‏ ‏2015 ވަނަ އަހަރުގެ ބަޖެޓަކީ، ރާއްޖޭގެ އެކި ހިސާބުތަކުގައި ޞިއްޙީ ‏‏ދާއިރާއަށް ‏‏ކޮށްދޭން ބޭނުންވެފައި ހުރި ކަންތައްތައް ވަރަށް ފަހިކަމާއެކު ކޮށްދެއްވޭނެ ‏‏ބަޖެޓެއްކަމުގައި ‏‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އައު ޢިމާރާތް ހުޅުއްވައިދެއްވުމަށް މިރޭ އެރަށުގައި ބޭއްވެވި ޙާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ‏ދިވެހި ރައްޔިތުންނަށް އެންމެ ބޮޑު ނިކަމެތި ކަމެއް އަންނަނީ ރައްޔިތުންނަށް ބޭނުންވާ ފެންވަރަށް ރަށްރަށުން ޞިއްޙީ ޚިދުމަތްތައް ލިބެން ނުހުންނާތީކަމުގައި ބަޔާންކުރެއްވިއެވެ. އަދި، ‏ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރައްވާ އެއް ދާއިރާއަކީވެސް ޞިއްޙީ ދާއިރާކަމުގައި ‏‏ފާހަގަކުރައްވައި، އެމަނިކުފާނުގެ ‏ސަރުކާރުން ‏މަސައްކަތް ކުރައްވަމުން ގެންދަވަނީ، ‏ވަކި އަތޮޅެއް ނުވަތަ ރަށެއް އިސްތިސްނާ ކުރުމެއްނެތި، ސިއްހީދާއިރާއަށް އައިސްފައިއޮތް ވީރާނާކަން ނެތިކޮށްލުމަށްކަމުގައި ވިދާޅުވިއެވެ.

މިރޭ އުނގޫފާރުގައި ހުޅުވިގެން ދިޔަ އައު ހޮސްޕިޓަލަކީ މާލެއާއި ދާދި އެއްފެންވަރެއްގެ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނެ ޓަރޝަރީ ހޮސްޕިޓަލަކަށް ވެގެންދާކަނެކަމުގައި ވިދާޅުވަމުން، އެހޮސްޕިޓަލު ހުޅުވިގެންދިއުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ހިތްހަމަޖެހުމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އުނގޫފާރު ހޮސްޕިޓަލުން 12 ‏‏ދާއިރާއެއްގެ ސްޕްޝަލިސްޓު ޑޮކްޓަރުން ޚިދުމަތް ދެއްވާނެކަމުގައި ފާހަގަކުރެއްވިއެވެ. މީގެއިތުރަށް، ރ. އަތޮޅުގެ ރައްޔިތުންގެ އިތުރަށް، ކައިރި އަތޮޅުތަކުގެ ރައްޔިތުންނަށްވެސް ހޮސްޕިޓަލުން ފައިދާވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.‏

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުގެ މެނިފެސްޓޯގައި ވެވަޑައިގެންފައިވާ ވަޢުދުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، ރައްޔިތުންނަށް ފަސޭހަކަމާއެކު ހުސްނުވާ އާސަންދައިގެ ދަށުން ބޭސް ފޯރުކޮށްދެއްެވުމަށްޓަކައި، މިއަދުގެ ނިޔަލަށް މީހުން ދިރިއުޅޭ 57 ރަށެއްގައި އެސް.ޓީ.އޯ ފާމަސީ ޤާއިމްކޮށްދެވިފައިވާ ވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އަންހެނުންނަށް ޙާއްޞަ ޑޮކްޓަރެއް ބެހެއްޓެވެމަށް ސަރުކާރުން ކުރެއްވި މަސައްކަތްޕުޅުން، ވ.އަތޮޅު ނޫން އެހެން ހުރިހާ އަތޮޅެއްގައި އަންހެން ބޭފުޅުންނަށް ޙާއްޞަ ޑޮކްޓަރުން މިހާރު ތިއްބަވާނެކަމުގައި ވިދާޅުވިއެވެ.‏ މީގެއިތުރަށް، ޞިއްޙީ ފަރުވާދޭ ތަންތަނަށް ބަލިމީހުން އުފުލޭނެ ގޮތް ހެއްދެވުމަށާއި، ބަލިމީހުންނާ ހަމައަށް ‏‏ޑޮކްޓަރުންނަށް ދެވޭނެގޮތް ހަމަޖެއްސެވުމަށްޓަކައި ސީ އެމްބިއުލަންސްގެ ހިދުމަތް ލޯންޗުކޮށް، މިހާތަނަށް 7 އަތޮޅެއްގައި ‏‏މިޚިދުމަތް ‏ފޯރުކޮށްދޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އުނގޫފާރުގެ ތަރައްޤީއަށްޓަކައި ސަރުކާރުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ކުރިއަށް އޮތް ތަނުގައި ކުރެއްވުމަށް ރޭވިފައި ހުރި މަސައްކަތްތަކުގެ މައްޗަށް ބައްލަވައިލެއްވިއެވެ. މިގޮތުން މިއަހަރުގެ ތެރޭގައި އެރަށު ބަނދަރުގެ މަސައްކަތާއި، ކަރަންޓަށް ކޮމްޕްލިމެންޓަރީ އެނަރޖީ ހޯދުމުގެ ގޮތުން ޖަރުމަނުވިލާތުގެ ސަރުކާރުގެ އެހީގައި ހަރުކުރި ސޯލާޕެނަލްތަކުގެ މަސައްކަތާއި، ‏ރަށުގެ ‏‏ކުނި ނައްތާލާ ނިޒާމުގެ މަސައްކަތްތައް ނިމިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރަށް، އުނގޫފާރަށް ބޭނުންވާ ވާރޭފެން ރައްކާކުރާ ތާންގީތައް ބެހެއްޓުމަށާއި، މަގުހެދުމުގެ މަޝްރޫޢުއަށާއި، ބޯޅަދަނޑަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ އިތުރުން، އެރަށުގައި ޤާއިމްކުރާ ސްޕޯޓްސް އެރީނާގެ މަސައްކަތްތައް މިއަންނަ އަހަރަށް ބަޖެޓުކުރެވިފައިވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ކުއްމަދުކުރުމާއި، ކުށަށް އަރައިގަންނަ މިންވަރު މަދުކުރުމަށް ސަރުކާރުން ކުރައްވަވާ މަސައްކަތްޕުޅުގެ ދަށުން، އުންގޫފާރުގައި ޤާއިމްކުރާ ޕޮލިސް ސްޓޭޝަނުގެ މަސައްކަތް ނިންމައި، މިއަންނަ އަހަރު ޚިދުމަތް ދޭން ފައްޓަވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

‏ހޮސްޕިޓަލު ހުޅުއްވައިދިނުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އެތަނުގައި ތިބި ބަލިމީހުންގެ ޙާލު ބައްލަވައިލެއްވިއެވެ. އެއަށްފަހު،އެދެކަނބަލުންގެ ޝަރަފުގައި އުނގޫފާރުގެ ރައްޔިތުން އެރުއްވި ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގެންނެވިއެވެ.