‏ހައްދުންމަތީގެ ‏‏ ބޮޑުމަގަކީ އެއަތޮޅަށް ތަރައްޤީ ގެނެސްދޭނެ އެންމެ ވަރުގަދަ ‏‏އެއް މަޝްރޫޢުއަށް ވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޗައިނާ ސަރުކާރުގެ ހިލޭގެ އެހީގެ ދަށުން ހައްދުންމަތީގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ބޮޑުގެ މަގުގެ މަޝްރޫޢު އިފްތިތާޙު ކޮށްދެއްވުމަށްޓަކައި މިރޭ ހައްދުންމަތީ ފޮނަދޫގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ‏ހައްދުންމަތީގައި ޤާއިމްކުރެވޭ ބޮޑުމަގުގެ މަޝްރޫޢަކީ، އޭގެ ސަބަބުން އެއަތޮޅުގެ ތަރައްޤީ ގެނެސްދޭނެ އެތަކެއް މަޝްރޫޢެއް ހަޤީގަތަކަށް ހެދިދާނެ ‏‏މަސައްކަތެއްކަމުގައި ވިދާޅުވިއެވެ. މިގޮތުން، ‏މަގާއި އެކީގައި ގުޅިފައިއިރު އިޤްތިޞާދީ އަދި ޢުމްރާނީ ތަފާތު މަސައްކަތްތަކުގެ ‏‏ނަތީޖާއަކަށް ވެގެންދާނީ، ހައްދުންމައްޗަށް އުފާފާގަތި ދުވަސްތަކެއް އައުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ‏ހައްދުންމައްޗާއި ދޭތެރޭގައި ސަރުކާރުގެ ކުރައްވާ އުންމީދު ވަރަށް ބޮޑުކަމުގައި ވިދާޅުވަމުން، އެމަނިކުފާނުގެ އިޤްތިޞާދީ ސިޔާސަތުގެ ދަށުން ހިންގާ ‏ޙާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ބޮޑެތި މަޝްރޫޢުތަކެއް އެއަތޮޅުގައި ހިންގުމަށް ހަމަޖެހިފައިވާކަން ބަޔާންކުރެއްވިއެވެ. މިގޮތުން، ‏‏ތުނބުރި ޕްރޮޖެކްޓުގެވެސް އެންމެ ފުރަތަމަ އަމާޒު ހިފި އަތޮޅަކީ ހައްދުންމަތިކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިމޭރުމުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އެމަނިކުފާނުގެ އުންމީދަކީ މިމަޝްރޫޢުތަކުގެ ސަބަބުން ހައްދުންމައްޗަކީ ކާމިޔާބު އަތޮޅަކަށް ވުމުގެ އިތުރަށް، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސް ‏‏ވެގެންގޮސް، ވިޔަފާރިވެރިންނަށް ވިޔަފާރީގެ ނަފާގެ ފުރުޞަތުތައް ފަހިވެގެން ދިޔުންކަމުގައި ވިދާޅުވިއެވެ.

ޤައުމުގެ އިޤްތިޞާދު ރަނގަޅުކުރުމުގެ މައިގަނޑު އެއް އަސާސަކީ ޤައުމުގެ ރައްކާތެރިކަންކަމުގައި ސިފަކުރައްވަމުން، ‏މިއަދު މަޖިލީހުން ފާސްކުރެއްވި ޖިނާޢީ އިޖުރާއަތުގެ ބިލަކީ، މި ސަރުކާރުގެ މައިގަނޑު އެއް އަމާޒު ‏‏ހާޞިލު ކުރުމަށް މަގުފަހިކޮށްދިން ބިލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.‏ މިރޮނގުން، ޤައުމުގައި ޢަމަން އަމާންކަން ޤާއިމްވެގެން މެނުވީ ދިވެހިރާއްޖެއަށް ގެންނަން ބޭނުންވާ ތަރައްޤީއެއް ނުގެނެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވިދާޅުވިއެވެ. އަދި، ބޭރުގެ އިންވެސްޓަރުން އައިސް ރާއްޖޭގައި މަސައްކަތްކުރުމުގެ ސަލާމަތާއި އަމާންކަން ‏‏ނެތީކަމަށްވަންޏާ، ވިޔަފާރިއަށް ފަހި ޤާނޫނުތައް ހެދުމަށާއި، ބޭރުގެ ކުންފުނިތައް ޝަޢުޤުވެރިކުރުވަން ކުރާ މަސައްކަތްތައް ކާމިޔާބެއް ނުވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގޭ މަގުހެދުމުގެ މަޝްރޫޢަކީ ‏ޗައިނާގެ ރައީސްގެ ހިތްޕުޅުގައި ދިވެހިރާއްޖެއާއި ދޭތެރޭގައި އޮތް ޝަޢުގުވެރިކަމާއި، ޗައިނާގެ ‏‏ސަފީރާއި އަދި ޗައިނާގެ ރައްޔިތުންގެ ހިތްޕުޅުގައި ދިވެހިރާއްޖެއާ ދެމެދޮ އޮތް ގާތްގުޅުން ‏‏ރަމްޒުކޮށްދޭ މިސާލެއްކަމުގައި ބަޔާންކުރެއްވިއެވެ.