްވިއެވެ. ޖިނާޢީ އަދުލުގެ ނިޒާމް ހަރުދަނާކުރެއްވުމަށާއި، އަންހެނުން ‏‏ބާރުވެރިކޮށް، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދެއްވުމަށް ސަރުކާރުން ކުރައްވާ ‏‏މަސައްކަތްޕުޅުތައް އެމަނިކުފާނު ވަކިން ޚާއްޞަގޮތެއްގައި ފާހަގަކުރެއްވިއެވެ.‏

‏މި ބައްދަލުކުރެއްވުމުގައި، އ.ދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ ދެއްކެވި ވާހަކަފުޅުގައި، ‏‏ތަރައްޤީގެ ‏‏ރޮނގުން ރާއްޖެ ހޯދާފައިވާ ކުރިއެރުން ފާހަގަ ކުރައްވައި، ރާއްޖޭގެ ތަރައްޤީއަށް ދިމާވާ ‏‏ގޮންޖެހުންތަކުން އަރައިގަތުމަށް ‏ރާއްޖެއަށް ‏‏އަބަދުވެސް އ.ދ.ގެ އެހީތެރިކަން ލިބެމުންދާނެ ކަމުގެ ‏‏ޔަޤީންކަން ދެއްވިއެވެ. ‏