بســم اللّـه الرّحمـن الرّحيــم

 
ނިޢުމަތްތަކުގެ ވެރި اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޙަމްދުކޮށް ޝުކުރުކުރަން. މި އުންމަތުގެ ނަބިއްޔާ مُحَمَّـدرســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލައްވާށި! އަދި މި ދުޢާގައި އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރައްވާށި!
 
ދިވެހި ލޮބުވެތި ޒުވާނުން، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރެއްވި ޢިއްޒަތްތެރިން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه
 
އާދެ، ދިވެހި ޒުވާނުންނާ ދޭތެރޭގައި އަޅުގަނޑާއި އަޅުގަނޑުގެ ސަރުކާރުގެ އުންމީދާއި ވިސްނުން ހުރިގޮތް، ދެންމެ ވީޑިއޯ ޕްރެޒެންޓޭޝަނުން ފެނިވަޑައިގަންނަވައިގެން އެދިޔައީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ދިވެހި ޒުވާނުން، ބަޔަކަށް ހެދުމަށް މި މަސައްކަތް ކުރަނީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ޢަބްދުﷲ ޔާމީން އައި ހަމަޔަކުންނެއް ނޫން. މި މަސައްކަތް ފެށިފައި މިވަނީ، ރިޔާސީ އިންތިޚާބުގެ ކުރިން ޕާޓީގެ ޕްރައިމަރީއާ ހަމައިގައި، އަޅުގަނޑުގެ ތަޞައްވުރެއް، ރައީސް ކަމުގެ މަޤާމާ ހަމަޔަށް އާދެވިއްޖެ ކަމަށްވަންޏާ، ދިވެހިރާއްޖެއަށް ބައްޓަން ކުރުމުގަޔާއި، މާޔޫސްކަންމަތީގައި ތިބި ޒުވާނުން މަގަށް ގެނައުމަށްޓަކައި، އޭރު ކުރެވުނު ތަޞައްވުރެއްގެ ވާހަކަ، އަޅުގަނޑުމެންގެ މެނިފެސްޓޯގައި އޭގެފަހުން އެކުލަވައިލެވިފައި އެވަނީ.
 
ޕީ.ޕީ.އެމް.ގެ މެނިފެސްޓޯގައި، ނޫނިއްޔާ އަޅުގަނޑުގެ މެނިފެސްޓޯގައި، ރިޔާސީ އިންތިޚާބަށް ކުރިމަތިލައިގެން ނުކުމެ، ރައްޔިތުންނަށް ދެންނެވި ވާހަކަތަކުގެ ތެރޭގައި، ޒުވާނުންނަށް އަމާޒުކޮށްގެން ވަރަށްގިނަ ވާހަތަކެއް އަޅުގަނޑުމެން އެހެރީ ދައްކާފައި. އަޅުގަނޑުމެން ގަބޫލުކުރާ ޙަޤީޤަތަކީ، އެއީ އަޅުގަނޑާއި އަޅުގަނޑުގެ ސަރުކާރާއި އަދި އަޅުގަނޑުމެންގެ ޕާޓީ، ޕީ.ޕީ.އެމް.ގެ ރައީސާއި، ޕީ.ޕީ.އެމް.ގެ ކައުންސިލް މެންބަރުންނާ ހަމައިން އަދި ޢާންމު މެންބަރުންނާ ހަމައިން ގަބޫލުކުރާ ޙަޤީޤަތަކީ، ދިވެހިރާއްޖެ ކުރިއަށް ގެންދެވޭނީ، ޒުވާނުންގެ ހަކަތަ، ދިވެހިރާއްޖެ ބިނާކުރުމުގައި، ހެޔޮގޮތުގައި ބޭނުންކޮށްގެންކަމަށް. އަޅުގަނޑުމެންނާ އިދިކޮޅު، ވާދަވެރި، އެހެން ސިޔާސީ ފިކުރުގައި ތިބި މީހުންނާ، މި މައްސަލައިގައި އެކަނި ޚިޔާލުގެ ތަފާތަކީ، އަޅުގަނޑުމެން ދެކޭގޮތުގައި ޒުވާނުންނަކީ އީޖާބީ، ބިނާކުރަނިވި ރިސޯސްފުލް ބަޔަކަށް ހެދިދާނެ ދިވެހި ޒުވާނުންތަކެއް ކަމަށް. އަޅުގަނޑުމެންގެ އިދިކޮޅު ޚިޔާލުގެ ބޭފުޅުންނަށް ފަހަރުގައި، ދިވެހި ޒުވާނުންނަކީ މުޖުރިމުން ކަމުގައި ވެގެން ހިނގައިދާނެ. އެހެންނަމަވެސް، އެއީ އަޅުގަނޑުމެން އެކަން ގަބޫލުކުރާ ގޮތެއް ނޫން. އަޅުގަނޑުމެންގެ ސަރުކާރުން މިކުރެވޭ މަސައްކަތްތަކަކީ، ދިވެހި ޒުވާނުންނަކީ ޤާބިލު ބަޔަކަށް ހެދުން. ދިވެހި ޒުވާނުންނަކީ ޒިންމާ އުފުލަން ކެރޭ، ޒިންމާ އުފުލުމުގެ ފުރްޞަތު ތަނަވަސްވެގެންދާ ބަޔަކަށް ހެދުން. ދިވެހި ޒުވާނުންނަކީ ދިވެހި މުޖްތަމަޢު ހެޔޮގޮތުގައި ބައްޓަންކުރަން އިސް ސަފުގައި މަސައްކަތްކުރާ ބަޔަކަށް ހެދުން. ދިވެހި ޒުވާނުންނަށް ލީޑަރޝިޕް ކޮލިޓީޒް، އަޅުގަނޑުމެންގެ ފަރާތުން ހޯދައިދިނުމަށް ކުރާ މަސައްކަތްތަކެއް ކުރުން. ދިވެހި ޒުވާނުން އެމްޕަވަރ ކުރަން، ނޫނިއްޔާ ބާރުވެރި ކުރުވަން ކުރާ މަސައްކަތް ކުރުން. ދިވެހި ޒުވާނުން ބާރުވެރިކުރުވުމަކީ، ހަމައެކަނި ސިޔާސީގޮތުން ދިވެހި ޒުވާނުން ބާރުވެރިކުރުވުމެއް ނޫން. އަދި ދިވެހި ޒުވާނުންގެ ތެރޭގައި ހިމެނެނީ ހަމައެކަނި ފިރިހެން ކުދިންނެއްވެސް ނޫން. ދިވެހި ޒުވާނުންގެ ތެރޭގައި މި ހިމެނެނީ، ޒުވާން އަންހެން ކުދިންނާއި، ޒުވާން ފިރިހެނުން. އާދެ، 18 އަހަރާއި 35 އަހަރާ ދެމެދުގެ ޢުމުރުފުރާގެ ދިވެހި އަންހެނުންނާއި، ނޫނީ ދިވެހި އަންހެން ޖިންސުއްލަޠީފުންނާއި، ދިވެހި ޒުވާން ފިރިހެނުން، މި ޢުމުރުފުރާގައި ހިމެނޭ.
 
އެހެންވީމާ، ދިވެހި ޒުވާނުން ބާރުވެރިކުރުވުމަށް މިކުރެވޭ މަސައްކަތުގައި، މިރޭ އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންގެ ތަޞައްވުރު ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވައިގެން އެދިޔައީ. އެ ތަޞައްވުރުގެ ތެރޭގައި، ދިވެހިރާއްޖެއަކީ، އިރާދަކުރެއްވިއްޔާ އިޤްތިޞާދީ ގޮތުން މިހާރަށްވުރެ ފުދުންތެރި ބޮޑު ދައުލަތަކަށް ހެދޭތޯ ކުރާ މަސައްކަތުގެ ވިސްނުން، ނޫނިއްޔާ ހުވަފެން، އަޅުގަނޑުމެން ޚިޔާލީ ރޮނގެއްގެ ގޮތުގައި ދަމާލާފައި އެއޮތީ. އެކަން ކުރުމަށް ބޭނުންވާ މަސައްކަތްތައް އަޅުގަނޑުމެން މިދަނީ ކުރަމުން. އެކަން ކުރުމަށް ބޭނުންވާ މަސައްކަތްތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކާއެކީ އޮންނަ ގުޅުން ރަނގަޅުކުރުމާއި، އަޅުގަނޑުމެންނަށްވުރެ ދުރު ހިސާބުތަކުގައި ތިބި ބޮޑެތި އިޤްތިޞާދީ ބާރުވެރިކަން ހުރި ޤައުމުތަކާ ދޭތެރޭގައި އޮންނަ ގުޅުން ރަނގަޅު ކުރުމާއި އަދި ބައިނަލްއަޤްވާމީ މުޖްތަމަޢުގައި، އަޅުގަނޑުމެންނާ ދޭތެރޭގައި ވިސްނާގޮތް ބަދަލުކުރުމާއި، ރާއްޖެއަށް އަންނަ ބޮޑެތި އިންވެސްޓަރުން، ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމާއި، އެމީހުންނަށް އިތުބާރު ހޯދައިދިނުމާއި އަދި އެމީހުންނަށް އިތުބާރު ހޯދައިދިނުމުގެ ތެރޭގައި، ޤާނޫނީ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ދިވެހި މުޖްތަމަޢަކީ، ބޮޑެތި ކުށްތަކުން ސަލާމަތްވެފައި އޮތް މުޖްތަމަޢަކަށް ހެދުމާ، މިކަހަލަ އެތައް މަސައްކަތްތަކެއް ކުރެވެމުން އެދަނީ. އަދި އިރާދަކުރެއްވިއްޔާ ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި، ފަސޭހަކަމާއެކީ ވިޔަފާރި ކުރެވޭނެ އިންތިޒާމުތަކުގެ ތަފްޞީލުތައް، އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ހަމަ މިކަހަލަ ޙަފްލާއެއްގައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އިޢުލާނު ކުރާނަން. އެއީ، ދިވެހި ވިޔަފާރިވެރިންނަށް އަދި ހަމައެހެންމެ ބޭރުން ދިވެހިރާއްޖެއަށް ވަޑައިގެން، ނޫނީ ބޭރުން ދިވެހިރާއްޖެއަށް އައިސް އިންވެސްޓްކޮށްގެން، އިންވެސްޓްމަންޓް ކަންތައް ކުރިއަށް ގެންދާ ފަރާތްތަކަށް އަޅުގަނޑުމެން ހުޅުވާލާ ފުރްޞަތުތައް މިއީ.
 
މީގެ ބޭނުމަކަށް ވަނީ، ދިވެހި ޒުވާނުންގެ ދުވަހެއް ފާހަގަކުރާ މިކަހަލަ ޙަފްލާއެއްގައި ދަންނަވާލަން ބޭނުންވަނީ، މީގެ ބޭނުމަކަށްވަނީ، ޙަޤީޤަތުގައި ދިވެހި ޒުވާނުންނަށް ފުރްޞަތުތަކެއް އިތުރުކޮށްދިނުމޭ. އިތުރުކޮށްދެވޭ ފުރްޞަތުތަކުގެ ތެރޭގައި، ގިނަ ޒުވާނުންނަކީ ވަޒީފާ އަދާކުރާ ޒުވާނުން ކަމަށް ވެގެންދިޔުމަކީ، އަޅުގަނޑުމެންގެ އުންމީދު. ހަމައެއާއެކީ، ޒުވާނުންތަކެއް އަޅުގަނޑުމެން ބޭނުންވަނީ، ޢާއިލާގެ ނޫނީ ކުދި ވިޔަފާރިތަކަށް ނެރެން. މެދު ފަންތީގެ ވިޔަފާރިތަކަށް ނެރުން. އަދި އެނޫން ވިޔަފާރިތަކަށް ޒުވާން ޖީލެއް ބިނާކުރަން އަޅުގަނޑުމެން މަސައްކަތް މިކުރަނީ.
 
އެހެންވީމާ، ދިވެހިރާއްޖޭގެ ޒުވާނުންނަށް އަޅުގަނޑުމެންގެ މެނިފެސްޓޯގައި، ޔޫތު އޮންޓްރޮޕްރޮނޮޝިޕް ޕްރޮގްރާމެއްގެ ވާހަކަ އަޅުގަނޑުމެން ލިޔެފައި އެވަނީ. ޔޫތު އޮންޓްރޮޕްރޮނޮޝިޕް ޕްރޮގްރާމްގެ ތެރޭގައި މި ހިމެނެނީ ޒުވާން ވިޔަފާރިވެރިޔާ، ޒުވާން މަސްވެރިޔާ، ޒުވާން ދަނޑުވެރިޔާ، މިހެންގޮސް ޒުވާން ވިޔަފާރިވެރިން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، އެމީހުން އަހުލުވެރިކުރުވުމަށްޓަކައި ކުރާ މަސައްކަތް. އަހުލުވެރިކުރުވުމަށްޓަކައި ކުރާ މަސައްކަތުގެ ތެރޭގައި، އަޅުގަނޑުމެން މީގެކުރިން ދަންނަވާފައި އޮތްގޮތަށް، މިރޭ އިތުރު ތަފްޞީލު ލިބިގެން މިދަނީ، ގެޓްސެޓް ޕްރޮގްރާމްގެ ނަމުގައި، ލޯންޗް ކުރެވިފައި އޮތް މި ޕްރޮގްރާމް. މި އަންނަ އަހަރުގެ 1 ވަނަ ދުވަހުން ފެށިގެން، މި ލޯނު ސްކީމަށް އެޕްލައި ކުރާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް، ޔޫތު މިނިސްޓްރީން ބަލައިގަންނަ ގޮތަށް މިހާރުވަނީ ހަމަޖައްސާފައި. 5 އަހަރުގެ މި ރާސްތާގެ ތެރޭގައި، މިހާރު ބަޖެޓް ކުރެވިފައި އެއޮތީ 200 މިލިއަން. އެހެންވީމާ، މިއަންނަ އަހަރު ޒުވާން ވިޔަފާރިވެރިން، ނޫނިއްޔާ ޒުވާން ވިޔަފާރިވެރިންނަށް ހަދައިދިނުމަށްޓަކައި މި އެޕްލިކޭޝަން ކާމިޔާބުކުރާ ފަރާތްތަކަށް، މިއަންނަ އަހަރު އެކަނި މިއޮތީ 40 މިލިއަން ރުފިޔާގެ ޢަދަދެއް ހަމަޖައްސާފައި. މި 40 މިލިއަން ރުފިޔާ ބެހިގެންދާނެގޮތް، ދެންމެ އަޅުގަނޑުމެންނަށް ފެނިގެން އެދިޔައީ. 3 ލައްކަ ރުފިޔާއިން، 5 ލައްކަ ރުފިޔާއިން، 8 ލައްކަ ރުފިޔާގެ ޢަދަދުތަކަށް ލޯނު ދޫކުރުން.
 
ދެން މި ލޯނު ދޫކުރުމުގައި ފާހަގަކޮށްލަންޖެހޭ ބައެއް ކަންތައްތައް އަޅުގަނޑު ދަންނަވާނަން. މިއީ، ޢާންމުކޮށް ބޭންކުން ދޫކުރާކަހަލަ ލޯނެއް ނޫން. އެއަށްވުރެ ފަސޭހަކަމާއެކީ ލިބޭ ލޯނެއް މިއީ. ހަމަ ހުރިހާ ޒުވާނުންނަށް ދަންނަވާލަން ބޭނުންވަނީ، މި ފުރްޞަތުގެ ބޭނުން ހިއްޕަވާށޭ. އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ގޮތުގައި، ޒުވާނުންގެ ތެރޭގައި ވަރަށް ފަންނުވެރި ޒުވާން ކުދިން އެބަތިބި. ފަންނުވެރި ޒުވާން ކުދިން އަޅުގަނޑުމެންނަށް ފެނިގެންދާނީ، އަޅުގަނޑުގެ މިރޭގެ މިވާހަކައަށްފަހު، ސްޓޭޖް މަތިން ފެންނަ އެކިއެކި ޕަރފޯމިންގ އާޓިސްޓުންގެ ތެރެއަކުން ނޫން. އެކިކަހަލަ ފަންނުތަކުގައި އަރާހުރި ދިވެހި ޒުވާނުން ތިބިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އެހެންވީމާ، އެ ޒުވާނުން، އެމީހުންގެ ވިސްނުން، ނޫނިއްޔާ އެމީހުންގެ އެހުރި ހުނަރު، ވިޔަފާރީގެ އުޞޫލުން ރައްޔިތުންނާ ހަމަޔަށް ގެނެސްދޭން ކުރެވޭ ކޮންމެ މަސައްކަތަކީ، މި ގެޓްސެޓް ޕްރޮގްރާމްގެ ދަށުން ބަލައިގަންނާނޭ މަސައްކަތެއް. އެންމެ މަދުމިނުން ދެކުދިން ހިމެނިގެން އުފައްދާ ޕާޓްނަރޝިޕެއް، ނޫނިއްޔާ ކުންފުންޏަކަށް މި ޖާގަ އެބަލިބޭ. އެކަމަކު ޓެސްޓް ޕޭޕަރެއް ހަދާ ކުދިންނަށް ކޯޗްކޮށްދޭ މީހަކު އިރުޝާދުދޭ ފަދައިން އަޅުގަނޑު ދަންނަވާލާނަން. ވީހާގިނަ ޒުވާނުން، އެކުންފުންޏެއްގައި ހިމަނައިގެން އަދި އެކުރެވޭ މަސައްކަތުގައި، ވީހާގިނަ ބަޔަކަށް، ޚާއްޞަކޮށް، ވީހާގިނަ ޒުވާނުންނަށް، އެއީ ރަށެއްގައި ކަމަށްވަންޏާ، ރަށެއްގެ ކޯޕަރޭޓިވްއަކަށް، ނޫނިއްޔާ މުޅި ރަށެއްގައި ހިމެނޭ މުޖްތަމަޢަށް، ވީހާގިނަ ބަޔަކަށް އެ މަޝްރޫޢަކުން ފައިދާ ލިބޭ ކޮންމެ މަޝްރޫޢަކީ، މި ޕްރޮޖެކްޓް ކާމިޔާބު ކުރުމުގެ 100 އަކުން ލޯމަރާލާފައި 50 މާކްސް ލިބޭނެ އުޞޫލު.
 
އެހެންވީމާ، އަޅުގަނޑު ދިވެހި ޒުވާނުންނަށް ދަންނަވާލަން ބޭނުންވަނީ، ޢާންމުކޮށް މިދޫކުރާ ބޭންކް ލޯނުތަކާ މިދޫކުރާ ލޯނާ ހުރި ތަފާތަކީ، މިދަންނަވާލި ގޮތަށް، މި ލޯނު ނަގާ ނެގުމުގައި، އެއްވެސް ކަހަލަ މުދަލެއް ރަހުނުގައި ބަހައްޓާކަށްނުޖެހޭ. ބޭންކަކުން ލޯނެއް ނުލިބޭނެ، ރަހުނުގައި އެއްޗެއް ނުބަހައްޓައިފި ކަމަށްވަންޏާ، އަދި ނަގާ ލޯނުގެ 200 ޕަސެންޓް، ޢާންމު ގޮތެއްގައި މިހާރު ރާއްޖޭގެ ބޭންކްތަކުން ރަހުނުގައި ބަހައްޓާނެ. އެހެން ނަމަވެސް، އަޅުގަނޑުމެން ގެޓްސެޓް ޕްރޮގްރާމުން މިދޫކުރާ ލޯނުގައި، އެއްވެސް ކުއްޖަކު އެއްވެސް ކުންފުންޏަކުން އެއްވެސް އެއްޗެއް ރަހުނުގައި ބަހައްޓާކަށް ނުޖެހޭނެ. ބައްޕަގެ ނަމުގައި އޮންނަ ގޯތީގެ ފަތް، ރަހުނުގެ ގޮތުގައި ބާއްވާކަށް ނުޖެހޭނެ. ދުއްވަން ގެންގުޅޭ ސައިކަލް، ނޫނިއްޔާ ޖެޓްސްކީ ރަހުނުގެ ގޮތުގައި ބާއްވާކަށް ނުޖެހޭ. އެހެންވީމާ، ރަހުނުގެ ގޮތުގައި ހަމަ އެކައްޗެއްވެސް ނުބާއްވައި، ސަރުކާރުން މި އަންޑަރރައިޓް މި ކޮށްދެނީ އެކުދިންނަށް، އެކުދިން އެ ހިންގާ މަޝްރޫޢެއް ނާކާމިޔާބުވެއްޖެ ކަމަށްވަންޏާ، އެ ހިސާބުން އެ މަސައްކަތް އެ ނިމުނީ. އިތުރަށް އެކުދިން ދަރަނިވެރިވުމެއް، މިކަހަލަ އެއްވެސް ކަމެއް ނޯންނާނެ. އެހެންވީމާ، ޢާންމުކޮށް، ވިޔަފާރި ބޭންކްތަކުން ދޫކުރާ ލޯނާއި މި ލޯނާ ހުރި ތަފާތަކީ، މިއީ ފަސޭހަކަމާއެކީ ޒުވާން ފަންނާނުންނަށް، ވިޔަފާރީގައި ކުރިއަށްދާން ބޭނުންވާ ޒުވާން ކުދިންނަށް އެވެއިލް ކުރެވިދާނެ، ބޭނުންހިފިދާނެ ފުރްޞަތެކޭ. މި ފުރްޞަތުގެ ބޭނުން ހިއްޕަވާށޭ.
 
ދެން ހަމައެއާއެކީ ދަންނަވާލަން ބޭނުންވަނީ، މިކަހަލަ ފުރްޞަތުތަކެއް ހުޅުވައިދޭއިރު، ޒުވާން ކުދިންގެ ފަންނުތައް، އެކުދިން ޚިޔާލުކުރާ ރޮނގަކުން ވިޔަފާރިއާ ހަމަޔަށް ގެންނަން ކުރާ މަސައްކަތުގެ ތެރޭގައި، އަޅުގަނޑުމެންވެސް ޓުއަރިޒަމްގެ ޞިނާޢަތުގެ ތެރެއިންވެސް އިތުރު މަސައްކަތްތަކެއް މިކުރަނީ. މީގެކުރީގައި މިކަހަލަ ޖަލްސާއެއްގައި އަޅުގަނޑު ދަންނަވާލި ފަދައިން، ޓުއަރިސްޓް ރިޒޯޓެއް އަލިފުން ޔާއަށް ނިންމުމަކީ، އެއްވެސް ޒުވާން ވިޔަފާރިވެރިއަކަށް ފަސޭހަ ކަމަކަށް ނުވާނެ. އަދި ރާއްޖޭގައި ތިއްބެވި ފުންނާބު އުސް ވިޔަފާރިވެރިންނަކަށްވެސް ބޭންކް ލޯނަކާ ނުލައި ކުރުމަކީ ފަސޭހަކަމަކަށްނުވޭ. ދިވެހިރާއްޖޭގައި އަދު ދިމާވެފައި އޮތް އެންމެބޮޑު މައްސަލައަކީ، ދިވެހިރާއްޖޭގައި އިންވެސްޓުކުރަން އަންނަ ފަރާތްތަކަށް ދިމާވެފައި އޮތް އެންމެބޮޑު މައްސަލައަކީ، މިކަހަލަ ވިޔަފާރީގެ މައްސަލަތައް، އަޅުގަނޑުމެންގެ ޝަރުޢީ ދާއިރާގެ ތެރޭގައި، ނޫނީ އެކިހިސާބުގެ ތެރޭގައި ނުހިނގައި ހަރުލާފައި ބްލޮކްވެފައި ހުންނަ ހުރުން. މި މައްސަލަތަކަށް އަވަސް ޙައްލެއް އަތުވެއްޖެ ކަމަށްވަންޏާ، ދިވެހިރާއްޖެ އިޤްތިޞާދީ ގޮތުން މިކުރާ މަސައްކަތުގައި، އަޅުގަނޑުމެންނާ ދޭތެރޭގައި އޮތް އުންމީދު، ބޭރުގެ އިންވެސްޓަރުންގެ އިތުރުވެގެންދާނެ އެތައް ގުނައަކަށް.
 
ޓުއަރިޒަމްގެ ޞިނާޢަތުގެ ތެރެއިން ދިވެހި ޒުވާނުންނަށް، ނޫނިއްޔާ ޒުވާން އޮންޓޮޕްރިއޮނަރުންނަށް، ވިޔަފާރިއަށް ނުކުންނަ ފަރާތްތަކަށް އަޅުގަނޑުމެން ހުޅުވާލާ ފުރްޞަތުތަކުގެ ތެރޭގައި އަޅުގަނޑު މިދަންނަވަނީ އަޅުގަނޑުމެން މިހާރު އިންޓްރޮޑިއުސް ކޮށްފައި އެއޮތީ ގެސްޓްހައުސް އައިލެންޑް ކޮންސެޕްޓެއް. އޭގެ މާނައަކީ ތުނބުރި ޕްރޮޖެކްޓުން އަޅުގަނޑުމެން ލޯންޗްކުރި ކޮންސެޕްޓް، ނޫނިއްޔާ މަފްހޫމް، ތިޔަބޭފުޅުންގެ ޚިޔާލުފުޅަށް ގެންނަވާ. މި ޕްރޮޖެކްޓްގެ ދަށުން ވަކިވަކި ތަފާތު ކޮމްޕޯނަންޓްތަކެއް، ނޫނީ ވަކިވަކި ތަފާތު ބައިތަކެއް އެހެރީ ޓުއަރިޒަމްގެ ރިޒޯޓެއް ފުރިހަމަކުރުމަށްޓަކައި. މިއިން ކޮންމެ ބައެއްގައި، މިދެންނެވި ލޯނު ނަގައިގެން އުފައްދާ ތިން ހަތަރު ކުންފުންޏަކުން ބައިވެރިވެގެން އޭގެ އެކަށީގެންވާ ޙިއްޞާއެއް ނެގުމަކީ ފަސޭހަކަމެއް. އެހެންވީމާ، ޒުވާން ވިޔަފާރިވެރިންނަށް ލޯނާއެކީ މި ހުޅުވާލާ ފުރްޞަތުތަކުގެ ތެރޭގައި، އަލަށް މި ތަޢާރުފް ކުރެވޭ މިދެންނެވި ކަހަލަ ސްޓްރާޓަރ ޓުއަރިޒަމް، ނޫނިއްޔާ ގެސްޓްހައުސް ޓުއަރިޒަމްގެ ކޮންސެޕްޓްގެ ތެރެއިން މިދެންނެވި ކަހަލަ އެކިއެކި ކޮމްޕޯނަންޓްތަކުގެ އިންވެސްޓް ކުރުމުގެ ޖާގަ އެބައޮތް. މިސާލަކަށް، ކުންފުންޏަކަށް ލިބޭ ތިންލައްކަ ރުފިޔާއިން މިކަން ނުކުރެވި ހިނގައިދާނެ. އެކަމަކު ވިޔަފާރިއަކަށް ބޮޑެތި ލޯނު ނަގާއިރު، ޢާންމުކޮށް، ދުނިޔޭގެ އެކި ތަންތަނުގައި، ޚާއްޞަކޮށް، ރާއްޖޭގައިވެސް މިކަން ކުރާގޮތާ ދޭތެރޭގައި ވިސްނަވާ. 40 މިލިއަން، 50 މިލިއަން، 60 މިލިއަން ޑޮލަރުގެ ލޯނެއް ނަގާކަމަށްވަންޏާ، އެއްފަރާތަކަށް އެއް ބޭންކަކުން ދިނުމަކީ ފަސޭހަ ކަމަކަށްނުވާނެ. އެހެންނަމަ، ބޭންކްތައް ގުޅިގެން ސިންޑިކޭޓް މިކުރަނީ. ތިން ހަތަރު ބޭންކެއް ގުޅިގެން ލޯނު ބަހާލައިގެން ލޯނު މި ދޫކުރަނީ. ހަމަ އެގޮތަށް، މި ތަޢާރުފް ކުރެވޭ ލޯން ސްކީމްގެ ދަށުން ސިންޑިކޭޓް ކޮށްގެން، އެކިއެކި މަސައްކަތްތަކަށް ކުރިމަތިލުމުގެ ފުރްޞަތު، ދިވެހި ޒުވާނުންނަށް މި ހުޅުވިގެން މިދަނީ. މި ނަގާ ލޯނުގެ ތެރެއިން އެއް ޚިޔާލެއްގެ، އެއް ވިސްނުމެއްގެ، އެއް މަޤްޞަދެއްގައި އުފައްދާ ކުންފުނިތަކެއް ކަމަށްވަންޏާ، ހުރިހާ ކުންފުނިތައް ސިންޑިކޭޓް ކޮށްގެން، މިދެންނެވި ގެސްޓްހައުސް އައިލެންޑް ކޮންސެޕްޓްގެ ތެރެއިން ވަކި ކޮމްޕޯނަންޓެއް ނެގުމަކީ އުނދަގޫ ކަމަކަށް ނުވާނެ. އެ ކޮމްޕޯނަންޓްގައި ސަތޭކައިންސަތޭކަ އިންވެސްޓް ކުރެވިދާނެ. އެހެންކަމަށްވަންޏާ، އެރަށުގައި ޓުއަރިޒަމްގެ ހުރިހާ ކަމެއް ފުރިހަމަވެގެންދާއިރު، އެ ނެގި ކޮމްޕޯނަންޓެއްގެ ވިޔަފާރީގެ ހުރިހާ ނަފާއެއް އެ ލިބިގެންދަނީ، ހިލޭ ލިބޭ ލޯނެއްގެ އެހީގައި، މިދެންނެވި ގޮތަށް އުފެއްދޭ ކުންފުނިތަކަކަށް.
 
އަޅުގަނޑު އިލްތިމާސްކޮށްލަން ބޭނުންވަނީ، މި އުފައްދާ ކުންފުނިތަކަކީ، ދެކުދިން ބައިވެރިވެގެން އުފެއްދޭ ކުންފުންޏެއް ކަމުގައިވީނަމަވެސް، އަޅުގަނޑު ހަމަ އިލްތިމާސް ކުރަން ބޭނުންވަނީ، އެއަށްވުރެ ގިނަ ކުދިން މީގެތެރޭގައި ބައިވެރިވާ ކަމަށްވަންޏާ، ސަރުކާރުން މި ސްކީމުން ލޯނު ދޫކުރާއިރު، އިތުރު ޕޮއިންޓްތައް ލިބުމަކީ ފަސޭހަވެގެންދާނެކަމެއް. އެހެންވީމާ، މި ގެޓްސެޓް ޕްރޮގްރާމްގައި، މިރޭ ހަމަ ދަންނަވާލަން ބޭނުންވަނީ، ޒުވާނުން ބާރުވެރިކުރުވުމަށްޓަކައި ޒުވާނުންގެ ދުވަހެއްގައި، ޒުވާނުންނަށް ދެވޭނެ އެންމެ ރަނގަޅު މެސެޖަކަށްވާނީ، އަދު ދިވެހި ޒުވާނުންނަކީ، މަސައްކަތަށް ނުކުންނަން ބޭނުންވެފައި ތިބި ބަޔަކަށްވާތީ، އަޅުގަނޑުމެން މި ގަބޫލުކުރަނީ، ދިވެހި ޒުވާނުން އެމްޕަވަރ ކުރެވޭނެ އެންމެ ރަނގަޅު ގޮތަކީ، މިދެންނެވި ގޮތަށް ވިޔަފާރީގެ ޚިޔާލުހުރި ފަންނުވެރި ކުދިންތަކެއް، އެ ކުދިންގެ މަސައްކަތުން ނުކުމެވޭނެ ގޮތްތަކެއް، ވިޔަފާރިއަށް ނުކުމެވޭނެ ގޮތްތަކެއް ސަރުކާރުން ފަސޭހަކޮށްދިނުން. އެ މަޝްރޫޢު އަޅުގަނޑުމެން  ހިންގަން ބޭނުންވަނީ. މިއަންނަ އަހަރުގެ 1 ވަނަ ދުވަހުން ފެށިގެން މި މަޝްރޫޢަށް އެޕްލައި ކުރުމުގެ ފުރްޞަތު މިހާރު އެވަނީ ޔޫތު މިނިސްޓްރީއަށް ހުޅުވާލާފައި.
 
ދެން ހަމައެއާއެކީ ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މި މަޝްރޫޢު ކުރިއަށްދާއިރު، ދިވެހި ޒުވާނުން އެއްވެސް ގޮތަކަށް ހީފުޅުނުކުރައްވާ، ޒުވާނުންނަށް ލޯނުދީފައި، ގަދަ ކަނޑެއްގެ ތެރެއަށް، ނޫނިއްޔާ ގަދަ ކަނޑުމައްޗަށް، ގަދަ ކަނޑެއްގެ މައްޗަށް އަޅުގަނޑުމެން ޒުވާނުން ނެރެނީ ކަމަށް ގަބޫލު ނުކުރައްވާ. އަޅުގަނޑުމެން މިޔާއެކީ މި ތަޢާރުފްކުރީ އިންކިޔުބޭޝަން ސަރވިސްއެއް. އިންކިޔުބޭޝަން ސަރވިސްގެ ތެރޭގައި، އިދާރީ ހުރިހާ ކަމެއް، މި ވިޔަފާރި ހިންގުމަށްޓަކައި ބޭނުންވާ އިދާރީ ހުރިހާ ފަސޭހަތަކެއް، މި ވިޔަފާރި އަމިއްލަ ފައިމައްޗަށް ތެދުވެވެންދެން، ނޫނިއްޔާ 9 މަސް ދުވަސް ވަންދެން، ނޫނީ ބްރޭކްއީވަން ވަންދެން ކޮށްދިނުމުގެ ޚިދްމަތްވެސް މިހާރު މިވަނީ ޔޫތު މިނިސްޓްރީގެ ތެރޭގައި ޤާއިމުކުރެވިފައި. އޭގެ ބޭނުމަކަށްވާނީ، ވިޔަފާރީގެ ޚިޔާލު ހިފައިގެން އަންނަ ކުދިންނަށް، ފީޒިބިލިޓީ ހެދުމާއި، ކޮންސަލްޓަންސީ ދިނުމާއި، އަދި އެކުދިންގެ މަސައްކަތަށް ބޭނުންވާނެ ކޮންސަލްޓަންޓެއް ހޯދުމާއި، އެކުދިން ނަގަން ބޭނުންވާ ވިޔަފާރިއަށް ބޭނުންވާ މީހުން ޢައްޔަނު ކުރުމާ، މިހެންގޮސް އެކުދިންނަށް ބޭނުންވާނެ އެތައް ތަފާތު މަސައްކަތްތަކެއް ހިމެނޭ ސަރވިސްއެއް، އަޅުގަނޑުމެން ޖުމްލަކޮށްލާފައި މިކިޔަނީ އިންކިޔުބޭޝަން ސަރވިސްއެކޭ. އެހެންވީމާ، މަންމަޔަކު ދުވަސްނުފުރާ ކުއްޖަކު ވިހައިފި ކަމަށްވަންޏާ، އިންކިޔުބޭޓަރެއްގައި އެކުއްޖާ ގެންގުޅޭ ފަދައިން، އެކުއްޖާއަށް ޢާންމު ޙާލަތުގައި އުޅެވޭވަރުގެ ބޭބީއަކަށް ވަންދެން، އެކަން ކުރާ އުޞޫލުން މި މަޝްރޫޢުވެސް ވަނީ އިންކިޔުބޭޓަރެއްގައި ގެންގުޅޭގޮތަށް އަޅުގަނޑުމެން ޑިޒައިންކޮށްދީފައި.
 
އެހެންވީމާ، ދިވެހި ޒުވާން ވިޔަފާރިވެރިންނަށް އަޅުގަނޑުމެން މި ފައިސާ ދީފައި، އެއްގޮތަކަށްވެސް ތިޔަބޭފުޅުން ކުރައްވާ މަސައްކަތެއް ކުރަން ދޫކޮށްލަނީކީވެސް ނޫން. ގައިޑް ކޮށްދިނުމަށްޓަކައި، މަގުފަހިކޮށްދިނުމަށްޓަކައި، އެހީތެރިވެދިނުމަށްޓަކައި މި އިންކިއުބޭޝަން ޚިދްމަތް އަޅުގަނޑުމެން މިގެންގުޅެނީ. އަދި އިންކިއުބޭޝަން ޚިދްމަތުގައި، މިދެންނެވި ގޮތަށް، އަމިއްލަ ފައިމައްޗަށް ތެދުވެވެންދެން، ނޫނިއްޔާ އަމިއްލައަށް ތިމަންނަމެންނަށް މިކަން ދެން ކުރެވިދާނެ ކަމަށް ގަބޫލު ކުރެވެންދެން، ސަރުކާރުގެ ފަރާތުން މިދެންނެވި ކަހަލަ އެހީތެރިކަން ފޯރުކޮށްދޭނެ.
 
އެހެންވީމާ، އަޅުގަނޑު ހަމަ ދިވެހި ޒުވާނުންނަށް މިއަދު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން ދިވެހި ޒުވާނުން ބޭނުންވަނީ، ހަމައެކަނި ސިޔާސީ މަސައްކަތުގައި އުޅޭކަށެއް ނޫނޭ. އަޅުގަނޑުމެން ދިވެހި ޒުވާނުން ބޭނުންވަނީ، ޒުވާނުންނަކީ މަޤްބޫލު ބައެއްގެ ގޮތުގައި، މުޖްތަމަޢުގައި ހިމެނޭ ޤާބިލު ބައެއްގެ ގޮތުގައި ހިމަނައިދިނުމަށްޓަކައި މިހެންހުރި ފުރްޞަތުތައް ތަނަވަސްކޮށްދޭށޭ. އެހެންވީމާ، އަތޮޅުތެރޭގައިވެސް އިރާދަކުރެއްވިއްޔާ ފެނިގެންދާނީ، ޒުވާން މަސްވެރިޔާ، ޒުވާން ދަނޑުވެރިޔާ. މާލޭގައިވެސް އަދި އަތޮޅުތެރޭގައިވެސް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، މިދެންނެވި ކަހަލަ ޒުވާން ވިޔަފާރިވެރިން. ނޫނިއްޔާ ޒުވާން ވިޔަފާރިވެރިކަމަށް ބާރުވެރިކުރުމަށް، މިދެންނެވި ކަހަލަ މަޝްރޫޢުތަކުގެ ދަށުން މަސައްކަތްތައް ކުރިއަށްދާތަން. 5 އަހަރުގެ މުއްދަތެއްގެ ތެރޭގައި 200 މިލިއަން ރުފިޔާ މިހާރު ޖަހާފައި އޮތް ކަމުގައިވީނަމަވެސް، އަޅުގަނޑު ހަމަ ދިވެހި ޒުވާނުންނަށް މިރޭ ދަންނަވާލަން ބޭނުންވަނީ، މި މަޝްރޫޢަކީ، ކާމިޔާބުކަމާއެކީ ހިނގާ މަޝްރޫޢެއް ކަމަށްވަންޏާ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ ބަޖެޓް ތަނަވަސްވިވަރަކުން، މި ޢަދަދަކީ އިތުރުކުރެވޭނެ ޢަދަދެއް. އެހެންވީމާ، މިއަންނަ އަހަރުވެސް 40 މިލިއަން ރުފިޔާ މިހާރު ޚާއްޞަ ކުރެވިފައި މިވަނީ މި މަޝްރޫޢަށް ކުރިމަތިލާ ފަރާތްތަކަށް. މިއީކީ ކުޑަކުޑަ ޢަދަދެއް ނޫން. މި ޢަދަދުގެ ދަށުން ތަފާތު އެތައް ސަތޭކަ ބަޔަކަށް މިފުރްޞަތުގެ ބޭނުން ހިފޭނެ.
 
އެހެންވީމާ، ދިވެހި ޒުވާނުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ފުރްޞަތުގެ ބޭނުން ހިއްޕަވާށޭ. އަޅުގަނޑު ޒުވާނުންނަށް އެދެނީ ހެޔޮގޮތް. ޒުވާނުން އަޅުގަނޑުމެންގެ މި ސަރުކާރު ކުރިއަށް ގެންދިޔުމުގަޔާއި، އަދި ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއަށް ގެންދިޔުމުގައި، ދިވެހިރާއްޖެއަށް ހަމަޖެހުން ގެނައުމުގައި، ދިވެހި ޒުވާނުންގެ ދައުރަކީ، އަޅުގަނޑުމެން ފާހަގަކުރަންޖެހޭ ދައުރެއް. ދިވެހި ޒުވާނުން މަގުން ކައްސާލައިގެން ގޮސް، އަދި ދުނިޔޭގެ ހުރިހާ ހިސާބެއްގައި އުޅޭ އޮއިވަރު ދިވެހިރާއްޖެއާ ހަމަޔަށް އަންނައިރު، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، ދިވެހި ޒުވާނުންގެ ތެރޭގައި މަސްތުވާތަކެތީގެ ޝިކާރައިގެ ގޮތުގައި ހިމެނޭ ޒުވާނުން އެބަތިއްބޭ. އެކަމަކު އެ ޒުވާނުން ރަނގަޅު ކުރުމަށް ކުރާ މަސައްކަތްތަކެއް، ހޯމް މިނިސްޓްރީގެ ފަރާތުން ތަފާތު އެކި މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. ހަމަ އެގޮތަށް، މަސްތުވާތަކެއްޗާބެހޭ މަރްކަޒުގެ ފަރާތުން އެކި މަޝްރޫޢުތައް ހިންގަމުން މިދަނީ. މީގެ ބޭނުމަކަށްވެސް ވަނީ، ހަމައެކަނި އެއީ ކުށްވެރިންގެ ގޮތުގައި ހަދާފައި އަދަބު ދިނުމެއް ނޫން. ކުށްވެރިންނަށް، އަދަބު ދިނުމުގެ ބަދަލުގައި، އެމީހުންނަކީ މުޖްތަމަޢަށް ސަލާމަތްތެރިކަމާއެކީ ނެރެވޭނެ ބައެއްގެ ގޮތުގައި ހަދަން އަޅުގަނޑުމެން ބޭނުންވަނީ. މިއަހަރު އާބާދީގެ ހިސާބު އެ ނިމިގެން އެދިޔައީ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި، އަޅުގަނޑުމެންގެ ހިސާބުގެ ހުރިހާ ތަފްޞީލުތަކެއް ނިމިގެންދާއިރު، ދިވެހި ޒުވާނުންގެ ޢަދަދު 35 ޕަސެންޓަށްވުރެ މަތިވެގެންދާނެ.
 
އެހެންވީމާ، މިވަރުގެ ބޮޑު ޗަންކެއް، މިވަރުގެ ބޮޑު ޢަދަދަކާއެކީ މަސައްކަތްކުރާ ކަމަށްވަންޏާ، އެމީހުންގެ ޙަޤީޤީ ޕޮޓެންޝަލް ގަބޫލުނުކުރާ ސަރުކާރަކީ، ޙަޤީޤަތާ ޚިލާފަށް، ނޫނިއްޔާ ޙަޤީޤަތް ނޭނގި ޢަމަލުކުރާ ސަރުކާރަށް ވެގެންދާނެ. އެހެންވީމާ، އެކަހަލަ ގޯހެއް ހަދާކަށް އަޅުގަނޑުމެންގެ ސަރުކާރުން ބޭނުމެއްނުވޭ. އަޅުގަނޑުމެންގެ ސަރުކާރުން ބޭނުންވަނީ، ދިވެހި ޒުވާނުންނަކީ، މިދެންނެވި ގޮތަށް ފަންނުވެރި، ހުނަރުވެރި، ވިޔަފާރިއަށް ނުކުންނަން ކެރޭ، އަދި މި މުޖްތަމަޢުގައި ހިމެނޭ ނުބައި ކަންތައްތަކުން ދުރުވެ ތިބި ބަޔަކަށް ހެދޭތޯ ކުރާ މަސައްކަތް. އެހެންވީމާ، އެކަން ކުރުމަށްޓަކައި އަޅުގަނޑާއި އަޅުގަނޑުގެ ކެބިނެޓުން މިދަނީ މަސައްކަތް ކުރަމުން. އަދި ހަމައެހެންމެ، އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން، ޕީ.ޕީ.އެމް.ގެ ފަރާތުން މިކަމަށް ދޭންވާ ހުރިހާ ކަށަވަރުކަމެއް އަޅުގަނޑުމެންގެ ސަރުކާރަށް އެބަ ދެއްވާ.
 
އެހެންވީމާ، ދިވެހި ޒުވާނުންނަށް، ދިވެހި ޒުވާނުންގެ ޢީދު ދުވަހު ހަމަ ދަންނަވާލަން ބޭނުންވަނީ، ޒުވާނުން ދެން ހޭލުންތެރިވެވަޑައިގަންނަވާށޭ. ޒުވާނުން ވަޑައިގަންނަވާށޭ މި ލޯން ސްކީމްގެ ބޭނުން ހިއްޕަވަން. މިއީކީ ރަހުނުގައި އެއްޗެއް ބަހައްޓަންޖެހޭ އެއްޗެއް ނޫން. ޙަޤީޤަތުގައިވެސް މިއީ، ވަރަށް ބޮލަށް ފަސޭހަ ގޮތަކަށް ނެގެން އޮތް ލޯނެއް. އަނެއްކާ އަޅުގަނޑުމެން ކަށަވަރު މިކުރަނީ، ބޭންކުން ނަގާ ކޮމަރޝަލް އިންޓްރެސްޓަށްވުރެން ބޮޑު ނޫން އިންޓްރެސްޓެއްގައި އަޅުގަނޑުމެން މި ލޯނު ދޭނަމޭ. އަދި މި ލޯނު މިދެނީ، މިދެންނެވި ގޮތަށް، ވިޔަފާރި ކުރަމުން ގޮސްފައި، އެއްވެސް ކަހަލަ ނުބައި މަޤްޞަދެއްނެތި، ނުބައި ނިޔަތެއްނެތި އެކުރާ ވިޔަފާރި ނާކާމިޔާބު ވެއްޖެ ކަމަށްވަންޏާ، އެހިސާބުން ދެން އެކަން ރައިޓްއޯފް ކޮށްފައި، އަނެއްކާވެސް ކުރިއަށްދާ އުޞޫލުން. އެހެންވީމާ، މިއީ އޭގެ ޒާތުގައި އެއްވެސް ކަހަލަ ރިސްކެއް ހިމެނޭ ކަމެއް ނޫން. އެކަމަކު ހިތްވަރާއެކީ މަސައްކަތްކުރަން ބޭނުންވާ ކޮންމެ ކުއްޖަކަށް، ކޮންމެ ޒުވާނަކަށް، އެ ކުއްޖާ އުދުހެން ބޭނުންވަނީ މެދު އުޑުގައި ކަމަށްވަންޏާ، އެ ހިސާބަށް ފިޔަފަތް ފަތުރާލެވޭ ހިސާބަށް ދެވޭވަރުގެ ޖާގައެއް، މިދެންނެވި ލޯން ސްކީމްގެ ދަށުން، ގެޓްސެޓް ޕްރޮގްރާމްގެ ދަށުން ހަދައިދޭނެ.
 
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް ހަމަ ދިވެހި ޒުވާނުންނަށް ދަންނަވާލަން ބޭނުންވަނީ، މި ސަރަޙައްދުގެ ވަރަށްގިނަ ޒުވާނުން ޔޫތު މިނިސްޓްރީއާއެކީ މި މަސައްކަތް މިއޮތީ ކުރައްވާފައި. ޚާއްޞަ ގޮތެއްގައި މިރޭގެ މި ޖަލްސާއާއި މިކަންތައްތައް، މިއަދު ހަވީރުގެ އިވެންޓާ، މިކަންތައްތައް އޯގަނައިޒް ކުރެއްވުމުގައި، އެންމެ އިސްކޮށް މި އުޅުއްވީ، މި ސަރަޙައްދުގެ ބޭފުޅެއް. އާދެ، މި ދާއިރާއަށް މިކުރިމަތިލެއްވި މުޙައްމަދު ސިނާން ދޮއެއްތޯ. ނާނި. އެހެންވީމާ، ނާނި ކުރެއްވި މަސައްކަތަށްވެސް ހަމަ ހިތްވަރު ދެމުން، އަދި މިކަހަލަ މަސައްކަތުގައި ޒުވާނުން ބައިވެރިވެވަޑައިގަންނަވާށޭ ދަންނަވަމުން. މިއީ، ޒުވާނުން ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.  މި ފިޔަވަޅުމަތިން، މި ސަރަޙައްދުގައި ހުރެފައި ވަކިވެލާއިރު، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މި ސަރަޙައްދުގެ ޒުވާނުންނަށް، މި ސަރަޙައްދުން އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރުގެ ތެރޭގައި ފުޓްސެލް ދަނޑެއް އަޅުގަނޑުމެން ހަމަޖައްސައިދޭނަމޭ. ރާއްޖޭގެ އެކި ހިސާބުގައި ފުޓްސެލް ދަނޑުތައް ހެދިގެންދާއިރު، ތިޔަބޭފުޅުން ގަބޫލުކުރައްވާ، އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރުގެ މެދާ ހިސާބަށް ދިޔުމުގެ ކުރިން، މި ސަރަޙައްދުގައި ފުޓްބޯޅަ ކުޅުމަށްޓަކައި ފުޓްސެލް ދަނޑެއް އަޅުގަނޑުމެން ޤާއިމުކޮށްދޭނަން.
 
ހުރިހާ ޒުވާނުންނަށް އަޅުގަނޑުމެން އެދެނީ ފާގަތިކަމާއި ހެޔޮގޮތްތައް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، މާތްﷲގެ ދަރުމައާއި ތައުފީޤު މިންވަރު ކުރައްވާށި!

والســّلام عليــكم ورحـمــة اللّـه وبـركاتـه.