بســم اللّـه الرّحمـن الرّحيــم
 
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
އާދެ، ބައިނަލްއަޤްވާމީ ދަރުމަވެރިންގެ ޚިދްމަތުގެ ދުވަސް ފާހަގަކުރާ މި މުނާސަބަތުގައި، އަޅުގަނޑަށް ލިބޭ އެންމެބޮޑު އުފަލަކީ، ދިވެހިރާއްޖޭގައި ތިބި ދަރުމަވެރިން، އެބޭފުޅުންނަށް ޝުކުރު ދަންނަވައި، ކުރައްވަމުން ގެންދަވާ މަތިވެރި އިޚްލާޞްތެރި މަސައްކަތަށް، ތިޔަ މަސައްކަތުގައި ދެމިތިއްބެވުމަށް މަރްޙަބާ ދަންނަވައި، ތިޔަކަމަށް ހިތްވަރު ދިނުން. އަދި ހަމައެހެންމެ، ދަރުމަވެރިންގެ ޙަރަކާތް އިންތިޒާމު ކުރައްވާ ދިވެހިރާއްޖޭގެ ޗެޕްޓަރު އާދެ، ރެޑްކްރެސެންޓް ޗެޕްޓަރުގެ އިސްވެރިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވައި، ހަމަ ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، ކާރިސާތައް އަންނަނީ ދުނިޔޭގެ އެކިހިސާބަށް، ރާއްޖެ އިސްތިސްނާ ނުވާގޮތަށް، ވަކި ޚިޔާލީ ފިކުރެއް، ވަކި އުމުރުފުރައެއް، ވަކި ޖިންސެއް، ވަކި ނަސްލެއް، ވަކި މަޤާމެއް، ޙައިޘިއްޔަތެއް ދަނެގެނެއް ނޫނޭ. ކާރިސާއެއް އައިއްސި ކަމަށްވަންޏާ، މިހުރިހާ ކަންކަމަށް ބެލިކަމަށްވިނަމަވެސް، މި ކާރިސާ މިދަނީ ހަމަ ދިވެހިރާއްޖޭގެ ގޮނޑުދޮށުން ފެށިގެން ދިވެހިރާއްޖޭގެ ހުރިހާ ރަށަކަށް، ވަރަށް ފުޅާ ފިއްސަކުން ދަވާދުލެވޭ ކަހަލަ ގޮތަކަށް، ހަމަ ކޮންމެ މީހެއްގެ ހިތުގައި އެކަން ޖައްސާފައޭ.
 
އަޅުގަނޑުމެންނަށް ކާރިސާއެއް ދިމާވީ، އަޅުގަނޑުމެންގެ ސުނާމީއާ ގުޅިގެން. އޭގެފަހުން ދާދި އިހަކަށްދުވަހަކު، ހަމަ މިފަދަ ހިތްދަތި ފެނުގެ ކާރިސާ މާލެއަށް، އާދެ، ދިވެހިރާއްޖޭގެ އާބާދީގެ ވަރަށްބޮޑު ބައެއް ދިރިއުޅެމުންދާ މާލެއަށް މި ދިމާވެގެންދިޔައީ. މީގައި ފެން ނުލިބެނީކީ ހަމައެކަނި އެންމެ އާދައިގެ ނިކަމެތި މީހާއަކަށް ނޫން. އަދި ފާޚާނާ ފްލަޝް ނުކުރެވެނީކީވެސް އެންމެ އާދައިގެ ނިކަމެތި މީހާއަކަށް ނޫން. ހުރިހާ ގިންތިއެއް، ހުރިހާ ފަންތިއެއް، ހުރިހާ އުމުރުފުރައެއް އަދި ކޮންމެ ދިމާއަކަށް ވިސްނާލި ކަމުގައިވިނަމަވެސް، ހުރިހާ މުއައްސަސާއެއް ހިމެނޭގޮތަށް، މި ކާރިސާގެ ހިތްދަތިކަން، އެކިމީހުންނަށް އެކިމިންވަރަށް އިޙްސާސް ކުރަންޖެހޭ.
 
އެހެންވީމާ، ކާރިސާއަކަށް ތައްޔާރުވުމަށްޓަކައި، ކާރިސާއަށް އެހީވުމަށް އިންތިޒާމު ކުރާ ރެޑްކްރެސެންޓްގެ، ދިވެހިރާއްޖޭގެ ޗެޕްޓަރު އާދެ، ދިވެހިރާއްޖޭގެ ރެޑްކްރެސެންޓްގެ މަސްއޫލުވެރިޔާ ނޫނީ މިވަގުތުގެ ރައީސް ޢަބްދުﷲ ޢަލީއަށާއި އަދި މަނިކުފާނުގެ ޓީމަށް ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި ޝުކުރު ދަންނަވަން.
 
އާދެ، އެއާއެކީ އަޅުގަނޑުގެ ވާހަކަ ކުރިއަށް ގެންދަމުން، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ދިވެހިރާއްޖޭގައި މި ދެވޭ ޚިދްމަތުގައި، އާދެ، އިންސާނިއްޔަތަށްޓަކައި ދަރުމަވެރިންގެ ފަރާތުން މި ދެވޭ ޚިދްމަތުގައި، ދެންމެ އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ، މިދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި، އާދެ، ދިވެހިރާއްޖޭގައި މި ރެޑްކްރެސެންޓްގެ ޗެޕްޓަރު އުފެދިގެން މިދިޔަ ކުޑަދުވަސްކޮޅުގެ ތެރޭގައި، އެކިއެކި ފެންވަރަށް ޚިދްމަތް ދެއްވި ބޭފުޅުން. އާދެ، އޭގެތެރޭގައި އިބްރާހީމް ރަޝީދަކީ، މެއިން އަވަރޒްއަށް ބަލާ ކަމަށްވަންޏާ، އެންމެ ގިނަ ވަގުތު އިންސާނިއްޔަތަށްޓަކައި ދިވެހިރާއްޖޭގައި ޚިދްމަތް ދެއްވި ދަރުމަވެރިއެއްގެ ގޮތުގައި ފާހަގަވެގެން މި ދިޔައީ. އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވަމުން، އަދި ހަމައެހެންމެ އެންމެ ޚިދްމަތްތެރި ދަރުމަވެރިންވެސް ދެންމެ ސެޓްފިކެޓް ހާސިލު ކުރެއްވި އަދި އެނޫން ބޭފުޅުންވެސް ސެޓްފިކެޓް ހާސިލު ކުރެއްވި. ޝައްކެއްވެސްނެތްގޮތުގައި، މިއީ އިންސާނިއްޔަތަށްޓަކައި ކުރެވޭ ވަރަށް މަތިވެރި، އަގު ވަޒަން ކުރަންވެސް ނޭނގޭވަރުގެ މަތިވެރި ޚިދްމަތެއް. ތިޔަ ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
އާދެ، ދެންމެ މި ސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރ ސައިމަންގެ ވާހަކަފުޅުން އަޅުގަނޑުމެންނަށް ވަރަށްގިނަ އެއްޗެހިތަކެއް އޮޅުންފިލައިގެން ހިނގައްޖެ. މުޅި ދަރުމަވެރިކަން ނޫނީ، ވޮލަންޓިއަރިޒަމް މި ބިނާވެގެންވަނީ ވަރަށް ވަރުގަދަ އަސާސަކަށް، އަޅުގަނޑު ވިސްނާގޮތުން. އަޅުގަނޑު، ވާހަކަ އަޑުއަހަން އިންއިރު، އަޅުގަނޑަށް އިވިގެންދިޔައީ، ހަމަ ކޮންމެ ކުއްޖަކުވެސް، ހަމަ ކޮންމެ މީހަކުވެސް ހިތަށް ގެންނަންވީ، ހަމަ ކޮންމެ މީހަކީވެސް މިކަހަލަ ކާރިސާއެއްގައި ތަކުލީފު އުފުލައި، އަނެކާގެ، އޭނަގެ ދިރިއުޅުމާއި އޭނަގެ ފުރާނަ ހުރުމާ  ދޭތެރޭގައި ތަފާތެއް ގެނެވިދާނެ ކުއްޖެއްކަން. އެ ކުއްޖެއްގެ ޚިދްމަތަކީ އެކުއްޖެއްގެ ޚިދްމަތް ފޯރުކޮށްދިނުމުން، މިދެންނެވި ކަމަށް ތަފާތެއް ގެނެވިދާނެ. ހަމަ ކޮންމެ މީހަކީވެސް، “One that can make a difference”   ކޮންމެވެސް ތަފާތެއް ގެނެވިދާނެ މީހެއްކަން.
 
މީގެ އެތަކެއް އަހަރުތަކެއްގެ ކުރިން، މިދެންނެވި މަސްދަރަށް ބިނާކޮށް، އަޅުގަނޑު މަދްރަސާ ކުދިންގެ އިނާމު ޖަލްސާއެއްގައި, ހަމަ ކުޑަކުޑަ ވާހަކައެއް ކިޔާލަދިނިން. އެ ވާހަކައިގެ ތަފްޞީލަށްދާކަށް ނެތިން. އެހެންވީމާ، ކުޑަކުޑަ ގޮތަކަށް، އަޅުގަނޑު އިލަސްޓްރޭޝަނެއް ހަމަ ދަންނަވާލާނަން. އިރުއޮއްސެމުންދިޔަ މަންޒަރެއް. ގޮނޑުދޮށުގައި ވަރަށް ތުއްތު ކުއްޖަކު މިއުޅެނީ. މުސްކުޅި މާމަޔަކު ގޮނޑުދޮށާ ހަމަޔަށް މި އަންނަނީ. އިރުއޮއްސުނުއިރުވެސް މިކުއްޖާ ގެޔަށް ނުދާތީ. މާމަ އެކުއްޖާއާ އަރާހަމަވީމަ، އެކުއްޖާ ކައިރީގައި އަހަނީ، ކޮއިފުޅާއޭ ތިޔަކުރަނީ ކޮންކަމެއްހެއްޔޭ؟ މިކުއްޖާ އަވަދިނެތި މިކުރާ ކަމަކީ، އެއްގަމަށް އަރާފައި މިހިރަ ފަސްއިނގިލި ނޫނީ ސްޓާރފިޝް، ފަހަރަކު ސްޓާރފިޝްއެއް ނަގާ މޫދަށްލަނީ. ފަހަރަކު ސްޓާރފިޝްއެއް ނަގާ މޫދަށްލަނީ. މީނަގެ ޕްރީ އޮކިއުޕޭޝަނަކަށް، މީނަގެ މަސައްކަތަކަށްވީ މިކަން ކުރުން. ދެން މާމަ މިއަހަނީ، ކޮއިފުޅާއޭ ތިޔައީ ކީއްކުރަން ކުރާ ކަމެއްހެއްޔޭ؟ މާދަމާ ބޮޑުދިޔައިގެ ރާޅުޖަހާފައި، ތިޔަ ހުރިހާ ސްޓާރފިޝް، ނޫނީ މި ފަސްއިނގިލިތައް ގެންދާނެ ނޫންހެއްޔޭ މޫދަށް. އެކުއްޖާ ބުނި، މާމާއޭ، މާދަމާ ބޮޑުދިޔަވުމުގެ ކުރިން ފަހަރެއްގައި ވަރަށްގަދަ ހޫނުކަންނޭނގެއޭ ހުންނާނީ. އެހެންކަމަށްވަންޏާ، މި ފަސްއިނގިލި، އޭގެ ލައިފް، ނޫނީ ދިރުން ހުންނާނެ ކަމެއް، ތިމަންނައަށް ކިހިނެއްހޭ އެނގެނީ. ތިމަންނަ މިކުރާ ކަމަކީ، މި ފަސްއިނގިއްޔަށް ދިރުން ދިނުމަށްޓަކައި އެ ފަސްއިނގިއްޔަށް ތިމަންނައަށް ކޮށްދެވޭ ޚިދްމަތެއް ކޮށްދެނީޔޭ. ކޮންމެ ސްޓާރފިޝްއެއް ނަގައި މޫދަށްލަނީއޭ. ތިމަންނައަށް ކަށަވަރޭ، މި ސްޓާރފިޝް، މޫދުގައި ދިރުންހުރި އެއްޗެއްގެ ގޮތުގައި ހުންނާނެޔޭ.
 
ތުއްތު ކުއްޖެއް، ކުޑަކުޑަ ކުއްޖެއް ކުރި މަސައްކަތް. އޭނަގެ މަސައްކަތުން އޭނަ ނަގައިދޭން ބޭނުންވި ފިލާވަޅަކީ، އޭނަޔަށްވެސް ކޮންމެވެސް ދިރުންހުރި އެއްޗެއްގެ ލައިފަށް އޭނައަށް ބަދަލެއް ގެނެސްދެވިއްޖެކަން. މިއީ ހަމަ ކުޑަކުޑަ މަސްދަރު. މި މަސްދަރުގެ މައްޗަށް ބިނާކޮށް ވޮލަންޓިއަރިޒަމް މި އޮންނަނީ. ނޫނިއްޔާ ދަރުމައަށް މަސައްކަތް ކުރުން މިއޮންނަނީ، މިދެންނެވި މަސްދަރުގެ މައްޗަށް ބިނާކޮށް. އޭގެ ބަދަލުގައި، އޭގެ މުޤާބިލުގައި އުޖޫރައެއް ބޭނުންވެގެން ކުރާ މަސައްކަތެއް ނޫން. ހަމައެކަނި މިއީ ވަރަށް ނޯބެލް ކަމެއް. އިންސާނިއްޔަތަށްޓަކައި ކުރާ ބޮޑު ޚިދްމަތެއް. ކޮންމެ ކުއްޖެއްގެވެސް ހިތުގައި މި އޮންނަނީ، އެކުއްޖަކީ، ދަރުމަވެރިޔަކީ އިންސާނިއްޔަތަށް، އެކުއްޖަކު ހިމެނޭ މުޖްތަމަޢަށް އެކަށީގެންވާ ރަނގަޅު ޚިދްމަތެއް ކޮށްދެވިދާނެ ކުއްޖެއް ކަމަށް. މިއިން ޙަޤީޤަތުގައި މަންފާ ލިބެނީ އެކުއްޖާއަށްވެސްމެ. އަދި މުޅި ޚިދްމަތް ލިބޭ މުޖްތަމަޢަށްވެސްމެ. އެހެންވީމާ، އެކުއްޖާ އެކުރަނީ ވަރަށް މަތިވެރި، ވަރުގަދަ ޚިދްމަތެއް. ޚިދްމަތް ދިނީމަ، އަދި ޙާލަތަށް ބަދަލެއް ގެނެވިއްޖެކަން، އެކުއްޖާއަށް ކަށަވަރުވީމަ، އެކުއްޖާއަށް ލިބޭ އުފަލަކީ، އަޅުގަނޑުމެން އެ ފިލާވަޅުތަކުގައި އަޑުއަހަނީ، ސެލްފް ފުލްފިލިންގ ނޫނިއްޔާ ހިތްހަމަޖެހުން އެކްޗުއަލައިޒް ވެގެންދާކަހަލަ ތަޖުރިބާއެއް ގޮތަށް. މިއަށްވުރެ ވަރުގަދަ، މިއަށްވުރެ މަތިވެރި ތަޖުރިބާއެއް ނޯވޭ. އައިސްކްރީމް ކާން ބޭނުންވެފައި ހުންނަ ކުޑަކުޑަ ކުއްޖަކު، އެއް އައިސްކްރީމް ކައިފާނެ. ވަރަށް މީރުވެދާނެ. އަވިގަދަ ދުވަހެއް ވެއްޖިއްޔާ، ދެވަނަ އައިސްކްރީމް ކައިފާނެ. އަދި އެއަށްވުރެ މީރުވެދާނެ. އެކަމަކު ތިންވަނަ އައިސްކްރީމް ކާ ހިސާބުން އެކުއްޖެއްގެ އެޕިޓައިޓް ޖޭޑް ވާނެ. އެހިސާބުން އެކުއްޖަކު ނުކާނެ.
 
އެހެންވީމާ، އެ ތުއްތު ކުއްޖާގެ ހިތަށް މި ލިބޭ ސެޓިސްފެކްޝަން، ނޫނިއްޔާ ހިތަށް މިލިބޭ އުފާ، ލިބިގެންދާތަން ކޮންމެ ދަރުމަވެރިޔަކަށް، އޭނަގެ މަސައްކަތުން އޭނަ އެ ޚިދްމަތް ދިން މީހަކަށް، ނޫނީ ޚިދްމަތް ދިން ޢާއިލާއަކަށް، ނޫނީ މުޖްތަމަޢުގެ ބަޔަކަށް، މިދެންނެވި ކަހަލަ ހިތްހަމަޖެހުމެއް، ނޫނިއްޔާ އެމީހުންނަށް އުފަލެއް ލިއްބައިދީފިކަން ލިބޭ ހިތްހަމަޖެހުމަކީ، މިދެންނެވި ކަހަލަ ވަރުގަދަ މަތިވެރި ހިތްހަމަޖެހުމެއް. އެހެންވީމާ، ދަރުމަވެރިން މިކުރައްވާ މަސައްކަތަކީ ޙަޤީޤަތުގައިވެސް ވަރަށް ވަރުގަދަ މަސައްކަތެއް.
 
އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، ދިވެހިރާއްޖެއާއި މި ސަރަޙައްދުގެ ޤައުމުތަކާ ބަލާކަމަށްވަންޏާ، ތަންކޮޅެއް ތަފާތުކޮށް މިކަން މިއޮތީ. ދެންމެ ދިވެހި ރެޑްކްރެސެންޓްގެ ބޭފުޅުންނާ އަޅުގަނޑު ވާހަކަ ދައްކާލީމަ، އެބޭފުޅުންގެ ވާހަކަފުޅުގައި މި ވިދާޅުވީ، އަޅުގަނޑު ހަމަ ދަންނަވާލީ، ރާއްޖޭގައި ޚިދްމަތަށް މިނުކުންނަ ދަރުމަވެރިން، އާދެ ވޮލަންޓިއަރިޒަމަށް ނޫނިއްޔާ ހިލޭ ސާބަހަށް، އިންސާނިއްޔަތަށްޓަކައި ޚިދްމަތްކުރަން މި ނުކުންނަ ކުދިންގެ ސްޓެޓިސްޓިކްސް، ނަމްބަރ އޮފް މެއިން އަވަރޒް، ނޫނީ އެކުދިން ހޭދަކުރާ ގަޑި މި ޚިދްމަތުގައި، ދުނިޔޭގެ ސްޓެޓިސްޓިކްސްއާ ކޮމްޕެއަރ ކުރަނީ، ނޫނިއްޔާ ކިހާވަރަކަށްތޯ އަޅާކިޔާލެވެނީ. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، މިސަރަޙައްދުގައި ދިވެހިރާއްޖެ މިއުޅެނީ ހަމަ އެންމެ ކުރީގައި. އެހެންވީމާ، މިއީ ވަރަށް އުފަލާއެކީ އަޅުގަނޑުމެން ފާހަގަކުރަންޖެހޭ ކަމެއް.
 
 ހަމައެހެންމެ، ދުނިޔޭގެ އެހެން ތަންތަނުގައި ޒުވާނުން މި ޙަރަކާތަށް ޝައުޤުވެރިކުރުވުމަކީ، މިއީ ރެޑްކްރެސެންޓަށް، ނޫނީ ރެޑްކްރެސެންޓްގެ ޗެޕްޓަރުތައް އިންތިޒާމުކޮށްގެން ހިންގާ ރައްޔިތުންނަށް، ހިންގާ ގަވަރނިންގ ބޯޑުތަކަށް، އެމީހުންނަށް ދިމާވާ އެންމެބޮޑު ގޮންޖެހުން. އެންމެ ވަރުގަދަ ޗެލެންޖް. އެކަމަކު ﷲގެ ރަޙްމަތާއެކީ، ދިވެހިރާއްޖޭގައި މިކަން އޮތީ މިހެނެއް ނޫން. ދިވެހިރާއްޖޭގައި ޒުވާނުން މި ނުކުންނަނީ ހަމަ ނުކުންނަ ހިތުން، ޝައުޤުވެރިކަމާއެކީ. އަޅުގަނޑުމެންނަށް މިރޭ މި ސްޓޭޖްމަތީގައިވެސް ފެނިގެން މިދިޔައީ މުޅިން ޒުވާނުން. އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، މިރޭގެ މި ޖަލްސާއަށް ދަޢުވަތު ދެއްވާފައިވެސް މިއޮތީ ހަމަ މުޅިން މި މަސައްކަތުގައި އުޅުއްވާ ބޭފުޅުންނަށް، މައިގަނޑު ގޮތެއްގައި. އޭގެތެރޭގައި ޗުއްޓީ އައިސް އޮތީމަޔާއެކީ ވަރަށްގިނަ ބަޔަކު ނެތީ. އެކަމަކު މިތަނުން މިފެންނަނީ ހަމަ މުޅިން ޒުވާނުން. ދިވެހިރާއްޖޭގައި މި ދަރުމައިގެ މަސައްކަތަށް، ދިވެހި ރެޑްކްރެސެންޓާ ގުޅިގެން ނުކުންނާކަށެއް، ޒުވާނުންނަކަށް އިތުރު ކަންތައްތަކެއް ކޮށްދޭކަށް ނުޖެހޭ. ޒުވާނުން މި އަންނަނީ އަމިއްލައަށް އިސްނަގައިގެން. އެމީހުން މުޖްތަމަޢަށް ކަމެއްކޮށްދޭން ބޭނުންވެގެން. އަޅުގަނޑުމެންގެ ޗެލެންޖެއް ކަމަށް، ދެންމެ ރައްޒާޤު އަޅުގަނޑު ކައިރީގައި ވިދާޅުވި، ދުވަސްވީ މީހުން، ނޫނިއްޔާ މެދުޢުމުރުން މަތީގެ މީހުން ތިމަންނަމެންގެ މަސައްކަތަށް، ހިލޭ ސާބަހަށް ދަރުމައަށް ނެރުމުގެ ޗެލެންޖޭ ތިމަންނަމެންނަށް އޮތީ.
 
އެހެންވީމާ، ދިވެހިރާއްޖޭގައި މިއޮތީ މިކަން މުޅިން އެކޮޅުކޮޅުން. އެހެން ނަމަވެސް މިއިން ލިބޭ އުފާވެރި މެސެޖަކީ، ދިވެހިރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީވެސް ޒުވާނުން. އެހެންވީމާ، ޒުވާނުން މިދެންނެވި ގޮތަށް މުޖްތަމަޢަށް، އެމީހުން ހިތުންރުހުމުން، މިދެންނެވި ކަހަލަ ބޮޑު ކަމެއް ކޮށްދެވޭ ކަމަށް ޒުވާނުންނަށް ގަބޫލުކުރެވިގެން، އެމީހުންނަށް އުފަލެއް ލިބޭކަމަށްވަންޏާ، ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެން ދަރުމައަށް މިކުރާ މަސައްކަތް، ރެޑްކްރެސެންޓުން، ދިވެހި ރެޑްކްރެސެންޓުން ދަރުމައަށް މިކުރާ މަސައްކަތް، ހަމަ ފަތުއަޑު ކިޔާފައި ދާންޖެހޭނީ ކުރިއަށް. އެއީ، ދިވެހިރާއްޖޭގައި ގިނައީ ޒުވާނުން. އަދިވެސް އަންނަން ތިބީ ޒުވާނުން. ދެންވެސް ދިވެހިރާއްޖެ ވާނީ ހަމަ ޒުވާނުންގެ ދިވެހިރާއްޖެއަކަށް. އެހެންވީމާ، މިއީ ހަމަ ވަރަށް ވަރުގަދަ ހެޔޮފާލެއް ކަމުގައި އަޅުގަނޑު ދެކެން. އެހެންކަމާއެކީ، ދިވެހި ޒުވާނުން މި މަސައްކަތުގައި އުޅުއްވާތީ، ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި، ތިޔަ އެންމެހައި ބޭފުޅުންނަށް ޝުކުރު ދަންނަވަން.
 
އާދެ، ދިވެހިރާއްޖެއަށް، ފަހުގެ ތާރީޚެއްގައި އަޅުގަނޑުމެންނަށް އެންމެ ހިތްދަތި ކުރުވި އަދި އެންމެ ވަރުގަދަ ކާރިސާއެއް ގޮތަށް މިއައީ، ދާދި އިހަކަށްދުވަހަކު އަޅުގަނޑުމެންނާ އަލްވަދާޢުކީ، ދިވެހިރާއްޖޭގެ ފެނުގެ ކްރައިސިސް، ނޫނީ ކާރިސާ. އާދެ، މާލެއަށް ދިމާވި ކާރިސާ. އެކަމަކު މާލޭގައި އުޅެނީކީ މާލޭ މީހުން އެކަންޏެއް ނޫން. މާލެއަކީ މިއީ ވަރަށް ކޮސްމޮޕޮލިޓަން އަދި ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުން ދިރިއުޅޭ ރަށެއް. އެހެންވީމާ، މާލޭގެ އިނގިއްޔެއްގައި ރިއްސާލައިފި ކަމަށްވަންޏާ، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހަމަ މި ރިހުމުގެ ވޭން ހުންނާނެ. އެހެންވީމާ، މާލެއިން މި ދިމާވި ކާރިސާގައި، އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ވަރަށް އެއްބައިވަންތަކަން، ވަރަށް އެކަތިގަނޑަކަށްވެގެން ހަމަ ހޭބޯނާރާ އެންމެން މަސައްކަތް ކުރަމުންދިޔަތަން.
 
ރެޑްކްރެސެންޓުން ހިލޭ ސާބަހަށް، ދަރުމައަށް މިކުރެއްވި މަސައްކަތްތަކަކީ، ޝައްކެއްވެސްނެތްގޮތުގައި ހަމަ ލާމަސީލު ވަރުގަދަ މަސައްކަތްތަކެއް. އެހެންވީމާ، ރެޑްކްރެސެންޓްގެ ފަރާތުން މިކުރެއްވި މަސައްކަތަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި ރެޑްކްރެސެންޓުން އިސްނަގައިގެން ދަރުމައަށް މިމަސައްކަތް ފެށްޓެވީމަ، އެތައް ބައިވަރު ތަފާތު ވޮލަންޓިއަރުންތައް އައި. އޭގެތެރޭގައި، ސްކައުޓް ކުދިން، ގައިޑަރުން އަދި އެނޫންވެސް ވޮލަންޓިއަރުން އައިސް މަސައްކަތްކުރި. އަދި އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ވެއްޖިއްޔާ، މިފެނުގެ ކާރިސާ އަޅުގަނޑުމެންނާ ވަކިވި ހިސާބުން އެކަނި، ރެޑްކްރެސެންޓްގެ މަސައްކަތަށް މިހާރު އެންރޯލްވެފައި އެތިބީ އިތުރު ޒުވާން 500 ދިވެހި ކުދިން. މިއީ، ޝައްކެއްވެސްނެތްގޮތުގައި، ޒުވާނުންގެ ހިތުގައި މިކަހަލަ ކާރިސާއެއް އައިސް އަޅުގަނޑުމެންގެ ހަމަ ހިތުގެ އެންމެ ހިމަ ނާރުތަކާ ކުޅެލާފައި ދާއިރު، ޒުވާނުންނަށްވެސް ކެތްނުކުރެވޭތީ، ޒުވާނުން މިކަހަލަ މަސައްކަތްތަކަށް މި ނުކުންނަނީ.
 
ދެންމެ އަޅުގަނޑުމެންނަށް، ހަމަ އެންމެ ފުރަތަމަ އިންޓްރޮޑަކްޓަރީ ނޫނިއްޔާ އެންމެ ފުރަތަމަ އިވިގެންދިޔަ ރިމާރކްސްގެ ތެރެއިން އިވިގެންދިޔަ، ޢަބްދުﷲ ޢަލީގެ ވާހަކަފުޅުގައި، ހަމަ ކުޑަކުދިން ގޮވައިގެން މި ނުކުންނަނީ މަންމައިން، ބައްޕައިން، އެކުދިން މިދެންނެވި ކަހަލަ ދަރުމައިގެ މަސައްކަތަށް ނެރުމަށްޓަކައި. ޝައްކެއްވެސްނެތްގޮތުގައި ހަމަ މިފަދަ އިޙްސާންތެރި މަންމައިންނާއި ބައްޕައިންނަށްވެސް ހަމަ މިރޭ މި މުނާސަބަތުގައި އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވާފައި، ދަންނަވަން މިޖެހެނީ މިކަހަލަ މަސައްކަތަކީ، އިންސާނިއްޔަތަށްޓަކައި ކުރެވޭ މަސައްކަތޭ. މި މަސައްކަތުގައި މިއަދު އަޅުގަނޑުގެ ޢާއިލާއަށް ދަތިއުފުލަންޖެހިދާނެ. މާދަމާ، ތިއިން ކޮންމެވެސް ބޭފުޅެއްގެ ޢާއިލާއަށް ދަތި އުފުލަންޖެހިދާނެ. އެހެންވީމާ، މިއީކީ ވަކި ނަސްލެއް، ވަކި ޖިންސެއް، ވަކި ސިޔާސީ ފިކުރެއް، ނޫނިއްޔާ ވަކި ގިންތިއެއް، ވަކި އުމުރުފުރައެއް ދަނެގެން އަންނަ ކާރިސާތަކެއް ނޫން. ﷲގެ ރަޙްމަތާއެކީ، ވަރަށްގިނަ ބައެއްގެ ހިތްވަރާއި މިންނެތް މަސައްކަތުން އަޅުގަނޑުމެންނަށް މި ކާރިސާ މިވަގުތަށް މިވަނީ ޙައްލުކުރެވިފައި.
 
ދެން މި ކާރިސާގެ ވާހަކަ ދަންނަވާއިރު، ދިވެހި ރެޑްކްރެސެންޓާއި ދަރުމައަށް މި މަސައްކަތް ކުރި ޒުވާނުންނަށް ހަމަ ޝުކުރުއަދާކުރާ ހާލުގައިވެސް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، މިކަންކަން އިންތިޒާމު ވެގެންދިޔައިރު، ތަފާތު އެކި ޚިދްމަތްތައް ކުރެއްވި، ތަފާތު އެކިއެކި ދަރުމަވެރިން އެބަ ހިމެނެއޭ. އޭގެތެރޭގައި، އެއްގޮތަކަށްވެސް ޤައުމީ ވާޖިބުގެ މަސްއޫލިއްޔަތަކުން ނޫންކަމަށް އަޅުގަނޑު ދެކެނީ. އަދި އެހެން ކަމުގައިވިނަމަވެސް، އެއީކީ މައްސަލައެއް ނޫން. އަޅުގަނޑު ހަމަ އުފަލާއެކީ ޝުކުރު ދަންނަވަން ބޭނުންވޭ، ދިވެހިރާއްޖޭގެ ދިފާޢީ ބާރަށް. ދިވެހިރާއްޖޭގެ ދިފާޢީ ބާރުގެ ބޭފުޅުން ވަރަށް އިޚްލާޞްތެރިކަމާއެކީ ވަރަށް ވަރުގަދަ މަސައްކަތެއް އެކުރެއްވީ. އެއްވެސް ކަހަލަ ވަރުބަލިވުމެއްނެތި، ދިވެހިރާއްޖޭގެ ދިފާޢީ ބާރުން މިމަސައްކަތް ކުރެއްވީ. އަދި ހަމައެހެންމެ، ދިވެހި ފުލުހުންވެސްވަނީ ހަމަ ވަރަށް ހީވާގި، ވަރަށް ސާބިތު މަސައްކަތްތަކެއް ކޮށްދީފައި. އަޅުގަނޑުމެން އެންމެން ދުށީ، މިއީ މުޅި ދިވެހިންނަށް ދިމާވި މިކަހަލަ ޤުދްރަތީ ކާރިސާއެއް ކަމުގައި. އަދި މިއާއެކީ ތަފާތު ދަރުމަވެރިންގެ ގްރޫޕްތަކުން އެކިއެކި މަސައްކަތް ކުރައްވާފައިވޭ. އެހެންވީމާ، ދަންނަވަން މިއުޅެނީ ދިވެހި ރެޑްކްރެސެންޓްގެ ފަރާތުން ތިޔަ ކުރައްވާ މަސައްކަތަކީ، މިހާރު އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގައި އާރުލާ ވައިގައި ހިފާފައި އޮތް މަސައްކަތެކޭ. މި މަސައްކަތަކަށް ދެން އިރާދަކުރެއްވިއްޔާ، ﷲގެ ރަޙްމަތާއެކީ ހީނަރުކަމެއް އައިސްގެނެއް ނުވާނެއޭ.
 
ހަމަ މިއާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، އަޅުގަނޑުމެންނަށް ދެންމެ އިވިގެން މިދިޔައީ، ދިވެހި ރެޑްކްރެސެންޓް، ނޫނިއްޔާ ބައިނަލްއަޤްވާމީ ރެޑްކްރެސެންޓްގެ ބިނާވެފައި މިއޮތް 7 އަސާސް. ހަމައެއާއެކީވެސް ދަންނަވާލަން ބޭނުންވޭ، އަޅުގަނޑުމެންގެ ރެޑްކްރެސެންޓްގެ ޚިދްމަތް، މި ފޯރާ ހިސާބު، ދެންމެ ތިޔަބޭފުޅުންގެ ވީޑިއޯ ޕްރެޒެންޓޭޝަނުން އަޅުގަނޑުމެންނަށް އެނގިގެން މިދިޔައީ. މައިގަނޑު ގޮތެއްގައި ކާރިސާތަކަށް ތައްޔާރުވުމުގެ ޙާލަތު، އެއާއެކީ ފަސްޓްއެއިޑާއި އަދި މިކަހަލަ އެހެން މަސައްކަތްތައް މިހިރީ. އެހެން ނަމަވެސް، އަޅުގަނޑަށް މުޅި މަސައްކަތުން ދޭހަވި އެއްޗަކީ، އެވަގުތަކު މުޖްތަމަޢު އެންމެ ހިތްދަތިކަމާއެކީ އުފުލަމުންދާ ގިލަންވެރިކަމުން ސަލާމަތް ކުރުމަށް ދަރުމަވެރިން ނުކުންނަން އެބަޖެހެއޭ. ދަރުމަވެރިންގެ ތެރެއިން، ޒުވާނުންގެ ތެރެއިން ލީޑަރުން އުފައްދަނީ. ލީޑަރޝިޕް ކޮލިޓީ ހުންނަ ފަރާތްތަކުން މިކަހަލަ ދަރުމަވެރިންގެ ތެރެއިން ލީޑަރޝިޕް ކޮލިޓީޒްއާ އެކީ މަސައްކަތްތައް އެކުރަނީ.
 
އެހެންވީމާ، އަޅުގަނޑު ހަމަ އިލްތިމާސްކޮށްލާފައި، ތިޔަބޭފުޅުންގެ ވިސްނުމުގެ މޭޒުމަތީގައި ބާއްވާލަން ހަމަ ދެ މައްސަލައެއް ދަންނަވާލާނަން. އެއީ، މިވަގުތު ދިވެހިރާއްޖެ އިޙްސާސްކުރާ، ނޫނިއްޔާ ކެތްކުރަން ޖެހިފައި އޮތް ވަރަށް ސީރިއަސް ދެ މައްސަލަ. މި ދެމައްސަލައިގައި، ދިވެހި ރެޑްކްރެސެންޓްގެ ފަރާތުން އިސްނަންގަވައިގެން، ދިވެހި ޒުވާނުން، ނޫނިއްޔާ ދިވެހި ދަރުމަވެރިން، ޒުވާން ދަރުމަވެރިންގެ ވިސްނުން، މިއަށް ގެންނަވައިގެން، މިކަންކަމަށް ޙައްލެއް ހޯއްދަވައިދެވިއްޖެ ކަމަށްވަންޏާ، ދިވެހިރާއްޖެ ތިޔަބޭފުޅުންނަށް ދުވަހަކުވެސް، ތިޔަބޭފުޅުންނަށް ޝުކުރު އަދާކޮށްކޮށް، އަޅުގަނޑުމެންނަށް އެކަށީގެންވާ ވަރަށް ޝުކުރު އަދާނުކުރެވޭނެ.
 
އެއް މައްސަލައަކީ، ދިވެހި އަންހެނުންނަށް، ދިވެހި ޒުވާން އަންހެން ކުދިންނާއި، އެއަށްވުރެ ދޮށީ އަންހެނުންނަށް މި ލިބޭ އެކިއެކި އަނިޔާތަކާ ދޭތެރޭގައި އެބަޖެހޭ، ދަރުމަވެރިން އިސްނަގައިގެން، މިކަންކަމުން ދުރުކުރުވުމަށް މަސައްކަތްތަކެއް ކުރަން. އަންހެނުންނަކީ އަޅުގަނޑުމެންގެ ލޯބިވާ މަންމައިން، އަޅުގަނޑުމެންގެ ލޯބިވާ އަނބިން، އަޅުގަނޑުމެންގެ ލޯބިވާ ދަރިން، ދައްތައިން. އެހެންވީމާ، އެމީހުންނަކަށް އެހެން ބަޔަކު އަނިޔާކުރާކަށް، މި ފަސްގަނޑުގައި ޖާގަދީގެނެއް ނުވާނެ. އެހެން ނަމަވެސް، މިއީ އުނގަންނައިދިނުމުގެ ޕްރޮސެސްއަކާއެކީ މަސައްކަތް ކޮށްގެން ނޫނިއްޔާ ޙައްލުކުރެވޭނެ ކަމެއް ނޫން. އެހެންވީމާ، މީގައި އިސްނަގަން އެބަޖެހޭ، ކޮންމެވެސް ބަޔަކު، ދަރުމަވެރިންތަކެއް އިސްނަގަންޖެހޭ. މިއަށްވުރެ ބޮޑު ދަރުމަވެރިކަމެއް، މިވަގުތު ކާރިސާއެއް މެދުވެރިވީމަ، އެ ޙައްލުކުރަން ކުރާ މަސައްކަތް ފިޔަވައި، ދެމެހެއްޓެނިވި ގޮތެއްގައި، ދާއިމީ ޝުކުރުން ތިޔަބޭފުޅުންނަށް ޝުކުރު އަދާކޮށް، އަޅުގަނޑުމެންނަށް ޝުކުރިއްޔާއޭ ދަންނަވާފައި ހުއްޓާނުލެވޭވަރުގެ ކަމަކަށް ވެގެންދާނެ، މިދެންނެވި ކަހަލަ ކަންކަމުން އަޅުގަނޑުމެންގެ ދިވެހި ޒުވާން އަންހެން ކުދިންނާއި، ޒުވާން މަންމައިންނާއި، ޒުވާން އަންހެނުން ސަލާމަތް ކުރެވިއްޖެ ކަމަށްވަންޏާ.
 
ހަމައެއާއެކީ ދެވަނަ ވާހަކައެއް ދަންނަވާލާނަން. ދެވަނަ ވާހަކައަކީ، އެކިއެކި ވިސްނުންތަކުގެ ތެރޭގައި ނަމަވެސް، އަޅުގަނޑު ނުދަންނަވާނަން، ވަކި ކީއްވެގެންކަމެއް. އަޅުގަނޑުމެން މިއަދު ގަބޫލުކުރަން އެބަޖެހޭ ދޮއެއްތޯ. ދަރުމަވެރިންތަކެއް އެބަ ނުކުންނަންޖެހޭ، އަޅުގަނޑުމެންގެ ތެރޭގައި ޒުވާން ލީޑަރުންތަކެއް އެބަ އުފެދެންޖެހޭ. ވަކާލާތުކުރަން، އަޑުއުފުލަން އަދި ކަންކަން ހުއްޓުވުމަށް. ރާއްޖޭގައި މިދެވޭ ބޮޑެތި ޖިސްމާނީ އަނިޔާތަކުން ޒުވާން ކުދިން ދުރަށް އެބަދާންޖެހޭ. ގޭންގްތަކާ ގުޅުމުން ޒުވާން ކުދިން ދުރަށް އެބަދާންޖެހޭ. ނުރައްކާތެރި މާރާމާރީގައި ބައިވެރިވުމުން ޒުވާން ކުދިން އެބަ ދުރަށްދާންޖެހޭ. އެއްވެސް މީހަކު ނޭދޭނެ، މާދަމާ ހެނދުނު ހޭލާއިރު އޭނާގެ ކޮއްކޮ އެއީ މަރުވެފައި އޮންނަ ކުއްޖަކަށްވާކަށް. އަދި އަނިޔާވެރި ބުރޫޓަލް ޑެތަކުން މަރާލާފައި އޮންނަ ކުއްޖަކަށްވާކަށް، އެއްވެސް ބޭބެޔަކު ނޭދޭނެ. އެއްވެސް ބައްޕަޔަކު ނޭދޭނެ. އެހެންވީމާ، އަޅުގަނޑުމެންގެ ތެރެއިން މި ޕަރސެޕްޝަން އެބަ ފިލުވައިލާންޖެހޭ ދޮއެއްތޯ.
 
އެހެންވީމާ، އަޅުގަނޑު ހަމަ މިރޭ ދަންނަވާލަން. ތިޔަބޭފުޅުންގެ ވިސްނުމުގެ މޭޒުމަތީގައި އަޅުގަނޑު ހަމަ މި އެޖެންޑާވެސް ބާއްވާލަން ބޭނުން. އަޅުގަނޑުމެން ކާރިސާތަކަށް ތައްޔާރުވާއިރުވެސް އަބަދު އަބަދުމެ ހިތްދަތިކަމާއެކީ، އަޅުގަނޑުމެން ކުރިމަތިލާންޖެހޭ ވަރުގަދަ ދެ ހިތްދަތިކަމަކީ، މިދެންނެވި ދެކަންތައް. އެހެންވީމާ، މި ދެކަންތަކާ ދޭތެރޭގައި ދިވެހި ރެޑްކްރެސެންޓްގެ ފަރާތުން އަދި ދަރުމަވެރިންގެ ފަރާތުން ވިސްނާވަޑައިގެންފައި، ތިޔަބޭފުޅުންގެ ދައުރެއް މީގައި ގެނެސްދެއްވައިފި ކަމަށްވަންޏާ، ތާއަބަދަށް، ދިވެހިރާއްޖެ ދެމިއޮތްހާ ހިނދަކު ދިވެހިރާއްޖޭގެ ދަރުމަވެރިންނަށް އަޅުގަނޑުމެން ހަމަ މިންނެތް ޝުކުރުގެ މަތީގައި އަބަދުމެ ތިބޭނީ.
 
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން އަނެއްކާވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދަރުމައަށް މަސައްކަތް ކުރުމަކީ، ނޫނިއްޔާ އިންސާނިއްޔަތަށްޓަކައި މަސައްކަތް ކުރުމަކީ، މިދެންނެވި ކަހަލަ ވަރުގަދަ މަސްދަރެއްގެ މައްޗަށް ބިނާވެފައި އޮތް ކަމެއް. އާދެ، އެހީ ބޭނުންވާ ފަރާތްތަކަށް އެހީދެވޭ ދެވުން. މުޖްތަމަޢުން ހަވާސާވެފައިވާ ފަރާތްތަކަށް އެހީތެރިވުން. ނިކަމެތިންނަށް އެހީތެރިވުން. ގޮތެއް ނެތް ބަޔަކަށް އެހީތެރިވުން. މިކަންކަން މިއަންނަނީ ކާރިސާއެއްގައި ވެއްޖިއްޔާ، ހުރިހާ އެންމެން މީގެތެރޭގައި ހިމެނޭގޮތަށް. ޢާންމު ޙާލަތެއްގައި ވެއްޖެ ކަމަށްވަންޏާ، ދަރުމަވެރިންގެ ވިސްނުން ހުންނަންވީ މިދެންނެވި ގޮތަށް. ސޮސައިޓީގައި، މުޖްތަމަޢުގައި އެކި ސަބަބުތަކާހުރެ ހަވާސާވެދާ ފަރާތްތަކުގެ ޙައްޤުތަކާ ދޭތެރޭގައި ވިސްނާލުން. އަޅުގަނޑުމެން ކީއްތޯވާނީ، ޖިސްމާނީ ގޮތުން ނުކުޅެދިފައި ތިބި މީހުންނާ ދޭތެރޭގައި ވިސްނާލިއްޔާ. އަޅުގަނޑުމެން ކީއްތޯވާނީ، ތުއްތު ކުދިންނަށް އަނިޔާކުރާއިރު، ތުއްތު ކުދިންގެ ޙާލަތު ރަނގަޅު ކުރަން ވިސްނާލިއްޔާ. ދޮށީ ޢުމުރަށް ގޮސް، އަދުތޯ މާދަންތޯ ވެފައި ތިބޭ ކާފައިންނާއި މާމައިންގެ ޙައްޤުތަކެއް ގެއްލިގެންދާއިރު، އެމީހުންނަށް އެހީތެރިވިއްޔާ، އަޅުގަނޑުމެން ކީއްތޯވާނީ.
 
އެހެންވީމާ، މިއީ ވަރުގަދަ މަސްދަރަކީ. ދަރުމައަށް މަސައްކަތް ކުރާ މީހުންގެ ހުރިހާ އަމާޒެއް މި ބޭސް ވަނީ. މި ބޭސްޑްވާ އަސާސަކީ މިދެންނެވި އަސާސް. ހަމަ އަޅުގަނޑުގެ ވާހަކަ ނިންމާލަމުން އިނގިރޭސިބަހުން ހަމަ ދަންނަވާލާނަން، އެއީ އަޅުގަނޑަކަށް އެހާ ރަނގަޅަކަށް މިދެންނެވި ވާހަކައެއް ދިވެހިބަހަށް ތަރުޖަމާކުރާކަށް ނޭނގެ. އެކަމަކު މިއީ، ހަމަ ހިޔުބަރޓް ހަމްފްރީގެ މިކަމާ ބެހޭގޮތުން އޮތް ސޭއިން އެއް.
 
The moral test of a society is how the society treats those who are in the dawn of life, the children; those who are in the twilight of life, the elderly; and those who are in the shadows of life, the sick, the needy and the handicapped
 
މިއީ، ދަރުމައިގެ މަސްދަރަކީ. މި ޙާލަތުގައި ތިބޭ މީހުންނަށް އަޅުގަނޑުމެން އެހީތެރިވުމަކީ ދަރުމައަށް ޙަޤީޤަތުގައިވެސް އެހީތެރިވުން. ދަރުމައަށް މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 

والســّلام عليــكم ورحـمــة اللّـه وبـركاتـه