ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 168 ވަނަ މާއްދާގެ (ށ)ގެ ދަށުން، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ހުޅުމާލެ އެންދެރި 7 އަލްފާޟިލް އަޙްމަދު ސުލައިމާނާއި މުލަކަތޮޅު ވޭވަށް ބުލްބުލާގެ އަލްފާޟިލް މުޙައްމަދު ޝަކީލު ޢައްޔަނު ކުރައްވައިފިއެވެ. މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، އަލްފާޟިލް އަޙްމަދު ސުލައިމާނަށާއި އަލްފާޟިލް މުޙައްމަދު ޝަކީލަށް ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި ބުދަ ދުވަހު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް މި ދެ ބޭފުޅުން ޢައްޔަން ކުރެއްވުމުގެ ކުރިން، ކުޑަކުދިންނާބެހޭ ކޯޓު ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޤާޟީ އަލްއުސްތާޛު އަޙުމަދު ޝަކީލު ކުރިފުޅުމަތީގައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ޤާނޫނީ ހުވާ އެބޭފުޅުން ކުރެއްވިއެވެ.