بســم اللّـه الرّحمـن الرّحيــم

      
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
އާދެ، ހައްދުންމަތީގެ ބޮޑުމަގުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި މި ބާއްވަވާ ރަސްމިއްޔާތަށް، އަޅުގަނޑަށާއި އަޅުގަނޑުގެ އަންހެނުންނަށް ދަޢުވަތު ދެއްވި ކަމަށްޓަކައި ހައްދުންމަތީގެ ރައްޔިތުން ތަމްސީލު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް، ޚާއްޞަކޮށް ފޮނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އަދި އަދި މިއަތޮޅުގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި ހަމައެހެންމެ، އަޅުގަނޑުމެން މިއަދު ހަވީރުގެ ވަގުތެއްގައި މިރަށަށް އައުމާއެކީ، މިއަތޮޅުގެ ރައްޔިތުން، ފޮނަދޫގެ ރައްޔިތުންނާއި އަދި ކައިރި ރަށްރަށުގެ ރައްޔިތުން، އެހާ ވަރުގަދަ، އެހާ ހިތްޕުޅުގެ ޝައުޤުވެރިކަމާއެކީ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
އާދެ، ހައްދުންމަތީގެ ބޮޑުމަގުގެ މަސައްކަތް ޢަމަލީގޮތުން ފެށުމުގެ މަޝްރޫޢުގައި، މި ޕޯޑިއަމް ކައިރީ ހުރެ ވާހަކަ ދައްކާ މީހަކު ދައްކާ ކަމަށްވަންޏާ، އެންމެ ފުރަތަމަވެސް، ހަމަގައިމުވެސް އަޅުގަނޑުގެ ޚިޔާލަށް އަންނަނީ، ހައްދުންމަތީގެ ތަރައްޤީއަށް، އަޅުގަނޑުމެންގެ ޕާޓީގެ ރައީސް، ދިވެހި ޒަޢާމަތުގައި ހުންނަވައިގެން، 30 އަހަރުގެ ދިގު ރާސްތާގެ ތެރޭގައި، ހައްދުންމައްޗަކީ އިޤްތިޞާދީ ގޮތުން ވަރުގަދަ ތަނަކަށް ހެއްދެވުމަށް ކުރައްވާފައި އޮތް ވަރުގަދަ މަސައްކަތް. އެންމެ ފުރަތަމަ ހައްދުންމަތީގެ ރައްޔިތުންނަށް ވަޒީފާގެ ފުރްޞަތު ތަނަވަސްކޮށްދެއްވުމަށްޓަކައި އެތަކެއް މަސައްކަތް އެމަނިކުފާނުވަނީ މި އަތޮޅުގައި ކޮށްދެއްވާފައި. އޭރު އެ މަސައްކަތް ހިނގަމުންދިޔައިރު، އަޅުގަނޑަކީ ޓްރޭޑް މިނިސްޓަރ ކަމުގެ މަޤާމުގައި ހުރި މީހެއް. އަދި އަޅުގަނޑުގެ ކުރިން މިއަތޮޅަށް ވަރަށް ޚިދްމަތް ކޮށްދެއްވާފައިވާ ޓްރޭޑް މިނިސްޓަރެއް، އޮނަރަބްލް އިލްޔާސް އިބްރާހީމަކީ. އެހެންވީމާ، އޮނަރަބްލް އިލްޔާސް އިބްރާހީމާއި، އަދި އަޅުގަނޑުމެންގެ ރައީސް، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، މިއަތޮޅުގެ ތަރައްޤީއަށް ކޮށްދެއްވާފައި ހުރި އަގުހުރި މަސައްކަތްޕުޅު، އަޅުގަނޑުމެންގެ ހަނދާނަށް ގެނެސް، އެ ދެބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
އާދެ، ހައްދުންމަތީގެ ބޮޑުމަގުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިގެން މިދަނީ، ޝައްކެއްވެސްނެތްގޮތުގައި، އަޅުގަނޑުމެންގެ ވަރަށް ގާތް އެކުވެރި ޤައުމެއް ކަމަށްވާ ޗައިނާގެ އެހީގައި. ޗައިނާގެ ރައީސްގެ ހިތްޕުޅުގައި، ދިވެހިރާއްޖެއާ ދޭތެރޭގައި އޮތް ޝައުޤުވެރިކަމާއި، ޗައިނާގެ ސަފީރާއި އަދި ޗައިނާގެ ރައްޔިތުންގެ ހިތްޕުޅުގައި ދިވެހިރާއްޖެއާމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ވަރުގަދަ މިސާލެއްގެ ގޮތުގައި، ނޫނީ ހިތްހެޔޮކަމާއެކީ ކޮށްދެއްވާ ވަރުގަދަ މަސައްކަތެއްގެ ގޮތުގައި، މި މަޝްރޫޢު މި ފެށިގެން މިދަނީ. ޝައްކެއްވެސްނެތްގޮތުގައި، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެހާ އަވަސްމިނެއްގައި ފެށިގެން މި ދިޔައީ، އަޅުގަނޑުމެން މިވޭތުކުރާ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި، ޗައިނާގެ ރައީސް ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ޒިޔާރަތާ ގުޅިގެން. އެ ޒިޔާރަތުގައި، މި މަޝްރޫޢުގެ މަސައްކަތްވަނީ ފަށްޓަވައިދެއްވާފައި. އަދި އެއާއެކީ އަދު ފެށިގެން މިދަނީ، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް. ޝައްކެއްވެސްނެތްގޮތުގައި، ތަރައްޤީގެ މަޝްރޫޢުތައް ފެށިގެން މި އަންނަނީ، ނޫނީ އިޤްތިޞާދީ ތަރައްޤީއަށް ބޭނުންވާ މަޝްރޫޢުތައް ފެށިގެން މި އަންނަނީ ބަނދަރާ ހަމައިން، މަގާ ހަމައިން. އަދި އެއާއެކީ ގުދަންތަކާ ހަމައިން. ހައްދުންމަތީގެ މިހާ ބޮޑު މަގެއް ހެދިގެންދާއިރު، އާދެ، ރަސްމީގޮތުން މި މަގަށް ނަން ދެވިފައި މިވަނީ، ހައްދުންމަތީ ބޮޑުމަގު. ހައްދުންމަތީގެ ބޮޑުމަގަކީ، އަޅުގަނޑުމެންގެ ވިސްނުމުގައި ހައްދުންމައްޗަށް ތަރައްޤީ ގެނެސްދޭނެ އެންމެ ވަރުގަދަ މަޝްރޫޢަށް ވެގެންދާނެ. އާދެ، މަގާއެކީ ގުޅިފައި ހުރި އިޤްތިޞާދީ ޢުމްރާނީ ތަފާތު މަސައްކަތްތަކުގެ ނަތީޖާއަކަށް ވެގެންދާނީ، ހައްދުންމައްޗަށް އުފާފާގަތި ދުވަސްތަކެއް އައުން. އަދި ހަމައެހެންމެ، އަޅުގަނޑުމެންގެ ސަރުކާރުގެ އަމާޒާ އެއްގޮތަށް، އަޅުގަނޑުމެން ބޭނުންވަނީ ހައްދުންމަތީގައި މި ފެށޭ އިޤްތިޞާދީ މަސައްކަތަކީ، ހައްދުންމަތީގައި ތިއްބެވި ހައްދުންމަތީގެ ރައްޔިތުންނަށް، ޚާއްޞަކޮށް ޒުވާނުންނަށް ވަޒީފާގެ ފުރްޞަތު ތަނަވަސްވެގެންދާނެ ވަސީލަތްތަކަކަށް ވެގެންދިޔުން.
 
އަޅުގަނޑު މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށޭއިރު، މިތަނަށް އައިސް ހައްދުންމަތީގެ ރައްޔިތުންނާ ބައްދަލުކޮށްލުމަކީ، ހާލުއަހުވާލު ބަލައިލުމަކީ އެއް ސަބަބު. އެހެންނަމަވެސް، އަޅުގަނޑަށް އެންމެ ޚާއްޞަ އުފަލެއް ލިބޭ ކަމަކީ، މި މަޝްރޫޢުގެ ސަބަބުން އަޅުގަނޑުގެ ވިސްނުމުގައި އަދި އަޅުގަނޑުމެންގެ ސަރުކާރުގެ ވިސްނުމުގައި، މިއަތޮޅަށް އަންނާނެ ކުރިއެރުމާއި ތަރައްޤީ. އަދި އޭގެ ނަތީޖާއަކަށްވާނީ، މަންފާވެރިންގެ ގޮތުގައި، ނޫނީ މި މަޝްރޫޢުން މަންފާ ލިބިގެންދާނީ، މިއަތޮޅުގެ ޒުވާނުން ކަމަށްވުން. މިއީ އަޅުގަނޑުމެންނަށް ލިބޭ އެންމެބޮޑު އުފާ.
 
އާދެ، އަޅުގަނޑުމެން މިވާހަކަ ދައްކާއިރު، އަޅުގަނޑު ހިތަށްއަރަނީ މިއަދަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ދިވެހިރާއްޖެއަށް، ދިވެހި ސަރުކާރަށް ވަރަށް މުހިންމު ދުވަހެކޭ. އާދެ، އަޅުގަނޑުމެންނަށް ހައްދުންމަތި މުހިންމުވާ ސަބަބު، ބައެއް ބޭފުޅުން ވިދާޅުވެއްޖެ. އަޅުގަނޑު ދަންނަވާލާނަން، ހައްދުންމަތީގައި މިހެން ހިންގޭ މަޝްރޫޢަކަށް، ޕީ.ޕީ.އެމް.ގެ ސަރުކާރެއް ތަމްސީލުކޮށްދޭ ރައީސަކު އަންނަންޖެހޭ ސަބަބު ބައިވަރު. މިދިޔަ ދައުރުގެ ރައްޔިތުންގެ މަޖިލީހަކީ، ހައްދުންމަތީގެ 4 ގޮނޑި، އަޅުގަނޑުމެންގެ ޕާޓީއަށް ހަދިޔާ ކުރެއްވި ދައުރެއް. އަދި މިވޭތުކުރާ ނޫނީ މި ފެށިގެން މި ހިނގާ ދައުރަކީ، ހައްދުންމަތީގެ 4 ގޮނޑީގެ ތެރެއިން 3 ގޮނޑި، ހައްދުންމަތީގެ ރައްޔިތުން ވަރަށް އިޚްލާޞްތެރިކަމާއެކީ އަޅުގަނޑުމެންގެ ޕާޓީއަށް ހަދިޔާ ކުރައްވާފައިވާ 3 ގޮނޑި. އެހެންވީމާ، މި ސަބަބުތަކާއެކީވެސް އަދި ރިޔާސީ އިންތިޚާބުގައި ރައީސް މައުމޫން ވާދަކުރެއްވިއިރު، އެމަނިކުފާނަށް ހައްދުންމަތިން އަރުވާފައި އޮތް ތާއީދަކީވެސް، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭ ކަންކަމޭ. އެހެންވީމާ، ހައްދުންމައްޗަކީ، ޕީ.ޕީ.އެމް.ގެ ސަރުކާރަށާއި ޕީ.ޕީ.އެމް. ޕާޓީއަށް ވަރަށް ޚާއްޞަ އަތޮޅެއް.
 
އެހެންވީމާ، ހައްދުންމައްޗަށް އައިސް، އަޅުގަނޑުމެން މި މަސައްކަތް ކުރާއިރު، ދެވަނަ އުފަލެއް ލިބޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ހަމަ މިއަތޮޅުގެ ޒުވާނުންނަށް ވަޒީފާ ލިބޭނެކަމުގެ އުންމީދު، ނޫނީ ހުވަފެން އަޅުގަނޑުގެ ހިތުގައި އޮތްކަން. މިއަދު މި ފާހަގަކުރާ ދުވަސް އަޅުގަނޑުމެންނަށް މުހިންމުވެގެންދާ ސަބަބު އަޅުގަނޑު ހަމަ ދަންނަވާލާނަން. މިއަދު މިއީ، އަޅުގަނޑުމެންގެ އިޤްތިޞާދީ ތަރައްޤީއަށް، ޚާއްޞަކޮށް ހައްދުންމައްޗަށް ވަރަށް މުހިންމު ދުވަހަކަށް ވެގެންދޭ. އެއާއެކީ، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްދެއްވި ބިލަކީ، އަޅުގަނޑުމެންގެ ސަރުކާރުގެ މައިގަނޑު އެއް އަމާޒު ޙާޞިލުކުރުމަށްޓަކައި މަގުފަހިކޮށްދެއްވި ބިލެއް. އާދެ، ތޫނު ހަތިޔާރު ބޭނުންކޮށްގެން، މަގުތަކުގައި މީހުންނަށް ބިރުދައްކައި، ޖިސްމާނީ އަނިޔާ ކުރުމާ، މިކަންކަން މިވަނީ ދިވެހިރާއްޖޭގައި ހައްދުފަހަނަޅައި ގޮސްފައި. ހައްދުފަހަނަޅައި ގޮއްސަ އޮތީމަ، އަޅުގަނޑުމެންގެ ސަރުކާރުގެ ޢަޒުމަކަށް ވެފައި މިއޮތީ، މިކަންކަމަށް ހުއްޓުމެއް ގެނައުން. މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގެ މަގުތަކާއި އަދި އަތޮޅުތެރޭގެ ރަށްރަށަކީ އަމާން ތަންތަން ކަމުގައި ހެދުމަކީ، މި ސަރުކާރުގެ އެންމެ އިސް އަމާޒު. މިކަމަށް އެންމެ ފުރަތަމަ ބޭނުންވާ، ނޫނީ އެންމެ ވަރުގަދަ ބިލް މިއަދު ފާސްވެގެން އެދިޔައީ. މީގެކުރިންވެސް މި ބިލް އޮތް. އެހެން ނަމަވެސް، މި ބިލަކުން އަޅުގަނޑުމެން ހުއްޓުވަން ބޭނުންވާ މިންވަރުގައި އަޅުގަނޑުމެންނަކަށް ކުށްވެރިން ހުއްޓުވޭނެ ޖާގައެއް ނުލިބޭ. ޤާނޫނުއަސާސީން ޝައްކެއްވެސްނެތްގޮތުގައި، ރައްޔިތުންނަށް އެތަކެއް ޙައްޤުތަކެއް ލިބިދޭ. އެކަމަކު އަޅުގަނޑަށް ތަރުޖަމާ ކުރެވޭ ގޮތުގައި، ޤާނޫނުއަސާސީން ރައްޔިތުންނަށްދޭ ޙައްޤުތަކަކީ، އެހެން މީހުންގެ ޙައްޤުތައް ހުރަސް ނުކުރާހާ ހިނދަކު، އެ ރައްޔިތުންނަށް ލިބޭ ޙައްޤުތައް. އެހެން ނަމަވެސް، އެހެން މީހުންގެ ޙައްޤުތައް ހުރަސްކޮށްދޭ ރޮނގު ފަހަނަޅައި ގޮސް، އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަތީމަ، އެ ޙައްޤުތަކަށް އަރައިގަންނަ މީހުންގެ ޙައްޤުތައް ހަނިކުރަންޖެހޭ. މިއީ، ތަރައްޤީވެފައި ހުރި ހުރިހާ ޤައުމުތަކެއްގެ ޤާނޫނުއަސާސީ ލިޔެވިފައި ހުރިގޮތް. އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައިވެސް މިކަމަށް ޖާގަދޭ.
 
އެހެންވީމާ، ހަނުހުރުމުގެ ޙައްޤާއި، ވަކީލަކު ލިބުމުގެ ޙައްޤާއި އަދި ބަންދުކުރުމުގެ ޙައްޤާއި، ތަޙުޤީޤަށް ބަންދުކުރުމުގެ ޙައްޤާ، މިކަންކަމާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާލަންޖެހޭ. އަޅުގަނޑުމެންގެ ސަރުކާރުން އަދި އަޅުގަނޑުމެންގެ މުއައްސަސާތަކުން ޚާއްޞަކޮށް، ރައްޔިތުންގެ މަންދޫބުން މަސައްކަތް ކުރައްވަނީ، އާބާދީއެއްގެ މަޢުޞޫމް ބޮޑު ބަޔަކަށް ޚިދްމަތް ކުރުމަށް. ޝައްކެއްވެސްނެތް، މިވާހަކަ ދައްކާއިރުވެސް، ކުށްވެރިންގެ ޙައްޤުތަކެއް ނުހުންނާނެ ވާހަކައެއް ނޫން މިދަންނަވަނީ. އެހެން ނަމަވެސް، އަޅުގަނޑު ގަބޫލުކުރާ ގޮތުން ވެއްޖިއްޔާ، ކުށްވެރިންގެ ޙައްޤުތައް ހަނިކުރުމާއެކީ، މަޢުޞޫމް މުޖްތަމަޢެއް ސަލާމަތް ކުރުމަކީ، ކޮންމެ ސަރުކާރެއްގެ އަދި ކޮންމެ ރައްޔިތުންގެ މަޖިލީހެއްގެ ވާޖިބެއް. މިކަން ކޮށްގެން ނޫނިއްޔާ، ދިވެހިރާއްޖެއަށް ގެންނަން ބޭނުންވާ ތަރައްޤީއެއް ނުގެނެވޭނެ. މިއަތޮޅުގެވެސް ބިޔަ ބޮޑު މަޝްރޫޢެއް ފެށިގެން މިދަނީ. ޝައްކެއްވެސްނެތްގޮތުގައި މިއީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި މިރަށުގައި ފެށިގެންދާ ނޫނީ މިއަތޮޅުގައި ފެށިގެންދާ މަޝްރޫޢެއް. އެކަމަކު މި މަޝްރޫޢު ނިމިގެންދާއިރު، އަޅުގަނޑުމެން ދެން ގެންނަން ބޭނުންވާ ތަރައްޤީ ގެންނަން މަސައްކަތް ކުރާއިރު، މިތަނަށް އެބަ އަންނަންޖެހޭ ރާއްޖޭގެ އިންވެސްޓަރުން، ރާއްޖޭގެ ވިޔަފާރިވެރިން. މިތަނަށް އެބަ އަންނަންޖެހޭ، ބޭރުގެ ބޮޑެތި ވިޔަފާރި ކުންފުނިތައް. އަމާންކަމެއް އަދި މުދަލުގެ ޙިމާޔަތެއް، މީހުންގެ ފުރާނައަށް ރައްކާތެރިކަމެއް ކަށަވަރުނުކޮށްދެވޭ ރަށެއްގައި، އަޅުގަނޑަކަށް ނުވިސްނޭ، މީހުން އައިސް ކުރާނެ ކަމެއް.
 
ދެންމެ ޓޫރިޒަމް މިނިސްޓަރ އަދީބުގެ ވާހަކަފުޅުގައި ވިދާޅުވިގޮތަށް، ހައްދުންމައްޗާ ދޭތެރޭގައި އަޅުގަނޑުމެންގެ އުންމީދު ވަރަށްބޮޑު. ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ބިލުގައި އެކަށައަޅާފައި ހުރި ކަންކަމުގެ ތެރޭގައި، ބިން ބޮޑު ރަށްރަށުގައި ކުރަންހުރި މަސައްކަތްތައް އެތައް ގުނައެއް އިތުރު. އެހެންވީމާ، ހައްދުންމައްޗަކީ އޭގެ ޒާތުގައި ޖާގަ އޮތް ތަނެއް. އޮތީ ހަމައެކަނި ބިމުގެ ޖާގައެއް ނޫން. މިކަހަލަ ބޮޑެތި މަޝްރޫޢުތައް ހިންގުމަށް ޖާގަ އޮތް ތަނެއް. އިޤްތިޞާދީ ފުރްޞަތު އޮތް ތަނެއް.
 
ހަމައެއާއެކީގައި ދަންނަވާލަން ބޭނުންވަނީ، ހައްދުންމަތީގައި މިކުރެވޭ މަސައްކަތްތަކުން ދިވެހިރާއްޖެއަށް ބޭރުގެ ފަރާތްތައް އައިސް، މިތާ އިންވެސްޓް ކޮށްގެން، ބޮޑެތި މަސައްކަތްތަކެއް ކުރާ ކަމަށްވަންޏާ، އެންމެ ފުރަތަމަ އެއްކަމަކަށް ވިސްނާނީ، ދިވެހިރާއްޖޭގައި އަމާންކަމާއެކީ، ޞުލްޙަވެރިކަމާއެކީ މި ކުރާ މަސައްކަތްތައް ކުރުމުގެ ޖާގަ އޮތްތޯ. ދެވަނަ ކަމަކަށް ވިސްނާނީ، އެމީހުންގެ މުދަލަށް ރައްކާތެރިކަމެއް އޮތްތޯ. ތިންވަނަ ކަމަކަށް މި ވިސްނަނީ، އެމީހުން ކުރާ މަސައްކަތުގެ ނަފާ، އެމީހުންގެ ރަށްރަށަށް ގެންދެވޭނެ ފުރްޞަތު އޮތްތޯ. ހަތަރުވަނަ ކަމަކަށް ވިސްނަނީ، އެމީހުންނަށް މި މުޢާމަލާތު ކުރުމުގައި ދިމާވާ މައްސަލަތައް، ދިވެހިރާއްޖޭގެ ޢަދުލުވެރި ނިޒާމުގެ ތެރެއިން ކިހާ ހަލުއިކަމަކާއި، ކިހާ އިންޞާފުވެރިކަމާއެކީ ނިމިގެންދާނެތޯ.
 
އެހެންވީމާ، އަސާސެއްގެ ގޮތުގައި މިއޮތީ، ބޭރުގެ ބޮޑެތި ފަރާތްތައް އައިސް މިތާ މަސައްކަތް ކުރާ ކަމަށްވަންޏާ އަދި މާދަން ހުޅުވޭ ގެސްޓްހައުސް ހުޅުވުން ކަހަލަ، ދިވެހި ވިޔަފާރިވެރިން އިސްނަންގަވައިގެން ކުރައްވާ ބޮޑެތި މަސައްކަތްތައް ކުރުމަށް މީހުން މިތަނަށް އައިސް، މަސައްކަތް ކުރުމުގެ ވެށްޓެއް، ސަލާމަތާއި އަމާންކަމުގެ ވެށްޓެއް އޮތްތޯ އެއީ، އެންމެ ފުރަތަމަ ކުރާ ސުވާލު. މިކަންކަން ފުރިހަމަ ނުވާ ކަމަށްވަންޏާ، އަޅުގަނޑުމެން ކިތަންމެ ވަރަކަށް ޤާނޫނުތައް ހަދަން މަސައްކަތްކުރި ނަމަވެސް، ބޭރުގެ ފަރާތްތައް، ދިވެހިރާއްޖެއަށް ޝައުޤުވެރި ކުރުވަން ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް، މިއީކީ ޙާޞިލުވާނޭ ކަންކަމެއް ނޫން. އެހެންވީމާ، މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވީ، މިކަންކަން ކުރުމަށްޓަކައި މާލެއާއި އަތޮޅުތެރޭގެ ރަށްރަށް، އަމާން ތަންތަނަށް ބަދަލުކުރުމަށް ސަރުކާރަށް ވާގިދިނުމަށްޓަކައި، ސަރުކާރަށް ބާރުދިނުމަށްޓަކައި، ތަޙުޤީޤު ކުރާ އިދާރާތަކަށް ފުރްޞަތު ހޯދައިދިނުމަށްޓަކައި ފާސްކުރެއްވި ވަރަށް ވަރުގަދަ ބިލެއް. މިކަމުގެ ސަބަބުން އަޅުގަނޑު މިއަދުވެސް ދިވެހި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، ކަށަވަރުކޮށްދޭން ބޭނުންވަނީ، އެއްވެސް ކަހަލަ ނާޖާއިޒު ފައިދާއެއް، ނޫނީ ނާޖާއިޒު މަންފާއެއް، ޤާނޫނު ތަންފީޛު ކުރަން ތިބޭ ފަރާތްތަކަކުންނެއް ނުނަގާނެއޭ. އެއީ، މި ސަރުކާރުން ކަށަވަރުކޮށްދޭ ކަމެއް.
 
އެހެންވީމާ، ކުށްވެރިންގެ ޙައްޤުތައް ހަނިވެގެން، ބައެއް ޤާނޫނީ ވަކީލުން ވަކާލާތު ކުރައްވާ އަޑު އައްސަވަމުން ވަޑައިގަންނަވާއިރު، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އެއްވެސް ވަކި މެންބަރަކަށްވުރެ، އެއްވެސް ވަކި ޤާނޫނީ ވަކީލަކަށްވުރެ، ދިވެހި ރައްޔިތުންނަށް ސަލާމަތާއި ޙިމާޔަތްކަން ހޯދައިދިނުމުގެ ޤާނޫނީ ޒިންމާއާއި މަސްއޫލިއްޔަތު އެޅިފައި އޮންނާނީ، އެވަގުތަކު ސަރުކާރު ހިންގާ ބަޔަކަށޭ. އެހެންވީމާ، އެއީ އަޅުގަނޑު ކޮށްދޭންޖެހޭ ކަމެއް. ރައްޔިތަކު ސަރުކާރެއް އިންތިޚާބު ކުރަނީ، ރައްޔިތުންނަށް ޖަވާބުދާރީވެވޭ ޙާލަތަކަށް ސަރުކާރު ގެނައުމަށްޓަކައި. އެންމެބޮޑު އަސާސަކީ، ރައްޔިތުންނާއި ސަރުކާރާ ދޭތެރޭގައި އޮންނަ އިޖްތިމާޢީ ބޮންޑަކީ، ނޫނީ ސޯޝަލް ބޮންޑަކީ ރިޔާސީ އިންތިޚާބުގެ ވާދައިގެ ތެރޭގައި އަޅުގަނޑު ވާހަކަ ދައްކަމުން ދެއްކިން، އެއީ އޭރުގެ 16 ވަނަ ޤަރުނުގެ، 17 ވަނަ ޤަރުނުގެ ނޫނީ 15 ވަނަ ޤަރުނުގެ ފަލްސަފާ ޢިލްމުވެރިން ދެއްކެވި ވާހަކަފުޅު. އެއީ، ރައްޔިތުންގެ މުދަލާއި ފުރާނަ ރައްކާތެރިކޮށްދޭނެ، ކަށަވަރުކޮށްދޭނެ ބޮންޑެއް، ސޯޝަލް ކޮންޓްރެކްޓް، އިޖްތިމާޢީ ކޮންޓްރެކްޓެއް. މިކަން ކަށަވަރުނުކޮށްދެވޭ ސަރުކާރެއް ކަމަށްވަންޏާ، ދައުލަތް ހިންގުމުގެ ޒިންމާ އުފުލުމުގައި އެ ސަރުކާރެއް އެވަނީ ނުކުޅެދިފައި. އެހެންވީމާ، ސަރުކާރުން އެބަ ކަށަވަރުކޮށްދޭންޖެހޭ، މިއަދު ޤާނޫނުއަސާސީގައި މާއްދާތައް ދިރާސާ ކުރެއްވިޔަސް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ސިފައިންނާއި ފުލުހުންގެ ޤާނޫނުގައި، ޤާނޫނުއަސާސީގައި އެބަ ލާޒިމުކުރޭ، ދިވެހި ރައްޔިތުންގެ މުދަލާއި، އެމީހުންގެ ފުރާނަ ސަލާމަތްކޮށްދިނުމަކީ، ޤާނޫނީގޮތުން އެ ދެ މުއައްސަސާއިން އުފުލަންޖެހޭ ޒިންމާއެއް. ހަމައެހެންމެ، އެކަމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް މަތިކޮށްފައިވާ އަމާނާތެއް.
 
އެހެންވީމާ، ކުށްވެރިންގެ ޙައްޤުތަކުގެ ވާހަކަ އަޅުގަނޑުމެން ދައްކާއިރު، އަޅުގަނޑު ހިތަށްއަރަނީ، މި ޙައްޤުތަކުގެ ވާހަކަ ދައްކާއިރު، ކާކުބާވައޭ ކަށަވަރުކޮށްދޭނީ، މާދަމާ އަނެއްކާވެސް މާލޭގެ މަގުތަކުގެ މައްޗަށް ކޮށައި ވައްޓާލާ މީހުންގެ ފުރާނަތައް، އެ ވާރިސުން އައިސް ޝަކުވާކުރީމަ، ކާކުބާވައޭ މި މީހުންނަށް ޖަވާބުދާރީވާނީ. ނޫނީ އަނެއްކާވެސް މާލޭގައި ނުރައްކާތެރިކަމެއް ދިމާވެގެން، މާލޭގެ އަމާންކަން ގެއްލޭވަރުގެ ބޮޑު ހިތާމަވެރި ކަންތައްތަކެއް މުޖުރިމުންގެ ބަޔަކު ހިންގީމަ، ކޮންބައެއް ބާވައޭ މިކަމުގައި ޖަވާބުދާރީވާނީ، ދިވެހި ރައްޔިތުންނަށް. އެހެންވީމާ، މި ސަބަބަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އަޅުގަނޑުގެ ޕާޓީ ތަމްސީލު ކުރައްވާ ޢިއްޒަތްތެރި މެންބަރުންނަށާއި، އަޅުގަނޑާއެކީ، އަޅުގަނޑުމެންގެ ޕާޓީއާއެކީ ވަރަށް އިޚްލާޞްތެރިކަމާއެކީ މަސައްކަތް ކުރައްވާ އެމް.ޑީ.އޭ.ގެ މެންބަރުންނަށް އަޅުގަނޑު އިލްތިމާސް ކުރިން، އަޅުގަނޑު އައިސް މިހިރީ 5 އަހަރުގެ ތެރޭގައި ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކެއް ފުއްދައިދޭށޭ. އޭގެތެރެއިން އެއްކަމަކީ، ރައްޔިތުންނަށް ބޭނުންވާ އިޤްތިޞާދީ ފައިދާތަކެއް ހޯދައިދިނުމޭ. މި ވަސީލަތުގެ ތެރެއިން ޒުވާނުންނަށް ވަޒީފާ ހޯދައިދިނުމޭ. ދެވަނަ ކަމަކީ، އަމާންކަމާއެކީ ހިނގާބިގާވެ އުޅުމާއި، ދިވެހި ޖައްވަށް ހިތްހަމަޖެހުމާއެކީ ނޭވާލުމުގެ ފުރްޞަތު ރައްޔިތުންނަށް ހޯދައިދިނުމޭ. މިކަން ކުރުމަށް އަޅުގަނޑަށް މަގުފަހިކޮށްދެއްވާށޭ. މިކަން ކުރުމުގައި އަޅުގަނޑު މަގުން ކައްސާލައިގެންދާކަމަށްވަންޏާ، ނޫނިއްޔާ މުއައްސަސާތައް މަގުން ކައްސާލައިގެންދާކަމަށްވަންޏާ، ޤާނޫނުތަކާއި ޤާނޫނުއަސާސީގައި، މި މުއައްސަސާތަކާއި ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީ ކުރުވުމުގެ ފުރްޞަތު ވަރަށް ތަނަވަސް. އެކަމަކު ގޯހެއް ހަދަންދެން، މި ފުރްޞަތު އަޅުގަނޑަށް ދެއްވަންޖެހޭނެ. މި ފުރްޞަތު އަޅުގަނޑަށް ނުދެއްވާ ކަމަށްވަންޏާ، މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގެ އަމާންކަން ޤާއިމުކުރުމަކީ، އެއްވެސް ސަރުކާރަކަށް ފަސޭހަވެގެންދާނެ ކަމެއް ނޫން. ބޮޑެތި ޖަރީމާތައް ހިންގާތީ، އަޅުގަނޑުމެން މިތިބީ އެކަންކަމާ ކަންބޮޑުވެފައި. އަޅުގަނޑުމެން މިތިބީ މާޔޫސްކަމެއްގެ ތެރޭގައި. ދެން ހެވޭ ބުނާ ހިސާބުގައި ދިވެހި ރައްޔިތުން މިތިބީ. އެހެންވީމާ، ކީއްވެގެންތޯ މިކަންކަމަށް ނިމުމެއް ގެންނަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޖެހިލުންވާންވީ. އެހެން ނަމަވެސް، މިއަދުގެ މި ބިލުގެ މަސައްކަތް ދިޔައިރުވެސް އަޅުގަނޑުމެންނަށް، ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި މަސައްކަތް ކުރެވިފައި ހުރި މިންވަރާއި، ހުރި ފެންވަރު، ރައްޔިތުންގެ މަޖިލީހުގެ ނަތީޖާ ކަރުދާސް، ނޫނީ ވޯޓުގެ ނަތީޖާ ކަރުދާހުން އަޅުގަނޑުމެންނަށް ފެނިގެންދާނެ.
 
އެހެންވީމާ، މިއަދަކީ މިދެންނެވި ގޮތަށް ދިވެހިރާއްޖެއަށް ތާރީޚީ ދުވަހަކަށް ވެގެން މިދަނީ މިދެންނެވި ސަބަބަށްޓަކައި. ހަމައެއާއެކީ އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެން މިއަދު މި ތިބީ ޗައިނާ ސަރުކާރުން އަޅުގަނޑުމެންނަށް ދެއްވާ ހިލޭ އެހީ، އާދެ، ހިތްހެޔޮކަމުގެ ވަރުގަދަ މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފެށުމުގެ ޖަލްސާއެއްގައި ކަމުގައިވެސް. އެހެން ނަމަވެސް، އަޅުގަނޑުމެންނާއެކީ ޗައިނާއާ މިއޮންނަ ގާތް ގުޅުން ފަދައިން، އަޅުގަނޑުމެންނާ ޖަޕާނާ ދޭތެރޭގައިވެސް ހަމަ ވަރަށް ގާތް ގުޅުން އޮވޭ. މި ސަރުކާރާއި ޖަޕާނުގެ މިހާރުގެ އެޑްމިނިސްޓްރޭޝަން، ޕްރައިމް މިނިސްޓަރ އަބޭގެ އެޑްމިނިސްޓްރޭޝަނާ ދޭތެރޭގައި މިއޮތީ ވަރަށް ގާތް ގުޅުމެއް އުފެދިފައި. އެމަނިކުފާނުގެ ދަޢުވަތަކަށް އަޅުގަނޑު ވަނީ ހަމަ މިއަހަރު ޖަޕާނަށްވެސް ދަތުރުކޮށްފައި. އަދި އެމަނިކުފާނުވަނީ އަޅުގަނޑުމެންގެ ދަޢުވަތު ގަބޫލުކުރައްވައި، ދިވެހިރާއްޖެއަށް ޒިޔާރަތް ކުރައްވާނެ ކަމަށް ވިދާޅުވެފައި. މިއަދު ވަނީ އެތާ ބޭއްވި އިންތިޚާބު، އެމަނިކުފާނު ބޮޑު ކާމިޔާބީއާއެކީ ކާމިޔާބު ކުރައްވާފައި. އަދި ދިވެހި ސަރުކާރާ ވަރަށް ގާތް ވަރަށް ރަޙްމަތްތެރި ވަޒީރުންނާއި އަދި ޕާލަމެންޓޭރިއަނުން މިއަދު ވަނީ އަނެއްކާ އަނެއްފަހަރު، ހަމަ އެބޭފުޅުންގެ ގޮނޑިތައް ކާމިޔާބު ކުރައްވާފައި. އެހެންވީމާ، އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން މިއަދަކީ، އަޅުގަނޑުމެން ފާހަގަކުރަންޖެހޭ ދުވަހެއް. އާދެ، އަޅުގަނޑުމެންގެ ބައިނަލްއަޤްވާމީ ޑިޕްލޮމަސީ، ނޫނިއްޔާ ދޭދޭ ޤައުމުތަކުގައި އޮންނަ ގުޅުމަށް ބަލާކަމަށްވަންޏާ، މިއަދު މިތަނުގައި މި ހިންގޭ ބޮޑު މަޝްރޫޢަކީ، ޗައިނާ ސަރުކާރަށް އަޅުގަނޑުމެން ޝުކުރުވެރިކަމާއެކީ ފާހަގަކުރާ ކަމެއް. އަދި ހަމައެހެންމެ، ޖަޕާނުގައި މިދިޔަ އިންތިޚާބު ކާމިޔާބު ކުރެއްވުމަކީ، ދިވެހި ސަރުކާރުގެ ވަރަށް ގާތް ރަޙްމަތްތެރި ބޭފުޅުންކޮޅެއް މިވަގުތު ސަރުކާރުގައި އެ ތިއްބެވީ. އަދި ޖަޕާނުގެ ކޮންމެ ސަރުކާރަކީވެސް ދިވެހިރާއްޖެއާ ގާތް ގުޅުން އޮންނަ ސަރުކާރެއް. އެހެންނަމަވެސް، ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ މި ސަރުކާރު ވަރަށް ފަރިތަ ބޭފުޅުންކޮޅެއް މިވަގުތު ޖަޕާނުގެ މޭސްތިރިންގެ ގޮތުގައި އެ ތިއްބެވީ. އެހެންވީމާ، އެއީވެސް އަޅުގަނޑުމެން ފާހަގަކުރާ ކަމެއް.
 
ދެން އެހުރިހާ ކަމަކަށްވުރެ އިތުރަށް، ދިވެހިރާއްޖެއަކީ އަމާން ތަނަކަށް ހެދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން ތިޔަ ދެއްކެވި ކެރުމާއި ހިތްވަރު އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް ތައުރީފް ދަންނަވަމުން، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިކަހަލަ ބާރުތަކެއް، އަޅުގަނޑުމެންނަށް ލިބިގެން ނޫނިއްޔާ، ދިވެހިރާއްޖޭގައި އަމާންކަން ޤާއިމުކުރުމަކީ ފަސޭހަކަމެއް ނޫނޭ. އެހެންވީމާ، މިކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް، މިކަހަލަ ވަރުގަދަ ފިޔަވަޅު އަޅުއްވާތީ އަދި މިކަންކަމަކީ ތިޔަބޭފުޅުންނަށްވެސް، ތިޔަބޭފުޅުން އަމިއްލަފުޅަށް ވިސްނާވަޑައިގަންނަވާއިރުވެސް ރިސްކުތަކެއް ހިމެނިގެންދާ ކަންކަން. އެއާއެކުވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މި ބިލް ފާސްކޮށްދެއްވި ކަމަށްޓަކައި އިޚްލާޞްތެރިކަމާއެކީ ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން.
 
އަދި އެއާއެކީ އަޅުގަނޑު ހަމަ ދަންނަވާލާނަން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ ވާހަކަ އަޅުގަނޑު ދައްކާއިރު، އަޅުގަނޑުމެންނަށް ތާއީދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ އަޅުގަނޑުމެންގެ ޕާޓީގެ މެންބަރުންނާއި އަދި އަޅުގަނޑުމެންނަށް ތާއީދު ކުރައްވާ އެމް.ޑީ.އޭ.ގެ މެންބަރުންނާއި އަދި އެހެން ބޭފުޅުންވެސް، އެ ހުރިހާ ބޭފުޅުންގެ ބަސްފުޅު، ދެންމެ ޢަބްދުއްރަޙީމް ޢަބްދުﷲ އެ ވިދާޅުވީ. މި ސަރުކާރުން ރައްޔިތުންގެ އުފާފާގަތި ކަމަށާއި، މަޞްލަޙަތަށާއި، ކުރިއެރުމަށް ހުށަހަޅާ ކޮންމެ ބިލަކީ، ފިސާރި ކެރިގެން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްދެއްވާނެ ބިލްތަކެކޭ. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑުމެންގެ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަދި ޢަބްދުއްރަޙީމް، މި އަޑު އުފުއްލެވީމާ، ޢަބްދުއްރަޙީމަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު މި ދަންނަވަނީ. އަދި މި ޝުކުރު ދަންނަވާއިރު، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، ވަރަށް އޯގާތެރި، ވަރަށް ގާތް، ވަރަށް އެކުވެރި ރަޙްމަތްތެރިއެއްގެ ގޮތުން ޢަބްދުއްރަޙީމް އަޅުގަނޑު ދަންނަތާ ދުވަސްކޮޅެއްވެއްޖެ. އެމަނިކުފާނު އަޅުގަނޑަށް ހިތްވަރު ދެއްވާ. އަދި އަޅުގަނޑާ ދޭތެރޭގައި އެހާ އޯގާތެރި ހެޔޮ ބަސްފުޅުތަކެއް ވެދުން ކުރެއްވީތީ، ހަދިޔާ ކުރެއްވީތީ، އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
އާދެ، މި މަޝްރޫޢު ފެށިގެންދާއިރު، އަޅުގަނޑު ހިތަށްއަރަނީ، ހައްދުންމައްޗާ ދޭތެރޭގައި އަޅުގަނޑުމެންގެ ވިސްނުން ހުރިގޮތް ދަންނަވާލާނަމޭ. ޝައްކެއްވެސްނެތްގޮތުގައި، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ބޮޑެތި މަޝްރޫޢުތަކެއް އައުމަށް ޖާގަ ހޯދާފައި އޮތް ތަނެއް ހައްދުންމައްޗަކީ. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ސަރުކާރުން މަސައްކަތް ކުރާނީ، ހައްދުންމައްޗަށް ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ހުރިހާ މަންފާއެއް ގެނެވޭތޯ. އަދި އެއާއެކީ މިހާރުވެސް އިޢުލާނު ކުރެވި، ތަންފީޛު ވަމުންދާ ތުނބުރި ޕްރޮޖެކްޓްގެ ދަށުންވެސް އެންމެ ފުރަތަމަ އަމާޒު ހިފި ރަށަކީ، އަމާޒު ހިފި އަތޮޅަކީ ހައްދުންމަތި. އިރާދަކުރެއްވިއްޔާ މި މަޝްރޫޢަކީވެސް ކާމިޔާބު މަޝްރޫޢަކަށްވެގެން، މި ރަށުގައި ތިބި، މި އަތޮޅުގައި ތިބި ޒުވާނުންނަށް ވަޒީފާ ލިބުމާއި އަދި މެދުފަންތީގެ، ނޫނިއްޔާ އެއަށްވުރެ ކުރީގައި ތިއްބެވި ވިޔަފާރިވެރިންނަށް، ވިޔަފާރީގެ ނަފާގެ ފުރްޞަތު ލިބުމަކީ، އަޅުގަނޑުގެ އުންމީދު، އަޅުގަނޑު ދެކޭހިތްވާ ތަން.
 
ހަމައެއާއެކީ ދަންނަވާލަން ބޭނުން، ހައްދުންމައްޗަކީ ބިޔަ ބޮޑު އަތޮޅަކަށް ވެގެންދާއިރު، ބިމުގެ ގޮތުން ބޮޑު ބިޔަ އަތޮޅަކަށް ވެގެންދާއިރު، އާބާދީއަށް ބަލާއިރު، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު މިއަތޮޅަށް މިފަހަރު އައުމުގެ ކުރިންވެސް އަޅުގަނޑަށް އެނގިފައި އޮތީ، ގާދޫގެ ރައްޔިތުން ފޮނަދުއަށް ބަދަލުވެވަޑައިގަންނަވަން ބޭނުންކަން. ފޮނަދޫގައި ހައުސިންގ މަޝްރޫޢުތަކެއް އެބަ ހިނގާ. އަޅުގަނޑު ހަމަ ދިވެހި ސަރުކާރުގެ ނަމުގައި ދަންނަވާލަން ބޭނުންވަނީ، ގާދޫގެ ރައްޔިތުންގެ ތެރެއިން ފޮނަދުއަށް ހަމަ ހުރިހާ ބޭފުޅުން ބަދަލުވެވަޑައިގަންނަވާށޭ. ލުއިފަސޭހަކަމާއެކީ ތިޔަބޭފުޅުންނަށް ބަދަލުވެވަޑައިގެންނެވޭނެ އިންތިޒާމުތައް ސަރުކާރުން ހަމަޖައްސައިދޭނަމޭ.
 
އަދި ހަމައެއާއެކީ ދަންނަވާލަން ބޭނުންވަނީ، މިއަތޮޅުގައި އަދި ގާދޫ ނޫން އެހެން ރަށްރަށްވެސް އެބަހުރި. ފޮނަދޫގައި މިކަހަލަ ހައުސިންގ މަޝްރޫޢެއް ހިންގިއްޖެ ކަމަށްވަންޏާ، ބަދަލުވާން ބޭނުންވާ ރައްޔިތުންތަކެއް ތިބި ރަށްރަށް އެބަހުރި. ދެންމެ ޢަބްދުއްރަޙީމް އަޅުގަނޑު ކައިރީގައި އެވާހަކަ ވިދާޅުވި. ހަމަ އެބޭފުޅުންނަށްވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ، މި ހައުސިންގ މަޝްރޫޢުތައް، އަޅުގަނޑުމެން ކުރިއަށް ގެންދާއިރު، މިއަށް އަޅުގަނޑުމެން ޖާގަ ހޯދާނަމޭ. ހައްދުންމަތީ ފޮނަދޫގައި، މިތާ ކައިރި ރަށްރަށުން، ހައްދުންމަތީގެ ރަށްރަށުން މިރަށަށް އައިސް، މިރަށަށް ހިޖުރަކޮށްގެން މިރަށުގައި ދިރިއުޅެން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަން، ލުއިފަސޭހަ ގޮތަކަށް މިރަށަށް އައިސް ވަޒަންވެރިވެވޭނެ ގޮތް، އަޅުގަނޑުމެން މިދެންނެވި ހައުސިންގ މަޝްރޫޢުގެ ތެރެއިން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަދައިދޭނަން. އެހެންވީމާ، އަންނަ އަހަރުގެ މަޝްރޫޢުތަކުގެ ތެރޭގައި، މިކަން ކުރެވޭތޯ އަޅުގަނޑުމެން ބަލާނަން. އަދި ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި، މި ހިސާބުގަނޑުން ފޮނަދުއަށް އަންނަން ބޭނުންވާ ރައްޔިތުންނަށް، މި ޖާގަ ލިބިގެންދާނެ ކަމަށް އަޅުގަނޑު ހަމަ ދަންނަވަން.
 
އާދެ، އެއާއެކީ ދަންނަވާލަން ބޭނުންވަނީ، ހައްދުންމަތީގައި ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކަށް ހެދޭވަރުގެ ބަނދަރެއް މިއޮތީ. ހައްދުންމަތީގައި މި ހެދިގެން ދަނީ މައި މަގު، ނޫނިއްޔާ ބޮޑު މަގު. މިއީ، އެ މަޝްރޫޢުގެ ސަބަބުން އެތަކެއް އިންތިޒާރުތަކެއް ޙަޤީޤަތަކަށް ވެގެންދާފަދަ ބިޔަ މަޝްރޫޢެއް. ދެން އަޅުގަނޑުމެން ވިސްނަންވީ، މިތަނުގައި ހަމަޖެހުމާއި އަމާންކަން އޮވެއްޖެ ކަމަށްވަންޏާ، ދެން ހުރި ބައެއް ކަންތައްތައް ސަރުކާރަށް ދޫކޮށްލަދެއްވާށޭ. ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ވަސީލަތް ބޭނުންކޮށްގެން، މިތަނަށް މަޝްރޫޢުތައް ގެނެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން. އަދި އެއާއެކީ އެނޫން އެހެން މަޝްރޫޢުތައްވެސް މިއަތޮޅަށް ގެނެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނަން. މިއީ، މިއަހަރުގެ ބަޖެޓުގެ ތެރެއިން ހައްދުންމައްޗަށް ކަނޑައަޅާފައި ހުރި ކަންތައްތަކުގެ ބޭރުން ހިނގާނެ ކަންތައްތައް.
 
ޝައްކެއްވެސްނެތްގޮތުގައި، ޖާގަ އޮތް، ވަސީލަތް ތަނަވަސް އަތޮޅަކަށްވެގެން އެބަދޭ ހައްދުންމަތި. އެހެންވީމާ، އައިހޭވަންގެ މަޝްރޫޢުގެ ވާހަކަ އަޅުގަނޑުމެން ބާރުލައި ދައްކާއިރުވެސް، އަޅުގަނޑު ހަމަ ދިވެހި އެހެން ރައްޔިތުންނަށްވެސް ދަންނަވާލަން ބޭނުންވޭ، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ބިލުން ޖާގަ ހޯދައިދެނީ ހަމައެކަނި އިހަވަންދިއްޕޮޅުގެ އައިހެވަންއަކަށް ނޫން. ޝައްކެއްވެސްނެތްގޮތުގައި އެއީ، އެންމެ ފުރަތަމަ، އެންމެ ބިޔަ، އެންމެ ވަރުގަދަ މަޝްރޫޢަށް ޖާގަ އޮތް ތަން. އެހެންވީމާ، އަޅުގަނޑުމެންނަށް މުޅި މަޝްރޫޢުގެ ދަށުން އައިހެވަންގެ މަޝްރޫޢު، އަޅުގަނޑުމެން ލޭބަލްކޮށްގެން މިގެންދަނީ. އެކަމަކު އެއާއެކީ މިހާރުވެސް ފ. އަތޮޅާއި ދ.އަތޮޅުގައި މިދެންނެވި ކަހަލަ ވަރުގަދަ މަޝްރޫޢަކަށް، މިހާރުވެސް ޢަމަލީ މަސައްކަތްތައް އެބަ ހިނގާ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ދިވެހި ސަރުކާރާއެކީ ދެފަހަރު ބައްދަލުކޮށްފި. އަނެއްކާ މިމަހުގެ ތެރޭގައި، ނޫނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ކުރީކޮޅުގައި، މި މަޝްރޫޢު ކޮންމެވެސް ގޮތަކަށް ނިންމުމަށްޓަކައި އެބަ ޒިޔާރަތްކުރޭ.
 
އެހެންވީމާ، ފ. އަތޮޅާއި ދ. އަތޮޅުގެ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ބިލުން އެ އަތޮޅުތަކަށްވެސް އެބަ ޖާގަ ލިބެއޭ. ހަމަ އެގޮތަށް، ހައްދުންމަތީގެ ލޮބުވެތި ރައްޔިތުންނަށްވެސް ދަންނަވާލަން ބޭނުންވަނީ، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ބިލުން ހައްދުންމައްޗަށްވެސް އެބަ ޖާގަ ހޯދައިދެއޭ.
އެހެންވީމާ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ކެމްޕެއިން ފަށައިގެން، ރިޔާސީ އިންތިޚާބުގައި މިހާ ހިސާބަށް ރައްޔިތުން އަޅުގަނޑުމެންނަށް އިތުބާރު ކުރައްވައިގެން، އަޅުގަނޑުމެންނަށް ރައްޔިތުންނަށް ޚިދްމަތް ކުރުމުގެ މި ފުރްޞަތު ހޯއްދަވައި ދެއްވާފައި ތިޔަ ވަނީ، އުންމީދާއި ޢަޒުމުގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެން ދެއްކި ވާހަކައިންކަން. އަޅުގަނޑުގެ ކެމްޕެއިންގެ ލޯގޯއަކަށް ވެގެންދިޔައީ ޔޭސް ކެމްޕެއިނޭ. އާދެ، ޒުވާނުންނަށް ފުރްޞަތު އޮތުމާއި، ޒުވާނުންނަކީ އަޅުގަނޑުމެންގެ އިޤްތިޞާދުގެ، އަޅުގަނޑުމެން އެންމެ ވަރުގަދަ ދައުރެއް އަދާކުރާ ބައެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރާ ވާހަކަ، ފުރަތަމަ ވާހަކައަކީ. ދެވަނަ ކަމަކަށް މިއޮތީ އިޤްތިޞާދު ރަނގަޅުކުރާ ވާހަކަ. ތިންވަނަ ކަމަކަށް މިއޮތީ، އިޤްތިޞާދު ރަނގަޅު ކުރުމުގެ އަސާސަކަށް އެބަވޭ، މަސްދަރަކަށް އެބަވޭ، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން އޮތުން، ސިކިއުރިޓީ އޮތުން. އެހެންވީމާ، ޔޭސް ކެމްޕެއިނަކީ ޕޮޒިޓިވް ކެމްޕެއިނެއް. އީޖާބީ ކެމްޕެއިނެއް. އެ ކެމްޕެއިން ފަށައިގެން އަޅުގަނޑުމެން ގެންދާތީ، އެތައް ބައިވަރު ޒުވާނުންނެއް އަޅުގަނޑުމެންނަށް އިތުބާރު ކުރެއްވި. މި ފުރްޞަތު ޕީ.ޕީ.އެމް.ގެ ސަރުކާރަށް ދީފި ކަމަށްވަންޏާ، ޒުވާނުންނަށް ކޮންކަހަލަ ކުރިއެރުންތަކެއްތޯ އަންނާނީ. ކޮންކަހަލަ އުންމީދުތަކެއްތޯ އޮންނާނީ.
 
އަޅުގަނޑުމެންގެ މެހްމާނުންގެ ޝަރަފުގައި، މެހްމާނުންނަށް އިނގިރޭސި ބަހުން ދެތިން އެއްޗެއް ދެންނެވުމުގެ ކުރިން، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މި މަޝްރޫޢުގެ ސަބަބުން އަޅުގަނޑު ހަމަ ދަންނަވަން ބޭނުންވަނީ، އަޅުގަނޑުމެންގެ ޔޭސް ކެމްޕެއިނަށް، ނޫނީ އުންމީދުން ފުރިގެންވާ ކަންތައްތައް ކުރުމަށް، އަޅުގަނޑުމެންނަށް އިތުރަށް މަގުފަހިވެގެންދެއޭ. ހައްދުންމަތީގެ ރައްޔިތުން އަޅުގަނޑަށް ކޮށްދެއްވަންވީ ކަމަކީ، މިތަނަކީ ޞުލްޙަވެރި، މަޞްލަޙަތު އޮތް، ރައްޔިތުންގެ މުދަލާއި ފައިސާއާއި، ބޭރުގެ މެހްމާނުންނަށް ކަމޭހިތައި، ބޭރުގެ މެހްމާނުންގެ މުދަލަށާއި، އެ މީހުންގެ ފުރާނައަށް ރައްކާތެރިވެދޭ ތަނަކަށް ހައްދަވައިދެއްވާށޭ. އަމަންއަމާންކަން ޤާއިމުކޮށްގެން ނޫނިއްޔާ، މިކަހަލަ ކަންކަން އަޅުގަނޑުމެންނަކަށް ނުކުރެވޭނެ. އަޅުގަނޑުމެން ފާސްކުރާ ބިލްތައް ތަންފީޛު ކުރަން ފަށާ ހިސާބުން ފެށިގެން އަޅުގަނޑުމެންނަށް އޭގެ ނަތީޖާތައް ފެނިގެންދާނެ. އެހެން ނަމަވެސް، އޭގެ ކުރިންވެސް ކީއްކުރަންތޯ، އަޅުގަނޑުމެން އެކަކު އަނެކަކާ ތަޅާފޮޅަންވީ. ޚިޔާލު ތަފާތުވާނެ. ސިޔާސީގޮތުން ޚިޔާލު ތަފާތުވާނެ. އެއްބަޔަކު އަނެއް ބަޔަކަށް ވާހަކަ ދެއްކޭނެ. އެހެންނަމަވެސް، އަޅުގަނޑު ނުޖެހޭކަންނޭނގެ، އެއަށްވުރެ ބޮޑެތި ގެއްލުން އެއްބަޔަކު އަނެކަކަށް ދޭކަށް. މިއީ، ވަރަށް ކުޑަކުޑަ ދިވެހި އުންމަތެއް. މިއީ، އެއްބަނޑުއެއްބަފާ ބަޔަކު ތިބި ތަނެއް. މިއީ، އެކަކު އަނެކަކު ދަންނަ ތަނެއް. ކޮންމެ ގެޔަކު، ކޮންމެވެސް މީހެއްގެ ތިމާގެ މީހެއް މި ހުންނަނީ. އަޅުގަނޑުމެންގެ ތެރޭގައި ތަޅާފޮޅާކަށް ޖާގައެއް ނެތް ދޮއެއްތޯ. މިއީ، އިންޑިޔާ ކަނޑުގައި އޮތް، ރަން މުތްތަކެއްގެ ގޮތުގައި މީގެކުރީގައި ތާރީޚީ ޢިލްމުވެރިން ސިފަކޮށްދެއްވި ތަނެއް. މިހާރު މި ކަން އަޅުގަނޑުމެން ދެމެހެއްޓުމަކީ އަޅުގަނޑުމެންގެ އަތްމަތީގައި އޮތް ކަމެއް ނޫންތޯ. އަޅުގަނޑުމެންގެ ޖީލުގެ އަތްމަތީގައި އޮތް ކަމެއް. އެހެންވީމާ، މިކަން އަޅުގަނޑުމެން ދަމަހައްޓާކަށް، ޤާނޫނުތަކެއް ހަދަން ޖެހިގެނެއް ނުވާނެ. މިކަން އަޅުގަނޑުމެން ދަމަހައްޓާކަށް، މީހުންތަކެއް ބަންދުކުރަން ޖެހިގެނެއް ނުވާނެ. މިކަން އަޅުގަނޑުމެން ދަމަހައްޓާކަށް، އިތުރު ޖަލުތަކެއް ބިނާކުރާކަށް ނުޖެހޭނެ. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް މިކަންކަން ކުރެވެންދެން، ޤާނޫނުން މިކަންކަން ކުރުމަށް ޖާގަ އެބަ ހޯދަންޖެހޭ. އެހެންވީމާ، އަޅުގަނޑު އިނގިރޭސިބަހުން ހަމަ ދެތިން އެއްޗެއް ދަންނަވާލާނަން.
 
އަޅުގަނޑު އެދެނީ، ހައްދުންމަތީގެ ރައްޔިތުންނަށް އިޤްތިޞާދީ ކުރިއެރުން. އިޖްތިމާޢީ ގޮތުން ހަމަޖެހުން. އަދި އަޅުގަނޑުމެން މި އަތޮޅުގެ ޒުވާނުން ދާން ބޭނުންވާ ހިސާބަށް ވާޞިލުވުމުގެ އިޤްތިޞާދީ ފުރްޞަތުތައް ތަނަވަސްވެގެންދާނެ މަގު، ހައްދުންމަތީގެ ރައްޔިތުން،  އެ ޒުވާނުންގެ ޙައްޤުގައިވެސް ހޯއްދަވައިދެއްވާށޭ.
 
Excellency Ambassador, the way we are going, it looks like my activities calendar has to be composed in consultation with you. Every other day I seem to be cohabiting with you in a function like this, so it looks like my PA will be in close consultancy with you tomorrow to see what the next Chinese project it going to be. The way we are going, every other day, I will be meeting you at an evening gala function like this, either in Hulhumale’ or here in South Central Atoll. But this is most welcome
 
The exemplary relationship we have with China is worthwhile for the rest of the world to be taking note of. China is a vast country; China is a huge country. It is diverse; culturally diverse, religiously diverse. And one of the powerhouses of the world, the major power house of the world. Here in Maldives, we like to be described as pearls scattered in the Indian Ocean. And yet, a country as large as China is cohabiting globally and economically, with a country as small as Maldives. This is exemplary to the world
 
China does not police the affairs of its neighbours. China does not police us. But, what we have seen in the past is that our efforts to be a global partner have more than once transferred on us duties and obligations that we cannot uphold. We have been policed by CMAG. Being a party to the Commonwealth, we have been policed, we have been punished. We have been punished for eight months without any compensation. On human rights issues, we have been punished in the past, but we have been able to serve on the United Nations Human Rights Council, as well. So it looks like China is a good neighbour who respects the mutual dignity and mutual independence of other countries
 
The relationship we have with China does not impose on us any of the difficulties that I mentioned earlier. The relationship we have with China is one of trust, one of mutual trust, one of respecting the other’s dignity, and one of understanding. This co-existence between the smallest and largest countries in the world is exemplary. China is ready to help Maldives. Ground breaking ceremonies like the one we are inaugurating tonight have also been done in the past. The past 50 years of diplomatic ties with China have been matched with commercial and economic aid from China. Today, after a crisis, after a 10 day long crisis, I take a breath of hope, because we are relieved from the water crisis in Male’. I am happy to note that life is ‘business as usual’ in the Maldives
 
But, let me also tell you, the visits of Chinese authorities, and especially President Xi Jinping, have paved the way for this exemplary relationship we have with China. As Maldivians, we honour and appreciate the relationship we have with China. China, I am sure, is keen to take Maldives several steps further. China is very readily willing to help Maldives in this direction. The road we pave here today or the road we construct here today probably is going to be a part of the Silk Route. The harbours we dredge in Maldives are also probably going to be part of the Silk Route. As I speak here today, my Ministers are participating, for the first time in Chinese-Maldives history, in a Joint Commission with the Chinese authorities. A Joint Commission that is going to lay a structure for infrastructural development that is so needed for the Maldives. That includes the bridge, that includes similar road projects, that includes the Youth City and several aspirations that Maldivians are dreaming of. And I am sure we are going to come to an understanding on the Framework arrangement between China and Maldives
 
The relationship we have with China is one that we cherish. The relationship we have with China is one that is exemplary to the world as a whole. If you look at this background, I certainly see real hope. My Presidential pledges have been based on hope. Where there is life there is hope. I believe this project is going to bring lots of hope to the youth of this country, to this atoll, and also, if you extend further, to the youth of the Maldivian population as a whole. This ray of hope that is just behind me on this road, the main road of Hadhdhunmathi, tells me that God, Allah Almighty, is showering the relationship between China and Maldives with blessings. So, the real hope is that Allah bestows blessings onto this relationship. This relationship is valued, cherished and highly appreciated by the Maldivian people. Certainly, as a leader of this Government, I appreciate Chinese assistance, particularly the good efforts of President Xi Jinping. So Ambassador, even tonight, let me pass on my highest respects and regards to the Chinese authorities, especially the leader President Xi Jinping
 
!Xièxiè. Thank you very much