‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް، ބަންގްލަދޭޝް ސަރުކާރުން ‏‏ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ‏ރިއަރ އެޑްމިރަލް އޭ.ސީ.އޭ.އެމް.އޭ. އައްޥަލް، ވަދާޢީ ‏‏ޒިޔާރަތް ކުރައްވައިފިއެވެ.‏

ރައީސުލްޖުމްހޫރިއްޔާގެ‏‎ ‎‏އޮފީހުގައި ހޯމަ ދުވަހު ހެނދުނު އޮތް ‏‏މިބައްދަލުކުރެއްވުމުގައި، ‏‏ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައެޅުއްވި ‏‏ސަފީރުކަމުގެ މަޤާމުގައި ހުންނަވައިގެން، ރާއްޖެއަށް އެކި‏‎‎‏ގޮތްގޮތުން ދެއްވި އެއްބާރުލެއްވުމާއި ‏‏ބެހެއްޓެވި ގާތްކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު ‏‏އަދާކުރެއްވިއެވެ. ‏‏އަދި ދިވެހިރާއްޖެއާއި ‏‏ބަންގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުން، ‏‏ކުރިއަށް އޮތްތާނގައިވެސް އިތުރަށް ‏‏ހަރުދަނާވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ‏‏ރައީސުލްޖުމްހޫރިއްޔާ‏‎ ‎‏ވިދާޅުވިއެވެ‏‎.‎‏ ‏

‏ބަންގްލަދޭޝްގެ ސަފީރުގެ ވާހަކަފުޅުގައި، ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ ‏‏މަޤާމުގައި ހުންނަވައިގެން، ރާއްޖެއަށް ޚިދުމަތް ކުރެއްވުމަކީ، ‏ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ‏‏ކަމެއް ކަމުގައި ވިދާޅުވިއެވެ.‏ ‏އަދި ބަންގްލަދޭޝް ސަރުކާރުން އަބަދުވެސް ރާއްޖެއަށް އެހީތެރިކަމާއި ‏‏އެއްބާރުލެއްވުން ދެއްވާނެކަމުގެ ‏‏ޔަޤީންކަން ދެއްވިއެވެ.‏