ދިވެހިރާއްޖޭގެ ޢިމާރާތްކުރުމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން ސަލާމަތްކުރެއްވުމަށް އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތަކާއި، ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރައްވައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމަށް ޝަރަފުގެ އައްޑަނަ އަރުވައިފިއެވެ. މި އައްޑަނަ ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ، މިއަދު މެންދުރުކުރީގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި މަސީގެ ރައީސް ޢަބްދުﷲ މުޙަންމަދު ދެއްކެވި ވާހަކަފުޅުގައި، ޢިމާރާތްކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ޢިމާރާތްކުރުމުގެ ދާއިރާއަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރެއްވިކަމަށްޓަކައި މަސީގެ މެންބަރުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ރާއްޖޭގެ ޢިމާރާތްކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އެދާއިރާގެ ތަރައްޤީއަށް ސަރުކާރުން އަބަދުވެސް އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.