بســم اللّـه الرّحمـن الرّحيــم

      
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
އާދެ، އަޅުގަނޑަށް ލިބޭ އެންމެ ޚާއްޞަ އުފަލަކީ، މިއަހަރުގެ އާދެ، 34 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް، މިއަހަރު މި ބޭއްވޭ ޖަލްސާއަށް އަޅުގަނޑަށް ދަޢުވަތު ލިބި، މިހާ މުހިންމު، ހީވާގި، ދިވެހިދަރިންތަކެއް އުޅޭ ޞިނާޢަތަކުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް، ދިވެހިރާއްޖޭގެ އާއިލާތަކަށް، ނުހަނު ބޮޑެތި މަންފާތަކެއް ލިބޭ ޙަފްލާއެއްގައި މަސްވެރިންނަށް ޝުކުރު ދެންނެވުމުގެ ފުރުޞަތު އަޅުގަނޑަށް ލިބޭ ލިބުން.
 
އާދެ، މިއަދުގެ މުނާސަބަތުގައި، ދިވެހި ހުރިހާ މަސްވެރިންނަށް، މަސްވެރި އާއިލާތަކަށް އަދި މަސްވެރިން އުފައްދާ މަސް، ނޫނިއްޔާ ބާނާ މަސް ބޭނުންކޮށްގެން ޕެކްކުރުން، ޕްރޮސެސް ކުރުން، މާރކެޓް ކުރުން، ޕްރޮޑަކްޓް ނޫނިއްޔާ މި ޕްރޮޑަކްޓް ޑައިވަރސިފައި ކުރަން، މި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަކީ، މަސްވެރިކަމުގެ ޞިނާޢަތު ފުރިހަމަ ކުރައްވަން މަސައްކަތް ކުރައްވާ ފަރާތްތައް. މި ހުރިހާ ފަރާތްތަކަކީ، މިއަދުގެ ޝަރަފުވެރި ޙައްޤުވެރިން. އެހެންވީމާ، މި ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވައި، މަރްޙަބާ ދަންނަވައި އަދި ތިޔަ ކުރައްވާ މަސައްކަތްޕުޅުގައި މިހާރު ހުރި ގިއަރަށްވުރެ ގިއަރު މައްޗަށް ޖެއްސެވުމަށް އެދޭ ވާހަކަވެސް ދަންނަވަން މި ފުރުޞަތުގެ ބޭނުން ހިފަން.
 
އާދެ، މި ރަސްމިއްޔާތު ފާދިއްޕޮޅު ނައިފަރުގައި ބޭއްވުމަށްޓަކައި އަޅުގަނޑުމެންގެ ވަފުދު އައި އައުމުން، ނައިފަރުގެ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުން، އެހާ ނުތަނަވަސް ގަޑިއެއްގައި، އަޅުގަނޑުމެން ނައިފަރަށް ބަނދަރު ކުރިއިރުވެސް، އަޅުގަނޑުމެންގެ އިންތިޒާރުގައި، އަޅުގަނޑުމެންގެ އިސްތިޤްބާލުގައި، ރައްޔިތުންގެ ގިނަ އަދަދެއްގެ ބޭފުޅުން ތިއްބެވިކަމަށްޓަކައި ނައިފަރުގެ ހުރިހާ ލޮބުވެތި ޢިއްޒަތްތެރި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި ހަމައެއާއެކީ، މި ރަސްމިއްޔާތު މި ރަށުގައި ބޭއްވުމަށްޓަކައި މިންނެތް މަސައްކަތްތަކެއް ކުރައްވާފައިވާ ފަރާތްތަކެއް އެބަވޭ. އާދެ، ޚާއްޞަ ގޮތެއްގައި އަޅުގަނޑަށް ފާހަގަކުރެވޭ، މިދާއިރާގެ އިއްޒަތްތެރި މެންބަރު. އާދެ، ރައްޔިތުންގެ މަޖިލީހުގައި މި ދާއިރާގެ އަޑާއި މި ދާއިރާގެ ޙައްޤު ހޯއްދަވައިދެއްވުމަށް ތަމްސީލު ކުރައްވައި، ވަކާލާތު ކުރައްވާ މެންބަރުގެ އެ މަސައްކަތްޕުޅު. އެހެންކަމަށްޓަކައި ޝިޔާމަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި ހަމައެހެންމެ، މިރަށުގެ ކައުންސިލްގެ ރައީސާއި، ކައުންސިލް މެންބަރުން އަދި އަތޮޅު ކައުންސިލްގެ މެންބަރުން މި އިޙްތިފާލް ފުރިހަމަ އިޙްތިފާލަކަށް ހެދުމަށްޓަކައި އެ ދެއްވި އެއްބާރުލުމަށްޓަކައި އަދި ނައިފަރުގެ ރައްޔިތުން، މިފްކޯގެ ފަރާތުން މި ޙަފްލާ އަދި މިއަދުގެ އިވެންޓުތައް ފުރިހަމަކުރުމަށްޓަކައި ކޮށްދެއްވި ހުރިހާ މަސައްކަތްޕުޅުތަކަށްވެސް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
އާދެ، މިއަދުގެ އިވެންޓުތަކުގެ ތެރޭގައި އަޅުގަނޑުމެންނަށް ފެނިގެންދިޔަ މަސްވެރިކަމުގެ މަޢުރަޒެއް. މި މަޢުރަޒުގައި ތަފާތު ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވި.  މި މަޢުރަޒުން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ، އަޅުގަނޑުމެން މަހުން އުފައްދާ ބާވަތްތައް. ތަފާތު ދާއިރާތަކަށް ބަދަލުވެގެންދާތަން އަޅުގަނޑުމެންނަށް ފެނިގެންދިޔަ. އެބޭފުޅުން އުފައްދަވާ އުފެއްދުންތައް ދައްކަވާލެއްވުމަށްޓަކައި މި މަޢުރަޒުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވަން.
 
އެއާއެކީ، އަޅުގަނޑުގެ ވާހަކަކޮޅު ކުރިއަށް ގެންދިޔުމުގެ ކުރިން ހަމަ ދަންނަވާލަން ބޭނުންވޭ، އަޅުގަނޑުމެންގެ މަސްވެރިކަން ކުރިއަށް ގެންދިޔުމަށްޓަކައި ތަފާތު އެކި ފަރާތްތަކުން ވަރަށް އިޚްލާޞްތެރި މަސައްކަތްތަކެއް ކޮށްދެއްވާފައި މިވަނީ. އޭގެތެރޭގައި، ދެންމެ ސްޓޭޖްމަތިން ތިޔަބޭފުޅުންނަށް ތިޔަ ފެނިވަޑައިގަތީ، އެކި ފަންނުތަކުގެ މަސައްކަތުގައި ދިގުމުއްދަތުގަޔާއި އަދި އަލަށް މި މަސައްކަތްތަކަށް ވަޑައިގެންނެވި ޒުވާން ކެޔޮޅުންނާއި، ދިގު މުއްދަތުގައި، މިސާލަކަށް ދެންމެ އެއްބޭފުޅެއް ކުރެ އަޅުގަނޑު އަހާލިން، ހުއިފިލަނޑާގެ މަސްވެރިކަމުގައި ކިހާދުވަހެއް ވެއްޖެތޯ. ކެނޑިނޭޅި މި މަސައްކަތުގައި 22 އަހަރު ވެއްޖެކަމަށް ވިދާޅުވި. އެހެންވީމާ، އެހާ ވަރުގަދަ ކޮމިޓްމަންޓަކާއެކީ މިދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން އެބަތިއްބެވި. އަދި މި ދާއިރާއަށް ތަރައްޤީ ގެނައުމަށްޓަކައި އަދި މި ދާއިރާއިން އުފައްދާ ތަކެތި ބޭރުގެ ދުނިޔޭގެ ބާޒާރުގައި ވިއްކުމަށްޓަކައި މަސައްކަތް ކޮށްދޭ ފަރާތްތައްވެސް އެބަހުރި.
 
ދެންމެ އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ އަޅުގަނޑުމެންގެ މަސްވެރިކަން ދެމެހެއްޓެނިވި މަސްވެރިކަމަކަށް ހެދުމަށްޓަކައި އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަންގެ ފަރާތުން ކޮށްދެއްވި މަސައްކަތް. އޭނާއަށް ޙައްޤު ޝުކުރު، އަޅުގަނޑުމެންގެ ފިޝަރީޒް މިނިސްޓަރު އަދާވެސް ކުރެއްވި. ހަމައެހެންމެ، މިވަގުތު ދިވެހި ސަރުކާރު ހިންގުމާ ހަވާލުވެހުރި މީހެއްގެ ހައިސިއްޔަތުން އޭނާއަށް އަޅުގަނޑުވެސް ޝުކުރުއަދާކުރަން.
 
ތަފާތުއެކި ފަރާތްތަކުގެ މަސައްކަތުން ދިވެހިރާއްޖޭގައި މަސްވެރިކަން މިހާ ހިސާބަށް އައިސްފައި މިވަނީ. މިއީކީ، ޝައްކެއްވެސް އޮތްކަމެއް ނޫން. މަސްވެރިކަމުގައި ދިމާވާ އެންމެ ބޮޑެތި މައްސަލަތަކުގެ، ތަފާތުއެކި މައްސަލަތަކުގެ ވާހަކަ ދެންމެ ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރު އެ ވިދާޅުވީ. އަޅުގަނޑުވެސް ހަމަ ވަރަށް ސާދާކޮށް، ވަރަށް ކުރުކޮށްލާފައި އަޅުގަނޑު މީގެ ބައެއް ވާހަކަ ދަންނަވާލާނަން.
 
އެއްގޮތަކުންވެއްޖިއްޔާ މިއީ، އެތައް ހާސް ނިޢުމަތެއް ހިމެނިގެންވާ ކަމެއް. އަޅުގަނޑުމެންގެ ރިޒްޤު އިތުރުކުރުމަށްޓަކައި، އެތައް ވަރަކަށް މަސައްކަތް ކުރެވިދާނެ ދާއިރާއެއް. އެހެންނަމަވެސް، ދަންވާލަން ބޭނުންވަނީ، މި އުފައްދާ މަހަކީ، ހަމައެކަނި ދިވެހިރާއްޖޭގައި ދިވެހިންގެ ކެއުމަށް ބޭނުންކުރާ މަހެއްވެސް ނޫނޭ. މިއަށް ވެލިއު އެޑުކޮށްގެން، ނޫނިއްޔާ ބައިނަލްއަޤްވާމީ ބާޒާރުގައި މަސްވިއްކައިގެން، ނޫނިއްޔާ ޕްރޮޑަކްޓް ޑައިވަރސިފައި ކޮށްގެން އެކިއެކި ބާޒާރުތަކަށް މި ވިއްކާއިރު، އެންމެ ބޮޑެތި ގޮންޖެހުން ދިމާވާ ދާއިރާއަކީވެސް، މަސްވެރިކަމުގެ ދާއިރާ. އަދި ފަންނީ އެކި ކަހަލަ މިންގަނޑުތައް ހިފެހެއްޓުމަށްޓަކައި ކުރާ މަސައްކަތުގައިވެސް އެންމެ ބޮޑެތި ގޮންޖެހުންތައް ދިމާވާ އެއް ދާއިރާއަކީ، މަސްވެރިކަމުގެ ދާއިރާ.
 
އާދެ، ކާބޯތަކެތި ނޫނީ، ކެއިންބުއިމަށް ބޭނުންކުރާ ހުރިހާ ތަކެތި އެއްޤައުމުން އަނެއް ޤައުމަށް ވިއްކާއިރު ހަމަ ވަރަށް ބޮޑެތި ގޮންޖެހުންތައް ހުންނާނެ. ދުނިޔޭގައި މިހާރު ގަބޫލެއް ނުކުރޭ، ކޮންމެ ފެންވަރެއްގެ މުދަލެއް ގެނެސް ވިއްކާކަށެއް. އަދި ޚާއްޞަކޮށް މަހުގެ ބާވަތްތަކުގައި މީގެ ވަރަށް ބޮޑެތި ޝަރުޠުތަކާއި ސްޓޭންޑަރޑްތައް އެބަހުރޭ. އެހެންވީމާ، ގޮންޖެހުންތަކަށް ބަލާކަމަށްވަންޏާ އެންމެ ބޮޑެތި ގޮންޖެހުންތައްވެސް ކުރިމަތިލާންޖެހޭ ދާއިރާއަކީ، މަސްވެރިކަމުގެ ދާއިރާ. ހަމައެއާއެކީ، ދިވެހިރާއްޖެއަކީ ވަށައިގެން މަސްކަނޑުތައް އޮންނަ ޖަޒީރާ ޤައުމަކަށްވާއިރުވެސް، އަޅުގަނޑުމެން ފަހަރުގައި ހިތަށް އަރާ، އެހެންކަމަށްވަންޏާ އަދި މަސްވެރިންނަކީ އަދި ހާދަ ކުޅަދާނަ މަސްވެރިންނަށް ވާންޖެހޭނެއޭ.
 
ޝައްކަތްވެސްނެތްގޮތުގައި ފަރުދީ ގޮތުން މަސްވެރިކަމުގައި މި އުޅުއްވާ މަސްވެރިންނަކީ، ވަރަށް ކުޅަދާނަ މަސްވެރިން. އެހެންނަމަވެސް، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހޯދުމަށްޓަކައި މި ކުރެވޭ މަސައްކަތުގައި ދިވެހިރާއްޖޭގެ މަސްވެރިންނެއް، ނޫނިއްޔާ ދިވެހި ދައުލަތުން މިފޮނުވާ މަހެއް ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ކަނޑައެޅުމުގައި ހަމަ އެއްވެސް ދައުރެއް ނޯވޭ. އެއީ، ބާނާ މަސްކޮޅު ކުޑަކަމުން. އެހެންވީމާ، ގޮންޖެހުންތަކަށް ބަލާކަމުގައި ވަންޏާ މަހުގެ އަގު ލިބުން، މަހުގެ އަގު ކަނޑައެޅުން، މަސް ފޮނުވާނީ ކޮންތަނަކަށްތޯ މިކަހަލަ އެތައްކަމަކަށް ބަލާއިރު އެންމެ ބޮޑެތި ގޮންޖެހުންތައް ދިމާވާ ޞިނާޢަތަކީ، މަސްވެރިކަމުގެ ޞިނާޢަތް. މި ޞިނާޢަތަކީ، އަޅުގަނޑުމެންގެ ޓޫރިޒަމް ޞިނާޢަތަށްވުރެ މާކުރިން ފެށިގެން އަންނަ ޞިނާއަތެއް. ޙަޤީޤަތުގައި ދިވެހިރާއްޖޭގެ މައިބަދައަކީ، ދިވެހިރާއްޖޭގެ މަސްވެރިކަން. އެހެންނަމަވެސް، މި މަސްވެރިކަމާއި ޓޫރިޒަމާ ހުރި ތަފާތަކީ، ޓޫރިޒަމްގެ ދާއިރާގައި ދިވެހިރާއްޖެއަކީ، ނަން މަޝްހޫރު ޞިނާޢަތެއް އޮންނަ ޤައުމެއްކަމަށް މުޅި ދުނިޔޭގައި މަޝްހޫރު ޞިނާޢަތެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ޞިނާޢަތް ފާހަގަކުރެވޭ، ފަތުރުވެރިކަމުގެ ޞިނާޢަތް. އެހެންނަމަވެސް، މަސްވެރިކަމުގައި މިވާގޮތަކީ، މަސްވެރިކަމުގައި މިދެންނެވި ކަހަލަ ސަބަބުތައް ހުރީމާ، އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތް އެއްދުވަހުން އަނެއްދުވަހަށް އިތުރުވެގެން މިދަނީ.
 
އަޅުގަނޑުމެންނަށް މިހާތަނަށް އާދެވުނުއިރު މި ދިޔަ ދިގު ރާސްތާގެ ތެރޭގައި، އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކޮށްފައި ހުރީ، ހަމަ މިދެންނެވި ކަހަލަ ބޮޑެތި ގޮންޖެހުންތަކަކާއެކީ. ދުނިޔޭގެ ބާޒާރަށް އަބަދުވެސް މަސް ފޮނުވާއިރު، ނޫނިއްޔާ އެއްވަނަ ދުނިޔޭގެ ބާޒާރުތަކަށް މަސްފޮނުވާއިރު ދިމާވާ ގޮންޖެހުންތަކުގައި ދިވެހި މަސްވެރިންނަށް އުނދަގޫތަކެއް އުފުލަން ޖެހިފައިވޭ. އަދި ދިވެހި މަސްވެރިންގެ ހިމާޔަތުގައި ދިވެހި މަސްވެރިންނަށް އެހީތެރިވުމަށްޓަކައި ދިވެހި ސަރުކާރުން ކުރާ މަސައްކަތުގައިވެސް، ކާމިޔާބުވާ ފަހަރާއި ނާކާމިޔާބުވާ ފަހަރު މިއަންނަނީ. އަޅުގަނޑުމެން މިއޮއްހާދުވަހު މަސައްކަތްކުރީ، ދިވެހިން ފޮނުވާ މަސް އެއްވަނަ ދުނިޔޭގެ ޤައުމުތަކަށް، ނޫނިއްޔާ ޔޫރަޕްގެ ޤައުމުތަކަށް ފޮނުވާއިރު، އަބަދުވެސް މި މަސައްކަތްކުރީ، ޚާއްޞަ ޢިނާޔަތްތަކެއް ޖީ.އެސް.ޕީ.ގެ ނަމުގައި ލިބޭތޯ ބަލަމުން މި ގެންދިޔައީ. އެހެންނަމަވެސް، އަޅުގަނޑުމެންގެ މުޅި ޤައުމުގެ އިޤްތިޞާދަށް އަންނަ ތަރައްޤީއާ ގުޅިގެން މި ޢިނާޔަތްތަކުން މިހާރު އަޅުގަނޑުމެންވަނީ މަޙްރޫމުވެފައި. އެހެންވީމާ، ޢިނާޔަތްތަކެއް ހޯދަން މަސައްކަތް ކުރާއިރުވެސް މީގައިވެސް އަޅުގަނޑުމެން ކުރިމަތިލާން މިޖެހެނީ ގޮންޖެހުންތަކާ. ބައެއްފަހަރު ބުނެވޭ ކާމިޔާބަކީ، އޭގެ ޒާތުގައި އަޅުގަނޑުމެންނަށް އެންމެ އުނދަގޫ ކުރިމަތިކުރުވާ ކަންތައްތަކޭވެސް. ވަރަށް ގިނަ ތަފާތު މަސައްކަތްތަކެއް ކުރެވޭ. އަޅުގަނޑުމެންނަށްވުރެ މާ ބޮޑެތި އަދަދުގެ މަސް އެކްސްޕޯޓުކުރާ ފަރާތްތަކާއެކީ، އަޅުގަނޑުމެން މި ވާދަކުރަންޖެހެނީ. އެހެންވީމާ، އަޅުގަނޑުމެން ދޮށިން މިކުރާ މަސްވެރިކަމަކީ، މިދެންނެވި ކަހަލަ ތަފާތު ގޮންޖެހުންތަކާ އަބަދުމެއަބަދު ކުރިމަތިލައިގެން ކުރަންޖެހޭ މަސައްކަތްތަކެއް. މި މަސައްކަތް ދިވެހިރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށްޓަކައި، އަޅުގަނޑުމެންނަށް އެންމެ ކާމިޔާބުކަމާއެކީ މިކަން ކުރެވޭއިރު އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭ ކަމަކީ، އެހެން ޤައުމުތަކާ ޚިލާފަށް ދިވެހިރާއްޖޭގައި ދޮށީގެ މަސްވެރިކަމަކީ، ތިމާވެށްޓާ އެންމެ ރައްޓެހި އަދި އޭގެ ޒާތުގައި ޕްރިމިއަމް ކޮލިޓީ ލިބޭ މަހަށް މިވަނީ ދިވެހިރާއްޖޭގައި މި ބާނާ މަސް. މިއީ، އަޅުގަނޑުމެންގެ އެޑްވާންޓޭޖް އޮތް ކަމަކީ. އެހެންވީމާ، މި އެޑްވާންޓޭޖް އެހެން ގޮތަކަށް ފުރޮޅާލަން އަޅުގަނޑުމެން މަސައްކަތް ކޮށްފިކަމަށްވަންޏާ، ޝައްކެތްވެސްނެތްގޮތުގައި އަޅުގަނޑުމެންނަށް މަސްބޭނުން އިތުރު ކުރެވިދާނެކަންނޭނގެ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ދިވެހިރާއްޖެ މިހާރު މިހާތަނަށް ބްރޭންޑްކުރަމުން އައި ދިވެހިރާއްޖޭގެ ދޮށީގެ މަސްވެރިކަމުގެ މިދެންނެވި ކޮމްޕެޓެޓިވް އެޖް އަޅުގަނޑުމެންނަށް ގެއްލިގެން މުޅިން މިދަނީ. އެހެންވީމާ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތަށް މި ތަފާތު ގޮންޖެހުންތައް ހުންނައިރު އަޅުގަނޑުމެން ވިސްނަން ޖެހެނީ، މަސްވެރިކަމުގައި އަޅުގަނޑުމެންނަށް މިހާރު ދިމާވެފައިހުރި ކަންތައްތަކުގެ ތެރޭގައި މަސްބޭނުން އިތުރުކުރުން އެއީ، އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް.
 
ރާއްޖޭގެ ކަންކޮޅުތަކުގައި، އުތުރާއި، ދެކުނާއި، ހުޅަނގާއި، އިރުގައި މި މަސްވެރިކަންކުރާއިރު، އަޅުގަނޑުމެންގެ ވަސީލަތްތައް ހުންނަ މިންވަރުން އެންމެ ބޮޑެތި މައްސަލަ މި ޖެހެނީ، މި މަސްވެރިކަމުގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށްޓަކައި. މަސް ކަލެކްޓްކޮށްގެން ޕްރޮސެސްކުރާ ހިސާބުތަކަށް ގެންނައިރު، އަޅުގަނޑުމެންނަށް ދިމާވާ މައްސަލަތައް އެބަހުރި. މިއީ ޚަރަދު ބޮޑު ކަންތައްތަކެއް. އަޅުގަނޑުމެންގެ ތަނަވަސްކަން ހުރި މިންވަރުން ކޮންމެ އަތޮޅެއްގައި ޕްރޮސެސިންގ ޕްލާންޓެއް ބެހެއްޓުމަކީ، ފަސޭހަކަމަކަށް ނުވޭ. އެހެންނަމަވެސް، އުފަލާއެކީވެސް ދަންނަވާލަން ބޭނުންވޭ، މީގެ އެތަކެއް އަހަރު ކުރިން ފާދިއްޕޮޅު ފެލިވަރުގައި މިހާރު މިއޮތް ޓޫނާ ޕްރޮސެސިންގ ޕްލާންޓް، މިހާރު ހަމަ މުޅިން އާ ޕްލާންޓަކަށް ބަދަލުކުރުމުގެ މަސައްކަތް މިވަނީ ފެއްޓިފައި.
 
މިއަދު މަސްވެރިންގެ މެރީނާ އިފްތިތާޙް ކުރުމުގެ ޖަލްސާގައި، އެ ރަސްމިއްޔާތުގައި އަޅުގަނޑު ދަންނަވާލިން، އަޅުގަނޑަށް ލިބިފައި އޮތް މަޢުލޫމާތު އެއީ، މިފްކޯގެ ފަރާތުން، މި މަސައްކަތުން އެކަނިވެސް 240 އާ ވަޒީފާ އުފެދިގެންދާނެ. ދެންމެ ޑޮކްޓަރ ޝައިނީގެ ވާހަކަފުޅުގައި ވިދާޅުވި، މިހާތަނަށް މިއަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތުން އަޅުގަނޑު ހަނދާންވާ ގޮތުގައި ވެއްޖިއްޔާ 1400 އާ ވަޒީފާ އުފެދިގެން މިދަނީ، މަސްވެރިކަމުގެ ދާއިރާގައި ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން މިކުރާ މަސައްކަތްތަކާ ލިންކޭޖް އެކިއެކި އިންޑަސްޓްރީތަކުން މި ކުރެވޭ މަސައްކަތުގައި. ޙަޤީޤަތުގައި، ކުޑަ ޤައުމެއްގައި މިހެން އޮންނަ ކޮންމެ ޞިނާޢަތަކުން، އަޅުގަނޑުމެންގެ ވިސްނުމުގައި، މި ސަރުކާރުގެ ވިސްނުމުގައި އެންމެ ބޮޑު ފައިދާ ލިބޭ ކަމަކީ، ދިވެހި ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތު އިތުރުވެގެން ދިޔުން. މިއިން ލިބޭ ޓެކްސް ރެވެނިޔުއަކީ، މިއިން ލިބޭ އާމްދަނީއަކީ، ދައުލަތަށް ލިބޭ އާމްދަނީއަކީ، ސަރުކާރުގެ ފުރަތަމަ ވިސްނުމުގައި އޮންނަކަމެއްނޫން. ސަރުކާރުން އެންމެ ސަމާލުކަންދެނީ، މި ޞިނާޢަތްތައް ފުޅާވެގެން ގޮސް، ނޫނިއްޔާ ތަފާތު އެކި ޕްރޮޑަކްޓް ޑައިވަރސިފިކޭޝަނަށް ގޮސް، ދިވެހިންނަށް ވަޒީފާ ލިބޭނެ ފުރުޞަތުތައް އިތުރުވުން.
 
ރާއްޖޭގައި މި އުފެދޭ ކޮންމެ ޞިނާޢަތެއްގައި އެ ޞިނާޢަތުގެ އަހުލުވެރިންނަށް، ނޫނިއްޔާ މައިގަނޑު ބެނެފިޝަރީއަށް، ނޫނިއްޔާ އެއިން ފައިދާ ލިބޭ، މަންފާ ލިބޭ ބަޔަކަށްވާން މިޖެހެނީ ދިވެހިން. ދެން ދިވެހިންގެ ތެރެއިން މި މަސައްކަތަށް ނުކުންނަން ތިބި މީހުންނަށް ބަލާކަމަށް ވަންޏާ ދެބަސްވެވޭނެ ވާހަކައެއްނޫން. މި މަސައްކަތަށް ނުކުންނަން ތިބީ ޒުވާނުން. އެހެންވެގެން، ޒުވާނުންގެ ވަޒީފާގެ ފުރުޞަތު ކޮންމެ ޖަލްސާއެއްގައި މި ދެއްކެނީ. ޓޫރިޒަމްގެ ޞިނާޢަތުގައި ވާހަކަ ދެއްކި ނަމަވެސް، މަސްވެރިކަމުގެ ޞިނާޢަތުގައި ވާހަކަ ދެއްކިނަމަވެސް، އަދި އެނޫން އެހެން ޞިނާޢަތެއްގައި ވާހަކަ ދެއްކިނަމަވެސް، ނޫނިއްޔާ ސަރުކާރުން ފަހިކޮށްދޭ އެކިއެކި މަޝްރޫޢުތައް، ޕްރޮގްރާމްތަކުގެ ވާހަކަ ދެއްކިކަމުގައިވީ ނަމަވެސް ހަމަ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު އިތުރުކުރެވޭ ވާހަކަ މިދައްކަނީ.
 
ދުނިޔޭގެ ޤައުމުތަކުގައި، މިސާލަކަށް މިދިޔަ އެމެރިކާގެ ރިޔާސީ އިންތިޚާބުގައިވެސް، އަދި އެންމެ ފަހުން އޮތް ސިންގަޕޫރުގެ ޕްރައިމް މިނިސްޓަރު ނޫނީ ސަރުކާރު އިންތިޚާބުކުރަން އޮތް އިންތިޚާބުގައިވެސް، އެއް މައްސަލައަކަށް އެންމެބޮޑު އަމާޒެއް، ސަމާލުކަމެއް ދެވިގެން ދެއްކުނު މައްސަލައަކަށްވަނީ ރައްޔިތުންނަށް ވަޒީފާ އިތުރުވާނެ މިންވަރު. އެހެންވީމާ، ދިވެހިރާއްޖެ މިއީކީ އިސްތިސްނާ ޤައުމެއްނޫން. ދިވެހިރާއްޖޭގައިވެސް އެންމެ ބޮޑަށް ވިސްނަން މިޖެހެނީ މިކަހަލަ ކޮންމެ ޞިނާޢަތަކުން ކުރެވޭ ކޮންމެ މަސައްކަތަކުން ވަޒީފާ އިތުރުވެގެން އަންނަނީ ކިހާ މިންވަރަކަށްތޯ. އެހެންވީމާ، ސަރުކާރަށް ޓެކްސް ލިބުން، ސަރުކާރަށް އާމްދަނީ ލިބުން، ރޯޔަލްޓީގެ ގޮތުގައި ފައިސާ ލިބުން، ލައިސަންސް ފައިސާ ލިބުމަކީ، ސެކަންޑަރީ ކަމެއް.
 
މަސްވެރިކަމުގެ ޞިނާޢަތުގައި ދެންހުރި ގޮންޖެހުންތަކަށް ބަލާކަމަށްވަންޏާ، ގޮންޖެހުންތަކަށް އެޑްރެސްކުރަން ކުރާ މަސައްކަތާއެކީ، މި ކުރަން ޖެހެނީ މީގެ ޕްރޮޑަކްޓިވް ސައިޑުން، ނޫނިއްޔާ ސަޕްލައި ސައިޑުން އެކަން ރަނގަޅުކުރަން ކުރަންޖެހޭ މަސައްކަތް. އޭގެތެރޭގައި، މަސްވެރިކަމުގެ ދާއިރާއަށް ގިނަ ޒުވާނުން ނެރުމަށް ކުރާ މަސައްކަތަކީ، މީގެތެރެއިން އެއް މަސައްކަތް. ދެން މީގައި އަޅުގަނޑު ގިނަ ޒުވާނުންނޭ ނުބުންޏަސް މަސްވެރިކަމުގެ ޞިނާޢަތަށް ނުކުންނަން ތިބީ މިކަން ކުރެވޭ ވަރުގެ މީހުން. އުމުރުފުރައަށް ބަލާކަމުގައި ވަންޏާ މިއީ، ޒުވާން އުމުރުފުރައިގެ މީހުން. އަޅުގަނޑުމެން ކާބަފައިން މި މަސްވެރިކަން ކުރި. އެގޮތަކަށް މިހާރު މަސްވެރިކަން ކުރެވޭކަށް ނެތް. އަޅުގަނޑުމެން ކަނޑުމަތީގައި މި ހޭދަކުރަނީ އެއްދުވަހެއްނޫން. ފަތިހު މަހަށް ނުކުމެފައި އިރުއޮއްސޭއިރު މަހުން ލަފަނީކީ ނޫން މިހާރު. އެތަކެއް ދުވަސް ކަނޑުމަތީގައި އަޅުގަނޑުމެން އެބަ ހޭދަކުރަންޖެހޭ. އެކަހަލަ ކަންކަމުގައި ޒުވާނުންނަށް ނޫނިއްޔާ ދާއިމީ ގޮތެއްގައި ޝައުޤުވެރިކަމާއެކީ ނޫނިއްޔާ ހިތްވަރާއެކީ، މިކަން ކުރެވޭނެކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ. އެހެންވީމާ، އެކަހަލަ ކަންކަމުގައި ފަސޭހަ ހޯދައިދިނުމަށްޓަކައި، މިއަތޮޅުގައި ފެލިވަރުގައި މަސްވެރިންގެ މެރީނާއެއްވެސް މިއަދު ހުޅުވިގެން މިދިޔައީ. ހަމައެހެންމެ، އަންނަ އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އިތުރު ދެ ދާއިރާއެއްގައި ހަމަ މަސްވެރިންގެ މެރީނާ އުފެދިގެންދާނެ. މީގެ ބޭނުމަކަށްވަނީ، އާއިލާއާއި ވަކިން ގިނަދުވަހު ކަނޑުމަތީގައި އުޅޭ ޒުވާނުން ކޮންމެވެސް ވަރެއްގެ އަރާމާއި މުނިފޫހިފިލުވުމާ އަދި ޒުވާނުންނަށް ބޭނުންވާ ހަރަކާތްތަކުގައި އެ މީހުންނަށް ފުރުޞަތު ތަނަވަސްކޮށްދިނުން. މި ގޮންޖެހުންތަކަށް އަޅުގަނޑުމެން ކުރިމަތިލާން އަޅުގަނޑުމެން ޚިޔާލުކުރި އެއްގޮތް.
 
ދެން އަނެއްގޮތް، އަނެއް ކަމަކީ، އަޅުގަނޑުމެންގެ މި ސަރުކާރުގައި އަޅުގަނޑުމެން ގަބޫލެއް ނުކުރަން، އަދި އެހެން ސަރުކާރުން ގަބޫލުނުކުރާ ކަމުގައި ދެންނެވުމުގެ މަޤްޞަދުގައި ދަންނަވާ ވާހަކައެއްވެސް ނޫން މިއީކީއެއް. މަސްވެރިން މަސްވެރިކަމުގައި އުޅޭއިރު އެމީހުންނަށް އެކިވަރުގެ ގެއްލުން ލިބުމަކީ، ޖިސްމާނީ ގެއްލުން ލިބުމަކީ، ހަމަވެދާނެކަމެއް. އެހެންވެ، އަޅުގަނޑުމެން ހުރިހާ މަސްވެރިންނަށް އިލްތިމާސްކޮށް ހުރިހާ މަސްވެރިންނަށް ހުޅުވާލި މަޝްރޫޢަކީ، މިހެން ލިބޭ ގެއްލުންތަކުން ކޮންމެވެސްވަރެއްގެ އިންޝުއަރެންސް ކަވަރއެއް އެ މީހުން ނެގުން. އަޅުގަނޑު ހަނދާންވާގޮތުގައި އެލައިޑް އިންޝުއަރެންސުން މިހާރުވަނީ ކޮންމެ މީހަކަށް އެއްލައްކަރުފިޔާގެ އިންޝުއަރެންސް ކަވަރއެއް ތަޢާރުފު ކުރައްވާފައި. މީގެ ބޭނުމަކަށްވަނީ، މަސްވެރިން، މަސްވެރިކަމުގެ ތެރޭގައި އުޅޭއިރު ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބިއްޖެކަމަށް ވަނީނަމަ، އެ ގެއްލުމުން އެމީހުން ސަލާމަތްވެގެން އަލުން މަސްވެރިކަމަށް އިޢާދަވުމަށް ނުވަތަ ރުޖޫޢަވުމަށް ވަގުތުތަކެއް ނަގާ ކަމަށް ވަންޏާ، އެ މުއްދަތު ފޫބައްދައިދިނުމަށްޓަކައި ކޮންމެވެސްވަރެއްގެ މާލީ ޢިނާޔަތެއް ފޯރުކޮށްދިނުން. އެއީ، ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ސަރުކާރުން ވިސްނާފައި ކޮށްދިންކަމެއް. މިއީ، މިދެންނެވި ގޮތަށް ގޮންޖެހުންތައް މަދުކޮށް އަދި މަސްވެރިން މި ދާއިރާއަށް އަހުލުވެރިކުރުވުމަށްޓަކައި، ނޫނީ ޝައުޤުވެރިކުރުމަށްޓަކައި ސަރުކާރުން ކޮށްދީފައި އޮތް އަނެއް ކަންތައް.
 
ދެން ތަފްޞީލަކަށް ދަންނަވާކަށް ނޫން، ހަމަ އެގޮތަށް މަސްވެރިންގެ އިޖުތިމާޢީ ރައްކާތެރިކަމުގެ އަނެއް މަޝްރޫޢެއްގޮތަށް އަޅުގަނޑުމެން ކަނޑައަޅާފައި އިޢުލާން ކޮށްފައި މިހާރު ހުޅުވާލާފައި އެވަނީ ރަޖިސްޓްރޭޝަނަށް. "ބެޔަސް ނުބެޔަސް" މަސްވެރިންގެ އިންޝްއަރެންސް ނިޒާމެއް. އިންޝްއަރެންސް ނިޒާމުގައި ބައިވެރިވެވަޑައިގަތުމަކީމ އަޅުގަނޑުވެސް ހަމަ ޝައިނީ އިލްތިމާސް ކުރެއްވިގޮތަށް، ދަންނަވާލަން ބޭނުންވަނީ، އަޖުމަ ބަލާލުމުގެ ގޮތުންވެސް މިއިން ފައިދާއެއް ލިބޭތޯ ބަލާލުން ކީއްތޯއޭ!
 
ދުވަސްވީ މީހުންނަށް، 65 އަހަރުން މަތީގެ މީހުންނަށް 5000 ރުފިޔާގެ ޢިނާޔަތެއް ދޭނެ ވާހަކަ އަޅުގަނޑުމެން ދެއްކީމަ އެއީ، ކުރެވޭނެ ކަމެއް ނޫން ކަމުގައި ތަފާތު އެކި ފަރާތްތަކުން އެ ވާހަކަ ދައްކަމުން މި އަންނަނީ. އެކަމަކު އިރާދަކުރެއްވިއްޔާ 1 އަހަރު ވަންދެން އަޅުގަނޑުމެން އެކަން ކޮށްފީމު. އަދި މިއަހަރުވެސް މި ކުރަނީ، އެކަން ހަމަ އެގޮތުގެ މަތީގައި ދެމިހުރުމަށްޓަކައި މި ސަރުކާރުން ކުރާ މަސައްކަތެއް. އެހެންވީމާ، މިހެން ހުރި ކަންތައްތަކަކީ، މަސްވެރިކަމުގައި މި ދެންނެވިގޮތަށް ސަޕްލައި ސައިޑަށް، ނޫނިއްޔާ މަސް އިތުރުކުރުމަށްޓަކައި އައު މަސްވެރިންތަކެއް، މާކަނޑުތަކަށް ނެރުމަށްޓަކައި ކުރެވޭ މަސައްކަތްތަކެއް.
 
ދެން ހަމައެއާއެކީ، މަސްވެރިންގެ ޞިނާޢަތުގައި، ނޫނިއްޔާ މަސްވެރިކަމުގެ އިންފްރާސްޓްރަކްޗަރ ރަނގަޅުކުރުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ތެރޭގައި މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމުތަކާއި، މަސްވެރިންނަށް، އައިސް ލިބޭނެ އިންތިޒާމްތަކާއި، މިކަހަލަ ތަފާތު މަސައްކަތްތަކެއްގެ ވާހަކަ ދެންމެ މިނިސްޓަރ ޝައިނީގެ ވާހަކަފުޅުގައި އެ ފާހަގަކޮށްލެއްވީ. އެކަމު މިހުރިހާ ކަމަކާއެކީގައިވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ދާއިރާއަކީ، މި ޞިނާޢަތަކީ، ޙަޤީޤަތުގައި އެންމެ ގޮންޖެހުންތައް ގިނަ ޞިނާޢަތް.
 
މި ހުރިހާކަމާއެކީވެސް ގަދަ ކަނޑުތަކުގައި އަޅުގަނޑުމެން ދަތުރުކޮށްފައި އައްސޭރީގެ ސަލާމަތްކަމާ ހަމައަށް މަސްވެރިން ރުޖޫޢަވާފަދައިން، ހަމަ މި ގޮންޖެހުންތައް އަޅުގަނޑުމެން ކަނޑައްތު ކޮށްފައި، އަޅުގަނޑުމެން އަމާންކަމާއެކީ އަޅުގަނޑުމެން ކާމިޔާބު ކުރަންޖެހޭ ޞިނާޢަތަކީ، މި ޞިނާޢަތް.
 
އަޅުގަނޑުމެންގެ ދިވެހި ރައްޔިތުން އެންމެ ދޯޅު، އެންމެ ދަންނަ ޞިނާޢަތަކީ، މިއީ. ބުނެވޭ ގޮތުގައި ޓޫރިޒަމަކީ، އޭގެ ޒާތުގައި ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކާ ގުޅިގެން، ޓޫރިޒަމަށް އަސަރުކުރާނެ، ދަތުރުފަތުރަށް އަސަރުކުރާނެ . މަސްވެރިކަންވެސް ހަމަ އެހެން މިވަނީ. ވަރަށް ރަނގަޅަށް މަސްބާނާ މޫސުންތަކާއި، މަސްނުބާނާ މޫސުންތަކާއި، ދުނިޔޭގެ ބާޒާރުގައި މަހަށް ލިބޭ އަގާ، މިއީ، އެކިފަހަރު އެކި ގޮތަށް ހުންނަކަންކަން. ދިވެހިރާއްޖޭގެ ސަރުކާރުގެ އަތްމަތީގައި، ނޫނިއްޔާ ދިވެހި މަސްވެރިންގެ އަތްމަތީގައި، މަހުގެ އަގު ކޮންޓްރޯލް ކުރުން، ބޭރުގެ ދުނިޔޭގައި މަހުގެ އަގު ކޮންޓްރޯލް ކުރުމަކީ، އަޅުގަނޑުމެން އަތުގައި އޮތް ކޮމްފަރޓެއް ނޫން ނުވަތަ ލަގްޒަރީ އެއްނޫން. އެހެންވީމާ، ދެމެހެއްޓެނިވި ގޮތަކަށް، ފައިދާ ނުވާގޮތަކަށް މަހުގެ އަގު ހިފަހައްޓައިގެން އެ މަސައްކަތް ކުރާ ކުންފުންޏަކަށް ބޮޑެތި ސަބްސިޑީދޭންޖެހޭ. އެހެންނަމަވެސް، މަސްވެރިންގެ އިޖުތިމާޢީ ރައްކާތެރިކަމަށްޓަކައި ސަރުކާރުން މިފްކޯއަށް އެ މަސައްކަތް، ނޫނިއްޔާ އެކަމުގައި އެހީތެރިވެދޭ. މިއީ، ޒަމާނުންސުރެ މިކަން ދިވެހިރާއްޖޭގައި އައިސްފައި އޮތް ގޮތް. އެހެންވީމާ، މި ސަރުކާރުގެވެސް ކޮމިޓްމަންޓަކީ، ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން މަސްވެރިންނަށް މި ލުއި ދިނުމަށްޓަކައި މިފްކޯއަށް އެހީތެރިވުން.
 
މިއާއެކީ، މަސްވެރިކަމުގެ ޞިނާޢަތު، ނޫނިއްޔާ މަސްވެރިކަން، ނޫނިއްޔާ ޕްރޮސެސްކުރުން ރަނގަޅުކުރުމަށްޓަކައި އަޅުގަނޑުމެންގެ ސަރުކާރުން ކޮށްފައި ހުރި ކަންތައްތަކުގެ ތެރޭގައި އެއްކަމަކީ، މަސްވެރިކަމުގައި ސަރުކާރުން މި އުޅޭ ކުންފުނިތައް، ތަފާތު އެކި ކުންފުނި ހުރުމަކީ، އޭގެ ޒާތުގައި އިޤްތިޞާދީ އެއްވެސް މަންފާއެއް ލިބޭނެ ކަމެއްނޫން. އިޤްތިޞާދީ މަސައްކަތްތަކުގައި، މި މަސައްކަތްތަކުގައި އެއްވަނަ މަރުޙަލާ، ދެވަނަ މަރުޙަލާ ނުވަތަ ތިންވަނަ ފަށަލަ މި އެއްވެގެން އެއްކުންފުންޏަކުން ދެވޭ ކަމުގައިވަންޏާ، އޭގެ ފައިދާ ބޮޑު ކަންތައްތައް ނޫނިއްޔާ އިޤްތިޞާދީ ސިނަރޖީ ހިމެނޭ ކަންތައްތައް. އެކަމު ކޮންމެ މަސައްކަތަކީ، ވަކި ކޮށްލާފައި ވަކި ކުންފުންޏަކަށް ދީފި ކަމުގައިވަނީވިއްޔާ، ކޮންމެ ކުންފުންޏަކީ، ވަކި ކޮސްޓް ސެންޓަރަކަށް ވާކަމަށްވަންޏާ، އެއް ކުންފުންޏާ އަނެއް ކުންފުންޏާ ދޭތެރޭގައި އެއްވެސް ކަހަލަ ބަދަހިކަމެއް ނޯންނާނެ. އެކަމު އާޚިރުގައި، މި ހުރިހާ މަރުޙަލާތަކެއް ނިމިގެން، މަސްބާނާ މީހުން ބޭނީމާ، މަސްގަނެފައި މަސްގަނެގެން މަސް ޓްރާންސްޕޯޓް ކުރާ ކުންފުންޏަކީ، ތަފާތު ކުންފުންޏެއް. އަދި  އެ ޓްރާންސްޕޯޓްކޮށް ނިމުނީމާ، މަސްޕެކްކުރާ ކުންފުންޏަކީ، މުޅިން ތަފާތު ކުންފުންޏެއް. ޕެކްކޮށްގެން ނޫނިއްޔާ ބޭރަށް އެކްސްޕޯޓް ކުރެވޭނެ ގޮތެއް ނޯވޭ. އެހެންވީމާ، ވިސްނާލީމަ އެބަ އެނގޭ، މި ތަފާތު ތިން ކުންފުނިން މި މަސައްކަތް ކުރާކަމަށްވަންޏާ، ކޮންމެ ކުންފުންޏަކީ، އެ ކުންފުނިން ކުރާ މަސައްކަތުގައި އެންމެ ބޮޑު ފައިދާއެއް ހޯދަން ކުރާ މަސައްކަތެއް ކަމުގައި ވަންޏާ، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ކޮންޓްރޯލް ކުރެވޭއިރު، މަސް ޕެކްކޮށްގެން ނުކުންނަ ކުންފުންޏަކަށް އޭގެ ޒާތުގައި އަބަދަކު ފައިދާއެއް ނުވެސްވާނެ. އެހެންވެ، ސަރުކާރުގެ ވިސްނުން މިހާރު ބަދަލުވެގެން މި ދިޔައީ. އަޅުގަނޑުމެންގެ ސަރުކާރު އައުމާއެކީ އަޅުގަނޑުމެން ބޭނުންވީ، އަޅުގަނޑުމެން ޤަބޫލެއް ނުކުރަން، މިތަފާތު އެކި ޕްރޮޑަކްޝަން ޗޭންޖުތަކުގައި، ޕްރޮޑަކްޝަން ލައިނުގައި ތަފާތު ކުންފުނިތައް ޝާމިލުވާކަމަށްވަންޏާ އޭގެ ފައިދާ ބޮޑުވާނެ ކަމަކަށް.
 
އެހެންވީމާ، އެ ކުންފުނިތައް އެއްކޮށްލާފައި ހަމަ އިންޓަގްރޭޝަނަކަށް އަޅުގަނޑުމެން މި ދިޔައީ. މީގެ ބޭނުމަކަށްވަނީ، މަސްވެރިކަން މިހާރުގެ ޞިނާޢަތު، މިހާރު އޮތް ހިސާބުން އިތުރަށް ކުރިއަށް ގެންދިޔުން. މިއާއެކީ، މަސްވެރިކަމުގެ ދާއިރާ ފުޅާކުރުމުގެ މަސައްކަތްތައް އަޅުގަނޑުމެންނަށް ފެނިގެން މި ދިޔައީ. ޕެކެޓްގެ ސިފައިގައި ނަމުގައި ވީނަމަވެސް، އަދި ތަފާތު ދަޅުމަހުގެ ސިފައިގައި ވީނަމަވެސް އަދި ހަވާދު އެކުލެވިގެން ރިހަމަސް ކަމުގައި ވީނަމަވެސް، އަޅުގަނޑުމެންނަށް ތަފާތު ޕްރޮޑަކްޓްތަކެއް އެބަފެނޭ. އަދި އެއާއެކީ، މަސްވެރިކަން ތަފާތު ދާއިރާއަކަށް ގެންދިޔުމަށްޓަކައި ދެންމެ އަޅުގަނޑުމެންނަށް އެނގިގެން ދިޔައީ، މިއަދު މި ހުޅުވުނީ ބޮޑު ކަންނެލިވެސް ފެލިވަރަށް ގަންނަން އެ ޞިނާޢަތު މި ހުޅުވާލެވުނީ. އޭގެ ޒާތުގައި އެއީ، ފައިދާ ހުރިކަމެއް. އަދި ހަމައެހެންމެ، މަސްވެރިކަމުގެ އެހެން ދާއިރާތަކަށް، ފާނަމަސްވެރިކަން ނުވަތަ މަސް ކަލްޗަރ ކޮށްގެން މިކުރާ މަސައްކަތް، ނޫނިއްޔާ ހުއިފިލަނޑާ އުފައްދައިގެން މިކުރާ މަސައްކަތް. މިހިރީ ހައްތަހާވެސް މަސްވެރިކަމުގެ ޞިނާޢަތުގެ ދާއިރާ ފުޅާކުރެވެން ހުރި ކަންތައްތައް. އެހެންވީމާ، މިއަދުގެ ޒުވާނުންނަން އަޅުގަނޑު ހަމަ އިލްތިމާސް ކޮށްލަން ބޭނުންވަނީ، މިއީ ވަޒީފާގެ ފުރުސަތު އޮތް ދާއިރާއެކޭ. ފަހަރުގައި މިއީ އެންމެ ފައިދާ ބޮޑު ދާއިރާއަށް ނުވެ ހިނގާދާނެކަން ނޭނގެ. ނޫނިއްޔާ އެންމެ ކުރުމުއްދަތުގެ ތެރޭގައި، އެންމެ ބޮޑު ފައިދާ ނުވެ، އޮތް ދާއިރާ ކަމަށް ވެދާނެކަން ނޭނގެ. އެހެންނަމަވެސް، ދިވެހިރާއްޖޭގެ އާބާދީގައި އޮތް ޒުވާނުންގެ އަދަދަކީ މިހާރު 35 ޕަރސެންޓަށްވުރެ މަތީގެ އަދަދަކަށް ވަނީވިއްޔާ މި ހުރިހާ ޒުވާނުންނަށް ވަޒީފާ އެބަ ލިބެންޖެހޭ. އެހެންވީމާ، މަސްވެރިކަމުގެ ޞިނާޢަތަކީ މިކަން ކަށަވަރު ކޮށްދިނުމަށްޓަކައި ޙިއްސާވާނެ އެއް ޞިނާޢަތް.
 
ޓޫރިޒަމްގެ ޞިނާޢަތަކީ، ހަމަ އޭގެ އަނެއް ޞިނާޢަތް. ހަމައެއާއެކީ، ސަރުކާރުގެ ވިސްނުމުގައި ހުރި އިޤްތިޞާދީ ބޮޑެތި މަޝްރޫޢުތަކުން ރާއްޖޭގެ ރައްޔިތުންނަށް، ނޫނިއްޔާ ޒުވާނުންނަށް ބޭނުންވާ ވަޒީފާގެ ފުރުސަތު އިތުރުވެގެންދާނެ. މި ހުރިހާކަމެއްގެ އާޚިރު ނަތީޖާއަކަށް ވެގެންދާނީ، ދިވެހިރާއްޖޭގެ އިޤްތިޞާދު ރަނގަޅުކުރުން. އެ ހުރިހާ ވާހަކައަކާއެކީވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މަސްވެރިކަމުގެ ދާއިރާގައި މަސްބާނާ ހިސާބުން، މަސް ކަލެކްޓް ކުރާ ހިސާބުން، އެކި ސްޓޭޖުގައި މަސް ޕްރޮސެސްކޮށް، ޕެކްކުރާ ހިސާބުން އެނގޭނެ، މަސްވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތައް. މި ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިދާއިރާގައި ހުރި ގޮންޖެހުންތައް. މިއީކީ، ދިވެހި ސަރުކާރުން ކަނޑައަޅައިގެންއުޅޭ، ނޫނިއްޔާ އެކަށައަޅައިގެން އުޅޭ ގަވާއިދުތަކަކުން އުފެދިގެން އުޅޭ ކަންކަމެއްނޫން. މިއީ، ދުނިޔޭގެ ބާޒާރަށް  މި ތަކެތި ފޮނުވާއިރު، އަޅުގަނޑުމެން މީޓް ކުރަންޖެހޭ ފައިޓޯ ސެންޓްރިކް ކޮންޑިޝަންތަކެއް އެބަހުރޭ. މަހުގެ ކޮލިޓީ ވަކިވަރަކަށް އެބަ ހުންނަންޖެހޭ. މަހުގެ ސާފުތާހިރުކަން ވަކިގޮތަކަށް އެބަ ހުންނަންޖެހޭ. ބޮޑު ކަންނެއްޏެއް އޮތް ގޮތަކަށް އަޅުގަނޑުމެންނަކަށް އެކްސްޕޯޓް ކުރެވޭނެ ގޮތެއް ނޯވޭ. ބޮޑު ކަންނެލީގެ ކޮންޑިޝަން، ނޫނީ އޭގެ ތާޒާކަން ހުންނަ މިންވަރު އަޅުގަނޑުމެން އެބަ ދެނެގަންނަންޖެހޭ. އެހެންވީމާ، މިކަންކަމަށް ސަމާލުކަންދީގެން ނޫނިއްޔަކާއެއް، އަޅުގަނޑުމެންނަށް ދުނިޔޭގެ ބާޒާރުގައި ދިވެހި މަސް ނޫނިއްޔާ ދިވެހިރާއްޖެއިން މި ބާނާމަސް، އެއްވެސް ގޮތަކަށް ކޮމްޕީޓް ކުރުމުގެ ފުރުސަތެއް ނޯވޭ.
 
އަޅުގަނޑުމެންނަށް ހަމަ ތަންކޮޅެއް ކުރީގެ ހިސާބަކަށް ޖެހިލާކަމަށް ވަންޏާ އަޅުގަނޑުމެންނަށް އެބަ އެނގޭ، މިއިން މިވާ ގޮތް. އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމަކުން ކަނޑުގެ އުފެއްދުމެއް އެކްސްޕޯޓް ކުރަމުން ދިޔައީ، ޔޫރަޕްގެ ޤައުމަކަށް. އަޅުގަނޑު ހަނދާންވާގޮތުން ޑިގާ. އެހެންނަމަވެސް އެހާ ވަރަށް، އެހާ ވަރަށް، އޭގެ ސްޓޭންޑަޑަށް ނުބެލި ދިޔައިމަ މިވީ ގޮތަކީ، އޭގެ ބައެއް ދަޅުތަކުން ހަމަ ޙަޤީޤަތުގައިވެސް ފުޑް ޕޮއިޒަން ނޫނިއްޔާ ކޮންމެވެސް ކަހަލަ ނޭދެވޭ ޞިއްޙީ ކަންތައްތަކެއް އުފެދިގެންދިޔައީ، ބަލިމަޑުކަމެއް ފެތުރިގެންދިޔައީ. އެ ހިސާބުން ހަމަ ސުޕަރމާކެޓުގެ ޝެލްފްތަކުން އެ ހުރިހާ އެއްޗެއް ނެގީ. އަދި އެ ޤައުމު ދުވަސްތަކެއްވަންދެން ހަމަ މުޅިން އެޤައުމުގެ އެކްސްޕޯޓް ބޭން ކުރީ. އެހެންވީމާ، މިއީ އަޅުގަނޑުމެންނަށް ހުރި ގޮންޖެހުންތަކަކީ. އެހެންވީމާ، ދިވެހިރާއްޖޭގެ މަސްވެރިކަން ކުރާ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ދާއިރާއަކީ ޙަޤީޤަތުގައިވެސް އޭގެ ޒާތުގައި އެ ދާއިރާގެ ފަންނުގެ މަޢުލޫމާތު، އެކަން ހޯދުމުގައި ދުނިޔޭގެ ހުރިހާ ޤައުމުތަކާ އަޅުގަނޑުމެން ފައިތިލަ ހަމަ ކުރަންޖެހޭ ޞިނާޢަތެކޭ މި ޞިނާޢަތަކީ. އަދި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ހަމަ އެބަޖެހޭ، އެންމެ ވަރުގަދަ ފަންނީ އެހީތެރިކަންވެސް އަޅުގަނޑުމެން ހޯދަން. ސަރުކާރަށް ވެވޭނީ އެހީ، ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދެވޭނެ.
 
އަޅުގަނޑުގެ ހިތުގައި އެއްވެސް ކަހަލަ ޝައްކެއްނެތް، އިރާދަކުރެއްވިއްޔާ މަސްވެރިކަމާއި އެގްރިކަލްޗަރގެ ދާއިރާއާ މިއަދު ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރާ އަދި މިނިސްޓަރުގެ ވަރަށް އެކަށީގެންވާ ޓީމަކުން މި ކުރައްވާ މަސައްކަތުން އަދި އަޅުގަނޑުމެންނަށް އެހީތެރިވާ ބޭރުގެ އެކިއެކި ޖަމްޢިއްޔާތަކުން މިކުރާ މަސައްކަތުން އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖޭގެ މި މަސްވެރިކަމަކީ، ދެމެހެއްޓެނިވި ގޮތަކަށް އަދި ތިމާވެށްޓާ އެންމެ ރަޙްމަތްތެރި މަސްވެރިކަމުގެ ގޮތުގައި ދެމިއޮތުމަކީ، އިރާދަކުރެއވިއްޔާ އަޅުގަނޑުމެން ކުރާ އުންމީދު. އަދި ހަމައެހެންމެ، އަޅުގަނޑުމެންގެ މަސްވެރިކަން އިތުރަށް ފުޅާވެގެން ދިޔުމާއެކީ، ދިވެހިރާއްޖޭގެ މަހަށް ރަނގަޅު ގޮތްތަކެއް ލިބޭނެ ގޮތެއްވުން އަދި މަސްވެރިކަން އިތުރަށް ޑައިވަރސިފައި ވެގެން ދިޔުން.
 
މަސްވެރިކަމަކީ އެއްގޮތަކަށްވެސް ކަޅުބިލަ މަހުގެ މަސްވެރިކަން އެކަންޏެއްނޫން، ތަފާތު މަސްވެރިކަމަސް އެބަ ދާންޖެހޭ. އަދި ދިވެހިން ތަފާތު މަސްވެރިކަން އެބަކުރޭވެސްމެ. އެހެންމެ، މިކަންކަން ވެގެންނޫނިއްޔަކާއެއް މި ކަނޑުރޯދިން އާމްދަނީ ލިބޭނެ ގޮތެއް ނުވާނެ. އަދި ހަމައެހެންމެ، އަޅުގަނޑުމެންނަކަށް މި ދާއިރާއަކުންނެއް މި ޞިނާޢަތަކުންނެއް އިތުރު ވަޒީފާ އުފެއްދޭނެ ފުރުސަތެއް ޢަމުދުން ނުވެސް އޮންނާނެ. އެހެންވީމާ، މިކަންކަން ކުރުމުގައި ހުރިހާ ފަރާތްތަކުން އެބަޖެހޭ، ދުނިޔޭގައި މިކަން ކުރާ ގޮތް ދެނެގަންނަން. އަދި ހަމައެހެންމެ، ސަރުކާރުން ކުރާ މަސައްކަތްތަކަކީވެސް ހަމަ މިދެންނެވި ގޮތަށް، ދިވެހި މަސްވެރިންނަން ފަހިވާ ގޮތަށް ކަންތައްތައްކުރުން. އަދި ބައިނަލްއަޤްވާމީ ބާޒާރުތަކުގައި ދިވެހި މަސް އެކްސްޕޯޓް ކުރެވޭނެ ވަސީލަތްތައް، ފުރުސަތުތައް ތަނަވަސްކޮށްދޭން ކުރާ މަސައްކަތަށްވާން އެބަޖެހޭ.
 
އަޅުގަނޑު ވާހަކަކޮޅު ނިންމާލަމުންވެސް އަޅުގަނޑު އެދެނީ، މަސްވެރިންގެ ދުވަހު، ހުރިހާ މަސްވެރިންނަށް އެމީހުންގެ ޢާއިލާ ތަކަށާއި އަދި މަސްވެރިކަމުގެ ދާއިރާގައި މި ހިމެނޭ ހުރިހާ އިންޑަސްޓްރީގައި މަސައްކަތް ކުރައްވާ ޕެކަރުން، ޕްރޮސެސަރުން މި ހުރިހާ ފަރާތްތަކަށް މިއަދުގެ މުނާސަބަތުގައި ތަހުނިޔާ ދަންނަވަން. އަދި ހަމައެއާއެކީ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ތިޔަ ކުރައްވާ މަސައްކަތްތަކަކީ، ޝައްކެއްވެސްނެތްގޮތުގައި ދިވެހިރާއްޖޭގެ އިޤްތިޞާދަށް ހަމަ އެހާމެ ފައިދާ ހުރި، އަދި ރާއްޖޭގެ ސަރުކާރާއި ދިވެހި ރައްޔިތުންގެ ޝައުގުވެރިކަން ހުރި ދާއިރާގެ މަސައްކަތޭ ތިޔަ ކުރައްވަނީ. އެހެންވީމާ، ތިޔަ މަސައްކަތުގައި ދެމިތިއްބަވާށޭ. އަދި ތިބޭފުޅުންގެ ހިތްޕުޅުހެޔޮކަމާއެކީ ދިވެހި ޒުވާނުންނަށް، ދިވެހިންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސް ކޮށްދެއްވަން ކޮށްދެއްވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދެއްވާށޭ. މި ނޫންގޮތަކަށް ދެމެހެއްޓެނިވި މަސްވެރިކަމެއް އަޅުގަނޑުމެންނަކަށް ނުކުރެވޭނެ. އަޅުގަނޑުމެން ދިވެހިރާއްޖޭގައި އުފައްދާ އިޤްތިޞާދީ ފުރުޞަތުތަކުގެ ޙަޤީޤީ މަންފާ ލިބެންޖެހޭ ފަރާތަކަށް ވާންވާނީ ދިވެހިން. މިނޫން ގޮތަކަށް ސަސްޓެއިނެއް ނުކުރެވޭނެ އެއްވެސް ވިޔަފާރިއެއް. އެހެންވީމާ، މި އިލްތިމާސްކޮށްލަމުން އަޅުގަނޑު ދިވެހި ޒުވާނުންނަށް ހަމަ ދަންނަވާލަން ބޭނުންވަނީ، މިއަދު ދިވެހި ޒުވާނުން އެބަޖެހޭ، ކެޔޮޅުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތަކާއި، ޒުވާނުން މަސްވެރިކަމުގެ ދާއިރާއަށް ނުކުތުމަށްޓަކައި ސަރުކާރުން މިދޭ ޢިނާޔަތްތަކާއި، ޝައުޤުވެރި ކުރުވަން މިކުރާ މަސައްކަތުގައި މީގެ ބޭނުން ހިއްޕަވައިގެން ހަމަ ޒުވާނުން މިއަދު އެބަޖެހޭ، އެހެންޏާ އަތްކުރު ގަމީސް ލައްވަން ނޫނިއްޔާ އަތުކުރި އޮޅާލައްވަން.
 
އަޅުގަނޑު އެދެނީ، ދިވެހި ޒުވާނުން މިދާއިރާގައި ޝައުޤުވެރިކަމާއެކީ މަސައްކަތް ކުރައްވާނެ ދުވަސްތަކެއް އަޅުގަނޑުމެންނަށް ފެނިގެންދިޔުން. އަދި ﷲގެ ރަޙްމަތާއެކީ އަޅުގަނޑުމެންނަށް ކަނޑުގެ ރޯދި ބަރަކާތް އިތުރުކުރައްވާށި.
 
والســّلام عليــكم ورحـمــة اللّـه وبـركاتـه