ދިވެހި އަންހެނުންނަށް ލިބޭ އެކި އެކި އަނިޔާތަކާއި ގޭންގްތަކުން ހިންގާ ނުރައްކާތެރި މާރާމާރީތައް ހުއްޓުވަން ދިވެހި ދަރުމަވެރިން އިސްނަގައިގެން ނުކުތުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ، ބައިނަލްއަޤުވާމީ ދަރުމަވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބުދަ ދުވަހު ރޭ ދަރުބާރުގޭގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހި އަންހެނުންނަށް އަނިޔާކުރާކަށް އެއްވެސް މީހަކަށް ޖާގަދީގެން ނުވާނެކަމަށް ވިދާޅުވިއެވެ. އަދި މިއީ އުނގަންނައިދިނުމުގެ މަރުޙަލާތަކެއްގެ ތެރެއިން މަސައްކަތް ކޮށްގެން ނޫނިއްޔާ ޙައްލުކުރެވޭނެ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ.

މީގެ އިތުރަށް، ގޭންގް ކުށްތަކާއި މާރާމާރީ ހިންގުން ފަދަ ކަންކަމުން މީހުންނަށް ދެމުން ގެންދާ ޖިސްމާނީ ބޮޑެތި އަނިޔާތަކުގައި ޒުވާނުން ބައިވެރިވުން ހުއްޓުވަން ޖެހިފައިވާކަން ބަޔާން ކުރައްވަމުން، މިކަމަށް ދިވެހި ދަރުވަމަވެރިން ވިސްނައިގެން ހައްލެއް ހޯއްދައިފި ނަމަ މިފަރާތްތަކަށް ދުވަހަކުވެސް އެމަނިކުފާނުގެ ޝުކުރު ހުސްނުވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި، ދިވެހި ރެޑް ކްރެސެންޓްގެ ކޮންމެ ގޮތްޕަކުން 2014 ވަނަ އަހަރު ފާހަގަ ކުރެވުނު އެންމެ ރަނގަޅު ދަރުމަވެރިންނަށާއި، ޤައުމީ ފެންވަރުގައި 2014 ވަނަ އަހަރު ފާހަގަކުރެވުނު އެންމެ ރަނގަޅު ފަސް ދަރުމަވެރިންނަށާއި، ޤައުމީ ފެންވަރުގައި 2014 ވަނަ އަހަރު ފާހަގަކުރެވުނު އެންމެ ހަރަކާތްތެރި ދަރުމަވެރިޔާއަށް ރައީސުލްޖުމްހޫރިއްޔާ ސެޓްފިކެޓާއި ހަނދާނީ ފިލާ ދެއްވިއެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ‏‏އަލްފާޟިލާ ފާޠިމަތު އިބްރާހީމާއި، ދައުލަތުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.