ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިންޑިޔާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޝްރީ އަޖިތް ދޮވާލް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ބުދަ ދުވަހު ހެނދުނު ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. ޚާއްޞަކޮށް، ސަލާމަތީ ދާއިރާއިން މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިސަރަޙައްދުގައި އަމަންއަމާންކަން ޤާއިމުކުރެއްވުމައްޓަކައި އިންޑިޔާއަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދެމުންގެންދާނެ ކަމުގެ ޔަޤީންކަން ޝްރީ އަޖިތް ދޮވާލަށް ދެއްވިއެވެ. އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރުމުގައި، އިންޑިޔާގެ ސަލާމަތީ ކަންތައްތަކަށް ޚާއްޞަ އިސްކަމެއް ދެއްވަވާނެ ކަމުގައި ރާއީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިބައްދަލުވުމުގައި އިންޑިޔާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރގެ ވާހަކަފުޅުގައި، ދެޤައުމުގެ ކުރިއެރުމާއި ފާގަތިކަމަށްޓަކައި، ދިވެހި ސަރުކާރާއެކު އިންޑިޔާ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙަންމަދު ޙުސައިން ޝަރީފާއި، ފޮރިން ސެކްރެޓަރީ ޑޮކްޓަރ ޢަލީ ނަޞީރު މުޙަންމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރގެ އަރިހުގައި ބައިވެރިވެވަޑައިގަތީ، ރާއްޖޭގައި ހުންނަވާ އިންޑިޔާ ސަފީރު ރަޖީވް ޝަހާރޭއާއި، އިންޑިޔާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒުގެ ޖޮއިންޓް ސެކެރެޓަރީ ސުޗިޓްރާ ދުރައިއެވެ.