بســم اللّـه الرّحمـن الرّحيــم

ރޯދި ބަރަކާތާއި ރިޒުޤު، އިންސާނިއްޔަތަށް ތަނަވަސްކޮށްދެއްވާ اللّـه سبحـانـه وتعـالىއަށް ޙަމްދުކޮށް ޝުކުރުކުރަން. މިއުންމަތުގެ މާތް ނަބިއްޔާ مُحَمَّـدرســول اللّـه صـلّى الله علـيـه وسـلّمއަށް ޞަލަވާތާއި ސަލާމް ލައްވާށި! މި ދުޢާގައި، އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަން.

ދިވެހި ލޮބުވެތި މަސްވެރިން، މަސްވެރިންގެ ޢާއިލާތައް، އަދި މަސްވެރިންގެ ބައިވެރިން ކަމުގައިވާ ޞިނާޢީ މަސައްކަތް ކުރައްވާ މިފްކޯފަދަ ޕްރޮސެސަރުން، މިތަނަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
އަޅުގަނޑުގެ އުފަލެއް ކަމުގައި ދެކެނީ، މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ، ދިވެހި ހުރިހާ މަސްވެރިންނަށާއި، މަސްވެރި ޢާއިލާތަކަށް އަދި މަސްވެރިކަމުގެ ދާއިރާގެ ޞިނާޢަތުގައި މިއުޅުއްވާ ހުރިހާ ފަރާތްތަކަށް އިޙްލާސްތެރިކަމާއެކީ ރައްދުކުރުން. އަދި ހަމައެއާއެކީ، ސުންނަތެއްގެގޮތުގައި އޮންނަކަމެއް މިކަހަލަ ޙަފްލާތައް، މިހާ ވަރުގަދައަށް ތައްޔާރުކުރާ ފަރާތްތައް، އަޅުގަނޑުގެ ހަނދާނުން ކައްސާލުމުގެ ކުރިން ޝުކުރު ދެންނެވުން. އެހެންކަމަށްޓަކައި މިއަހަރުގެ މަސްވެރިންގެ ދުވަސް މިހާ ކުލަގަދަގޮތެއްގައި ފާހަގަކުރެވޭއިރު، މީގެ އެންމެބޮޑު ޙިއްޞާއެއް އަދާކުރާ އެއްފަރާތަކީ، މިފްކޯކަން އަޅުގަނޑަށް ގަބޫލުކުރެވޭ. އެހެންކަމުން، މިފްކޯގެ މެނޭޖްމަންޓުގެ އެންމެ އިސްބޭފުޅުންނަށާއި، މިފްކޯގައި މަސައްކަތް ކުރައްވާ ހީވާގި، ހުރިހާ މުވައްޒަފުންނަށް އިޙްލާސްތެރިކަމާއެކީ ޝުކުރުދަންނަވަން.
 
އާދެ! އަޅުގަނޑު ފާދިއްޕޮޅަށް އައުމުން، ފުރަތަމަ ބަނދަރުކުރަން ޖެހުނީ މިފްކޯގައި. މިފްކޯގެ ހުރިހާ މުވައްޒަފުން، އަޅުގަނޑަށާއި އަޅުގަނޑުގެ ވަފުދުގައި މި ވަޑައިގެންނެވި ބޭފުޅުންނަށް، ތިޔަ ވިދާޅުވި ހޫނު އިސްތިޤްބާލަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
އާދެ! ޝައްކެއްވެސްނެތްގޮތުގައި މިއަހަރުގެ މަސްވެރިންގެ ދުވަސް އެއްގޮތަށްވުރެ ގިނަގޮތްގޮތުން ޚާއްޞަވެގެން އެބަދޭ. އަޅުގަނޑަށް، މަސްވެރިންގެ ދުވަސް މިފަހަރު ޚާއްޞަވެގެންމިދަނީ، މި ޒަޢާމަތުގެ ތެރޭގައި، މަސްވެރިންނަށް އާކަންތައްތަކެއް ކޮށްދިނުމަށް އަޅުގަނޑުގެ މެނިފެސްޓޯގައި، ޕީ.ޕީ.އެމްގެ މެނިފެސްޓޯގައި އެކަށައަޅާފައި އޮތުމާއި، އަދި އޭގެ ތެރެއިން ކަންތައްތަކެއް ހާސިލުވެގެންދާތަން ފެނުމުގެ އުފާ، އަޅުގަނޑަށް ޙިއްޞާކުރެވޭތީ. އެއްކަމެއްގެ ގޮތުގައި ﷲގެ ރަޙްމަތާއެކީ މިއަދު ހުޅުވިގެން މިދަނީ، ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވޭ މަސްވެރިންގެ މެރީނާ. ފެލިވަރުގައި މި ހުޅުވޭ މަސްވެރިންގެ މެރީނާއަކީ، ދެންމެ ވާހަކަފުޅު ދެއްކެވި ބޭފުޅުންގެ ވާހަކަފުޅުގައި ވިދާޅުވިގޮތަށް، މަސްވެރިން މިރަށަށް އައިސް ބަނދަރުކުރުމުން މަސްވެރިންނަށް އެތަކެއް ފަސޭހަތަކާއި އަދި އެމީހުންނަށް ބޭނުންވާ ތަފާތު ޚިދުމަތްތައް ލިބިގެންދާނެ ތަނެއް.
 
މިކަންކަމުގެ ބޭނުމަކީ، ޝައްކެއްވެސްނެތްގޮތުގައި މަސްވެރިކަމުގެ ޞިނާޢަތުގައި ގިނަބަޔަކު ދެމެހެއްޓުމާއި އަދި މަސްވެރިކަމުގެ ޞިނާޢަތަށް އަލަށް ގިނަ ޒުވާނުން ގެނައުމަށްޓަކައި ކުރެވޭ މަސައްކަތް. ޒުވާނުންނަށް ހަމަޖައްސަން ބޭނުންވާ ކަންތައްތައް މިތާ ހަމަޖެހިފައި ހުރިކަން އަޅުގަނޑަށް ޤަބޫލު ކުރެވޭ. އެހެންކަމުން، މުނިފޫހިފިލުވުމުގެ ޙަރަކާތުގެ އިތުރަށް، ޒުވާނުން ޝައުޤުވެރިކުރުވުމަށް މިކަހަލަ މެރީނާއެއްގައި ހުންނާނެ ކަންތައްތަކެއް މިތަނުގައި އެކުލެވިގެންވާކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭ. އެހެންވީމާ، މިއަދު މަސްވެރިންގެ ދުވަހުގެ އިޙްތިފާލުކުރަމުންދާ މި މުނާސަބަތުގައި، ދިވެހިރާއްޖޭގައި އަލަށް ނޫނީ ފުރަތަމަ ފަހަރު މިހުޅުވޭ މަސްވެރިންގެ މެރީނާ ހުޅުވިގެންދާތީ، މިކަމުގައި އެންމެ އިސްކޮށް އުޅުއްވި ފިޝަރީޒް މިނިސްޓަރ ޑޮކްޓަރ މުޙަންމަދު ޝައިނީ އަދި ހަމައެއާއެކު އެމަނިކުފާނަށް އެހީތެރިވެވަޑައިގަންނަވަން މިފްކޯގެ މެނޭޖްމަންޓް ޓީމުން އުޅުއްވި މެނެޖިންގ ޑިރެކްޓަރ އަލްފާޟިލް ޢަދުލީ އިސްމާޢީލަށާއި، މިފްކޯގެ ބޯޑުގެ އެންމެހައި ޢިއްޒަތްތެރި މެމްބަރުންނަށާއި، މިފްކޯގެ ހީވާގި މުވައްޒަފުންނަށް ވަރަށް އިޚްލާސްތެރިކަމާއެކީ ޝުކުރުދަންނަވަން.
 
ހަމައެއާއެކީ އަޅުގަނޑުވެސް ދަންނަވާލަން ބޭނުންވަނީ، މަސްވެރިކަމުގެ ޞިނާޢަތަކީ، ދިވެހިރާއްޖޭގައި މި ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި އެންމެ ހީވާގިކަމާއި މުރާލިކަމާއެކީ ދިވެހި ދަރިންކުރާ އެންމެ ވަރުގަދަ މަސައްކަތް. ވާރެއާއި އަވީގައި، ގަދަކަނޑުގައި، ފިންޏާއި ހޫނުގައި، މަސްވެރިން މި ކުރާ މަސައްކަތަކީ، ޝައްކެއްވެސްނެތްގޮތުގައި ދިވެހިރާއްޖޭގެ ދާއިމީ އެންމެ ވަރުގަދަ ޞިނާޢަތް ދަމަހައްޓަން ކުރާ މަސައްކަތް. މިވާހަކަ މިދަންނަވަނީ، އެއްގޮތަކަށްވެސް ޓޫރިޒަމްގެ ޞިނާޢަތުގެ މަތިން އަޅުގަނޑު ހަނދާންނެތިގެނެއް ނޫން. ޒަމާނުއްސުރެ ދިވެހިންގެ އެންމެ ގާތް، އަދި ދިވެހިންނަށް އެންމެބޮޑަށް އާމްދަނީ ލިބޭ މަސްވެރިކަމުގެ ޞިނާޢަތް، މި ޞިނާޢަތަކީ. މުޅި ރާއްޖެއަށް، އުތުރާއި ދެކުނަށް، ހުޅަނގާއި އިރަށް ފެތުރިފައި މިއޮތް ޞިނާޢަތަކީ އަދިދިވެހިންނަށް އާމްދަނީ ލިބެނީ ޒަމާނުއްސުރެ މަސްވެރިކަމުގެ ދާއިރާއިން.
 
އެހެންނަމަވެސް، މިދާއިރާއަށް އަންނަ ތަރައްޤީތައް ގެނައުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް، ރައީސް މައުމޫނުގެ 30 އަހަރުގެ ޒަޢާމަތުގައިވަނީ ކުރައްވާފައި. ހަމަ އޭގެތެރެއިން އެއްކަމެއްގެ ގޮތުގައި އަޅުގަނޑުމެން މިފްކޯ ފާހަގަކުރަމުން މިދަނީ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ޚިޔާލަށް އަންނަމުންދިޔަ ބަދަލުތަކާއި އަދި ވިސްނުމަށް އައި ބަދަލާއި އަދި އެކިއެކި ވިޔަފާރިވެރިން، ދިވެހިވިޔަފާރިވެރިން، ވިޔަފާރީގައި ޖާގަ ހޯއްދަވަން ކުރެއްވި މަސައްކަތުގެ ތެރޭގައި މީގެ 10 ވަރަކަށް އަހަރު ކުރީއްސުރެ ވަރަށް ބޮޑެތި ވާދަވެރި ކަންތައްތަކެއް މިއޮތީ އުފެދިފައި.  އޭގެ ޒާތުގައި ވިޔަފާރީގައި ވާދަވެރިން އައުމަކީ، ރަނގަޅު ކަންކަން. އެހެންނަމަވެސް، އޭގެ ޒާތުގައި ހަމަ ވިސްނާލަންޖެހެނީ، މިހެން އުފެދިފައި ހުންނަ ބޮޑެތި ކުންފުނިތަކުން ޢާންމު ފަރުދުން ވިޔަފާރީގައި އުޅޭއިރު، ކޮށްނުދެވޭ އެތައް ޚިދުމަތެއް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭކަން. އޭގެތެރޭގައި، މަހުގެ އަގު ވަކި އަގެއްގައި ހިފެހެއްޓުމާއި އަދި ކުންފުންޏަށް ފައިދާވިޔަސް ނުވިޔަސް، މަސްވެރިންގެ ޙައްޤުގައި ކުރަންޖެހޭ ކަންތައްތަކެއް އެބަކުރޭ. އޭގެތެރޭގައި، މަހުގެ އަގު ވަކި އަގެއްގައި ބަހައްޓައިގެން މިކަންކުރުމަކީ، ކުރަންޖެހޭ އެއްކަމެއް.
 
ހަމައެގޮތަށް މިތަނުގައި މިއަދު ޤާއިމްވެގެން މިދާ މަސްވެރިންގެ މެރީނާއަކީވެސް، މަސްވެރިންނަށް ފަސޭހަކޮށްދިނުމަށްޓަކައި ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައި އޮތްކަމެއް. ފުއްދައިދިނުމަށްޓަކައި ކުރެވޭކަމެއް. އެހެންވީމާ، މިއައި ޚިޔާލުތަފާތުވުންތަކާއެކީ މިދިޔަ 10 ވަރަކަށް އަހަރުގެ ތެރޭގައި، މަސްވެރިކަމުގެ ޞިނާޢަތަށް އިތުރު ދިވެހި ވިޔަފާރިވެރިންތަކެއް ކުރިމަތިލެއްވިކަމީ، ޝައްކެއްވެސްނެތް ގޮތުގައި އީޖާބީކަމެއް، އެކަމަށް މަރްޙަބާ ކިޔާކަމެއް. އެހެންނަމަވެސް، އެއާއެކީ ދައުލަތުން މި ހިންގާ މަސްވެރިކަމުގެ ކުންފުނިތަކަށް އެއިން ލިބުނީ އާރޯކަމެއް ނޫން. އެއިން ލިބިފައިވަނީ އަނަރޫފަކަން. އެހެންވީމާ، މި ސަރުކާރުގައި މިކުރެވޭ މަސައްކަތަކީ މަސްވެރިންގެ ޞިނާޢަތު، ދާއިމީ ޞިނާޢަތެއްގެ ގޮތުގައި ދަމަހައްޓައި މި މަންފާ ޢާންމުވެގެން މުޅި ރާއްޖެއަށް، މަސްވެރިންނަށް ފަތުރާލުމަށްޓަކައި ކުރާ މަސައްކަތް. އިންޓަރގްރޭޓް ކުރުމުގެ މަސައްކަތް މިކުރެވެނީ.
 
މި ކުރެވޭ މަސައްކަތުގައި މިފްކޯއަށް ބޮޑެތި ބަދަލުތަކެއް އަންނަމުން އެބަދޭ. އޭގެތެރޭގައި އެއްކަމަކީ، ދެންމެ ޢަދުލީގެ ވާހަކަފުޅުގައި އެ ފާހަގަކުރެއްވިގޮތަށް މިހާރު މިވަނީ މިފްކޯ އަޕްގްރޭޑް ކުރަން ފެށިފައި. މިއީ، ވަރަށްކުރީގައި އެސްޓެބްލިޝް ކުރެވިފައި، އުފައްދާފައި އޮތް ކާރުޚާނާއެއް. އެހެންނަމަވެސް، މި ކާރުޚާނާ މިޒަމާނުގެ ފެންވަރަށް ގެނައުމާއި އަދި އާބާތުރަ ފިލުވުމަށް މިކުރާ މަސައްކަތާއެކީ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިމޭއިރު ދެންމެ އަޅުގަނޑުމެންނަށް އެނގިގެންދިޔަގޮތަށް ގާތްގަނޑަކަށް 240 ވަޒީފާ އިތުރުވެގެންދާނެ. އެހެންވީމާ، މިކަންކަމަކީ، މި ޞިނާޢަތަށް ގެންނަ ބަދަލުތައް އަދި ހަމައެއާއެކީ މި އިންޓަރގްރޭޓް ކުރުމަށް ކުރެވޭ މަސައްކަތަކީ، އެކިއެކި ކުންފުނިން މިކަން ކުރީމާ ލިބޭ ގެއްލުންތައް މިދިޔަ 5 އަހަރެއްހާ ދުވަހުގެ ތެރޭގައި، ކުންފުނިތަކުގެ ބެލެންސް ޝީޓުން އެކަނި ބަލާލީމަ ނޫނީ، އިންކަމް ސްޓޭޓްމަންޓް ބަލާލީމާ އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި ކުރެވޭ މަސައްކަތަކީ، ހަމަ މަސްވެރިންނަށް މިއަދުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މަސްވެރިންނަށް މިއިން ލިބޭނީ ހަމަ ވަރުގަދަ ރަނގަޅު މެސެޖުތަކެކޭ.
 
އަދި އެއާއެކީ އަޅުގަނޑު ހަމަ މިއަދުވެސް ދަންނަވާލަން ބޭނުންވޭ، ރިޔާސީ އިންތިޚާބަށް ކުރިމަތިލައިގެން އުޅުނުއިރު އަޅުގަނޑު ދެއްކި ވާހަކަތަކުގެ ތެރޭގައި، ޕީ.ޕީ.އެމް މެނިފެސްޓޯގައި ދަންނަވާފައި އޮންނާނެ، މަސްވެރިންނަކީ، މަސް ބާނާ މޫސުމާއި މަސް ނުބާނާ މޫސުމުގައިވެސް ހަމަ ރޯދި ބަރަކާތް ހޯދުމަށްޓަކައި، ހަމަ ކަނޑުތަކުގައި މަސްވެރިން ހޭދަ ކުރައްވާ ވަގުތުތަކެއް އާދެއޭ. އެހެންވީމާ، މަސްވެރިންނަށް އިންޝުއަރެންސް ސްކީމެއް ޤާއިމު ކުރުމުގެ ވާހަކައަކީ، ހަމަ ޚިޔާލަށް އައިސްގެން ދެއްކުނު ވާހަކައެއްނޫން. އެއީ، ރިސަރޗްތަކެއް ކުރެވި، ދިރާސާތަކެއް ކުރެވިފައި، ދެއްކިފައިވާ ވާހަކައެއް.
 
މިއަދުވެސް އަޅުގަނޑު އިލްތިމާސް ކޮށްލަން ބޭނުންވަނީ، މަސްވެރިންނަށް ބެޔަސް ނުބެޔަސް 10000 ރުފިޔާގެ ޝިޢާރުގެ ދަށުން އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މަސްވެރިންގެ ދޯނިފަހަރު ރަޖިސްޓަރީ ކުރެއްވުމުގެ މަސައްކަތް މެކުހަށް ޖައްސަވާށޭ. އެކަން ކުރެއްވުމުގެ ބޭނުމަކީ، މަސް ނުބާނާ ދުވަސްތަކުގައި މަސްވެރިންގެ ޢާއިލާތައް ބަލަހައްޓައިދޭނެ ކޮންމެވެސްކަހަލަ ރައްކާތެރިކަމުގެ ނިޒާމުގެ ތެރޭގައި މަސްވެރިން ގެންގުޅުން. އެހެންނޫނީ އަޅުގަނޑުމެންނަށް ދެމެހެއްޓެނިވި ގޮތެއްގައި މި ޞިނާޢަތު ގެންދެވޭނެކަމަށް ޤަބޫލެއް ނުކުރެވޭ.
 
ހަމަ އުފަލާއެކީ ދަންނަވާލަން ބޭނުންވޭ، ދެންމެ އިޢުލާންކުރެވިގެންދިޔަ ގޮތަށް މިހާރު މިތަނަށް ބޮޑުކަންނެލި ގަތުމުގެ މަސައްކަތްވެސް މިއޮތީ ފެށިފައި. އެހެންވީމާ، ތަފާތު މަސައްކަތްތަކެއް މިދަނީ ކުރެވެމުން. މިއަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން މިކުރެވޭ މަސައްކަތްތައް. މީގެ ނަތީޖާއަކަށް ވެގެންދާނީ، ޞިނާޢަތު އިތުރަށް ފުރިހަމަކުރުމާއެކީ، މަސްވެރިކަމުގެ ޞިނާޢަތުގެ ތެރެއިން އާ ވަޒީފާތަކެއް އުފެދިގެން ދިޔުން. މިތަނުގައި މި ޤާއިމުކުރެވޭ، ތަމްރީނުދޭ މަރުކަޒުވެސް އުފައްދަން މި އުޅެނީ ޒުވާން ކެޔޮޅުން އުފެއްދުމަށް. ޒުވާން ކެޔޮޅުން އުފެއްދުމުގެ ބޭނުމަކީ، މިހާރު ދިވެހިރާއްޖޭގެ އާބާދީގެ އެންމެ ބޮޑު ބަޔަކީ ޒުވާނުން ކަމުގައިވާތީ. މިއީ ޒުވާނުން ޝައުޤުވެރިކުރުވުމަށް ކުރާ މަސައްކަތް.
 
އަޅުގަނޑަށް ނޫސްތަކުން ފެނޭ، ޒުވާނުންގެ ވާހަކަ އަބަދު ދައްކާތީ. މިއަށް އެކި ކަހަލަ ކޮމެންޓް އާދޭ. އެހެންނަމަވެސް، މިއަދުވެސް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ހަކަތައަކީ، ޒުވާނުންގެ ހިތްވަރޭ. އިންޖީނުގެ ޑައިނަމޯއަކީ ޒުވާނުންގެ މުރާލިކަމޭ. އެހެންވެގެންނޭ، މި ސަރުކާރުން އެހާވަރަށް ޒުވާނުންނަށް އިސްކަންދީގެން ޒުވާން މަސްވެރިޔާ، ޒުވާން ވިޔަފާރިވެރިޔާ އަދި އެކިކަންކަމަށް ޒުވާން ފަންނުވެރިން ނެރެގެން މަސައްކަތް މި ކުރެވެނީ. ދިވެހިރާއްޖެ ކުރިޔަށް ގެންދިޔުމަށްޓަކައި ހަމަ އެންމެ ވަރުގަދަ ހަކަތައެއް އުފައްދާނެ ބަޔަކީ، ޒުވާނުން.
 
އަޅުގަނޑުމެން މި ވާހަކަ މި ދައްކަނީ މިއަދު. އަދި އިއްޔެ. އެއީ، އަޅުގަނޑުމެން ރިޔާސީ އިންތިޚާބަށް ނުކުމެގެން އައިއިރު، ކުރިމަތިލައިގެން އައިއިރު. އެކަމު މިއަދު އ.ދ.ގެ ސެކްރެޓެރީ ޖެނެރަލްވެސް އަދި ދުނިޔޭގެ އެހެން ޤައުމުތަކުގެ ވެރިންވެސް، ޒުވާނުންނަށް ޖާގަ އޮންނަންޖެހޭ ކަމުގެ ވާހަކަ އެ ގެންދަވަނި ހަމަ އަޑުގަދަކޮށް ދައްކަވަމުން. އެހެންވީމާ، ދިވެހިރާއްޖޭގެ އާބާދީގެ ޙަޤީޤަތް ގަބޫލުކުރާ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ކާރުޚާނާތަކުގައި ހަކަތަ ހިފަހައްޓަން ބޭނުންވާކަމަށްވަންޏާ، ޒުވާނުން މިކަހަލަ ދާއިރާތަކަށް ނެރެން އެބަޖެހޭ. ސަރުކާރަށާއި މިފަދަ ޕްރޮސެސިންގ ކާރުޚާނާތައް ހިންގާ ކުންފުނތަކަށް ކޮށްދެވޭނީ، މިއަށް ބޭނުންވާ ޢަމަލީ މަސައްކަތް. އެ މަސައްކަތް ކުރުމާއެކީ، އެ މީހުން ހިތްހަމަޖެއްސުމަށްޓަކައި، ޝައުޤުވެރިކުރުވުމަށްޓަކައި ކުރާ މަސއްކަތްކުރުން. އެހެންވީމާ، މިއަދުވެސް އަޅުގަނޑު އިލްތިމާސްކޮށްލަން ބޭނުންވަނީ، އަޅުގަނޑުމެން ގެޓްސެޓް ޕްރޮގްރާމުގެ ނަމުގައި ކަމެއް ކުރިޔަސް، އަޅުގަނޑުމެން މިތަނުގައި ފެލިވަރު އަޕްގްރޭޑް ކުރަން ކުރާ މަސައްކަތް ކުރިނަމަވެސް، މި ކުރެވޭ ހުރިހާ މަސައްކަތަކީ، ޙަޤީޤަތުގައިވެސް މި ކާރުޚާނާއަށް، މި ޞިނާޢަތަށް، ޒުވާނުން ނެރެން ކުރާ މަސައްކަތޭ. އެހެންވީމާ، މި މަސައްކަތުގައި އުޅުމަކީ، ހަމަ ޒުވާނުންނަށް ލިބޭ ރަނުގެ ފުރުޞަތަކަށްވެގެންދާނެ. މިއަދު މި އަޕްގްރޭޑް ކުރެވެން ފެށޭ މަޝްރޫޢުގެ ދަށުންވެސް 250 ނޫނީ 240 ވަޒީފާ އުފެދިގެން ދިޔުމަކީ، އެތައް ޢާއިލާއެއް ބެލެހެއްޓުމުގެ ޖާގަ އަޅުގަނޑުމެންގެ އިޤްތިޞާދަށް ލިބޭނެކަމެއް. މިވަގުތު މިފްކޯ އޮތީ، އެންމެ ރަނގަޅު ހާލަތުގައި ނޫންކަމުގައިވީނަމަވެސް މިފްކޯއިން އެކަނިވެސް ޖާގަ އެބަ ހޯދައިދޭ.
 
އަޅުގަނޑުގެ ވާހަކަކޮޅު ހަމަ ނިންމާލާނަން ވަގުތުގެ ނުތަނަވަސްކަމާއެކީ. އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް ހަމަ ދަންނަވާލަން ބޭނުންވަނީ، ދިވެހި މަސްވެރި އާއިލާތަކަށް، ދިވެހި މަސްވެރިންނަށް ދަންނަވާލަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ ﷲ ގެ ރަޙްމަތާއެކީ އަޅުގަނޑުމެން މި ސަރުކާރުން ހަމަ އިންޤިލާބީ ބަދަލުތަކެއް މަސްވެރިކަމުގެ ޞިނާޢަތަށް ގެންނަން ބޭނުންވޭ. އަދި އެއާއެކީ ކުންފުނިތައް ހިންގުމުގައި އަޅުގަނޑުމެންނަށް މިއަދު އެބަ އިޙްސާސްކުރެވޭ، ކުންފުނިތައް ހިންގުމުގައި މައި ސަރުކާރުގެ ދައުރެއް އޮންނަންޖެހޭކަން އެބަ ގަބޫލުކުރެވޭ. އަޅުގަނޑުމެން މާލޭގައި އެ ހިތްދަތިކަން އިޙްސާސްކުރަމުން މިދަނީ. އެހެންވީމާ، ކުންފުނިތަކަކީ، ޒިންމާދާރުކަމާއެކީ ބޯޑުތައް ހިންގަވާ ތަންތަންކަމުގައި ވީނަމަވެސް، މައި ސަރުކާރުގެ ދައުރެއް ކުންފުނިތަކުގައި އޮންނަންޖެހޭކަން އަޅުގަނޑުމެން ކިތަންމެ ރަނގަޅަކަށްވެސް އެބަ ގަބޫލުކުރަންޖެހޭ. އެހެންވީމާ، އަޅުގަނޑުމެންގެ ސަރުކާރެއްގައި ދެން ބާކީ އޮތް 4 އަހަރު އަޅުގަނޑުމެން މަސައްކަތްކުރާނީ، މިފްކޯ ކަހަލަ ކުންފުނިތައް ހިންގުމުގައި ސަރުކާރުން އެހީތެރިވުމާއެކީ ސަރުކާރުގެ ދައުރު ވަރުގަދަ ކުރަން. ރައްޔިތުންނަށް ލިބޭ އިންޝުއަރަންސް އެއީ، ރައްޔިތުންނަށް ލިބޭ އިތުބާރު.  
 
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީވެސް، މަސްވެރިންގެ ދުވަހުގެ ތަހުނިޔާ، ހުރިހާ މަސްވެރިންނަށް، މަސްވެރި ޢާއިލާތަކަށް އަދި މަސްވެރިންގެ އެންމެ ގާތް ބައިވެރިން ކަމުގައިވާ މި ޞިނާޢަތް ދަމަހައްޓަވަން މަސައްކަތް ކުރައްވާ ޕްރޮސެސަރުންނަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި ޝުކުރު ދަންނަވަމުން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މާތްﷲ ރޯދި ބަރަކާތް އިތުރު ކުރައްވާނެ. މިފްކޯއާއި މަސްވެރިން މި ކުރައްވާ މަސައްކަތުގައި ﷲ ގެ ތަނަވަސްކަން އަޅުގަނޑުމެންނަށް އިތުރު ކުރައްވާނެ. އިރާދަކުރެއްވިއްޔާ ދިވެހިރާއްޖެއަކީ، ފާގަތި، އުފާވެރި މުސްތަޤްބަލެއް އޮތް ޤައުމެއްގެ ގޮތުގައި ﷲ ލަހައްޓަވާށި!
 
والســّلام عليــكم ورحـمــة اللّـه وبـركاتـه