بســم اللّـه الرّحمـن الرّحيــم

މާލެއަށް ދިމާވެފައިމިވާ ބޯފެނުގެ ދަތިކަން ޙައްލުކޮށްދެއްވުމަށް މާތްﷲގެ ޙަޟްރަތުގައި އެންމެ ފުރަތަމަވެސް އަޅުގަނޑު ދުޢާ ދަންނަވަން. އަދި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި މިހާތަނަށް އެކަށީގެންވާ ނަތީޖާތަކެއް ލިބިފައި މިވަނީ، ޝައްކެއްވެސްނެތްގޮތުގައި ވަރަށް ގިނަ ބައެއްގެ ތަފާތު މަސައްކަތުން. ހަމަ ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
އަދި ހަމައެއާއެކީ މިއަދު ދަންނަވާލަން ބޭނުންވަނީ، މާލެއަށް މިވަރުގެ ބޮޑު ދަތި އުނދަގޫތަކެއް ތަޙައްމަލްކުރަން ޖެހިފައިވާ ވަގުތެއްގައި، ޢާންމުގޮތެއްގައި މާލޭގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންވެސް ސަރުކާރުން މިކުރާ މަސައްކަތްތައް ވަރަށް ކެތްތެރިކަމާއެކީ ބަލައިގަނެ، ސަރުކާރަށް އެއްބާރުލުން ދެއްވައި، މިދަނޑިވަޅަކީ ވަރަށް ޚުޠޫރަތްތެރި ޤައުމީ ދަނޑިވަޅެއްކަން ގަބޫލު ކުރައްވައިގެން، ވަރަށް އެއްބާރުލުން ދެއްވާތީ، މާލޭގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރުދަންނަވަމޭ.
 
އެއާއެކީ އަޅުގަނޑުމެންގެ ދައުލަތަށް މި ދިމާވި ހިތްދަތިކަމުގެ ތެރޭގައި އަދި މިހާ ނުރައްކާތެރި ބޮޑު މައްސަލައެއް އަޅުގަނޑުމެންނާ ކުރިމަތިވިހިނދު، ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ފަރާތުން، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުންވެސް، އަދި އެއަށްވުރެ ދުރު ކަރަކަރައިންވެސް، ދިވެހި ސަރުކާރަށް ވަރަށް ބޮޑެތި އެހީތެރިކަން ދެއްވާތީ، އެ ސަރުކާރުތަކަށާއި، އަދި އެކުވެރި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކަށް ބަލާކަމަށްވަންޏާ އިންޑިޔާއިން ވަރަށް ބޮޑެތި އެހީތަކެއް ވެވަޑައިގަންނަވަމުން އެ ގެންދަވަނީ ވަރަށް ކުރީކޮޅުގައި. އަދި ހަމައެހެންމެ، ބަންގްލަދޭޝް، ސްރީލަންކާފަދަ ޤައުމުތަކުންވެސް އެހީތެރިކަން ފޯރުކޮށްދެއްވަމުން އެ ގެންދަވަނީ. ތަންކޮޅެއް ދުރުގެ ޤައުމުތަކަށް ބަލާކަމަށްވަންޏާ ޗައިނާއިން، އެމެރިކާއިންވެސް އެހީތެރިކަން ފޯރުކޮށްދެއްވަމުން އެ ގެންދަވަނީ. އަދި ޢަރަބި އިސްލާމީ ދުނިޔެއަށް ބަލާކަމަށްވަންޏާ ސަޢޫދީ ސަރުކާރުންވެސް މި އެހީތެރިކަން އަޅުގަނޑުމެންނަށް ފޯރުކޮށްދެއްވަމުން އެބަގެންދަވާ. ދިވެހިރާއްޖެއަށް ބަލާކަމަށްވަންޏާ ދިވެހި ވިޔަފާރިވެރިންނާއި، ސަރުކާރުގެ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކާއި އަދި ފަރުދުންގެ އެހީތެރިކަމަށް ހަމަ ނިހާޔަތަށް މަރުޙަބާ ދަންނަވައި ޝުކުރު ދަންނަވަން. އަމިއްލަ ކުންފުނިތަކުން ފެން އުފެއްދުމުގެ އިތުރުން، ސަރުކާރަށް ފެން ހިލޭ ފޯރުކޮށްދިނުމާއި، އަދި ފެން އުފެއްދުމުގެ އިތުރު މަސައްކަތްތައް ކުރެއްވުމާއި، މިކަމަށް ބޭނުންވާ ފަސޭހަކަން އަދި ޢަމަލީގޮތުން މިމަސައްކަތުގައި ބައިވެރިވެވަޑައިގެންދެއްވާތީ އަޅުގަނޑު މިފުރުޞަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކީ މަރްޙަބާ ދަންނަވައި ޝުކުރު ދަންނަވަން.  އަދި ހަމައެއާއެކީ، ދައުލަތުގެ މުއައްސަސާތަކަށް ބަލާކަމަށް ވަންޏާ މިކަހަލަ ކަމެއް ބޮޑު ނުރައްކާތެރިކަމެއް ދިމާވީމާ، ދިވެހިރައްޔިތުންގެ މަދަދުވެރިއެއްގެ ގޮތުން އެންމެ ފުރަތަމަ އަންނަނީ ސިފައިންނާއި ފުލުހުން. މިކަމުގައިވެސް ސިފައިންނާއި ފުލުހުން، ފެން ބެހުމުގެ މަސައްކަތުގައި ރެއާއި ދުވާލު ހީވާގިކަމާއެކު އުޅުއްވައިދެއްވިކަމަށްޓަކައި ސިފައިންނަށާއި ފުލުހުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.
 
މިކަންތައް މިފަހަރު މި ދިމާވީ އަޅުގަނޑު ހަމަ ރަށުން ފުރިތަނާ. އެހެންނަމަވެސް، މިކަން ހަމަ ހިނގުމާއެކީ ސަރުކާރުގެ ފަރާތުން މިއޮތީ ޓާސްކް ފޯސްއެއް އެކުލަވާލާފައި. ޓާސްކް ފޯސްގެ ފަރާތުން ވަޒީރުން ހިމެނިވަޑައިގަންނަވައިގެން މިކޮށްދެއްވާ މަސައްކަތްތަކަށް ޓާސްކް ފޯސްއަށް ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި ހަމައެއާއެކީ ދަންނަވާލަން ބޭނުންވަނީ، މިކަހަލަ ނުރައްކާތެރިކަމެއްގެ ތެރޭގައި އަޅުގަނޑު އިލްތިމާސް ކޮށްލަން ބޭނުންވަނީ، ހަމަ ހުރިހާ ދިވެހި ރައްޔިތުންވެސް ސަރުކާރަށް އެއްބާރުލުން ދެއްވާށޭ. ސަރުކާރުން މިކުރަނީ ސަރުކާރުގެ އަމިއްލަ މަސައްކަތެއްނޫން. ސަރުކާރުން މިކުރަނީ ދިވެހި ދައުލަތުގެ ހުރިހާ ރައްޔިތުންނަށް ބޭނުންވެފައިވާ މަސައްކަތެއް. އެހެންވީމާ، މިކުރެވޭ މަސައްކަތުގެ ތެރޭގައި، އަޅުގަނޑަށް ޤަބޫލު ކުރެވޭގޮތުން ވެއްޖިއްޔާ މިހާރު އެކަށީގެންވާ އަދަދަކަށް ހަމަ ކޮންމެ ދުވަހަކުވެސް ބޯފެން ބެހުމުގެ މަސައްކަތްތައްވެސް ކުރެވެމުން އެދަނީ. އެހެންވީމާ، ފެން ލިބޭ ފަރާތްތަކުންވެސް އިސްރާފު ނުކުރެއްވުމަށާއި، އަދި މިކަންކަމުގެ ނާޖާއިޒު ފައިދާ ނުނެންގެވުމަށް އަޅުގަނޑު އިލްތިމާސް ކުރަން. މި ސިޗުއޭޝަންގެ، މިދަނޑިވަޅުގެ ނާޖާއިޒު ފައިދާ ނުނަންގަވަން  މި ނޫން އެހެންފަރާތްތަކަށްވެސް އަޅުގަނޑު އިލްތިމާސްކުރަން. އަޅުގަނޑުމެންނަށް ދިމާވެފައި މިއޮތީކީ ސިޔާސީ މައްސަލައެއްނޫން. އަޅުގަނޑުމެންނަށް ދިމާވެފައި މިއޮތް މައްސަލައަކީ، ދިވެހިރާއްޖެއަށް، ދިވެހިރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވާ ފެން ލިބުން ދަތިވުމުގެ މައްސަލަ.
 
ހަމައެއާއެކީގައި މިހާތަނަށް މިކުރެވުނު މަސައްކަތްތަކުގައި އެމް.ޑަބްލިޔޫ.އެސް.ސީ.ގެ ޓެކްނިކަލް ސްޓާފުންނާއި، އަޅުގަނޑުމެންގެ ޓާސްކް ފޯސްގެ ބޭފުޅުންނާއި، އަދި އަޅުގަނޑު މިދެންނެވި ގޮތަށް އެހީތެރިވެވަޑައިގެންދެއްވާ އެކި ފަރާތްތަކުން މިކުރައްވާ މަސައްކަތުގައި މާލޭގެ ހުރިހާ ދިމާއަކަށް ބޯފެން ލިބެމުންދާކަން އަޅުގަނޑު އުފަލާއެކީ ފާހަގަކުރަން. އެހެންނަމަވެސް، އެއާއެކީ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ހާލަތު، ޢާންމު ހާލަތަކަށް ނާދެއޭ. އަޅުގަނޑުމެން އަންނައުނު ދޮންނާށާއި، އަދި ދޮވެ ކަންތައްތައް ކުރުމަށް ބޭނުންވާ ފެންލިބުމުގައި ހަމަ ދަތިތަކެއް އެބަހުއްޓޭ. އެހެންނަމަވެސް މިއަދުވެސް މި ބެލުނީ ހެނދުނު ދެގަޑިއިރެއްހާއިރު ފެން ފޯރުކޮށްދެވޭތޯ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތަނުގައި މާދަމާއިން ފެށިގެންވެސް، މާދަމާވެސް މިމަސައްކަތް ކުރެވެނީ، ދެ ދަންފަޅިއެއްގައި ހަމަ ކޮންމެ ދަންފަޅިއެއްގައި ދެގަޑިއިރަށް ފެން ފޯރުކޮށްދެވޭތޯ. އެއީ، ފެންވެރުމަށާއި، އެއްޗެހި ދޮވުމަށާ މިކަހަލަ ކަންކަމަށްބޭނުންވާ ކަންތައްތައް ކުރުމަށްޓަކައި.
 
ހަމައެއާއެކީ އަޅުގަނޑު އިލްތިމާސް ކޮށްލަން ބޭނުންވޭ، މިކަހަލަ މައްސަލައެއްގައި، ފެނާ ގުޅިފައިއޮތް މައްސަލައެއްގައި، ފެން ރައްކާކުރުމަށްޓަކައި ކުނިގޮނޑުން ނޫނިއްޔާ އެހެންގޮތްގޮތުންވެސް ތަކެތި ހޯއްދަވައިގެން، ސާފުކުރައްވައިގެން ބޭނުންކުރެއްވުމަކީ، އެއްގޮތަކަށްވެސް އެދެވޭ ކަމެއްނޫން. މިކަމާ ގުޅިގެން އެއްވެސް ގޮތަކަށް އަޅުގަނޑެއް ބޭނުމެއްނުވޭ، ދިވެހިރާއްޖޭގައި ބަލިމަޑުކަމެއް ފެތުރިގެންދާކަށެއް. ސަރުކާރުން މިހާރު ކުރެވެމުން މިދަނީ، މިދެންނެވި ކަހަލަ ސާމާނު ގެނެސް، ރައްޔިތުންނަށް ހިލޭ ފޯރުކޮށްދެވޭތޯ ބެލުމުގެ މަސައްކަތް. އެހެންނަމަވެސް، އެއްވެސް ކަހަލަ އިޝާރާތެއްނެތި ދިމާވާނީ މިކަހަލަ ބަދުނަޞީބު ކަންކަން، ނޫނިއްޔާ މިކަހަލަ އެކްސިޑެންޓް ދިމާވާނީ. އެހެންވީމާ، އެއްވެސް ގޮތަކަށް ފޯބެކް ޕްލޭނެއް ނޫނިއްޔާ މިކަހަލަ ހާލަތެއް ދިމާވެއްޖެކަމަށްވަންޏާ ކަންކުރެވޭނެ އިންތިޒާމުތަކެއްވެސް މިވަގުތަކު ހަމަޖެހިފައެއްނެތް.
 
އެއާއެކީގައިވެސް ހަމަ ދަންނަވާލަން ބޭނުންވަނީ، މިހާރު ދިމާވެގެން މިއުޅޭ މައްސަލަ، ޢާންމު ހާލަތަކަށް ގެނައުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެއޭ. އަޅުގަނޑަށް އެނގިފައި އޮތްގޮތުންވެއްޖިއްޔާ ވަރަށް ސޮފިސްޓިކޭޓެޑް އިލެކްޓްރޯނިކްސް މަސައްކަތްތަކެއްގެ ތެރެއިން ފެން ފޯރުކޮށްދިނުމުގެ މަސައްކަތް މިކުރެވެނީ، އެމް.ޑަބްލިޔޫ.އެސް.ސީ.ގެ ޕެނަލް ބޯޑުތަކަށް ބަލާކަމަށް ވަންޏާ. މީގެތެރެއިންވެސް، އަޅުގަނޑަށް އެނގިފައިއޮތްގޮތުން ވެއްޖިއްޔާ 9 ޕެނަލް ބޯޑުގެ ތެރެއިން 5 ޕެނަލް ބޯޑު، އިރާދަކުރެއްވިއްޔާ މިހާރު އެހެރީ ހެދިފައި. އަދި ހަމައެއާއެކީ، ސިންގަޕޫރުން އަޅުގަނޑުމެން ފަންނީއެހީތެރިކަން އެބަ ހޯދަން. އެހެން ޤައުމުތަކުންވެސް ފަންނީ އެހީތެރިކަން އެބަ ހޯދަން. އިރާދަކުރެއްވިއްޔާ މިއަދު ނޫނީ މާދަމާވެސް ހަމަ މީގެ އިތުރު ކޮންސަލްޓަންޓުން ރާއްޖެ އަންނާނެ. މީގެ ބޭނުމަކަށްވަނީ، ދެން ހުރި ޕެނަލް ބޯޑުތައް ހެދުމާއި، އަދި ހަމައެހެންމެ، އަޅުގަނޑުމެން އާ ޕެނަލް ބޯޑު ހޯދަންޖެހޭ ކަމަށްވަންޏާ މިއޮތް ކުރު މުއްދަތުގެ ތެރޭގައި، ޕެނަލް ބޯޑުތައް ހަމަވެގެން ދިޔުން. ޕެނަލް ބޯޑުތައް ހަމަވެގެން ދިޔައިމާ، މިހާރު މިއޮތް ހާލަތު، އިރާދަކުރެއްވިއްޔާ ކުރީގެ ޢާންމު ހާލަތާ ހަމައަށް ރުޖޫޢުވެގެންދާނެ. އެއާއެކީ އަޅުގަނޑުމެން ދެން ވިސްނަންޖެހޭނީ، އެމް.ޑަބްލިޔޫ.އެސް.ސީ.ގެ މިހެން ހުރި މައްސަލަތައް ކުރިއަށް އޮތްތާނގައި ދިމާނުވެ، މިކަންކުރާނީ ކިހިނެއްތޯ!
 
އެމް.ޑަބްލިޔޫ.އެސް.ސީ.ގައި މި ދިމާވި ކަންތަކާ ދޭތެރޭގައި، އެއްވެސް ގޮތަކަށް އެއްވެސް ކަހަލަ ޢުޒުރެއް ދެންނެވުމުގެ ގޮތުން ދަންނަވާ ވާހަކައެއްނޫން. އެހެންނަމަވެސް ދަންނަވާލަން ބޭނުންވަނީ، އެމް.ޑަބްލިޔޫ.އެސް.ސީ އަކީ 1980ގެ ކުރީކޮޅުގެ އަހަރުތަކުގެ ތެރޭގައި އުފެދިފައި އޮތް ކުންފުންޏެއް. އޭރު ކުންފުނި ޑިޒައިން ކުރެވިފައި އޮތްގޮތާއި، އޭރު ކުންފުނިން ޚިދުމަތްދޭން މާލޭގައި ތިބި ރައްޔިތުންގެ އަދަދާއި، އަދު މާލޭގައި ތިބި ރައްޔިތުންގެ އަދަދާއި، މާލޭގައި މޫވިންގ ޕޮޕިއުލޭޝަންގެ ގޮތުގައި ދިރިއުޅޭ ރައްޔިތުންގެ އަދަދަށް ބަލާކަމަށްވަންޏާ އަޅުގަނޑަށް ގަބޫލު ކުރެވޭގޮތުންވިއްޔާ ބަދަލުތަކެއް އަންނަންވެސް ޖެހިފައިހުރީ. ދެން އެމް.ޑަބްލިޔޫ.އެސް.ސީ ކުންފުނީގެ ފަރާތުން މިކަހަލަ ޕްލޭނެއްގެ ތެރެއިން މަސައްކަތްތަކެއް ކުރައްވާކަންވެސް އެނގޭ. އެހެންނަމަވެސް، އެކަންކަން އަދި ފުރިހަމަނުވެ އޮތްކަން އަޅުގަނޑަށް ގަބޫލުކުރެވޭ. ހަމައެއާއެކީ، އެމް.ޑަބްލިޔޫ.އެސް.ސީ.ގެ ތެރޭގައި އަޅުގަނޑުމެންނަށް މިހާރު އެބަ ފާހަގަކުރެވޭ، ރަނގަޅުކުރަން ހުރި ކަންތައްތަކެއްވެސް އެބަހުރި. އެކަމަކު އެއާއެކީގައިވެސް ދަންނަވާލަން ބޭނުންވަނީ، އެތަނުގައި މަސައްކަތް ކުރައްވާ ފަންނީ މުވައްޒަފުން ވަރަށް މުރާލިކަމާއެކީ، ފެންދިނުމުގެ ހާލަތު، ޢާންމު ހާލަތަކަށް ބަދަލުކުރެއްވޭތޯ ހަމަ ރެޔާއި ދުވާލު މަސައްކަތް އެބަކުރައްވާ. އަޅުގަނޑު ހަމަ ބޭނުންވަނީ، އިރާދަކުރެއްވިއްޔާ އެބޭފުޅުންގެ މަސައްކަތުން، ފެން ދިނުމުގެ ކަންތައް، އަވަސް ފުރުސަތެއްގެ ތެރޭގައި އާންމު ހާލަތަކަށް ބަދަލުވެގެންދިޔުން.
 
މިވާހަކަ ދަންނަވާއިރުވެސް ހަމަ ދަންނަވަން ބޭނުންވޭ، އެމް.ޑަބްލިޔޫ.އެސް.ސީ.ގެ ފަންނީ މުވައްޒަފުން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، ޕެނަލް ބޯޑުތައް ރެސްޓޯ ކުރެވިގެން ނޫނިއްޔަކާއެއް ސިޗުއޭޝަން ނޯމަލައިޒެއް ނުކުރެވޭނެ. ނޫނީ ހާލަތު ޢާންމު ހާލަތަކަށް ނާންނާނެ. ޢާންމު ހާލަތަކަށް އަންނަންދެން އަޅުގަނޑުމެންނަށް މިކުރެވޭ މަސައްކަތަކީ، މިދެންނެވި ގޮތަށް ދަންފަޅި ބަހައިގެން ދުވާލަކު ދެގަޑިއިރު ނޫނީ، މެންދުރުފަހުގެ ދެގަޑިއިރާއެކީ ދުވާލަކު ހަތަރުގަޑިއިރު، މިދެންނެވި ދޮވެސާފުކުރުމަށް ބޭނުންވާ ފެން ފޯރުކޮށްދިނުމުގެ މަސައްކަތް.
 
ދެން ދޮވެސާފުކުރުމަށް ބޭނުންވާ ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރެވޭއިރުވެސް، މާލޭގެ އެކި ހިސާބުތަކުގައި ދިރިއުޅުއްވާ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ،  5 ވަނަބުރިން، 6 ވަނަބުރިން، 10 ވަނަބުރިން ފެށިގެން މަތީގެ އުސް ޢިމާރާތްތަކަށް ފެން ލިބުމަކީ، ވަރަށް ދަތިކަމެއް. އެއީ، އެތަންތަނުގައި މިއިން ކޮންމެ ޢިމާރާތެއްގައި ބޫސްޓަލް ސިސްޓަމެއްވެސް ހަރުކުރެވިފައެއްނެތް، އެހެންވީމާ، މައްސަލަތަކެއް އެބަހުރި. އުނދަގޫ މައްސަލަތަކެއް އެބަހުރި. އެހެންނަމަވެސް އެ ޙައްލު ކުރެވޭނީ، މިދެންނެވި ގޮތަށް ޕެނަލްބޯޑުތައް ހަމަޖެހިގެން ހުރިހާކަމެއް ކުރީގެ ޢާންމު ހާލަތަށް ބަދަލުވެގެން. އެހެންވީމާ، ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރޭ. އަދި ކުރެވޭ މަސައްކަތުގެ ނަތީޖާވެސް ހަމަ ރައްޔިތުންވެސް ބަލައިގަންނަކަން އަޅުގަނޑު ގަބޫލުވެސްކުރަން.
 
އެހެންނަމަވެސް، އެއްގޮތަކަށްވެސް ދަންނަވަން މިއުޅެނީކީ، އަޅުގަނޑުމެން ހިތްއެދޭފަދަ ގޮތަކަށް ހާލަތު އަދި އޮތީކީނޫނޭ. އެހެންނަމަވެސް، މިހާރަކު ބޯފެން ނުލިބޭ، ހަމަގައިމުވެސް ބޯން ބޭނުންކުރާ ފެން ނުލިބޭ އެއްވެސް ރައްޔިތަކު މާލެއަކު ނުހުންނާނެ. އަދި އެއްވެސް ރައްޔިތަކު ބޯފެން ނުލިބިދާނެތީ، އެއްވެސް ކަހަލަ ސިހުމެއް، ޖެހިލުންވުމެއްވެސް އޮވެގެނެއް ނުވާނެ. ދެން ފްލަޝް ކުރުމަށާއި، ދޮވެސާފުކުރުމަށް ބޭނުންވާ ފެންހޯދުމާއި، ފެންވެރުމަށް ބޭނުންކުރާ ފެން ހޯދުމާ، މިކަންކަމުގެ އިންތިޒާމް މިދެންނެވީ މިހާރު އޮތްގޮތް. ކޮންމެ ދުވަހަކު ދެ ދަންފަޅިއެއްގައި ދުވާލަކު ދެގަޑިއިރެއްހާއިރު ފެން ދޫކުރުމުގެ މަސައްކަތް އެ ހިނގަނީ. މިއަދުވެސް އެކަން ކުރެވިއްޖެ. އިރާދަކުރެއްވިއްޔާ މާދަމާވެސް ހަމަ އެކަން ކުރެވޭނެ. އަޅުގަނޑުމެންނަށް ޕެނަލްބޯޑުތައް ހެދި، މިކަންކަން ޢާންމު ހާލަތަކަށް އާދެވެންދެން އިރާދަކުރެއްވިއްޔާ މިކަން މިގޮތަށް ގެންދެވޭނެ.
 
މިއާއެކީ ހަމަ އަނެއްކާވެސް އުފަލާއެކީ އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވަނީ، ވަރަށް އުނދަގޫ ޚާރިޖީ ގުޅުންތަކެއް އޮތް ދުވަސްތަކެއް ވޭތުކުރުމަށްފަހު، މިއަދު އަޅުގަނޑުމެންނަށް މި ދިމާވި ނުރައްކާތެރި ނޫނިއްޔާ ފަހުގެ ތާރީޚުގައި މި ދިމާވި އެންމެ ހިތްދަތި މިކަހަލަ ހާލަތެއްގައި އަޅުގަނޑުމެންނަށް ދުނިޔޭގެ އެކި ހިސާބުތަކުން އެހީ އެބަ ފޯރުކޮށްދެއްވާ. މިކަން ކޮށްދެއްވާއިރު، ސަރުކާރުތަކުގެ އިތުރުން، އެ ޤައުމުތަކުގެ އަމިއްލަ ވިޔަފާރިވެރިން، ފަރުދުންވެސް އެހީތެރިވެވަޑައިގެންއެބަދެއްވާ. އެހެންވީމާ، ހުރިހާ ފަރާތްތަކަށް ޖުމުލަ ގޮތެއްގައި ހަމަ ޝުކުރުވެރިކަމާއެކީ އެބޭފުޅުންނަށް މަރްޙަބާ ދަންނަވަން. ޝުކުރިއްޔާއޭ ހަމަ ދަންނަވަން ބޭނުންވޭ. އަދި ހަމައެއާއެކީ ދިވެހި ވިޔަފާރިވެރިންނަށާއި، ދިވެހިރާއްޖޭގައި އަޅުގަނޑުމެންގެ މިމަސައްކަތަށް އަދި ދިވެހިންގެ މިމަސައްކަތަށް އެހީތެރިވެވަޑައިގެންދެއްވާ ހަމަ ހުރިހާ ބޭފުޅުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައި، ދަންނަވަން ބޭނުންވަނީ މިއަދު މިއީ، އަޅުގަނޑުމެން އަނެއްކާވެސް އެއްބައިވަންތަކަން ދައްކަންޖެހޭ ދުވަހެކޭ. ސުނާމީ ކަހަލަ ދަތި އުނދަގޫ ކަންތައްތަކަކާ އަޅުގަނޑުމެންނާ ކުރިމަތިވެފައި މިއޮތީ. ފެނާ ނުލައި އެއްވެސް ބަޔަކަށް ނޫޅެވޭނެ. މިއަދު އަޅުގަނޑުމެން އެބަ ދައްކަމު، އެ އެއްބައިވަންތަކަން. އެހެންވީމާ، މި ސިޗުއޭޝަންގެ ނާޖާއިޒު ފައިދާ ހޯއްދަވަން އެއްވެސް ބޭފުޅަކު މަސައްކަތް ކުރެއްވުމަކީ، އެއްވެސް ރައްޔިތަކު މަސައްކަތް ކުރެއްވުމަކީ، އެއްގޮތަކަށްވެސް ޖާއިޒު ކަމެއްނޫން. އެއީކީ، ރައްޔިތުންގެ ޙައްޤުގައި ކުރެވިދާނެ ކަމެއް ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން.
 
އެހެންވީމާ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން ހަމަ ހުރިހާ ދިވެހި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، ސަރުކާރުން މިކުރާ މަސައްކަތުގައި އަދި ސަރުކާރާ ގުޅިގެން އަމިއްލަ ފަރާތްތަކުންނާއި ބޭރުގެ ދައުލަތްތަކުން، މިކަން ޙައްލުކުރުމަށް ނޫނީ ޢާންމު ހާލަތަކަށް ގެނައުމަށް މި ކުރައްވާ މަސައްކަތުގައި ކެތްތެރިކަމާއެކީ، އަޅުގަނޑުމެންނާއެކީގައި ތިއްބަވައި ދެއްވިކަމަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަމޭ. އަދި ހަމައެހެންމެ، ތިޔަ ދައްކަވާ ކެތްތެރިކަން، ކުރިއަށް މިއޮތް ދުވަސްކޮޅުގެ ތެރޭގައިވެސް ސާބިތުކަމާއެކީ ދައްކަވައިދެއްވުމަކީ، އަޅުގަނޑު އެދޭ ކަމެކޭ. ސަރުކާރުން، ޝައްކެއްވެސްނެތްގޮތުގައި މި މަސައްކަތް ކުރަނީ ވީހާވެސް އަވަސް ފުރުޞަތެއްގެ ތެރޭގައި މިކަން ޙައްލުކުރެވޭތޯ ކުރެވެން ހުރިހާ މަސައްކަތެއް ކުރުމަށް.
 
ހަމައެއާއެކީގައި ދަންނަވާލަން ބޭނުންވަނީ، މިއަދު އަޅުގަނޑުމެން އިލްތިމާސެއް ކުރިން، އެ ޕެނަލް ބޯޑުތައް ބަދަލުކޮށް، މިހާރު މި ހިނގާ ކުއްލި ހާލަތުގައި، މި ދިމާވި ކަންކަމުގައި ހިނގާ ހުރިހާ ޚަރަދުތައް ފޫބެއްދުމަށްޓަކައި ކުރާ މަސައްކަތުގައި ބޮޑެތި އަދަދުގެ ފައިސާ އެބަ ހޭދަވޭ. އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކޮންމެވެސް ގޮތަކަށް މިވަގުތު މިކުރަނީ. އެހެންނަމަވެސް، މި ސިޗުއޭޝަން ނޯމަލައިޒް ކުރަން މިކުރެވޭ މަސައްކަތުގައި އަޅުގަނޑުމެންނަށް އަންދާޒާ ކުރެވެނީ، ގާތްގަނޑަކަށް ވިއްސަކަށް މިލިއަން އެމެރިކާ ޑޮލަރު ހިނގާނެ ކަމަށް. އެހެންވީމާ، މިވަރުގެ ފަންޑެއް ރެއިޒް ކުރެވޭތޯ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އެތެރެއިންނާއި ބޭރުން، އަޅުގަނޑުމެންގެ ވިޔަފާރިވެރިންގެ ފަރާތްޕުޅުން އަދި ހަމަ އެހެންމެ ބޭރުގެ ދައުލަތްތަކުންނާއި، ބޭރުގެ ދައުލަތްތަކުގައި ހިމެނޭ، ދިވެހިރާއްޖޭގައި އިންވެސްޓް ކުރައްވައިގެން އުޅުއްވާ ފަރާތްތަކުން. އަޅުގަނޑަށް އުންމީދު ކުރެވޭ ގޮތުގައި، އިރާދަކުރެއްވިއްޔާ މިކަންކަން ހަމަޖެހިގެންދާނެ. އެހެންވީމާ، ކުރިޔަށްއޮތް ކައިރި މުސްތަޤްބަލެއްގައި އަޅުގަނޑު އުންމީދުކުރާހިތްވަނީ، މާލޭގެ ފެނުގެ ހާލަތު އަނެއްކާވެސް ޢާންމު ހާލަތަކަށް ބަދަލުވެގެން ދާނެކަމަށް. ޝުކުރިއްޔާ.
 
އަޙްމަދު ޙަމްދޫން - ހަވީރު ނޫސް:
 
ދެންމެ މަނިކުފާނުވެސް ފާހަގަކުރައްވައިފި، ޕްލޭނެއްގެ ވާހަކަ. މިހާދިސާ ހިނގުމާއެކު އެންމެންގެ ސުވާލަކަށް މި އުފެދެނީ، ބެކަޕް ޕްލޭނެއް ނެތް ވާހަކަ. އެހެންނަމަވެސް، ޓާސްކް ފޯސްގެ ބޭފުޅުން ކޮންމެވެސް ވަރަކަށް ވިދާޅުވެއްޖެ، ބެކަޕް ޕްލޭނެއް އޮވެގެނޭ މަސައްކަތް ކުރީ. މި ހާދިސާގެ ހިތި ނަތީޖާ ބަލައިގަނެ، ކުރިއަށްއޮތް ތަނުގައި ކަންކަން ރަނގަޅު ކުރުމަށް މި ސަރުކާރުގެ އެއްވެސް ކަހަލަ ޕްލޭނެއް އެބައޮތްތޯ.
 
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:
 
ނޫން. މި ސަރުކާރަކު އަދިއެއް ޕްލޭނެއް ނޯންނާނެ. އެއީ، ސަރުކާރަކުން ނޫން ފެން މި ދެނީކީ. ފެން މިދެނީ ސަރުކާރާއި ބޭރުގެ ކުންފުންޏެއް ހިމެނޭ ޕްރައިވެޓް ކުންފުންޏަކުން ދޮއެއްތޯ. އެހެންވީމާ، ސަރުކާރުންނެއް ނޫން މި ޕްލޭންގައި މި މަސައްކަތް ކުރަނީ، ސަރުކާރުންނެއް ނޫން ފެން ފޯރުކޮށްދެނީ. މި ސަރުކާރުންވެސް މަސައްކަތް ކުރަމުން ގެންގޮސްފައި މިއޮތީ، ކުންފުނިތަކުން ކުރަމުންދާ މަސައްކަތް ވީހާ ބޮޑަކަށް ކުންފުނިތަކުން ކުރާ ގޮތަށް. އަދި ޚާއްޞަކޮން އެކުންފުނިތަކަކީ، ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކެއްކަމަށް ވާކަމަށްވަންޏާ. ދިރާގުވެސް އެކަހަލަ މިސާލެއް. މި ކުންފުންޏަކީވެސް އެކަހަލަ މިސާލެއް. އެހެންވީމާ، މިހާތަނަށް ފޯބެކް ޕްލޭނެއް އޮތްކަމަށް އަޅުގަނޑުމެންނަކަށް އެހާ ސާފެއްނުވޭ. އެހެންނަމަވެސް ފޯބެކް ޕްލޭނެއް އޮންނަންޖެހޭ. އެކަމަކު ފެނުގެ ޚިދުމަތް ދޭއިރު ޙަޤީޤަތުގައި ޕެނަލް ބޯޑު ރޯވެގެން ދިޔުމަކީ ހަމަ ނާދިރުކަމެއް. އެހެންވީމާ، ޕެނަލް ބޯޑު ރޯވެގެންދާނެ ކަމަކަށް، ހާލަތު މެދުވެރި ވެދާނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއްނުކުރަން، އެއްވެސް ބަޔަކު އިންތިޒާރުކޮށްފައި އޮވެދާނެކަމަކަށް. މިއީ ވަރަށް ވެގެން ނުވާނެ، ވަރަށް ނާދިރުކަމެއް މި މެދުވެރިވީ. އެހެންވީމާ، މިއީކީއެއް ވެދާނެ ކަމެއްކަމަށް ވިސްނާފައެއް އަޅުގަނޑަކަށް ހިއެއްނުވޭ، މިއަކަށް ފޯބެކް ޕްލޭނެއް އޮތްހެނެއް. ދެން މުޅި މާލޭން ފެން ކެނޑިދާނެ ކަމަށް ނޫނީ މާލޭގައި މިގޮތަށް 4، 5 ދުވަސް ނޫނީ އެއަށްވުރެ ދިގު މުއްދަތެއްގައި ފެން ކެނޑިގެން ހިނގައިދާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ، އެމް.ޑަބްލިޔު.އެސް.ސީ.އިން މިހާތަނަށް ވިސްނާފައި އޮތްކަމަކަށް. އެހެންނަމަވެސް، ފެނުގެ ހާލަތު ރަނގަޅުކުރުމަށާއި، އިތުރަށް ފެން ގެނައުމަށާއި، ފެން ރައްކާކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ގުޅިފަޅުގައި މަޝްރޫޢެއް ހިންގާކަންވެސް އަޅުގަނޑަށް އެބަ އެނގޭ. އެހެންވީމާ، މުޅި މާލެއަށް ފެންދޭނީ އެއްގްރިޑެއްގެ ތެރެއިން އެއް ޑިސްޓްރިބިއުޝަން ނެޓްވަރކެއްގެ ތެރެއިންތޯ ނޫނީ މާލެ ބައިބަޔަށް ބަހައިގެންތޯ، މިކަންކަމަކީ ދެން އިރާދަކުރެއްވިއްޔާ މިކަންކަން ހައްލުވެގެން ދިޔައިމާ، ސަރުކާރުން މިކަމަށް ކޮންސަލްޓަންޓުން ގެނެސްގެން އެންމެ ރަނގަޅަށް މިކަން ކުރެވޭނެ ގޮތެއް ބަލާފައި ސަރުކާރުން މިކަން ކުރިއަށް ގެންދާނީ.
 
އިބްރާހީމް މުޢާޒު – އެމް.ބީ.ސީ:
 
އެމް.ޑީ.ޕީ.އިން ނޫނީ ރައީސް ނަޝީދު ވިދާޅުވެފައި އެބައޮތް، މިފަދަ ޚާއްޞަ ހާލަތުގައި ވެރިކަން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާ ހަވާލު ކުރައްވަން. އެކަމާމެދު މަނިކުފާނު ވިދާޅުވަނީ ކީކޭތޯ.
 
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:
 
މީގައި ވެރިކަން ހަވާލު ކުރަނީ ރައްޔިތުން ދޮއެއްތޯ. އެކަމަކު އަޅުގަނޑު ހަމަ ރައްދުގައި ދަންނަވާލަން ބޭނުންވޭ، ހަނދުމަފުޅު ހުންނާނެކަން ނޭނގެ، މިކުންފުނީގެ ހިއްސާއަކީ، ބޭރުމީހުންގެ އަތުގައި އޮއްވާ 19 މިލިއަން ރުފިޔާ ވިއްކާލާފައި، އަނބުރާ ބޭރުބަޔަކަށް 16 މިލިއަނަށް ވިއްކާފައިއޮތް ކުންފުންޏެއް ދޮއެއްތޯ. އެއީ، ރައީސް ނަޝީދު ސަރުކާރުގައި. މިކުންފުނީގައި ބޭރުމީހުންގެ ހިއްސާ، އޭރު ރައީސް ނަޝީދު ސަރުކާރުގައި އޮތީ މިދެންނެވި ގޮތަށް ވިއްކާލާފައި. ރައްޔިތުންގެ މަޖިލިހުގެ ތެރޭގައި، ރައްޔތުންގެ މަޖިލިސްގެ މެންބަރެއްގެ ހައިސިއްޔަތުން އަޅުގަނޑު އަޑު އުފުލިން. އެހެންވީމާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ނޫނީ އެމް.ޑީ.ޕީ.ގެ ލީޑަރާ ވެރިކަން ހަވާލު ކުރުމަކީ، އަނެއްކާވެސް ކޮންމެވެސް ކަހަލަ ކަމެއް ދިމާވެގެން ވެރިކަމުގެ މަޤާމު ހުސްވީމާ ކުރަންޖެހޭނެ ކަމެއް. ރައީސް ނަޝީދު ދައްކަވާ މިކަހަލަ ވާހަކައަކަށް އަޅުގަނޑު މާބޮޑު ސަމާލުކަމެއް ނުދެން އިނގޭތޯ.
 
ރިޒްނާ - ރާއްޖެ ޓީވީ:
 
ބުރާސްފަތި ދުވަހު މިހާދިސާ ދިމާވެގެން ދިޔުމާއެކީ، އަޅުގަނޑުމެންނަށް އެންމެ ފުރަތަމަވެސް ފެނިގެން ދިޔައީ، ސަރުކާރުން ބޭރުގެ ފަރާތްތަކުގެ އެހީއަށް އެދިގެންދިޔަތަން. ކީއްވެގެންތޯ، ރާއްޖެއިން އަމިއްލައަށް މިކަން ހައްލުކުރުމުގެ ބަދަލުގައި ބޭރުގެ ފަރާތްތަކުގެ އެހީއަށް އެދެންޖެހުނީ.
 
 
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:
 
ބޭރުގެ ފަރާތްތަކަކުން ނޫން ދޮއެއްތޯ ރާއްޖޭގައި ފެންބެހީކީ. ރާއްޖޭގައި ފެން ބެހީ ރާއްޖެގެ ސިފައިންނާއި ފުލުހުން. އޭރު ރާއްޖެގެ ކުންފުނިތަކުން އުފެއްދި ފެން ބެހީ ދޮއެއްތޯ. އެއަށްވުރެ ބޮޑެތި މަސައްކަތް ކުރަން ރާއްޖެއިން ބޭރުގެ ފަރާތްތަކުގައި މި އެހެނީ. އެހެންވީމާ،ރާއްޖޭގައި އެކަންކަން ކުރުމުގެ ޤާބިލުކަން ނެތިއްޔާ، އެ ވަރުގެ ރިސޯސް ނެތް ކަމަށްވަންޏާ ރާއްޖެއިން ބޭރުގެ ފަރާތްތަކުގައި އެދޭނެ. އަޅުގަނޑު ހަމަ ސުވާލެއްގެ ގޮތަށް ދަންނަވަން ބޭނުންވަނީ ރާއްޖެއިން ބޭރުގެ އެހީއަށް އެދުންތޯ މީގައި މުހިންމު ސުވާލަކީ، ނޫނީ ރާއްޖޭގެ ރައްޔިތުން ތިބި ނިކަމެތިކަމުން ސަލާމަތް ކުރުމަށްތޯ އަހަންމިޔަތުކަން ދޭންވީ.
 
އަޙްމަދު ޙަމްދޫން - ހަވީރު ނޫސް:
 
މިކަން ފޫބެއްދުމަށްޓަކައި 20 މިލިއަން ޑޮލަރު ނަގާނެކަމަށް ރައީސް ވިދާޅުވެއްޖެ. ބައެއްމީހުންގެ ހިތުގައި އުފެދޭ ސުވާލެއް، ގާތްގަނޑަކަށް 300 މިލިއަން ރުފިޔާގެ ވާހަކަ މިދައްކަނީ 20 މިލިއަން ޑޮލަރު. އެހާބޮޑު އަދަދެއްގެ ގެއްލުމެއްވެގެން ދިޔަތޯ. ތަންކޮޅެއް ތިލަކޮން ބުނާކަމަށްވަންޏާ ހަމައެކަނި ޕެނަލެއްގެ ވާހަކަ ބައެއް މީހުންނަށް ވިސްނެނީ. މިއީ ކިހާ ވަރެއްގެ ގެއްލުމެއްތޯ؟ ބައެއްމީހުންނަށް ގަބޫލެއް ނުކުރެވޭ. 300 މިލިއަން ރުފިޔާއަކީ ވަރަށް ބޮޑު އަދަދެއް، ރާއްޖޭގެ ދައުލަތުގެ ބަޖެޓަށް ބެލި ކަމުގައިވިޔަސް. މިވާގޮތެއް ކޮންމެވެސް ވަރަކަށް ވިދާޅުވެދެއްވަފާނަންތޯ.
 
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް:
 
ދަންނަވާފާނަން އިނގޭތޯ. މި ސޮފިސްޓިކޭޓެޑް އިލެކްޓްރޯނިކް ސިސްޓަމް މެދުވެރިކޮށް ފެން ބަދަލުކުރުމާއި، ހުރިހާ ވޭލްތައް އެނބުރުމާއި، ބޭނުންވާ ހުރިހާ ކަންތައްތައް މެނިޕިއުލޭޓް މިކުރާ ސިކުނޑިއަކީ، މަސްނޫޢީ ސިކުނޑިއަކީ ޕެނަލް ބޯޑުތައް. އެހެންވީމާ، އިންސާނެއްގެ ސިކުނޑި ގޮވީމާ، އިންސާނާއަށް ހޭދަކުރަން ޖެހެނީ ސިކުނޑި ރިޕްލޭސް ކުރަން ނުވަތަ ސަރޖަރީއަށް ދާވަރު. މިކަހަލަ ކަމެއްގައި ހަމަ މި ބަދަލުކުރަނީ. އެހެންވީމާ، މިކުންފުނީގައި މިކަހަލަ ސޮފިސްޓިކޭޓެޑް އިލެކްޓްރޯނިކް ސަރކިޓްތަކެއް ބޭނުންކޮށްގެން ހުރިހާ ޚިދުމަތެއް މިދެނީ. ޓޯޓަލީ ކޮމްޕިއުޓަރައިޒްޑް ސިސްޓަމެއްގައި އެންމެ މުހިއްމު އެއްޗަކީ ސިކުނޑި. އެ ޕެނަލް ބޯޑު ރިޕްލޭސް ކުރުމަކީ، މީގައި ކުރަންޖެހޭ އެންމެ މުހިއްމު ކަންތައް. އެހެންވީމާ، އެ ރިޕްލޭސް ކުރުމާއި މިހާރު މިހޯދާ ފެނަށްވާ ފައިސާވެސް މިފެން ހޯދާ ފަރާތްތަކަށް ސަރުކާރުން ދޭންވެސް ޖެހޭނެ. އަދި މިހިނގާ ހުރިހާ ޚަރަދުތަކަށް އަޅުގަނޑުމެން އަންދާޒާ ކޮށްފައިއޮތީ 20 މިލިއަން ޑޮލަރު. ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އަދަދު 80 ހާހަށްވުރެ ގިނަވާނެ. 80 ހާސް ދިވެހި ރައްޔިތުން 5 ދުވަސް، 6 ދުވަސް، 7 ދުވަސް ވަންދެން ފެންނުބޮއެ ތިބޭ ކަމަށްވަންޏާ އެކަން ރަނގަޅުކުރަން 20 މިލިއަން ޑޮލަރަކީ، އަޅުގަނޑަކަށް ކުޑަ އެއްޗެއް. އެހެންވީމާ، އަޅުގަނޑަށް މުހިންމީ މާލޭގެ ރައްޔިތުންނަށް ބޭނުންވާ ފެން ލިބޭނެގޮތް ހެދުން. ސަރުކާރުގެ ބަޖެޓަކީ، އެތައް ބިލިއަން ރުފިޔާއެއް. 300 މިލިއަން ރުފިޔާއަކީ، މާލޭގެ ރައްޔިތުންނަށް މިހާރު މި ދިމާވެފައިވާ ކަންތައްތަކުން އަރައިގަތުމަށްޓަކައި އަޅުގަނޑުގެ ނަޒަރުގައި ވަރަށް ކުޑަކުޑައެއްޗެއް. ވަރަށް ޝުކުރިއްޔާ އިނގޭތޯ.