بســم اللّـه الرّحمـن الرّحيــم

 
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى سيدنا محـمَّدٍ، خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
މިތަނަށް، މި ރަސްމިއްޔާތަށް ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، ހުޅުމާލޭގައި ދިރިއުޅުއްވާ އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުން، މި ޖަލްސާ، އައްސަވަމުން، ބައްލަވަމުން ގެންދަވާ އެންމެހައި ލޮބުވެތި ދިވެހި ރައްޔިތުން،
 
السّــلام عليــكم ورحـمــة اللّـه وبـركاتـه،
 
އާދެ، މިއަދު މިއުފާވެރި ވަގުތު އަޅުގަނޑަށް ޚާއްޞަ އުފަލެއް ލިބިގެން މިދަނީ، އަޅާލުންތެރިކަމުން މުޅިން މަޙްރޫމްވެފައިތިބި ކުދިންތަކަކަށް، އެންމެ ތުއްތު ކުއްޖާ 6 މަސްދުވަހުގެ ކުއްޖެއް، ދޮށީ ކުދިން، ބާލިޣުވެފައި ތިބި ކުދިން، މިކުދިންނަކީ، މަންމަ، ބައްޕަ ނެތް، ޔަތީމު ކުދިން ނުވަތަ އަޅާލުންތެރިކަމުން، އިޙްސާންތެރިކަމުން މުޅިން މަޙްރޫމްވެފައި ތިބި ކުދިން. މި ކުދިންނަށް އަޅުގަނޑުމެންނަށް ވަރަށް ހެޔޮއެދިވަޑައިގަންނަވާ އެކުވެރި ޢަރަބި ޢިމާރާތުގެ ޢާއިލާއެއްގެ ފަރާތުން، ދީލަތި ފިލޮންތެރަޕސްޓް ޢާއިލާއެއްގެ ފަރާތުން އަނެއްކާވެސް އަޅުގަނޑުމެންނަށް މި އެހީވެވަޑައިގެންދެއްވަނީ، އިޙްސާންތެރި މުޖުތަމަޢެއް ބިނާކުރުމަށް ދިވެހި ސަރުކާރުންނާއި އަދި އަޅުގަނޑުމެންނާއެކީގައި މަސައްކަތް ކުރައްވާ އަޅުގަނޑުމެންގެ ޕާޓީގެ ރައްޔިތުންގެ މަޖިލިސް މެންބަރުންނާއި، އަޅުގަނޑުމެންގެ ޕާޓީގެ ރައީސާއި، އަޅުގަނޑުމެންގެ ޕާޓީގެ ކައުންސިލުގެ އެންމެހައި މެންބަރުން އެދިވަޑައިގަންނަވާ ގޮތަށް އިޙްސާންތެރި މުޖުތަމަޢެއް ބިނާކުރަން ކުރާ މަސައްކަތުގައި އަނެއްކާވެސް އަޅުގަނޑުމެންނަށް ހިތްވަރު ދެއްވުމުގެ ގޮތުން މިކަހަލަ މަސައްކަތެއް މި ކޮށްދެއްވަނީ.
 
އެހެންވީމާ، އަޅުގަނޑު އެންމެ އުފަލާއެކީ ދަންނަވާލަން ބޭނުންވަނީ، ވަރަށް އާދައިގެ ގޮތެއްގައި، ވަރަށް އާދައިގެ ގޮތެއްގައި 2004 ވަނަ އަހަރު ދިވެހިރާއްޖޭގެ ވަރަށް މަޝްހޫރު ވިޔަފާރިވެރިންގެ ކުންފުންޏެއް، ކްރައުން ކުންފުނީގެ ފަރާތުން  މި ދެންނެވި ހާލަތަށް ކޮންމެވެސް އެދެވޭ ކަހަލަ ބަދަލެއް ގެންނެވުމަށްޓަކައި ކުޑަކުދިންގެ ހިޔާގެ ނަމުގައި ވަރަށް އާދައިގެ މަރުކަޒެއްގެ ބިންގާ އެޅި އަދި ދެންމެ އެޓަރނީ ޖެނެރަލްގެ ވާހަކަފުޅުގައި އެ ފާހަގަކުރެއްވި ގޮތަށް 2006 ވަނަ އަހަރު ރަސްމީކޮށް މިކަން މިވަނީ ކުޑަކުދިންގެ ޝެލްޓަރެއްގެ ގޮތުގައި، ނޫނީ ކުޑަކުދިންގެ ހިޔަލެއްގެ ގޮތުގައި، ކުޑަކުދިންގެ ގެއެއްގެ ގޮތުގައި ދިވެހި ސަރުކާރުން ހަވާލުވެ އެކަންކަން ހިންގުމުގެ މަސައްކަތް ފަށާފައި.
 
ވަރަށް މަދު ކުދިންކޮޅަކާއެކީގައި ފެށިގެންދިޔަ މަސައްކަތެއް، ތަނުގެ ވަސީލަތްތައްވެސް ހަމަ އެހާ މަދު. އެހެންނަމަވެސް މިއަދުވެސް އަޅުގަނޑު މި އުފާވެރި ރަސްމިއްޔާތުގައި، މި އުފާވެރި ޙަފްލާގައި ހުރެގެން ހަމަ ދަންނަވާލަން ބޭނުންވަނީ، ދިވެހި ސަރުކާރުގެ ފަރާތުން މިހެން ކުރެވޭ ކޮންމެ މަސައްކަތެއްގައި ދިވެހި ރައްޔިތުންގެ އެއްބާރުލެއްވުން ހަމަ ވަރަށް ބޮޑަށް ލިބިގެންދެއޭ. މި ދެންނެވި ކުޑަކުދިންގެ ހިޔާވެސް ފެށިފައި މިވަނީ، ވިޔަފާރިވެރިންގެ ކުންފުންޏެއްގެ ފަރާތުން. އަދި އަޅުގަނޑަށް އެނގިފައި އޮތްގޮތުން ވެއްޖިއްޔާ ދިވެހި ރާއްޖޭގައި މަސައްކަތް ކުރައްވާ، ދިވެހި ޓޫރިސްޓް ރިޒޯޓުގެ ވެރިންނާއި ދިވެހި ވިޔަފާރީގައި ނަން ފާހަގަކުރެވޭ އިސްބޭފުޅުން ކެނޑިނޭޅި ވަރަށް ބޮޑެތި އެހީތައް މި ކުޑަކުދިންގެ ހިޔާއަށް މިހާރުވެސް ގެންދަވަނީ ވެދެއްވަމުން. އުފެދުނީއްސުރެ މިހާތަނަށް ވަރަށް ބޮޑެތި އެހީތައް ވެދެއްވާ. އެހެންވީމާ، އަޅުގަނޑުމެންނަށް މިހެން ދިމާވާ ކޮންމެ ހިތްދަތިކަމެއްގައި، ނޫނީ އިންސާނިއްޔަތަށްޓަކައި މި ކުރެވޭ ކޮންމެ ކަމެއްގައި އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ދިވެހި ރައްޔިތުންގެ ފަރާތުން، ޚާއްޞަކޮށް ތަނަވަސްކަމުގެ އަހުލުވެރިންގެ ފަރާތުން އަޅުގަނޑުމެން ހާލަތު ރަނގަޅު ކުރުމަށް ވަރަށް އެދެވޭ ގޮތެއްގައި މި ދެއްވާ ހަމަ ދީލަތި އެހީތައް.
 
އަޅުގަނޑުމެން މިއަދު މިތާ ހުއްޓި ތިބެ ވާހަކަދައްކާއިރު، ދިވެހިރާއްޖެ، ޚާއްޞަކޮށް މާލެ ވަރަށް ހިތްދަތި ވަގުތުކޮޅެއް ހޭދަކުރަމުންދާ ވަގުތެއް މިއީ. މި ހިތްދަތި ވަގުތުކޮޅުގެ ތެރޭގައިވެސް އަޅުގަނޑުމެންނަށް ހަމަ ފެނިގެންމިދަނީ، އަޅުގަނޑުގެ އިންޓަރވިޔުގައި ދަންނަވާލިފަދައިން ދިވެހި ވިޔަފާރިވެރިންނާއި އަދި އަޅުގަނޑުމެންނަށް ހެޔޮއެދޭ އެކިއެކި ވިޔަފާރިވެރިންނާއި އަދި ބޭރު ދައުލަތްތަކުން އަޅުގަނޑުމެންގެ މިކަހަލަ ކަންކަމަށް އެހީވެވަޑައިގަންނަވާތަން.
 
މިއަދު މި އެޅޭ ބިންގާ އެޅިގެން އިރާދަކުރެއްވިއްޔާ ﷲ ގެ ރަޙްމަތާއެކީގައި އަށެއްކަ މަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް އުފާވެރިކަން މި ގެނެސްދެނީ އަނެއްކާވެސް މިހެން ތިބި އެތައް ބައިވަރު، އަޅާލުންތެރިކަމުން މަޙްރޫމްވެފައިތިބި ކުދިންތަކަކަށް އަޅާލެވޭނެ ގޮތްތަކެއް ހަމަޖައްސައިދިނުން. މިކަން ހަމަޖެހިގެން ދިޔައިމާ، ޝައްކެއްވެސްނެތްގޮތުގައި ދިވެހިރާއްޖޭގެ މުޖުތަމަޢަކީ، އުފާވެރި މުޖުތަމަޢަކަށް، މިއީ ހަމަ ގަތާލެވޭ ސިލްސިލާއެއްގެ ބޮޅެއްކަމަށް ވެގެންދާނެ. ޝައްކެއްވެސްނެތްގޮތުގައި މަންމައާއި ބައްޕަ ނެތް ކުދިން ކަމަށް ވިޔަސް، މި ކުދިންގެ ކޮންމެވެސް ޢާއިލާއެއްވެސް އޮންނާނެ. އަދި މި ކުދދިންނަށް ހެޔޮ އެދޭ ބަޔަކުވެސް ތިބޭނެ. ޝައްކެއްވެސްނެތް ގޮތުގައި މިކަންކަމުން މި މީހުންނަށް ހިތްހަމަޖެހުން ގެނެސްދޭނެ. ހިތްތަކަށް އުފާވެރިކަމެއް ގެނެސްދޭނެ. އެހެންވީމާ، މިހެން ކުރެވޭ ކޮންމެ މަސައްކަތެއްގައި އަޅުގަނޑާއެކީ މަސައްކަތް ކުރައްވާ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް، އަޅުގަނޑުމެންނަށް މީގައި ކޮންމެވެސް ހިއްސާއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭކަމީ، ﷲ ގެ ހެޔޮ ރަޙްމަތް. އެކަމަށްޓަކައި ﷲ އަށް ޙަމްދު ކުރަމުން ޝުކުރު ދަންނަވަމުން، ހަމައެއާއެކީ ދަންނަވާލަން ބޭނުންވަނީ ދިވެހިރައްޔިތުންނަށް، ދިވެހި ރައްޔިތުންގެ ހަޔާތަށް ރަނގަޅު ކޮންމެ ކަމެއް ގެނެސްދެވޭ ވަގުތެއްގައި، ކޮންމެވެސް ވަރެއްގެ ހިއްސާއެއް އަދާކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ލިބުމަކީ، އަޅުގަނޑުމެން އުފަލާއެކީ ގަބޫލު ކުރާ ކަމެކޭ. އަޅުގަނޑުމެންނަށް މިއަދު މި ހަމަޖެހިގެންދަނީ، ވިލިނގިލީގައި މިހިރަ ކުޑަކުދިންގެ ހިޔަލަށްވުރެ މާ ތަނަވަސް، ޖާގައިގެ ގޮތުން އަދި ފެސިލިޓީޒް ނޫނިއްޔާ ވަސީލަތްތަކުގެ ގޮތުންވެސް މާ ހަމަޖެހިގެން، މާ ފަސޭހަކަމާއެކީ މާބޮޑު ޖާގައެއްގައި، މިނިވަންކަމާއެކީ ކުޑަކުދިންނަށް އެ ކުދިންގެ ހަށިގަނޑުގެ ތަރުބިއްޔަތަށްވެސް ޖާގަ ލިބޭގޮތަށް، ކަންކަން ކުރެވޭނެ މައިދާނެއް ނުވަތަ ކުޑަކުދިންގެ ހިޔަލެއް މިތަނުގައި ހަމަޖެހިގެން މިދަނީ.
 
ހަމައެއާއެކީ އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، އަޅުގަނޑުގެ ހަނދާނުން ކައްސާލައިގެން މިހާތަނަށް ދިޔައީ، ކުޑަކުދިންގެ ހިޔާ އުފެދިގެން މިހާ ހިސާބަށް އައިއިރު، ކުޑަކުދިންގެ ހާލަތު ރަނގަޅު ކުރުމަށް، މި ދެންނެވި ގޮތަށް ހަވާސާވެފައި ތިބި ކުދިންގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ރާއްޖޭގައި އުފެދިފައި އޮތް އަމިއްލަ ޖަމްޢިއްޔާއެއް "އާކް" ޖަމްޢިއްޔާއިން ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވަމުން ގެންދަވާފައި. އަދި ހަމައެހެންމެ މިހާރުވެސް އެ މަސައްކަތްތައް އާކް ޖަމްޢިއްޔާގެ ފަރާތުން ކުރައްވަމުން ގެންދަވާ. އެހެންވީމާ، މި ފުރުސަތުގައި އާކް ޖަމްޢިއްޔާގެ މުއައްސިސުންނަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަމުން އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ހިތްވަރު ދޭން ބޭނުންވަނީ، އެ ކުރައްވާ މަސައްކަތްޕުޅުގައި ކުރިޔަށް ވަޑައިގަންނަވާށޭ.
 
ސަރުކާރުން، ޖެންޑަރ މިނިސްޓްރީގެ ފަރާތުން އަޅުގަނޑުމެންގެ ބަންޑާރަނައިބު ވަރަށް ޚާއްޞަ އަހަންމިއްޔަތެއް ދެއްވައިގެން މިކަހަލަ ކަންތައްތައް މިހާރު ބަލަހައްޓަވަމުން އެ ގެންދަވަނީ. އަންހެނުންގެ ޙައްޤުތައް ޙިމާޔަތް ކުރުމުގެ މަސައްކަތްތައްވެސް ކުރެވެމުން އެދަނީ. ހަމައެހެންމެ، ނުކުޅެދޭ ކުދިން ޙިމާޔަތް ކުރުމުގެ ކަންތައްތައްވެސް ކުރެވިގެން މިދަނީ. ޤާނޫނަށް ގެންނަންޖެހޭ ފުރިހަމަކަން ގެނައުމާއި އަދި ސަރުކާރުގެ ތެރެއިން ވަސީލަތް ތަނަވަސްކޮށްދީގެން ކުރަންޖެހޭ ކަންތައްތައް ކޮށްދިނުމާއި، މިއަދު މި ފާހަގަކުރެވޭ، ނޫނީ މިއަދު ބިންގާ އަޅައިގެން އަޅުގަނޑުމެން ކުރިޔަށް ގެންދާ ހަވާސާގައި މި ތިބި ކުޑަކުދިންގެ ހާލަތު ރަނގަޅުކުރުމަށްޓަކައި ކުރެވޭ މަސައްކަތުގައިވެސް، ދައުލަތުގެ ބަންޑާރަނައިބު ވަރަށް ހީވާގިކަމާއެކީ މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ.
          
ހަމައެއާއެކީ، ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންނަށް މި މަސައްކަތް މިހާ ކާމިޔާބު ގޮތެއްގައި މި ކުރެވެނީ ޝައްކެއްވެސްނެތްގޮތުގައި ސަރުކާރުގެ ހުރިހާ އިދާރާތަކުންވެސް މިކަހަލަ ކަންކަމުގައި އެހީތެރިކަމާއި އެއްބާރުލުން އަޅުގަނޑުމެންނަށް ދެއްވާތީ. އަޅުގަނޑު އިލްތިމާސްކުރިން، ނުކުޅެދޭ މީހުންގެ ދުވަސް ނުވަތަ ނުކުޅެދޭ ކުދިންގެ ދުވަސް ފާހަގަކުރިއިރު އެކުދިންނަށް ވަޒީފާގެ ފުރުސަތު ހަމަޖައްސައިދިނުމަށް ސަރުކާރުގެ ކުންފުނިތަކުން ޢަމަލީ މަސައްކަތްތަކެއް ކޮށްދެއްވުމަށް. ވަރަށް އީޖާބީ ގޮތެއްގައި، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ވަރަށްގިނަ ކުދިންނަށް ވަޒީފާ ހަމަޖައްސަވައިދެއްވާނެ ކަމަށް އޭރު ހަމަ ހުރިހާ ކުންފުނިތަކެއްގެ މެނެޖިންގ ޑިރެކްޓަރުންވަނީ ވިދާޅުވެފައި. އަދި އިހަށް ދުވަހު، ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަމުގެ ދުވަސް އަޅުގަނޑުމެން ފާހަގަކުރިއިރު އަޅުގަނޑުމެންނަށް މިކަން ފެނިގެންދިޔަ. ޢަމަލީގޮތުން އެތައް ކުދިންނެއްގެ ވަޒީފާގެ ސެޓްފިކެޓް އެ ކުދިންނާ ހަވާލުކުރެވުނު. އެހެންވީމާ، މިކަންކަން އަޅުގަނޑުމެންނަށް ވެގެން މިދަނީ، މުޅި ސަރުކާރުގެ ތެރޭގައި، މި ކުރެވޭ މަސައްކަތުގައި ސަރުކާރުގެ ހުރިހާ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވާތީ. އެހެންވީމާ، އެކަމަށްޓަކައި ސަރުކާރުގެ ހުރިހާ ވަޒީރުންނަށް، އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަދި އަޅުގަނޑުމެންގެ ޕާޓީގެ ބޭފުޅުންނަށް، އަޅުގަނޑުމެންނަށް ތިޔަ ދެއްވާ ތާއީދާއި، އަދި މިކަހަލަ ކަންތައްތައް ކުރުމުގައި އަޅުގަނޑުމެންނަށް އެހީތެރިވެވަޑައިގަންނަވާތީ ހަމަ ޝުކުރު ދަންނަވަން.
 
މިއަދު އަޅުގަނޑު ހަމަ އުފަލާއެކީ ފާހަގަކޮށްލަން، އަޅުގަނޑުމެންނަށް މިއަދުގެ މި ކުޑަކުދިންގެ ހިޔާ މި ދެއްވަނީ، ޢިމާރާތް، އަޅުގަނޑުމެންގެ އެކުވެރި ދައުލަތެއް، ފިލޮންތްރޮޕިސްޓް ތިން ބަފާކަލުންގެ ފަރާތުން އަޅުގަނޑުމެންނަށް ލިބޭ އެހީތެރިކަމެއް، މަޙްމޫދު އަލްޙާޖާ، ދަރިފުޅު އައްޔޫބު، ހަމައެހެންމެ ޒިޔާދު، މި ތިން ބަފާކަލުންގެ ފަރާތުން ވަރަށް އިޙްސާންތެރިކަމާއެކީ އަޅުގަނޑުމެންނަށް މިކަން ވެގެން މިދަނީ. މި ބޭފުޅުން އަޅުގަނޑަށް މިދިޔަ އަހަރު ތައާރުފުވެގެންދިޔަ. މިދިޔަ އަހަރު އަޅުގަނޑަށް މި ބޭފުޅުން ތަޢާރުފުކޮށްދެއްވީ އަލްފާޟިލް ޙުސައިން ޙިލްމީއާއި، އަލްފާޟިލް ޙުސައިން ނިޔާޒު. މި ބޭފުޅުންގެ ތެރެއިން މި ތިން ބަފާކަލުން އަޅުގަނޑަށް ތަޢާރުފުވެގެން ދިޔައީ. އަޅުގަނޑުމެންނަށް ވާހަކަކޮޅެއް ދެއްކުނު. ހަމަ އެ ހިސާބުން އަޅުގަނޑުމެންނަށް އުންމީދުތަކެއް އާވެގެންދިޔަ މި ބޭފުޅުން އެ ވިދާޅުވެދެއްވި ގޮތަށް. މި ބޭފުޅުން އެ ކުރައްވާ މަސައްކަތްޕުޅު ކުރިޔަށް ގެންގޮސްދެއްވާނެ ކަމަށް. އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، އެބޭފުޅުންގެ އެންމެ ޝައުޤުވެރިކަން އޮތް ދާއިރާ. އެހެންވީމާ، އެކަމަށްޓަކައި މި ތިން ބަފާކަލުންނަށް އަޅުގަނޑު، ދިވެހި ރައްޔިތުންގެ ނަމުގައި އަދި އަޅުގަނޑުމެންގެ ސަރުކާރުގެ ނަމުގައި އިޚްލާޞްތެރިކަމާއެކު މަރްޙަބާ ދަންނަވައި ޝުކުރުވެރިވަން.
 
ހަމައެހެންމެ، އަޅުގަނޑަށް އެނގިފައި އޮތްގޮތުން މި ނޫނަސް ދިވެހިރާއްޖޭގައި މިހެން ހުރި، ސަރުކާރުން ސީދާ އެހީ ފޯރުކޮށްދިނުމުގައި ދަތިވެފައި ހުރި އެހެން ކަންތައްތަކުގައިވެސް  މި ބޭފުޅުންގެ ޝައުޤުވެރިކަން މިހާރުވަނީ ފާޅުކުރައްވާފައި. އެހެންވީމާ، އެކަމަށްޓަކައިވެސް ހަމަ އިޚްލާޞްތެރިކަމާއެކީ އެބޭފުޅުންނަށް މަރްޙަބާ ދަންނަވާފައި އަޅުގަނޑުމެންގެ ސަރުކާރުން މިބޭފުޅުންނަށް ކޮށްދޭންޖެހޭ ހުރިހާ ކަންތައްތަކެއް ކޮށްދޭނެ ވާހަކަވެސް ދަންނަވަން. އެއާއެކީ، ދިވެހި ރައްޔިތުންގެ ފަރާތުން އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، ޙަޤީޤަތުގައި މި ބޭފުޅުންނަކީ، މިހާރު އަޅުގަނޑުމެންގެ ދެވަނަ ސިޓިޒަނުން ކަމަށްވެއްޖެ.އަޅުގަނޑުމެންގެ ޝަރަފުވެރި މެހްމާނުންކަމަށް، ނޫނީ އަޅުގަނޑުމެންގެ ޝަރަފުވެރި ރައްޔިތުންގެ މަގާމު، މި ބޭފުޅުން އަޅުގަނޑުމެންގެ ހިތްތަކުން ހޯއްދަވައިފި. އެކަމަށްޓަކައި މި ބޭފުޅުން މި ކޮށްދެއްވާ މަސައްކަތަށް އަޅުގަނޑުމެން ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
ޝައްކެއްވެސްނެތްގޮތުގައި މިތަން 8 މަހެއްހާ ދުވަހުގެ ތެރޭގައި، ނިމގެންދާއިރު މިހާރު މާލޭ ވިލިނގިލީގައި އެހެރަ ކުޑަކުދިންގެ ހިޔަލަށްވުރެ މާ ތަނަވަސް، އަދި ވަސީލަތުގެ ގޮތުން މާ ފުރިހަމަ ޖާގަ މިތާނގައި ހަމަޖެހިގެން މިދަނީ. އެކަށީގެންވާ ބޮޑު ބިމެއްގައި މި މަސައްކަތް މި ކުރެވެނީ. އަދި އަންހެން ކުދިންނާއި ފިރިހެން ކުދިން، އުމުރުފުރާތައް ވަކިން ބައިތިއްބައިގެން އެ މީހުންނަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް މިތާނގައި ހަމަޖެހިގެންދާނެ. ކުދިންނަށް ކިޔަވައި ދިނުމުގެ އިތުރަށް، މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި މިކަހަލަ އެތައް ކަމެއް ވެގެންދާނެ.
ހަމައެއާއެކީ، ހުޅުމާލޭގެ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ޖަލްސާ ނިންމާފައި ދެންވެސް އޮތީ ހަމަ މިކަހަލަ އެހެން ކަމެއް. ހުޅުމާލެއާއި މާލޭގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ ﷲ ގެ ވާގިފުޅާއެކީ، މި ބުރިޖު އެޅިގެން ދިޔައިމާ، ކުޑަކުދިންގެ ހިޔަލުގައިވެސް އަޞްލު ތިބޭނީ ހަމަ ދިވެހި ދަރިން. މާލެއިންވިޔަސް އަދި މާލޭގައި ދިރިއުޅުއްވާ އަތޮޅުތެރޭގައިވިޔަސް އަދި ހުޅުމާލޭގައިވިޔަސް. އެހެންވީމާ، އިރާދަކުރެއްވިއްޔާ ފަސޭހަކަމާއެކި މި ދައްކަނީ ގާތްގަނޑަކަށް އެއްލައްކަ އައްޑިހަހާސް ނޫނީ 15 ވަރަކަށް އަހަރުގެ ތެރޭގައި، ދިވެހިރާއްޖޭގެ އާބާދީގެ 75 ޕަސެންޓް މީހުން ދިރިއުޅޭނެ ވަޒަނެއްގެ ގޮތުގައި ވެގެންދާނީ، ހުޅުމާލެއާއި މާލެއާ ގުޅިފައި އޮންނަ ސަރަހައްދު. އެހެންވީމާ، މި ކުރެވޭ ކޮންމެ ކަމަކީ، އޭގެ ޒާތުގައި ދިވެހި ރައްޔިތުންނަށްޓަކައި ކޮށްދެވޭ ކަމެއް. އެހެންވީމާ، މިއީ އަޅުގަނޑުމެން އެންމެން އުފަލާއެކީ، ބަލައިގަނެ ﷲ އަށް ޙަމްދު ކުރާ ކަންކަން.
 
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން އަޅުގަނޑުމެންގެ މެހްމާނުންގެ ޙައްޤުގައި އެބޭފުޅުންގެ އިޙްތިރާމާއެކީގައި ހަމަ ކުޑަކުޑަ އެއްޗެއް އިނގިރޭސިބަހުން ދަންނަވާލާނަން. ދަންނަވާލާފައި އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ.
 
Mr. Mahmood Al–Haja, Ayyub, Ziyad
 
Indeed today we are deeply indebted to you for your magnanimity. You have touched our hearts since I met you last year and I have been keenly waiting for this particular moment. I knew that you are going to deliver on your promises. I knew with your magnanimous heart, big heart I knew that you are going to deliver this and bring smiles and happiness to our faces. So it is indeed a pleasure for me to be here to be present at this function to associate with you in this function
 
Today you have earned the respect and friendship and also kind heartedness of our Maldivians. In fact today you have become honorary citizens of Maldives so let me congratulate you on this
 
Indeed this philanthropist gesture is one that is desired by the Maldivians. We have started this facility the children’s shelter in 2004 with very humble beginnings. Its origins with something like 12 children and as you have visited this place you know how under staffed this facility is. So we are hoping that the facility we are building  today  hopefully be complete in 8 months to one year’s period is going to be more generous with the facilities that are  accorded here and also is going to bring a lot more happiness to the under privileged of Maldives children. So indeed for this we are particularly grateful for your generosity and we are deeply appreciative of your gesture of goodwill here. We are over whelmed by your generosity and I understand from my wife that you are willing to help us in similar other activities as well.  So please get all the assurances from my government that whatever facilities that you need in order to enhance facilities or activities of this sort we will be there to help you or assist you and also to bring your projects to a completion
 
May Allah bestow his blessings on yourself and both of your children. We particularly look forward to such visits of yours. And I am sure through your ambassadorial work we will be able to find similar good friends in Emirates as well as the Arab world. Insha Allah we will be able to complete this project in time and we will be able to bring happiness to lots of Maldivians who are marginalised. So looking forward to working with you and looking forward to more humanitarian assistance of similar major from yourself as well as from your friends in the Arab World. Thank you and thank you for your presence here and thank you for your generosity to the Maldivian people