‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ‏ނުކުޅެދުންތެރިކަން ހުންނަ ‏‏ފަރާތްތަކުގެ ތެރެއިން ސަރުކާރު ޙިއްސާވާ ކުންފުނިތަކުން ވަޒީފާ ހަމަޖެހިފައިވާ 10 ފަރާތަކަށް، ‏‏ވަޒީފާގެ ލިޔުން ޙަވާލުކޮށްދެއްވައިފި‏އެވެ. މިލިޔުން ޙަވާލުކޮށްދެއްވީ، ބައިނަލްއަޤްވާމީ ‏‏ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ބުދަދުވަހުގެ ހެނދުނު ކަލާފާނު ‏‏ސްކޫލުގައި ބޭއްވި ޚާއްޞަ ޖަލްސާގައެވެ.‏

‏މިޖަލްސާގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޞިއްޙީ އަދި ދަތުރުފަތުރުގެ ‏‏ޚިދުމަތް ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ސަރުކާރުގެ ފަރާތުން ތަޢާރުފުކުރެއްވި ދާއިމީ ‏‏ކާޑާއި، ‏ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ‏ޚާއްޞަ ޑިސްކައުންޓް ޕްރޮގްރާމް "ދަރުމަވެރިވާށެވެ"‏ ‏‏ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް އިފްތިތާޙުކޮށްދެއްވިއެވެ. މީގެއިތުރަށް، ‏‏ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މޯލްޑިވިއަންގެ ފަރާތުން ‏‏ތަޢާރުފުކުރާ، ‏"އެހީތެރިޔާ" ޕްރޮގްރާމުވެސް އެކަމަނާ ފައްޓަވައިދެއްވިއެވެ. ‏މި ސްކީމުގެ ދަށުން، ‏‏ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ގަންނަ ޓިކެޓުން 15 ޕަސެންޓް ޑިސްކައުންޓް ދޭގޮތަށް ވަނީ ‏‏ހަމަޖެހިފައެވެ.‏

‏މިޖަލްސާގައި، ޑިސެބިލިޓީ އެމްބެސެޑަރުންނަށް ބެޖާއި ލިޔުން ޙަވާލުކޮށްދެއްވީ، އެޓަރނީ ‏‏ޖެނެރަލް އަލްއުސްތާޛު މުޙަންމަދު އަނިލްއެވެ.‏