بســم اللّـه الرّحمـن الرّحيــم

      
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
އާދެ، ރ. އަތޮޅު ހިމެނޭ ސަރަޙައްދުގެ ސަރަޙައްދީ ހޮސްޕިޓަލް، އުނގޫފާރުގައި ހުޅުވުމުގެ ރަސްމިއްޔާތަށް އައުމުން، މިއަތޮޅުގެ ރައްޔިތުން، ޚާއްޞަކޮށް، އުނގޫފާރުގެ ރައްޔިތުން އަދި ކައިރި ރަށްރަށުން މިރަށަށް ވަޑައިގެން، އަޅުގަނޑަށާއި އަޅުގަނޑާއެކީ ވަޑައިގެންނެވި ވަފްދަށް ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކީ، ތިޔަ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ޝުކުރު ދަންނަވަން.
 
އާދެ! އަޅުގަނޑު ހިތަށް އަރަނީ، އަޅުގަނޑުމެން ދިވެހިރާއްޖޭގައި ދިރިއުޅެމުން އަންނައިރު، އަޅުގަނޑުމެންނަށް މި އިވެނީ، އެކި ދާއިރާތަކުން އަޅުގަނޑުމެން ޙާޞިލުކުރާ އެކިއެކި މަތީ ވަނަތަކުގެ ވާހަކަ. އަޅުގަނޑުމެންގެ ދިވެހި ދަރިން، ބޭރުގެ ތަޢުލީމީ ޔުނިވަރސިޓީތަކަށް ތަޢުލީމް ހޯދަން ދާއިރުވެސް އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ކުދިން ރަން ވަނަތައް ގެންނާތީ، އަޅުގަނޑުމެންގެ މައިންބަފައިންގެ ލޮލުން އުފަލުގެ ކަރުނަތައް އޮހޮރަމުންދޭ. ހަމައެހެންމެ، ކުޅިވަރުގެ ދާއިރާގައިވެސް، ސަރަޙައްދުގައި އަޅުގަނޑުމެން ކުޅިވަރު ކުޅޭއިރު، ރަންވަނަތައް ލިބިގެންދާތީ، ހަމަ އުފަލުން އަޅުގަނޑުމެންގެ ލޮލުން ކަރުނަ ފާއްދާލާ.
 
ހަމައެއާއެކީ އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، މުޅި ދުނިޔެއިންވެސް ޓުއަރިޒަމްގެ ކާމިޔާބުގެ ވާހަކަތަކެއް ދައްކާ ކަމަށްވަންޏާ، ސަކްސަސް ސްޓޯރީއެއްގެ ވާހަކަ ބުނާ ކަމަށްވަންޏާ، މިހާރު ޔުނިވަރސިޓީތަކުގައި ކޮންޓެމްޕްރަރީ ތަޢުލީމް، ނޫނިއްޔާ މި ދާއިރާގެ މަޢުލޫމާތު ފޯރުކޮށްދޭއިރު، ހަމަ މިސާލީ ޤައުމެއްގެ ގޮތުގައި މި ނަގަނީ، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތު. އަދި ހަމައެހެންމެ، އެންމެ ކުޑަކޮށް ތަރައްޤީވެފައި ހުރި ޤައުމުތަކުން ތަރައްޤީވަމުން އަންނަ ޤައުމަކަށް ހިޖުރަކުރި، ނޫނިއްޔާ ކަޑައްތު ކުރި ކުރުންވެސް، މިއިން ޒަމާނަކު، ދިވެހިރާއްޖެ ފިޔަވައި އެހެން ޤައުމެއް ޙާޞިލުކޮށްފައެއްނުވޭ. މިއިން ކޮންމެ ކަމަކުން ދިވެހި ރައްޔިތުންނަށް އުފާވެރިކަން ލިއްބައިދޭ. ހުރިހާ ދާއިރާއަކުންވެސް ހުރިހާ އިރަކުވެސް މަސައްކަތް ކުރަނީ، ހުރިހާ ސަރުކާރުތަކުންވެސް މަސައްކަތް ކޮށްފައިވަނީ، ރައްޔިތުންނަށް ލާބައާއި، ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި ކުރިމަގު ހޯދައިދިނުމަށް.
އެއާއެކުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ހުރިހާ އުފާތަކެއް އަޅުގަނޑުމެންގެ ޚިޔާލަށް ގެންނައިރުވެސް، އަޅުގަނޑުމެން ދިވެހި ރައްޔިތުންނާ ދޭތެރޭގައި ވިސްނާއިރު، އަޅުގަނޑު ހިތަށްއަރަނީ، ދިވެހި ރައްޔިތުންނަށް އެންމެ ނިކަމެތިކަމެއް އަންނަނީ، ހަމަ ޙަޤީޤަތުގައިވެސް އަޅުގަނޑުމެންގެ ރާއްޖޭގައި އެކި ހިސާބުގައި މީހުން ދިރިއުޅެމުންދާތީއާއެކީ. ކަނޑުތައް ހުރަސްކޮށް، ޞިއްޙީ ފަރުވާއަށް ދާންޖެހުމާއެކީވެސް. އަދި އެކިއެކި އުނދަގުލާއެކީ 192 ރަށް، ޞިއްޙީ ދާއިރާއިން ގުޅާލަން އަޅުގަނޑުމެން މިކުރާ މަސައްކަތުގައިވެސް، ރައްޔިތުންގެ ހިތަށް އެންމެ ނުތަނަވަސްކަމެއް މި އަންނަނީ، ނޫނިއްޔާ ރައްޔިތުންނަށް އެންމެބޮޑު ނިކަމެތިކަމެއް މި އަންނަނީ، ޙަޤީޤަތުގައިވެސް ޞިއްޙީ ފަރުވާ ބޭނުންވާ މިންވަރަށް، މި ރަށްރަށުގައި ނުދެވޭތީ. މިއަށްވުރެ ރައްޔިތުން ނިކަމެތިވާ ކަމެއް ނާދޭ. ތަޢުލީމަކީ ޝައްކެއްވެސްނެތްގޮތުގައި، ތަޢުލީމް އުނގެނެން ބޭނުންވާ ކުދިންނަށް، އުނގެނުމުގެ ފުރްޞަތު އޮތް މިންވަރަކުން އެ ކުދިން ކުރިއަށްދާން ބޭނުންވާ މިންވަރަކަށް، މުދައްރިސުންގެ އެހީއާއި، މައިންބަފައިންގެ އެހީއާއެކީ ކުރިއަށް ދެވޭނެ ކަމެއް. އެހެން ނަމަވެސް، މިކަން އޮތީ މިހެނެއް ނޫން، ޞިއްޙީ ދާއިރާއާ ދޭތެރޭގައި. ޞިއްޙީ ދާއިރާގައި، ހަމަ ޙަޤީޤަތުގައިވެސް ސަރުކާރުންނާއި އަދި ރައްޔިތުން ކުރާ އެކިއެކި މަސައްކަތްތަކުން ނޫނިއްޔާ ޞިއްޙީ ދާއިރާގައި އަޅުގަނޑުމެން އަރުތަތަކެއް ޙާޞިލު ކުރެވޭނެ ގޮތެއް ނޯވޭ.
 
އެހެންވީމާ، އަޅުގަނޑުމެން ދިވެހިރާއްޖޭގެ ސަރުކާރު ހިންގުމާ ހަވާލުވުމާއެކީ، އަޅުގަނޑުމެން ގަބޫލުކުރީމު، ފުރަތަމަ ވަރަށް އާދައިގެ އޮޑިޓެއް ހެދީމު. މީގެ ކުރީގެ 5 އަހަރެއްހާ ދުވަހުގެ ތެރޭގައި، ޞިއްޙީ ދާއިރާއަށް އައިސްފައި މިއޮތް ވީރާނާކަން، އަޅުގަނޑުމެންގެ ޚިޔާލަށް ގެނެވުނު. އަޅުގަނޑުމެންގެ ލޯމަތިން ޞިއްޙީ ދާއިރާއަށް އައިސްފައި އޮތް ހީނަރުކަން، ނޫނީ ވީރާނާވެފައި ހުރި މިންވަރު ފެނިގެން ދިޔައީ، މިހާރު ދިވެހިރާއްޖޭގެ ވެރިކަމަށް އަންނަން މަސައްކަތްކުރާ ކޮންމެ މީހަކުވެސް ރައްޔިތުންނާ ވަރަށް ގާތުން، ރައްޔިތުންގެ ޙާލު ބަލަމުން، އެކިއެކި ރަށްރަށުގައި ކަންކަން ހުރި މިންވަރު ބަލައިގެން އަދި ރައްޔިތުންނަށް، އެމީހުންނަށް ގަބޫލުކުރެވޭ ކަންކަމެއް މާކެޓްކޮށްގެން ނޫނިއްޔާ، ވިއްކައިގެން ނޫނިއްޔާ ވެރިކަމަށް އައުމަކީ ދަތިކަމަކަށްވާތީ، އަޅުގަނޑުމެންވެސް އިންތިޚާބުގެ ތެރޭގައި ކުރި ދަތުރުތަކުން އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ވަކި އަތޮޅެއް، ވަކި ރަށެއް އިސްތިސްނާ ކުރުމެއްނެތި، އެކި ތަންތަނުގައި ކުޑަދޮރުތައް ނެތިގެން، އެ ހުންނަނީ ޕްލައިވުޑް ފިލާ ޖަހައި ބައްދާފައި. އަނެއްބައި ތަންތަނަށް ދިޔައީމަ މި ބުނަނީ، މިތަނުގައި ބޭސްމަލަންކޮޅެއް ނެތޭ. އަނެއްބައި ތަންތަނަށް ދިޔައީމަ ބުނަނީ، ސަރަޙައްދުގެ މައި ރަށުގައި ބޭސް އެބަހުއްޓޭ. އެހެންނަމަވެސް، ވަކިވަކިން މި ހުންނަ ކުދިކުދި ރަށްރަށަށް، އެ ބޭސް އައުމުގައި ދަތިތަކެއްވެޔޭ. އަދި މާލެއިން ބޭސް ފޮނުވުމުގައި، ނޫނީ މާލެއިން މެޑިކަލް އިކްވިޕްމަންޓް އަތޮޅުތަކަށް، ރާއްޖޭގެ އެކި ހިސާބަށް ފޮނުވުމުގައި، ބޮޑެތި ލަސްތަކެއް އުޅޭ ވާހަކަ، މި ޝަކުވާއަކީ އަބަދުމެ އަބަދު އަޅުގަނޑުމެންގެ ކަންފަތްތަކަށް އިވެމުންދިޔަ ޝަކުވާތައް.
 
ސަރުކާރުން މަސައްކަތްތަކެއްވަނީ ކޮށްފައި. ސަރުކާރުން މަސައްކަތްތަކެއްދަނީ ކުރަމުން. އެހެން ނަމަވެސް، މިދެންނެވި ގޮތަށް، ޢިމާރާތްތަކަށް މި އައި ވީރާނާވުމާއި އަދި މުޅި ދާއިރާއަށް އައި ފަނޑުކަމާއި ހީނަރުކަމަކީ ޝައްކެއްވެސްނެތްގޮތުގައި، ވަކިފަރާތެއް އަޅުގަނޑުމެން ނުދެންނެވި ކަމުގައިވިނަމަވެސް، މުޅި ދާއިރާ އިހުމާލު ކޮށްލެވިފައި އޮތް އޮތުން ކަމަށް ނޫނިއްޔަކާ ނުވާނެ. އެހެންވީމާ، އަޅުގަނޑުމެންގެ ޚިޔާލަށް ގެނެވުނީ، މިދެންނެވި ގޮތަށް ރައްޔިތުންނަށް އެންމެބޮޑު ނިކަމެތިކަމެއް މި އަންނަނީ، ޞިއްޙީ ދާއިރާގައި އެއްވެސް ކަހަލަ ދިރުމެއްނެތި، ނޫނިއްޔާ ޞިއްޙީ ދާއިރާ ވަޅުޖެހިފައި އޮތީމަ ކަމަށްވާތީ، މި ދާއިރާ ނަގައި ކޮޅަށް ޖެހުމަކީ، މި ސަރުކާރުގެ އެންމެ އިސް އަމާޒު ކަމަށް ފެށިގެން މަސައްކަތް ކުރެވުނީ. އަދި އެ މަސައްކަތުގައި ވަރަށް ހީވާގިކަމާއެކީ، އަޅުގަނޑުގެ ނައިބު ރައީސް، ދިވެހި ދައުލަތުގެ ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު، ވަރަށް އިޚްލާޞްތެރި މަސައްކަތްތަކެއް ކޮށްދެއްވި. އެއާއެކުވެސް މިދާއިރާގައި ހުރި ގޮންޖެހުންތައް ބޮޑުވުމާއި އަދި ދާއިރާގެ ކަންކަން ނިންމުމުގައި، ބައެއްކަހަލަ ކަންކަމަކީ އެހާ ދިގު ރާސްތާއަކަށް ވިސްނައިގެން، އެކަންކަން ޑެލިވަރ ކުރަން ތިބޭއިރު، ރައްޔިތުންގެ ކެތްތެރިކަން ކުޑަވެގެންދާ ކަންކަމަށްވާތީ، ބައެއް ކަންކަމަކީ، އެންމެ އިސްކޮށް ހުންނަ މީހަކު، އެމީހެއްގެ އަމިއްލަ ރިސްކުގައި، މި ކުރެވެނީ ކީއްކަން އެނގިގެން ނަގާ ޑިޒިޝަންތައް އަވަހަށް ނެގުން. މިކަހަލަ ސަބަބުތަކެއް ހުރީމަ، ދިރާސާ ކުރުމަކީ ޝައްކެއްވެސްނެތްގޮތުގައި ވަރަށް ރަނގަޅު ކަންތައް. އެހެން ނަމަވެސް، ދިރާސާތައް 6 މަސްދުވަހަށް، 7 މަސްދުވަހަށް ދިގުދެމިގެން ދިޔައީމަކާ، ރައްޔިތުންނަކަށް އެ ދިރާސާގެ ނަތީޖާގެ ބޭނުމެއް ނޯންނާނެ. މިކަހަލަ ސަބަބުތަކެއް މެދުވެރިވެގެން ރައީސުލްޖުމްހޫރިއްޔާ ސީދާ ބަލަހައްޓާ ދާއިރާއަކަށް، ޞިއްޙީ ދާއިރާ މިވަނީ މީގެ ތިން ހަތަރު މަހެއްހާ ދުވަސް ކުރިން ބަދަލުވެފައި.
 
އެއާއެކީ ހަމަ ދަންނަވާލަން ބޭނުންވަނީ، މި ސަރުކާރުން އެންމެބޮޑު ހޭދައެއް ކުރާ ދާއިރާއަކީވެސް ޞިއްޙީ ދާއިރާއޭ. އަދި އިރާދަކުރެއްވިއްޔާ، އަންނަ އަހަރަކީ، 2015 ވަނަ އަހަރަކީ އަތޮޅުތެރޭގައި، ރާއްޖޭގެ އެކި ދިމާލުގައި ޞިއްޙީ ދާއިރާއަށް ކޮށްދޭން ބޭނުންވެފައި ހުރި ކަންތައްތައް، ވަރަށް ފަހިކަމާއެކީ ތަނަވަސްވެގެންދާނެ ބަޖެޓެއް އެކުލަވާލައި، ޞިއްޙީ ދާއިރާއާ ހަވާލުކުރެވޭނެ ބަޖެޓެއް، އަންނަ އަހަރުގެ، 2015 ވަނަ އަހަރުގެ ބަޖެޓަކީ. މިއީ، ވަކި ރީޖަނަލް ހޮސްޕިޓަލްތަކަކަށެއް ނޫން. މިއީ، ޞިއްޙީ މަރްކަޒުތަކުން ފެށިގެން ރީޖަނަލް ހޮސްޕިޓަލްތަކާއި، އަތޮޅު ހޮސްޕިޓަލްތަކަށްވެސް ހަމަ މިކަން އޮތްގޮތް.
 
މިދެންނެވި ގޮތަށް، އޭގެ ވިސްނުމަކަށްވަނީ، މިކަންކަން ކުރުމާއެކީ، މިހާރުގެ ސަރުކާރުގެ ވިސްނުމަކީ ދެކަމެއް. އެއްކަމަކީ ކޮންމެ ދާއިރާއަކުންވެސް، ކޮންމެ ދާއިރާއަކުންވެސް އެ ދާއިރާއެއް ކުރިއަށް ގެންދިޔުމަކީ، މިހާރުގެ ސަރުކާރުގެ ވިސްނުމުގައި، މެނޭޖްމަންޓަށް ގެންނަ ބަދަލު، ނޫނީ ހިންގުމުގެ ދާއިރާއަށް ގެންނަ ބަދަލު، އެ ދާއިރާއަށް ގެނެވޭ ބަދަލުން ޝައްކެއްވެސްނެތްގޮތުގައި ކުރިއެރުންތަކެއް ލިބޭނެ. މަޢާފު ކުރައްވާތި، އެއްވެސް ގޮތަކަށް މިއީކީ ވަކި ދާއިރާއަކަށް ފާޑެއް ދަންނަވާކަށެއް ނޫން. ޞިއްޙީ ދާއިރާއަށްވެސް އެންމެ ބޮޑަށް ބޭނުންވަނީ، ހަރުދަނާކަމާއެކީ އަވަސް ނިންމުންތަކެއް ނިންމައި އަދި އެ ނިންމާ ނިންމުމަކީ، ލިބޭ ތަޙުލީލީ މަޢުލޫމާތުގެ އަލީގައި، ރަނގަޅަށް އެޅޭ ފިޔަވަޅަކަށް ވެގެންދިޔުން. މިކަންކަން ކުރުމުގައި، ގިނަ ވަގުތު ނަގާކަށެއް، އަޅުގަނޑުމެންނަކަށް ވަގުތެއް ނެތް.
 
ދެވަނައަށް އަޅުގަނޑުމެން ގެންނަންޖެހޭ ބަދަލުތަކުގެ ތެރޭގައި މި ހިމެނެނީ، ސަރުކާރުން ހޭދަކޮށްގެން، މިހުރިހާ ދާއިރާއެއް ތަރައްޤީ ކުރަމުންދާއިރު، މި ހޭދަ ރައްޔިތުންނަށް، ޝައްކެއްވެސްނެތްގޮތުގައި ބަލިމީހަކު އައީމަ ބޭސް އެބަ ލިބޭ، ބޭސް އެބަ ކުރެވޭ. އެކަމަކު އެއާއެކީ މީގެ އެޕްލިކޭޝަން އެބަ އަންނަންޖެހޭ. އެޕްލިކޭޝަން އައުމަކީ، ދެންމެ މިނިސްޓަރ ނާޒިމްގެ ވާހަކަފުޅުގައި، ކާނަލް (ރިޓަޔަރޑް) މުޙަންމަދު ނާޒިމްގެ ވާހަކަފުޅުގައި،          އެ ވިދާޅުވިގޮތަށް، މީގެ އެޕްލިކޭޝަން އައުމަކީ، އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހިމަނާފައި އޮތްގޮތަށް، އަޅުގަނޑުމެންނަށް އެބަ ގަބޫލުކުރެވޭ، ޞިއްޙީ ދާއިރާގައި، ނޫނިއްޔާ މީހެއްގެ ޞިއްޙަތު ހަލާކުވެގެން ދަނީކީއެއް، އެއްރޭ ނިދާފައި، އަނެއް ދުވަހު ހޭލާއިރަކު ނޫން. ޒުވާނުންނަށް އެކިކަހަލަ ކަންކަމާ ކުރިމަތިލާން މިޖެހެނީކީ، ކޮންމެހެން އެއްދުވަހުން ދެދުވަހަކުން މި އަންނަ ކަންތަކުގެ ނަތީޖާއަކުން ނޫން. މަދްރަސާ ކުދިން، މަދްރަސާ ކުދިންނާ ހަމައިން އަޅުގަނޑުމެން ސްކްރީން ޓެސްޓްތަކެއް ހަދަން ނިންމީ. ކޮންމެ ރަށެއްގައި ޞިއްޙީ މަރްކަޒެއް އެބަހުރޭ. ނޫނީ ޞިއްޙީ ކޮންމެވެސްވަރެއްގެ ވަސީލަތްތަކެއް އެބަހުރޭ. އަތޮޅުގައި، އަތޮޅު ހޮސްޕިޓަލެއް އެބަހުރޭ. އަދި ސަރަޙައްދުގައި، ސަރަޙައްދީ ހަސްފަތާލެއް އެބަހުރޭ.
 
މިރޭ އަޅުގަނޑުމެންނަށް އިވިގެން މިދިޔައީ، އަޅުގަނޑުމެންނަށް އުފާވެރިކަން މި ލިބެނީ، މި ޞިއްޙީ ދާއިރާއަށް ކުރެވޭ މަސައްކަތުގައި، އުނގޫފާރުގައި މިހިރަ ސަރަޙައްދީ ހޮސްޕިޓަލް، މިރޭ މި ހުޅުވުނު ސަރަޙައްދީ ހޮސްޕިޓަލަކީ، ހަމަ މާލެއާ ދާދި އެއްފެންވަރުގެ ޓަރޝަރީ ހޮސްޕިޓަލަކަށް ވެގެންދާކަން. 12 ދާއިރާއެއްގެ ސްޕެޝަލިސްޓް ޑޮކްޓަރުން އެބަ ތިބޭ. އަދި މި ދާއިރާއިން ޑައިލަސިސް، ޑެންޓަލް މަސައްކަތް އަދި މިނޫން އެހެން ޚިދްމަތްތައްވެސް، އެއީ ސީދާ އޭގެ ޒާތުގައި، މިދެންނެވި ގޮތަށް، އެޕްލައި ކުރަން ހުރި ދާއިރާތަކަކަށްވާއިރު، މިހުރިހާ ކަމެއް ފުރިހަމަވެގެން މިދިޔައީ، މީގެ ތިރީހަކަށް އަހަރު ކުރިން، ދާދި އާދައިގެ ގޮތެއްގައި، އޭރު ރައީސް މައުމޫން ބިންގާ އަޅުއްވައިދެއްވައި، އުނގޫފާރުގެ ހޮސްޕިޓަލް ހުޅުއްވައިދެއްވުމުގެ މައްޗަށް ބިނާކޮށް، މިހާރު މި ދުވަސްތަކަކަށްފަހު، މިވަރުގެ ވަރުގަދަ ހޮސްޕިޓަލަކަށް، މިކަން ބަދަލުވެގެން ދަނީ. ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި، މިހުރިހާ ޚިދްމަތްތަކަކަށް ސަރުކާރުގެ ބަޖެޓުން ހޭދަކުރާ ކަމަށްވަންޏާ، ރައްޔިތުންގެ ފައިސާއިން ހޭދަކުރާ ކަމަށްވަންޏާ، ކީއްވެގެންތޯއޭ، ބަލިތައް ވާގޮތް ދެނެނުގަންނަންވީ؟ ކީއްވެގެންތޯއޭ، އޭގެކުރިން އަޅުގަނޑުމެންނަށް  މި އެޕްލައި ކުރަން މަސައްކަތް ނުކުރެވެންވީ. އެހެންވެގެން އަޅުގަނޑުމެންގެ މެނިފެސްޓޯގައިވެސް އަޅުގަނޑުމެން އެކަށައެޅީ، މަދްރަސާ ކުދިން، ތުއްތު ކުދިން، ވަކިކަހަލަ ސްކްރީން ޓެސްޓްތަކެއް އަދި އުމުރުފުރާ ހަމަވެގެން، ބާލިޣުވާ އުމުރަށް އަންނަ ކުދިންނަށް، ދެޖިންސުގެ ކުދިންނަށްވެސް ހަމަ އެބަޖެހޭ، މިދެންނެވި ކަހަލަ ސްކްރީން ޓެސްޓްތަކެއް ހެދެން. އޭގެ ބޭނުމަކަށްވަނީ، އެކި ގޮތްގޮތުން އެކްއަރ ކޮށްފައި، ނޫނިއްޔާ އެކިގޮތްގޮތުން އެކުދިންގެ އެންޒައިން ލެވެލްތައް ބަދަލުވެގެންދާއިރު، މި ބަދަލު އަންނަ ކަންކަން، އަޅުގަނޑުމެންނަށް އެނގޭ ކަމަށްވަންޏާ، ކުރިއަށް ހުރި ބޮޑެތި ބަލިތައް ހުއްޓުވުމަށް، ނޫނީ އެއަށް ފަރުވާ ދިނުމަށް އެޅޭ ފިޔަވަޅަކަށް މި ވެގެންދަނީ. މީގެކުރިންވެސް ޞިއްޙީ މަރުކަޒުތަކުގައި ހުރި ޚިދްމަތްތައް، މިހާރު އިރާދަކުރެއްވިއްޔާ އެއަށްވުރެ ފެންވަރު ރަނގަޅުވަނީ. އެހެންނަމަވެސް، ބްލަޑް ޓެސްޓް ހެދުމާއި، ޔޫރިން ޓެސްޓް ހެދުމާއި އަދި އެނޫން އެހެން ކަހަލަ ތަޙުލީލީ ކަންތައްތަކަކީ، މީގެކުރިންވެސް މިދެންނެވި ގޮތަށް، ޞިއްޙީ ފަރުވާދޭ ތަންތަނުގައި ހުރި ކަންތައްތައް. އެހެންވީމާ، މި އެޕްލައި ކުރުމުގެ މަސައްކަތަކީ، ޝައްކެއްވެސްނެތްގޮތުގައި ރައްޔިތުން ދުޅަހެޔޮ ޞިއްޙަތެއްގައި ބޭތިއްބުމަށްޓަކައި ކުރެވޭ އެންމެ ވަރުގަދަ މަސައްކަތް.
 
އެހެންވީމާ، ޞިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އަދި މިދާއިރާއިން ރައްޔިތުންނަށް މިގޮތަށް، ރައްޔިތުންނަށް ފައިދާ ލިބޭގޮތަށް އެޕްލައި ކުރެވެންހުރި ކަންތައްތައް ކުރައްވާށޭ. ތަޢުލީމީ ދާއިރާއަށް މި ދަންނަވަނީ، ތަޢުލީމީ ދާއިރާއަކީ ދައުލަތުގެ ބަޖެޓުން ފެށުނީއްސުރެ ވަރަށްބޮޑު ހޭދައެއް ކުރައްވާ ދާއިރާއެކޭ. ތަޢުލީމީ ދާއިރާގައި މިކުރެވޭ ކަންތައްތަކުގައި، ކްލާސްރޫމްގައި މި ކިޔަވައިދޭ ފިލާވަޅުގެ އިތުރަށް، މި އެޕްލައި ކުރުމުގެ މަސައްކަތްތަކެއް އެބަ ކޮށްދެއްވަންޖެހެޔޭ. މިހާރުވެސް ކުރައްވާކަންނޭނގެ. ޓިވެޓް ޕްރޮގްރާމްތަކާއި އަދި ގްރޭޑް 10 ނިންމާފައި ނުކުމެގެން 12އާ ހަމަޔަށް ދެވޭނެ ފުރްޞަތު ނެތް ކުދިން، އަނބުރާ އެ ކުދިން ރީހެބިލިޓޭޓް ކުރަން، ނޫނީ ރިފްރެޝް ކުރަން ކުރާ މަސައްކަތްތަކާއި، ތަފާތު މަސައްކަތްތައް އެބަ ކުރެވޭ. މައިންބަފައިން 10 އަހަރު ވަންދެން ކުދިންނަށް ކިޔަވައިދީފައި، ސަރުކާރުން 10 އަހަރު ވަންދެން ކުދިންނަށް ހޭދަކޮށްދެނީކީ، އެކުދިން ފެއިލްވީމަ، އެކުދިންގެ ތަޢުލީމީ މުސްތަޤްބަލް، އެހިސާބުން އެ ސިލް ޖެހުނީ ކަމަށް ގަބޫލުކުރާތީކީ ނޫން. އެހެންވީމާ، މި ބަދަލުތައް މި އަންނަނީ، މިދެންނެވި ގޮތަށް މިކުރެވޭ ހޭދަ އެޕްލައި ކުރަން ކުރާ މަސައްކަތުގައި.
 
އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި، ޞިއްޙީ ދާއިރާއިން މި ލިބޭ އެންމެބޮޑު ފައިދާތަކުގެ ތެރޭގައި، ތަފާތު ގިނަ ބަލިތަކަށް، ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދްމަތް ލިބުމުގެ އިތުރަށް، މިދެންނެވި ގޮތަށް އެޕްލިކޭޝަންގެ ތެރެއިން މި އަންނަ ޚިދްމަތަކީ، މިހާރު އަޅުގަނޑުމެންގެ ވިސްނުމުގައި، އަޅުގަނޑުމެންގެ މި ސަރުކާރުގެ ވިސްނުމުގައި، ޞިއްޙީ ދާއިރާއިން ކޮށްދޭންޖެހޭ އެންމެބޮޑު ކަންތައްތަކަކީ އެއީ. އެހެންވީމާ، ކުދިންނަށް އެކިކަހަލަ ބަލިތައް، އިސްވެ ދެނެގަތުމުގެ ސްކްރީން ޓެސްޓްތައް ހެދުމުގެ ބޭނުމަކަށް ވަނީ މިކަންކަން.
 
ހަމައެއާއެކީ ދަންނަވާލަން ބޭނުންވޭ، އުނގޫފާރުގައި މި ހޮސްޕިޓަލް ހުޅުވިގެން ދިޔައީމަ، ނޫނިއްޔާ މި ޞިއްޙީ ފަރުވާދޭ މިހާ ފުރިހަމަ ޚިދްމަތްތަކަކާއެކީ މި ހޮސްޕިޓަލް ހުޅުވިގެން ދިޔައީމަ، ހަމައެކަނި ރ. އަތޮޅުގެ ރައްޔިތުންނަކަށް ނޫން މި ފައިދާވަނީ. ރ.އަތޮޅުގެ ރައްޔިތުންގެ އިތުރަށް، ކައިރީގެ އަތޮޅުތަކާއި، ކައިރީގައި ހުރި ރަށްރަށަށް ފައިދާވެގެން އެބަދޭ. އަޅުގަނޑުމެންނަށް ކޮންމެ ރަށެއްގައި، ކޮންމެ އަތޮޅެއްގައި، ނޫނީ ކޮންމެ ސަރަޙައްދެއްގައި، މި ފެންވަރަށް ހޮސްޕިޓަލެއް ހެދެންދެންވެސް، އަޅުގަނޑުމެން ގަބޫލުކުރީ މިފަދަ ޚިދްމަތްދޭ ސެންޓަރުތަކާ ރައްޔިތުންނާ ގުޅުވޭނެ ގޮތްތަކެއް ހަމަޖައްސަންޖެހެޔޭ. އެހެންވީމާ، އަޅުގަނޑުމެންގެ ސަރުކާރުގެ ވިސްނުމަކަށްވީ، ކުރީގައި ސަރުކާރުގައި ޓްރައި ކޮށްފައި، އޭރު އެކަން ކުރިއަށް ނުގެންދެވިގެން ދޫކޮށްލާފައި އޮތް މަޝްރޫޢެއް، އަލުން ވުޖޫދު ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރީ. ޞިއްޙީ ފަރުވާދޭ ތަންތަނަށް ބަލިމީހުން އުފުލޭނެގޮތް ނުވަތަ ބަލިމީހުންނާ ހަމަޔަށް ޑޮކްޓަރުންނަށް ދެވޭނެގޮތް އަޅުގަނޑުމެން ހަމަޖެއްސުމުގެ ބޭނުމުގައި، އެމްބިއުލޯންޗް ސަރވިސްގެ ޚިދްމަތް، އަޅުގަނޑުމެން ޤާއިމުކުރީ. މިހާރު އިރާދަކުރެއްވިއްޔާ، މިއަހަރު ނިމޭއިރު، އަޅުގަނޑުމެންނަށް ދެންމެ އިވިގެންދިޔަ ގޮތުގައި، 7 އަތޮޅުގައި، އޭގެތެރެއިން ރ. އަތޮޅުގައި މި ޚިދްމަތް މިވަނީ ޤާއިމްކޮށް، މި ޚިދްމަތުގެ އެހީތެރިކަން، ހަމަ ހުރިހާ އެންމެންނަށް ލިބޭ. އަޅުގަނޑުމެންގެ އަމާޒަކަށްވެފައި މިއޮތީ، އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ނިޔަލާ ހަމަޔަށް ދާންވާއިރަށް، ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް، އެންމެ މަދުވެގެން ކޮންމެ އަތޮޅެއްގައި އެއް އެމްބިއުލޯންޗްގެ ޚިދްމަތް ލިބިގެންދިޔުން. އެއީ އަޅުގަނޑުމެންގެ އަމާޒު.
 
ހަމައެއާއެކީ، ޞިއްޙީ ދާއިރާއަށް އަންނަ އަނެއް ބަދަލަކީ، ހަމަ މިދެންނެވި ގޮތަށް، މެނޭޖްމަންޓަށް ނޫނިއްޔާ ވިސްނުމަށް އަންނަ ބަދަލު. ހަމަ ތެދުތެދަށް ދަންނަވާ ކަމަށްވަންޏާ، އަޅުގަނޑަށް ގަބޫލުކުރަން ދަތިވޭ، ޞިއްޙީ ދާއިރާއަށް ބޭނުންވާ ހުރިހާ ބޭސް ގަންނަ، ނޫނީ ލައިފް ސޭވިންގ، ނޫނިއްޔާ ފުރާނަ ނުރައްކާތެރިވެގެން ދިޔައީމަ، މިކަންކަމުން ސަލާމަތް ކުރަން ބޭނުންވާ ޑްރަގްސް ގެންނަންޖެހޭ، ނޫނީ ގަނެގެން ގެންނަންޖެހޭ ތަނަކީ ހެލްތް މިނިސްޓްރީ ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ. އަދި ހަމައެހެންމެ، ޞިއްޙީ ދާއިރާގައި މިހުންނަ ވަސީލަތްތައް ހޯދުމަށްޓަކައި، މެޑިކަލް އިކްވިޕްމަންޓް ހޯދުމާއި، އެކްސްރޭ މެޝިން ހޯދުމާއި، އެމް.އާރު.އައި މެޝިން ހޯދުމުން ފެށިގެން ޑެންޓިސްޓުންނަށް ބޭނުންވާ ސާމާނު ގެނައުމަކީ، ޞިއްޙަތާބެހޭ ވަޒީރު ކުރައްވަންޖެހޭ ކަމަކަށް، އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އެއަށްވުރެ މާ މުހިންމު ޕޮލިސީ މަސައްކަތްތަކާއި، އެއަށްވުރެ މާ މުހިންމު މަސައްކަތްތައް ކުރައްވަން ވަޒީރަށް ހުންނާނެ. އެހެން ނަމަވެސް، މިހުރިހާ ކަމަކާއެކީ ވަޒީރެއްގެ މަސައްކަތްޕުޅު ބުރަވެގެން ދިޔައީމަ، އެއްވެސް ކަމަކަށް އެކަށީގެންވާ ގޮތަކަށް އެޓެންޑެއް ނުކުރެވޭ. އެހެންވީމާ، އަޅުގަނޑުމެން މިފަހަރު ގެނައި ބަދަލުތަކުގެ ތެރޭގައި، އަޅުގަނޑުމެން މިކަންކަން، މިއީ ޞިއްޙީ ދާއިރާއިން ކުރާ ކަންކަމުން ބޭރުކުރީ. އެހެންވީމާ، ޞިއްޙަތާބެހޭ މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކަށް ޖެހިވަޑައެއްނުގަންނަވާނެ، ރާއްޖޭގެ އެކި ދިމަދިމާއިން މަދުވެގެން މިދާ މެޑިކަލް އިކްވިޕްމަންޓް ހަމަކޮށްދެއްވާކަށެއް. އަދި އޭގެ އިންވެންޓްރީ ބަލަހައްޓާކަށްވެސް ޞިއްޙަތާބެހޭ މިނިސްޓަރަކަށް ޖެހިވަޑައެއްނުގަންނަވާނެ.
 
ހަމައެހެންމެ، ލައިފް ސޭވިންގ ޑްރަގްސްއާއި، މިނޫންވެސް އެހެން އެސެންޝަލް ޑްރަގްސް ރާއްޖޭގައި ހުރޭތޯ ބައްލަވާކަށް، އޭގެ ޒާތުގައި ޞިއްޙަތާބެހޭ ވަޒީރަކަށް ޖެހިވަޑައެއްނުގަންނަވާނެ. އެކަކު އުފުލާ ޒިންމާ، ހަމަ އެފަދަ މަޤާމެއްގައި ހުންނަ ދައުލަތުގެ އެހެން މުވައްޒަފަކަށް ނުއުފުލެންޖެހޭ ސަބަބެއް، އަޅުގަނޑުމެންގެ ވިސްނުމަކަށް ނާދޭ. ސަރުކާރުން ހޭދަކޮށްގެން، ވަރަށް ކާމިޔާބުކަމާއެކީ ވިޔަފާރީގެ އުޞޫލުން ހިންގާ ސަރުކާރުގެ ކުންފުންޏެއް އެބައޮތް. ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެބައޮތް. އެ ކުންފުންޏަށްވެސް، އެ ކުންފުނިން ކުރާ މަސައްކަތް، އެއީ ރައްޔިތުންނަށް ފައިދާހުރި ގޮތެއްގައި، އަގުހެޔޮކޮށް ކުރެވޭ މަސައްކަތެއް ކަމަށްވަންޏާ، އެ ކުންފުންޏަށްވެސް ޖާގަ ލިބޭނީ އަދި އެ ކުންފުންޏަށްވެސް އިތުބާރެއް ލިބޭނީ، އެ ކުރާ މަސައްކަތުގައި އެ ކުންފުނި ދިގުދެމިގެންވާ މުއްދަތަކަށް، އެކަން ކުރެވޭނެ ކަމަށް ޔަޤީންކަމެއް ލިބުނީމަ.
 
އެހެންވީމާ، މިއަހަރުގެ ތެރޭގައި ހެލްތް މިނިސްޓްރީއަށް ނޫނީ ހެލްތް މިނިސްޓްރީގެ ހިންގުމަށް އައި ބަދަލުގެ ތެރޭގައި، ހަމަ ދަންނަވާލަން ބޭނުންވޭ، ކާނަލް (ރިޓަޔަރޑް) މުޙަންމަދު ނާޒިމްގެ ހާޒިރުގައިވެސް އަޅުގަނޑަށް މި ސަރުކާރަށް، ދިވެހި ރައްޔިތުންނަށް ވަރަށްބޮޑު އެހީތެރިކަމެއް، އެމަނިކުފާނުގެ ފަރާތްޕުޅުން ލިބޭ. އެއީ، އެ ދާއިރާއަށް ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވައިގެން، އެ ދާއިރާގައި ހުރި ގޮންޖެހުންތައް، ވީހާ ކުރު މުއްދަތެއްގެ ތެރޭގައި ފިލުވައިދިނުމަށްޓަކައި އަދި އާ ކަންކަން އީޖާދުކޮށްގެން، ކަންކަން ކުރުމަށްޓަކައި ނާޒިމްގެ ޝައުޤުވެރިކަން، އަޅުގަނޑަށް ހަމަ ވަރަށް ގާތުން ފާހަގަކުރެވޭ. އެހެންވީމާ، މި ދާއިރާއަށް މި އަންނަމުންދާ ތަރައްޤީއަކީ، ހަމައެކަނި ބަޖެޓް އިތުރުކޮށްދީގެން އަންނަ ތަރައްޤީއެއް ނޫން. މިއަހަރުގެ މި ބަޖެޓްގައިވެސް، ހުސްވަމުންދާ މި އަހަރުގެ މި ބަޖެޓްގައިވެސް ހުރި ފައިސާ. އެކަމަކު އެ ރަނގަޅު ގޮތުގައި ބޭނުންކުރުމާއި އަދި އާބާތުރަ ފިލުވަންވެފައި ހުންނަ ޢިމާރާތްތަކަށް ގެންނަންޖެހޭ ބަދަލު ގެނައުމާއި، އެކަންކަން އަވަސްކުރުމާއި، މިކަންކަމަކީ، އެބޭފުޅެއްގެ ޝައުޤުވެރިކަން ހުންނަ މިންވަރަކުން އެކަމަކާ ހަވާލުވެ ހުންނެވި، ނޫނީ ޒިންމާ އުފުއްލަވާ ބޭފުޅަކަށް ގެންނެވޭނެ ކަންކަން. މިނިސްޓަރ ނާޒިމް މިކަން ނެންގެވީ ވަރަށްބޮޑު ޗެލެންޖެއްގެ ގޮތުގައި. އެހެންވީމާ، މިހާ ހިސާބުން މި ދާއިރާއަށް މި އަންނަ ތަރައްޤީއަކީ، ހަމަ ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، އެހާ ގާތުން ޝައުޤުވެރިކަމާއެކީ މި މަސައްކަތުގައި، މުޙަންމަދު ނާޒިމް މަސައްކަތް ކޮށްދެއްވާތީ، ހަމަ އެމަނިކުފާނުގެ މަސައްކަތްޕުޅުން އަންނަ ތަރައްޤީ، މިހާރު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ. އަޅުގަނޑަކީ ކޮންމެ ވަޒީރަކު ކުރައްވާ މަސައްކަތުގައިވެސް އެހީތެރިވާން ހުރި މީހެއް. ގިނަ ވަޒީރުންނަށްވުރެ ސަރުކާރުގައި ދިގު މުއްދަތެއްގައި ޚިދްމަތްކޮށްފައި ހުރި މީހަކަށްވާތީ، ތަންކޮޅެއް ތަފާތުކޮށް އަޅުގަނޑަށް ގިނަ ކަންތައްތައް ފެނުމުގެ ވިސްނުން، ނޫނިއްޔާ ފެނުން އަޅުގަނޑަށް އެބަހުރި ލިބިފައި.
 
 އެހެންވީމާ، ދާއިރާތަކަށް އަންނަންޖެހޭ ބަދަލުގެ ތެރޭގައި، އަޅުގަނޑުމެން މި ސަރުކާރުން އެންމެ ބޮޑަށް މި ދާއިރާތައް އިޞްލާޙު ކުރަން މި ނަގާ އެޕްރޯޗަކީ މިދެންނެވީ. މެނޭޖްމަންޓަށް ގެންނަ ބަދަލު. މެނޭޖްމަންޓަށް ގެންނަ ބަދަލުގެ ތެރޭގައި، އަޅުގަނޑުމެން ގަބޫލުކުރަނީ، ޞިއްޙީ ދާއިރާއަށް އެންމެ ހެޔޮ ބަދަލެއް މި ގެނެވެނީ، ޙަޤީޤަތުގައި މެނޭޖްމަންޓްތަކަށް އަންނަ ބަދަލާ ގުޅިގެންނޭ. ޞިއްޙީ މަރްކަޒެއް ހިންގާކަށެއް، އެއްގޮތަކަށްވެސް ހިންގާކަށެއް، މަތީ ތަޢުލީމް ޙާޞިލުކޮށްފައި ހުރި އެއްވެސް ކަހަލަ ސްޕެޝަލިސްޓް ޑޮކްޓަރެއް ހުންނާކަށެއް ނުޖެހޭ. އެއީ، އޭނަޔާ ބެހޭ ކަމެއް ނޫން. އޭނައަކީ ހިންގުމުގެ ދާއިރާގެ މީހެއް ނޫން. އޭނައަކީ، ޑެންޓިސްޓެއް ކަމަށްވަންޏާ، އޭނަ މޮޅުވާނީ ޑެންޓަލް ފަރުވާދޭން. އޭނައަކީ، ނިއުރޯލޮޖިސްޓެއް ކަމަށްވަންޏާ، އޭނަ މޮޅުވާނީ ސިކުނޑިއަށް ދިމާވާ އެކިއެކި ފަރުވާތަކަށް ބޭސްކޮށްދޭން. ނޫނިއްޔާ ދިމާވާ މައްސަލަތަކަށް ފަރުވާދޭން. އޭނައަކީ، ހިންގުމުގެ ދާއިރާގެ މާހިރަކަށްވާކަށް ލާޒިމެއް ނޫން. އޭނައަކަށް އެކަމެއް ނުވެސް އެނގޭނެ. އެހެންވީމާ،  މި ވިސްނުން މި ދާއިރާއަށް ގެނެވޭތޯ އަޅުގަނޑުމެން މި ބަލަނީ. މި ވިސްނުމުގައި އަޅުގަނޑުމެން މިގެންދަނީ ޞިއްޙީ ދާއިރާ ގްރޭޑް ކުރަމުން. ޞިއްޙީ ދާއިރާގައި ހުރި އެކިއެކި މަރްކަޒުތައް، ނޫނިއްޔާ ޞިއްޙީ ވަސީލަތްތައް ދޭ ތަންތަން، އަޅުގަނޑުމެން މިގެންދަނީ ގްރޭޑް ކުރަމުން. މީގެ ބޭނުމަކަށްވަނީ، ކުރިއަށް އޮތް އެއް އަހަރު، ނޫނީ ދޮޅުއަހަރުގެ ތެރޭގައި، އަޅުގަނޑުމެން މި ގިންތިކުރާ ގިންތި ކުރުމާއެކީ، އެ ގިންތިއަކަށް ބޭނުންވާ ހުރިހާ ވަސީލަތެއް، އެ މަރްކަޒަކަށް، ނޫނީ އެ ދާއިރާއަކަށް ހަމަޖައްސައިދިނުން. މިކަންކަން ކުރާއިރު، އަޅުގަނޑު މިދެންނެވި ގޮތަށް، ޞިއްޙަތާ ބެހޭ މިނިސްޓަރަކަށް ފަސޭހަފުޅުވެގެން އެބަދޭ، އެބޭފުޅަކު ބަލަހައްޓަވަންޖެހޭ މަސްއޫލިއްޔަތުވެސް، މިދެންނެވި ގޮތަށް ކޮންމެވެސް ވަރަކަށް ހަނިވެގެން ދިޔުން. ބްލަޑް ބޭންކް ބެލެހެއްޓުމަކީ، ޞިއްޙަތާބެހޭ މިނިސްޓަރަކު ކުރައްވަންޖެހޭ ކަމެއް ނޫން. މިއީ މާލޭގައި ހުރި އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުން ކުރެވިދާނެ ކަމެއް. އައި.ޖީ.އެމް.އެޗް ހޮސްޕިޓަލަކީ ޞިއްޙަތާބެހޭ މިނިސްޓަރު ބަލަހައްޓަވަންޖެހޭ ތަނެއް ނޫން. ޞިއްޙަތާބެހޭ މިނިސްޓަރު ކުރައްވަންޖެހޭ ކަންތައްތަކުގެ ތެރޭގައި މިހިރީ ޞިއްޙީ ދާއިރާއަށް އަންނަ ޕޮލިސީގެ މައްސަލަތައް އަދި ރެގިއުލޭޓަރު ލައްވައި ޞިއްޙީ ޚިދްމަތް ދޭ އެކި ތަންތަން ރެގިއުލޭޓް ކުރުމުގެ މަސައްކަތް އޯވަރ ސީ ކުރައްވަންޖެހެނީ. އަދި ފަރުވާ ލިބުމުގެ ކުރިން ނުރައްކާތެރި ބަލިތަކުން މުޖްތަމަޢު ސަލާމަތް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް، ޞިއްޙަތާބެހޭ މިނިސްޓަރު ކުރައްވަން އިސްނަންގަވަން މިޖެހެނީ.
 
ހޮސްޕިޓަލަކީ, ދުނިޔޭގެ އެހެން ތަންތަނުގައިވެސް ހަމަ ހޮސްޕިޓަލްތައް ގަވަރން ކުރަން، ގަވަރނިންގ ބޯޑެއް އޮވެގެން، އިޚްތިޔާރުތަކެއް ދޫކޮށްލައިގެން ހިނގާނެ ތަންތަން. ދައުލަތުގެ އެންމެ އިސްމީހަކަށް ހުންނަ މީހަކު، ނޫނިއްޔާ ސަރުކާރުން ކޮށްދޭންޖެހޭ ކަމަކީ، މިދެންނެވި ކަހަލަ ކަންކަމަށް ބޭނުންވާ ވަސީލަތްތައް ތަނަވަސްކޮށްދިނުން. ކޮންމެހެނެއް އައި.ޖީ.އެމް.އެޗް ހިނގާ ނުހިނގާގޮތް ބެއްލެވުމަކީ، އޭގެ ޒާތުގައި ނޫނިއްޔާ އެހާބޮޑަށް ބެހިވަޑައިގަތުމަކީ، އެ ދާއިރާއަށް އެންމެ ކުރިއެރުން ލިބޭނެ ކަމެއް ނޫން، ކޮންމެހެން ޞިއްޙަތާބެހޭ ވަޒީރު ބަލަހައްޓަވައިގެނެއް.
އެހެންވީމާ، މި ބަދަލު މިވަނީ މިދެންނެވި ގޮތަށް، މީގެ ހަތަރު ފަސްމަހެއްހާ ދުވަސް ކުރިން އަޅުގަނޑުމެން ގެނެސްފައި. މިއަދު އައި.ޖީ.އެމް.އެޗް ހޮސްޕިޓަލް އެ ހިނގަނީކީ ވަޒީރެއްގެ ބެއްލެވުމުގެ ދަށަކުންނެއް ނޫން. އައި.ޖީ.އެމް.އެޗް އެ ހިނގަނީ ގަވަރނިންގ ބޯޑެއްގެ ބެލުމުގެ ދަށުން. ދެން ތިޔަބޭފުޅުން އަޅުގަނޑާ ސުވާލު ކުރައްވާނެ، ގަވަރނިންގ ބޯޑަކީވެސް ބަޔަކު ލާފައި ތިބި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ބަލަހައްޓަންޖެހޭ ތަނެކޭ. ނޫން، އެހެނެއްވެސް ނޫން. ދިވެހިރާއްޖޭގައި ގަވަރނިންގ ބޯޑު ހުރެގެން ހިނގާ ތަންތަން އެބަހުރި. ތިޔަބޭފުޅުންގެ ޚިޔާލުފުޅަށް ގެންނަވާ، އެމް.އެމް.އޭ. އަޅުގަނޑުމެންގެ މަރްކަޒީ ބޭންކް. އެއީކީ ދުވަހުން ދުވަހަށް އެތާ ހިނގާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާ ބަލަންޖެހޭ ކަމެއް ނޫން. އަދި މަހަކު އެއްފަހަރުވެސް އެކަންކަމަކީ، ރައީސުލްޖުމްހޫރިއްޔާ ބަލަންޖެހޭ ކަންކަމެއް ނޫން. ކޮންމެވެސް ކަހަލަ ރެޖީމެއް ޤާއިމެއް ކުރެވުނީމަ، އެއާ އެއްގޮތަށް ގަވަރނިންގ ބޯޑުން ކަންކަން ގެންދާނީ. ހަމަ އެގޮތަށް އައި.ޖީ.އެމް.އެޗް.ވެސް މިދެންނެވި ކަހަލަ ކޯޑުތައް އެކުލަވައިލެވުނީމަ، ނޫނިއްޔާ އެކަން ކުރާނެ ނިޒާމުތަކެއް، ގޮތްތަކެއް އެކުލަވައިލެވުނީމަ، ގަވަރނިންގ ބޯޑަށް އެކަން ގެންދެވޭނެ މާ އެފިޝަންޓްކޮށް. އަދި މާ ރަނގަޅަށް އެކަން ގެންދެވޭނެ. އެކަމަކު ޞިއްޙަތާބެހޭ ވަޒީރު މިކަންކަން ބަލަހައްޓަވާ ކަމަށްވަންޏާ، އެއީކީ ޞިއްޙަތާބެހޭ ވަޒީރަށް ކުރެއްވޭނެ ކަމެއް ނޫން.
 
އަޅުގަނޑުމެން މިކަހަލަ ވިސްނުމެއްގައި، މިކަހަލަ މޮޑެލަކަށް ބިނާކޮށްގެން، މިހާރު ޞިއްޙީ ދާއިރާގެ ކަންތައްތައް ކުރަމުން މިގެންދަނީ. އިރާދަކުރެއްވިއްޔާ އަދި މިކުރެވޭ މަސައްކަތުގައި ހަމަ މިކަންކަން އެބަ ރަނގަޅަށްދޭ. އެކަމަކު އެއާއެކީވެސް ހަމަ ދަންނަވާލަން ބޭނުންވޭ. ހަމަ ގުޅުންހުރި ދާއިރާތަކުގައި، އަޅުގަނޑުމެންނަށް މަދުން ނަމަވެސް ފެނިގެން މިދަނީ، އަޅުގަނޑުމެން ހަމަ ހިތްދަތިވާ ކަހަލަ ކަންތައްތައް. މިއަދު އަޅުގަނޑުމެން މި ވާހަކަދައްކާއިރުވެސް، އަޅުގަނޑުމެން މިހާރުން މިހާރަށްވެސް މިއޮތީ ނޮޅިވަރަންފަރުގައި މި ހިނގާ ކަންކަމަށް އެޑްރެސް ކުރަންވެފައި. އަޅުގަނޑަށް އެނގޭ، ޑިޒާސްޓަރ މެނޭޖްމަންޓާއި، އެންވަޔަރަންމަންޓް މިނިސްޓްރީއާއި، ޞިއްޙަތާބެހޭ މިނިސްޓްރީން، ނޫނިއްޔާ ހެލްތް މިނިސްޓްރީގެ ކަމާބެހޭ ބޭފުޅުން، ކުރައްވަންޖެހޭ ހުރިހާ މަސައްކަތެއް އެބަކުރައްވާ. އެތަނަށް ކްލޮރިން ފޮނުވުމާއި، ބޯފެން ގެންދިޔުމާ، މިކަހަލަ ހުރިހާ ކަމެއް އެބަ ކުރައްވާ.
 
އެކަމަކުވެސް ހަމަ ދަންނަވާލަން ބޭނުންވަނީ، ހަމަ އެއްވެސް ޝަކުވާއެއް ކުރުމުގެ މަޤްޞަދުގައި ދަންނަވާ ވާހަކައެއް ނޫން. މިކަހަލަ ނިޒާމުތައް ޤާއިމުކުރާއިރު، ތަންކޮޅެއް ހަރުދަނާކޮށް، ނިޒާމުތައް އެބަ ޤާއިމުކުރަންޖެހޭ. ސުވަރޭޖް ސިސްޓަމް ހަދާ ކަމަށްވަންޏާ، ހަރުދަނާކޮށް ސުވަރޭޖް ސިސްޓަމް އެބަ ހަދަންޖެހޭ. އަދި ކަރަންޓް ދޭ ކަމަށްވަންޏާ، ހަރުދަނާކޮށް މިކަންކަން ކުރަން އެބަޖެހޭ. އެހެން ނޫނީ ވާގޮތަކީ މި ދޫކޮށްލީމަ، ދެއަހަރު، ތިން އަހަރުގެ ތެރޭގައި، އަޅުގަނޑުމެން ހަމަ ކުރިމަތިލާން މިޖެހޭ މައްސަލަތަކާ ދިމާވަނީ. މިއީކީ އެއްވެސް ސަރުކާރަކުން މިކަން ވެދާނެ ކަމަކަށް އިންތިޒާރު ކޮށްގެން ހުންނަ ކަންކަމެއް ނޫން. އެހެން ނަމަވެސް، ޑިސެންބަރު މަހަކީ އަޅުގަނޑުމެންނަށް ކާރިސާގެ މަހެއްގެ ގޮތަށް، މީގެކުރިންވެސް މިވަނީ ފާހަގަކުރެވިފައި. އަޅުގަނޑުމެން ޑިސެންބަރު މަސް މި ކަޑައްތު ކުރަނީ، ހަމަ މިދެންނެވި ކަހަލަ ހިތްދަތި ކަންތައްތަކެއްގެ ތެރޭގައި.
 
އެކަމަކު އެއާއެކީވެސް، އުނގޫފާރުގައި ސަރަޙައްދީ ހޮސްޕިޓަލް ހުޅުވުން ކަހަލަ އުފާވެރިކަންވެސް އަޅުގަނޑުމެންނަށް ލިބޭ. އަދި ހަމައެހެންމެ، އަޅުގަނޑުމެންނަށް ޓެސްޓްކޮށްލަން ލިބުނު ފުރްޞަތަކީ، ދައުލަތުން މިކުރެވުނު މަސައްކަތުގެ ތެރޭގައި، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކާއި އަދި ދުރު ކަރަކަރައިގެ ސަރުކާރުތަކާ އެކީ، އަޅުގަނޑުމެންގެ ގުޅުން، ޑިޕްލޮމެޓިކް ގުޅުން ރަނގަޅު ކުރަން ކުރި މަސައްކަތުގެ ޓެސްޓް، އަޅުގަނޑުމެންނަށް މި ކުރެވުނީ. އަޅުގަނޑުމެންނަށް ފެނުގެ ކާރިސާ މެދުވެރިވިހިނދު، އެތަކެއް ޤައުމުތަކުން ފަސޭހަކަމާއެކީ އަވަސް ފުރްޞަތެއްގެ ތެރޭގައި އެވަނީ އަޅުގަނޑުމެންނަށް އެހީ އައިސްފައި. އަދި ﷲގެ ރަޙްމަތާއެކީ. ދިވެހި ރައްޔިތުންގެ އެއްބާރުލެއްވުމާއި، ސަރުކާރުން މިކަމަށް ދިން އިސްކަމާއި ސަމާލުކަމާއެކީ، މިދެންނެވި ކަހަލަ އެހީތައް، އަޅުގަނޑުމެންނަށް އެހާ ފަސޭހަކަމާއެކީ، އަޅުގަނޑުމެންގެ ރަށުގެ ގޮނޑުދޮށަށް އައީމަ، އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ މިކަން މައްސަލައަކަށްނުވެ ޙައްލުވެގެން މިދިޔައީ.
 
އެހެން ނަމަވެސް، ހަމަ އެޔާއެކީ ދަންނަވާލަން ބޭނުންވޭ. އަޅުގަނޑުމެން ތަޙައްމަލްކޮށްފީމު، ދިވެހި ރައްޔިތުން ތަޙައްމަލްކޮށްފި، ވަރަށް އުނދަގޫ 10 ދުވަސް. އެކަމަކު މިކަހަލަ ކަންކަމަކީ، މިކަހަލަ ފިލާވަޅުތަކުން އަޅުގަނޑުމެން އެއްބައިވަންތަވާން ޢިބްރަތް ޙާޞިލު ކުރުމަށްޓަކައި އަޅުގަނޑުމެން ނަމޫނާ ހޯދަންވި ފިލާވަޅުތައް. މިއީކީ އެއްގޮތަކަށްވެސް މިކަންކަން މިނޫން ގޮތަކަށް ވިސްނައި، މިކަންކަމާ ދޭތެރޭގައި ތަފާތު ޙައްލުތަކެއް އޮތްތޯ، ނޫނިއްޔާ ދެން ސަރުކާރު ޖަވާބުދާރީ ކުރުވޭނީ ކިހިނެއްތޯ ބަލައި، އެއީ އެކަން ކުރަންވީ ގޮތެއް ނޫން. އެހެންވީމާ، ޝައްކެއްވެސްނެތް، މި ކާރިސާއަކީ ދިވެހި ރައްޔިތުންނަށް، ޚާއްޞަކޮށް، މާލޭގައި ދިރިއުޅެމުންގެންދާ ދިވެހި ލޮބުވެތި ރައްޔިތުން އިންތިހާއަށް، އެމީހުން އިމްތިޙާނު ކުރެވުނު ކާރިސާއެއްކަން އަޅުގަނޑު ގަބޫލުކުރާއިރުވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ވާންވީވަރަށްވުރެ އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތާއެކީ މިކަން ލުއިކޮށް ހިނގައްޖެޔޭ. އެއީ މިދެންނެވި ގޮތަށް، މިދެންނެވި ގޮތަށް ހަމަ ކަންތައްތަކެއް ކުރެވޭތީ.
          
އެއާއެކީވެސް ހަމަ އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، އުނގޫފާރުގެ ސަރަޙައްދީ ހޮސްޕިޓަލް ހުޅުވިގެންދާއިރު، އަޅުގަނޑު މިދަންނަވާލި ގޮތަށް، އަޅުގަނޑުމެން ޞިއްޙީ ދާއިރާއަށް ގެންނަ ބަދަލުތަކަކީ، ޙަޤީޤަތުގައި ކުރިއަށް މިއޮތް ދެތިން ހަތަރު އަހަރެއްގެ ތެރޭގައި، އޭގެ ނަތީޖާ އަޅުގަނޑުމެން އުންމީދު ކުރާގޮތަށް އަޅުގަނޑުމެންނާ ބައްދަލުކުރާ ނަތީޖާތަކެއްތޯ އިންތިޒާރުކޮށްގެން ކުރާ ކަންތައްތައް. އެހެން ނަމަވެސް، ތަފާތު މޮޑެލްތައް، މިދެންނެވި ގޮތަށް، މީގެކުރީގެ ސަރުކާރުތަކުން ތަޖުރިބާކޮށްފި. އެ ތަޖުރިބާ އަޅުގަނޑުގެ ވިސްނުމުގައި، އެއަށްވުރެ ރަނގަޅު ކުރެވޭނެ. އެއީ ދާއިރާތަކުގެ ހިންގުމަށް ގެންނަ ބަދަލާއި އަދި ދާއިރާތަކުގެ ރިސޯސް ބެހިގެންދާގޮތާއި، ވަޒީރުންގެ މަސައްކަތްޕުޅު ބެހިގެންދާގޮތަށް ބަލާފައި، ތަފާތު މޮޑިއުލެއް އެޑޮޕްޓްކޮށްފި ކަމަށްވަންޏާ، މީގެ ނަތީޖާ ރަނގަޅުވާނެ. މިހާރުވެސް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، މީގެ ނަތީޖާ ރަނގަޅުވާތަން. މިހާރު ހެލްތް މިނިސްޓްރީ ބަލަހައްޓަވަމުން އެ ގެންދަވަނީ ފިލިންގ އިން މިނިސްޓަރެއް. ބޮޑު މަސްއޫލިއްޔަތެއް އަދާކުރައްވާ ބޭފުޅެއް. އަދި އޭގެއިތުރަށް، ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުވެސް އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން އެ ގެންދަނީ. އެކަމާއެކުވެސް ހެލްތް މިނިސްޓްރީއަކީ އެހާ މުހިންމު ވުޒާރާއަކަށްވާއިރު، އެ މަސައްކަތް ކުރެއްވުމަށް އެމަނިކުފާނަށް ވަގުތު އެބަ ހޯއްދެވޭ. އެ ވަގުތު ހޯއްދެވެނީ، މިއަދު އެމަނިކުފާނުވެސް ގަބޫލު ކުރައްވާނެ، އެކިއެކި މެޑިކަލް އިކްވިޕްމަންޓް ނެތިގެން، އެއަށް އޯޑަރު ކުރުމާއި، އޯޑަރު ހިނގައްޖެތޯ ބެލުމާއި އަދި މެޑިކަލް ސަޕްލައި ޑިޕާޓްމަންޓެއްގައި ހުރީ ކިހާވަރެއްގެ އިންވެންޓްރީއެއްތޯ ބެލުމާ، މިއީކީ މިއަދު އެމަނިކުފާނުގެ އިސްތަށިފުޅަށް އުނދަގޫވާންޖެހޭ ކަންކަމެއް ނޫން. އެކަންކަން ހޮސްޕިޓަލްތަކުން އަދި ޞިއްޙީ މަރްކަޒުތަކުން، އެތަނެއްގައި ހުންނަވާ މެނޭޖަރު އިންވެންޓްރީއެއް އެކުލަވައިލާފައި، އިންވެންޓްރީއަށް އަންނަ ބަދަލުތަކާއެކީ، އެ ރިކްއެސްޓް ފޮނުވީމަ، އެއީ އެސް.ޓީ.އޯ. އިން ކުރާ ކަމެއް. އެކަން ކުރެވޭނެ އެސް.ޓީ.އޯ. އަށް. އަދި ހަމައެހެންމެ، ބޭސް ގެނައުމަކީވެސް ހަމަ އެސް.ޓީ.އޯ. އިން ކުރާ ކަމެއް.
 
އަޅުގަނޑުމެންނަށް މި ސަރުކާރާ ހަމަޔަށް އައިއިރު، އަޅުގަނޑުމެންނަށް އަބަދު އިވެމުންދާ އަޑަކީ، ބޮޑެތި ރަށްރަށް ފިޔަވައި އާދައިގެ ކުދިކުދި ރަށްރަށުގައި، ޢާންމުކޮށް މި ވިއްކާ ބޭސް، ރައްޔިތުންނަށް ލިބުމަކީ އެހާ ފަސޭހަ ކަމަކަށްނުވެއޭ. އަގުބޮޑުކޮށް ލިބެނީ ލިބޭއިރުވެސް. އެހެންވީމަ، އަޅުގަނޑުމެން ގަބޫލުކުރީ، މީހުން ދިރިއުޅޭ ހަމަ ކޮންމެ ރަށެއްގައި، ސަރުކާރުގެ ފާމަސީއެއް އެބަ ހުންނަންޖެހެޔޭ. ސަރުކާރުގެ ފާމަސީ ހުރުމަކީ، އަމިއްލަ ވިޔަފާރިވެރިންގެ ފާމަސީ ބަންދުކުރުމެއް ނޫން. އަމިއްލަ ވިޔަފާރިވެރިންގެ ފާމަސީތައް، މިތަންތަނުގައި އިތުރުވާންވީ. އެހެންނަމަވެސް، ސަރުކާރުގެ ފާމަސީއެއް ހުރެއްޖެ ކަމަށްވަންޏާ، މިވާ ފަސޭހައަކީ އަޅުގަނޑަށް ހިތްހަމަޖެހުމާއެކީ އެބަ ނިދާލެވޭ. ސަރުކާރުން އެތަންތަނަށް ބޭނުންވާ ބޭސް، އެތާ ހުންނާނެކަން. ދެވަނަ ކަމަކަށް، ރައްޔިތުންނަށް ބޭހުގެ އަގު ކޮންޓްރޯލް ކުރެވިގެން ބޭސް ލިބޭނެކަން، އަޅުގަނޑަށް އެ ކަށަވަރުކަން އޮވޭ. އެހެންވީމާ، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފާމަސީ ޤާއިމުކުރުމަކީ، މި ސަރުކާރުގެ ވިސްނުމަކަށްވެ، ސިޔާސަތަކަށް ވެގެން، އެކަން ތަންފީޒު ކުރަމުން މިގެންދަނީ. މިއަދުގެ ނިޔަލަށް 57 ފާމަސީ 57 ރަށެއްގައި އެހެރީ. އެންމެފަހުން މި ހުޅުވުނީ އުނގޫފާރުގެ އެސް.ޓީ.އޯ.ގެ ފާމަސީ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ އަމާޒަކީ، މިކަމުގައިވެސް އަންނަ އަހަރުގެ ނިޔަލާ ހަމަޔަށް ދާންވާއިރަށް، 2016 ވަނަ އަހަރު، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން 2016 ވަނަ އަހަރަށް މަރްޙަބާ ކިޔާނީ، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އެސް.ޓީ.އޯ.ގެ ފާމަސީއެއް ޤާއިމުކުރެވިގެން. އަދި އިރާދަކުރެއްވިއްޔާ މިދެންނެވި ކަހަލަ އެސެންޝަލް ޑްރަގްސްއާއި، ރައްޔިތުންނަށް ބޭނުންވާ ބޭސް، އާދައިގެ ގޮތެއްގައި، އާދައިގެ އަގެއްގައި، ނޫނީ ހަމަގައިމުވެސް ބޮޑުއަގު ނުލައި ވިއްކޭނެ އިންތިޒާމެއް ހަމަޖެހިގެން.
 
ހަމައެއާއެކީ، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދން މި ބޭނުންވާ ޚިދްމަތްތައް، މިދެންނެވި ގޮތަށް އާސަންދައެއްގެ ތެރެއިން، ނޫނީ ހުސްނުވާ އާސަންދައެއްގެ ތެރެއިން މިކަން ކުރާއިރު، ސަރުކާރަށް އެބަ އިތުބާރު އޮންނަންޖެހޭ، ފާމަސީތަކާއި ފާމަސީތަކުގެ އަގުތަކާ ދޭތެރޭގައި. އެހެންވީމާ، އާސަންދަ ކާމިޔާބުކަމާއެކީ ހިންގުމަށްޓަކައިވެސް ސަރުކާރުގެ ފާމަސީއެއް، އެންމެ މަދުމިނުން، އެންމެ ކުޑަމިނުން ކޮންމެ ރަށެއްގައި އެއް ފާމަސީ އެބަ ހުންނަންޖެހޭ. އަދި މި ފާމަސީ ހުޅުވުމާއެކީ، ދެން އޭގެތެރެއަށް އަންނަ ބައެއް އެހެން ކަންތައްތަކުގެ ތެރެއިން ސަރުކާރަށް ބޭނުންވާ ވަރަށްގިނަ މަޢުލޫމާތު، އަޅުގަނޑުމެން އެކަންކަމުގެ ތެރެއިން އެބަ ހޯދަން. މިވަގުތު ދުނިޔޭގެ ކޮންމެ ޤައުމެއްގައިވެސް މިހެން ތަޢާރުފްކުރާ ކޮންމެ ކަމަކުން ތަފާތު އެކި އެޕްލިކޭޝަން އެބަ ހޯދާ. އައި.ޑީ. ކާޑުގެ ތެރޭގައި، އިންބެޑް ކުރެވޭ ސިމަކުން އަޅުގަނޑުމެންނަށް ތަފާތު މަޢުލޫމާތު ހޯދަން މިޖެހެނީ.
 
އެހެންވީމާ، ކޮންމެ ފަހަރަކު މީހުން ރަޖިސްޓްރީ ކުރެވޭތޯ، އުމުރުފުރައަކީ ކިހާވަރެއްތޯ ބަލައި، ސެންސަސް ހަދަން މިކުރެވޭ މަސައްކަތަށްވެސް ޙައްލުތަކެއް އަންނާނެ، މިދެންނެވި ގޮތަށް އާސަންދައިގެ ތެރެއިން މިކުރާ ކަންތައްތަކުގެ ތެރެއިން. ތަޢާރުފް ކުރަންޖެހޭ ޓެކްނޯލޮޖީގެ ތެރެއިން މި ބަދަލުތައް އަންނަމުން މިދަނީ. 8 އަހަރު ކޮށްފައި، ދިވެހިރާއްޖޭގައި މިއަހަރު މި އާބާދީގެ، ނޫނިއްޔާ އާބާދީގެ މިންވަރު ދެނެގަތުމަށްޓަކައި ސަރވޭއެއް މި ކުރެވުނީ. އެކަމަކު އާބާދީގެ މިންވަރު ނޭނގި، ދުވަސްވަމުންދާ ރައްޔިތުންގެ އާބާދީގެ ޕަސެންޓޭޖް ނޭނގި، ނޫނިއްޔާ ޒުވާންފުރައަށް މި އަންނަނީ ކިހާވަރެއްގެ ބައެއްކަން ނޭނގި، އެކި ގިންތިތަކުގައި މި ތިބެނީ، ކިހާ އުމުރުފުރައެއްގެ، ނޫނިއްޔާ ކޮން ޕަސެންޓޭޖެއްގެ ބަޔަކުކަން ނޭނގޭ ކަމަށްވަންޏާ، ދައުލަތުން ދޭ އިޖްތިމާޢީ އެއްވެސް ސިޔާސަތެއް، ހަރުދަނާކަމާއެކީ ފޯރުކޮށްދެވޭނެ ގޮތެއް ނޯންނާނެ.
 
އެހެންވީމާ، ދައުލަތުގެ ބަޖެޓް ބައްޓަން ކުރާއިރުވެސް، ސަރުކާރުން ރައްޔިތުންނާ ކައިރިން ޚިދްމަތްދޭއިރުވެސް، މިކަންކަމަކީ ހަމަ ލާޒިމް ކަންކަން ހުންނަންޖެހޭ. އެހެންވީމާ، ހޭދަކޮށްގެން ނަމަވެސް، 8 އަހަރަށްފަހު އަޅުގަނޑުމެން ޕޮޕިއުލޭޝަން ސަރވޭއެއް މި ހަދައި ނިމުނީ. ވަރަށްގިނަ މަޢުލޫމާތުތަކެއް، ސަރުކާރު ހިންގަން ތިބޭ ބަޔަކަށް ލިބިގެންދާނެ. އަދި އެއާއެކީ ސަރުކާރުގެ ޕޮލިސީ ތަފާތު ކުރަންޖެހޭ ކަމަށްވަންޏާ، ތަފާތު ޕޮލިސީއަށް މިޞްރާބު ހިފަން އެނގޭނީ، މިކަހަލަ ކަންތައްތަކެއް ކުރެވުނީމަ.
 
އަޅުގަނޑު ހަމައެއާއެކީ ދަންނަވާލާނަން. މިކަހަލަ ހުރިހާ ވާހަކައެއް ދެއްކުމަކީ، ކޮންމެހެން މިރޭގެ މި ޙަފްލާއަކާ މުނާސަބު ވާހަކަތަކެއްވެސް ނޫން. އުނގޫފާރުގެ މި ހޮސްޕިޓަލް، މިރޭ ހުޅުވިގެން ދިޔުމަކީ، އަޅުގަނޑަށް ލިބޭ ޝަރަފެއް. އަދި އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް، މި ސަރަޙައްދުގެ ރައްޔިތުންނަށް، އެބޭފުޅުންނަށް ބޭނުންވާ ޞިއްޙީ ފަރުވާ، ކުރީގައި ލިބެމުން އައި ގޮތަށްވުރެ، މާ ރަނގަޅަށް، މާ ރަނގަޅު ޚިދްމަތްތަކެއް ލިބިވަޑައިގަންނަވާނެ ކަމުގެ އުފާ އަޅުގަނޑަށް ލިބޭ. ހަމައެއާއެކީ ދަންނަވާލަން ބޭނުންވަނީ، މި ހޮސްޕިޓަލަށް ދެން ބޭނުންވެފައި ހުރި ކަންތައް. މިސާލަކަށް، ކުނި ނައްތާލާ ނިޒާމު، ނޫނީ އިންސިނެރޭޓަރަކާއި އަދި މި ހޮސްޕިޓަލަށް ބޭނުންވާ ފެން ޕްލާންޓް، އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރުގެ ކުރީކޮޅު، މި ހޮސްޕިޓަލަށް ހަމަޖެހިގެންދާނެ.
 
މިހުރިހާ ވާހަކަޔާ އެކީގައިވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ތެރޭގައި، ދެންމެ މިނިސްޓަރ ނާޒިމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތަށް، އަޅުގަނޑުމެން ބޭނުންވޭ ކޮންމެ ރަށަކަށްވެސް، މީހުން ދިރިއުޅޭ ކޮންމެ ރަށަކަށްވެސް، އެންމެ މަދުވެގެން އެއް މެޑިކަލް އޮފިސަރު. އިރާދަކުރެއްވިއްޔާ، މިއަދު އެކަން އެވަނީ ޙާޞިލުވެފައި. އަދި ހަމައެއާއެކީ، އަޅުގަނޑުމެންގެ އާބާދީގެ ބޮޑުބައެއް ކަމުގައި މިވަނީ އަންހެން ބޭފުޅުން. އަޅުގަނޑުމެންގެ ސަރުކާރުގެ، ނޫނިއްޔާ އަޅުގަނޑުމެންގެ ވަޢުދުތަކުގެ ތެރޭގައި، ސަރުކާރަށް އަންނަންހުރި މަސައްކަތުގެ ތެރޭގައި، އަންހެން ބޭފުޅުންނަށް ޚާއްޞަވެގެން އެހެރީ ތަފާތު ގިނަ ވަޢުދުތަކެއް، ނޫނިއްޔާ ޕްލެޖްތަކެއް އެކުލަވާލެވިފައި. އޭގެތެރޭގައި، މިދެންނެވި ގޮތަށް، ހިތްދަތިކަން އިޙްސާސް ކުރަނީ ޞިއްޙީ ފަރުވާއިން މަޙްރޫމްވީމަ، ނޫނީ ޞިއްޙީ ފަރުވާ އެކަށީގެންވާ ގޮތެއްގައި ނުލިބުނީމަ ކަމަށް އަޅުގަނޑުމެންނަށް ޚިޔާލަށް ގެނެވޭތީ، އަޅުގަނޑުމެން ގަބޫލުކުރީ، ކޮންމެ ރަށެއްގައި ގައިނީ ޑޮކްޓަރެއް ހުންނަންޖެހޭނެ ކަމަށް. އެހެންވީމާ، އެކަން ކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިކުރަނީ. އިރާދަކުރެއްވިއްޔާ މިހާރު ދެންމެ ނާޒިމްގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް، ވ. އަތޮޅު ފިޔަވައި، އެހެން ކޮންމެ އަތޮޅެއްގައި ގައިނީ ޑޮކްޓަރަކު އެބަ ހުންނަވާ. އެހެންޏާ ޑޮކްޓަރު، ބަލިމީހުންނާ ހަމަޔަށް ވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް މި ފުރްޞަތު، ނޫނިއްޔާ މި ޚިދްމަތް މިއަށްވުރެ ރަނގަޅު ކުރެވެންދެން. ނޫނިއްޔާ ޑޮކްޓަރާ ހަމައަށް ބަލިމީހުން ގެނެވޭނެ އިންތިޒާމު، އިރާދަކުރެއްވިއްޔާ މިހާރު ހަމަޖެހިގެން އެދަނީ.
 
ހަމަމިއާއެކުވެސް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުވެސް ގަބޫލެއް ނުކުރަން، ފޫޅުމައިންނަކީ ގައިނީ ޑޮކްޓަރުން ސަބްސްޓިޓިއުޓް ކުރާ ބައެއް، ނޫނިއްޔާ އޭގެ ބަދަލުގައި އަންނަ ބައެއް ކަމަށް. އެހެން ނަމަވެސް، ގަބޫލުކުރަންޖެހެނީ ފޫޅުމައިންނަކީ، ތަމްރީނުވެގެން މަސައްކަތްކުރާ ބައެއް. އެއްވަނަ ދުނިޔޭގެ ޤައުމުތަކުގައިވެސް ފޫޅުމައިން އެބަ މަސައްކަތް ކުރޭ. މިޑްވައިފްރީއަކީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ހަމަ ގަބޫލުކުރާ އޮކިއުޕޭޝަނެއް. އަޅުގަނޑުމެން ގަބޫލުކުރީ، ދިވެހިރާއްޖެއިން ފޫޅުމައިންގެ ދައުރު މުޅިން ނެތިގެން ގޮސްފައި އޮއްވައި، ފޫޅުމައިންނަކީ ގައިނީ ޑޮކްޓަރެއްގެ އެހީތެރިކަމާ ހަމައަށް ދެވެންދެންވެސް ފޫޅުމައިންނަކީ އަގުހުރި ޚިދްމަތްތެރި މަސައްކަތްތަކެއް، ވިހަން ތައްޔާރުވެފައި ތިބި މަންމައިންނަށް ދެވިދާނެ ބައެއް ކަމަށް. އެހެންވެގެން އަޅުގަނޑުމެން ފޫޅުމައިން ތާޒާކުރުމާއި ތަމްރީނު ކުރުމުގެ މަސައްކަތްތައް ފަށައިގެން މިއުޅެނީ. އިރާދަކުރެއްވިއްޔާ އެ މަސައްކަތްތަކަކީވެސް އަޅުގަނޑުމެން ކާމިޔާބުކަމާއެކީ ޙާޞިލުކުރާނެ ކަންކަން. މީހުން ދިރިއުޅޭ ހަމަ ކޮންމެ ރަށެއްގައި ފޫޅުމައިން ތިބޭނެ. އެއީ، އަޅުގަނޑުމެންގެ ސަރުކާރުން މިދެންނެވި ގޮތަށް، ގައިނަކޮލޮޖިސްޓެއް ލިބެންދެންވެސް، އަޅުގަނޑުމެންނަށް މިކަން ކުރެވޭނެގޮތް. އެހެންވީމާ، ފޫޅުމައިންނާއި ގައިނަކޮލޮޖިސްޓުންނާއެކީ މިމަސައްކަތްތައް ކުރުމަކީ، އަޅުގަނޑު މިދަންނަވާލި ގޮތަށް، އަންހެން ބޭފުޅުންނަށް އަޅުގަނޑުމެންގެ ވަޢުދުގެ ތެރޭގައި ހިމަނާފައި އޮތް ކަމެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން މިދެންނެވި ގޮތަށް ހަމަޖެހިގެންދާނެ.
 
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ޞިއްޙީ ދާއިރާއަށް މި އަންނަ ކުރިއެރުމާއެކީވެސް ހަމަ އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، މިއަދުގެ މި ރަސްމިއްޔާތު އިޙްތިފާލު ކުރެވެމުން މިދަނީ އުނގޫފާރުގައި. އުނގޫފާރަކީ، މިއަތޮޅުގެ ވެރިކަން ކުރާ ރަށްވެސްމެ. އަދި އެންމެ މުހިންމު ރަށް. މުހިންމުވެގެން މިދަނީ ކޮންމެހެން މިރަށަކީ ވެރިކަން ކުރާ ރަށްވީމަކާ އެކަންޏެއްވެސް ނޫން. އެހެން ނަމަވެސް، މި ރަށް ސިޗުއޭޓްވެފައި، ނޫނިއްޔާ އޮތް ހިސާބާއެކީ އަތޮޅުގެ ހުރިހާ ރަށަކާވެސް ގުޅުން ކައިރި ރަށަކަށްވާތީ، އުނގޫފާރަކީ އެންމެ މުހިންމު ރަށް ކަމަށް ވެގެންދަނީ. ރ. އަތޮޅަކީ ދިވެހިރާއްޖޭގެ އާބާދީއަށް ބަލާ ކަމަށްވަންޏާ، ހަތަރެއް، ފަހެއް ހިސާބުގައި އުޅޭ އަތޮޅެއް. އެހެންވީމާ، މިއަތޮޅަކީ މުހިންމު އަތޮޅެއް. އުނގޫފާރަކީ މުހިންމު ރަށެއް. އެހެންވީމާ، އުނގޫފާރަށް އިރާދަކުރެއްވިއްޔާ، 2015 ވަނަ އަހަރުގެ ބަޖެޓްގައި، ވަރަށްގިނަ ކަންތައްތަކެއް އެހެރީ ހިމަނާފައި. އަދި މިއަހަރުގެ ތެރޭގައި، އުނގޫފާރަށް ނިމިގެން މިދިޔައީވެސް ހަމަ ވަރަށްގިނަ ކަންތައްތަކެއް. އޭގެތެރޭގައި، މީގެ ތަންކޮޅެއް ކުރިން ފެށިފައި އޮތް ބަނދަރުގެ މަޝްރޫޢު އެވަނީ އިރާދަކުރެއްވީތީ ނިމިފައި. އަދި އެހެންމެ، އަދި ކަރަންޓަށް ކޮމްޕްލިމެންޓްރީ އެނަރޖީ ހޯދުމުގެ ގޮތުން، އަޅުގަނޑު ހަނދާންވާ ގޮތުން ވެއްޖިއްޔާ، ޖަރމަން ސަރުކާރުގެ އެހީގެ ދަށުން މި ސޯލަރ ޕެނަލްތައްވެސް ހަރުކުރެވި ނިމި، އެ ޚިދްމަތްތައް އެވަނީ ކަރަންޓްގެ ގްރިޑާ ގުޅިފައި. އެހެންވީމާ، އުނގޫފާރުގެ ސޯލަރ ޕެނަލިންގެ މަސައްކަތްވެސް އެހެރީ ނިމިފައި.
 
ހަމައެއާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހޫނު މޫސުމުގައި އަޅުގަނޑުމެންގެ ރަށްރަށުން ފެން ހުސްވެގެންދާތީއާއެކީ، ތާނގީތައް ބަނުން، ތާނގީތައް ބެހެއްޓުމުގައި އަޅުގަނޑުމެން ހޮވާލާފައި ހުރި ރަށްރަށުގެ ތެރޭގައި، އުނގޫފާރަކީ ހިމެނޭ ރަށެއް. އެކަން އެވަނީ ޓެންޑަރ ކުރެވިފައި. އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ ތެރޭގައި، އުނގޫފާރަށް މި ބޭނުންވާ ވާރޭފެން ރައްކާކުރެވޭނެ. ތާނގީތައްވެސް އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ.
 
ހަމައެއާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، އަޅުގަނޑުމެންގެ ކަންތައްތައް މިހާރު އައިސްފައި އޮތް ހިސާބުން، ކުށް މަދުކުރުމަކީ ނޫނީ އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަންނައިރު، އެކަން ހުއްޓުވުމަކީ ކޮންމެހެންވެސް ބޭނުންވާ ކަމަކަށް މިވަނީ، މާލޭގައި އެކަންޏެއް ނޫން. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެކަމަކީ މުހިންމު ކަމަކަށްވެފައި މިވަނީ. އެ ބޭނުމުގައި އުނގޫފާރުގެ ޕޮލިސް ސްޓޭޝަން، ނޫނިއްޔާ ފުލުސް ސްޓޭޝަން މިހާރު  އެ ނިމެމުންދަނީ. މިއަންނަ އަހަރުގެ ކުރީކޮޅު ޕޮލިސް ސްޓޭޝަންގެ ޚިދްމަތް، އުނގޫފާރުގެ ލޮބުވެތި ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ ލިބިވަޑައިގަންނަވާނެ.
 
ކުނި ނައްތާލާ ނިޒާމު، ސާމާނާއެކީ މިއަހަރުގެ ތެރޭގައި ނިންމާފައި މިހާރު އެވަނީ މިރަށުގެ ކައުންސިލާ ހަވާލުކުރެވިފައި. މިއިންވެސް އުނގޫފާރުގެ ރައްޔިތުންނަށް، ބަލިމަޑުކަން ފެތުރުމުން ސަލާމަތްވުމަށްވެސް ތިޔަބޭފުޅުންނަށް ކުރެއްވޭނެ ވަރުގަދަ މަސައްކަތްޕުޅުތަކެއް އިރާދަކުރެއްވިއްޔާ އުނގޫފާރަށް މިވަނީ ހަމަޖެހިގެން ގޮސްފައި.
 
ހަމައެއާއެކީ ދަންނަވާލާނަން. އުނގޫފާރަކީ ބޮޑު ރަށަކަށްވެފައި، މުހިންމު ރަށަކަށްވާތީ، އުނގޫފާރުގައިވެސް މަގުހަދަން ބޭނުންވާނެ. އަޅުގަނޑު މީގެކުރީގައި، ކޮންމެވެސް މުނާސަބަތެއްގައި ވާހަކަ ދައްކަމުން، އަޅުގަނޑު ދެއްކިން. އަޅުގަނޑު ހަނދާންވާގޮތުން ވެއްޖިއްޔާ، ހަމަ އުތުރުގެ އަތޮޅެއްގައި. މިކަހަލަ ބޮޑެތި ރަށްރަށުގައި، މެޓްރޮޕޮލިސްތަކުގައި، މި ރަށްރަށަށް ބޭނުންވާ މުނިސިޕަލް ޚިދްމަތް، ނޫނީ ރައްޔިތުންނަށް ބޭނުންވާ ޚިދްމަތްތައް ފުރިހަމަވާންޖެހޭ. އޭގެތެރޭގައި ބަނދަރާއި، ނަރުދަމާގެ ނިޒާމާއި، ފެނާއި، މަގުތަކާ، މިހެންހުރި ކަންތައްތަކެއް ފުދިގެންދާން އެބަޖެހޭ. އެކަންކަމުގެ މައްޗަށް ބިނާކޮށް، އިޤްތިޞާދީ ތަރައްޤީއާއި އެހެން ތަރައްޤީތައް މި އަންނަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު އުނގޫފާރުގައި މަގުހެދުމުގެ މަޝްރޫޢު ފެށިގެންދާނެ. އަދި އެއަށް ބޭނުންވާ ފައިސާ އެވަނީ މިއަންނަ އަހަރުގެ ބަޖެޓްގައި، އާދެ، 2015 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނާފައި.
 
ޒުވާނުންނަށް ދަންނަވާލަން ބޭނުންވަނީ، އުނގޫފާރުގެ ބޯޅަދަނޑަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށް މިހާރު އެވަނީ ބަޖެޓް ކުރެވިފައި. އެކަންވެސް ހިނގާނެ. އަދި އޭގެއިތުރަށް، މި އަންނަ އަހަރަކީ އުނގޫފާރުގައި، އަޅުގަނޑުމެން ހަމަ ޒުވާނުންނަށްޓަކައި މިހުރިހާ ރަށެއްގައި، އާބާދީ ދެހާހަށްވުރެ މަތި ހުރިހާ ރަށެއްގައި އިސްކަންދީގެން މިހަދާ ސްޕޯޓްސް އެރީނާތައް، އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު އުނގޫފާރުގައި، މިހާރު އޮތް ބޯޅަދަނޑުތަކުގެ އިތުރަށް، ސްޕޯޓްސް އެރީނާ ޤާއިމުވެގެންދާނެ.
 
މި ހުރިހާ ކަމެއްގެ ބޭނުމަކީވެސް ހަމަ އަޅުގަނޑުމެން ދަންނަވާލާގޮތަށް، ދިވެހިރާއްޖޭގައި މިހާރު ފެނިގެން މިދަނީ، ތަރައްޤީގެ އާ ވިސްނުންތަކެއް. އަޅުގަނޑުމެން މިއުޅެނީ ސިޔާސީ ކަންކަމުގައި، އަޅުގަނޑުމެންގެ ވަގުތުތައް ހޭދަކުރާކަށެއް ނޫން. އަޅުގަނޑާއި އަޅުގަނޑުގެ ސަރުކާރުން ބޭނުންވަނީ، ރައްޔިތުންނަށް ބޭނުންވެފައި ހުރި ޚިދްމަތްތަކެއް ފޯރުކޮށްދޭން. އަދި އިހުމާލުގެ ސަބަބުން އަޅާނުލެވި، ނޫނީ ވީރާނާވަމުންދާ ކަންތައްތަކެއް އަނބުރާ ރަނގަޅުކޮށްދޭން. އަޅުގަނޑުމެން މިރަށަށް އައީމަވެސް އަޅުގަނޑުމެންނަށް ތިޔަ މަރްޙަބާ ވިދާޅުވީ، މިތަނުންވެސް ބްރިޖެއްގެ މަތިން ހިނގާފައި އަންނަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ ރާއްޖޭގައި ބްރިޖް އެޅުމަކީ، އަޅުގަނޑުމެން ކުރަން ބޭނުންވާ ކަމެއް. އަދި އެކަން ރައްޔިތުން ގަބޫލުކުރައްވާތީ، ޞިއްޙީ ޚިދްމަތްދޭ ތަންތަނުގައިވެސް ކުދި ނަމަވެސް، ކަނޑު ހުރަސްކޮށް އޮންނަ ބުރިޖް މިތަނުގައިވެސް މިއޮތީ ދޮއެއްތޯ.
 
އެހެންވީމާ، އަޅުގަނޑުމެން މިކުރަނީ މިކަހަލަ އުފާވެރި އިންތިޒާރުތަކަކާއެކީ ރައްޔިތުންނަށް ބޭނުންވާ ކަންތައް ކޮށްދޭން. އިރާދަކުރެއްވިއްޔާ ރައްޔިތުން ސަރުކާރާއެކީ މަސައްކަތް ކުރައްވަންޏާ އަދި އަޅުގަނޑުމެންނަށް ލިބޭ، މިކަމުގައި ލިބޭ އެންމެ ވަރުގަދަ އެއްބާރުލުމެއް ލިބެނީ، މިއަތޮޅަށް ބަލައިލި ކަމުގައިވިޔަސް، ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންނަކީ، އަޅުގަނޑުމެންގެ ޕާޓީއަށް ނިސްބަތްވާ ހަތަރު މެންބަރުން. އެ ހަތަރު މެންބަރުންގެ ދާއިރާގައި ހުރި ވާހަކަތައް، އެ ހަތަރު މެންބަރުންގެ ފަރާތުން އަޅުގަނޑަށް އިވޭ. އެކަމަކު އެހެން މިދެންނެވީކީ، އަލިފުށީ ދާއިރާގައި ހުރި މައްސަލަތައް، އަޅުގަނޑުގެ ކަންފަތަށް އަހަން ބޭނުންނުވާތީކީ ނޫން. އެ މަސައްކަތްތައްވެސް އަޅުގަނޑަށް އެބަ އިވޭ. އެކަމަކު އެ މަސައްކަތް އަޅުގަނޑުގެ ކަންފަތަށް އަރަނީ، އެ ދާއިރާގެ މެންބަރުގެ ފަރާތަކުންނެއް ނޫން. އަދި މިރޭވެސް ދަންނަވާލަން ބޭނުންވޭ، އެ ދާއިރާއަށް ބޭނުންވާ ތަރައްޤީ ހިމަނާފައި، ބަޖެޓްގައި ޖެހި މަޝްރޫޢުތަކަށްވެސް އެ ދާއިރާގެ މެންބަރުވަނީ ވޯޓް ނުދެއްވާ. މިއީ، ރައްޔިތުންނަށް އެނގިވަޑައިގަންނަވަންޖެހޭ ކަންކަން. ކޮންމެ ޚިޔާލެއްގައި، ކޮންމެ ފިކުރެއްގައި ތިއްބެވި މެންބަރުން ކަމުގައިވީ ނަމަވެސް، ދައުލަތުގެ ބަޖެޓް ފާސްކޮށްދިނުމަކީ ކޮށްދޭންޖެހޭ ކަމެއް. އިޞްލާޙުތަކެއް އަންނާނެ، ބަދަލުތަކެއް އަންނާނެ. އިތުރު މަޝްރޫޢުތައް ހިމެނެންވާނެ. އުނިކުރަން ބޭނުންވާ މަޝްރޫޢުވެސް ހުންނާނެ. އެކަމަކު މުޅި ދައުލަތުގެ ބަޖެޓަށް ނޫނެކޭ ބުނުމަކީ، ޒިންމާދާރުކަމާއެކީ ކުރެވޭ ކަމެއް ނޫން. އެހެންވީމާ، ވަރަށްގިނަ ދާއިރާތަކުގައި ބަޖެޓަށް ނޫނެކޭ ވިދާޅުވި ބޭފުޅުން، އެބޭފުޅުންގެ ދާއިރާގައި ބަޖެޓްގައި އެއްޗެއް ހިމަނުއްވަންވެސް ބޭނުންނުވަނީ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އެހެން ނަމަވެސް، މި ސަރުކާރަކީ ކުލަޔަކަށް ނޫނީ އެމީހެއްގެ ފިކުރަކަށް، ވިސްނުމަކަށް ބަލައިގެން ޚިދްމަތްދޭނެ ސަރުކާރެއް ނޫން. އެ ހުރިހާ ދާއިރާތަކުގެ ރައްޔިތުންނަށް ބޭނުންވާ ޚިދްމަތްތައްވެސް، އަޅުގަނޑުމެންގެ ބަޖެޓްގައި އިރާދަކުރެއްވިއްޔާ މިއަންނަ އަހަރަށް އޮންނާނީ ހިމަނާފައި. އެހެންވީމާ، އެ ޚިދްމަތްތައް ލިބިގެންދާނެ.
 
މި ހުރިހާ ކަމެއްގެ ބޭނުމަކަށްވަނީ، ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ ކުށްމަދު އަދި މީހުންގެ ޙައްޤުތަކަށް އަރައިގަންނަ ރައްޔިތުން މަދު އަދި ކުރިއަށް އާ ކަންތައްތަކެއް ހޯދަން، މީހުންގެ ޖީބު ތަނަވަސްކުރަން، ރަށްރަށުގެ އާބާދީތަކަށް ބޭނުންވާ ކަންތައްތަކާއިގެން ކުރިއަށްދާން ބޭނުންވާ ވަސީލަތްތަކެއް ޤާއިމުކުރަން ބޭނުންވާ ރައްޔިތުންތަކެއް ތިބި އަދި އިސްލާމްދީނަށް ލޯބިކުރާ، އަޅުގަނޑުމެންގެ އެއްބައިވަންތަކަމަށް ލޯބިކުރާ، ދިވެހި ޘަޤާފަތަށާއި، ދިވެހި ރީތި އުޞޫލުތަކަކީ އަޅުގަނޑުމެންނާ ދޯޅު އުޞޫލުތަކެއްގެ ގޮތުގައި ދަމަހައްޓަން ބޭނުންވާ ރައްޔިތެއް ތިބޭ ކުޑަކުޑަ ދީބަކަށް ހެދުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް. އަދި މި މަސައްކަތް ކުރާއިރު އަޅުގަނޑުމެންނަށް މިރޭވެސް ފެނިގެން މިދިޔައީ، އަޅުގަނޑުމެންނާ ހަމަ ގާތް ފަރާތަކުން، ރާއްޖޭގެ އެކި ކަންކަމުގައި މަޝްޣޫލުވެ މަސައްކަތް ކުރައްވާ ފަރާތްޕުޅުތަކުން މިކަހަލަ ކަންކަމަށްވެސް އެހީތެރިކަން އެ ފޯރުކޮށްދެއްވާތަން. މިއީ، ޝައްކެއްވެސްނެތްގޮތުގައި، ދިވެހިރާއްޖޭގެ ވިޔަފާރިވެރިން ހަމަ ދިވެހި ރައްޔިތުންނަށް ކަންކަން ކޮށްދެއްވުމަށް ބޭނުންފުޅުވާ މިންވަރު. އަޅުގަނޑުމެންނަށް މިރޭ މި ފެނިގެން މިދިޔައީ، އެލިއާ ގްރޫޕްގެ ފަރާތުން ޝައްކެއްވެސްނެތްގޮތުގައި، މި އިމާރާތް ކުރެއްވީ. އަދި އެޔާއެކީ އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، މި ދާއިރާއަށް ބޭނުންވާ ތަފާތު މެޝިނަރީތަކެއް، ނޫނީ އިކްވިޕްމަންޓްތަކެއް ހަދިޔާ ކުރެއްވި ތަން. ދެން ޝައްކެއްވެސްނެތް، ކޮންސްޓްރަކްޝަން ދާއިރާއިން އިސްވެ މިކަހަލަ ކަމެއް ކުރަންޏާ، ދެން މި ޚިދްމަތުގައި އުޅުއްވަންވާނީވެސް ކޮންސްޓްރަކްޝަން ދާއިރާގެ ބޭފުޅެއް. އެހެންވީމާ، އަޅުގަނޑު ގޮވާލައި އިލްތިމާސް ކުރަން، އާރު.ސީ.އެން.ސީ. އިން އިރާދަކުރެއްވިއްޔާ ދެން މި ހޮސްޕިޓަލަށް ބޭނުންވާ އެހެން އިކްވިޕްމަންޓްތައް ހަމަކޮށްދެއްވާނެ.
 
އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ، ދިވެހިރާއްޖޭގެ ވިޔަފާރިވެރިން، އަޅުގަނޑުމެންނަށް މި ދިމާވި ފެނުގެ ކާރިސާ ދިމާވިއިރު، އެބޭފުޅުންގެ ދީލަތި އެހީތެރިކަން އަޅުގަނޑުމެންނަށް ފެނިގެން ހިނިގައްޖެ. އެބޭފުޅުންގެ ދީލަތި އެހީތެރިކަން އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ. އެހެންވީމާ، ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެން މިއީ އެއް ބައްރެއްގައި އުޅެން ތިބި ބައެއް. ޚިޔާލުތަފާތުވުމާއެކީވެސް އަޅުގަނޑުމެންނަށް ކުރިއަށް ދެވެންވާނެ. އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ، އަޅުގަނޑުމެންނަށް އެއްބަސްވެވޭ ކަންތައްތަކެއް އޮންނަންވާނެ. ކިތަންމެ ފިކުރު ތަފާތުވިނަމަވެސް، އަޅުގަނޑުމެންނަށް އެއްބަސްވެވޭ ކަންތައްތަކެއް އޮންނަންވާނެ. އެއްބަސްވެވޭ ކަންތައްތަކުގެ ތެރޭގައި، ސިޔާސީ ޚިޔާލުތަފާތުވުމުގެ ކުރިއަށް، ރައްޔިތުންގެ މަޞްލަޙަތު އިސްކުރެވެންވާނެ.
 
މިގޮތަށް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭ ކަމަށްވަންޏާ، ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެން މި ދެކެން ބޭނުންވާ ހަމަހިމޭންކަމާއެކީ، ތަހުޒީބީ މުޖްތަމަޢަކަށް، ތަނަވަސް މުޖްތަމަޢަކަށް، އަމާން ތަނަކަށް ހަދަން މި ބޭނުންވާ ދިވެހިރާއްޖެ ގެންދިޔުމަށް ބޭނުންވާ ވިސްނުން މާތްﷲ އަޅުގަނޑުމެންނަށް މިންވަރު ކުރައްވާނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކުގައި މިކުރާ މަސައްކަތުގައި، މާތްﷲގެ މަދަދުވެރިކަން އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށި!
 
 والســّلام عليــكم ورحـمــة اللّـه وبـركاتـه